Skip to content
އެސްފިޔަ

ލީމިންހޯ 4

ކޮންމެ ދުވަހަކުވެސް އެޒުވާނާ ޓައީއަޅައިގެން ލެޕްޓޮޕް ހިފައިގެން އެދާތާކަށް ދެއެވެ. ދެން އެނބުރި އަންނަނީ ހަވީރުވުމުންނެވެ. އެނބުރި އަންނައިރު ތަފާތު ވައްތަރުގެ މޭވާޔާ ތަރުކާރީ ގެނެއެވެ. އަހަރެން ބޭނުން ގޮތަކަށް ކާއެއްޗެހި ކައްކަ ކައްކާފައި ކެޔަސް އޭނާ އެއްޗެއް ނުބުނެއެވެ. އޭނާ ކަނީ ކޯއްޗެއްތޯވެސް އަހަރެން ނުބަލަމެވެ. ނަމަވެސް އެއްދުވަހަކު އޭނާ އަމިއްލައަށް ނޫޑްލްސް ސޫޕް ހަދާތީ ފެނުމުން އަހަރެން ކެއްކި ތަރުކާރީ ބަތާއި ތަރުކާރީގެ ސަލަޑް އަޅާފައި ދިނީމެވެ. އޭނާ އަހަރެންނާ ދިމާބަލާލާފައި ތަށީގައި އަތްވެސް ނުލައި ދިޔައީއެވެ. އަހަރެން ކައްކާ އެއްޗެހި ހަމަ އެހާނުބައިވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އަހަރެން މޮޅީ ހަމައެކަނި ދުވާކަށް ނޫނެވެ. އަހަރެން ކައްކަން ވެސް މޮޅުވާނެއެވެ. އޭނާ ކަންތައްކުރިގޮތުން އައިރުޅީގައި ތަށިހުރިގޮތަށް ބަހައްޓާފައި އަހަރެންވެސް އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. އަސުރު ނަމާދަށްފަހު ތިރިޔަށް އައިސް ބެލިއިރު ތަށިހުރީ ދޮވެފައި ތަށިލާއެތީގެ ތެރޭގައި ބަހައްޓާފައެވެ. އަހަރެން ޑަސްބިންބަލާލީ އޭގައިހުރި އެއްޗެހި އުކާލީކަމުގައި ޔަގީންކޮށްފައެވެ. ނަމަވެސް ޑަސްބިނަކުވެސް ނެތެވެ. އެންމެފަހުން ކެއީތާއެވެ. އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން ކައްކަނީ އޭނައާވެސް ވާވަރަށެވެ. އަހަރެން ކައިގެން މައްޗަށް ދިއުމުން އޭނައައިސް އަމިއްލައަށް ކަނީއެވެ. މީނަހިތުން މިކަނީ އަހަރެންނާ ސިއްރު ސިއްރުންނެވެ.

ދުވަސްތައް އެގޮތުގައި ދެއެވެ. މިހާރު އޭނާއަހަރެން ގޭގައި ބަހައްޓާފައި ގެތަޅެއްނުލައެވެ. ތަޅުލަނީ ހަމައެކަނި ބޭރު ދޮރާއްޓެވެ. މިހާރު ފޫހިވިޔަސް ނުކުމެ ގޯތިތެރޭގައި ހިނގާލެވެއެވެ. ބަގީޗާގެ މާގަސްތައް ބަލާލެވެއެވެ. އެގޮތުންވެސް ހިތްހަމަޖެހުން ލިބެއެވެ. ގޭތެރޭގައި އޭނާ އުޅުނަސް އަދި ނެތަސް މާބޮޑު ފަރަޤެއް ނޯވެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އިތުރު ވާހަކައެއް ދެމީހުންގެ ދެމެދުގައި ނުދެކެވެ.  އޭނާ ވާހަކަ ނުދައްކާތީ އަހަރެންނަށްވެސް ވާހަކަ ދައްކަން ނުކެރެނީއެވެ. އަދިވެސް އޭނާއަށް ކިޔާނަންވެސް އަހަރެންނަކަށް ނޭނގެއެވެ. އޭނާ ނުބުނާތީ އަހަރެން ނުވެސް އަހަމެވެ. އެއީ އަނގައިން ބަހެއްބޭރުވެދާނެތީ ބިރުން އުޅޭމީހެކެވެ. އެކަމަކު މަކަރުވެސް ގަދަމީހެކެވެ. ކޮންމެވެސް ގޮތަކުން އޭނާ އަހަރެންގެ މައުލޫމާތުވެސް ހޯދައިފިއެވެ.  ކުރާނެކަމެއްނެތި ގޭތެރޭގައި ހުރެ ހުރެ  ފޫހިވީމާ އަހަރެން ކޮންމެވެސް ސީރީޒެއް ބަލާލައިގެން ހިތްހަމަ ޖައްސާލަނީއެވެ. ގެއަށްވަނަސް އޭނާ އިންނަނީ އަބަދުވެސް ލެޕްޓޮޕުން ކޮންމެވެސް ކަމެއްކޮށްލަ ކޮށްލައެވެ. ލެޕްޓޮޕުން ދޫކޮށްލައިފިއްޔާ ހުންނާނީ ފޯނެއްގައެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް “ޑީލް” އެއް ނިންމަން އުޅޭހެންނެވެ. ކުންފުންޏެއްގެ މެނޭޖަރވެސް އެހާ “ބިޒީ” ނުވާނެކަން ގައިމެވެ. އޭނައުޅޭގޮތުން އަހަރެން ހުންނަނީ އަޖާއިބު ވެފައެވެ.

ކޮންމެ އާދީއްތަ ދުވަހަކީ އޭނާގެ ޗުއްޓީ ދުވަހެވެ. އެދުވަހު ގޭތެރޭގައި ހުރެގެން އޭނާ ވަރަށް ގިނަ ކަންތައް ކުރެއެވެ. ގޭތެރެ ފޮޅާ ސާފްކުރެވެ. އަންނައުނު ދޮވެއެވެ. ބަގީޗާގެ ގަސްތަކަށް ފެންދެއެވެ. ގޯތިތެރޭގައި އޮންނަ ވިނަގަނޑު ކޮށައެވެ. އެދުވަހު ހީވަނީ އެއީ ކޮރެއާގައިވެސް ހުރި އެންމެ މުރާލިމީހާ ހެންނެވެ. މިނޫން ދުވަސްދުވަހު މިހުރިހާ ކަމެއް އަހަރެންވެސް ކުރަމެވެ. އެހެން ނޫންނަމަ ގޭތެރެ އެހާސާފުތާހިރުކޮށް އޮތީސް ހެއްޔެވެ؟ ބަގީޗާގެ ގަސްތައް އެހާ ތާޒަކޮށް ހުރީސް ހެއްޔެވެ؟ ގޯތިތެރެއަށް ގަހަކުން ފަތެއް ނުވެއްޓި ހަފްތާއެއް ވާންދެން އޮތީސް ހެއްޔެވެ؟ އަހަރެން މިހުރިހާ ކަމެއް ކުރާކަން އެނގޭއިރުވެސް އާދީއްތަ ދުވަހު މިހުރިހާކަމެއް މީނަ މިކުރަނީ ހަމަ މީނަގެ މުރާލިކަން ދައްކާށެވެ. އޭނަގެ އަންނައުނުވެސް މަށަށް ނުދޮވެވެނީ އޭނަގެ ކޮޓަރީގައި އެއެއްޗެހި ހުންނާތީއެވެ. ތާއަބަދު އެކޮޓަރި ހުންނާނީ ތަޅުލާފައެވެ. އޭނާ އެހާ އެކަހެރިކޮށް އުޅެނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ހަމަފޮނީއެވެ. ދެން އެހެން ކޮންކަމެއް ހެއްޔެވެ؟

އަޖާއިބެކެވެ. އަހަރެން މިވަރަކަށް އޭނާއާމެދު މިވިސްނަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ކޮންމެ ގޮތަކަށް އުޅުނިއްޔާ މަށަށް ކީއްހެއްޔެވެ؟ ނަމަވެސް އަހަރެންނަށް މިހާރަކަށް އައިސް ވާގޮތެއް ނޭނގެއެވެ. އަބަދުވެސް އޭނާ ދެކޭހިތްވަނީއެވެ. ކޮންމެ ދުވަހަކު ހެނދުނު ތެދުވެ އޭނާ ބޭރަށް ދާންވާއިރަށް ކޮންމެހެންވެސް ސައިހެދޭތޯ ބަލަމެވެ. ކޯޓްފަޓްލޫނުގައި ހުންނައިރު އޭނާގެ އެހުންނަ ރީތިކަމާއި ހިތްގައިމުކަން ދެކޭހިތުން ސޯފާގައި ފޮތެއް ކިޔާކަމަށް ހަދައިގެން ސިއްރުން ބަލަން އިންނަމެވެ. އޭނަވެސް ބައެއް ފަހަރު އަހަރެން ބަލާލުމުން ހިނިތުން ވުމެއް ހަދިޔާކުރެއެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނުދަނީ އެފަދަގޮތަކަށެވެ. ދެން އިންތިޒާރުކުރެވެނީ ހަވީރު އޭނާ އަންނާނެ އިރަކަށެވެ. ލީމިންހޯގެ ސީރީޒްތަކުންވެސް މިހާރު އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. ހިތަށް ހަމަޖެހުން ލިބެނީ އެޒުވާނާގެ ރީތިމޫނު ފެނުމުންނެވެ. ހަވީރު އޭނައައިސް ބައެއް ދުވަސްދުވަހު ޓީވީން ފުޓްބޯޅަ މެޗެއް ނޫނީ ނިއުސް ޗެނަލްއެއް ބަލަން އިނދެއެވެ. ސިޑިމަތީ އިނދެގެން އަހަރެން ބަލަނީ އޭނާގެ ފިރިހެންވަންތަ މޫނަށެވެ. ޓީވީބަލަން އިނދެ އޭނާ ހިނިތުންވެލައިފިނަމަ ބޭއިޚުތިޔާރުގައި އަހަރެންނަށްވެސް ހިނިތުން ވެވެއެވެ. ޓީވީ ނުބަލާގަޑިއެއްގައި ވިއްޔާ ދެން އޭނާ އިންނާނީ ލެޕްޓޮޕް ހިފައިގެންނެވެ. އިރުއިރުކޮޅުން ފޯނުވެސް ކުރެވެ. އަބަދާއި އަބަދު ބިޒީވެގެން އޭނާކުރަނީ ކީއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް އޭނައަކީ ގޯސްކަމެއް ކުރާމީހެއް ނޫނޭ އަހަރެންގެ ހިތްބުނަމުން ދިޔައެވެ. މިހުރިހާ ދުވަސްވީއިރުވެސް އޭނަގެ ފަރާތުން އަހަރެންނަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ.

ދުވަސްތައް ހޭދަވަމުން ދާވަރަކަށް އަހަރެންނަށް މަޑުމަޑުން ލީމިންހޯގެ މަތިން ހަނދާން ނެތެމުންދިޔައެވެ. މިހާރު ގިނަވަގުތު ވިސްނެނީ ލީ ހުއާން ޖޫންގް އާ މެދުގައެވެ. އާއެކެވެ އޭނާގެ ނަމަކީ އެއީއެވެ. އަހަރެންނަށް އޭނާގެ ނަންވެސް އެނގުނީ ދާދިފަހުންނެވެ. ނަން ފެނުނީ އިއްތިފާޤުން އޭނާގެ ވޮލެޓްތެރެއިން ވެއްޓުނު ކާޑަކުންނެވެ.  ކޮރެއާ ބަހުން ހުރުމުން ނަން ފިޔަވައި އޭގައި ހުރި އިތުރު އެއްޗެއް ކިޔާކަށް ނޭނގުނެވެ. ނަން އޮތީ އިނގިރޭސިބަހުންނެވެ. މިހާދުވަސްފަހުންވެސް ނަން އެނގުނުކަން ނަސީބެވެ. ބޮޑުކަމެއް ޖެހުނަސް ގޮވާލަންވެސް އެނގޭނީ ދެންތާއެވެ. އަހަރެން ވިސްނަމުން ދިޔައީމެވެ. މިހާރު އަހަރެން ކޮރެއާގައި މިމަޑުކުރަނީ ކޮންބޭނުމަކު ހެއްޔެވެ؟ ކާކަށްޓަކައި ހެއްޔެވެ؟ ވޭތުވެދިޔަ މަހެއްހައި ދުވަހު ލީމިންހޯ ހޯދުމަށްޓަކައި ކުރެވުނީ ބޭކާރު މަސައްކަތެކެވެ. އޭނާ ނުފެންނާނޭކަންވެސް މިހާރު އަހަރެންނަށް ޔަޤީން ވެއްޖެއެވެ. ދެން އެނބުރި މާލެދާން ވީނޫން ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ހިތް އެދެނީ މަޑުކުރާށެވެ. އަދިވެސް މިކޮރެއާގައި އަހަރެން މަޑުކުރަންޖެހޭ ސަބަބެއް އޮތްކަމުގައި ހިތްބުނަނީއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އަހަރެން ކޮޓަރިތެރޭގައި އިންދައި ވައިގަދަވެ ވާރޭވެހެން އުޅޭހެން ހީވުމުން އަހަރެން ޓެރަސް މައްޗަށް ނުކުތީ އެތާ ހިންކަން އަޅާފައިހުރި ހެދުންތައް ބަލައެވެ. އަހަރެން ނުކުމެ ހެދުންތައް ނަގަނަގާ ހުއްޓައި ވާރޭ އޮއްސާލައިފިއެވެ. ކުއްލިއަކަށް ލީގެ ކޮޓަރި ދޮރުހުޅުވާލާފައި އޭނާވެސް ނުކުމެ އަހަރެންނަށް އެހީވާން އުޅުނެވެ. ދެމީހުންވެގެން ހެދުންތައް ހިފައިގެއް އަހަރެންގެ ކޮޓަރިއަށްވަނީމެވެ. އެ އެއްޗެހިތައް އެނދުމަތީ ބައްހައްޓާފައި ހިނގައި ގަތް ވަގުތު ބިންމަތީގައިހުރި ބޮޑުމާޓުކުރީގައި އަޅައިގެންފައި އަހަރެން ވެއްޓެންދިޔައެވެ. އަހަރެންނަށް އެއްލުނު އަތުން ހިފުނީ ލީގެޓީޝާޓްގައެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން ލީވެސް އަހަރެންނާ އެކު ކައިރީގައިހުރި އެނދުމައްޗަށް ވެއްޓުނީއެވެ. ލީގެ ހުޝިޔާރުކަމުން އެނދުގައި ދެއަތް ވިއްދާނުލިނަމަ އޭނާގެ ގައިދަށުވެގެން އަހަރެން ފިތުނީސްކަން ގައިމެވެ. ބިރުންގޮސް އަހަރެން ލޯމަރައިގެން އޮތްއިރު ބާރަށް މޭތެޅެމުން ދިޔައެވެ. އަހަރެން މަޑުމަޑުން ލޯހުޅުވާލިއިރު ލީއޮތީ އަހަރެންގެ މޫނަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އެކަކު އަނެކެއްގެ ލޮލަށް ބަލަން ތިބެވުނީއެވެ. މިހާގާތުން ލީފެނުމުން އަހަރެންގެ ހިތުގެ ތެޅުންބާރުވީ އޮބިނޯންނަ ވަރަށެވެ. ލީމަޑުމަޑުން އަހަރެންނާ ގާތްވަމުން ދިޔައެވެ. އަހަރެން ނޭވާ އަވަސްވެގެން ދިޔައިރު ދެލޯމަރާލެވުނީ ދެންވެދާނެގޮތް ހިތަށް އަރުވާލެވުމުންނެވެ. އެވަގުތު ހިތަށް ސިފަވީ ސީރީޒްތަކުގައި އަންނަ އިޝްޤީ މަންޒަރުތަކެވެ. އަހަރެންބެލި ސީރީޒްތަކުގައި ވާގޮތަށް ލީއެއުޅެނީ އަހަރެންނާ ކިސްކުރާށޭ އަހަރެންގެ ހިތަށްއެރިއެވެ.  އަހަރެންނަށް ދެލޯމަރާލެވުނީ އެކަން އެގޮތަށް ވުމަށްއެދިއެވެ.

ކުއްލިއަކަށް ލީ ފުންމައިގެން ތެދުވެ ބާރު ބާރަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ސިހިފައި އަހަރެން ދެލޯހުޅުވައި ބަލާލިއިރު ފެންނަންވެސް ނެތެވެ. އަހަރެންނަށް ވިސްނާލެވުނެވެ. އަނެއްކާ ލީ އެދިޔައީ ރުޅިއައިސްގެން ބާއެވެ؟ އެހާބާރަށް އެދިޔައީ އެހެންވެގެން ތާއެވެ. އޭނަހީކުރާނީ އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ކަމަށް ކަންނޭނގެއެވެ. އޭނަގެ ފަރާތުން އެފަދަކަމަކަށް އަހަރެންނަށް އެދެވިގެން އޮވެވުނީތީ އަހަރެން ލަދުގަތެވެ. އޭނާ ހިތަށް އަރާނީވެސް ކީކޭ ހެއްޔެވެ؟ އަހަރެން އޭނާގެ ފަރާތުން ކަމެއް ބޭނުންވެގެން އުޅނީކަމުގައިވެސް ހީކޮށްފާނެއެވެ. އެނދުމައްޗަށް ވެއްޓިގަނެ މޫނުގައި ބާލީސް އަޅައިގެން އަހަރެން އެތައްއިރަކު އޮތީމެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނީއެވެ. ދެން ހޭލެވުނީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. އަހަރެން ތެދުވެ ހޫނުފެނުން ފެންވަރާލައިގެން ނުކުތީމެވެ. އަލަމާރިން ހެދުންނަގަން ހުއްޓައި ޓެރަހާދިމާލު ބިތުގައި ދަމާފައިހުރި ދޮރުފޮތިގަނޑު ދަށުން އެއްޗެއްތެޅިލިއެވެ. ސިހިފައި އެދިމާބަލަން ހުއްޓާ އަނެއްކާވެސް ތެޅިގެންފިއެވެ. އެތާ އެއްޗެއް އެބައޮތްކަން ޔަޤީނެވެ. ފުރަތަމަވެސް ހިތަށްއައީ ހަރުފައެވެ. އެއީ އަހަރެން އެންމެ ބިރުގަންނަ ދިރޭއެތި ވިއްޔާއެވެ. ތިންވަނަ ފަހަރު އޭތި ތެޅިގަތްތަނުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގެންފައި ކޮޓަރިން ބޭރަށް ދުއްވައިގަތީމެވެ. ސިޑިއާ ދިމާއަށް ދުއްވައިގެންއިރު ލީވެސް އަހަރެންގެ އަޑުއިވިގެން ސިޑިން އަރަނީއެވެ. އަހަރެން ހުރިގޮތް ފެނިފައި ހައިރާން ވެގެން އޭނަ ސިޑިމަތީ އެހުރިހިސާބުގައި ފާޑަކަށް ގަނޑުވެފައި ބަލަން ހުރީއެވެ.

” ސްނޭކް…ސްނޭކް” އަހަރެން ކޮޓަރިއާދިމާއަށް އަތްދިއްކުރުމަށްފަހު ހަޅޭއްލަވައިގަތުމުން ލީ ސިހިފައި އެދިމާއަށް ދުއްވައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ކޮޓަރިއަށް ވަނީމެވެ. ލީމަޑުމަޑުން ދޮރުފޮތިގަނޑު ހިއްލާލި ވަގުތު ތެޅިގެންފައި ކުޑަކުޑަ ދޫންޏެއް އުދުއްސައިގަތެވެ. ލީ ފުންމައިގެންފައި އެދޫނި ހިފިއިރު ހީވީ އެއީ އޭނާ އާއްމުކޮށް ކޮށްއުޅޭ ކަމެއް ހެންނެވެ.  ޓެރަހާއި ދިމާލުން ބޭރަށް ދޫނިދޫކޮށްލުމަށް ކޮޓަރިން ނުކުންނަށް އޭނާ އަހަރެން ހުރިދިމާއަށް ހިނގައިގަތެވެ. ލީ ކަތިނަޒަރަކުން އަހަރެންނާ ދިމާބަލާލިގޮތުން އަހަރެންނަށް ހުރެވުނު ގޮތާމެދު ވިސްނާލެވުނެވެ. ސަހަރޯއެވެ. މޭމައްޗާ ހަމައަށް އޮޅާލެވިފައިވާ ތުވާލިފިޔަވައި އިތުރު އެއްޗެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. އިސްތަށިގަނޑު ހުޅިޖަހާފައި އޮތުމުގެ ސަބަބުން ކަނދުރާއާއި ދެކޮނޑުއޮތީ ހާމައަށެވެ. ދެފައިވެސް ފަލަމަސްގަނޑުން ތިރިއޮތީ ހާމައަށެވެ. މޭމަތީ އަތްއަޅާލަމުން ލީއަށް ފުރަގަސްދީފައި ދެލޯމަރާލެވުނީ ލަދުން ގޮސް ހަދާނެގޮތް ހުސްވެގެންނެވެ.

ލީ އަހަރެންގެ ކައިރިން ދަމުން އަހަރެންގެ ގާތަށް ހުއްޓި، ބޮލުގައި އިން ހުޅިމޮހާލައި އިސްތަށިގަނޑުން އަހަރެންގެ ހާމައަށްހުރި ދެކޮނޑާއި ކަނދުރާ ނިވާކޮށްލިއެވެ. އަދި ބަހެއްވެސް ނުބުނެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރި ތަޅުލުމަށްފަހު އައިސް އެނދުމައްޗަށް އަހަރެން ވެއްޓިގަތީމެވެ. ދެންމެ ހުރެވުނުގޮތް ހިތަށް އަރައި ލަދުން ހަލާކުވާވަރު ވިއެވެ. މިހުރިހާ ދުވަހު ބޮޑުހެދުންލައި ޝޯލްއަޅައި މުޅި ހަށިގަނޑު ނިވާކޮށްގެން އުޅެނިކޮށް މިލިބުނީ ކޮންފަދަ ލަނޑެއް ހެއްޔެވެ؟ ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލީގެ ކުރިމައްޗަށް އަހަރެން ދާނީވެސް ކޮންފަދައަކުން ހެއްޔެވެ؟ ނުކެރޭނެއެވެ. ހަމަ އެއްގޮތަކަށްވެސް ނުކެރޭނެއެވެ. އަނެއްކާ ލީ މިފަހަރުވެސް އަހަރެންނާމެދު ގޯސް އެއްޗެއް ހީނުކުރާނެ ބާއެވެ. އަހަރެން އޭނާއަށް ދެއްކެން އުޅެނީއޭވެސް ހީވެދާނެއެވެ. ނޫނެކެވެ. އެހެންހީވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނަ އަހަރެންނާމެދު އެފަދަ ގޯސްގޮތަކަށް ނުވިސްނާނެއެވެ. އޭނާ މިވީހާތަނަށް ގޯސްނަޒަރަކުން އަހަރެންނާދިމާ ބަލާވެސް ނުލައެވެ. އެއީ އަނެއްކާ އެހެން ފިރިހެނުން ފަދައިން ހިއްސުތައް ސަލާމަތުން ހުރި ފިރިހެނެއް ބާއެވެ. އޭނައަށް އަހަރެން ފެނުނަސް މާބޮޑު އަސަރެއް ކުރާހެނެއްވެސް ހިއެއް ނުވެއެވެ. އެރޭ އެއޮތްގޮތަށް އޮވެ އަހަރެން ނިދީއެވެ.

ފަތިހު އަހަރެންނަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. ތެދުވެ އޭސީ ނިވާލުމަށްފު ފާޚާނާއަށް ވަދެ ހޫނުފެނުން ފެންވަރާލީމެވެ. ނަމާދުކޮށްގެން ޓެރެހަށްނުކުތީމެވެ. ދުރުދުރުން ދޫނިތައް ގޮވާއަޑުއިވެހެވެ. ފަޒާގައިވާ ތެތްފިނިކަމުން ގައިން ހީބިނަގައެވެ. ގެޔާ މާދުރުނޫން ހިސާބެއްގައި އޮތް ފެންކޯރަށް ބަލަން އަހަރެންހުރީ އެތަނަށް ދާހިތްވެފައެވެ. ކޮންމެ ދުވަހަކުވެސް އަހަރެން އެތަން ބަލަން ހުންނަމެވެ. އެހަމަހިމޭން މާހައުލުން މީހަކު ފެންނަނީވެސް މަދުމަދުންނެވެ. ކޯރުގެ އައްސޭރީގައިވާ ޗެރީބްލޯސަމްގަހުގައި މަޑުފިޔާތޮށި ކުލައިގެ މާތައް ފޮޅިބަރާވެފައިވެއެވެ. ވަޔާހެލިލާ ކޮންމެފަހަރަކު އެތައްބައިވަރު މާތަކެއް ކޯރުފެ ފެންގަނޑަށް ވެރެމުންދިޔައެވެ. ކިހާހިތްގައިމު މަންޒަރެއް ހެއްޔެވެ؟ އިރުގެރަން ދޯދިތަކުން އުޑުމައްޗަށް ހިތްގައިމު ރަންކުލައެއް ވެރިކުރުވަމުން ދިޔައެވެ. އިރު ނުފެނުނު ކަމުގައިވިޔަސް އިރުއަރައިފިކަން ދޭހަކޮށްދިނުމުގެ ނިޝާނެއްގެ ގޮތުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން ކޮޓަރިއަށް ދާން އެނބުރިލީ ވަގުތު ލީގެ ކޮޓަރިތެރޭގައި އޭނާ އަހަރެންނަށް ބަލަންހުރި މަންޒަރު ފެނިފައި އަހަރެންނަށް ހުއްޓެވުނެވެ. އަހަރެން ބަލާލުމުން އޭނާ ދޮރުފޮތިގަނޑު ދަމާލިއެވެ. އޭނާ ސިއްރު ސިއްރުން އަހަރެންނަށް ބަލަންހުރީ ކީއްވެބާއެވެ. އަނެއްކާ ރޭގައި އަހަރެން ފެނުނުގޮތުން އޭނާގެ ހިތަށް ވަސްވާހެއް ވަނީބާއެވެ. ނޫނެކެވެ. އެއީ އެކަހަލަ މީހެއްނޫނެވެ. ފަހަރެއްގައި އޭނަބޭރުބަލާލި ވަގުތު އަހަރެންނަށްވެސް އެދިމާ ބަލާލެވުނީ ކަންނޭނގެއެވެ. އޭނައަކީ އެއްވެސް އިރެއްގައި އަހަރެންނަށް ޝައުޤުވެރިކަން ދިން މީހެއްނޫނެވެ. ނަމަވެސް ރޭގަވީ ކަންތަކާއި އަހަރެންނަށް ވިސްނެނީއެވެ. އަދިވެސް ލަދުގަންނަނީއެވެ.

ވިސްނުމެއްގައިހުރެ އަހަރެން ތިރިޔަށްދިޔައިރު ލީވެސް ހުއްޓެވެ. އަހަރެން ލަދުން ހުރެވެސް އޭނާއާ ކުރިމަތިލީމެވެ. އަހަރެން ފެނުމާއެކު މޯރނިންގް އޭ ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. އަހަރެންވެސް ހަމައެކަނި މޯރނިންގް އޭ ބުނެލީމެވެ. ފެންވަރާ ތާޒާވެގެން ހުރިނަމަވެސް މިއަދު އޭނާހުރީ އާދައިގެ ހެދުމެއްގައެވެ. ކަޅުޓީޝާޓަކާއި ނޫ ޖީންސެއްގައި ހުރިއިރު ވަރަށްވެސް ރީއްޗެވެ. މިއަދު އޭނާ ވަޒީފާއަށްވެސް ނުދަނީތޯ އަހާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އަހާކަށްވެސް ނުކެރުނެވެ. އާދައިގެ މަތިން އަހަރެން ރޮށިފިހެފައި ތަރުކާރީ ހަނާކުރީމެވެ. އަދި ލީއަށް ގެރިމަސް ފިހެދިނީމެވެ. އަބަދު ތަރުކާރީ ކައިކައި އަހަރެންނެކޭ ވެޖިޓޭރިއަން އެކޭ މިހާރު އެއްވެސް ތަފާތެއްނެވެ. މަސްނުކާތީ މިހާރު އެހާބޮޑަށް ކާހިތެއްވެސް ނުވެއެވެ. އެކަމަކު ލީއަށް މިހާރު އަހަރެން ކާކަހަލަ ރޮށިވެސް ކަމުދެއެވެ. ކުރިން އޭނާ ދުވަހަކުވެސް ރޮށިކައެއް ނޫޅެއެވެ. ކައިނިމިމުމުން އަހަރެން ތަށިދޮންނަށް ހުއްޓައި ލީ އައިސް ބަދިގެޔަށް ވަނެވެ.

“ރޫބީ….ކުޑަކަމެއްގަ އަހަރެން މިއުޅެނީ ބުސާންއަށް ދާންވެގެން…..ދެދުވަސްފަހުން އާދެވޭނީ…ރަނގަޅަށް ކައިގެން ސިއްޚަތަށް ބަލައިގެން އުޅޭތި….ކަމެއްދިމާ ވެއްޖެއްޔާ އަހަރެންނަށް ގުޅާތި…ހަމަ މިވަގުތު ފުރަންޖެހޭ…ދެންދަނީ”  އެހެން ބުނުމަށްފަހު ލީދާން ހިނގައިގަތެވެ. ތަށިތައް ދޫކޮށްލާފައި އަހަރެންނަށްވެސް ލީގެ ފަހަތުން ހިނގައިގަނެވުނެވެ. ސޯފާމަތީގައި އޮތްދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ދޮރާދިމާއަށް އޭނާ ހިނގައިގަތެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ. ދޮރާށިން ބޭރަށް ނުކުމެފައި ފަސްއެނބުރި އަހަރެންނަށް އޭނާ ބަލާލިއެވެ. އަދި ހިނިތުން ވެލަމުން އަތްހޫރާލިއެވެ. ލީދިޔަ މަންޒަރުބަލަން ފެންކަޅިވެފައިވާ އަހަރެން ހުރީމެވެ. ދަނީއޭބުނެފައި ހަމަކުއްލިއަކަށް ދިޔުމުން ލީދެކެ އަހަރެންނަށް ރުޅިވެސް އާދެވުނެވެ. ދާ ވާހަކަވެސް ބުނަން އެނގެނީ ގެއިން ނުކުންނަމުން ހެއްޔެވެ؟ ދެދުވަހަކީވެސް އެކަނި އުޅެން ހާދަދިގު މުއްދަތެކެވެ. މިދެދުވަސް އަހަރެން ވޭތުކުރާނީ ކިހިނެއް ހެއްޔެވެ؟ ދުވަހުގެ ބާކީއޮތްބައި އަހަރެން ހޭދަކުރީ އިންތިހާދަރަޖައިގެ ފޫހިކަމާއެކީގައެވެ. މިރޭ އެކަނި ގޭގައި ހުންނަން ޖެހޭތީ ބިރުވެސް ގަތެވެ. ނަމަވެސް އެއްވެސް މީހެއްގެ އުނދަގޫ އެގެއަށް ފޯރާވަރަށް ވުރެ “ސެކިއުރިޓީ” ވަރުގަދައެވެ. ކުޑަމިނުން ގޯތިތެރެއަށް ވަނުމަކީވެސް ނާދިރުކަމެކެވެ. ޝަހަރާއި ދުރުނަމަވެސް މިއީ ރައްކާތެރި އަމާން ތަނެކެވެ. އެހެންކަމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ރޭގަނޑުގެ އަށެއްޖެހިއިރު އަހަރެންއޮތީ ނިދަން އެނދަށް އަރައެވެ. ނަމަވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ލީ ހުއާން ގެ މަތިން ހަނދާންވަނީއެވެ. ފޯނުނެގުމަށްފަހު ގުޅާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް ގުޅާކަށް ނުކެރުނެވެ. ނަމްބަރުދީފައި އޮންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ދުވަހަކުވެސް އަހަރެން ނުގުޅަމެވެ. އޭނާއެއްވެސް ނުގުޅައެވެ. މިއަދުވެސް ގުޅާށޭ އެބުނީ ކަމެއްޖެހުނިއްޔާއެވެ. އޭގެ މާނައަކީ އަހަރެންނަށް ހައްލު ނުވާވަރުގެ ބޮޑުކަމެއް ޖެހުމެވެ. ނަމަވެސް މިގޭގައި އަހަރެންނަށް ދަތިއުނދަގޫ އެއްވެސް ކަމެއް ނެތެވެ. ގޭތެރޭގައި އިނދެގެން އަހަރެން ބޭނުން ހުރިހާކަމެއް ވެއެވެ. ފައިވްސްޓާރ ހޮޓެލްތަކުގައި އުޅުނުއިރުވެސް މިހާ އަރާމުގައި އަހަރެން ނޫޅެމެވެ. އަހަރެންނަށް އުނިވާ އެއްކަމެއްވެސް މިގެއަކު ނެތެވެ. ހަމައެންމެ ކަމެއް ފިޔަވައެވެ. އެއީ ލީގޭގައި ނެތުމެވެ. އެކަމުގެ ސަބަބުން ހިތަށްލިބޭ ނުތަނަވަސް ކަމެވެ. އެކަން ފޫބެއްދޭތޯ ލީމިންހޯގެ ފޮޓޯވެސް އެތައް ފަހަރަކު ބެލިއްޖެއެވެ. ފަށަފަށައިގެން ސީރީޒްތައްވެސް ބެލިއްޖެއެވެ. ނަމަވެސް ވަކި ހިސާބަކުން ޝައުޤުވެރިކަން ގެއްލެނީއެވެ. ލީގެ ޚިޔާލުން ހިތްނުތަނަވަސް ވަނީއެވެ. ގުޅާލުމަށްޓަކައި ކިތަންމެ ފަހަރަކު ނަމްބަރަށް ޑައަލްވެސް ކުރެވިއްޖެއެވެ. ނަމަވެސް ރިންގްވާން ވާއިރަށް ކަނޑާލަމެވެ. ހައެއްކަ ފަހަރު މެސެޖްވެސް ލިޔެވިއްޖެއެވެ. ނަމަވެސް ފޮނުވަން ނުކެރިގެން ފުހެލަނީއެވެ.

އަހަރެންނަށް މިވަނީ ކީއްހެއްޔެވެ؟ މިހާވަރަށް ލީ ހުއާން މަތިން ހަނދާންވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާވެސް އަހަރެންގެ މަތިން މިގޮތަށް ހަނދާންވާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އަހަރެންގެ މަތިން ހަނދާނެއް ނުވާނެއެވެ. އެހެން ނޫނަސް އަހަރެންވެސް އޭނާގެ މަތިން ހަނދާން ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނައަކީ އަހަރެންގެ ލޯބިވެރިޔާއެއް ނޫނެވެ. އަހަރެން ލޯބިވަނީ ލީމިންހޯ ދެކެވެ. އެކަމަކު މިހާރު އަހަރެންނަށް ލީމިންހޯގެ މަތިން ހަނދާން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ލީމިންހޯގެ ސީރީޒްތަކުން ހިތަށް އުފާނުލިބެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހޯދަން މަސައްކަތް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ވަޒަން ދޫކޮށް މަންމައާއި ބައްޕައަށް އޮޅުވާލައިގެން އަހަރެން މިޤައުމަށް އައި މަޤުސަދު މިހާރު ކޮބާ ހެއްޔެވެ؟ އެކަމުގެ މުހިއްމުކަން މިހާރު ނެތުނީ ހެއްޔެވެ؟ ލީމިންހޯގެ ލޯބި ހިތުން ފިލާގޮސް އެހެން ލޯތްބެއްގެ ކުރިފެޅީ ހެއްޔެވެ؟ އާއެކެވެ. އަހަރެން ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ލީ ހުއާން ޖޫންގް ދެކެ އަހަރެންނަށް މިވަނީ ލޯބިވެވިފައެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް އަވާމެންދުރެއްގެ ފަހަތުން ދާންވީ ހެއްޔެވެ؟ ލީ ހުއާންއާ އެއްގެއެއްގައި ކިތަންމެ ގާތުގައު އުޅުނު ނަމަވެސް އަދިވެސް އެއީ ކާކުކަން އަހަރެންނަކަށް ނޭނގެއެވެ. އޭނަގެ އަސްލަކީ ކޮބައި ކަމެއް ނޭނގެއެވެ. ލީމިންހޯއާ ބެހޭ މައުލޫމާތު އެނގޭވަރަށްވެސް އަހަރެންނަށް ލީހުއާންއާ ބެހޭގޮތުން ނޭނގެއެވެ. ވީއިރު އަހަރެން އޭނަދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އަނެއް މަޅީގައި ނުބެދެނީސް ރާއްޖެދާންވީއެވެ. ތަފާތު ޚިޔާލުތަކުގައި އޮއްވައި އަހަރެންނަށް ނިދުނުއިރުން ވަރަށް ލަސް ވެއްޖެއެވެ.

އެކަނިމާއެކަނި ދެދުވަސް ވޭތުވެގެން ދިޔައިރުވެސް ލީގެ ޚަބަރެއް ނުވެއެވެ. ކުޑަމިނުން މެސެޖެއްވެސް ކޮށްނުލިއެވެ. އަހަރެންހުރީ ފޫހިވެގެން މޮޔަވާން ކައިރިވެފައެވެ. ނަމަވެސް ކެތްތެރިކަމާއެކު  އިންތިޒާރު ކުރަމުން ދިޔައީމެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާފައިވަނިކޮށް ދޮރާށި ދޮށަށް ކާރުމަޑުކޮށްލިއަޑު އިވުނެވެ. އަހަރެން އުފަލުން ދުވަމުން ގެއިން ނުކުތީމެވެ. ލީ ފެންނަތަނުން އޮޅުލައިގަނެވިދާނެތީވެސް އަހަރެން ހުރީ ބިރުންނެވެ. ދަތްތައް ފެންނަ ވަރަށް ހެވިފައި ހުއްޓައި ދޮރާށި ހުޅުވާލާފައި  ލީ އެތެރެއަށް ވަނެވެ. ހަމައެއާއެކު އަހަރެންގެ ހިނިތުންވުންފަޑުވެ އުފާވެރިކަން ގެއްލިގެން ދިޔައީ އޭނާގެ ފަހަތުން ވަތް ދޮން އަންހެން ކުއްޖާފެނިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Mary

    Dhen kihineh vaanii. v reethi story eh

  2. Qeen

    Miothee oikalhu lavvaalaafa saabahey vvv rethi hama habeys kuriyahoibaikoniraku

  3. Mary

    Alhe vara kiyaa hivay plx avaha up koladheeebaaa

    1. Shine
      Mary

      shine heekuree avahah kamah mi uokohdhevenee….visnaalan thijehunee

  4. Faxu

    varah reethi. vaahaka kiyamun dhaairu sifa vamun dhany.

  5. koo

    Vrh reethi. ..

  6. Ba

    Thi mulhin sakarai v : D Lee ge biteh hunnany kahneyge 😀

    1. Shine
      Ba

      hmmm lee ge biteh huhtas neygeyge….ehaa sirrun ulheythee dho..

  7. Ba

    Haadha majaa story ekey ekamaku 😀

  8. manje

    alhey shine adhi eh part upkohlla dheeba .. haadha majaa story ekey .. varah gayaavey mi story ah .. ??

    1. Shine
      manje

      ehdhuvahaa 2part genaeema maa avahah nimeyne….eyrun nimuneema dheravaanehnu…..

    2. manje
      manje

      hehe .. yah dhw .. Assu maa kiyaa hih veema hama bunely?

  9. shaai

    aharen nah heyvani e eynage dhahtha hen. alhe dhen vaane gotheh balaala hihvany. upload kohdhiba avahah

    1. Shine
      shaai

      ދެން މިރޭދޯ….އިންތިޒާރުކޮށްލާ… އިންތިޒާރަކީވެސް ވަރަށް ފޮނި އެއްޗެކޭ މީހުންބުނޭ….

  10. manje

    mirey parteh upkohdheynan tha shine

  11. Thaany

    Haadha reehchey v hiyy thelhey kahala gothakah thi nimmanee vx…

  12. Aksh..

    Stry v salhi.. next part avahah up kohdhehvaa ??

  13. Hooooo.

    Shine you are the best. Story varah salhii.
    Mirey upkohdeychey.

  14. Inee

    Varah reethi mi part ves

  15. hmm

    heevany hama korean series eh hen..

  16. mary

    Nice

  17. މިނި

    varah reethi.. next pat avahah up kohbbaa

  18. Saandy

    ވަރަށް ރީތި އަދި ވަރަށް މަޖާ… މި ލީއަކީ ހާދަހާ ސިއްރުވެރި މީހެކޭ ދޯ؟ ވަރަށް ޝައުޤުވެރި މިވާހަކަ… 5ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… މިރޭ ކިޔާލަން ލިބޭނެ ދޯ

  19. Anonymous

    Hama bunaane kameh neh ehaaves reethi, vvv reethi shine ge konme vaahakaehves haadha reehchey kiyaahithun kiyaaleve

  20. Lee

    Lee ge kokko ey e aeee.
    Shine varah salhi igey vaahaka

  21. Silly

    Then avaha vaahaka genesdhyba
    Shin liye nimaafa in vaahakaeh nu mi

  22. Heen

    Lee ge gf vaany eh kujja

  23. Minyy

    Varah hadi vaahakaeh noon mi

  24. Lee lee

    Kiyun therin foohivaaneh ehaa dhigu inthixaaru kuran
    Vaahka mirey up kohdheeba five parts ehkon shine
    Adhi shine ge moya hiyy and sherry up kohdheeba

    1. Joo
      Lee lee

      Asuluves ehaa dhigu inthizaar kuran kiyuntherin foohivaaneh

  25. Lee Minho.

    Den aharengey mathin ekaku ves handhaan nukuraane. ???

  26. new

    V.kiyaahiyy vey. Vreethi☺

  27. cindrella

    Alhe avahah up kohdehchey shine vvvvvvvv nice story eh

  28. harry

    it’s just so nice…:)

  29. Some one!!!!!!

    Very nice

Comments are closed.