ގޮއްޔެ (5)
އިރުއަރާ ބިންގަނޑު ހޫނުކޮށްފިއެވެ. ފަންބިތުގެ ބާގަނޑުގަނޑުން އިރުގެ ދޯދިތައް ކޮޓަރިތެރެ އަލިކުރަމުން ދާއިރުވެސް ރޯނުފުރި އެނދުގައި ކުރުގެޅިގެން އޮތް ނަސީރަކަށް ދުނިޔެ މައްޗަކަށް ހެޔެއް ނާރައެވެ. އޮވެވުނީ ހުވަފެނީ އާލަމެއްގައެވެ. ގޮއްޔެ ގެ އަތުގައި ހިފައިގެން ތުނޑިމަތީގައި ހިނގަނީއެވެ. ބައެއްފަހަރު ގޮއްޔެ ކޮރާލައެވެ. ކަކުނި ހޮރަކާ ދިމާވުމުން ނަސީރު ގޮއްޔެ އުފުލާލާފައި އެހެން ދިމާލަކު ބަހައްޓާލަދިނެވެ. އަނެއްކާވެސް ގޮއްޔެ ނަސީރުގެ އަތުގައި ހިފި އެވެ. ނަސީރުގެ ދެފައި މައްޗައް ގޮއްޔެ ގެ ދެފައި ތިލަ ލާފައި ދެކޮނޑުގައި އަތްބާއްލުމުން ގޮއްޔެ ގޮވައިގެން ނަސީރު ހިގަންފެށިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ގޮއްޔެ ހީލާފައި ނަސީރުއާއި ދުރަށް ޖެހިލިއެވެ. އަތް ދޫކޮށްލާފައި ފަސްއެނބުރުނެވެ. ނަސީރު ގޮއްޔެ ގެ އަތުގައި ހިފޭތޯ އަތްފޯރުކޮށް ލުމުންވެސް ކިރިޔަ ކިރިޔާ އެއަތުގައި ޖެހިލާފައިވެސް ގޮއްޔެގެ އަތް ދޫވެގެން ދިޔައެެވެ. ގޮއްޔެއަށް ގޮވާލުމުން ގޮއްޔެ ފަސްއެނބުރި ބަލާލުމަށް ފަހު އައިގޮތައް އައިސް މޭގައި އަތްއަޅާ އިދިފުށަށް ކޮޢްޕާލީ ބާރުވެރި އަތަކުން ނެވެ. ތަދުވިވަރުން ނަސީރަށް ނިކަންބާރަށް އައްދިއްޔޯއި އޭ ބުނެވުމާއެކު ލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ހިތާ ސުވާލުކޮށްލަން ވަގުތު ކޮޅެއްބޭނުން ވިކަހަލައެވެ. އެވީ ކިހިނެތް ހެއްޔެވެ. ގޮއްޔެ ކޮބާބާއެވެ. އަދި އެއްފަހަރު ނިކަން ރަގަޅަށް ކޮޓަރިތެރެ އަށް ނަޒަރު ހިންގާލިއެވެ. މިއޮތީ ކޮޓަރީގަކަމާ ވެއްޓުނީ ބިންމަތީގަ އޮތް އަކިރިގަނޑު މައްޗައް ކަން އެނގުނެވެ. އެފެނުނީ ހުވަފެނެކެވެ. އައި ހިންޏަކުން ނަސީރު އަމިއްލަ އަށްވެސް ލަދު ގަނެއްޖެއެވެ. ގޮއްޔެގެ ލާނެއް ކަމެއް ހުރެޔެއްނުންހޭ ހިތާ ހިތުން ބުނެވުނެވެ. މިއަދު ހަވީރު ދިމާވީމަ ހުވަފެން ކިޔާދޭން ނިންމިއެވެ. ދެން ހަދާންވީ މިހާރު ގޮއްޔެ ކުނި ކަހާ ނިމިދާނެ ކަމެވެ. އަވަސް އަވަހަށް މުންޑު ރީތިކުރަމުން ކުރަމުން ގޯތިން ނިކުމެއްޖެއެވެ. “ކަލޯ ނަސީރޫ…މަންމަ ހީކުރީ ދަރިފުޅު ނެތީ ކަމަށް، އަދި ދޯ ތި ހޭލީ” ގޭދޮރުމަތި ކުނިކަހަން އޮތް އައިމިނައަށް ނަސީރު ނިކުމެގެން ދާ ތަންފެނި ހައިރާން ކަން ފާޅުކުރިއެވެ. ނަސީރަކީ މަންމަގެ ބަސްގަބޫލުކުރާ ކުއްޖެކެވެ. ބަރާބަރަށް މިސްކިތް ދޮށަށް ގޮސްހަދާނެއެވެ. އަތުން ކުރަން ނުދަންނަ ކަމެއްނޯންނާނެއެވެ. އެހާ މުރާލިވެފައި މީހުންނަށް ހެޔޮވާނެއެވެ. އަައިމިނަ ގެ ފަސް ދަރިންގެ ތެރެއިން އައިމިނަ އެންމެ ލޯބިވާ ދަރިއަކީ ނަސީރެވެ. އެއީ އައިމިނަ ގެ ދޮންފުތެވެ. މަންމަ ގޮވާލުމުން ނަސީރު ނިކަންބާރަށް އެބަ އަންނަމޭ ބުނެފައި ހަރުކޮށްގޮސް އޮބައިލައިފިއެވެ.
ގޮއްޔެ ގެ ގޯތިދޮށުގައި މުގޯލިއެޅުނު އަދަދެއްވެސް ނަސީރަކަށް ނޭނގެއެވެ. ގޭދޮށް އޮތީ ކަހާ ނިމިފައެވެ. އެހެން ނަމަވެސް ކުނި އެޅި މުޅޯށި ހުރީ މަގުމެދުގައެވެ. އަނެއްކާ ގޮއްޔެ ވީ ކޮންތާކު ހެއްޔެވެ. ތަންކޮޅެއް ދުރުގައި މިވާނުވާ ބަލަން ނަސީރު ހުރީ ކެތް މަދުވެފައެވެ. އިރުކޮޅަކުން ގޮއްޔެ ގެ މާމަ ނިކުމެ އެމުޅޯށި އެތެރެއަށް ވައްދައިފިއެވެ. އަނެއްކާ ގޮއްޔެއަށް ކަމެއް ވީބާއެވެ. މިއަދު މާލަހުން މިތަނަށް އާދެވުނު ކަމުން މުޅިން މަރައިފިއެވެ. ވަރަށް ދެރައެވެ. ދެން ގޮއްޔެއާ ބައްދަލު ވާނީ މިއަދު ހަވީރުކަން ގައިމެވެ. ނަސީރު ކަރުއެލުވާ ލައިގެން ގެޔާ ދިމާއަށް މިސްރާބުޖެހިއެވެ.
މެންދުރުގެ އެންމެ ދިލަ އަވިގަދަ ގަނޑިއެވެ. ސަލްމާއާއި ގޭދޮށު ދެ ކުއްޖެއް ވެގެން ގެޔަށް އަންނަ މެހުމާނުން ނަށް މެންދުރު ގެ ކެއުން ތައްޔާރު ކުރަމުން ދަނީ އެވެ. މަސް ތެއްލާފައާއި މަސް ފިހެފައެވެ. ދިލަ ޖެއްސި މޭ ބިސް ކުރަނޑިއެވެ. ރިހާކުރާ ކަރު ހަކުރެވެ. ފިހުނު ކައްޓަލައާއި ފެނުކެއްކި ބަނބުކޭލެވެ. ބަތާއި ފަރުމަހުގެ ތާޒާ ގަރުދިޔައެވެ. ދެން މަދީ ކޯޗެއްބާއެވެ. ސަލްމާ ބޮޑުއަށި މައްޗައް ބަލަހައްޓައިގެން ހުރީ ދެން އެތަނަށް ނަގަންވީ ކޮންބާވަތެއްގެ އެއްޗެއްތޯ ވިސްނާށެވެ.
“ގޮއްޔޭ…..ދޮން ކަމަނާ…ކޮބާތަ އެވެރިން؟” އެއިވެނީ ހައްވަގެ އަޑެވެ. ސަލްމާ އަށް ޖަވާބުގައި އަނގައިން ނުބުނެވި އުޅެނިކޮށް އެގެއަށް އަތްގާތް ކޮށްލަދޭން އައިސް އުޅުނު ދެ ކުދިން ތެރެއިން އެއްކުއްޖަކު ބޭރަށް ބޯދީފައި އަހަރުމެން މިއުޅެނީއްޔޭ ބުނެލައިފިއެވެ. “އަން މީގައި ހިފާބަލަ. މިއައީ ލޮނުމިރުސް ކޮޅެއް ފުނޑާލައިގެން. މިއަދު މިގޭގަ މާބޮޑު ކެއުމެއް އޮތީމަ މިއައީ. އަން، މިވެސް ހިފާ ބަނބުކެޔޮ މޫސުމުގަ ދެން މިޔެެއްނުން ކާންވެސް ބޯންވެސް ހުންނާނީ” ސަލްމާ އެމީހުނާ އެކުވެލަން ބޭރަށް ނިކުތް ވަގުތު ހައްވަ ގެ އަތުގަ ހުރި ބަނބުކެޔޮ ބޮޑިބަތް ތާސް ފެނި ކުޅުދިޔާވެގެން ދިޔައެވެ. ވަރަށް އުފަލުން ހުރެ އަވަހަށް އެތާހުގައި ހިފިއެވެ. މިފަދަ ކަންކަމުން ފެނިގެން ދަނީ ދުރުހިލޭ ކަމެއް ނެތި އެންމެން ގެ ފުށުންވެސް އެކުވެރި ކަމާ އެއްބައެއް ވަންތަ ކަމެއެވެ. އެކަކު ކައިފިއްޔާ އަނެކަކުވެސް ހުންނަނީ ކައިގެނެވެ. އެކަކު ބައްޔެއް ވެއްޖެއްޔާ އަނެއްމީހާގެ އަޅާލުމާއި އޯގާތެރިކަން ކެނޑި ނޭޅި ލިބެމުންދާނެއެވެ. ހިތްދަތި ކަމެއް ، ހިތާމައެއް ލިބިއްޖެ ނަމަ އެހިތާމައިގައި ބައިވެރި ވުމާ އެބަޔަކާ އަޅާލާ ކާތޯ ބޮއެތޯ ބެލުން އެއީ މިވެރިންގެ ހުންނަ ނިކަން ރީތި ސިފައެކެވެ. ގެޔެއްގައި ކަމެއް ކުރަންޏާ އެކަމަކާ ބައިވާނެ މީހުން ވާނެއެވެ. އަތްގާތް ކޮށްދިނުމާ ފަސޭހަކޮށް ދިނުން އެއީ އުފަލެއް ކަމުގައި ދެކޭނެއެވެ. ސަލްމާ އެތާސް ގެންގޮސް ބަދިގެއަށް ލާފައި ނިކުންނަނިކޮށް ބާރަށް ދުވެފައި އަންނަ ސުލައިމާނު ފެނިއްޖެއެވެ.. މިހާރު ކޮންފަދަ ކަމެއް ލައިގަތީބާއެވެ. މާނޭވާ ލަމުން ސުލައިމާނު ވަކި ހިސާބަކު ހުއްޓިފައި ސަލްމާއަށް ހަނާ އަޅާލިއެވެ. ސަލްމާ ދެ ކިހިއްޔަށް އަތް ޖަހާލާފައި ނުދާނެ ކަމަށް ބޯ ހޫރާލުމުން ސުލައިމާނަށް ޖެހުނީ ސަލްމާ ގާތަށް ދާށެވެ.
“ދައްތާ” ސުލައިމާނު ބުނަން އުޅުނު އެއްޗެއް މާނޭވާ ލެވޭ ވަރުން ބުނަން ވެސް އުނދަގޫވިއެވެ.
“ދައްތާ…. އެވެރިން ލަފައިފާނެ މިހާރު..މަ މިއައީ އެދިމާލުން.ނިކަން ހިނގާބަލަ ބަލާލަން” ފުރަތަމަ ސަލްމާއެކަމާ ދެބަސްވާން ޚިޔާލުކުރި ނަމަވެސް ހަމަ އެހިނދުން ޚިޔާލު ބަދަލުކޮށްލައިފައި ކަނޑިކި ކަނުގައި ހިފާ ނިކަން ރަގަޅަށް މުށުތެރެއަށް ގަންނަވާލަމުން ދެފަޔަށް ބާރުލާފައި ސުލައިމާނާއެކު ދުއްވައި ގަނެއްޖެއެވެ. ދެކުދިން އަތިރި މައްޗައް ނިކުތް އިރު ބައްތެލިން މީހުންތައް ފައިބައެވެ. ބޮއްކުރަލުގައި ފޮށިތަން މަތިތައް ގޮޑުދޮށަށް ބީއްސުވައެވެ. އަންހެން ވެރިންނާއި ކުޑަކުދިން ޖާނުވަރު ގަދަ ފިރިހެނުންގެ ކޮނޑުމަތީގައި ހިކިފަސް ތަނަށް ގެނެސް ދެއެވެ. ސަލްމާމެން ދެކުދިން ދުރުގައި މަންޒަރު ބަލަން ފިލާތިއްބެވެ. ސަލްމާ މެންގެ ކާފައާއި މާމަ އެމީހުނާ ސަލާން ގަލާން ކުރަން ގޮސް އުޅެއެވެ. ރަށުގެ އިއްޒަތް ތެރިންނާއި ހަރުކުލައިގެ އެންމެން ހެން ގޮސް އެމީހުނަށް މުބާރިކްބާދު އަދާކުރަނީ އެވެ.
” ދައްތާ ! ކޮބާތަ ތިޔަބުނާ މުޙައްމައިދީއަކީ؟”
“މަށަށް ކިހިނެތް އެއެއް އެނގެނީ؟” ސަލްމާވެސް އެންމެ އެނގެން ބޭނުންވާ އެއްޗަކީ މިހާރު އެއެވެ. އެބުނާ މުޙައްމައިދީ އަކީ ކާކުބާއެވެ.
“ދައްތަ މާމަ ގާތު އަހާލިނަމަ..ދައްތަ ދެވަނީ ކާކާތޯ ބަލާލާ ހިތެއް ނުވޭތަ؟” ތެދެކެވެ. ސަލްމާ އެމީހާ ގެ ވަނަވަރެއް ނުބަލާހެއްޔެވެ. ނޫނެކެވެ. ބަލާނެ ކަމެއްވެސް ނެތެވެ. ސަލްމާގެ ބައްޕަ ގެ ނިންމުން އެއީ ފަހުގެ ނިންމުމެވެ. އަނެއްކޮޅުން މިހާރު ސަލްމާގެ ބައްޕަ އަބަދުގެ އަބަދަށް ލޯމަރާލާފައިވުމުންވެސް އެކަންވާނީ ބައްޕަގެ ވަސިއްޔަތަކަށެވެ. ދެން އެކަމާ ދެކޮޅު ހަދަން ސަލްމާ ބޭނުމެއް ނުވެއެވެ.
” އެއީ ބައްޕަ ބޭނުން ވިގޮތެއްނުން. ބައްޕަ އަހަރުމެން ދެކެ ވަރަށް ލޯބިވޭ. ބައްޕަ ދެރައެއް ނުދޭނެ އަހަރުމެން ނަކަށްދޯ ކޮއްކޯ! ”
ސުވާލަކަށް ވުރެ ބޮޑަށް މިކަމުގައި ކޮއްކޮގެ ލަފާއަހާލާހެން ސަލްމާ ކޮއްކޮޔާ ސުވާލުު ކޮއްލިއެވެ. ސުލައިމާނުވެސް ނިކަން ވިސްނޭ ހަރު މީހަކު ލައްވާލާ ހެން ‘ހޫން’ އަޅުވާލިއެވެ. “ކޮއްކޮ ނަމަ ކިހިނެތް ހަދާނީ” އަނެއްކާވެސް ސަލްމާ ކޮއްލީ ސުވާލެކެވެ.
“ދެންނޭގެ..ބައްޕަޔަށް ބޮޑަށް އެނގޭނީ” މިހެންބުނެ ފައި ބަލާލެވުނު އިރު އެއްބަޔަކު އެއްގަމަށް އަރައިގެން ދަނީއެވެ. ދެކުދިން ނިވާވެގެން ތިބެ ތިބެފައި ގޭދޮށަށްދާން ހިގައި ގަތްތަނާ ވީނުވީއެއް ނޭނގި އައި ނައިތަނެއް ނޭނގި މާމަ ގޮވާލި އަޑު އިވުނީ އެކުދިންނާއި ނުހަނު ގާތުން ނެވެ.
” ގޮއްޔޭ…….ތިޔަތާ ތިޔަތިބީ ކީއްވެފަ” ސަލްމާމެން ދިޔައީ ސިއްސައިގެނެވެ. މާމައާއެކު އެތަނަށް އައިސް ތިބީ މާމައަށް ވުރެ ދުވަސްވީ ދެމީހުންނެއެވެ. އަންހެންމީހާއަކީ ނިކަން މޫނުހަން އަލި ރީތިމީހެކެވެ. ކަރުގައި ވަރުގަދަ ރަންފަށެއް އަޅާފައި ކަނާތުގައި ލެދަރު ގަޑިއެއް އަޅާފައި އޮތެވެ. ލައިގެން ހުރީ ރީތި ފާސްކުރި ހެދުމެކެވެ. ބޯވަޅު ފޮތިގަނޑުގައި އިނީ ފަށުވިން ޖަހާފައި އިން މާގަނޑެކެވެ. ބަލާލިޔަސް ވަގުތުން އެއީ މާލޭ މީހެއްކަން އެނގޭނެއެވެ. ދެންހުރީ ފިރިހެނެކެވެ. ހުދު ގަމީހަކާ ހުދު މުންޑެއް އަނދެފައި ރީތި ލެދަރު ފައިވާނެއްގައި ހުރި މީހެކެވެ. އެމީހާގެ އަތުގައިވެސް އޮތީ ރަންޕުލެޓުލީ މޮޅުގަޑިއެކެވެ. ސަލްމާ ވަކިވަކިން ދެމީހުނާ ދިމާއަށް ބަލާލިއެވެ. ހަމަ އެހެން ސުލައިމާނުވެސް އެދެމީހުން މަތިން ތިރިއަށް ބަލަމުން ދަސްކުރަމުން ހިތާހިތުން ތައުރީފު ކުރަމުން ދިޔައީ އާޝޯޚްވެ ހުރެގެނެވެ.
ދެކުދިންނަށް އެދެމަފިރިން ތައާރަފް ކޮށްދިނީ އެކުދިންގެ މާމައެވެ. ” ގޮއްޔޭ…ދަރިފުޅާ! މީ މުޙައްމައިދީގެ ދެކަނބަލުން. ދަރިފުޅު ސަލާން ކުރަންވާންނުން” އިސްޖެހިފައި ހުރި ސަލްމާއަށް ބަލާލަމުން މާމަ ބުނެލިއެވެ.
މުޙައްމައިދީ ސަލާމަށް އަތް ދިއްކޮށްލުމުން ސަލްމާވެސް އަތްދިއްކޮށްލާ ސަލާން ކޮށްލުމަށްފަހު އެ އަންހެން މީހާއާއި ސަލާންކުރަން އަތް ދިއްކޮށްލިއެވެ. އަންހެންމީހާގެ މޫނަށް ބަލާލި ވަގުތު މާމަ ދެންމެ އެބުނި އެއްޗެއް އަލުން ހަނދާނަށް ގެންނަން ވެސް ޖެހުނެވެ. މުޙަައްމައިދީގެ ދެމަފިރިންނޭހެއްޔެވެ. އެހެންވިއްޔާ މުޙައްމައިދީ އަކީ މީހަކާވެސް އިނދެގެން އުޅޭމީހެއްތާއެވެ. އެޚިޔާލުގައި ހުއްޓާ އެއަންހެންމީހާ ސަލްމާގެ އަތުގައި ހިފައިފިއެވެ. އޭނާބަލަމުން ދިޔައީ ސީދާ ސަލްމާގެ ލޮލަށެވެ. އަތުގައި ހިފިގޮތަށް އަތް ދޫކޮށް ނުލާ ހުރެ ފަހަތަށް އެއްފިޔަވަޅު ނަގާފައި ސަލްމާގެ އިސްކޮޅަށް ، އެއްކޮޅުން އަނެއް ކޮޅަށް ބަލާލިއެވެ. އަދި ވައަތުން ސަލްމާގެ ބޮލުގައި ފިރުމާލިއެވެ. މުޙައްމައިދީއާއި ދިމާލަށް ބަލާލަމުން މައުނަ ފުން ހިނިތުން ވުމެއް ދެމީހުން ބަދަލުކޮށްލިއެވެ. މާމަ މަންޒަރު ބަލަން ހުރެފައި ވާހަކަ ފެށިއެވެ.
” މީ މަގޯތި ގޮއްޔެެ…އަހަރުމެން ކިޔަނީ ގޮއްޔެ. ދެން މިހިރީ ސުލައިމާނު.” އެއަންހެންމީހާ ސުލައިމާނާ ސަލާން ކޮށްލާފައި ހިނިތުން ވެލިއެވެ. ދެން މާމަގެ އެދުމަށް އެންމެން އެކީ ގޭދޮށަށް ދާން ހިގައި ގަތެވެ.
ގޭދޮށުގައި މީހުން އެއްވެފައި ތިއްބެވެ. މާލޭން ބަޔަކު އަންނަންޏާ އާންމުކޮށްވެސް މިހެން މީހުންއެއްވެފައި ތިބޭނެއެވެ. އެންމެންގެވެސް ބޭނުމަކީ އެބަޔަކު ގެންނަ ޚަބަރެއް އޮޅުން ފިލުވުމެވެ. އެހެން ނަމަވެސް ބައެއް މީހުން މާލޭމީހުންއައުމުން ހަމަ ދެކެލާހިތްވަނީ އެވެ. އެމީހުންގެ ވައްޓަފާޅި ތަފާތު ވީމާ ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް މިއަދު ހީވާގޮތުން އެހެން ދުވަސް ދުވަހާ ތަފާތެވެ. މުޙައްމައިދީގެ ދެމަފިރިން ގޮވައިގެން ސަލްމާމެން ގޭދޮށަށް އައި އިރު ކާފައާ އަދިވެސް އިތުރު ފިރިހެނުން ތަކަކެއް ފޫޓު ތެރޭގައި ހުރި ފަތް ޖެހި އެނދުތަކުގައި ކުރުނބާބޯން ތިއްބެވެ. ސަލްމާ އެމީހުނާ އަރާ ހަމަ ހަމަވާއިރަށް ރަށު ކަތީބު ތެދުވެފައި ބުނެލިއެވެ.
“ކޮއްކޯ ފަހުދު. މީތިހޯދަން އައިސް އުޅޭ ގޮއްޔެ އަކީ…” އެހެން ބުނެފައި އެތާގައި ކުރުނބާބޯން އިން ޅަފުރައިގެ ފިރިހެން ކުއްޖަކާ ދިމާއަށް ބަލާލިއެވެ. އެ ސޮރު ވަގުތުން ފުންމަގެން ތެދުވިއެވެ. މުޅިމީހާ އާނގަމަ އަރާފައި ހުންނަހެން ސަލްމާއަށް ކަޅި ޖަހާ ނުލާ ބަލަމުން ދަނީ ސަލްމާ ރަކިވާ ވަރަށެވެ. މިއޮއް އެންމެން ތެރޭގައި ބީރައްޓެއްސެއް މިހެންބަލާތީ ސަލްމާ ލަދުން ހަލާކުވެއްޖެއެވެ. ސަލާމަތް ވާނެ ގޮތެއްވެސް ނޭނގި ހުއްޓާ ސުލައިމާނު ސަލްމާގެ ކަންފަތް ދަށަށް ގުދުވެލާފައި ބުނެލިއެވެ.
“މީ ދޯ އެބުނާ ސޮރަކީ…ހީވަނީ މެންދުރު ކާޅެއް ހެން، އަނގަ ނަގައިގެން އެބަހުރޭ ބަލަހައްޓައިގެން”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.


So amazing.dhivehi keumeh kaalaa hiyvejje ?.. hahahaa.. mendhuru kaalhekey!!!!??
Sulaimaanuves dhw….
Dhonfuthu Va Salma ?
HAHAH 🙂
v habeys mi part vx. KAAHTEY NASEER ulheygoih majaly
Kaahtey naseeru… hahaha.. perfect name song joong ki…
My fav story saana.. v kiyaa hiyvey ?
haha. dhw maroon. adhi kaahtey naseeru ah eyoh fenunu huvafeneh dho. hehehe 😀
Isnt he dreamy…?
Maroon ves hoadhanvy ekahala kaahtey eh dhw?
haha yaa. ekamu maroon ah noolheveynu kaashi theyo vas gadha kamunvx. 😉 😀
Hehehe almost forgot about it… ehen noony hama ?
Hehe..Filaigen dhuvan ulhey kudhin nah ok vaane kaahtey ves???
As long as kaahtey is fine with it ?
Ya maroon dhn hoadha ekahala coconut oil fashioner eh 😉 angailaathi knmx fenijjiyya ingey.. ?? 😀 hehe ehn viyya alhugandu himeneyne thyge therey n maroon vx dhw.. bodah belevey gothuga Adha vx dhuvaane kaashi theyo vas jehijjiyya. 😉 kaahtey ge vaahaka news ge fala suruhyvx jaaga hoadhaane. 😀
Yes bunelaanan kaahtey eh libijeyyaa.. ? adha mammage bas ahaa kujjeh..boluga laan dhygen hunaany dhw adha.. ?
Oh.. kaahtey is winning the award for most goodlooking hair male character…?
Saana mirey nunidhaa onnaanan vaahaka kiyan?
Hehe.. aan dw..?
Hehe thibuny hama rangalhah maroon.. 🙂 Adha nulaahiku bas ahaaney dhw. Kaahtey vareh neih hama. Hehe:) Adha.. Kithah years tha Adha ah?????
S.J.K.. adha ah 19 adhi.. gonna be 20 after 4 days?.. nd u ah 16yrs dw…..
Ohh HAPPY B’ DAY in advance.. Yes I am 16 🙂
Sulaimaanakee v siyaasa soreh. V reethi mibaives. Thank you saana ah komme dhuvahaku genesdheythee
V NICE.WAITING FOR NEXT PART.(*_*)
Ihu meehun ulhey goiygandu mi stry in kiyaalan libeythy varah kamudhey..? mendhuru kaalhekey e buny keekey… fenbovaiganegen angaboduvefa in kaalheh fadhain ney dw..? hehe.. haadha molhey dw beynunkohfa hunna bass thah.. varah molhu saana great work?
Waitingss ❤❤❤❤
Haha Adha aee AFTERNOON CROW. 😉
Hehe. Ehenma morning crow aa evening crow aa night crow nd midnight crow ves ulheyne dw S.J.K?
ofcourse Adha 🙂 eygen crow eh gothah nennaathi knmx 😉 😀
*neennaathi
Ey fahudhu ves ehen hurevuny salmaa fenifa.. so adha ah ves resthi boy eh fenejjeya hureveynee eheh kanneynge???
Reethi*
Hahaha. Kaahtey kahala boy eh fenijiyya dhw. 🙂 ekani kaashi theyo vas dhuvan baarah isjahan jeheynee kanneynge.. Lol 🙂 🙂 🙂
Hehe.. no ways not like kaahtey..
Vvvv salhi .mendhurukaale ebunikyvebaa hehehe v thafaathu
*kaalhekey*
Heheh..so funny?. Sulaimaanuge basmagu enme salhee.??.it was nice , interesting, funny, traditional stry…I luv it?
Hahaha?? masha allah v rythi sulaimaanu haadhalaanethey dhw ?? ihuge vattafaalhi ah v ma mistry v habeys v interesting when nxt will wait ingey up soon ????❤❤?????????
thank you all readers
Salhiey salhiey haadha salhiey…