Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެލީން 2

Shine Level 6100 Stories10 Stories100 Comments100 Login
November 21, 2016 9 Mins Read
12 Comments

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޝެލީންއާ ޝާމިންގެ މެދުގައިވެސް މަޑުމަޑުން ގާތްކަން އުފެދެމުން ދިޔައެވެ. މަންމަ ނުހުންނަ ވަގުތުތަކުގައި ޝެލީންއާ ވާހަކަ ދެއްކުމަކީ ޝާމިންގެ އާދައަކަށް ވެއްޖެއެވެ. ޝެލީން މިކަމާ އިންތިހާއަށް އުފާވިނަމަވެސް ހިތުގައި އޮތް ބިރުވެރިކަންވެސް ވަކީން ކުޑައެއް ނޫނެވެ. ސަމީރާއަށް އެކަން އެނގޭ ދުވަހަކުން އޭނާ މިގެއިންވެސް ނެރެލާނެކަން ގައިމެވެ. މިއަދާ ޖެހެންދެންވެސް މިގޭގައި ޝެލީންއަށް އުޅެވެނީ ސަމީރާގެ ކޮންމެ އަމުރަކަށް ކިޔަމަންވާތީއެވެ. ނަމަވެސް މިހާރު އޭނާ އެކުރަނީ ސަމީރާ އެންމެ ނުރުހުންވާ ކަންތަކެވެ.

ސަމީރާއަކީވެސް ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ މުއައްޒަފެއްކަމުން ދުވާލުގެ ގިނަވަގުތު އޭނާ އުޅެންޖެހެނީ އޮފީހުގައެވެ. އެހެންކަމުން ޝެލީންއަށް ފާރަލައިގެން ގޭތެރޭގައި އަބަދު ހުރުމަކީ ވާނެކަމެއް ނޫނެވެ. އޭނާއެކޭ އެއްފަދައިން ޝާމިންއާ ޝިޔާޒްވެސް ދުވާލުގެ ގިނަވަގުތު އުޅޭނީ ބޭރުގައެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ ހިތް ނުތަނަވަސްވަނީ މާވަރަކަށެވެ. އޭނާއަށް ސިއްރުން ޝެލީންއާ ޝާމިންގެ ގުޅުމެއް އުފެދިދާނެތީ ކަންބޮޑުވަނީއެވެ. ބައެއް ފަހަރު ޝިޔާޒްއާމެދުވެސް އޭނާގެ ހިތުގައި ވަހުމް އުފެދެއެވެ. ނަމަވެސް މިވީހާތަނަށް ޝިޔާޒްގެ ފަރާތުން ޝައްކުވާފަދަ ކަމެއް އޭނާއަށް ފެނިފައެއް ނުވެއެވެ.

” އޭތް ސަމީ! ހާދަ ފުން ވިސްނުމަކަށް ގެއްލިފަ…..ކިހިނެއްވީ؟” ސަމީރާ ސިހުނީ އޭނާއާ އެކީ މަސައްކަތްކުރާ ސަމްނާގެ އަޑުންނެވެ.

” އާނ! މިވިސްނަނީ މެލޭއަށް ދިއުމާމެދު….ހިތަށް މިއަރަނީ މި ކޯސް ކެންސަލްކޮށްލަންވީއޭ…..އާއިލާއާ ދުރުގަ އެކަނި އުޅެން މިހާރު އަހަރެން ވަރަށްފޫހިވޭ…..ދަރިޔަކު ނުލިބޭއިރު އެހެން އުޅުނަކަސް މިހާރު ކިހިނެއް އުޅޭނީ…..މިއީ ޝާމިން އޯލެވެލްވެސް ހަދާ އަހަރު…..އެދެބަފައިން އެކަނި ދޫކޮށްފަދާން ހިތްހަމަ ނުޖެހެނީ….” ސަމީރާގެ ކަންބޮޑުވުން ނުސީދާގޮތެއްގައި އޭނާގެ އެކުވެރިޔާއާ ހިއްސާކުރިއެވެ.

” އެންމެ ތިންމަސް ދުވަހުގެ ކޯހެއްނު….ތިހާކަންބޮޑު ވާވަރެއް އަދި ނުވެޔޭ…..ތިންމަސް ދުވަސް ހިނގައިދާނެ އިސާހިތަކު…..އެކަމަކު ތިފަދަ ރަނުގެ ފުރުސަތެއް އަބަދަކު ނުލިބޭނެ……މިހާގިނަ މީހުން އުޅޭ ތަނަކުންވެސް ސަމީހޮވުނީ..ސަމީގެ ޤާބިލްކަމުން…..ދެން ތި ތަމްރީންކޯސް ހެދީމަ އިތުރު ޕްރޮމޯޝަންއެއްވެސް ލިބޭނެއްނު!….މަށަށް ފެންނަނީ ހަމަދާން……ޝިޔާޒްމެންގެ ދެބަފައިން ތިންމަސް ދުވަސް މެނޭޖްކޮށްލަފާނެ…އެހެންނޫނަސް ތިގޭގަ އެބައުޅެއެއްނު މެއިޑެއްވެސް…..ދެންކޮންކަމަކާ ހާސްވަނީ….” ސަމްނާ ދެއްކިވާހަކަ ސަމީރާއަށްވެސް ގަބޫލުކުރެވުނެވެ. ނަމަވެސް ސަމްނާއަށް ނޭނގެނީ ސަމީރާ އެންމެ ކަންބޮޑުވަނީ އެބުނާ މެއިޑްގެ ސަބަބުންކަމެވެ. ސަމީރާ އޭނާގެ އެކުވެރިންގާތު ބުނެފަ އޮންނަނީ ޝެލީންއަކީ އެގޭގައި މަސައްކަތްކުރަން ގެންގުޅޭ ލަންކާ ކުއްޖެއް ކަމުގައެވެ. އެހެންކަމުން އެއްވެސް މީހަކަށް އެއީ ދިވެއްސެއް ކަމެއް ނޭނގެއެވެ.

އެކިގޮތްގޮތަށް ވިސްނުމަށްފަހު އެންމެފަހުން ސަމީރާ ނިންމީ މެލޭޝިއާއަށް ދިއުމަށެވެ. އެހެންކަމުން އޭނާ އެވާހަކަ ޝިޔާޒްއާ ހިއްސާކުރިއެވެ. ޝިޔާޒް ދެކޮޅު ނުހަދާނެކަން އެނގޭއިރުވެސް އޭނާ ބޭނުންވީ ޝިޔާޒްގެ ޚިޔާލެއް ހޯދާށެވެ. ޝިޔާޒް އެކަމާ އެއްބަސް ވީލެއް އަވަސްކަމުން ސަމީރާއަށް އިހުސާސް ކުރެވުނީ ޝިޔާޒް އޭނާ ފޮނުވާލަން ވަރަށް ބޭނުންވެފައި ހުރިކަމުގައެވެ.

” ހާދަ ހީވެޔޭ އަހަރެން ފޮނުވާލަން ބޭނުންވެފަ ހުރިހެން…….އަނެއްކާ އަހަރެންނާ ސިއްރުން ކަމެއް ރާވަނީތަ؟” ސަމީރާއަށް ނުހުރެވިގެން އޭނާގެ ހިތުގައި އޮތްބަސް ދުލަށްވެސް އަތުވެއްޖެއެވެ.

” ތިހެން ބުނީމަ ހީވަނީ އަހަރެންމީ ސަމީއަށް ސިއްރުން މާގިނަ ކަންތައް ތަކެއް ކުރާމީހެއްހެން….ސަމީހާ މޮޅުރޭވުންތެރިއެއް ނޫނޭ މަށަކީ……އެހެންނޫނަސް އަހަރެން ދުވަހަކުވެސް ސަމީ ކުރަންބޭނުންވި ކަމަކަށް ހުރަސް އެޅިތަ؟ މީގެކުރިންވެސް ސަމީ ބޭނުންވީމަ ބޭނުންތާކަށް ގޮސް، ބޭނުންވީމަ ބޭނުންކަމެއް ކުރަމުންނެއްނު އައީ…..ކުޑަމިނުން އަހަރެންގެ މަޝްވަރާވެސް ހޯދާލިންތަ؟…..” ހެވިފައި އިނދެ ޝިޔާޒް ވާހަކަ ދެއްކި ނަމަވެސް އޭނާގެ ވާހަކައިގައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. އެވާހަކަތައް އަޑުއަހާފައި ސަމީރާ ދެރަވެ ރުޅިވެސް އައެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނީ ޝިޔާޒްގެ ފަރާތުން އެފަދަ ބަސްތަކެއް އިތުރަށް އަޑުއަހަން ބޭނުން ނުވާތީއެވެ.

****

އޭގެ ދެދުވަސް ފަހުން ސަމީރާ މެލޭޝިޔާއަށް ފުރައިފިއެވެ. ޝެލީންއަށް އެތައް އިންޒާރެއް ދިނުމަށްފަހުގައެވެ. ސަމީރާ ދިއުމުން ޝެލީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ނަމަވެސް ދެން ވެދާނެ ގޮތަކާމެދު ބިރުވެސް ގަތެވެ. ސަމީރާ ނެތުމުން ޝިޔާޒްއަށް ހީވީ ބޮލުން ބުރައެއް ލުއިވީހެންނެވެ. އޭނާހުރީ ހަމަ އަސްލުގަވެސް ސަމީރާއާ ދުވަސްކޮޅަކަށް ނަމަވެސް ދުރަށްދާން ބޭނުންވެފައެވެ.

ނަމަވެސް މަންމަ ދިއުމުން ޝާމިން ހުރީ ވަރަށް ދެރަވެފައެވެ. ތާއަބަދު މަންމަ އޭނަގެ ޚިދުމަތުގައި ހުރެހުރެފައި ކުއްލިއަކަށް އެހާދުރަށް ދިއުމުން މަންމަގެ މަތިން ވަރަށް ހަނދާންވެއެވެ. ސަމީރާވެސް ޝާމިންގެ ހަނދާންވާވަރުން އިރުއިރުކޮޅުން ގުޅާފައި ހާލުބަލާލެވެއެވެ. ސަމީރާއާ ނުލައި ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް ޝާމިންވެސް މަޑުމަޑުން ހަމަޔަކަށް އެޅުނެވެ. އިތުރު އެހެން ގޮތެއް ނެތުމުން މިހާރު އޭނާގެ ހުރިހާކަމެއް ކޮށްދީހަދަނީ ޝެލީންއެވެ. އެކަމުން ޝާމިންގެ ހިތަށް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބެމުން ދިޔައެވެ.

ދުރުގައި ހުރުމުން ކުރިޔަށްވުރެ ބޮޑަށް ސަމީރާގެ ހިތް ޝެލީންއާ މެދު ބިރުވެރިކަމުން ފުރެމުން ދިޔައެވެ. އޭނާ ނެތުމުގެ ނާޖާއިޒް ފައިދާ ޝެލީން ނުނަގާނެ ބާއޭ އޭނާގެ ހިތަށް އަރަމުން ދެއެވެ. އޭނާގެ ހަޔާތުން ޝެލީންގެ ނަން ފުހެލާނެ ގޮތަކާމެދު ރެޔާދުވާލު އޭނާ ވިސްނަމުން ދިޔައެވެ. އެތައް ގޮތަކަށް ވިސްނައިގެން އޭނާއަށް އައި ޚިޔާލަކީ ޝެލީން މީހަކާ ކައިވެނި ކުރުވުމެވެ. އެއަށްވުރެ މޮޅުގޮތެއް ނެތެވެ. ޝެލީންއަކީ އަދިވެސް ބަލާލަން ރީތި ޒުވާން އަންހެނެކެވެ. ހަމައެކަނި އޭނަ ބަލާލާފައިވެސް އިންނާނެ މީހުން ވާނެއެވެ. ނަމަވެސް އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ހިތުން ރުހުމުން ޝެލީން ދުވަހަކުވެސް ކައިވެނި ކުރާނެ ކަމެއް ނޭނގެއެވެ. ޝާމިން ކުޑައިރުވެސް ޝެލީންގެ ކައިވެނި ކުރުވަން ސަމީރާ މަސައްކަތް ކުރިއެވެ. އެތައް ނަސޭހަތެއް ދިނެވެ. އިންޒާރުވެސް ދިނެވެ. ނަމަވެސް ޝެލީން ހުރީ އޭނާގެ ގޮތުގައެވެ.

ދެން އޮތީ އެންމެ ގޮތެކެވެ. ކައިވެނިކުރަން މަޖުބޫރުވާވަރުގެ މަޅިއެއް ޝެލީންގެ ކަރަށް ވައްޓާލުމެވެ. އޭރުން ކިތަންމެ ހިތް ނޭދުނަސް ޖެހޭނީ ކައިވެނި ކުރާށެވެ. ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭނާއަށް އައި މޮޅު ޚިޔާލުންނެވެ. އަވަސް އަވަހަށް ފޯނުނަގައި ނަމްބަރު ތަކަކަށް ފިތާލިއެވެ.

“ހެލޯ ރިފް…ކިހިނެއްތަ؟” ސަމީރާ ވަރަށް ތުއި އަޑަކުން ވާހަކަ ދައްކަން ފެށިއެވެ.

” ހައި މަގޭ ދޫނިގަނޑާ…ކޮންތާކު ތިއުޅެނީ….ހާދަ ދުވަހަކަށްފަހުއޭ ތިގުޅާލީ…..ހަމަ މިސްވީތަ ނޫނީ ބޮޑުކަމެއްލައިގަތީތަ…”  ސަމީރާގެ ކަންފަތުގައި ޖެހުނު ބަސްތަކުން އޭނާގެ ގާތަށް ހިނިއައެވެ.

” އާނ! މިސްވީމަތާ ގުޅާނީ……އަސްލު ވަރަށް ބޮޑު ކަމަކު ރިފްޝާންއަށް މިގުޅީ……ހީކޮށްލާ ކުޑަވަރެއްގެ ޑީލްއެއް ހަދާލާށޭ…….މިކަމުގަ ރިފޫއަށްވުރެ ޤާބިލް މީހަކު ހުންނާނެހެން ހީނުވާތީ ހަމަ މިގުޅީ..” ސަމީރާވެސް ވަރަށް ގަޔާވެގެން ރިފްޝާންއާ ވާހަކަ ދެއްކިއެވެ.

” އެނގެޔޭ މަށަށް އޭރުވެސް ކަމަކު ޖެހުނީމަ ނޫނީ ނުގުޅާނެކަން….އަނެއްކާ ކިހާވަރެއްގެ މަޅިއެއް މަބޮލަށް ފައްތަންތަ ތިއުޅެނީ…..ބިރުވެސް ގަނެއްޖެ މިހާރު…” ހެވިފައި ސަމާސާ ރާގަކަށް ރިފްޝާން ބުންޏެވެ.

” ހަމަގައިމުވެސް ރިފޫއަކަށް ގެއްލުމެއް ނުވާނެ…..މަބުނާގޮތަކަށް ކަންތައް ކޮށްދޭންވީ……ބަދަލުގަ ރުފިޔާ ބޭނުންނަމަ ރުފިޔާވެސް ލިބޭނެ…..ދެން އެހެން އެއްޗެއް ބޭނުންވިޔަސް ލިބޭނެކަން ޔަގީނެއްނު!..” ހަމަޖެހިލާފައި ސަމީރާ ރިފްޝާން އަށް ޔަގީންކަން ދިނެވެ.

ސަމީރާ އޭނާ ބޭނުންވާ ގޮތް ވަރަށް ތަފްސީލްކޮށް ރިފްޝާންއަށް ކިޔައިދިނެވެ. ސަމީރާގެ ވާހަކަތައް ކަނުލާ އަޑުއެހުމަށްފަހު ރިފްޝާން އެކަމާއި އެއްބަސްވިއެވެ. ސަމީރާ ބޭނުންވާގޮތަށް ކަންތައްވާނެކަމުގެ ޔަގީންކަން ދީފައި ރިފްޝާން  ފޯން ބޭއްވިއެވެ. ސަމީރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސަމީރާ ބުނެފި ކޮންމެކަމެއް ރިފްޝާން ކޮށްދޭނެކަން އޭނާއަށް އެނގެއެވެ. ޒަމާނުއްސުރެ އެދެމީހުންގެ މެދުގައި އޮންނަނީ ވަރުގަދަ ސިއްރުވެރި ގުޅުމެކެވެ.

އެނދުގައި ހަމަޖެހިލުމަށްފަހު ރިފްޝާން ސަމީރާގެ ވާހަކަ ތަކާމެދު ވިސްނާލިއެވެ. ޝެލީންއާ ބެހޭގޮތުން ސަމީރާ ދެއްކިވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ޝެލީން ފެނުނު ދުވަހުވެސް ރިފްޝާން ޝެލީންއަށް ހިތްކިއެވެ. އެއީ މީގެ އަހަރުތަކެއް ކުރިންނެވެ. ޝެލީން ނޫނީ އޭނާ ހިތްކީ ކޮންމެ އަންހެން ކުއްޖަކުވެސް އޭނާ ހާސިލް ކުރިއެވެ. ނަމަވެސް ސަމީރާއާ އޮންނަ ގުޅުން ކެނޑެން ބޭނުން ނުވާތީ އެކަން އޭނާ ހަނދާން ނައްތާލީއެވެ. އުމުރުން ސާޅީހުން މައްޗަށް ދިޔައިރުވެސް ރިފްޝާން އުޅެމުންދަނީ، ފަހަރަކު މަލަކުން ފޮނިބޮމުންދާ މާބުރެކޭ އެއްފަދައިންނެވެ. ކައިވެންޏަކީ އޭނާއަށް މުހިއްމު އެއްޗެއް ނޫނެވެ.

އޭނާއަކީ ދުނިޔޭގެ މަޖަލާއި އުފަލަށް ގޮސް ގެއްލިހަލާކުވެފައިވާ އިންސާނުންގެ ތެރެއިން އެކެކެވެ. އެއީ ފަހުން ދުވަހެއް އޮތްކަން ދަނެގެން އުޅޭމީހެއް ނޫނެވެ. ފައިސާދޭން ބުނެފިނަމަ ނުކުރާނެ ނުބައިކަމެއްވެސް ދުނިޔޭގައި އޮންނާނެހެނެއް ހިޔެއް ނުވެއެވެ. މަސްތުވާތަކެއްޗާއި މާރާމާރީއަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައެވެ. ގުޅިގެން އުޅެނީ މާލޭގެ މަޝްހޫރު ގުރޫޕްކާއެވެ. މިހެން މިކަން އޮތްއިރު މިލިބުނު ރަނުގެ ފުރުސަތު އޭނާއަށް ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ރަނގަޅު ފުރުސަތެއް މިލިބުނީ ދުވަސްތަކަކަށް ފަހުއެވެ.

ޝެލީން އާދައިގެމަތިން ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައިރު އޭނާއާ ދެކޮޅަށް ބަޔަކު ކަމެއް ރާވާކަމެއްވެސް އޭނާ ނުދެނަ ހުއްޓެވެ. އޭނާގެ އަތްމަތި އަވަސްކުރަމުން ދިޔައީ ޝިޔާޒް މެންދުރަށް ގެޔަށް އަންނަންވާއިރަށް ކާންތައްޔާރު ކުރުމަށެވެ. ކޮންމެ ދުވަހަކު ވެސް ކާން ތައްޔާރު ކުރުމަށްފަހު ޝިޔާޒް އަންނަން ވާއިރަށް އޭނާ ކޮޓަރިއަށް ދެއެވެ. ސަމީރާ ނެތްނަމަވެސް އޭނާގެ ހަރުކަށި އިންޒާރުތައް ޝެލީންގެ ކަތްފަތުގައި މިހާރުވެސް ގުގުމަމުން ދެއެވެ. ޚުދު އޭނަވެސް ޝިޔާޒްއާ ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ.

މޭޒުމަތީގައި ތަށިތައް އަތުރާލުމަށްފަހު ޝެލީން ކާކޮޓަރިން ނުކުތުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ޝެލީންއަށް ހުއްޓެވުނީ ދޮރުމަތީގައި އޭނައަށް ބަލަހައްޓައިގެން ހުރި ޝިޔާޒް ފެނުމުންނެވެ. ހީވިގޮތެކޭ ހިތައި ދެފަހަރަކު އެސްފިޔަވެސް ޖަހާލެވުނެވެ. މިއީ އާންމުގޮތެއްގައި ޝިޔާޒް އަންނަގަޑިއަކަށް ނުވާތީ ޝިޔާޒް ފެނިފައި ޝެލީންގެ ހިތްތެޅިގެން ދިޔައެވެ. ޝެލީން އެހުރިގޮތަށް ގުޑާލަންވެސް ނުކެރިފައި ހުއްޓައި ޝިޔާޒް މަޑުމަޑުން އޭނާއާ ދިމާއަށް އައެވެ. ބޭއިޚްތިޔާރުގައި ޝެލީންއަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ނަމަވެސް ކައިރީގައި ހުރި އައިސް އަލަމާރީގައި ޖެހުމުން އޭނާއަށް ހުއްޓެން މަޖުބޫރުވިއެވެ. ޝިޔާޒް އައިގޮތަށް އައިސް ޝެލީންގެ ކުރިމަތީގައި ހުއްޓުނެވެ.

” ފިނިފެންފުޅިއެއް ލިބިދާނެތަ؟” ޝެލީންހުރިގޮތްފެނި ޝިޔާޒްގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ފޮރުވަމުން ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ. ޝެލީން އަވަސް އަވަހަށް އަލަމާރިއާ ދިމާއަށް އެނބުރިފައި ފެންފުޅިއެއް ނެގިއެވެ. އަދި ޝިޔާޒްއާ ދިމާބަލާވެސް ނުލާ ހުރިގޮތަށްހުރެފައި ފެންފުޅި ދިއްކޮށްލިއެވެ. ޝިޔާޒް ފެންފުޅީގައި ހިފުމާއެކީ އަވަހަށް ޝެލީން ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. ނަމަވެސް ޝިޔާޒް ހުޝިޔާރުކަމާއެކީ ޝެލީންގެ އަތުގައި ހިފިއެވެ.

” މަޑުކޮށްބަލަ ޝެލީން……އަހަރެންބޭނުން ވާހަކަ ދައްކާލަން……ޕްލީޒް!” އާދޭހުގެ ރާގެއްގައި ޝިޔާޒް ބުނެލިއެވެ.

” ޝިޔާޒް އަހަރެންނާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ…..ދޫކުރޭ އަހަރެންގެ އަތުން…” އަމުރުވެރިކަމާއެކީ ޝެލީން އެހެންބުނި ނަމަވެސް ޝިޔާޒް އެހައި ގާތުގައި ހުރުމުން ޝެލީންގެ  ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.

” ޝެލީން ހެޔޮނުވާނެ…އެންމެ ފަހަރަކުވެސް އަހަރެން ދައްކާވާހަކަ އަޑުއަހާބަލަ!…..އަހަރެންގެ ހިތުގެ އާދޭސް އަޑުއަހާބަލަ! އަހަރެންނަކީވެސް އިންސާނެކޭ…..އިންސާނުންނަކަށް ނޫންތަ ކުށްކުރެވެނީ!…..ޝެލީން ދުވަހަކުވެސް އަހަރެންނަށް މާފްނުކުރާނީތަ؟…..އަހަރެން މަރުވެގެން ދާންވީވެސް ޝެލީންގެ މާފުނުލިބި މިގޮތަށް ތެޅިތެޅި ހުއްޓާތަ؟……ކިހާދުވަހެއް މިވީ މިގޮތަށް އާދޭސް ކުރާތާ….ތިހިތުގަ ހަމަ ކުޑަކޮށްވެސް ރަހުމެއް ނެތީތަ އަހަރެންނާމެދު…….ހެޔޮނުވާނެ ހަމަ އެންމެ ފަހަރަކުވެސް ބުނެބަލަ އަހަރެންނަށް މާފްކޮށްފީމޭ!…އާދޭސްކުރަން..” ޝިޔާޒްގެ ވާހަކަތައް މެދުކަނޑާލީ  އޭނާގެ އަޑުބެދިގެން ވާހަކަ ދައްކަން އުނދަގޫވުމުންނެވެ. އޭރު ޝެލީންގެ ލޮލުންވެސް ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތައް ކަރުނައިގެ ސިފައިގައި ޝިޔާޒްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ.

” އަހަރެން ބޭނުމެއްނޫން ޝިޔާޒްއާ ވާހަކަ ދައްކާކަށް…..އަހަރެން ދޫކޮށްލާ…..ހެޔޮނުވާނެ….” ރޮމުން ރޮމުން ޝިޔާޒްގެ އަތުން އޭނާގެ އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ.

” އަހަރެންނަށް އެނގޭ ދުވަހަކުވެސް ޝެލީންގެ ހިތުގަ އަހަރެންނަށް ޖާގައެއް ނުދެވޭނެކަން……އަދި ދުވަހަކުވެސް އަހަރެންނަށް މާފްނުކުރާނެކަންވެސް……އެކަމުވެސް އަހަރެން އުމުރަށްވެސް މާފަށް އެދޭނަން…..މަރުވަންދެންވެސް މާފަށް އެދޭނަން..” ޝިޔާޒް އަސަރުން ފުރިފައިވާ އަޑަކުން ވާހަކަ ދައްކަމުންދިޔައިރު ޝެލީންގެ ހިތްވިރެމުން ދިޔައެވެ. ކިތަންމެ ގަދަކޮށްފައި ހުއްޓަސް އެހިތަށް އަސަރުކުރަމުން ދިޔައެވެ. ޝިޔާޒް ޝެލީންގެ އަތުން ދޫކޮށްލުމަށްފަހު ބާރުބާރަށް ކާކޮޓަރިން ނުކުމެގެން ދިޔައިރު ކާކޮޓަރިން ބޭރު ފާރުގައި ލައްވެގެން ހުރި ޝާމިންއެއް އޭނާއަކަށް ނުފެނެއެވެ. ޝެލީންއާއި ޝިޔާޒްގެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަޑުއެހިކަމެއް އެތަނުން އެކަކުވެސް ނުދެނެ ހުއްޓެވެ.

ޝިޔާޒް ދިއުމުން ޝެލީންއަށް ހުރިދިމާއަށް ތިރިވެފައި ގިސްލަ ގިސްލާފައި ރޯންފެށުނީ ހިތަށް ކެތްނުވެގެންނެވެ. ޝާމިން ކާކޮޓަރީގެ ދޮރުމަތީ ޝެލީންއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ޝެލީންގެ ހިތާމައިން ފޯވެފައިވާ ސޫރަފެނުމުން  ޝާމިންގެ ހިތް މަޑުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ދަތްކުނޑި ވިކާލާފައި އަތްމުއްކަވާލެވުނީ ހިތައްއެރި އެއްޗަކުންނެވެ. އެއާއެކު އެންމެ ހިނދުކޮޅަކުވެސް ޝެލީން ފެންނަ ހިސާބުގައި މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ޝާމިން ކޮޓަރި ތެރެއަށް ވަނުމަށްފަހު ދަބަސް އެނދުމައްޗަށް ހޫރާލިއެވެ. ދެކޮޅަށް ހިނގަމުން އޭނާ ވިސްނަންފެށީ ދެންމެ ހިނގާދިޔަ ކަންތަކާއެވެ. ބައްޕަ އާދޭސް ކޮށްކޮށްފައި ޝެލީންގެ ކިބައިން މާފަށް އެދެންޖެހުނު ސަބަބަކާއިމެދު ހައިރާންވެފައި ހުރެ، އޭނާ ވިސްނަމުން ދިޔައެވެ. ބައްޕައާ ޝެލީންގެ އޮތީ ކޮންގުޅުމުގެއްބާއެވެ؟ މަންމަ ޝެލީން ދެކެ އެހާ ރުޅިއަންނަނީ ބައްޕައާއި ޝެލީންގެ މެދުގައި ނޭދެވޭ ގުޅުމެއް އޮތީމާ ހެއްޔެވެ؟ އާއެކެވެ. ޝެލީންއަކީ އޭނާ ހީކުރި ކަހަލަ މާތްމީހެއް ނޫނެވެ. ބައްޕައާއި ޝެލީންގެ މެދުގައި ކޮންމެވެސް ގުޅުމެއް އެބައޮތެވެ. ވީއިރު މަންމައަށް ޝެލީންދެކެ ރުޅިއައުން ހައްޤެވެ. ޝާމިންގެ ހިތުގައި ޝެލީންއާމެދު އުފެދެމުންދިޔަ ރަހުމާއި ހަމްދަރުދީވެސް އިސާހިތަކު ފޫހިކަމަށް ބަދަލުވެއްޖެއެވެ. ބައްޕައާމެދު ނުރުހުންވެވުނީ ބޭއިޚްތިޔާރުގައެވެ. އެކަމަކު ޝާމިންއަށް ނުވިސްނުނު ކަމަކީ، ބައްޕަ ޝެލީންގެ ކިބައިން އުމުރަށް މާފަށް އެދޭވަރުގެ ކަމަކަށްކުރި ކަމެވެ. އެއީ ކޮންކަމެއްކަން ހޯދަން ޝާމިން ކިތަންމެހާވެސް ބޭނުމެވެ.

ޔުނީފޯރމްގެ ގޮށްތައް ނައްޓަމުން ޝާމިން ކޮޓަރިން ނުކުތީ ފެންފޮދެއް ބޯލުމަށެވެ. ޝާމިން ކާކޮޓިއަށް ވަންނަނިކޮށް ޝެލީން ލޯފުހެމުން ކާކޮޓަރިން ނުކުތެވެ.

“ޝާމިން ކާންވީނު! ކާންހަދާފަ ހުރީ…” އަޑުގައިވާ ހިތާމައިގެ އަސަރު ފޮރުވަމުން ހިނިތުންވެލާފައި ޝެލީން ވާހަކަ ދެއްކިއެވެ. ޝާމިން ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް އެއަޑުގައިވާ ހިތާމައިގެ އަސަރުން އޭނާގެ ހިތަށް ތަދުވިއެވެ. ޝެލީން ދެރަވުމުން އޭނާވެސް ދެރަވެއެވެ.

“ނޫން… އަހަރެން ކާހިތެއްނެތް..” ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލުމަށްފަހު ޝާމިން ކާކޮޓަރިއަށް ވަނެވެ. ޝެލީންވެސް އިތުރު އެއްޗެއް ނުބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ޝެލީން އާދައިގެމަތިން އޭނާގެ ޑައިރީ ނެގުމަށްފަހު މިއަދު ހިނގާދިޔަ ހާދިސާ ހިއްސާކުރަންފެށިއެވެ. ޝާމިން ފެންފުޅި ހިފައިގެން ކޮޓަރިއަށް ދަނިކޮށް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޝެލީންގެ ކޮޓަރިތެރެއިން އިވެންފެށި މަޑު ގިސްލުމުގެ އަޑުންނެވެ. އިރުކޮޅަކު އެއަޑު އަހަން ހުރުމަށްފަހު، ޝާމިން މަޑުމަޑުން ދޮރުގެތަޅުގައި ހިފައި އަނބުރާލިއެވެ. ތަޅުނުލާ ހުރުމުގެ ސަބަބުން ފަސޭހަކަމާއެކީ ދޮރުހުޅުވިއްޖެއެވެ. ޝާމިން ކުޑަކުޑަކޮށް ދޮރުހުޅުވާލުމަށްފަހު ސިއްރު ސިއްރުން އެތެރެ ބަލާލިއެވެ. ޝެލީން އެނދުގައި ބަންޑުން އޮވެގެން ފޮތެއްގައި އެއްޗެއް ލިޔަނީއެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުއޮހުރެމުން ދިޔައެވެ. އިރުއިރުކޮޅުން އަތުގެ ނުފުށުން ކަރުނަތައް ފުހެލައެވެ. އެމަންޒަރުފެނުމުން ޝާމިންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އިރުކޮޅަކު ޝެލީންއަށް ބަލަން ހުރުމަށްފަހު ޝާމިން މަޑުމަޑުން ދޮރުލައްޕާލިއެވެ.

ޔަގީނުންވެސް ޝެލީން އެލިޔަނީ އޭނާގެ އަމިއްލަ ވާހަކައެވެ. އެއީ އޭނާގެ ޑައިރީއެވެ. ނޫންނަމަ އެވަރަށް ހިތުގައި ޖެހިގެން ރޮއެރޮއެފައި ނުލިޔާނެއެވެ. ޝާމިން ވިސްނާލިއެވެ. ޝެލީންގެ ކޮންމެވެސް މަޖުބޫރެއް ނެތްނަމަ ހިތާމަތަކެއް ހިތުގައި ފޮރުވައިގެން އެގޮތަކަށް ނޫޅޭނެއެވެ. ނަމަވެސް އޭނާ ހިތާމަކުރަނީ ކޮންކަމަކާ ހެއްޔެވެ؟ ޝެލީންގެ ހަގީގަތް ހޯދޭނެ ހަމައެކަނި ގޮތަކީ އޭނާގެ ޑައިރީއެވެ. އެޑައިރީ ހޯދާނެ ގޮތަކާމެދު ޝާމިން ވިސްނަންފެށިއެވެ. އެރޭ ނިދަން އޮތްއިރުވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައީ އެޚިޔާލުތަކެވެ.

ދުވަހަކީ ހުކުރު ދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު، ޝެލީން އަވަސްވެގަތީ މެންދުރަށް ކެއުން ތައްޔާރުކުރުމާއިގެންނެވެ. ޝާމިން ކޮޓަރިން ނުކުމެ ސިއްރި ސިއްރުން ގޮސް ކާކޮޓަރި ބަލާލިއެވެ. ޝެލީން ކަމަކަށްފަހު ކަމެއްގައި އަވަދިނެތި އުޅެމުން ދިޔައެވެ. ޝާމިން ފުރުސަތުގެ ބޭނުން ހިފައި ޝެލީންގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ސާފުކަމާއި ތަރުތީބުކަމުގެ ސަބަބުން ބުނަންނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ތަރުތީބުކަން ގެއްލިދާނެތީ އެއްޗެއްގައި އަތްލާންވެސް އޭނާހުރީ ބިރުންނެވެ. އަލަމާރި ކައިރިޔަށް ޖެހިލާފައި މަޑުމަޑުން ދޮރުފަތް ހުޅުވާލިއެވެ. ތަރުތީބުން އަތުރާލެވިފައިވާ ހެދުންތަކެއް ފިޔަވައި އިތުރު އެއްޗެއް އަލަމާރީގެ މަތީބައިން ޝާމިންއަކަށް ނުފެނުނެވެ. ދެން އޭނާ އަވަސްވެގަތީ އަލަމާރީގެ ތިރީގައިވާ ވަތްގަނޑުތައް ބެލުމަށެވެ.

މަޑުމަޑުން އަލަމާރީގެ ވަތްގަނޑު ޝާމިން ހުޅުވާލިއެވެ. އެއާއެކު އޭނާ ހައިރާންވީ އޭގައިހުރި ސާނަވީ ގުރޭޑްގެ ފޮތްތައް ފެނުމުންނެވެ. ޝެލީންއަކީ އޯލެވެލްވެސް ހަދާފައިހުރި މީހެއްތާއޭ އޭނާގެ ހިތަށްއެރިއެވެ. ޝާމިން ހޯދަންބޭނުންވި ފޮތް އެވަތްގަނޑުން ނުފެނުމުން، ވަތްގަނޑު ލައްޕާލުމަށްފަހު އަނެއް ވަތްގަނޑު ހުޅުވާލިއެވެ. ޝާމިންއަށް ލިބުނީ އަނެއްކާވެސް އިތުރު ހައިރާން ކަމެކެވެ. އޭގައިވަނީ ތުއްތުކުއްޖެއްގެ ބައެއް ސާމާނާއި އެއްކަލަ ފޮތެވެ. ފޮތްފެނުމާއެކު އޭނާގެ ހިތުގެހިނގުންވެސް އަވަސްވެގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ޝާމިން ފޮތްހިފައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ލިޔާ މޭޒުމަތީގައިހުރި ޕްރިންޓަރ އޮންކޮށްލުމަށްފަހު ފޮތް ސްކޭންކުރަންފެށިއެވެ. ފޮތް ސްކޭންވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުންވެސް ދިޔައީ ގަދަވަމުންނެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓްގެ ތެރޭގައި ފޮތް އެއްކޮށް ސްކޭންކޮށް ނިމިއްޖެއެވެ.

އަވަސް އަވަށް ފޮތްހިފައިގެން ނުކުމެ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝެލީންގެ ކޮޓަރިއަށް ޝާމިންވަނެވެ. އަދި ކުރިންވެސް ފޮތް އޮތްތާނގައި ފޮތްބޭއްވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހިންދެމިލީވަގުތު އޭނާއަށް ހުއްޓުންއެރީ ފާޚާނާގެ ދޮރުހުޅުވުނު އަޑަށެވެ. ފާޚާނާއިން ނުކުތް ޝެލީންނަށްވެސް ހައިރާންވެފައި ބަލަން ހުރެވުނީ ދުވަހަކުވެސް އެކޮޓަރިން ފެނިދާނެކަމަށް ގަބޫލުނުކުރެވޭ މީހަކު ކޮޓަރީގައި ހުއްޓާ ފެނުމުންނެވެ.

“ޝާމިން….ކިހިނެއްވީ؟” ހައިރާންވެ ކަންބޮޑުވެފައިހުރެ ޝެލީން އަހާލިއެވެ.

“މި..އެ..ހުކުރަށްދާން އެއްޗެއް އިސްތިރިކޮށްލަދޭށޭ ބުނަންވެގެން…” ދައްކާނެ އިތުރު ބަހަނާއެއް ނޭނގުމުން ޝާމިން ބުންޏެވެ.

” އިސްތިރކޮށްފަ އަލަމާރީގަ އަޅުވާފަ ހުންނާނެ!” ހައިރާންކަން އެކުލެވިފައިވާ ރާގަކަށް ޝެލީން ބުންޏެވެ.

“އެހެންތަ؟…ބަލާނުލާމިއާދެވުނީ…އޯކޭ އިނގޭ!” ޝާމިން އަވަހަށް އެކޮޓަރިން ނުކުމެގެން ދިޔައެވެ. ޝެލީންއަށް އަދިވެސް ހުރީ ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައެވެ. ޝާމިން ދުވަހަކުވެސް މީގެކުރިން އެކޮޓަރިއަށް ވަދެފައެއް ނުވެއެވެ. ދެން ހަމަ ކުއްލިއަކަށް އެވަނީ ކީއްވެގެން ބާއެވެ. ވިސްނުމެއްގައި ހުރެގެން ޝެލީން އަނެއްކާވެސް އޭނާގެ މަސައްކަތަށް އެނބުރިދިޔައެވެ.

ކޮންމެ ހުކުރުދުވަކީވެސް ޚާއްސަ ކެއުމެއް ތައްޔާރުކުރާ ދުވަހެކެވެ. އެހެންކަމުން މިއަދުވެސް ވަރަށް ރަނގަޅަށް މެންދުރަށް ކާން ތައްޔާރުކުރިއެވެ. ޝިޔާޒުއާއި ޝާމިން ހުކުރުން އަންނަން ވާއިރަށް ކާންހެދުމަށްފަހު އޭނާ ކާކޮޓަރިން ނުކުތެވެ. ގިނައިރުތަކެއް ނުވެ ޝާމިން އަތުވެއްޖެއެވެ. ނަމަވެސް ޝިޔާޒުއެއް ނާދެއެވެ. ޝާމިންވެސް ބައްޕަ އާދޭތޯ މަޑުކޮށްލައިގެން އިންދައި ބައްޕަ ގުޅާފައި އަވަހަށް ގެޔަށް ނާދެވޭނެކަމަށް ބުންޏެވެ. އެހެންކަމުން އޭނާކައިގެން ކޮޓަރިއަށް ދިޔައީ ކުޑަކޮށް އަރާމުކޮށްލުމަށެވެ.

ޝާމިންކައިގެން ދިޔަފަހުން ޝެލީން ކާކޮޓަރިއަށް ވަނެވެ. ޝިޔާޒަށް ބެހެއްޓި ތަށި ހުހަށް ހުއްޓައި ފެނުމުން އަދިވެސް ޝިޔާޒު ނާންނަނީކަން އޭނާއަށް އެނގުނެވެ. އެވަގުތު ޝެލީން ދެރަވިއެވެ. ޝިޔާޒަށް މީރުހާ އެއްޗެއް ބަލައިގެން މިއަދު އޭނާ ކެއްކިއެވެ. އިއްޔެގައި ޝިޔާޒު ދެރަކޮށްލުވުނުވަރުން މިއަދު އޭނާބޭނުންވީ ޝިޔާޒުގެ ހިތްހަމަ ޖައްސައި ދޭށެވެ. އަނގައިން ބަހެއް ނުބުނި ކަމުގައިވިޔަސް އޭނާގެ އަމަލުން ޝިޔާޒުއާމެދު ވިސްނާކަން އަންގަދޭން ބޭނުންވީއެވެ. މިގޮތަށް އޭނާއަށް ކަންތައް ކުރެވުނީ ކީއްވެގެންކަން ޚުދު އޭނާއަކަށްވެސް ނުއެނގެއެވެ. ޝެލީންއަށް ނޭނގި ނަމަވެސް އޭނާގެ ހިތުގައި ޝިޔާޒުއަށްޓަކައިވަނީ މަގާމެއް ދެވިފައެވެ. އެތައް އިރެއްވަންދެން އޭނާ ޝިޔާޒުއަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ޝިޔާޒުއެއް ނައެވެ.

ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި އެކަނިމާއެކަނި އިށީނދެލައިގެން ޝިޔާޒުއިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޝެލީންގެ މާފުހޯދަން އޭނާ މިވީހާތަނަށް ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މާފްނުދިންތާނގައި ރުހުމުގައި އޭނާއާ ދިމާ ބަލާވެސް ނުލައެވެ. އޭނާކުރާ އާދޭސް އެންމެ ފަހަރަކުވެސް އަޑުނޭހިއެވެ. ޝިޔާޒްގެ ހިތަށް އަރަމުންދިޔައެވެ. އަހަރެންނަށް ދުވަހަކުވެސް މާފްލިބުން ނެތީ ހެއްޔެވެ؟ އަހަރެންނަށް މާފްލިބުން ހައްޤުނުވަނީ ހެއްޔެވެ؟ އާއެކެވެ. އަހަރެންނަށް ކުރެވިފައިވަނީ ވަރަށްވެސް ބޮޑު ކުށެކެވެ. ފާފައެކެވެ. އެކަމަކު އަހަރެން ތައުބާވީމެވެ. މާފަށްވެސް އެދުނީމެވެ. ދެންވެސް އަހަރެންނަށް މާފްލިބުންނެތީ ހެއްޔެވެ؟ މުޅި އުމުރު ދުވަހު މިހިތާމައިގައި އުޅެންޖެހުން މިއީ، އަހަރެންނަށް ކުރެވުނު ކުށުގެ ޝަޒާ ހެއްޔެވެ؟ ދެރަކަމަކީ ޝެލީންދެކެ އިންތިހާއަށް ލޯބިވެވުނު ކަމެވެ. މިހިތުގައި މިހާބޮޑަށް ވޭންއަޅާ ސަބަބަކީ މިއީއެވެ. ޝެލީންގެ ލޯތްބާނުލައި ދިރިހުރެވުނަސް އޭނާގެ ނަފްރަތަށް އަހަރެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

ކުއްލިއަކަށް ޝިޔާޒް ސިހުނީ އޭނާގެ ފޯނުން އަސުރުނަމާދުގެ ބަންގިގޮވަން ފެށުމުންނެވެ. އޭނާ އެތާއިންނަތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ ކާންގެނައި ތަކެތިވެސް ހުރީ ހިހޫވެ ފިނިވެފައެވެ. ޝިޔާޒު ބިލުދެއްކުމަށްފަހު އެތަނުން ނުކުތީ އެއްވެސް އެއްޗެއް ނުވެސް ކައެވެ. އޭނާ އަނެއްކާވެސް މިސްރާބުޖެހީ މިސްކިތާ ދިމާއަށެވެ. ބަނޑުހައިވެފައި ހުރިނަމަވެސް ހިތުގައި ހިނގާ ގިލަނެއްގެ ސަބަބުން ހުރިހާކަމެއް އޭނާއަށްވަނީ ހަނދާންނެތިފާ ކަހަލައެވެ. ވާނީވެސް އެހެންނޫންތޯއެވެ. ލޯބިވާމީހެއްގެ ނަފްރަތަކީ ޒަހަރަކަށް ވުރެވެސް ހިތި އެއްޗެކެވެ. ނަފްސު ހަލާކުކޮށްލާފަދަ ހަތިޔާރެކެވެ.

ޝިޔާޒުގެޔަށް އައީ ހަވީރު ހަތަރެއްވެސް ޖެހިފަހުންނެވެ. ޝިޔާޒުގެ އިންތިޒާރުގައި ހިތްނުތަނަވަސްވެފައިވާހާލު ސިޓިންރޫމުގައި ހިނގާލަ ހިނގާލާހުރި ޝެލީންއަށް ޝިޔާޒު ފެނުމުން ހުއްޓެވުނެވެ. އަދި ޝިޔާޒުއާ ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ޝިޔާޒް އަޅާވެސްނުލާ އެދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޝިޔާޒުގެ އަޅާލުން ކުޑަކަން ފެނިފައި ޝެލީންގެ ހިތަށް އިތުރަށް ތަދުވިއެވެ. ނަމަވެސް ރޭގަނޑުގެ ކެއުމަށް ޝިޔާޒު ނުކުންނާނެ ކަމުގެ އުއްމީދުގައި ޝެލީން ހިތްހަމަ ޖައްސާލިއެވެ.

ރޭގަނޑުގެ އަށެއްޖެހިއިރު ޝެލީންހުރީ ކާން ތައްޔާރުކޮށްގެން ޝިޔާޒުގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާ ހީކުރިގޮތާއި ޚިލާފަށް ރޭނގަޑުގެ ކެއުމުގައިވެސް ޝިޔާޒް ބައިވެރިއެއް ނުވިއެވެ.

” ބައްޕަ ކާން ނާންނަނީތަ؟” ޝާމިން ކާކޮޓަރިއަށް ވަދެފައި ޝިޔާޒް ފެންނަން ނެތުމުން ޝެލީންއާ ސުވާލުކޮށްލިއެވެ. އެއާއެކު ޝެލީންގެ މޫނު އިތުރަށް މިލައިގެން ދިޔައެވެ. އިސްޖަހާލައިގެން ހުރެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެ ޝާމިންއަށް ޖަވާބު ދިނެވެ. ޝާމިން ވަރަށް ރަނގަޅަށް ޝެލީންގެ މޫނަށް ބަލާލިއެވެ. ޝެލީންހުރީ ބައްޕަ ކާން ނައުމުން ދެރަވެފައިކަން އޭނާއަށް އެނގުނެވެ. ކައިނިމިގެން ބައްޕަގެ ކޮޓަރިއަށް ޝާމިން ދިޔައީ ބައްޕަގެ ހާލު ބަލާލާށެވެ.

“ބައްޕަ ބަލީތަ؟” އެނދުގައި އުޑުތިލަމަތިން އޮށޯވެލައިގެން ފުންވިސްނުމަކަށް ގެއްލިފައިއޮތް ޝިޔާޒްގެ ގާތަށް ހުއްޓި މަޑުމައިތިރި ކަމާއެކީގައި ޝާމިން އަހާލިއެވެ. ޝިޔާޒް ސިހިފައި ތެދުވެ ހަމަޖެހިލިއެވެ.

” ބައްޕަ ކުޑަކޮށް ބޮލުގަ ރިއްސާތީ ޖައްސާލީ…..ހީވަނީ ނިދާލީމަ ރަނގަޅުވާނެހެން….” ލޯތްބާއެކު ޝާމިންއަށް ބަލާލާފައި ޝިޔާޒް ހިނިތުންވެލިއެވެ. ނަމަވެސް ބައްޕަގެ ދެލޮލުން ފެންނަންހުރި ހިތާމައިގެ އަސަރު ޝާމިންއަކަށް ސިއްރެއް ނުވިއެވެ. ބައްޕަ ހިތާމަކުރަނީ ޝެލީންގެ ސަބަބުންކަން އެނގޭތީ ބައްޕައާއި އެއްވެސް ސުވާލެއް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު މިރޭ އޭނާއަށް ލިބޭނޭކަން ޔަގީނެވެ. ޝާމިންވެސް ހިނިތުންވެހުރެ އެކޮޓަރިން ނުކުތެވެ.

ޝިޔާޒު ނުކެއުމުން ޝެލީންއަކަށްވެސް ކެވޭގޮތެއް ނުވިއެވެ. ހިތްވަރުކޮށްފައި ކުރި މަސައްކަތްވީ ބޭކާރެވެ. އޭނާއަށް މިވަނީ ކީއް ހެއްޔެވެ؟ ޝިޔާޒްއަށްޓަކައި އޭނާގެ ހިތުގައި މިއުފެދެނީ ކޮންކަހަލަ ޖަޒުބާތުތަކެއް ހެއްޔެވެ؟ ޝިޔާޒް ދެރަވުމުން އޭނާގެ ހިތަށްތަދުވަނީ ކީއްވެގެން ހެއްޔެވެ؟ ޝިޔާޒްއަށްޓަކައި އޭނާގެ ހިތުގައި އުފެދެންޖެހޭނީ ހަމައެކަނި އެންމެ ޖަޒްބާތެކެވެ. އެއީ ނަފްރަތެވެ. އެނޫން ދެވަނަ ޖަޒްބާތެއް އުފެދިގެން ނުވާނެއެވެ. ޝިޔާޒްއަށް ހައްޤުވާނީ ހަމައެކަނި އޭނާގެ ނަފްރަތެވެ. ނަމަވެސް އޭނާގެ ހިތް އޭނާގެ ޒަމީރާ އެއްބަހެއް ނުވެއެވެ. އެހިތް ދުވަހެއް ދުވަހަކަށް ޝިޔާޒުގެ މައްޗައް ލެނބެމުންދަނީއެވެ. ވިސްނަން ބޭނުން ނުވިޔަސް ޝިޔާޒުއާމެދު ވިސްނެނީއެވެ. ޝިޔާޒުގެ ހިތާމަވެރި އާދޭސްތަކުން އެހިތް ޒަޚަމްވަނީއެވެ. އިތުރަށް ކެތްކުރަން އުނދަގޫވަނީއެވެ.

ކާމޭޒުމަތީގައިހުރި ތަށިތައް ނެގުމަށްފަހު ޝެލީން ކޮޓަރިއަށް ދިޔައެވެ. ހެދުން ބަދަލުކޮށްލުމަށްފަހު އެނދުގައި އޮށޯވެ ލޯމަރާލިއެވެ. އެއާއެކު އޭނާއަށް ސިފަވަމުންދިޔައީ ޝިޔާޒްގެ ހިތާމަވެރި މޫނެވެ. މާފަށްއެދި ކުރަމުންދިޔަ އާދޭހެވެ. ޝެލީން ދެލޯމަރާ ބާރުކޮށްލިއެވެ. އެވަގުތު އެބޯ އެސްފިޔަތަކުގެ ތެރެއިން ކަރުނަތަށް ފުރޭނިގެން ކޯތާފަތް މައްޗައް ބަންޑުންވިއެވެ. އެގޮތުގައި ކަރުނައިގެ ކަނޑެއްގައި ޣަރަޤުވަމުން ދަނިކޮށް އޭނާއަށް ނިދިއްޖެއެވެ.

ގޭތެރެ ހަމަހިމޭންވުމުން ޝާމިން މަޑުމަޑުން ތެދުވިއެވެ. ލިޔާމޭޒުގެ ވަތްގަނޑު ހުޅުވާލުމަށްފަހު މިއަދު ސްކޭންކުރި ޝެލީންގެ ޑައިރީގެ ގަނޑުތައް ނަގައިގެން އައިސް އެނދުގައި އިށީނދެ ހަމަޖެހިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ބީރައްޓެހިޔާ 10

Next

ޢަޞްރު (ތިންވަނަ ބައި)

Next
November 21, 2016

ޢަޞްރު (ތިންވަނަ ބައި)

Previews
November 21, 2016

ބީރައްޓެހިޔާ 10

12 Comments!

  1. Herrr says:
    November 21, 2016 at 9:39 am

    Nice… mi part vex

  2. Herrr says:
    November 21, 2016 at 9:40 am

    Me first. Yeah

  3. ♡Sam♡ says:
    November 21, 2016 at 9:48 am

    I can’t wait to read the dairy of shelyn .anyways this is a beautiful story ???

  4. Thaathi says:
    November 21, 2016 at 10:00 am

    Alhe haadha kiyaa hithun indhaey enimuny

  5. Maree says:
    November 21, 2016 at 10:02 am

    vvv reethi

  6. Naadhi says:
    November 21, 2016 at 11:28 am

    Nice

  7. mixoo says:
    November 21, 2016 at 1:52 pm

    varah reethi vaahaka eh mee..

  8. Xeeee says:
    November 21, 2016 at 1:59 pm

    Miee kurin genessa in story ekeynun pls konme dhuhuku up kohdhyba v kiyaahiyvey kurin nukiyan mivaahakaeh ehenve hama new story akah xeeee ah vany v intresting story mivaahaka ehkonn kiyaalan libeyne gothey neytha

  9. Navya says:
    November 21, 2016 at 6:22 pm

    V salhi

  10. Thaany says:
    November 21, 2016 at 7:21 pm

    V reeethi

  11. crazy says:
    November 21, 2016 at 8:37 pm

    Varah reethi mi story adhi .varah inthizaar kurevey .

  12. maee says:
    November 22, 2016 at 7:25 pm

    i read this story……..varah reethi story eh mee..im reading it again

Comments are closed.

Next Episodeޝެލީން 3←


All Right Reserved!