* “އިޒްކާން ނީޝަލް ދެކެ ލޯބިވޭތަ..؟” ހޫރީން އެ ސުވާލު ކުރި ވަގުތު ވެގެން ދިޔައީ ހިޔާން ފައިލަމް ގޮވައިގެން ސައިކަލުގައި އިޒްކާން އާއި ހޫރީން ކުރިމައްޗަށް އެރުނު ވަގުތެވެ. ހިޔާން ފާޑަކަށް ލޯ ހަނި ކޮށްލިގޮތުން ހިޔާންއަށް ހޫރީން އެ ކުރި ސުވާލު އަޑު އިވިއްޖެކަން ޔަގީންވިއެވެ. އިޒްކާން ފުންނޭވާއެއް ލާފައި ހީނލިއެވެ. “ނޫން… އަހަރެން ނީޝަލް ދެކެ ލޯތްބެއް ނުވޭ..” އިޒްކާން ކުޑަ ހިނިތުންވުމަކާއި އެކީ ބުނެލީ އެއީ މާބޮޑުކަމެއް ނޫން ފަދައިންނެވެ. *

އިޒްކާންގެ އެ ޖަވާބު ވެގެން ދިޔައީ ހިޔާންގެ އިތުރުން ފައިލަމްވެސް ހައިރާން ކޮށްލިފަދަ ޖުމްލައަކަށެވެ. ހޫރީންވެސް އިނީ ވީ ހައިރާނުން އަނގަ ލައްޕާލަން ނޭނގިފައެވެ. ހިޔާން ފާޑަކަށް ލޯ ހަނިކޮށްލާފައި ސައިކަލު ދުއްވާލީ ކުއްލިއަކަށެވެ. ފަހަތުގައި އިޒްކާން އެ ބުނި ޖުމްލައާއި ދޭތެރޭ ވިސްނަން އިން ފައިލަމް އެއްލިގެންދިޔަވަރުން ސައިކަލުން ނުވެއްޓުނީ ނަސީބު ރަނގަޅު ކަމުންނޭވެސް ބުނެވިދާނެއެވެ. އިޒްކާންވެސް ކުޑަކޮށް ހިނިތުންވެލާފައި ސައިކަލު ދުއްވާލިއެވެ.

އިޒްކާން ހޫރީން ގެއާއި ހަމައަށް ލައިދިނުމުން ސައިކަލުން ފޭބިގޮތަށް ހޫރީން ހިފީ އިޒްކާންގެ ކަންފަތު ފޫޅުގައެވެ. ލިބުނު ސިހުމާއި އެއްވަރަކަށް ވީ ތަދުން އިޒްކާން ލޯ ކުޑަކޮށްލާފައި ހޫރީންގެ އަތުގައި ބާރަށް ހިފޭއްޓީ ދޫކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. “މަށަށް އިނގޭނެ އިޒްކާން ދޮގެއް ހަދައިފިއްޔާ.. ދެން ބުނޭ.. ނީޝަލް ދެކެ ލޯބިވޭތަ..؟” ހޫރީން އެއްސެވެ. އިޒްކާން ދަތްތައް ފެންނަވަރަށް ހީނލާފައި ބޯ ހޫރާލިއެވެ. އިޒްކާންގެ މި ހަރާކަތްތަކުން ހޫރީންގެ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތައް ވީ ގިނައެވެ.

“މަ ނީޝަލް ދެކެ ލޯތްބެއް ނުވޭ.. މައި ފީލިންގްސް ޓުވާޑްސް ހަރ ވެންޓް ބިޔޯންޑް ލަވް.. އަހަރެންގެ ހިތުގައި ނީޝަލް އާއި ދޭތެރޭ އުފެދިފައިވާ މި ވަރުގަދަ އިހުސާސްތައް ލޯބި ފަހަނައަޅާ ގޮސްފި.. އަހަރެންނަށް ނީޝް ދެކެ މި ވެވުނީ އާދައިގެ ލޯތްބެއް ނޫން.. އަހަރެންނަށް ދެން ބުނެދޭކަށް ނޭނގެ.. ނީޝަލްއަށް އަހަރެންގެ ހިތުގައި މިވާ އިހުސާސްތައް ދުލުން ބަޔާންކޮށްދޭކަށް ނޭނގެ.. ހޫރީން.. އައި ލަވް ހަރ ސޯ މަޗް.. އަހަރެންނަށް ނީޝަލް ނުލައެއް ނޫޅެވޭނެ..” އިޒްކާން އޭނާގެ ހިތުގައި އެންމެ ރައްކާ ކޮށްގެން ގެންގުޅުނު ސިއްރު ހޫރީންއަށް ކިޔައިދިނެވެ. “އައި…..” ހޫރީންއަށް ކިޔާނެ އެއްޗެއް ވެސް ނޭނގުނެވެ. އިޒްކާންގެ ހިތުގައި ނީޝަލްއަށް މި އުފެދިފައިވަނީ އާދައިގެ އިހުސާސެއް ނޫންކަން ހޫރީންއަށް ވެސް އެނގުނެވެ.

“ވާވް..!! ޑޫޑް..! އިޒްކާން..! މޭން..! ބްރޯ..! ތަކުރުފާނު..! މަގޭ ގައިން މިހާރު ހީބިހި ނަގައިފި… އަސްލުވެސް.. އަޅެ މިހާރު ހިތަށް އަރާ އެ ބައި ރިކޯޑް ކުރެވުނު ނަމައޭ.. ދެޓް ވޯޒް ސޯ ނެޗުރަލް.. ކިޔާދިން ގޮތުން އެކަނިވެސް އެބަ ސާބިތުވޭ ދޮގު ނޫންކަން.. ޔޫ ސްޕޯކް ފްރޮމް ޔުއަރ ހާރޓް.. އަޅޭ މަގޭ ދަބަރު ސިކުނޑިއަށް އެއްޗެއް ވިސްނޭނީ ކޮންއިރަކުންބާ.. އައިމް ސޯ ހެޕީ..!!” އިޒްކާންއަށް ވުރެ ހޫރީން މާ ފޯރި އަރާފައިހުރިހެން ހީވެއެވެ. އިޒްކާން ހޫރީން އުފަލުން ފުމޭތަން ދެކެން ހުރީ ހިނި އައިސްފައެވެ. “ދެންވެސް ގެއަށް ވަދެބަލަ ހޫރު މާމާ.. މަޣްރިބް ނަމާދަށް ބަންގި ގޮވަން އެ އުޅެނީ..” އިޒްކާން ހޫރީންއަށް އަތް ހޫރުވާލާފައި ސައިކަލު ސްޓާޓް ކޮށްލިއެވެ.

“އޭ އިޒްކާން ތަކުރުފާނު..” އިޒްކާން ފަހަތް ބަލާލިއެވެ. އޭރު ހޫރީން ހީނލާފައި ހުރީ ބޮޑުވާ އިނގިލި ދައްކާލައިގެންނެވެ. އެ ކުޑަ އިޝާރާތުން އެކަނިވެސް ހޫރީން ބުނަން ބޭނުންވި “ބެސްޓް އޮފް ލަކް” އިޒްކާންއަށް ނަގައިގަނެވުނެވެ. އިހުނަށްވުރެ ބޮޑަށް ހިނިތުންވެފައި އިޒްކާން ސައިކަލު ދުއްވާލީ ގެއަށް ދިޔުމަށެވެ.

ފައިލަމް މެންގެ ގޭގައި ހިޔާން ހުރެގެން ދެކޮޅު ދެކޮޅަށް ހިނގަނީއެވެ. “ބަލަ ކަލޭ ފޫކޮޅުގައި ކައްޓެއް ހުރީތަ..؟” އެންމެފަހުން ނުހުރެވިގެން ފައިލަމް އެއްސެވެ. ހިޔާން ހިނގުން މަޑުކޮށްލިއެވެ. “ނޫނޭ ދެފަޔަށް ހިނި އަރައިގެން މަ މިއުޅެނީ..” ހިޔާން ލޯހަނި ކޮށްލާފައި އަނެއްކާވެސް ހިނގަން ފެށިއެވެ. “ދެން ކިޔާބެ ވީގޮތެއް.. މަ މިހުރީ ކައެއަށް އެހީވާކަށް ނޫންތަ..؟” ފައިލަމް އެހެން އެހިގޮތުން ހީވީ އޭނާ ބޭކާރުވެފައި އިނީމައި އެކަމާއި ޝަކުވާ ކުރަނީ ހެންނެވެ. “އިޒްކާން ބުނި އެއްޗަކާއި ދޭތެރޭ މަ މި ވިސްނަނީ..” ހިޔާން އެންމެފަހުން ސޯފާގައި އިށީނދެފައި ފައިލަމް އާއި އޭނާގެ ފިކުރުތައް ހިއްސާކުރިއެވެ. ހިޔާން އެހެން ބުނި އަޑު އަހަން ފައިލަމް އިނީ ދަތްޕިލަ ދިލުވާލައިގެންނެވެ. އެންމެ ފަހުން އޭނާގެ ބޭނުމެއް ވުމުން އެކަމާއި އުފާވީ ކަންނޭނގެއެވެ.

“އިޒްކާން އެހެދީ ދޮގު.. މަށަށް ހަމަ ސަތޭކަ އިންސައްތައިން ޔަގީން އިޒްކާން އެހެދީ ދޮގުކަން.. ކަލޭ ލޯ ސަލާމަތުން އެބަހުރިތަ..؟ ހުރިނަމަ ކަލެއަށް ފެނުނުތަ އިޒްކާން އެ އަންހެން ކުއްޖާއަށް ބަލާލާ ގޮތް..؟ އެ ދެލޮލުން ލޯބި ނޫން އެއްޗެއް މަށަކަށް ނުފެނޭ..” ފައިލަމް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. ހިޔާން އަތްދަމާ ފައިލަމްގެ ބޮލުގެ ފުށްކިބައިގައި ޖެއްސެވެ. ”މަށަށްވެސް އެބަ އިނގެޔޭ އިޒްކާން އެ ގަޑީ ހެދީ ދޮގުކަން.. އެކަމަކު މައެ ސުވާލަކީ އޭނަ އެހާވަރުގެ ދޮގެއް ހެދީ ކީއްވެގެންބާއޭ.. އަހަރެމެން އެކަކަށްވެސް ސިއްރު ވެފައި އޮތްކަމެއް ނޫން ދޯ އެއީ އިޒްކާން ނީޝަލް އާއި ދޭތެރޭ ދެކޭ ގޮތް….” ހިޔާން ބުނެލިއެވެ.

”ދެން ތިކަމާއި ވިސްނަން ނޫޅެ ހިނގާ ބޯހަމަޖައްސާލަން ދާން..” ފައިލަމް އިޝާރާތް ކޮށްލީ މައިހާ، ހުދާ އަދި ރައުލާ ބަންދު ކޮށްފައިވާ ކޮޓަރި އާއި ދިމާލަށެވެ. “ރައުލާ އަނެއް ކޮޓަރިއަށް ލާ..” ހިޔާން ބުނެލިއެވެ. ”އެއީ..؟” ފައިލަމް ހިތްހަމައެއް ނުޖެހުނެވެ. “އެއީ ކުޑަ ކުއްޖެއް..” ހިޔާން ބުނެލިއެވެ. “އޭޖް އެއީ ބަލާ އެއްޗެއްތަ..؟” ފައިލަމް އެހެން އަހާލީ އެއީ އަލަށް އިވުނު ވާހަކައެއް ފަދައިންނެވެ. “މަ ބުނި ގޮތަށް ކަންތައް ކުރޭ.. ހުދާ ނޫނީ މައިހާ އިން ކަލެއަށް ފުދޭނެ..” ހިޔާން ވިހަ ހީނލުމެއް ހީނލާފައި ބުނެލިއެވެ.

ދެލޯ އަޅާލާފައި ފައިލަމް ކޮޓަރިއަށް ވަދެ ރައުލާ ނެރުނެވެ. “ކަލޭ އިންނާނީ މި ކޮޓަރި ތެރޭ އިނގޭ.. ނުކުންނަން ހިތަށް އަރުވާލިޔަސް ނިމުނީ..” ފައިލަމް ރައުލާގެ އިސްތަށިގަނޑުގައި ހިފާ ކޮޓަރިތެރެއަށް ހޫރުވާލިގޮތަށް ދޮރު ޖެހިލެއް ބާރުކަމުން ގޭގެ ފުރާޅުވެސް ގުޑިލިހެން ހީވިއެވެ. “އާދޭ ދާން..” ހިޔާން އެތެރެއަށް ވަންނަން ދިޔައެވެ. ވަނުމުގެ ކުރިން ފައިލަމް ހިޔާން ހުއްޓުވިއެވެ. އަދި ފްރިޖް ކައިރީ ހުރި ފޮށިގަނޑު ތެރެއިން ދެ ފުޅިއެއް ނެގިއެވެ. އާދައިގެ ލައިފް ދެ ފެންފުޅިއެވެ.

“ތިޔޯ..؟” ހިޔާން އެއްސެވެ. “ރާ..” ފައިލަމް ބުނެލިއެވެ. “އޭ.. ރުކުރާއެއް ނޫން ދޯ..؟” ހިޔާންގެ ހިނިތުންވުން ކުރިއަށް ވުރެވެސް ފުޅާވިއެވެ. “ދިސް އިޒް ބިއަރ.. މޭން.. މަ މިކަހަލަ ގަޑިއެއްގައި ރުކުރާ ނަގާ ބޯށޭ ކިޔާ ކަލޭ އަތަށް ދޭނެހެން ހީވޭތަ..؟” ފައިލަމް ހިޔާން އަތަށް އެ ފުޅި ލައިދިނެވެ. “ކޮންތާކުން ހޯދީ..؟؟” ހިޔާން އެއްސެވެ. “ރައްޓެހި ގޮލައެއްގެ އަތުން..” ފައިލަމްގެ ޖަވާބު ކުރެވެ. “މާ ވަރަށް ނުބޯތި..” ހިޔާން އެއްލޯމަރާލާފައި ފުޅީގައި ތުން ޖެހިއެވެ. ދެމީހުންވެސް ހިނިގަނޑެއް ޖަހާލާފައި ހުދާ އާއި މައިހާ އިން ކޮޓަރި ތެރެއަށް ވަނީ ދެވަނަ ވިސްނުމެއް ނުލައެވެ.

އެތެރޭގައި ބަސްމަދުވެފައި އިން ހުދާ އާއި މައިހާ ސިއްސައިގެން ގޮސްފައި ދޮރާއި ދިމާލަށް ބަލާލީ އެ ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަތް ހިޔާން އާއި ފައިލަމް ފެނިފައި އެ ދެމީހުންގެ ބޭނުން ރޭކާލަން ހުދާ އާއި މައިހާއަށް ނެގީ ފަޅި ސިކުންތެކެވެ. މައިހާގެ ލޯ ކަރުނުން ފުރުނުއިރު ހުދާ ދެކަކީ މައްޗަށް ތިރިވެ އާދޭސް ކުރަން ފެށިއެވެ. ގިސްލާ ރޮމުންނެވެ. އެދެމީހުންނަށް ރަހުމު ކުރުމަށެވެ. އެ ކުރަން އުޅޭ ކަމެއް ނުކުރުމަށެވެ. އެ ދެ މީހުން ދޫކޮށްލުމަށެވެ. ނަމަވެސް އެ ނިކަމެތި އަންހެން ކުއްޖާގެ އާދޭސްތަކުން ހިޔާން އާއި ފައިލަމްގެ ހިލަގަނޑެއްހާ ހަރު ދެ ހިތަކަށް އަސަރެއް ނުކުރިއެވެ.

ރޮއިރޮއި ހުއްޓާ ހިޔާން ހުދާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ހިޔާން ހުދާ އާއި އަރާ ހަމަ ކުރުމުން ފައިލަމްގެ ތޫނު ނަޒަރު ހުއްޓުނީ މައިހާއަށެވެ. ފައިން ފެށިގެން މައިހާގެ ބޮލާއި ހަމައަށް ބަލާލިގޮތުން މައިހާއަށް ދެއަތުން އަމިއްލަ ގައިގައި ބައްދާލެވުނެވެ. ފައިލަމްގެ އެ ނުރަނގަޅު ބަލާލުމުން އެކަނިވެސް މައިހާގެ ހިތް ބިރުވެރިކަމުން ފުރިއްޖެއެވެ. ހިތާމައިން ފޯވެއްޖެއެވެ. ފައިލަމް ކުރިއަށް ނެގި ފިޔަވަޅާއި އެކީގައި ހުރީ މައިހާގެ ކުރިމަތީގައެވެ. މައިހާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ ރޯން ވެގެން އަނގަ ހުޅުވާލިތަނާއި ފައިލަމް މައިހާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައިފިއެވެ. ބިރުވެރިކަމުން ފުރިފައިވާ މައިހާގެ އެދެލޮލަށް ބަލާލެވުމާއި އެކީގައި ފައިލަމްއަށް ވެރިވީ އިތުރު ބާރެކެވެ.

ސީލިންގއަށް ބަލަހައްޓައިގެން އޮތް ނީޝަލްއަށް ސިހުމެއް ލިބުނީ ފޯނު ރިންގުވާންފެށި އަޑަށެވެ. ކައިޔަންގެ ކޯލެކެވެ. “ޑޭޑް..” ނީޝަލް މޫނުމަތީގައިވީ ހާސްކަމުގެ ކުލަވަރު ވަންހަނާ ކޮށްލީ ނުހަނު މޮޅަށެވެ. “ދަރިފުޅު ކިހިނެތްތަ..؟” ހިނިތުންވެފައި ހުރި ނީޝަލްއަށް ބަލާލާފައި ކައިޔަން ސުވާލު ކުރިއެވެ. “ރަނގަޅު ހަމަ.. ބައްޕަ ކިހިނެތްތަ..؟ މަންމަ ކޮބާ..؟” ނީޝަލް އެއްސެވެ. “މަންމަވެސް އެބަ އުޅޭ.. ތަށިތައް ދޮންނަނީ މިގަޑީ..” ކައިޔަން ބުނެލިއެވެ. ކައިޔަންގެ އަޑުގައި ކުރިން ނުހުންނަ ކަހަލަ ސީރިއަސްކަމެއް ހުރިކަން ނީޝަލްއަށް ފާހަގަވިއެވެ.

“އެންމެރަނގަޅުތަ ބައްޕަ ސުވާލެއް އަހާލިޔަސް..؟” ކައިޔަން އެއްސެވެ. “ޔެސް އޮފްކޯޒް..” ނީޝަލް ކުޑަކޮށް ނުތަނަވަސްވާގޮތްވިއެވެ. “ދަރިފުޅަށް އެއްވެސް ވަރަކަށް ތިކޮޅުގައި އުޅެން އުނދަގޫތަ..؟” ކައިޔަން އޮޅުންފިލުވަން ބޭނުންވި ކަންތައްތައް އޮޅުންފިލުވަން ފެށީ ދުރުދުރުންނެވެ. ”ނޫން އެއްވެސް އުނދަގުލެއް ނޫން.. ތިއްތަ، ތިއްތަބެ، އައިންދައްތަ، ޒާންބެ އަދި ކުޑާގެ އިތުރުން މިކޮޅުގެ ހުރިހާ ފްރެންޑްސްވެސް ވަރަށް ރަނގަޅު.. އެންމެން ވެސް ވަރަށް ކެއަރިންގ..” ނީޝަލް ބުނެލިއެވެ. ”އެއްވެސް އެއްޗެއްގެ ފަރާތުން ދަތިކަމެއް ވޭތަ..؟” ކައިޔަން އެ އެހި ސުވާލު ނީޝަލްއަށް އެހާ ބޮޑަކަށް ދޭހައެއް ނުވިއެވެ. އެހެންކަމުން ނީޝަލް ބޯ ހަލުވާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

”އެއްވެސް މީހެއްގެ ފަރާތުން އުނދަގުލެއް ވޭތަ..؟ ކައިޔަން އެންމެފަހުން ކުރަން ބޭނުންވި ސުވާލު ކުރިއެވެ. ނެގި ފޮޓޯގަނޑެއްހެން ނީޝަލްގެ ސިކުނޑިއަށް ވެރިވީ އެ ނަން ނޭނގޭ ގޮތް ނޭނގޭ ނުދަންނަ ޒުވާނާއެވެ. ކޮންމެ ދުވަހަކުހެން ނީޝަލްއަށް އެ ޒުވާނާ ފެނެއެވެ. ފުދޭވަރަކަށް ކައިރިންނެވެ. ނަމަވެސް ދުރުންނެވެ. އެ މީހާގެ ހަރަކާތް ހުންނަގޮތުން އެމީހާ ނީޝަލްއަށް ފާރަލަނީ ހެންވެސް ހީވެއެވެ. ނަމަވެސް އެއީ ހަމަ ހީވާ ހީވުމެކެވެ. ނީޝަލްއަށް އަދިވެސް ޔަގީނެއް ނުވެއެވެ.

ނަމަވެސް އެ މީހާ އާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކުވެސް ނީޝަލްގެ ހިތަށް ބިރުވެރިކަން ވަދެއެވެ. އެ ފުން ދެލޮލުގެ ތެރެއަށް ގެނބިދާނެތީއެވެ. އެއްބައި ފަހަރު އެ ދެލޮލުން ވޭނުގެ އަސަރު ފެނެއެވެ. އަނެއްބައި ފަހަރު އެ ދެލޯ ނުރައްކާތެރި ކަމުން ވިދާ ގޮތުން އެތައް ފަހަރެއްގެ މަތިން ނީޝަލްގެ ގައިން ހީބިހި ނަގާފައި އެބަހުއްޓެވެ. އެ ދެލޮލުން ބުނެދޭން ބޭނުންވާ އެތައް ވާހަކައެއް ހުރި ހެންވެސް ނީޝަލްއަށް ހީވެއެވެ. ސިއްރުވެރިކަމުން ފުރިގެންވީ އެ ބަލާލުމުން ނީޝަލްގެ ހިތުގައި ޖަވާބެއް ނެތް އެތަކެއް ސުވާލެއް އުފަން ކުރުވައިފިއެވެ. މަޖުބޫރީގެ ކުލަ ހާމަވާ އެދެލޮލުން ނީޝަލްގެ ހިތަށް އެތައް އިހުސާސްތަކެއް އަރާ ފޭބުވުމުގައި އެ ޒުވާނާ ކާމިޔާބު ކޮށްފައިވިއެވެ.

“ނީޝް..؟” ކައިޔަން ތަންކޮޅެއް ބާރަށް ގޮވާލިއަޑަށް ނީޝަލްއަށް ހޭވެރިކަމެއް ވިއެވެ. ”ޖަވާބު..؟” ކައިޔަން އެހެން އެހުމުން ކައިޔަން ސުވާލެއް ކުރި މަތިން ނީޝަލް ހަނދާންވިއެވެ. ”މީހެއްގެ ފަރާތުން ދޯ..؟ ނޮޕް.. ނުވޭ.. މިރަށުގައި އުޅޭ އެންމެންވެސް ވަރަށް ސްވީޓް..” ނީޝަލް ބުނެލިއެވެ. ނީޝަލްގެ އެ ޖަވާބުން ކައިޔަންގެ ހިތަށް ހަމަޖެހުން ނުލިބުނު ކަމުގައި ވިޔަސް ހިނިތުންވިއެވެ. “ނައިލް ކޮބާ..؟” ކައިޔަން އެއްސެވެ. “ނައިލް ކޮންމެވެސް ބިޓަކާއި ވާހަކަ ދައްކަނީ.. ނައިލްމެން ކުދިންކުދިން ހޯދާ ނިންމާލާއިރުވެސް ޝަލް މެން އެ ހުންނަނީ ފުލްސްޓޮޕް ޖެހިފައޭ ދޯ..؟” ކޮޓަރިއަށް ވަތް ޒީޝްއަށް ކައިޔަން އެ ކުރި ސުވާލު އަޑު އިވިގެން ޖަވާބު ދިނީ ހިނިގަނޑެއް ޖަހާލާފައެވެ. ކައިޔަންގެ ގާތަށް ހިނިއައެވެ.

ތޭވީސް އަހަރުގެ ޒީޝްއަށް ކައިޔަން ބެލުމެއް ހަދިޔާ ކޮށްލިއެވެ. ނީޝަލްއަށް އެ ބެލުން ކިތަންމެ އާދައިގެ ބެލުމަކަށް ވިޔަސް ޒީޝްއަށް އެ އިންޒާރުގެ ބެލުން ނަގައިގަނެވުނެވެ. ބުނެވުނު އެއްޗަކާއި ދޭތެރޭ ޒީޝްއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. ދެންމެ ކިޔުނު ނަން ރޭކާލުމުން އަނގަމަތީގައި އަތް އަޅާފައި ޒީޝްއަށް ބޯ ހޫރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ގަސްތުގައި ނޫންކަން ކައިޔަންއަށް ޔަގީން ކޮށްދޭށެވެ. “ދޮންބޭ އައި ޑިޑިންޓް މީން ޓު ސޭ ޝަލް… އައިމް ސޮރީ..!!” ޒީޝްއަށް ހިތާހިތުން އެހެން ކިޔާލެވުނީ ނީޝަލްގެ މޫނަށް ބަލާލާފައެވެ.

ޒީޝްގެ ބޮޑުވެފައިވާ ދެލޮލުން ކައިޔަންއަށް އަސަރު ކުރިއެވެ. ރުޅިއާދެވުނީ މާ އަވަހަށްކަން އެނގުމުން ކައިޔަން ބޯ ހޫރާލާފައި ހިނިތުންވެލީ ޒީޝްގެ ހިތަށް ހަމަޖެހުމެއް ގެނެސް ދެވޭތޯއެވެ. ލިބުނު ކުޑަ ޝޮކުން ޒީޝްއަށް ނީޝަލް އާއި ހަތަރު ކަޅި ހަމަ ކުރާކަށްވެސް ނުކެރުނެވެ. ވަތްއިރަށްވުރެ ވެސް މާ އަވަސް ފިޔަވަޅުތަކެއްގައި ޒީޝް ބޭރަށް ނުކުތެވެ.

“ބައްޕަ ފަހުން ނައިލްއަށް ގުޅާލާނަން އިނގޭ..” ކައިޔަން ނީޝަލްގެ މޫނަށް ބަލާލާފައި ހީނލިއެވެ. “އާނ އެންމެ ރަނގަޅު.. މާދަން އަޅުގަނޑު މަންމައަށް ގުޅާނަން އިރާދަކުރެއްވިއްޔާ.. ޓޭކް ކެއަރ ޑޭޑް..” ނީޝަލް ހިނިތުންވެލިއެވެ. “މައި ޕްރެޔަރސް އަރ އޯލްވޭޒް ވިތް ޔޫ ބޭބީ..” ކައިޔަން ނީޝަލްއަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ. ހިނިތުންވެފައި ކައިޔަން ފޯނު ކަނޑާލުމުން ނީޝަލް އަވަހަށް ފޯނު ބާއްވާފައި ކޮލެޖަށް ގެންދާ ދަބަސް ތެރެއިން ނޯޓްފޮތްނަގާ އެންމެ ފަހަތު ސަފްހާ ހުޅުވާލިއެވެ.

“ޒެލީ.. ނެޒެލީ.. އޯރެލް.. ފްރާންސް.. އެންޑް…” ނީޝަލް ލިސްޓަކަށް އެ ނަންތައް ލިޔުނެވެ. “އެންމެ ފަހަށް.. ރޫ.. ރޫހާން..” ނީޝަލް ރޫހާންގެ ނަން ލިޔެލާފައި އެ ނަމުގެ ކައިރީގައި ސުވާލު މާކެއް ޖަހާލިއެވެ. ”ވައި ކާންޓް އައި ރިމެންބަރ..؟؟؟” ނީޝަލް ނޯޓްފޮތާއި އެކީގައި އުއްޑުން އެނދުމައްޗަށް ވެއްޓިގަތީ އެ ހަނދާނަށް ނާންނަ ހަނދާންތައް އަލުން ހަނދާނަށް އާދޭތޯ ހަނދާން ކުރުމުގެ ނިޔަތުގައެވެ.

ނޯޓްފޮތް އެނދުމަތީ ބާއްވާފައި ބާލީހުގައި ބައްދާލަމުން އެއް އަރިއަކަށް އޮށޯވެވުނު ތަނާ ނީޝަލް ހަނދާންވީ އިޒްކާން އާއި އެކީގައި މިއަދު ދިމާވި ހާދިސާއެވެ. އަލުން ތުންފަތުގައި އިނގިލިތަކުން ފިރުމާލެވުނީ އެ ފޮނި ވަގުތުކޮޅު ހަނދާނުގައި ކުޅެލުމުންނެވެ. “މައި ފަސްޓް..” ނީޝަލްއަށް ރަކި ހިނިތުންވުމެއް ވެރިކޮށްލައިގެން އިޒްކާން އާއި ދޭތެރޭ ވިސްނަން ފެށުނުއިރު އޭނާ އެނދަށް އެރީ ކޮންކަމަކާއި ދޭތެރޭ ވިސްނަންކަންވެސް ހަނދާނުން ކައްސާލައިފިއެވެ. ލޯތްބަކީ އެފަދަ އެއްޗެކެވެ. ލޯބިވާ މީހަކާއި ދޭތެރޭ ވިސްނެން ފެށުމުން ވަދެވެނީ މުޅިން އެހެން ދުނިޔެއަކަށެވެ.

ނަމަވެސް ނީޝަލްއަށް ނޭނގުނު ކަމަކީ އިޒްކާންގެ ކުރިން އެހެން މީހަކު ނީޝަލްގެ ތުންފަތުގެ ފޮނި މީރުކަން ހާސިލް ކޮށްފައިވާ ކަމެވެ.

ރޫހާން ކޮޓަރިން ނުކުތުމުން ނެޒެލީ ދޮރާއި ދިމާލަށް ބަލާލިއެވެ. “ޖަސްޓް ތިންކް.. އިޓްސް އީޒީ..” ނެޒެލީ އޭނާ ޕްލޭން ކުރި ޕްލޭން ހަނދާން އާ ކުރިއެވެ. “މިރެއަކު ނޫން.. މިރޭ މިތަނަކުން ނުދާނަން..” ނެޒެލީގެ ހިޔާލު ބަދަލުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ޖެހިގެން އޮތް ހަފްތާގެ ހުކުރު ދުވަސް..” ކޮޓަރި ތެރޭގައި ހަރު ކޮށްފައިވާ ކަލަންޑަރަށް ނެޒެލީ ބަލާލިއެވެ. “އާނ ހުކުރު ދުވަސް.. ހުކުރު ދުވަހުގެ ކުރިން އަހަރެން ރޫ ގެ ކައިރިން ނީޝްގެ ހުރިހާ މައުލޫމާތެއް ހޯދާނަން..” ނެޒެލީ ކަނޑަ އެޅިއެވެ. “މި ގަޑީ މިތަނުން ސަލާމަތް ވެގެން މި ގޮތްނޭނގޭ ރަށުތެރޭ ހިނގާ ހަދާކަށް އަހަރެންނަކަށް ނޭނގޭނެ.. އެހީއަކަށް އެދޭނެ ގާތް މީހެއް ނެތް.. ނީޝް ވީތަން އެނގިއްޖެއްޔާ އަހަންނަށް ނީޝްގެ ގާތަށް ދިޔުން އެހާ އުނދަގޫ ކަމަކަށް ނުވާނެ..” ނެޒެލީއަށް ވިސްނުނު އެންމެ ރަނގަޅުގޮތް އިޚްތިޔާރު ކުރީ އެހެން ވިސްނުމަކާއި ނުލައެވެ.

”ނީޝް.. އަހަރެން ނީޝްއަށް ކިޔައިދޭނަން… ރޫހާން އަލުން ނީޝްއަށް ގޮތެއް ހެދިޔަކަ ނުދޭނަން.. ޓައިމް ޓްރެވެލް ކުރެވޭނަމަ އަހަރެން މިހާރުވެސް އަނބުރާ އެރޭއަށް ދާނަން.. ރޫހާންގެ ޕްލޭން ނާކާމިޔާބު ކުރާނަން.. ނީޝް ރައްކާތެރި ކޮށްދޭނަން..” ނެޒެލީގެ ލޯ ތެމުނެވެ. އެރެއަށްފަހު ނެޒެލީގެ ހިތުގައިވާ ބޮޑު ބުރަ އަދިވެސް ވަނީ ފިލައި ނުގޮސްފައެވެ. “އައި ރިގްރެޓް އިޓް.. އައި ރިގްރެޓް އިޓް ސޯ މަޗް..” ނެޒެލީ ލޯ މަރާލުމާއި އެކީގައި ދެލޮލުން ކަރުނަ ނީރާލިއެވެ.

ނެޒެލީއަށް ސިހުމެއް ލިބުނީ ފިނިއަތަކުން އެ ކަރުނަތައް ފޮހެލައިދިނުމުންނެވެ. ދެލޯ ހުޅުވާލުމާއި އެކީގައި މޫނާއި މޫނު ޖެހޭހާ ކައިރީގައި ހުރި ރޫހާން ފެނިފައި ނެޒެލީގެ ހިތަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ލޯބީގެ ލޮޅުމެއް ނޫނެވެ. ރޫހާން އާއި ދޭތެރޭ ހިތުގައި އުފެދިފައިވީ ނަފްރަތަށް އިތުރުވުމުން އެރި ލޮޅުމެކެވެ. ވެގެންވާނަމަ ނެޒެލީ މިހާރުން މިހާރަށްވެސް ރޫހާންގެ މޫނު ނޮޅައިލީހެވެ. ރޫހާން ނެޒެލީ މިތަނުގައި ބަންދުކުރިތާ ވީ ދުވަސްތަކުގައި އުންމީދު ގެއްލި ހިތްމަރުވެފައި އިންދާ ނީޝަލް މިކޮޅަށް އައި ވާހަކަ އަޑު އިވުމުން ނެޒެލީގެ ހިތުގައި ދިއްލުނު އުންމީދު ވަނީ ބޮޑުވެފައެވެ. ރޫހާންގެ އަތްދަށުން ސަލާމަތްވެ މި ތަނުންވެސް ސަލާމަތްވެ އަނބުރާ ނީޝަލް އާއި ބައްދަލު ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އަންނާނެކަމުގެ އުންމީދު ކުރެވޭތީއެވެ.

“ކޮންކަމަކާއި ދޭތެރޭ ތި ވިސްނަނީ..؟” ހީކުރިގޮތާއި ޚިލާފަށް ރޫހާން ސުވާލު ކުރުމުން ނެޒެލީއަށް ހައިރާން ކަމެއް ލިބުނެވެ. ރޫހާން އާއި އަދި ވާހަކަ ނުދައްކަން ހިތުލާފައި ނެޒެލީ އެނދުގެ ބިތްދޮށަށް ޖެހިލިއެވެ. ރޫހާން އޭނާ އާއި ނެޒެލީ އާއި ދޭތެރޭ ވީ ދުރުމިން ކުޑަކޮށްލިއެވެ. ރޫހާންގެ ނޭވާތައް ކަރުދޮށަށް އެޅުމުން ނެޒެލީއަށް ތެޅިގަނެވުނެވެ. ނެޒެލީގެ ލޮލުން ފެނުނު ބިރުވެރިކަން ވެގެން ދިޔައީ ރޫހާންގެ ހިތަށް ލިބުނު ފިނިކަމަކަށެވެ. ހީނލާފައި ނެޒެލީއާއި ދުރުވެލިގޮތަށް ރޫހާން އަނެއްކާވެސް ކޮޓަރިން ބޭރަށް ނުކުތެވެ.

“އަހަރެންގެ މަގްސަދަކީ ހަމަ އެންމެ މަގްސަދެއް..” ރޫހާން ވައި އަޑުން ކިޔާލިއެވެ. ހުޅުވާފައިވާ ކުޑަދޮރުން ފެންނަމުން ދިޔަ ބުރުހަމަ ހަނދަށް ނަޒަރެއް ދެމުންނެވެ. “ނީޝް.. ނީޝް އަހަރެންގެ ހައްގަކަށް ހެދުން..” ރޫހާންގެ އަޑު ޖެހުނު ވައިރޯޅީގެ ތެރެއަށް ހިނދުނެވެ. “އެކަން ވާން އޮތީ ނީޝް ހަނދާން ވެގެން.. އެ ރޭގެ މަތިން ހަނދާންވެގެން..” ރޫހާން ބުނެލިއެވެ.

“އަދި ނީޝް އެ މަތިން ހަނދާންވާނެ.. އަހަރެން ފެންނަވަރު ގިނަވީ ވަރަކަށް.. އަހަރެން މީ ނީޝަލްގެ ކާކުކަންވެސް ހަނދާންވާނެ.. ޒެލީ މަތިން ހަނދާންވާނެ.. އެހެން އެކުވެރިންނާއި ފްރާންސްގެ ސްކޫލް ދުވަސްވަރުގެ މަތިންވެސް ހަނދާންވާނެ.. އަދި ވަކިން ހާއްސަކޮށް.. އެ ރޭ ގެ މަތިން ހަނދާންވާނެ.. އެ ފަހުން ވީ ކަންތައްތައްވެސް ހަނދާންވާނެ.. އަވްލީން.. ކައިޔަން.. އަހަރެން ކަލޭމެން ނީޝަލް އެ ހަނދާންތައް އާވިޔަ ނުދިނުމަށްޓަކައި ކޮށްފައިވާ ހުރިހާ މަސައްކަތެއް ފަނުފުލުން ދުއްވާލާނަން.. އަދި ބަލަން ހުރޭ… އަހަރެން އެކަން ކުރާނަން..” ރޫހާން ހިތާހިތުން އެހެން ކިޔާލިއިރު ތުންފަތްމަތީގައި ދުވެލި ހިނިތުންވުން ސިއްރެއް ނުވާނެއެވެ.

ޒީޝް ޓެންއަށް ކާންދީފައި އެރޭ އުޅުނީ ނީޝަލް އާއި ވީހާވެސް ދުރުދުރުންނެވެ. ޒިވީންއަށް ކައި ނިންމާފައި ތަށިތައް ދޮވުމުގަޔާއި އެހެން ކަންކަމުގައި އެހީވެދީފައި ނައިލް ގޮވައިގެން ޒުކާން އާއި ސަކަރާތް ޖަހަން އިނެވެ. ޒުކާން ނިންދަވަން އަދި ނިދަން އެތެރެއަށް ވަންނަމުން ޒިވީން ނައިލް ކޮޓަރިއަށް ފޮނުވީ މާދަން ސްކޫލް އޮންނާތީ ނިދަން އޮށޯންނާށޭ ކިޔާފައެވެ. އަލާން އާއި ކޮޓަރިއަށް ނިދަން ވަތްފަހުން ޒާއިންވެސް ޑިއުޓީ ނިންމާފައި ރެސްޓޯރެންޓް އިން ގެއަށް އައިސް ދެތިން ލުއި ކާނާއެއް ހިފައިގެން އޭނާއާއި އައިންގެ ކޮޓަރިއަށް ވަތް ފަހުން ޒީޝް ފްރިޖުން ވެނީލާ އައިސްކްރީމް ތައްޓެއް ހިފައިގެން ސޯފާގައި ޖައްސާލިއެވެ. ކޭއިރުއްސުރެ ފަށައިގެން ނީޝަލް ކޮޓަރިން ނުނިކުންނާތީ ނީޝަލް ނިދީ ކަމެއް ނުވަތަ ނޫންކަމެއް ޔަގީން ނުވާތީ ޒީޝް ކޮޓަރިއަށް ވަންނަން ނުކެރިގެން ސީރީޒް ބެލުމުގެ ނަމުގައި ސޯފާގައި އިނީ ގަޑިން އެކެއް ނުޖަހަނީސް ކޮޓަރިއަށް ނުވަނުމަށް ނިޔަތް ގަނެގެންނެވެ.

މާދަމާއަށް ނިންމަން ދީފައިވާ އެސައިންމެންޓް ނިންމާފައި ނީޝަލް ލެޕްޓޮޕް ކައިރިން ދުރުވެލީ އެއްގަޑި ބައިވީ ފަހުންނެވެ. މޯޅި އަކަށް ދެމިލާފައި ނީޝަލް އަމިއްލަ ބޮލުގައި ޖަހާލިއެވެ. އޭނާ ރާއްޖެއަށް އައި އެންމެ ބޮޑު މަގްސަދަކީ ރަނގަޅަށް ކިޔެވުމެވެ. ނަމަވެސް ވިސްނަން ޖެހޭ އެހެން ކަންކަން ފެންމަތިވާވަރުން ނީޝަލްއަށް ކިޔެވުމަށް ދޭން ޖެހޭ އެންމެ އެކަށީގެންވާ ސަމާލުކަމެއް ނުދެވެއެވެ.

އަވްލީން ފެންވަރައިގެން އެއްޗެހި ބަދަލު ކޮށްގެން ފާހާނާ އިން ނުކުތްއިރު ކައިޔަންއަށް ވަނީ ނިދިފައެވެ. ނިދާފައިވާ ކައިޔަންގެ ފިރިހެންވަންތަ މޫނަށް ގެއްލިފައި އަވްލީންއަށް ހުރެވުނެވެ. ހިތުގެ ވިންދު އަވަސްވެލުމުން އަވްލީންގެ ގާތަށް ކުޑަކޮށް ހިނިއައެވެ. “ކައިޔަން.. ހަނީ ޔޫ ސްޓިލް ހޭވް ނެވަރ ފެއިލްޑް ޓު ގިވް މީ ބަޓަރފްލައިސް އެވްރީ ޓައިމް އައި ސީ ޔޫ..” އަވްލީންއަށް ބުނެވުނެވެ. ކައިޔަން ފެންނަ ކޮންމެ ފަހަރަކު އަދިވެސް އަވްލީންގެ ބަނޑުގައި ކޮކާ އުދުހޭ ކަމުގެ އިހުސާސްތައް ވެއެވެ. ތެދު ލޯތްބަކީ އެއީއެވެ. ނިދުމުގެ ކުރިން ފެންތައްޓެއް ބޯލުމުގެ ނިޔަތުގައި އަވްލީން ކޮޓަރިން ނުކުތީ ލައިގެން ހުރި ނިދާ ހެދުމުގެ މަތިން ޖެކެޓް ފާޑަކަށް ހުރި ރޯބްއެއް ލަމުންނެވެ.

ފްރިޖަށް ފެންފުޅި ލާފައި އަވްލީން ކޮޓަރިއަށް ވަންނަން އުޅެނިކޮށް ހުޅުވާފައިވާ ބެލްކަނީގެ ދޮރު ލޮލުގައި އަޅައިގަތެވެ. “އޯވް ނޯ..” އަވްލީން އަވަސް އަވަހަށް ގޮސް ބެލްކަނީގެ ދޮރު ލައްޕާ ލޮކް އަޅުވާލިއެވެ.
“ނަސީބެއްނު ވަގަކު ނުވަންނަނީސް މި ދޮރު ލެއްޕުނުކަން..” އަވްލީން މޭގައި އަތް ބޮނޑިކޮށްލާފައި ކޮޓަރިއަށް ވަންނަން ދާން އެނބުރިލި ވަގުތުގައި ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ފިތާލި ހެންނެވެ.

ސޯފާގައި ފާޑަކަށް އިސްތަށިގަނޑު ހާވާލައިގެން އިން މާޔާ ފެނިފައި ހަމަ ރަނގަޅަށްވެސް އަވްލީން ދިޔައީ ސިއްސައިގެންނެވެ. “މަ.. މާޔާ..” އަވްލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެހެންކަމުން ބުނަން ބޭނުންވި ވާހަކަތައް ހީވީ ކަރުތެރޭ ތާށިވީހެންނެވެ. މާޔާ އިން ތަނުން ކޮޅަށް ތެދުވި ވަގުތުގައި ބެލްކަނިން މާޔާގެ މޫނަށް އެޅުނު ހަނދުވަރުގެ ފަނޑު އަލިން އަވްލީންއަށް މާޔާގެ ދެލޯ ރަނގަޅަށް ފެނުނެވެ. ގަދަޔަށް އަނދުން އަޅާލާފައިވާ މާޔާގެ އެ ރީތި ދެލޯ އަވްލީންއަށް ފެނުނީ މާރިދެއްގެ ދެލޮލަށް ވުރެވެސް ނާމާންކޮށެވެ.

 

= ނުނިމޭ =

25

1 Comment

  1. sahoo

    February 27, 2021 at 7:09 pm

    Wow very nice waiting for the next part of the story keep it up and be safe.

Comments are closed.