*****ޝެލީންގެ ޑައިރީ********
ދުވަސްވަރަކީ 1997ވަނަ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައި އޮތް ހުސްބިމެއްގައި އަހަރެން އުޅުނީ ކުޑަކުދިންތަކަކާއެކު މުށި ކުޅޭށެވެ. ރަތްދައްކާ އަވީގައި ދާހިއްލާ ފޯވެގެން އަހަރެމެން ކުޅެންތިބީ ވަރަށް ފޯރީގައެވެ.
“ޝެލީ…ޝެލީ…” ކުޅެންހުރެފައި އަހަރެން ފަހަތްބަލާލީ ކޮންމެވެސް މީހަކު މާބާރަށް އަހަރެންގެ ނަމުން ގޮވަން ފެށުމުންނެވެ. އޭރު އަހަރެންގެ އެންމެގާތް އެކުވެރިޔާ ޔޫނާ ދުވެފައި އާދެއެވެ.
” އޭތް މިހިރަ ބޭބީގަނޑާ!….ކުޑަކުދިން އެއްކޮށްގެން ކުޅެންވީކީ ނޫނޭ!…..ޝެލީގެ މަންމަ އެބަހުރި ވަރަށް ރުޅިއައިސްފަ…..ބުނީ ހަމަމިހާރު ގެޔަށް އަންނާށޭ!” އިންޒާރުގެ ރާގުގައި އަމުރުވެރިގޮތަކަށް ޔޫނާ ބުންޏެވެ. އެވަގުތު އަހަރެންގެ ގާތަށް ހިނިއައެވެ.
“އަދިވެސް ހޭންވީތަ……ޝެލީގެ ބައްޕަވެސް އެބައުޅޭ ގޭގަ….ގެޔަށްދިޔައީމަ އަދަބުލިބޭނެ….ވަރަށް ފޮނިވެފަހުރޭދެން…” ދެއުކުޅުގައި އަތްވިދެލާފައި ޔޫނާ އަހަރެންނަށް ލޯއަޅާލިއެވެ.
” ތިއުޅެނީ އަހަރެން ބިރުގަންނުވަން ކަމަށްތަ؟….ތިހީކުރާކަހަލަ އެއްކަމެއްވެސް ނުވާނެ…..އަހަރެންގެ މަންމަޔާ ބައްޕަ ދުވަހަކުވެސް އަހަރެން ދެކެ ރުޅިއެއް ނާންނާނެ….އެޔަށްވުރެ މާލޯބިވާނެ އަހަރެންދެކެ..” އަހަރެން ފޮނިވެލާފައި ބުނީމެވެ.
” ހޫމް….އެހެން ވެޔެއްނު ކަމަނާފާނު ތިހާފޮނިވެފަ ތިހުންނަނީ……އެހާ ދޮންފުތުކޮށްގެން ގެންގުޅޭތީދޯ ތިހާ ބޭބީވެގެން މީހުންގެ ޅަދަރިންނާއެކު ތިކުޅެނީ!” އަހަރެންގެ އަތުގައި ހިފާ ދަމައިގަންނަމުން ޔޫނާ ބުންޏެވެ. އަހަރެން ފައިވާން އަތަށް ނަގައިގެން ހެމުން ހެމުން ޔޫނާއާއެކު ދާން ހިނގައިގަތީމެވެ.
” ހީވަނީ ކޮންމެވެސް ބީރައްޓެހި ބަޔަކުވެސް އެބައުޅޭހެން ތިގޭގަ….މަނުވަންނާނަން މިގަޑިއަކު….ހަވީރުން އަންނާނަން…” އަހަރެންގެ ގެޔާ އަރާހަމަވުމުން ހުއްޓިފައި ޔޫނާ ބުންޏެވެ.
” އޯކޭ…އަންނައްޗޭ!” އަހަރެން ހިނިތުންވެލާފައި ދުވަމުން ފުމެމުން ގޮސް ގޭތެރެއަށްވަނީމެވެ. އެއާއެކު ސިހިފައި ހުއްޓެވުނީ ނުވެސް ދަންނަ ބަޔަކު ސިޓިންރޫމުގައި ތިއްބާ ފެނުމުންނެވެ. އެއީ އުމުރުންވިއްސަކަށް އަހަރުގެ ޒުވާން އަންހެނަކާ ފިރިހެނެކެވެ. އެމީހުންގެ ހެދުންއެޅުމުގެ ވައްޓަފާޅިއަށް ބަލާލުމުންވެސް އެއީ މާލޭބައެއްކަން އަހަރެންނަށް އެނގުނެވެ. ހައިރާންވެފައިތިބެ ދެމީހުން އަހަރެންނާ ދިމާ ބަލަން ފެށުމުން އަހަރެން ރަކިވިއެވެ. އަވަސް އަވަހަށް ދުވެފައި ގޮސް ބަދިގެ ފަރާތަށް ވަނީމެވެ. މަންމަ ވަރަށް އަވަދިނެތި ބަދިގޭގައި ޖޫސްގިރަން އުޅެއެވެ. ތައްޓަކަށް އަޅާފައިހުރި ބިސްކޯދުތައް ފެނުމުން ހައިވެފައި ހުރިކަން އަހަރެން ހަނދާންވިއެވެ.
” ދަރިފުޅާ! އަތްދޮވެބަލަ އިހަށް…..ކާއެއްޗެހީގަ އަތްލަންވާނީ އަތްދޮވެގެންނެއްނު..” ބިސްކޯދު ތައްޓާ ދިމާއަށް އަތްދިއްކޮށްލި ވަގުތު މަންމަ ބުންޏެވެ.
“ބަލާބަލަ މިހިރަ ކުއްޖެއް….ހީވަނީ ކައްވަޅުން އަރައިގެން އައިސްހުރި ގަބުރެއްހެން…..ބޮލުގަވެސް ތިއޮތީ ހުސް ހިރަފުސް……ތިހިރަ ދެފައެއްވެސް……ދެން ކިޔާނެ ކަމެއްނެތް……މިކުއްޖާ ބޮޑުވާނީ ކޮންދުވަހަކުންބާއޭ އަހަރެންގެ ހިތަށްއަރާ…..ދެންވެސް ދޭބަލަ އަވަހަށް ފެންވަރާލައިގެން އަންނަން…..މިއަދު މާލޭންއައި ބައްޕަގެ ރަށްޓެހި ބަޔަކުވެސް އެބައުޅޭ……ތިހެން ހުއްޓަ ފެނުނީމަ އެމީހުން ކީކޭ ހިތަށްއަރާނީ…” މަންމަ ކަންބޮޑުވެލާފައި ބުނެލިއެވެ.
” ސޮރީ މަންމާ….އެކަމަކު އެމީހުނަށް ފެނިއްޖެ އަހަރެން ގަބުރެއްހެން ހުއްޓާ…” ޖެހިލުންވެހުރެ އަހަރެން ބުނީމެވެ.
” އޭނ؟…އަޅެ ކިލާ ފަޔާއެކީ ތިއައީ ގޭތެރެއިންތަ؟….މަންމަ ދެންމެޔޭ މޮޕްލީ….އެފަރާތު ގޯޅިތެރެއިން އައިނަމަ ދެން އެމީހުންވެސް ހީކުރާނީ ކީކޭ!….” މަންމަ ހިތްހަމަނުޖެހިފައި އަހަރެންނަށް ބަލާލިއެވެ. އަހަރެން ދެރަވެލާފައި އިސްދަށަށް ޖަހާލީމެވެ.
” އަސްލު އެހެން އަންނާކަށް ނޫނޭ އުޅުނީކީ….އެކަމު އެމީހުން ފެނުނީމަ އާދެވުނީ..” ވީގޮތް ވަރަށް ސާފުކޮށް އަހަރެން އޮޅުންފިލުވައި ދިނީމެވެ.
” ހޫމް.. ދެންދޭ ފެންވަރަން….ތިހެން ހުއްޓާ ބައްޕައަށް ފެނިއްޖެއްޔާ ހިތްހަމައެއް ނުޖެހޭނެ” މަންމަ ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެން ފެންވަރައިގެން ނުކުމެ ފުނާއަޅަން ހުއްޓާ މަންމަ ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
” ދަރިފުޅާ އާދެބަލަ ސިޓިންރޫމަށް….އެމީހުން ބޭނުންވޭ ދަރިފުޅާ ވާހަކަ ދައްކާލަން…” އަހަރެން ކުޑަކޮށް ހައިރާންވެފައިހުރެ މަންމަގެ ފަހަތުން ނުކުތީމެވެ. އަހަރެން ނުކުތްއިރު އެއްކަލަ ދެމީހުންނާއި ބައްޕަވެސް ސިޓިންރޫމުގައި ތިއްބެވެ.
” ދަރިފުޅާ އާދެބަލަ….މިތިބީ ބައްޕަގެ ރަށްޓެހި ފާރޫޤުބޭބެގެ ދަރި ސަމީރާއާއި އޭނަގެ ފިރިމީހާ ޝިޔާޒް……ސަމީރާ!… މީ އަހަރެންގެ ދަރިފުޅު ޝެލީނާ….މިއަހަރު ގުރޭޑް 7 ނިންމީ….ނަތީޖާވެސް ވަރަށް ރަނގަޅު….އެކަމަކު މިރަށުގަ އޮންނަނީ ގުރޭޑް 7 އާ ހަމަޔަށް ވިއްޔަ…..މިއީ ހަމައެކަނިހުރި ދަރިކަމަށްވާތީ އަހަރެމެންވެސް މިދަރިފުޅަށް ރަގަނޅު ތައުލީމެއްދޭން ބޭނުންވޭ……އެކަމަކު ކިހިނެއް ވަޒީފާ ދޫކޮށްފަ ރަށުންބޭރަށް ދާނީވެސް…”
” އާނ….ބޭބެ ތިބުނީ ވަރަށްބޮޑު ތެދެއް…..ކޮންމެ ކޮންމެ މީހަކަށް ރަށުންބޭރަކަށްވެސް ނުދެވޭނެ…..ބޭބެ އެއްގޮތަކަށްވެސް ޝެލީނާއާމެދު ހާސްނުވޭ!……އަހަރެމެންގެ ކޮއްކޮއެކޭ އެއްގޮތަށް ޝެލީނާ ބަލާދޭނަން……ބޭބެ ނުޖެހޭނެ ޚަރަދުކުރާކަށްވެސް……އަހަރެން ހުރިހާ ޚަރަދެއް ކުރަން މިހުރީ ތައްޔާރަށް….” އެއަންހެން މީހާ ވަރަށް ހިތްހެޔޮކަމާއެކު ބައްޕައާއި ވާހަކަ ދެއްކިއެވެ.
” ދަރިފުޅާ! މިދައްތަމެން ބޭނުންވޭ ދަރިފުޅު މާލެގެންދަން……ދަރިފުޅުވެސް ބޭނުން ވެޔެއްނު މާލެގޮސް މޮޅަށް ކިޔަވަން ދޯ؟…” ބައްޕަ އަހަރެންގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން އަހާލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ޝެލީނާ ދާނަން ދޯ ދައްތަމެންނާ އެކު މާލެއަށް؟…..އޭރުން ޝެލީނާ ވަރަށް މޮޅުކުއްޖަކަށްވާނެ” ކުޑަކުއްޖަކު ގާތު އަހާލާފަދަ ގޮތަކަށް ލޯބިން ސަމީރާ ދައްތަ އަހާލިއެވެ. އަހަރެންނަށް ބޭއިޚްތިރާރުގައި ހިނިތުންވެލެވުނެވެ. އަދި ބޮލުގެ އިޝާރާތުން އާއެކޭ ބުނީމެވެ. އަހަރެން މާލެދާން އެއްބަސްވުމުން އެމީހުން ވަރަށް އުފާވިއެވެ. ބައްޕަވެސް ހުރީ އުފަލުންނެވެ. ނަމަވެސް މަންމަގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވިއެވެ.
” މަންމަވެސް ދާނަށްދޯ އަޅުގަނޑާއެކީ؟” ތަންކޮޅެއް ދުރުގައި ދެރަވެފައިހުރި މަންމައަށް ބަލާލަމުން އަހަރެން އަހާލީމެވެ.
” ނޫނޭ ދަރިފުޅާ! މަންމަ ދިޔައީމަ ބައްޕަ އެކަނިވާނެއެއްނު….ބައްޕައަށް ކައްކާފަ ކާންދޭނެ މީހަކުވެސް ނުހުންނާނެ އެއްނު!….އެހެންނޫނަސް ދަރިފުޅުތީ މިހާރު ބޮޑުކުއްޖެއްނު…..މަންމައާ ނުލާވެސް އުޅެން އެނގޭނެއްނު!” މަންމަގެ ޖަވާބު އިވިފައި ވަގުތުން އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަހަރެން ހީކޮށްގެން ހުރީ މަންމަވެސް އަހަރެންނާއެކު ދާނެ ކަމަށެވެ.
” މަންމަ ނުދަންޏާ އަޅުގަނޑު ނުދާނަން..” އަހަރެން ކުސްތަޅާލީމެވެ.
” ޝެލީނާ!…..މޮޅަށް ކިޔަވަން ބޭނުންވާކުދިން ވަރަށް ހިތަވަރުގަދަވާން ޖެހޭނެ….ދައްތަވެސް ރާއްޖޭން ބޭރުން ކިޔަވައިގެން މިއައީ ހަމައެކަނިމާއެކަނި އެތާއުޅެގެން……މަންމައާއި ބައްޕަ ކީއްކުރަން އާއިލާމީހަކުވެސް ނޫޅޭ އެތާކު….އެހެންވީމަ ޝެލީނާވެސް ޖެހޭނެ ހިތްވަރުކުރަން..” އަހަރެންގެ ގާތަށް ޖެހިލާފައި ސަމީރާ ދައްތަ ނަސޭހަތްތެރިވިއެވެ.
ހުރިހާ އެންމެންގެ ނަސޭހަތުން އަހަރެން މާލެދާން އެއްބަސްވީމެވެ. ވަރަށް އުފަލުން ހުރެ މަންމައާއި ބައްޕައާއެކު އަހަރެން އެއާޕޯރޓަށް ދިޔައީމެވެ. އަހަރެންގެ ރަށްޓެހިކުދިންނާއި ބައެއް އަވަށްޓެރިންވެސް އަހަރެން ފުރުވަން އައެވެ. ފުރާގަޑި ޖެހުމާއެކީ އަހަރެންނަކަށް ކެތެއްނުކުރެވުނެވެ. މަންމަ ގައިގާ އޮޅުލައިގެންފައި އަހަރެން ރޯންފެށީމެވެ. މަންމައަށްވެސް ވީހަމަ އެވަރެވެ. ބައްޕަ އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް މަންމައާ ވަކިކުރުވިއެވެ. ހަނިމާދޫ އެއާޕޯޓުން ބޯޓް ނައްޓާލުމާއެކީ އަހަރެންގެ ރުއިން އިތުރުވިއެވެ. އުމުރުން 14 އަހަރުވީ އިރުވެސް ދުވަހަކުވެސް މަންމައާއި ވަކިން ތަނަކަށް ނުދަމެވެ. އަމިއްލަ ރަށުގައި އެއާޕޯޓް އޮންނައިރުވެސް އަހަރެން ދުވަހަކުވެސް މިނޫނީ ފުލައިޓަކުން ދަތުރެއް ނުކުރަމެވެ. އެހެންކަމުން ބިރާއި ހިތާމައެކުވެގެން އަހަރެންގެ ރުއިން ހައްތަހާވީ އިތުރެވެ. ސަމީރާދައްތަ އަހަރެން ހުއްޓުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
” ބަލާބަލަ! ހުރިހާ އެންމެން ބަލަނީ އެއޮއް، ތިގޮތަށް ރޯތީ…..ރޯނީ ވަރަށް ފިނޑިކުދިންނެއްނު!….އަވަހަށް ހުއްޓާލާ!….ދެން މާގިނައިރެއްނުވެ މާލެ ދެވިދާނެ….މިތާދޮރުކައިރިއަށް އާދޭ ބޭރުބަލާލަން…” ފުރަތަމަ ފަހަރަށް ޝިޔާޒްބޭބެ އަހަރެންނާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. އަހަރެން ބަލާލުމުން ހިނިތުންވެލާފައި އަތްދިއްކޮށްލިއެވެ. އަހަރެންވެސް ޝިޔާޒްބޭބެގެ އަތުގައި ހިފާފައި ދޮރުކައިރިއަށް ޖެހިލީމެވެ. ބޭރުބަލާލުމުން އަހަރެންގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ބިރުންގޮސް ޝިޔާޒްބޭބެގެ އަތުގައި ބާރަށް ހިފަހައްޓާ ލެވުނެވެ.
” ބިރުގަތީތަ؟….އަލަށްވީމަ ބިރުވެސް ގަންނާނެ…..އެކަމަކު ގިނަގިނައިން ދަތުރުކުރަންވީމަ އޯކޭވާނެ…..އަދި ބަލާލަބަލަ! އޭރުންނޭ ބިރުކެނޑޭނީވެސް…” އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން ޝިޔާޒްބޭބެ ހިނިތުންވެލިއެވެ. އަހަރެން އަނެއްކާވެސް ބޭރުބަލާލީމެވެ. މަތިންބަލާއިރު މޫދު ފެންނަލެއް ވަރަށް ހިތްގައިމެވެ. ފުލައިޓް މައްޗަށް އެރިވަރަކަށް ރަށްތައް ކުޑަވަމުންދިޔައެވެ. ގަދަނޫކުލައިގެ ކަނޑުގެ މެދުގައި ފެހިރަށްތައް އަތުރާލެވިފައިވާލެއް ފުރިހަމަކަންފެނި އަހަރެން އަޖާއިބުވިއެވެ. އެއީ ﷲ ގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެފަދަ ރީތި މަންޒަރެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ފެންނަމުންދާ ހިތަގައިމު މަންޒަރަށް ހިތްދޫކޮށްލުމުން މަޑުމަޑުން ބިރުވެސް ފިލަން ފެށިއެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ދަތުރަކަށްފަހު ހުޅުލޭގެ މަލަމަތި ފެންނަން ފެށިއެވެ. ބޯޓް ތިރިކުރަންފެށުމާއެކު އަހަރެން ހީކުރީ ބޯޓް ވެއްޓެނީކަމަށެވެ. ދެލޯމަރާ ބާރުކޮށްގެން ޝިޔާޒްބޭބެގެ އަތުގައި އޮޅުލައިގަނެގެން އަހަރެން އިނީމެވެ.
މާލެފެނުމުން އަހަރެން އަޖާއިބުވިއެވެ. އަހަރެން ހީކުރީ މާލެއަކީ ވަރަށްބޮޑުރަށެއް ކަމުގައެވެ. ގަސް ރުއްމަދު މާލޭގެ އުސްއިމާރާތްތަކާއި ކާރޫބާރޫ ބޮޑުމަގުތައް ފެނުމުން އަހަރެންނަށް ސިފަކުރެވުނީ ކޮންކްރީޓްގެ ޖަންގަށްޔެއްގެ ގޮތުގައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މީގެކުރިން އަހަރެން ދުށް ކޮންމެ ރަށެއްގެވެސް އޮންނަނީ ގަސް ރުކުން ފެހިވެފައިވާ މަލަމައްޗެކެވެ. ނަމަވެސް މާލޭގެ މަލަމަތި ފެންނަނީ އަޅިކުލައިގެ ކޮންކްރީޓްތަކެއްގެ ސިފައިގައެވެ. މާލެއަށް ލެފުމާއެކު ކޮންމެވެސް މީހަކު ކާރެއްގައި އަހަރެމެން ބަލާއައިސް ހުއްޓެވެ. ކާރަށް އެރުމުން އަހަރެންގެ ބަނޑުހީލި ކަރުވައި ބޯއަނބުރާގޮތްވިއެވެ. ދިހަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އުސްއިމާރާތެއްގެ ކައިރިއަށް ކާރުމަޑުކޮށްލިއެވެ. ކާރުންފޭބުމާއެކު އަހަރެންނަށް ހޮޑުވެސް ލެވިއްޖެއެވެ. ސަމީރާ ދައްތަ އަހަރެންގެ އަތުގައި ހިފައިގެން އެއިމާރާތުގެ ގޭޓުން އެތެރެއަށް ވަނެވެ. ދެން އެދެމީހުން އަހަރެން ގޮވައިގެންވަނީ ކުޑަކުޑަ ގޮޅިއެއްފާޑު ތަނަކަށެވެ. އެތަނަށް ވަދެ ދޮރުލެއްޕުމާއެކު މައްޗަށް އަރަން ފެށިއެވެ. އަނެއްކާވެސް އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. އަހަރެން ދައްތަގެ ގައިގާ ބައްދައިގެން ހުރީމެވެ.
” ޝެލީނާ ދުވަހަކުވެސް އަދި ލިފްޓަކަށް ނާރަންދޯ؟” ދައްތަ އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. އަހަރެން އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ގޭތެރެއަށް ވަދެވުމާއެކީ އަނެއްކާވެސް އަހަރެންނަށް ހޮޑުލެވިއްޖެއެވެ. ދައްތަމެން ރުޅިއަތުވެދާނެތީ އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ.
” މުޅިން ސަކަރާތްދޯ؟…..ޝެލީނާ އެއްކޮށް ބަލިވެއްޖެދޯ؟….މިތާ އޮށޯވެލާ!” ސަމީރާ ދައްތަ ސިޓިންރޫމުގައިހުރި ސޯފާގައި އަހަރެން ބޭއްވިއެވެ. އަހަރެން ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. އެއީ ވަރަށް ފެންވަރު ރަނގަ ރީތި ގެއެކެވެ.
ކޮންމެ ފަރުނީޗަރެއްވެސް އެހާމެ ރީއްޗެވެ. ބަލާލިކޮންމެ ދިމާއަކުންވެސް އެމީހުންގެ ތަނަވަސްކަން ހާމަކޮށްދެއެވެ.
” މޭރީ އާދެބަލަ މިތަން ސާފުކޮށްލަން!” ދައްތަ ގޮވާލުމުން ބޭރު އަންހެނަކު އައިސް ހޮޑުލެވުނުތަން ސާފުކުރަން ފެށިއެވެ.
” މަށަށް ހީވަނީ ޝެލީން ޑޮކްޓަރަށް ދައްކަންވީހެން…..އެހެންނޫނީ މާބޮޑަށް ބަލިވެދާނެ!” ޝިޔާޒްބޭބެ ލަފާދިނެވެ.
” އާނ! އެކަމަކު ފެންވަރާ ތާޒާވެލައިގެންނެއްނު ތަނަކަށް ދެވޭނީ….ހިނގާ ޝެލީގެ ކޮޓަރިއަށްދާން….ދައްތަމެން ހުންނާނީ ޝެލީނާ އަންނަން ވާއިރަށް ކޮޓަރިވެސް ތައްޔާރުކޮށްފަ….އާދޭ! ” ދައްތަ އަހަރެންގެ އަތުގައި ހިފައިގެން މަޑުމަޑުން ކޮޓަރިއަށް ގެންދިޔައެވެ.
” ދައްތަ އަންނާނަން ތައްޔާރުވެލައިގެން ޑޮކްޓަރަށް ދައްކަންދާން އިނގޭ!….ޝެލީނާވެސް ތައްޔާރުވެލާ!”
” ސަމީ!….ކޮންޝެލީނާއެކޭތަ ތިކިޔަނީ!….ޝެލީން ކިޔާބަލަ!….ޝެލީނާ ކީމަ މާއޮޑް” ކޮޓަރި ދޮރުމަތީގައި ހުރެފައި ޝިޔާޒްބޭބެ ބުނިއަޑު އިވުނެވެ.
” ހޫމް…މަށަށްވެސް ވަރަށް އުނދަގޫ ޝެލީނާ ކިޔަން…..ދެންމީގެފަހުން ކިޔާނީ ޝެލީން…..އެގޮތް އެންމެ ރަނގަޅުތަ ޝެލީންއަށް…” އަހަރެންނާ ދިމާބަލާލާފައި ދައްތަ އަހާލިއެވެ. އަހަރެން ބޯޖަހާލީ އެނަން އަހަރެންނަށްވެސް ރީތިވުމުންނެވެ. އެދުވަހުގެ ފަހުން އެމީހުން އަހަރެންނަށް މުޚާތަބުކުރަނީ ޝެލީންގެ ނަމުންނެވެ. އެއީ ފުރަތަމަ އަހަރެން މާލެއައި ދުވަހު ކަންތައް ހިނގާދިޔަގޮތެވެ.
ބޮޑު ޗުއްޓީނިމި އާއަހަރުގެ ކިޔެވުން ފެށިއްޖެއެވެ. މިއީ އަހަރެން މާލޭ ސުކޫލަކަށް އަލަށް ކިޔަވަންދާ ދުވަހެވެ. އަހަރެންނަކީ މިހާރު އަމީނިއްޔާ ސުކޫލު ގުރޭޑް 8 ގެ ދަރިވަރެކެވެ. މިއަދު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ނުތަނަވަސްވަނީ އެހެންވެގެންނެވެ. އަހަރެން ސުކޫލަށް ދިޔައީ ބޭބެއާއެކީ ކާރުގައެވެ. އަހަރެންނެކޭ ޚުދު މާލޭގެ ރަށްވެއްސެކޭ އެއްގޮތެވެ. ދަތި އެއްވެސް ކަމެއްނެތެވެ. ސުކޫލަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް އެންމެ ފުރިހަމަޔަށް އަހަރެންނަށް ވަނީ ހަމަކޮށްދީފައެވެ. އޭގެ އިތުރުންވެސް ބޭނުން ކޮންމެ އެއްޗެއް ބުނުމަކާ ނުލައި އަހަރެންނަށް ލިބެއެވެ.
އަހަރެން މާލޭގައި އުޅެމުންދިޔައީ ޚުދު އަހަރެންގެ މައިންބަފައިން ގާތުގައިވެސް ނޫޅޭހައި އަރާމާއި ތަނަވަހުގައެވެ. އަތުންފައިން އެއްކަމެއްވެސް ނުކޮށް އަހަރެން ހުންނަނީ ހަމައެކަނި ކިޔަވާށެވެ. ގޭތެރޭގެ މަސައްކަތްކުރާނެ ބޭރުމީހަކު އުޅެއެވެ. އަމިއްލަ އަންނައުނުވެސް އަހަރެންގެ އަތަކުން ނުދޮންނަމެވެ. މާލެއައިތާ ކައިރީ މަންމަމެން މަތިން ހަނދާންވެ ވަރަށް ރޮއެހެދީމެވެ. ނަމަވެސް މަޑުން މަޑުން އަހަރެން މާހައުލަށް ހޭނެންފެށިއެވެ. ދައްތައާއި ބޭބެގެ ލޯތްބާއި އޯގާތެރިކަން ލިބިގެން އަހަރެން ކިޔަވަމުން އައީ ނުހަނު އުފަލުގައެވެ. އަހަރެންގެ އިނގިރޭސި ފެންވަރު ދަށްކަމުން ޓިއުޝަންވެސް ނަގަން ޖެހުނެވެ. ނަމަވެސް އަހަރެންކުރި މިންނެއް މަސައްކަތުން ވަރަށް ރަނގަޅުނަތީޖާއެއް ފުރަތަމަ ޓާރމުވެސް ހޯދީމެވެ. ބޮޑުބަންދުގައި ރަށަށްދެވޭނީ އެއަށްވުރެވެސް ރަނގަޅު ނަތީޖާއެއް ހޯދުމުން ކަމުގައި ދައްތަ ބުންޏެވެ. އަހަރެން ގަދައަޅާ މަސައްކަތްކުރީމެވެ. ލިބުނީވެސް ހަމަހީކުރިފަދަ ނަތީޖާއެކެވެ. ރަށަށް ދެވޭތީ އަހަރެންހުރީ އިންތިހާއަށް އުފާވެފައެވެ. މަންމައާއި ބައްޕައަށްވެސް އަހަރެން އެޚަބަރުދިނީމެވެ. އަހަރެން ރަށަށްދާން ފުރި ދުވަހު ދައްތަހުރީ ވަރަށް ދެރަވެފައެވެ.
“ޝެލީން ދިޔައީމަ ހާދަ ފަޅުވާނޭ….ވަރަށް މިސްވާނެ އިނގޭ!” ދައްތަ ދެރަވެލާފައި ބުންޏެވެ.
” އަޅުގަނޑު އަދި އަންނާނަމެއްނު! އަޅުގަނޑުވެސް ހަނދާންވާނެ ދައްތައާއި ބޭބެމަތިން” އަހަރެން ދައްތަގެ ހިތްހަމަ ޖައްސައިދިނީމެވެ.
ބޯޓުންފައިބައިގެން އަހަރެން ފޮށިހިފައިގެން ނުކުތްއިރު މަންމަމެން ތިބީ އަހަރެން ބަލާއައިހެވެ. އަހަރެންގެ އެންމެގާތް އެކުވެރިޔާ ޔޫނާވެސް ހުއްޓެވެ. އަހަރެން ފެނުމުން އުފަލުން ގޮސް މަންމަގެ ލޮލުން ކަރުނަ އައިތަން ދުށީމެވެ. ޔޫނާ އަހަރެންނާ ދިމާއަށް ބަލަމުން ދިޔައީ ހައިރާންވެފައި ހުރެގެންނެވެ.
” އަޅޭ! ޝެލީ ހާދަ ދޮނޭ!…މިހާރު މަށަށްވުރެ ފަލަވެފަ ބޮޑުވެސް ވެއްޖެ…” އަހަރެން ގާތަށް ޖެހިލާފައި ކޮލުގައި ހިފާލަމުން ޔޫނާ ބުންޏެވެ. އަހަރެން ހިނިތުން ވެލާފައި ޔޫނާއަށް ބަލާލީމެވެ. ތެދެކެވެ. ޔޫނާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަމަ ކުރިއެކޭ އެއްވަރު ހިއްކެވެ. ގައިގެ ކުލަވެސް ހުރީ އަނދާފައެވެ. އަހަރެންނަށް އައިސްފައިހުރި ބަދަލު އަހަރެންނަށްވެސް އިހުސާސްކުރެވުނީ ޔޫނާ ފެނުމުންނެވެ. އަހަރެން ގެޔަށް އައުމުން ގެކައިރި އަވަށްޓެރިންވެސް އަހަރެން ދެކިލަން އައެވެ. އެންމެންވެސް ބުނަނީ އަހަރެން ދޮންވެފައި ރީތި ވާހަކައެވެ. ކޮންމެމީހަކުވެސް އަހަރެންނަށް ތައުރީފުކުރެއެވެ. މަންމަވެސް މަންމަގެ ރަށްޓެހިންގާތު އަހަރެން މޮޅަށް ކިޔަވާ ވާހަކަ ފަޚުރުވެރިކަމާއެކު ބުނެއެވެ.
ހަވީރު ވަގުތު ވުމާއެކު ޔޫނާ އަހަރެން ހޯދަން އައެވެ. އޭނާއާއެކީ ބޭރަށް ދިއުމަށެވެ.
” ހިނގާބަލަ ބޭރަށްދާން!….މިއަދު އެބައޮތް ޒުވާނުންގެ ފުޓްބޯޅަ މެޗެއް….މީހުނާ އިނދެގެން އުޅޭމީހުންނާއި ހުސްހަށިބައިމީހުންގެ މެދުގަ….އަހަރެމެންވެސް ޖެހޭނެއްނު ހުސްހަށިބައިކުދިންނަށް ސަޕޯޓްކުރަންދާން..” ޔޫނާ ވަރަށް ގަޔާވެލާފައި ބުންޏެވެ. އަހަރެން ދާހިތްނުވި ނަމަވެސް ޔޫނާގެ އެދުމަށް މެޗްބަލަން ދިޔައީމެވެ. ތެދެކެވެ. މެޗް ވަރަށްވެސް ފޯރިގަދައެވެ. ފުރަތަމަ ހާރފް ނިމުމާއެކު ޓީމުގެ ކުދިންނަށް ޖޫސްދިނުމަށްޓަކައި އަންހެންކުދިންތައް އަވަސްވެގަތެވެ. ޔޫނާވެސް ޖޫސްޖަގެއް ހިފައިގެން ހުސްހަށިބައި ޓީމުގެ ކުދިންނަށް ދިނުމަށްޓަކައި ހިނގައިގަތެވެ.
” އާދެބަލަދާން!.” އަހަރެން ނުގޮސް ހުންނަން ފެށުމުން އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް އޭނާއާއެކު ގެންދިޔައެވެ. އެތަނަށް ދިޔުމާއެކީ އަހަރެން ހާސްވާގޮތްވީ ފިރިހެންކުދިން ނަޒަރު އަހަރެންނަށް އަމާޒުވާން ފެށުމުންނެވެ.
” ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ހަދާނެގޮތް ހުސްވެފައި ހުއްޓާ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





Waaau..
BTW me first.. yey.. say cngrtx guyx.. hihi
Hahahaha.Kngreyts.
Vrh salhi.. N ya congrats Ekkala kujjaa..
Shell nd nana thnk yw.. :* ahaha
Ammaa.. e kyk liyevifa the? Kerala o.. auto correction sucks.. my bad… uhun phn bad..phn Masseya ekey..
vvv reethi
habeys?
Wow very nice hama perfect. Avahah next part up kohdhehchey I am waiting 4 next part. This story is my favourite. ???????
Vvvv salhi…..?☺
Vvvv salhi
V habeys.congrats ehkala kujjaa
Vrh vrh reethi
Sole mate aai dhimaavy dhw
Mashaa allah vvvv salhi
Check Koh Koh varubaliveje. Please up koba
Salhi Plz upkohba avahah… This story is awesome.. Ekm hama leeminho vareh noon
Plx!!!!!
Lee min ho up kohla dheeba
https://www.esfiya.com/21726/
https://www.esfiya.com/21752/
https://www.esfiya.com/21789/
https://www.esfiya.com/21847/
https://www.esfiya.com/21854/
https://www.esfiya.com/21871/
https://www.esfiya.com/21883/
https://www.esfiya.com/21898/