Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލީމިންހޯ 3

Shine
October 27, 2016
8 Mins Read
54 Views
19 Comments

އެންމެންގެ މެދުގައި ހުއްޓިލައިގެން އޮޓޮގުރާފް ލިޔެދޭންހުރި ޒުވާނާއަށް އަހަރެން ބަލާލީމެވެ. އެއީ އަހަރެން ދަންނަމޫނެކެވެ. ލީމިންހޯއެކީ “ބޯއީޒް އޯވަރ ފުލާވާރ” ގައި މަސައްކަތް ކޮށްފައިވާ ކިމް ޔޫން ޖޫންގް އެވެ. އެރީތި ހިތްހައިމު ހިނިތުންވުން މީހުނަށް ހަދިޔާކުރަމުން އޮޓޯގްރާފް ލިޔަމުން ދިޔައެވެ. އެތައް ބަޔަކަށް އޮޓޯގްރާފް ދިނުމަށްފަހު، ޓާ ޓާކިޔަމުން އޭނާ ސިޑިން މައްޗަށް ދިޔައިރުވެސް ގުޑާލަން ނޭގިފައި އަހަރެންނަށް ހުރެވުނީއެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ވެގެން އެދިމާއަށް ދުއްވައިގަތީމެވެ. ގާޑުންތައް ހުޝިޔާރުކަމާއެކީ އަހަރެން ހިފެހެއްޓިއެވެ. އަހަރެންގެ ގައިގާ ހިފެހެއްޓިމީހާގެ ކަންފަތް ފަޅައިގެން ދާހާ ބާރަށް ތޫލިއަޑަކުން ހަޅޭއްލަވައިގަތުމާއެކު ބޭއިޚްތިޔާރުގައި އޭނާއަށް އަހަރެންގެ ގައިން ދޫކޮށްލެވުނެވެ. ތަންވަޅުބަލާފައި އަހަރެން ސިޑިއާދިމާއަށް ދުއްވައިގަތީމެވެ. ކިމްގެ ގާތުގައިހުރި ގާޑު އަހަރެން ހިފަހައްޓަން އުޅުނުނެވެ. އަހަރެންގެ ހަލުވިކަމުން އޭނާއަށް އަހަރެން އަތުވާގޮތެއް ނުވިއެވެ. އަހަރެން ސިޑިން އަރައިގެން މައްޗަށް ދުއްވައިގަތީ ކިމް ޔޫން ޖޫންގް އަށްވެސް ބެލުމެއްނެތިއެވެ. އޭނާ ހައިރާންވެފައި އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން އެހާބާރަށް ސިޑިންއެރީ ކިމްއަށްވުރެ ކުރިން ސިޑިންއަރައިގެންދިޔަ ޒުވާނާއަކީ ލީމިންހޯކަމުގައި ހީކޮށްފައެވެ. އެދިޔަބާރުމިނުގައި ގޮސް އެމީހާގެ ކޮނޑުގައިހިފައި އަހަރެންނާދިމާއަށް އަނބުރާލީމެވެ. ސިހުނުވަރުން ދެލޯބޮޑުވެފައި އަހަރެންނާދިމާ ބަލަން އޭނާ ހުއްޓެވެ. އެއީ އެޝޮޕިން މޯލްގެ ސްޓާފެކެވެ.

އަހަރެން ސޮރީއޭބުނެ އޭނާގެ ކޮނޑުގައި ޖަހާލާފައި ދާންހިނގައިގަތްއިރު ކިމްހުރީ އަހަރެންނާ ދިމާބަލައިގެން ހިނިތުންވެފައެވެ. އޭނާގެ ގާޑުންވެސް ދެފަރާތުގައި ތިއްބެއެވެ. އަހަރެން ކިމްއަށްވެސް ސޮރީއޭބުނެ ދާން ހިގައިގަތީމެވެ. އޭނާ އަހަރެންނަށް ގޮވާލުމުން އަހަރެން ހުއްޓުނީމެވެ. އޭނާ އަހަރެންނަށް ފުންކޮށް ބަލާލިއެވެ. އަދި އަހަރެންގެ ލޯވަރަށް ރީތިކަމަށް ބުންޏެވެ. ހައިރާންވީވަރުން ބަހެއް ބުނަންވެސް ނޭނގިފައި އަހަރެންނަށް އިރުކޮޅަކު ހުރެވުނެވެ. އޭނާ ހިނިތުންވެލަމުން ދާންހިނގަތް ވަގުތު ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން، އިރުކޮޅަކު މަޑުކޮށްލަދިނުމަށް އޭނާގާތު އެދުނީމެވެ. އޭނާ ހިނިތުންވެފައި ހުއްޓެވެ. އަހަރެންގެ ދަބަހުން ނޯޓުފޮތެއް ނެގުމަށްފަހު އަހަރެންގެ މާލޭ އެޑުރެހާއި މާލޭގައި ބޭނުންކުރާ ނަމްބަރާއި މިހާރު ގެންގުޅޭ ފޯން ނަމްބަރު ލިޔެލީމެވެ. އަދި ލީމިންހޯއަށް މެސެޖެއް ލިޔެލީމެވެ. އަހަރެން އޭނަދެކެ ލޯބިވާވަރާއި އޭނާހޯދަންކުރި މަސައްކަތެވެ. ލީމިންހޯއާ ދިމާވިދުވަހަކުން ނޯޓް ދިނުމަށް ކިމްގާތު އެދުނީމެވެ. ކިމް އެއަށް ބަލާލާފައި ހައިރާންވެގެން އަހަރެންގެ މޫނަށްބަލާލިއެވެ. ޝުކުރު އަދާކުރުމަށްފަހު ހިނިތުންވެލަމުން އަހަރެން ދާންހިނގައިގަތީމެވެ. ހަމަގައިމުވެސް އެއީ ކިމްގެ ހިތުގައި ލީމިންހޯއަށް ހަސަދަވެރިކަން އުފެދޭނެ ވަގުތުކޮޅެކެވެ. އަންހެން ކުއްޖަކު އެހާވަރަށް ލީމިންހޯ ދެކެ ލޯބިވީތީއެވެ.

ހޮޓަލުން ދަބަސްތައްހިފައިގެން އަހަރެން ނުކުތީދާނެ ވަކިމިސްރާބެއް އެނގޭތީއެއް ނޫނެވެ. އެނޫން އެހެންގޮތެއް ނެތީތީއެވެ. އަތްމަތި ހުސްވެ ހާލުގައި ޖެހިދާނެހެން ހީވުމުންނެވެ. ނަމަވެސް ހިތުގައި އޮތްއުއްމީދު މިހާރުވަނީ ކުރިޔަށްވުރެވެސް ބޮޑުވެފައެވެ. އަހަރެން ފޯރުކޮށްދޭން ބޭނުންވާ މެސެޖް ލީމިންހޯއަށް ވަރަށް އަވަހަށް ލިބޭނެކަން ޔަގީންވާތީއެވެ. އެމެސެޖު ކިޔާފައި ހަމަ އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ބައްދަލުކުރަން އަންނާނެކަމުގައި ހިތްބުނާތީއެވެ. ދަބަސްތައް ހިފައިގެން ގޮސް ބަސްސްޓޮޕެއްގައި މަޑުކޮށްލައިގެން އިނީ ދެންދާނެތަނަކާމެދު ވިސްނާށެވެ. އެހެން އިންދައި ކުއްލިއަކަށް ވާރޭވެހެން ފެށިއެވެ. އަހަރެން ބަހުގެ ޝެޑިއުލް ބަލާލިއިރު އަދި ފަނަރަ ވަރަކަށް މިނެޓް އެބައޮތެވެ. ވާރޭބޯކުރަން ފެށުމުން ފިނިބޮޑުވާންފެށިއެވެ. ވާރޭން ސަލާމަތްވުމަށްޓަކައި އެތާއެތެރެއަށް ވަތް ފިރިހެން ގުރޫޕް ފެނިފައި އަހަރެންގެ ހިތްބިރުގަންނަ ގޮތްވިއެވެ. އަހަރެން އެކަނި އިންދައި ފެނުމުން އެމީހުން އަހަރެންގެ ގާތަށް އައެވެ. ކޮރެއާބަހުން ތަފާތު އެއްޗެހިތައް ކިޔަމުން ގާތްވަމުން ދިޔައެވެ. އެންމެފަހުން ގައިގާ އަތްލުމުން އަހަރެން އިންތަނުން ތެދުވީމެވެ. ދަބަސްތައް ކޮނޑުގައި އަޅުވައިގެން ވާރޭތެރެއަށް ދާން ހިނގައިގަތީމެވެ. އެތަނުން އެކަކު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން އަތްފޮޅުވާލާފައި ވާރޭތެރޭގައި ދުއްވައިގަތީމެވެ. އެމީހުންވެސް އަހަރެންގެ ފަހަތުން ދުއްވައިގަތެވެ. ބަޑުހައިކަންމަތީހުރެ އެހާބާރަށް ދުވަމުން ދިއުމުން އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. ބަރުދަބަސްތަކާއެކު އަރިވަރުން މަގުމެދުން ދަނިކޮށް އަހަރެންނަށް އެރުނީ ދުއްވާފައި އައި ކާރެއްގެ ކުރިމައްޗަށެވެ. ކާރުގައިޖެހިފައި އަހަރެން ވެއްޓުނުގޮތަށް  އަނބުރައިގެން ދިޔައެވެ.

އިރުކޮޅެއްފަހުން އަހަރެންނަށް ލޯހުޅުވާލެވުނުއިރު އިނީ ކާރެއްގެ ތެރޭގައެވެ.  ބިރުންއިނދެ ކާރުދުއްވަން އިންމީހާގެ މޫނަށް ބަލާލެވެނެވެ.

” ކަލޭތަ؟.” ހައިރާންވީވަރުން އެހެން އަހާލެވުނީވެސް ތަންކޮޅެއްބާރަށެވެ.

” އާނ…އަހަރެން…ކިހިނެއްވީ؟” އޭނާވެސް ހަމައެހަރުކަށި ރާގުގައި ޖަވާބުދިނެވެ.

” އޭތް ހަމަމިހާރު މަޑުކުރޭ!…ކަލޭ ކޮންތާކަށް މަގޮވައިގެން ތިދަނީ؟” އޭނަ ދާތަނެއް ނޭނގި ކުޑަކޮށްބިރުގަނެފައި އަހަރެން އަހާލީމެވެ. އޭނާ ހަމަ އަނގައިންވެސް ނުބުނެ އިނދެ ކާރުދުއްވަމުން ދިޔައެވެ. އޭނާއަށް އަހަރެން ބުނި އެއްޗެއް ނުވެސް އިވޭ ކަހަލައެވެ.

” އޭތް ކަލެޔާއޭ މަމިވާހަކަ ދައްކަނީ…ޖަވާބުދީބަލަ! ކޮންތާކަށްތަ މަގޮވައިގެން ތިދަނީ؟؟” އޭނާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ކުރިއަށްވުރެވެސް ބާރަށް އަހަރެން އެހީމެވެ. ކުއްލިއަކަށް އޭނާބުރެކި ޖެއްސިގޮތުން އަހަރެން ނުވެއްޓުނީވެސް ކިރިޔާއެވެ.

” އޯކޭ ބުނެބަލަ ކޮންތާކަށްތަ ދާންވީ؟ ދާނެތަނެއް އެބައޮތްތަ؟…ނޫނީ މިތާމަގުމައްޗަނެރެ ވާރެތެރޭގަ ބަހައްޓާފަ ދާންވީތަ؟..” އަހަރެންނާދިމާ ބަލާލާފައި އިންޒާރުދޭފަދަ ގޮތަކަށް އޭނާބުންޏެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން ދާންބޭނުންތަނެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އެކަކުވެސް އަނެކަކާ ބަހެއްނުބުނެ ހިމޭންކަމުގައި ދިގުދަތުރެއް ކުރުމަށްފަހު ކާރުމަޑުކޮށްލިއެވެ. އަހަރެން ބިއްލޫރިގަނޑުން ބޭރުބަލާލީމެވެ. ވަރަށްރީތި ފެހިކަންގަދަ ގަސްގިނަ ހިސާބެކެވެ. ސެއޯލްގެ މައި ޝަހަރާދުރުތަނެކެވެ. އޭނާ ކާރުން ފައިބައިގެން އައިސް އަހަރެން އިންފަރާތު ދޮރުހުޅުވާލަ ދިނުމުން އަހަރެންވެސް ފޭބީމެވެ. އަހަރެން ވަށައިގެން ނަޒަރު ހިންގާލީ ހައިރާންވެހުރެއެވެ. އިމާރާތްތައްމަދު އެސަރަހައްދުގައިހުރީ ދެތިން ގެއެކެވެ. އަހަރެންނަށް ހުރެވުނީ ވަށައިގެން ބިއްލޫރިޖަހައިގެން ވަރަށްރީތިކޮށް ފަރުމާކުރެވިފައިވާ ދެބުރި ގެއެއްގެ ކުރިމަތީގައެވެ. ދަނގަޑުން ވަރުގަދަ ގޭޓަކާއި ވަށާފާރު ލާފައިހުރުމުން ގޭގެ ސެކިއުރިޓީ ވަރުގަދަކަން އެނގެއެވެ. ދޮރާށިން އެތެރެއަށް ވަނުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި މުށިގަނޑުތަށުކައި ހައްދާފައި ހުރި ރީތި މާގަސްތަކެއެވެ. އެއީ ކުޑަވަރެއްގެ ބަގީޗާއެކެވެ. ކުލަކުލައިގެ ރީތިމާތައް ފޮޅިފައި ހުއްޓެވެ.

” އާދޭ އެތެރެއަށް” މަލެއްގައި އަތްޖައްސާލަން އުޅެނިކޮށް ސިހިފައި އަހަރެންނަށް ބަލާލެވުނީ އޭނާގޮވާލުމުންވެ. އޭރު އަހަރެންގެ ދަބަސްތައް ހިފައިގެން އޭނާ ގޭތެރެއަށް ވަންނަނީއެވެ. އަހަރެންވެސް އޭނާގެ ފަހަތުންވަނީއެވެ. ގޭތެރެފެނިފައި ރީތިކަމުން ސޮނިވެއްޓިފައި އަހަރެންނަށް ހުރެވުނެވެ. ކުއްލިއަކަށް ސިފަވީ ލީމިންހޯގެ ޑްރާމާއެއްގެ މަންޒަރެވެ. ލީމިންހޯގެ ޑްރާމާތަކުންވެސް ފެންނަނީ މިފަދަ ރީތިގެތަކެވެ. އަގުބޮޑު ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނެވެ. ސިޓިންރޫމުގެ އެއްބިއްގަނޑު ފުރޭހައިބޮޑު ސްކުރީންއެއް ހުއްޓެވެ. ތަރުތީބުން ފޮތްތައް އަތުރާލެވިފައިވާ ފޮތްހަރުގަނޑަކާއި ތަފާތު ވައްތަރުގެ ޓްރޮފީތަކުން ފުރާލެވިފައިހުރި ބިއްލޫރި ރެކެއްވެސް ހުއްޓެވެ. ގޭގެ ތިރީބައިގަވަނީ ސިޓިންރޫމާއި ބަދިގެޔާއި ޖިމްއެކެވެ. އަހަރެން ހައިރާންވެގެން ދިމަދިމާއަށް ބަލަމުންދަނިކޮށް އަނެއްކާވެސް އޭނާގޮވާލިއެވެ. ސިޑިމަތީގައި އަހަރެންނަށް ބަލަހައްޓައިގެން ހުރިގޮތުން އަހަރެން ޖެހިލުންވެސް ވިއެވެ. މަޑުމަޑުން ހިނގާފައި އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. މުޅިގެ އޭސީކުރެވިފައި ހުރުމުގެ ސަބަބުން އަހަރެންހުރީ ފިނިބޮޑުވެގެން ތުރުތުރުއަޅައަޅައެވެ. އަހަރެން އޭނާގެ ފަހަތުން މައްޗަށް ދިއުމުން އަހަރެންނަށް އަހަރެންގެ ކޮޓަރިދެއްކިއެވެ. ކޮޓަރީގެ ރީތިވާހަކަވެސް ހެވީ ނުދެއްކިއްޔާއެވެ. އެހާވެސް ރީއްޗެވެ. ސާފުވެފައި ތަރުތީބެވެ. އަހަރެންގެ ކޮޓަރިއާއި ޖެހިގެން ހުރީ އޭނާގެ ކޮޓަރިއެވެ. ދެންއޮތީ ޓެރެހެވެ. ޓެރަހާވީދިމާލު ބިތުގައިހުރި ދޮރުފޮތިގަނޑު ކަހާލިއިރުހުރީ ބިއްލޫރީގެ ފާރެކެވެ. ކޮޓަރިތެރޭން ޓެރެހަށް ނުކުމެވޭމޭގޮތަށް ދޮރެއްވެސް ހުއްޓެވެ. ވާރޭވެހެމުންދިޔަ ހިތްގައިމު މަންޒަރު ފެނުމުން ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

އަހަރެން ފާޚާނާއަށްވަދެ ހޫނުފެނުން ފެންވަރާލައިގެން ނުކުތީމެވެ. ބަނޑުހައިކަމާއި ލޮނޑުކަމުން ކޮޅަށް ހުންނަހާވަރުވެސް އަހަރެންގެ ގަޔަކުނެތެވެ. އަވަހަށް ހެދުމެއްލައިގެން އެނދުގައި އޮށޯތީ ވެއްޓިދާނެތީއެވެ. އެހެން އޮންނަތާ އިރުކޮޅެއްފަހުން ކޮޓަރިދޮރުގައި ޓަކިދިންއަޑުއިވުނެވެ. އަހަރެން ހިތްވަރުކޮށްފައި ތެދުވެ ބޮލުގައި ޝޯލްއޮޅާއިގެން ގޮސް ދޮރުހުޅުވީމެވެ. އެޒުވާނާ އަތުގައިހުރި ތަބަށް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެން ތުރުތުރުލާހާލު ތަބަކުގައި ހިފޭތޯއުޅުނީމެވެ. ނަމަވެސް ބޮލަށް އެނބުރުން އަރާވަރުން އަހަރެން އަރިއަޅާލިއެވެ. އެޒުވާނާ އަވަސް އަވަހަށް ކޮޓަރިއަށްވަދެ އެއްއަތުން އަހަރެންގެ ގައިގާ ހިފެހެއްޓިއެވެ. އަދި ކައިރީގައިހުރި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު އަހަރެން ގެނެސް އެނދުގައި ބާއްވާ ރަޖާއަޅައިދިނެވެ. އަހަރެންގެ ނިތްކުރީގައި އަތްޖައްސާލާފައި އަހަރެން އޮތީ ހުންއައިސްފައި ނޫންހޭ އެހިއެވެ. އޭނާ ތަބަކުގައި ގެނައި ތަށިހިފައިގެން އައިސް، އޭގައިހުރި އެއްޗެއް ސަމުސަލުން ނަގައި އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެން ތެދުވެ އެނދުފަޑީގައި ބުރަކަށި ޖައްސާލަމުން ތައްޓަށް ބަލާލީމެވެ.

” ތީކޯއްޗެއް؟” ކަންބޮޑުވެފައި އަހަރެން އަހާލީ ކޮންމެފަދަ އެއްޗެއްވެސް ކާންދީފާނެތީއެވެ.

” ރަމަޔަން….ސޫޕް..” އޭނާ ވަރަށް ކުރުގޮތަކަށް ޖަވާބުދިނެވެ. އަހަރެންގާތަށް އެވަގުތު ހިނިއައީ މިއީ އެމީހުންގެ މައިގަނޑުކެއުންބާއޭ ހިތަށް އަރާފައެވެ. އަހަރެންބެލި ކޮންމެ ސީރީޒެއްގަވެސް އެމީހުން ވަރަށް ގިނައި ރަމަޔަން ކައެވެ. އެނުކާ ސީރީޒެއް ނުވެއްބެލެއެވެ. އެއީދެން އެހާ މީރުއެއްޗެއް ހެއްޔެވެ؟ ފާޑެއްގެ ނޫޑްލުސް ސޫޕެކެވެ.

“އަން…ކައި އަމިއްލައަށް” އޭނާ ދިއްކޮށްގެން އިން ސަމްސާ ތަށިތެރެއަށް ލުމަށްފަހު އަހަރެންއަތަށް ސޫޕްތަށި ދީފައި ކުއްލިއަކަށް އޭނާ ނުކުމެގެން ހިނގައްޖެއެވެ. އަހަރެން ހައިރާންވެފައި އޭނާދިޔަދިމާ ބަލަންއިނީމެވެ. ފޮނިފިރިހެނެކެވެ. އަދި މާރަގަޅުމީހަކަށް ހެދިގެން ސޫޕްދޭން މިއުޅުނީ މަބުނެގެން ހެއްޔެވެ؟ އަހަރެންނަށް ރުޅިއައިސް އިނދެގެން ސޫޕްތަށި ހުސްކުރެވުނު ގޮތެއްވެސް ނޭނގެއެވެ. އިރުކޮޅެއްފަހުން އޭނާއައިސް އަހަރެންނަށް ކިރުތައްތަކާއި ބޭސްދީފައި ސޫޕްހުސްކުރި ތަށިހިފައިގެން ހިނގައްޖެއެވެ. ބަހަކުން ކުރެ ބަހެއްވެސް ނުބުންޏެވެ. ރުހުމުގައި މީހަކާ ވާހަކަދެއްކުމަކީވެސް މީނަޔަށް ހަރާމްކަމަކީ ހެއްޔެވެ؟

ކައިގެން ބޭސްކެއުމުން ހަށިގަނޑަށް އަރާމުވެ ނިދޭގޮތް ވެއްޖެއެވެ. ދެން އަހަރެންނަށް ހޭލެވުނީ ހަވީރުވެސް ވީފަހުންނެވެ. މިހާގިނައިރު އަހަރެންނަށް ނިދުނީ ހެއްޔެވެ؟ ގަޑިބަލާލާފައި ތެދުވެ ފެންވަރާލައިގެން ތިރިއަށް ފޭބީ ކާއެއްޗެއް ލިބޭތޯއެވެ. ތިރިޔަށް ފޭބިއިރު އޭނާ ފެންނާކަށްނެތެވެ. މަޑުމަޑުން ބަދިގެޔަށް ގޮސް ވަދެބަލާލީމެވެ. އެތާގައި ކައްކާކެވޭގޮތަށް އުނދުނާއި ތެލިތަށިވެސް ހުއްޓެވެ. އައިސް އަލަމާރިވެސް ތިނެތި ހުއްޓެވެ. އެކަތީގައިހުރީ ފެނާއި ތަފާތުވައްތަރުގެ ލުއިބުއިންތަކެވެ. ދެންހުރިއަލަމާރީގައިހުރީ ތަރުކާރީއާއި މޭވާގެ ތަފާތު ބާވަތްތަކެވެ. އެންމެފަހުން ބެލި އެތީގައިހުރީ މަހުގެ ތަފާތު ބާވަތްތަކެވެ. އިންސާނުންގެ މަސްވެސް އެތާ ނެތްކަމެއް ނޭގެއެވެ. އެފެނިފައި ހިތަށްއެރި އެއްޗަކުން ކުއްލިއަކަށް އަހަރެންގެ މޭނުބައިކުރިއެވެ. ކަބަޑުތަކުގައި ދަޅުދަޅުގައިވެސް ތަފާތު އެއްޗެހި ހުއްޓެވެ. މަތިޖަހާފައިހުރި ބާލިދީތަކެއްގައި ހަޑުލާއި ފުއްހުއްޓެވެ. ހަރުކުހުރީ ކަބަޑުތެރޭގައިހުރި ފުޅިއެއްގައެވެ. އަންހެނަކު ނޫޅޭގެޔެއްގައި މިހުރިހާ ސާމާނުހުރީތީ އަހަރެން ހައިރާންވިއެވެ. އޭނާއަށް ކައްކަންވެސް އެނގެނީތާއޭ ހިތަށްއެރިއެވެ. ކޮރެއާ ފިރިހެނުންނަކީ ހުރިހާގޮތަކުންވެސް ހުނަރުވެރި ބައެއްތާއޭ ހިތަށް އެރިއެވެ.

ބަތްކޮޅެއް ނުކާތާ ވީދުވަހެއްވެސް ނޭގެއެވެ. އެހެންކަމުން އަހަރެން މިއަދުބޭނުންވީ ބަތްކާށެވެ. އަހަރެން ހަޑޫދޮވެ، ތަރުކާރީތެޔޮކޮޅެއް އަޅައިގެން ބަތްކެއްކީމެވެ. އަދި ކުޑަލޮނުކޮޅެއްލައިގެ ތަރުކާރީކޮޅެއް ހަނާކޮށްލީމެވެ. ވަރަށް ހަމަޖެހިލައިގެން މޭޒުދޮށުގައި ކާންއިންދައި ސިޑިން އޭނާ ފައިބާއަޑު އިވުނެވެ. އަހަރެން ޖެހިލުންވިއެވެ. އަހަރެން ހީކޮށްގެންހުރީ އޭނާ ގޭގައި ނޫޅެނީކަމަށެވެ. އަހަރެން ކާންއިންތައްފެނި ހައިރާންވެފައި ބަލަން އިރުކޮޅަކު އޭނާ ހުއްޓެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ހާލުގައިޖެހި ވަންނާނެ ތަނެއްނެތިފައި ހުއްޓައި ގެޔަށް ގެނެސް ވެއްދިހައި އިރުން މިއުޅެގަތީ އަމިއްލަގޭގައި އުޅޭހެން ވިއްޔާއެވެ. މިވަރު ފުކެއްބޮޑުތާއޭ ހިތަށްއަރައި އަހަރެން ލަދުވެސްގަތެވެ. ކާންއިންތަށި ދޫކޮށްލާފައި ކޮޅަށްތެދުވެވުނީވެސް އެހެންވެއެވެ. ފުރިހަމަޔަށް ތައްޔާރުވެ ޓައީއަޅައިގެން ކޯޓްފަޓްލޫނުގައި ހުރި ޒުވާނާފެނިފައި އަހަރެންގެ ތަލިން ކުޅުހިކުނެވެ.  ލީމިންހޯ ނޫނަކަސް މިވެސް ރީތި އިންސާނެއްތާއޭ ހިތަށްއެރިއެވެ. ކޮނޑުގައި ދަބަހެއް އަޅުވާފައިއޮތުމުން އެއުޅެނީ ތަނަކަށްދާންކަން އެނގުނެވެ. މިއީ އަނެއްކާ ކޮންތާކު މަސައްކަތްކުރާ ކާކުބާއޭ ހިތަށްއެރިއެވެ. މިހާއޮފިޝަލްވެގެން މީނާ މިހުރީ ކޮންތާކަށްދާން ބާއެވެ. އޭނާ ސިޑިން ފައިބަން ހިނގައިގަތުމުން ހަމަހޭވެރިކަންވެގެން އަހަރެން ވާހަކަދައްކަން ފެށީމެވެ.

” ސޮރީ…އަހަރެން..ބަނޑުހައި..” އަހަރެން ބުނަންއުޅުނު ޖުމްލަވެސް ފުރިހަމަނުވަނީ ބާރުބާރަށް ހިނގާފައި ގޮސް އޭނާބަދިގެ ތެރެއަށްވަދެ ކޮފީގިރަން ފެށިއެވެ. އަހަރެން އެއްޗެކޭ ކީހެންވެސް އޭނާއަކަށް ހިޔެއްނުވެއެވެ. މީހަކު ދައްކާ ވާހަކަ އަޑުއެހިއްޔާ އޭނާގެ ގައިން ތަންގަނޑެއް މަދުވަނީ ހެއްޔެވެ؟ ރުޅިއައިސް ތުންއޫކޮށްގެން އިނދެ އަނެއްކާވެސް އަހަރެން ކާންފެށީމެވެ. މިހާފޮނިވާން މިދެން ތަނެއްގެ ރައީސެއް ހެއްޔެވެ؟. އަހަރެން ހިތާހިތުން ކުދިކިޔަމުން ދަނިކޮށް އޭނާކޮފީބޮއެގެން ދާން ނުކުތެވެ. އަހަރެން ބަލާލުމުން އަހަރެންނާދިމާ ބަލާވެސް ނުލާނުކުމެ ދޮރުތަޅުލިއެވެ. އަހަރެންނަށް ކަންބޮޑުވެފައި ކޮޅަށް ތެދުވެވުނެވެ. މިއަނެއްކާ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ ނުވެސް ދަންނަ ހިސާބެއްގައި ހުރިގެއެއްގައި އަހަރެން އެކަނި ބަހައްޓައި ތަޅުލާފައި މީނާ މިދަނީ ކޮންތާކަށް ބާއެވެ. އެއްވެސް އެއްޗެއް އަހަރެން ގާތު ބުނީއެއްވެސް ނޫނެވެ. އަނެއްކާ މީނަ އަހަރެން ކިޑްނެޕްކުރީކީ ނޫންބާއެވެ. ޑީލެއްހަދާފައި ބަޔަކަށް ވިއްކާލަން އުޅެނީވެސް ކަންނޭނގެއެވެ. ކަންބޮޑުވީވަރުން ކުއްލިއަކަށް އަހަރެން ކާހިތްވެސް ކެނޑުނެވެ. އަހަރެން ދުވެފައި ގޮސް ބިއްލޫރިދޮރުގައި ތަޅައިގަތީމެވެ. އޭނާ އަހަރެންނާ ދިބާބަލާލުމަށްފަހު ކާރަށްއަރައި ސްޓާޓްކޮށްލިއެވެ.

“އާއާއާހް!!” އަހަރެންނަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. ވަރުގަދަމީހެއްގެ އަތްދަށުވީތާއޭ ހިތަށްއެރިއެވެ. މަންމައާއި ބައްޕައަށް ވާނުވާއެއްވެސް އަންގާނުލާ މީނާ އަހަރެންގެ ކަންތައް ނިންމާލާނެއެވެ. އެހެން ހިތަށްއެރުމާއެކު މަޑުމަޑުން އަހަރެންނަށް ރޮވެންފެށިއެވެ. އަދި ބައްޕައަށް ގުޅާލަން ބޭނުންވިއެވެ. ނަމަވެސް މިހާދުވަސްކޮށްފައި ގުޅުމުން ރުޅިއައިސްގެން އެއްޗެހި ކިޔާނެކަން އެނގޭތީ މެއިލް ކުރަން ނިންމީމެވެ. އީމެއެއިލް ހުޅުވާލިއިރު ބައްޕަގެ ވަރަށްގިނަ މެއިލްތައްވެސް ހުއްޓެވެ. އެންމެ މެއިލްއެއްވެސް ކިޔާނުލާ އަހަރެން ބައްޕައަށް މެއިލްއެއް ލިޔެލީމެވެ. އަހަރެން ހުރީ ހެޔޮހާލުގައި ކަމާއި ވަރަށް އަވަހަށް މާލެދާނަން ކަމުގައި ބުނީމެވެ. އަހަރެންނާމެދު ކަންބޮޑު ނުވުމަށް އެދުނީމެވެ. އެހެން ބުނިއިރުވެސް އެމީހުން ކަންބޮޑުވެ ދެރަވާނެވަރު އަހަރެންނަށް ވިސްނެއެވެ. ނަމަވެސް އަހަރެންނަށް މިހާރު ޖެހިފައިހުރިހާލު އެމީހުނަށް އަންގާކަށްވެސް ބޭނުމެއްނޫނެވެ.

ގޭތެރޭގައި އެނބުރި އެނބުރި ފޫހިވެގެން އަނެއްކާވެސް ލީމިންހޯގެ ސީރީޒެއް ބަލަން ފެށީމެވެ. ނަމަވެސް މިއަދު ސީރީޒަށްވެސް ޝައުޤުވެރިވާގޮތެއްނުވިއެވެ. ވިސްނެނީ މިއުޅޭ ގޮތްނޭނގޭ ޒުވާނާއާ މެދުގައެވެ. އޭނާގެ އަތްދަށުން ސަލާމަތްވާނެ ގޮތަކާމެދުގައެވެ. އޭނާ އަހަރެން އެގެނައީ ކޮންމެވެސް އަމިއްލަ ބޭނުމަކުކަން ގައިމެވެ. ފަހަރެއްގައި އޭނާ ފެންވަރަށް ހުއްޓައި ބެލުނީތީ އެކަމުގެ އަދަބުދޭން ކަމަށްވެސް ވެދާނެއެވެ. އޭނާ އަހަރެން ރޭޕްކޮށްލައި މަރާވެސް ލައިފާނެއެވެ. ޝަހަރާދުރުގައި މިބޮޑުގޭގައި ކޮންމެކަމެއް ކުރިޔަސް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާ މިގޮތަށް ގެނައީ ކިތަން އަންހެން ކުދިންކަމެއްވެސް ނޭނގެއެވެ. އަހަރެންމީ ކޮރެއާމީހެއް ނޫންކަން އެނގޭތީ އެކަމުގެ ފައިދާނަގަނީ ކަންނޭނގެއެވެ. އަހަރެން ގޭތެރެބަލާ ފާސްކުރަންފެށީ އޭނާގެ އެއްވެސް ހަޤީގަތެއް އެނގޭތޯއެވެ. ކުއްލިއަކަށް ސިޓިންރޫމުގައިހުރި ބިއްލޫރި ރެކް މަދުކަން އަހަރެންނަށް އެނގުނެވެ. އެއީ ފާޑުފާޑުގެ ހަނދާނީލިޔުމާއި ޓްރޮފީ އަޅާފައިހުރި ރެކެކެވެ. އިއްޔެގައި އޭގަހުރި އެއްޗެއް ބަލަން އަހަރެންގެ ހިތަށް ނޭރީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު އެއީ އޭނައަށް ލިބިފައިހުރި ޓްރޮފީބާއެވެ. އެހެންވިއްޔާ އެވަރުން އެފޮރުވީ ކީއްވެބާއެވެ. މިއީ ވަރަށް ސިއްރުން އުޅޭމީހެކެވެ. އަނެއްކާ މިއީ ޖާސޫސެއްބާއެވެ. ނޫނީ ޒަމާނީ ވަގެއްބާއެވެ. މިހިރަ ރީތިގެޔާ މިމުއްސަނދި ދިރިއުޅުން އާދައިގެ މީހަކަށް ނޫޅެވޭނެވެ. ޔަގީނުންވެސް މިއީ ކޮންމެވެސް ކަހަލަ ވަގުވިޔަފާރީއެއް ކުރާމީހެކެވެ. ނޫންނަމަ މިހާ މުއްސަނދިކަމެއް ލިބޭނެބާއެވެ. ނަމަވެސް އަހަރެން މީނާގެ ހަޤީޤަތް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟

އަހަރެން ގޮތް ހުސްވުމުން ކޮޓަރިއަށްވަދެ ވުޟުކޮށްގެން ނަމާދަށް އެރީމެވެ. އަދި އަހަރެންނަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވީމެވެ. ކޮރެއާއަށް އައިފަހުން ނަމާދަކަށްއެރި މިއީ ފުރަތަމަ ފަހަރެވެ. ލީމިންހޯގެ އަވާގައިޖެހި އަހަރެންހުރީ ޣާފިލްވެފައެވެ. ހަމައެވަގުތު ނަމާދުވަގުތު އަންގައިދޭ ސޮފްޓްވެއާއެއް އެޅުމަށްފަހު ކޮރެއާގެ ނަމާދު ގަޑިތައް ބަލާލީމެވެ. އަދި އެސޮފްޓްވެއާގައިވާ ނަމާދުގަޑިތަކަށް ބަލައިގެން މެންދުރު ނަމާދާއި އަސުރުނަމާދުކޮށް ޤުރުއާން ކިޔެވީމެވެ. އެކަމުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިރުއޮއްސޭނެ ވަގުތެއްގެ އިންތިޒާރުގައި ގަޑިބަލަބަލާ އިންދައި ކާރެއްއައި އަޑުއިވިގެން ޓެރެހަށް ނުކުމެ ބޭރުބަލާލީމެވެ. ހިޓްލަރ އައީއެވެ. އޭނާ ވަދެގެން އައިއިރު ހުރީ ނުލާހިކު ހަމެޖެހިފައެވެ. އެކަނިމާއެކަނި އަންހެން ކުއްޖަކު ގެޔެއްގައި ބަންދުކޮށްފައި ދިޔައިރު އެއްޗެއް ހިތަށްވެސް ނޭރިއެވެ. އުޅެނީ ކޮންހާލެއްގައިތޯ ބަލާލަން އެންމެ ފަހަރަކުވެސް ނައެވެ. ކޮޓަރިތެރެއަށްވަދެ ދޮރުތަޅުލައިގެން އަހަރެން އޮތީ އޭނާގެ ކުރިމައްޗަށް ދާންބޭނުން ނުވާތީއެވެ.

ނަމަވެސް އިރުކޮޅެއްނުވެ އޭނާ އައިސް ދޮރުގައި ޓަކިދޭން ފެށިއެވެ. އަހަރެން ތެދުވެ ފާޚާނާއަށްވަދެ ވުލޫކޮށްގެން އައިސް ނަމާދަށް އެރީމެވެ. އޭނާ އެތައްއިރަކު ދޮރުގައި ތެޅުމުންވެސް އަހަރެން ދޮރެއް ނުހުޅުވީމެވެ. އިރުކޮޅަކުން އަޑުމަޑުވިއެވެ. އަހަރެން  ޒިކުރުތަސްބީހަކޮށް ދުޢާކުރަން ފެށީމެވެ. ކުއްލިއަކަށް އިވުނީ ކޮޓަރީގެ ތަޅުހުޅުވުނުއަޑެވެ. އަހަރެން ބަލާލިއިރު އޭނާ މާސްޓަރ ކީ ބޭނުންކޮށްގެން ދޮރުހުޅުވީއެވެ. އަހަރެން ބޮޑު ކަޅުބުރުގާއެއް އަޅައިގެން ކާޕެޓްމަތީ ދުޢާއަށް އަތްނަގައިގެން އިންދާފެނުމުން އިރުކޮޅަކު ބަލަންހުރުމަށްފަހު އޭނާ ނުކުމެގެން ދިޔައެވެ. އަހަރެންގެ ލޮލުން ކަރުނަފައިބާފައި ހުރިމަންޒަރުވެސް އޭނައަށް ފެންނާނެކަން ގައިމެވެ. އެތައް އިރެއްވީއިރުވެސް އޭނާ އެނބުރިއެއް ނައެވެ. އަހަރެންކުރީ ކީއްކަން އެނގިގެން އޭނާ ރުޅިއައީބާއޭ ހިތަށް އެރިއެވެ. އިޝާނަމާދަށްފަހު އަހަރެން މަޑުމަޑުން ތިރިޔަށް ދިޔައީ ބަނޑުހައިވެގެން ނުހުރެވިގެންނެވެ. ސިޓިންރޫމުގައިވަނީ ނިދާބޮކި ދިއްލާފައެވެ. އޭނާގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން ފިޔަވަޅުގެ އަޑުނީވޭހައި މަޑުމަޑުން ގޮސް ކާކޮޓަރިއަށްވަނީމެވެ. އަލަމާރިން ދެތިން މޭވާއަކާއި ޖޫސްޕެކެޓެއް ހިފައިގެން އައިސް މޭޒުދޮށުގައި އިށީނދެ ކާންފެށީމެވެ. ކައިނިމިގެން އަހަރެން ހަމައެހާމަޑުން ކާކޮޓަރިން ނުކުތީމެވެ.

“ރޫބީ..މަޑުކޮށްބަލަ!” ސިޑިއާދިމާއަށް ގޮސް ގޮސްހުރެފައި އަހަރެންގެ ފިޔަވަޅުތައް ގަނޑުވީ ފަހަތުން އޭނާ ގޮވާލުމުންނެވެ. އަހަރެން ހައިރާންވީ އޭނާއަށް އަހަރެންގެ ނަން އެނގުނު ގޮތަކާއިމެދުގައެވެ. ޖެހިލުންވެހުރެ ފަހަތްބަލާލިއިރު ސޯފާގައި އޭނާ އިނެވެ. ކުރިންވެސް އޭނާ އެތާއިންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކުއްލިއަކަށް ލައިޓްތައް ދިއްލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.އޭނާ އިންތާއިނދެ ރިމޯޓުން ލައިޓްތައް ދިއްލާލީއެވެ. އޭނާ އަތުގެ އިޝާރާތުން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އަހަރެން މަޑުމަޑުން ގޮސް އޭނާއާ ވީހާވެސް ދުރުގައި އިށީނީމެވެ.

” ރޫބީ އަދިވެސް އެނބުރި ޤައުމަށްދާން ބޭނުން ނުވަނީތަ؟ ..ރޫބީ މިޤައުމަށްއައީ ކޮންމަޤުސަދެއްގައިކަން އަހަރެންނަށް ނޭނގުނަސް ތިއީ ޓޫރިސްޓެއްގެ ހައިސިއްޔަތުން ޤައުމު ބަލާލަން އައިކުއްޖެއް ނޫންކަން އަހަރެންނަށް އެނގޭ…..އެކަމު މިޤައުމުގާ ރޫބީ ތިއުޅޭގޮތަށް އުޅެން ދޫކޮށެއް ނުލެވޭނެ….އެއަށްވުރެ އަހަރެންނަށް ރޫބީ މުހިއްމު….އެހެންވީމަ ކޮޓަރިތަޅުލައިގެން ނުކައިއޮވެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މާނައެއްނެތް…އެހެންވެ އެވާހަކަ ބުނެލީ..” އޭނާ ދައްކާނެ ވާހަކައެއް ދައްކާފައި ދިޔައިރުވެސް އަހަރެންނަށް އިނީ ހައިރާންވެގެން ގުޑާލަންވެސް ނޭނގިފައެވެ. އޭނާއަށް އަހަރެން މިޤައުމަށް އައި މަޤުސަދުވެސް އެނގެނީ ހެއްޔެވެ؟ ޔަޤީނެވެ. މިހަމަ ފައްކާ ޖާސޫސެކެވެ. އެހެންނޫންނަމަ އެހާސީދަލަށް ބުނަން އެނގެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު އޭނާއަށް އަހަރެން މުއްހިއްމު ވާހަކަ އެބުނީ ކޮންގޮތަކުން ހެއްޔެވެ؟ އަހަރެންގެ ފަރާތުން އޭނާއަށް ވާނީ ކޮންފައިދާ އެއް ހެއްޔެވެ؟ އަނެއްކާ މީހަމަ ހަޤީޤަތުގައިވެސް ހިއުމަން ޓްރެފިކް ކުރާ އެޖެންޓެއް ބާއެވެ. އެހެން ވެއްޖެއްޔާ އަހަރެންގެ ދުވަސްދިޔައީއެވެ. އެކަމަކު މިތާގެ ސެކިއުރިޓީ ވަރުގަދަކަމުން މިތަނުން ފިލޭކަށްވެސް ނެތެވެ. މުޅިގޭގައިވެސްވަނީ ކެމެރާ ހަރުކުރެވިފައެވެ. އަހަރެންގެ ނިދާކޮޓަރިއާއި ފާޚާނާގައިވެސް ނެތްކަމެއް ނޭނގެއެވެ.  މިހާރު އޭނާއަށް އަހަރެންގެ ނުފެންނަ ތަނެއްވެސް ނޯންނާނެ ކަންނޭނގެއެވެ. އެކަމަކު ކުރިމަތިން ފެނުނަސް އަހަރެންގެ މޫނަށް އޭނާ ބަލާވެސް ނުލައެވެ. އަޖާއިބެއް ކަހަލަ މީހެކެވެ.

ކޮށްޓެއްގައި ބަންދުވެފައި އިން ގުރައެއްފަދައިން އަހަރެން އެގޭގައި ބަންދުވެފައި އިންނަން ފެށީ ކުރެވޭނެ އިތުރުކަމެއް ނެތުމުންނެވެ. އަހަރެންނަށް މިހުރެވުނީ ކޮރެއާގެ ކިހާހިސާބެއްގައިކަންވެސް އެނގެނީއެއްނޫނެވެ.  ދެން އަދި ލީމިންހޯ ހުރިތަނެއް އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ފޭސްބުކަށްވަދެ އިރުއިރު ކޮޅުން ލީމިންހޯގެ ޕޭޖްބަލާލަމެވެ. ލީމިންހޯގެ ފޮޓޯއަށް ބަލަންއޮވެ ޝަކުވާކޮށް ކޮށްފައި ރޮމެވެ. ކިމް ޔޫން ޖޫންގް އަހަރެންގެ މެސެޖް ފޯރުކޮށް ނުދެނީކަން ޔަގީންވުމުން ކިމްދެކެ ރުޅިއައިސްގެ އޭނާގެ އޮފިޝަލް ޕޭޖަށްވެސް އެތައް މެސެޖެއް ކޮށްފީމެވެ. ނަތީޖާ ހަމަ ސުމެކެވެ. މިކުރެވުނީ މުޅީންވެސް ބޭކާރު މަސައްކަތްތެކެކެވެ. އަމަލު ކުރެވުނީ ހުސް އުއްމީދުތަކެއްގެ މައްޗަށެވެ. ކުޑަމިނުން ނަންވެސް ނޭނގޭ ބީރައްސެއްގެ އަތްދަށުވެފައި ހުންނަން މިޖެހުނީ ހަމައެކަނި ކުރެވުނު އުއްމީދެއްގެ ސަބަބުންނެވެ. އަހަރެން ލިޔުނު މެސެޖަކީ އެފަދަ މަޝްހޫރު ސްޓާރުންނަށް މާބޮޑު އެއްޗަކަށް ނުވާނޭކަން އަހަރެންނަށް ނުވިސްނުނީއެވެ. އެތައްހާސް ރުފިޔާއެއް ޚަރަދުވެ ބޭކާރު ވެއްޖެއެވެ. ހަޔާތުން މުހިއްމު ދުވަސްތަކެއްވެސް ބޭނުމެއް ނުހިފި ހިނގައްޖެއެވެ. ލީމިންހޯއާމެދު މުޅީން މާޔޫސް ވެއްޖެއެވެ. މިވެވުނީ އަވާމެންދުރެއް ފަދަ ލޯތްބެކޭވެސް ހިތަށް އެރިއެވެ.

މިހުރިހާ ވިސްނުން ތަކެއް ވިސްނުމަށްފަހުވެސް އެއްދުވަހަކު ލީމިންހޯގެ ޕޭޖްބަލާލީ ކުޑަނަމަވެސް އުއްމީދެއް ލިބޭތޯއެވެ. ލީމިންހޯ ޓައިވާނުން އެނބުރި އައިވާހަކަ އޮތުމުން އަހަރެން ހައިރާންވިއެވެ. ޓައިވާނުގައި ދިން ޝޯއެއްގެ ފޮޓޯތައްވެސް އަޕްލޯޑްކޮށްފައި ހުއްޓެވެ. އެކަމަކު ލީމިންހޯ ޓައިވާނަން ދިޔަވާހަކަ ޕޭޖުން އަހަރެންނެއް ނުދެކެމެވެ. މާބިޒީކޮށް އުޅުމުން ޕޭޖްއަޕްޑޭޓް ނުކުރެވުނީ ކަމުގައިވެސް ވެދާނޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންވީމާ ކިމްއަށް އަދި ލީމިންހޯއާ ބައްދަލު ނުވަނީތާއެވެ. ދެމީހުނަކީވެސް އެކީގައި މަސައްކަތް ކުރި ދެތަރިން ކަމަށްވިޔަސް ހަޤީޤީ ދިރިއުޅުމުގައި މާބޮޑު ގުޅުމެއް ނޯންނަނީކަމުގައިވެސް ވެދާނެއެވެ. އެހެންވީމާ އަދިވެސް އަހަރެންނަށް ލީމިންހޯގެ ފަރާތުން އުއްމީދުއެބަ އޮތެވެ. ނަމަވެސް ކިމް އެމެސެޖް ފޯރުކޮށްދޭނެ ކަމުގެ އޮތީ ކޮން އުއްމީދެއް ހެއްޔެވެ؟ އެކަމަކުވެސް ހެވެ. އަދި ދުވަސްކޮޅަކު މަޑުކޮށްފައި ނޫނީ އެނބުރި ރާއްޖެއަކަށް ނުދާނަމެވެ.

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އެފިނިމެންދަން 9

Next

އެ ލޯބި އަސްލު ހައްޤޭ

Next
October 27, 2016

އެ ލޯބި އަސްލު ހައްޤޭ

Previews
October 27, 2016

އެފިނިމެންދަން 9

19 Comments

  1. Inee says:
    October 27, 2016 at 9:06 am

    Varah reethi

  2. Qeen says:
    October 27, 2016 at 9:20 am

    Kihaavarugadha kameh miothee lavvaalafa vvvv majaa

  3. shaai says:
    October 27, 2016 at 9:21 am

    v majaa… loabiga dheevana vani dhw

  4. Aishyn says:
    October 27, 2016 at 9:34 am

    V rythi nxt prt avahah up koh dhehchey…..

  5. ރޫބީ says:
    October 27, 2016 at 9:56 am

    ޝައިންގެ އާ ވާހަކައެއް ކިޔާލަން ބޭނުން. މިހުރިހާ ވާހަކަތަކަކީވެސް ކުރިން ކިޔާފަ ހުރި ވާހަކަތަކެއް ވީމަ.

    1. Shine says:
      October 27, 2016 at 10:36 am

      އިންޝާﷲ އަދި އާވާހަކައެއްވެސް ކިޔާލަން ލިބޭނެ….އަދި ވަކި ދުވަހެއް ބުނާކަށް ނޭނގެ އިނގޭ….

  6. haazi says:
    October 27, 2016 at 9:58 am

    vvv maja igey..v reethi.. warugadha firiheneh dhoa

  7. shuhoo says:
    October 27, 2016 at 10:39 am

    Vrh salhi….I want to read more n more..

  8. riffu says:
    October 27, 2016 at 11:06 am

    Thankolheh avahah up kohdheyn veenu.. Dhuvaalaku dhefaharu namaves.. Please v kiyaahiyveyy ??????

  9. ulvy says:
    October 27, 2016 at 11:30 am

    Haha majaaa stry eh..ekani ovegen vx mi vaahaka kiyaalyma hevey n vvvvvvv reeethi..keep it up shine..n finimendhan thankolheh avahah update kohdheeba..knme dhuvahaku 2 episode ?????

  10. new says:
    October 27, 2016 at 11:46 am

    V reethi adhi Majaa V,salhi.

  11. RaM says:
    October 27, 2016 at 12:58 pm

    Shine ge vaahaka thah vv reethi kiyaalan vx v faseyha.

  12. Mary says:
    October 27, 2016 at 1:35 pm

    Mi vaahaka ehkoh kiyan beynun. kon site othy up kohfa

  13. Ba says:
    October 27, 2016 at 2:58 pm

    Hee hee halaaku thy vaa haadha hihvaru gadha kuhjekey dhhhwwww???:D alhey vaahaka eh faharaa upload kohlanvnu ;D

  14. Saandy says:
    October 27, 2016 at 7:31 pm

    ވަރަށް ވަރަށް ރީތި… ލީމިންހޯ ފެންނާނެބާ؟ 4ވަނަ ބައި އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  15. Thaany says:
    October 27, 2016 at 8:53 pm

    Thi ulhey firi henaa ge hageegai egeynee kn irakun baa v beynun vey awahah kiyaalan awahah up kohllane kama ummeedh kuran.v salhi

  16. Thaathu says:
    October 28, 2016 at 12:27 am

    Mi vx shain ge story eh dhw ur the best hama ..
    Luv u

  17. harry says:
    November 16, 2016 at 9:17 pm

    wow 😀

  18. Some one!!!!!! says:
    April 7, 2017 at 4:33 pm

    I love this story
    Mi kahala story Maa reethi

Comments are closed.

All Right Reserved!