މިއަދު އެހެން ދުވަސް ދުވަހާއި ޚިލާފަށް ސަލްމާ ބޭނުންވީ އިރުކޮޅަކު އެނދުގައި އޮށޯވެލާށެވެ. ރޭގެ ނިދި ނުލިބުމުގެ އިތުރުން ފަހުދުގެ ޚިޔާލުތަކުން އަދިވެސް އެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. އެނދުގައި ހަަމަ ޖައްސާލުމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ. *********** އޮފީހުގެ ކަންކަން ނިންމާލާފައި ނަސީރު އާންމުކޮށް ގެޔަށް ދަނީ މެންދުރު ކާށެވެ. މިއަދުވެސް ބަރާބަރު ދޭއް ޖެހި އިރު ނަސީރު ކާގޭގައި އެއިނީ މެންދުރު ކާށެވެ. އެކަނި މާ އެކަންޏެވެ. ކައިރީގައި ހުރި ރޭޑިޔޯއިން ދިވެހިރާއްޖޭގެ އަޑުން ޚަބަރު ކިޔާއަޑު އިވިއިވި ހުއްޓެވެ. ސުފުރާމަތީގައި އެކަކަށް ވާވަރަށް ފަރުމަހު ރިހަޔާއި ފިޔާ ސަޓަންޔާ ބޮޑުހަނޑުލުގެ ބަތްތައްޓެއް ހުއްޓެވެ. މަޑުމަޑުން އިނދެ ކައި ނިންމުމަށް ފަހު ފެން ބޮއެގެން އަތްދޮވެލިއެވެ. ދެން ކައިގެން ވާޅުފިލުވާލުމަށް ގޮސް ޅޮސްގަހު ބުޑުގައި ހުރި ޖޯލިފަތީގައި އޮށޯވެލިއެވެ. އިރުކޮޅަކުން ފެނުނީ އެގެޔަށް ކައްކައިދޭން އައިސް އުޅޭ ޝަރީފާ ފޯއްތަބަކެއް ހިފައިގެން އައިސް ހުއްޓެލި ތަނެވެ. ނަސީރު އެއިން ދުފާނެ ވަރަކަށް ދުފަންދެން ޝަރީފާ ނަސީރަށް އެ ތަބަށް ދިއްކޮށްގެން ހުއްޓެވެ، ދެން އެ ހިފައިގެން ދާން ހިނގައި ގަތް ތަނާ ނަސީރުގޮވާލިއެވެ. “ޝަރީފާ…ނިކަން އައިސް ބަލަ” ޝަރީފާ ހުންނަނީ އަބަދުވެސް ނަސީރުގެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށެވެ. ހިތާރުހުމުން ދެލޯދޭންވެސް ތައްޔާރެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނަސީރަކީ ރަށުުގައިވެސް ހުރި އެންމެ ކެރޭ އެކަކެވެ. އޭނާ އެކުރާވަރަށް ވިޔަފާރި ކުރެވޭނެ މީހަކު މުޅި އަތޮޅަކުވެސް ނުހުންނާނެއެވެ. ރަށުގެ ކަތީބުކަމާ ހަވާލުވިފަހުން ވެސް ޅަފުރައިގެ އަންހެން ކުދިންގެވެސް ނުސީދާ ބަސްތައް ނަސީރަށް ރައްދުވެއެވެ. މިޒަމާނުގެ އަންހެންކުދިން ފިރިހެނުންނަށް ބަސްބަހުން ޖަހާލަންވެސް އެއްވެސް ޖެހިލުމެއް އަޅެ ނުވޭ ވިއްޔާއެވެ. އުމުރުން ފަންސާހާ ގާތްވެފައި ހުއްޓަސް މީހާ ބަލާލާފައި އަދި ސާޅީސްވެސް ނުވާނެޔޭ ބުނާހާ ޖާނުހުރި ބާމަތި ފުޅާ ރީތި އޮމާ މީހެކެވެ. އުޅުން ހުރި ހަރުދަނާ ފިރިހެކެވެ. ޝަރީފާ ނޫނަސް ކިތައްމެ އަންހެނަކު ނަސީރަށް ޖާނުދޭން ތައްޔާރެވެ. އެހެން ނަމަވެސް ނަސީރަށް ހުންނަނީ ކިހިނެތް ވެފައިބާވަޔޭ މިވެރިން ހިތައް އަރައެވެ. ދެންމެވެސް ނަސީރު ގޮވާލި ގޮތާ އެބަލާލިގޮތަކުން ޝަރީފާ ދެފައިކޮޅި ދިޔައީ ފިނިވެގެންނެވެ. އަތުގައި އޮތް ފޯއްތަބައް އެއްލާނުލެވުނީ ހަމަ ކިރިޔާއެވެ. މިއިން ކަމެއް މޫނުމަތިން ނުދައްކާވޭތޯ ބަލަމުން ނަސީރާދިމާލަށް އެނބުރިލިއެވެ. އަދި އެބުނަން އުޅޭ އެއްޗަކަށް ސަމާލުލުވެލިއެވެ. ” ޝަރީފާ އެކޮއެ ކިހިނެތް ތަ މިހާރު؟” ޝަރީފާއަށް ކުއްލިއަކަށް ‘އެކޮޔެ’ އެއްގެ ވާހަކަ ބުނުމުން އެބުނީ އުފަންދަރީގެ ވާހަކަ ކަންވެސް ހަނދާނުން ކައްސާލިއެވެ. ޝަރީފާއަށް ނަސީރު ބުނިއެއްޗެއް ނޭގުނޭ ހިތާ އަނެއްފަހަރު ނަސީރު ބުނެލިއެވެ. “ޝަރީފާގެ ދަރިކޮއެ ކިހިނެތްހޭ، އިހަށް ދުވަހަކު ބުނީމެއްނުން ހުމާއޭ އޮތީ؟” “އާނ…އޭނަ ދޯ! މިހާރު ހުންމައިތިރިވެއްޖ.ެއެކަމަކު އަދިވެސް ކަރުގަ ރިއްސަޔޯކިޔާ. އެދެން އެހެން ވާންނުން ، އެހާ ގަދައަށް ހުން އައީމަ” […]
ރީނާއާއި ސަމާއަކީ ދެބެންގެ ދެދަރި ދެބެންނެއްކަމަކު އެކުދިންގެ ގުޅުން އެއްބަނޑުއެއްބަފާ ދެކުދުން ނަށް ވުރެ ދުރުހެނެއް ހިޔެއް ނުވާނެއެވެ. އެއްކުއްޖެއްގެ ސިއްރު އަނެއްކުއްޖަކަށް އެނގޭނެއެވެ. ގޭގައި ކުރާ ލާނެތް ކަމެއްގައި ރާނާ ބެދޭ މަޅިއެއްގައި ސަމާވެސް ޖައްސާފައި ނޫނީ ރީނާ ހުއްޓައެއް ނުލާނެއެވެ. ދެކުދިން ބޮޑުވަމުން އައީވެސް ވަރަށް ލޯބި ލިބި ތަފާތު ކުރުމެއް ނުފެނި ސުލްހަވެރި މާހައުލެއްގައި ކަމުން އެކުދިން ނަށްވެސް ދަސްވެފައިވަނީ އެކުވެރި ކަމާ އެއްކުއްޖަކު އަނެއްކުއްޖަކަށް ދޫކުރުމުގެ އުސޫލެވެ. މާމަ ސަލްމާއަކީވެސް އުޅުން […]
ގޭތެރޭން އިވެމުންދަނީ ޓީވީއެއްގެ އަޑެވެ. ސިޓިންގރޫމްގެ ފަންކާ ހުރީ ޖަހާ ބާރުކޮށްފައެވެ. އެއްވެސް ދިރޭފުރާނައެއްގެ ހިލަމެއް ނުވެއެވެ. ފަރުޝާ އޮފީސް ނިންމާފައި ގެޔަށްއައިސް ވަތްވަގުތާ މިދިމާވީ ސަމާޓީވީ ބަލަން އިނދެފައި ފާހާނައަށް ވަންނަން ދިޔަވަގުތާއެވެ. ޓީވީ ބަލަން އެކަކުވެސް ނެތި އެތަން ހުހަށް ދޫކޮށްލުމުގެ އިތުރުން ގޭގެ ބޮޑުދޮރު ތަޅުނުލާހުރީތީ ފަރުޝާ ގެ ރުޅި އައްޑިހައަށް އެރި އެވެ. “ލަލީތާ…..ލަކްޝްމީ….”އަޑުގެ ކޮޅަށް ގޭގައި ގެންގުޅޭ ބިދޭސީ ދެމީހުންނަށް ގޮވަމުން ހަޅޭއްލަވަމުން އަމިއްލަޔަށް ޓީވީގެ ރިމޯޓު ނަގައިގެން އައިސް ޓީވީ ނިއްވާލިއެވެ. އޭރު ލަލީތާ ދުވެފައި އައިސް ހުއްޓެނީއެވެ. “ލައްބަ މޭމް” ފަރުޝާ ލަލީތާއަށް ބަލާލިއިރު ލަލީތާގެ އަތުގައި އޮތީ ތަށިދޮންނަ އިސްޕަޖްގަނޑާއި އޯމޯފޮނެވެ. “ކަމެއް ނުވޭ…ދޭ!” ފުންނޭވާއަކާއެކު ފަރުޝާ ބުނެލިއެވެ. ޓީވީ ހުޅުވައިގެން ބަލަން އިނުމަކީ ގޭގައި ގެންގުޅޭމީހުން ކޮށްއުޅޭ ކަމެއްނޫނެވެ. އެހެންވީމާ ލަލީތާއަށް ވަރުބޭލުމެއް ނެތެވެ. ލަލީތާ ދިއުމުން ފަރުޝާ މަންމަ ކޮބާތޯ އެކޮޓަރިއަށް ވަނެވެ. ދޮރު ހުޅުވާލުމާއެކު ފެނުނީ ސަމާއާއި ރީނާ މާމައާ އެކު މޮނޮޕޮލީ ކުޅެން ތިއްބައެވެ. ސަމާވެސް ފާހާނައަށް ދާން ދިޔަކުއްޖާވެސް ގޮސް އެއިނީ މިހާރު މާމައަށް އެކުޅޭނެ ގޮތް ކިޔާދޭށެވެ. މިމަންޒަރުން ފަރުޝާ ގާތައް އައީ ހިންޏެވެ. މަންމަ އެކޭ ކުޑަކުއްޖެކޭ އެއްވަރެވެ. “ޕިސް ޕިސް ޕިސް……… ” ދެ ކިހިއްޔަށް އަތް ވިއްދާލާފައި ފަރުޝާ ދެކޮޅަށް ބޯހޫރާލަމުން ޕިސްތަޅާލީއެވެ. ދެކުދިން ކުޅުން ހުއްޓާލުމަށް ފަހު މާމަގެ އެދުމަށް އިހަށް ކޮޓަރިން ނިކުތެވެ. ސަލްމާއަށް އޭނާގެ ދަރިފުޅު އައިސް އެހުރީ ކޮންމެވެސް ބޮޑުކަމެއް ޖެހިގެން ކަން ނިކަން ފަސޭހައިން ދެނެ ގަނެވުނެވެ. “ދަރިފުޅާ މިއަދު މާ ބުރަ ދުވަހަކީތަ؟” ސަލްމާ ފަރުޝާއަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން ، ގާތުގައި އިށީނުމަށް އައުމަށް އެދުނެވެ. “އާން މި ދުވަސް ކޮޅު ވަރަށް ބުރަ. އަނެއްކާ އެހެން ކަމެއްވެސް ޖެހިއްޖެ. އެބަޖެހޭ ތިންދުވަހަށް ރިސޯޓުގަ މަޑުކޮށްލަން. ބޭރުން ބަޔަކު އެބައާދޭ ރަށުގެ ސަރވޭއެއް ކުރަންވެގެން، އެމީހުން ބޭނުންވޭ ޑޮކިއުމެންޓްރީއެއް ހަދަންވެސް. އެހެންވެ އެބަ ޖެހޭ އެތާ ހުންނަން. ” ސަލްމާމެން ދެމައިން އެތައް އިރަކު ރިސޯޓުގެ ކަންކަން ދާގޮތާ ބެހޭގޮތުން ވާހަކަ ދައްކަން ތިއްބެވެ. އެރިސޯޓަކީ ފަރުޝާއާއި ފަރީޝާގެ ނަމުގެ މައްޗައް އޮންނަ ރިސޯޓެކެވެ. އެކުދިންގެ ބައްޕަ ފަހުދަކީ އުޅުންހުރި ހަރުދަނާ މީހަކަށް ވެގެން ދިޔައީ ސަލްމާއާއި ކައިވެނި ކުރުމަށް ފަހުއެވެ. އޭގެ ކުރިން މިޔުޒިކްޝޯތަކުން ބައިސްކޯފުން އެއްފިލްމަކަށް ފަހު އަނެއްފިލްމެއް ބަލަން ދިޔުމުގައި ދުވަސް ތައް ހޭދަކުރިއެވެ. ފަހުދު ސަލްމާއާއި ކައިވެނިކޮށްގެން އެގެޔަށް ބަދަލުވި ފަހުން ގޭތެރޭގެ ކަންކަމާ ހަވާލުވިއެވެ. ފަހުދުގެ މަންމަ އާބިދާގެ އެދުމަށް ސަލްމާ އިނގިރޭސި ކުލާހަކަށް ގޮސް އިގިރޭސި ބަސް ދަސްކުރިއެވެ. އެހެން އެކި އެކި ކަންކަން ދަސްކޮށް މާލޭގެ ދިރިއުޅުމަށް ސަލްމާ ހޭނުނުލެއްވަރަށް އަވަހެވެ. ފަހުދުގެ އުޅުމަށް ވެސް އަންނަމުން ދިޔަ ހެޔޮ ބަދަލަކީ ސަލްމާ ގެ ހަރުދަނާ ކަން،ކަން އާބިދާއާއި މުޙައްމައިދީއަށްވެސް އެނގެއެވެ. ސަލްމާ ފަހުދާއި އިންތާ ގިނަ ދުވަސްތަކެއް ނުވެ ފަރީޝާ ލިބުނެވެ، އަދި އެއަށްފަހު ފަރީޝާއަށް ދޮޅުއަހަރުވެސް ނުވަނިސް ފަރުޝާ ލިބުނެވެ. އޭގެ ފަހުންވެސް ސަލްމާ ތިންފަހަރެއްގެ މަތިން ތިން ފިރިހެންކުދިން ވިހެއެވެ، އެހެން ނަމަވެސް ތިން ކުދިންވެސް މިދުނިޔެއާއި ވަކިވީ އެކުދިންގެ އުމުރުން އެންމެ ހަތް ދުވަސްވެސް ނުވަނީހެވެ. ސަލްމާއާއި ފަހުދަށް ފިރިހެން ކުދިން ލިބުމަށް ތަގުދީރުގައި ނުވަނީ ކަމަށް ބަލާފައި އިތުރަށް ކުދިން ނުހޯދަން ނިންމީއެވެ. މިއަދު އެދެ އަންހެން ކުދިންނަކީ ބައްޕަގެ ވިޔަފާރީގައި ހިފައިގެން ތިބި ޤާބިލް ކުދިންނެވެ. ފަރުޝާގެ ފިރިމީހާ ހަނީފް އަކީ މޮޅެތި ފާސްތަކެއް ނަގައިގެން އައިސް މިވިޔަފާރިތެރެއަށް ވަންމީހެކެވެ. ދެން ހުރީ ފަރީޝާއެެވެ. ފަރީޝާގެ ފިރިމީހާއަކީ ވެސް އިންޑިޔާގައި ވަޒަންވެރިވެގެން އުޅޭ އާއިލާއަކަށް އުފަން ކުއްޖެކެެވެ. އެތާނގައި އެމީހުންގެ އަމިއްލަ ވިޔަފާރިއެއްވެސް ހިންގައެވެ. މާލޭގައިވެސް ބޮޑެތި ފިހާރަތައް ހުރެއެވެ. ދެކުދިންގެ ދިރިއުޅުންވެސް ވަރަށް ހަރުދަނާއެވެ. އެއްކުއްޖަކު އަނެއްކުއްޖެއް ދެކެ ނިހާޔަތައް ލޯބިވެއެވެ. އުފަން ދެދަރިންނަށް ވެސް ދަރީން ލިބުނީއެވެ. ސަމާ މިއަހަރު ޖީސީއީ އޯލެވެލް ހަދާނެއެވެ. […]
ވަކިވީ ލޯބިވާ ޔާރާ ފޮނި ހަދާން ތަކުންހިތް ކަތިލަމުން ދުރުވީ މަޖުބޫރަކުން ޔާރާ ނެތް އިންތިޒާރެއްގެ ވާހަކަ ބުނަމުން ދެން ނުވެސްފެންނާނެތޯ ޔާރާ ގާތަށް އައިސް ކިހާލޯބިން ދުރުކޮށްލަމުން………………… އިބާރާތްތައް އެކުލަވާލަމުން ދޭތެރެ އަކުން ހުއްޓާލުމަށް ފަހު ކިޔާލިއެވެ، އަލުން އާ ބައިތެއް ލިޔެލިއެވެ، ހިތްހަމަ އެއް ނުޖެހުނެވެ. ގަލަމުން ކަނޑާލައިފިއެވެ. މިރޭގެ ކަންތައް މިހިރީ ފެށިފައެވެ. ސިޓީލިޔާ ފޮތެއްގެ ހުރިހާ ގަނޑެއް ހުސްވާއިރުވެސް ނަސީރުގެ ހިތުގައި އޮތް އެއްޗެއް ފޮތަކަށް ނާންނާނެއެވެ. މިހެން ކިތައްރޭ އިރު އަރަންދެން ވޭތުކޮށްފި ހެއްޔެވެ. ނަސީރުގެ އެކަނިވެރި ދިރިއުޅުމުގެ ވާހަކަތައް މިހެން ގަލަމު ގެ އެހީގައި ބޭރުކޮށްލެވޭތޯ އެކި ފަހަރު މަތިން އުޅެފިއެވެ. ބައެއް ރޭރޭ ކަރުނައިން އެފޮތް ތެއްމާލައެވެ. ހިތި ހަނދާންތަކަކުން ހިތް ޒަހަމް ކޮށްލައެވެ. އެއީ ނަސީރުގެ މާޒީއެވެ. ގޮއްޔެއާއި ގުޅިފައިވާ ހަދާން ތަކެވެ. އެތައް އަހަރެއް ވިޔަސް އެދުވަސް ތަކާ އެހަނދާންތައް ނަސީރުގެ ހިތުގައި އަދިވެސް އިއްޔެވީ ކަމެއްހެން އާވެ އާވެ ހުރެއެވެ. ގޮއްޔެ އާއި ވަކިވުން ވެގެން ދިޔައީ ނަސީރުގެ ހަޔާތައް ބޮޑެތި ބަދަލު ތަކެއް ގެނުވި ކަމަކަށެވެ. ގޭތެރޭގެ ކަންކަމުގައި އިހަށް އައިމިނަ އަށް އަތްގާތްކޮށްދޭންވެސް އުޅުނު އައިމިނަގެ ދޮންފުތުގެ އުޅުމަށް އައި ކުއްލި ބަދަލުން އައިމިނަ ވިސްނީ އެސޮރު އަވަހަށް މީހަކާ ދެވާށެވެ. ފުރަތަމަ ނަސީރު އެކަމާ ދެކޮޅު ހެދި ނަމަވެސް ގޮއްޔެ ، ނަސީރު ގާތު އެދިފައި އޮތް އެދުން ހަދާން ވުމާއެކު ހިތާ ދެކޮޅަށް ގޮއްޔެ އަށް ޓަކައި އެކައިވެނިކުރީއެވެ. މަހެއްވެސް ނުވެ ސަހީމާ ނަސީރުގާތުން ވަރިވެގެން ގޮސް އައްޑޫ މީހަކާއިނީއެވެ. އެކަމުން ވީ ދެރައެއް ނެތަސް ނަސީރުގެ އެކަނިވެރިކަން އިންތިހާއަށް ދިޔައެވެ. މުޅިން މާޔޫސްވެ ދުނިޔެ މަތިން ފޫހިކުރުވިއެވެ. ދުވަސް ގަނޑަކަށް ފަހު ނަސީރަށް މާލޭން ސިޓީއެއް ލިބުނެވެ. އޭގައިވާ އިބާރާތަކީ މިއީއެވެ. ފުރަތަމަ ބިސްމިއާއި އެޑްރެހެވެ. ދެން އޮތެވެ. ނަސީރަށް ހާލު ރަގަޅުވާނެ ކަމަށް ހީކުރަމެވެ. އެއީ އަބަދުގެވެސް ދުޢާއެވެ. ނަސީރެވެ. މަޒީއަށް ފަސްއަޅާ ފޮރުވުމަށްވުރެ ވަކިމޮޅުގޮތެއްކޮބާ؟ ކުރިފަސް ލިބޭނީ ގަދައަޅާ މަސައްކަތްކޮށްގެން. ތިޔަ އުޅެނީކީ ރަގަޅަކަށް ނޫން. ތިއީ މަ ދަންނަ ނަސީރެއްނޫން. ތިޔަހެން ނޫޅޭ. ކާމިޔާބު މީހަކަށް ވޭ. ހިތް ހެޔޮކުރާތި އިހްތިރާމް ޤަބޫލުކުރުން އެދެން. ޚާދިމަތްކުމް، ނަސީރަށް އަބަދުވެސް ހެޔޮ އެދޭ ގޮއްޔެ ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެޔާ އެކު އެހާމެ އުފާވިއެވެ. އެއްފަހަރުވެސް ގޮއްޔެގެ ސިޓީއެއް ލިބޭނެއެކޭ ހީވެސް ނުކޮށް ހުއްޓާ ސިޓީއެއްލިބުން ވެގެން ދިޔައީ ނަސީރުގެ ފުރާނައިގެ ކާނާއަކަށެވެ. ހަށިގަނޑަށްވެސް ދިރުން ލިބިއްޖެހެން ހީވިއެވެ. އެތައްފަހަރަކު އެސިޓީ ގައިވާ އިބާރާތްތައް ކިއެވެ. ލިޔުންކޮޅުގައި އިގިލިޖއްސާލާ ފިރުމާލި އަދަދުވެސް ނޭނގެއެވެ. ހީވީ ގޮއްޔެގައިގައި ފިރުމާލަން މަސައްކަތް ކުރާހެނެވެ. “މަގޭ ގޮއްޔެ މަށާމެދު ވިސްނާވަރު ނިކަން ދެކިބަލާށެވެ.” ނަސީރަށް ބުނެލެވުނެވެ. އެންމެ ސިޓީއަކުން ނަސީރުގެ އުޅުން ހަމަ މަގަށް އެޅުނެވެ. ލޯބީގައި ހުރިބާރު ނިކަން ދެކިބަލާށެވެ. ކުރު ކުރު ފޮނި އިބާރާތްކޮޅެކެވެ. ބާރުގަދަ ބަސްކޮޅެއްތާއެވެ. އަގުނުކުރެވޭނެ ފަދަ ނަސޭހަތް ކޮޅަކަށް އެ ނަސޭހަތް ކޮޅުވެސް ވިއެވެ. ނަސީރު އިހުނަށް ވުރެ މުރާލިިވެ އެތައް ގޮތަކުން ދިރިއުޅުން ކުރި އަރައިގެން ދިއައެވެ. މަޑުމަޑުން އަތްމަތި ތަނަވަސްވިއެވެ. ނަސީރާ ރުހި ގަބޫލުވެގެން އެތައް އަންހެނުންނެއް މީހުން ފޮނުވާ ހަދައެވެ. އެހެން ނަމަވެސް އެހުރިހާ އެންމެން ނަށްވެސް ދެނީ އެއް ޖަވާބެކެވެ. އަދި ވަގުތު ނުޖެހެނީއެވެ. ވަގުތު ޖެހޭނީ ކޮން ޒަމާނަކުން ބާއެވެ. ނަސީރަށް އޮނަފަންސާސްވަނީއެވެ. ފެންނަ ފެނުމަށް އަދިވެސް އެހަށިގަނޑަކަށް ބަދަލެއް ނާދެއެވެ. މޫނުމަތިން ތާޒާކަން އަދިވެސް އެބަހުއްޓެވެ. ބޮލުގެ އިސްތަށިގަނދުގައި މަދު މަދުން ނުރަ އިސްތަށި ހުރި ނަމަވެސް ރީތިކޮށް ތެޔޮލާ ފުނާއަޅާފައި ހުންނަ އިރު އެ ނުރަތައް ފޮރުވާލެވެއެވެ. ގައިގައި އަދިވެސް ޖޯރު އެބަހުއްޓެވެ. ޅަކުދިންނާ ވާދަކޮށްލެވޭނެހާވެސް ބުންވަރު އެބަހުއްޓެވެ. ހަމަ އެކަނި އެދިރިއުޅުމުގައި މަދީ ގޮއްޔެ އެވެ. ގޮއްޔެ އަށްޓަކައި ހިތުން ދީފައި އޮތް ޖާގައަށް އެއްވެސް ބަދަލެއް ނައިސް އެބަ އޮތެވެ. އަދިވެސް އެހިތް އެދެނީ އެލޮތްބަށެވެ. ****** މާރޗްމަހުގެ ހޫނުގަދަ ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. މަގު ހިނގާފައި ދާއިރުވެސް ހީވަނީ މަގުތަކުގައި އަތުރާފަ ހުރި ގާތަކު މަތިންވެސް އާވި އަރާހެނެވެ. ނުވިތާކަށް މިހިރަ ދުއްވާ ސައިކަލު ތަކުގައ ތިބޭ ޒުވާނުން ގަނޑުވެސް ތަންފުކެއް މަޑުން އެއެއްޗެއް ދުއްވާފައި ދާނަމަ މިހިތައް ލިބޭ ސިހުން ކުޑަވީހެވެ. ސައިކަލަކަށް އެރިއްޖެއްޔާ ލައްކައެކޭ ހީވަނީއެވެ. ހިތާ ހިތާ އެއްޗެހިގޮވަމުން ސައިކަލުގައި ދުއްވާފައި ދާ ޒުވާން ފުރައިގެ ކުދިންނަށް ކަޅި އަޅަމުން ސަލްމާ ހިގަމުން ދަނީ އަމީނިއްޔާ ސުކޫލުގެ ލިލީމަގު ގޭޓާ ދިމާއަށެވެ. ސީދާ ގޭޓާ ކުރިމަތިވާ ގޮތަށް ގޮސް ހުއްޓިލިއެވެ. ސުކޫލު ދޮށަށް ކުދިން ބަލާއައިސް ތިބި އެތައް ބަޔަކު ހިޔާކޮޅުކޮޅުގައި މަޑުކޮށްލައިގެން ތިއްބެވެ. މީ ސަލްމާގެެ ދުވަހުގެ ތާވަލް ގެ ތެރެއިން އެންމެ ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެވެ. މާމަ ދަރިން ގަނޑި […]
އެންމެންވެސް ވަރަށް ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދަނީ އެވެ. އެންމެ މީހެއް ފިޔަވައެވެ. ސަލްމާ އެވެ. އޭނާއެކޭ އެއްވެސް ރޫޙެއް ނެތް ހަށިގަނޑެކޭ އެއްގޮތެވެ. ތުންގަނޑު ބިމަށް ހަރާލައިގެން އިން އިރުވާ ހުދެކޭ އެއް ގޮތެވެ. ވިސްނާ ފިކުރު ކުރަނީއެވެ. އެއްކަމަކީ ލޯބިވާ ކޮއްކޮއާއި މާމަ އަދި ކާފައާއި ދުރަށް ދާން ޖެހޭ ކަމެވެ. އަނެއްކަމަކީ ނަސީރެވެ. ކުއްލިޔަކަށް ސަލްމާގެ ހަމަހިމޭން ދިރިއުޅުމަށް މިއައީ ހީވެސް ނުކުރާ ވަރުގެ ކަންތައް ގަނޑެކެވެ. މިހެން ވާންވީ މައިންބަފައިން […]
އަވަސް ކޮށްލައިގެން މީހަކަށް ނުފެނި ސަލްމާއަށް ގޭން ނިކުމެވިއްޖެއެވެ. ނަސީބު ވަރަށް ރަގަޅެވެ. އަތިރިމައްޗާ ހަމަ އަށް ދެވުނު އިރުވެސް މީހެއްގެ ހިލަން ވެސް ނުވެއެވެ. ސަލްމާ ހިނގަމުން ގޮސް އިއްޔެވެސް އިން ވެލިގަނޑުމަތީ އިށީނީ ނަސީރު ކޮބާ ބާވަޔޭ ހިތައެވެ. އެވަގުތު ވަރަށް ގާތުން ނަސީރު ބުނެލިއަޑުއިވުނެވެ. “މިއަދު ހާދަ ތަފާތޭ! މާލޭމީހުން އައީމަތަ؟” ސަލްމާ އެއަޑަށް ބަލާލި އިރު ނަސީރު ހުރީ ސަލްމާއާއި ވަރަށް ގާތުގައެވެ. ޖަވާބުގައި ސަމްލާ ބޯހޫރާލިއެވެ. ސަލްމާ ތަފާތީ ނަސީރަށް ޓަކައެވެ. ނަލަ ހެދިފައި އިނީވެސް ނަސީރަށް ދެއްކޭށެވެ. ސަލްމާއަށް ވެސް މިއަދު ސަލްމާ ތަފާތެވެ. މީގެ ކުރިން އެހިތް އޮތް ގޮތާ މިއަދު އެހިތް އޮތް ގޮތްވެސް ޔަގީނުންވެސް ތަފާތު ވީ ކަންގައިމެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު އިރުކޮޅެއް ގެ ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިޔައެވެ. ސަލްމާ އިސް އޮބާލުމުން ނަސީރު ސަލްމާ ގާތު އިށީނެވެ. “ގޮއްޔޭ، އަހަންނަށް މާފުކުރޭ. އަހަރެން […]
“ކޮއްކޯ ފަހުދު. މީތިހޯދަން އައިސް އުޅޭ ގޮއްޔެ އަކީ…” އެހެން ބުނެފައި އެތާގައި ކުރުނބާބޯން އިން ޅަފުރައިގެ ފިރިހެން ކުއްޖަކާ ދިމާއަށް ބަލާލިއެވެ. އެ ސޮރު ވަގުތުން ފުންމަގެން ތެދުވިއެވެ. މުޅިމީހާ އާނގަމަ އަރާފައި ހުންނަހެން ސަލްމާއަށް ކަޅި ޖަހާ ނުލާ ބަލަމުން ދަނީ ސަލްމާ ރަކިވާ ވަރަށެވެ. މިއޮއް އެންމެން ތެރޭގައި ބީރައްޓެއްސެއް މިހެންބަލާތީ ސަލްމާ ލަދުން ހަލާކުވެއްޖެއެވެ. ސަލާމަތް ވާނެ ގޮތެއްވެސް ނޭނގި ހުއްޓާ ސުލައިމާނު ސަލްމާގެ ކަންފަތް ދަށަށް ގުދުވެލާފައި ބުނެލިއެވެ. “މީ […]
އިރުއަރާ ބިންގަނޑު ހޫނުކޮށްފިއެވެ. ފަންބިތުގެ ބާގަނޑުގަނޑުން އިރުގެ ދޯދިތައް ކޮޓަރިތެރެ އަލިކުރަމުން ދާއިރުވެސް ރޯނުފުރި އެނދުގައި ކުރުގެޅިގެން އޮތް ނަސީރަކަށް ދުނިޔެ މައްޗަކަށް ހެޔެއް ނާރައެވެ. އޮވެވުނީ ހުވަފެނީ އާލަމެއްގައެވެ. ގޮއްޔެ ގެ އަތުގައި ހިފައިގެން ތުނޑިމަތީގައި ހިނގަނީއެވެ. ބައެއްފަހަރު ގޮއްޔެ ކޮރާލައެވެ. ކަކުނި ހޮރަކާ ދިމާވުމުން ނަސީރު ގޮއްޔެ އުފުލާލާފައި އެހެން ދިމާލަކު ބަހައްޓާލަދިނެވެ. އަނެއްކާވެސް ގޮއްޔެ ނަސީރުގެ އަތުގައި ހިފި އެވެ. ނަސީރުގެ ދެފައި މައްޗައް ގޮއްޔެ ގެ ދެފައި ތިލަ ލާފައި ދެކޮނޑުގައި […]
އެވަގުތުވެސް ހަނދާނަށް އައީ ނަސީރު ބުނެލިވާހަކައެވެ. ފަތިހު ކުނި ކަހާފައި ކުނިއުކާލަންދާއިރު ފާރައަށް ހުންނަ ވާހަކައެވެ. އަވަސް އަވަހަށް މަގުގެ ދެކޮޅަށް ކަޅި ހިންގާލެވުނެވެ. ދުރުން އެހެރަ އަންނަނީ ޖެހިގެން މިހިރަގޭ މަރިޔަބެވެ. މަގުގެ އަނެއް ފަތާރުގައި އެކަކުވެސް ފެންނާކަށްނެތެވެ. އަނެއްކާ ނަސީރު ފިލާ ހުންނަނީ ކޮންދިމާލަކުބާއެވެ. ސަލްމާ ވަށައިގެން އަދި އެއްފަހަރު ހޯދާލިއެވެ. އެކި ގޭގޭން އަންހެންވެރިން ދިގު އިލޮށިފަތިތަކުން ގޭދޮށް ކަހަމުންދަނީއެވެ. މުޅިހިސާބު ގަނޑަށް ދުންބުރާފައިާހަކަލައެވެ. ވިއްސާރަ ނުވެ ގިނަ ދުވަސްތަކެއްވެފައި އޮތުމުން […]