
އެކުއްޖާ 2 – 22
* ސޯފާގައި ފާޑަކަށް އިސްތަށިގަނޑު ހާވާލައިގެން އިން މާޔާ ފެނިފައި ހަމަ ރަނގަޅަށްވެސް އަވްލީން ދިޔައީ ސިއްސައިގެންނެވެ. “މަ.. މާޔާ..” އަވްލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެހެންކަމުން ބުނަން ބޭނުންވި ވާހަކަތައް ހީވީ ކަރުތެރޭ ތާށިވީހެންނެވެ. މާޔާ އިން ތަނުން ކޮޅަށް ތެދުވި ވަގުތުގައި ބެލްކަނިން މާޔާގެ މޫނަށް އެޅުނު ހަނދުވަރުގެ ފަނޑު އަލިން އަވްލީންއަށް މާޔާގެ ދެލޯ ރަނގަޅަށް ފެނުނެވެ. ގަދަޔަށް އަނދުން އަޅާލާފައިވާ މާޔާގެ އެ ރީތި ދެލޯ އަވްލީންއަށް ފެނުނީ މާރިދެއްގެ ދެލޮލަށް ވުރެވެސް ނާމާންކޮށެވެ. *
މާޔާ ޒާތަކަށް ހީނލިއެވެ. އަދި ގެއިން ނުކުންނަ މައިދޮރާއި ދިމާލަށް ހިނގައިގަތެވެ. ނުކުންނަމުން އަވްލީން އާއި ހަތަރުކަޅި ހަމަކޮށްލިގޮތުން އެކަނިވެސް އަވްލީންގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ފިނި ރާޅެއް ދަތުރުކޮށްލިހެން ހީވިއެވެ. މާޔާ ގެއިން ނުކުތުމުން އަވްލީން އަނެއްކާ ގޭގެ ހުރިހާ ދޮރެއް ތަޅުލެވުނުތޯ ޗެކްކުރިއެވެ. ބެލްކަނިން އަނެއްކާ މާޔާ ވަދެފާނެ ކަމުގެ ބިރަށް އަވްލީން ބެލްކަނީގެ ހިފާ މުށްގަނޑު ފްރިޖްގައި ހަރުކޮށްފައިވާ ހުކް އާއި ލާ ރަނގަޅަށް އެއްސިއެވެ.
ނިދަން އެނދަށް އަރާފައިވެސް އަވްލީންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭސީގެ ފިނިކަން އެހާ ގަދައަށް ހުއްޓާވެސް އަވްލީން ދާ ހިއްލައިފިއެވެ. ކައިޔަންގެ އަތުގައި ހިފާލައިގެން އޮވެ އެކި ފަރާތް ފަރާތަށް ފުރޮޅި ފުރޮޅިފައި އަވްލީންއަށް ނިދުނީ އެތައް އިރެއް ފަހުންނެވެ.
ފާހާނާކޮށް ނިމިގެން ފާހާނާއިން ނުކުތް އަލާން އަދިވެސް ހުރީ ނިދިބުރާންތިވެފައެވެ. އެއްލެމުން އެއްލެމުން އެނދާއި ދިމާލަށް ހިނގައިގަތްތަނާ މޭޒުގައި ޖެހި ބިންމައްޗަށް ފޮތްތަކެއް ބަރިބަރިއަށް ވެރިގަތް އަޑު އިވުނެވެ. ފުދޭވަރަކަށް ބާރަށެވެ. އެއަޑަށް އަލާންގެ ނިދި ފިލައިގެން ދިޔައެވެ. ވަގެއް ފަދައިން ދެކޮޅު ބަލާލާފައި ހިތާހިތުން އަލާން ހަމްދު ކުރީ ޒިވީން ނުވަތަ ޒުކާންގެ ތެރެއިން އެކަކު ވެސް ހޭނުލުމުންނެވެ. އަމިއްލަ ފަރުވާކުޑަ ކަމަށް ޕިސްޕިސް ކިޔަމުން އަލާން ފޮތްތައް ހޮވަން އުޅެނިކޮށް އެއް ފޮތް ތެރެއިން ވެއްޓިފައި އޮތް ގަނޑުކޮޅެއް ފެނުނެވެ. “މީ..؟” އަލާން ފޮތްތައް މޭޒު މަތީގައި ތަންކޮޅެއް ތަރުތީބުން ބަހައްޓާފައި އެ ގަނޑުކޮޅު ނަގާ އެނދުގައި އިށީނެވެ.
“އަލާން ބޭބޭ.. އަޅުގަނޑު މީ ކާކުކަން އަލާން ބޭބެއަށް ނޭނގިދާނެ.. އެކަމް އަޅުގަނޑު މިއީ ބޭބެގެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކުއްޖެއް.. އައިމް އެއިޓީން.. މީހަކު ކުށެއް ކުރުމުން އެމީހަކު ހޯދާ އެމީހާ އެކަން ކުރި ކަމުގެ ހެކިތައް ހޯދާފައި އޭނާއަށް ހައްގު އަދަބު ދޭ ގޮތާއި ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އެކްސްޕްލޯ ކުރަން.. ބޭބެ އެކަން ކުރާ ގޮތުން އެކަމަކީ ކައިފައި ވައެއް ލުން ހާ ފަސޭހަ ކަމެއް ހެން ހީވިޔަސް ހަގީގަތުގައި އެކަންކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އަޅުގަނޑަށް ވިސްނޭ އެބަ.. ޔުއަރ މައި މޯޓިވޭޝަން.. ކުރާ ކޮންމެ ކަމަކަށްވެސް ދޭން ޖެހޭ އެންމެ ފުރިހަމަ ސަމާލުކަމާއި އެކަމެއް ކުރާއިރު ދެން ކަޑައްތު ކުރަން ޖެހޭނެ ހަރުފަތްތަކަށް ވިސްނައިގެން އަޅާ ކޮންމެ ފިޔަވަޅެއް އެޅުމާއި މި ހުރިހާ ކަމެއްވެސް ދަސްވީ އަދި ދަސްކުރީވެސް ހަމަ ބޭބެ ކައިރިން.. ޔޫ އިންސްޕަޔަރޑް މީ ޓު ޑޫ މައި ބެސްޓް އެޓް އެވްރީތިންގ އައި ޑޫ.. އައި ވޯންޓް ޓު ބީ ސަމްވަން ލައިކް ޔޫ.. އަޅުގަނޑު ބޭނުންވަނީ ބޭބެ އަޅުގަނޑަށް އެހީވުން.. ބޭބެއަށް ވަކިން ޓްރެއިނިންގ ނުދެވޭނެކަން އަޅުގަނޑަށް ވިސްނޭ.. އެކަމަކު އަޅުގަނޑަށް ކަމެއް ކޮށްދީ.. އަޅުގަނޑަށް އިނގޭ މި ކިޔެން އުޅެނީ ވަރަށް ބޮޑު ކަމަކު ކަން.. އަޅުގަނޑު ބޭނުންވަނީ މިހާރު ގެއްލެމުންދާ ކުދިންގެ ކޭސް އަޅުގަނޑާއި ހަވާލު ކުރުން.. މި ބުނީ ބޭބެ އެ ކޭސްގައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާށެކޭއެއް ނޫން… އަޅުގަނޑުވެސް އެ ކޭސް ސޯލްވް ކުރިޔަ ދޭށޭ… ވިސްނޭ މިއީ އެހާ ޕޮސިބަލް ކަމެއް ނޫންކަންވެސް.. ބަޓް އައި ވިލް ނޮޓް ގިވް އަޕް.. ކޭސް ކުރިއަށް ގެންދާއިރު އަލާން ބޭބެވެސް ނުހަނު ހިތްވަރާއި އެކީގައި އެއްނު ކޭސް ކުރިއަށް ގެންދަނީ..؟ ޔޫ ޑޯންޓް ލޫސް ހޯޕް އީވެން ވެން ޔޫ ފީލް ލައިކް ޔުއަރ ލޫސިންގ ހޯޕް.. ޔޫ ޓްރައި.. ޔޫ ޓްރައި އަންޓިލް ޔޫ ސަކްސީޑް.. ދެޓްސް ވައި އައި ލުކް އަޕް ޓު ޔޫ.. އެހެންވެ އަޅުގަނޑަށް ބޭބެއާއި ދޭތެރޭ އެހާ ސްޕެޝަލްކޮށް ދެކެވެނީ.. ޔުއަރ މައި ރޯލް މޮޑެލް.. މައި އައިޑޮލް.. އައި ވިލް ޓްރައި މައި ބެސްޓް.. އަންޓިލް ދަ އެންޑް.. އަންޓިލް އައި ސޯލްވް ދިސް ކޭސް.. އަންޓިލް އައި ސަކްސީޑް.. ތިރީގައި އެވަނީ އަޅުގަނޑާއި ކޮންޓެކްޓް ކުރެވޭނެ ނަންބަރެއް.. ނުގުޅާތި.. މެސެޖްގެ ޒަރިއްޔާއިން މި ނޯޓް ކިޔާފައި ބޭބެ ދެކޭ ގޮތް އަޅުގަނޑަށް ކުރު ކޮށް ނަމަވެސް އަންގާދިނުން އެދެން.. ލޮޓްސް އޮފް ލަވް އެންޑް މޯޓިވޭޝަން ފްރޮމް ޔުއަރ ބިގެސްޓް ފޭން.. ހޫރީން..” އިނގިރޭސި އާއި ދިވެހި މަސްހުނި ކޮށްގެން ހޫރީން ލިޔެފައިވާ އެ ބޮޑު ލިޔުން ކިޔާ ނިންމާލެވުނު އިރު އަލާން އިނީ ހައިރާންވެފައެވެ.
އޭނާގެ ޓީމް އަދި ވަކިން ހާއްސަކޮށް އޭނާގެ ބުރަ މަސައްކަތް އެހާ އަގުވަޒަން ކުރާ ކުއްޖަކު އުޅޭ ކަން އެނގުމުން އަލާންގެ ހިތަށް ވަނީ ބަޔާންކޮށްދޭން ނޭނގޭ ހަމަޖެހުމެއް ލިބިފައެވެ. އަދި ވެފައިވާ އުފަލާއި އެއްވަރަށް އަލާންއަށް ވަނީ ފޮނިވެސް ވެވިފައެވެ. “އިންޓްރެސްޓިން.. ވަރަށް ތަފާތު ހިތްވަރު ހުރި އަންހެންކުއްޖެއް.. އެކަމަކު މިކުއްޖަކަށް އަދި އިތުބާރެއް ނުކުރާނަން..” ފުލުހުންގެ ދާއިރާގައި އުޅެމުން ގެންދާއިރު އަލާންއަށް ވަނީ ކުށްވެރިންގެ ފަރާތުން މިފަދަ ފޭކް ނޯޓްތަކެއްވެސް ލިބިފައެވެ.
އެހެންވެ މާ އަވަހަށް ހޫރީންއަށް އިތުބާރު ކޮށްގެން ގޯހެއް ވެދާނެތީ އަލާން އެކަން ކުރަން ބޭނުމެއް ނުވިއެވެ. “މި އަންހެން ކުއްޖާ ޓެސްޓް ކޮށްލަންވީ.. އެނގިދާނެތާ މިކުއްޖާގެ މިހުރި ހިތްވަރެއް..” އަލާންއަށް އެކަންވީ ޖޯކަކަށެވެ. ފުލުހުން އެތައް މަސައްކަތެއް ކޮށްގެންވެސް އަދި ކާމިޔާބުގެ އަލިކަމެއް ފެނިފައި ނުވާ މި ކޭސް އާދައިގެ އަށާރަ އަހަރުގެ އަންހެންކުއްޖަކަށް ނިންމާނުލެވޭނެ ކަމުގެ ޔަގީން ކަން އަލާންގެ ހިތުގައި އޮތެވެ. ހޫރީންގެ ބަހުގައި ހުރި ތެދުކަމެއް ބަލާލަން ވެގެން އަލާން ގަނޑުކޮޅުގެ އެންމެ ފަހަތުގައި ލިޔެފައިވާ ނަންބަރަށް މެސެޖް ކުރިއެވެ. ކުރު މެސެޖެކެވެ. “ކުރިއަށް ގެންދޭ…” މިހެން ލިޔެ މެސެޖް ފޮނުވާލާފައި އަލާން އޮށޯތީ ހެމުންނެވެ.
ނީޝަލްއަށް ނިދުނުއިރުވެސް ވިސްނެމުން ދިޔައީ އިޒްކާން އާއި ދޭތެރޭގައެވެ. ދުލުން އެކަން ހާމަ ނުކުރި ނަމަވެސް ނީޝަލްގެ ހިތުގައި އިޒްކާންއަށް ވަނީ ދެވޭނެ އެންމެ މަތީ ދަރަޖަ ތަކުގެ ތެރެއިން ދަރަޖައެއް ކަށަވަރު ކޮށްދީފައެވެ. އެހިތުގައި އިޒްކާން އާއި ދޭތެރޭ އުފެދިފައިވާ ލޯބީގެ ހުޅުކޮޅު ދަނީ ދުވަހަށް ވުރެ ދުވަހަކުން ބޮޑުވެ ރޯވަމުންނެވެ. ނީޝަލްއަށް ހުވަފެނުގައިވެސް ފެނުނީ އެ މަންޒަރެވެ. އިޒްކާންގެ ފަރާތުން އޮޅުމަކުން ނަމަވެސް ލިބުނު ހަނދާނުން ފިލައިގެން ނުދާނޭ ފޮނި ހަދިޔާއެވެ. ހޭލެވުނުއިރު ނީޝަލް އޮތީ ލަދުން ގޮސް ވިރޭވަރުވެފައެވެ.
“މާދަމާ ބުރާސްފަތި ދުވަސް..” ނީޝަލް ފޯނުން ތާރީހަށް ބަލާލިއެވެ. އަވަހަށް ފެންވަރާލައިގެން ޓެންޖަރީން ކުލައިގެ އަތްދިގު ހެދުމަކާއި ކަޅުކުލައިގެ ހައިވެއިސްޓްއެއް ލާފައި ފުނާ އަޅައިގެން ބޮލުގައި ހުދާއި އޮރެންޖް ކުލަ ހިމެނޭ ބޮޑު ދައްޗެއް ޖަހާލިއެވެ.
ދަބަސް ހިފައިގެން ނީޝަލް ކޮޓަރިން ނުކުތްއިރު ޒިވީން މިއަދު ޕްރީ ސްކޫލަށް ކިޔަވައިދޭން ދިޔުމުގެ ކުރިން ނިންމަން ޖެހޭ ގަނޑުތަކެއް ނިންމަނީއެވެ. ނީޝަލް ފްރިޖުން ޗޮކްލެޓް މިލްކް ޕެކެޓެއް ނަގާ ސޯފާގައި އިށީންނަން ބަލާލިއިރު ޒީޝް އޮތީ ސޯފާގައި އޮވެގެން ނިދާފައެވެ. ޕިސްޕިސް ކިޔާލާފައި ނީޝަލް ގޮނޑިއެއް ކައިރި ކޮށްލާފައި އިށީނެވެ. “ނައިލް ކޮބާ..؟” ޒިވީން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އެއްސެވެ. ”އެބަ ތައްޔާރުވޭ ކަންނޭނގެ..” ނީޝަލް ބުނެލިއެވެ. ”އެ ކުއްޖާ މިއަދުވެސް ބަލާ އާދޭތަ..؟” ޒިވީން ވައިއަޑަކުން އެ އެހީ އިޒްކާންގެ ވާހަކަ ކަން އެނގުމުން ނީޝަލްގެ ކޯތާފަތަށް ރަތްކަން ފާއްދާލައިފިއެވެ.
“އާނ ހީވަނީ އަންނާނެހެން..” ހޮޅި އަނގަޔާއި ވަކި ކޮށްލަމުން ނީޝަލް ބުނެލިއެވެ. ”ނީޝް މެންދުރު ގޭގައި މަޑުކޮށްލަދެއްޗޭ.. ޒީޝްކުޑާ ރޭ ބުނި މިއަދު މެންދުރު ތަނަކަށް ދާންޖެހޭ ވާހަކަ… ތިއްތަ ދާން ޖެހޭނެ ޕްރީ ސްކޫލަށް.. އައިން ދައްތަ ގޮވައިގެން މެންދުރު ޒާންބެ ދާނެ ހޮސްޕިޓަލަށް.. އެހެންވެ ގޭގައި ނައިލް ނޫން ކުއްޖެއް ނޫޅޭނެ.. ޒުއްކޮ އަދި ނައިލް އެކަނި ވާނެ.. އަދި….” “ނީޝް ގޭގައި ހުންނާނަމޭ..” ނީޝަލް ބުނެލިއެވެ. ޒިވީން ކުޑަކޮށް ހީލާފައި މަސައްކަތައިގެން ކުރިއަށް ދިޔުމުން ނީޝަލް ޕެކެޓް ޑަސްބިނަށް ލާފައި ދަބަސް އެޅުވިއެވެ. އަދި މަޑު އޮރެންޖް ކުލައިގެ ބޮކްސް ހީލްއަކަށް އަރައިގެން ބޭރަށް ނުކުތީ އެންމެ އުންމީދެއްގައެވެ.
“ނީޝް މިއަދު ކޮލެޖަށް ނުދަނީބާ..؟ ނީޝް އަނެއްކާ ބަލިވީ ކަންނޭނގެ.. ނޫނީ ނުހޭލެވުނީ ކަންނޭނގެ..” ޑާރކް ޗޮކްލެޓް ކުލައިގެ އަތްދިގު ގަމީހަކާއި އިންޑިގޯ ނޫކުލައިގެ ކެރެޓްއެއް ލައިގެން ސައިކަލުމަތީގައި އިން އިޒްކާން ނީޝަލް ނުނިކުމެގެން ހާސްވެގެން އުޅޭ ވަރުން ދެންމެދެންމޭން ސައިކަލުވެސް ވެއްޓިދާނެހެން ހީވެއެވެ. އިޒްކާން ކަންބޮޑު ވެގެން ތެޅެން ހުއްޓާ މީހަކު ކުއްލިއަކަށް އިޒްކާންގެ ލޯމަތީގައި އަތް އެޅިއެވެ.
“އިނގޭ ނީޝްކަން..” ނީޝަލްގެ މަޑު އަތްތިލަ މޫނުމަތިން ވަކި ކޮށްލަމުން އިޒްކާން ބުނެލިއެވެ. ނީޝަލްގެ އަތްތިލަ އިޒްކާންގެ އަތްތިލައިގެ ތެރޭ ހައްޔަރުވިއެވެ. ނީޝަލް ހިނިއައެވެ. ދިމާވިތާ ދެތިން މަސްވެސް ނުވެ އުޅެނިކޮށް ފޮތެއް ފަދައިން އިޒްކާން ނީޝަލް ހިތުދަސް ކޮށްލައިފިއެވެ. އިޒްކާން މަޑުމަޑުން ނީޝަލްގެ އަތް ތުންފަތާއި ގާތް ކޮށްލިއެވެ. ރަކިވެފައި ނީޝަލްއަށް ހުރެވުނެވެ. ނަމަވެސް އެކަން މަނާ ކުރާކަށް ނީޝަލް ބޭނުމެއް ނުވިއެވެ. ހިތް އެދެނީ ހަމައެކަނި އިޒްކާންއަށް ކަމަށްވާތީއެވެ.
އިޒްކާން ނީޝަލްގެ އަތުގައި ބޮސްދިނެވެ. އަދި ނީޝަލް އާއި ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އިޒްކާންގެ ތޫނު ނަޒަރު ފެނުމުން ނީޝަލް ތުންފަތުގައި ދަތް އަޅާލާފައި އަވަހަށް ދުރު ބަލާލިއެވެ. އިޒްކާންގެ ދެލޮލުގައިވާ ދަމާބާރުން ހިތުގައި ރައްކާކުރެވިފައިވާ އެންމެ ބޮޑު ސިއްރުވެސް ބޭރުކޮށްލެވިދާނެތީއެވެ. އިޒްކާންގެ ގާތަށް ލާނެތް ހިންޏެއް އައެވެ. ނީޝަލްގެ މޫނަށް އަރާފައިބަމުން ދިޔަ ރަކި ކުލަވަރުން އިޒްކާންގެ ސިކުނޑި ތާޒާ ކޮށްދިނެވެ. “މިއީ ފްރާންސްގައި އެކަކު އަނެކަކާއި ބައްދަލުވީމައި އެންމެ މާތްކޮށް ގްރީޓް ކޮށް އުޅޭ ގޮތެއް.. ފްރާންސްގައި އުޅެ ބޮޑުވީމައި އިނގޭނެކަމަށް ހީކުރީ..” އިޒްކާން ބުނެލިއެވެ. ނީޝަލްގެ އަތަށް ބޮސްދީފައި އެކަން މާ ބޮޑުކަމަކަށް ނުހަދަން ދައްކާނެ ބަހަނާވެސް އިޒްކާން މާކުރިން ވިސްނާފައިވާ ފަދައެވެ.
ނީޝަލް ހީނލިއެވެ. ނީޝަލްގެ ކޮލުގައި ހިފާލާފައި އިޒްކާން ސައިކަލަށް އެރުމަށް އިޝާރާތް ކުރިއެވެ. ނީޝަލް އެރުމާއި އެކީގައި އިޒްކާން ސައިކަލު ދުއްވާލިއެވެ. އެ މަންޒަރު ބަލަން ހުރި ރޫހާންގެ ލޭ ހޫނުވިއެވެ. މީހަކު ރުޅިއައިސްގެން ފަޅައިގެން ދާނަމަ ރޫހާން ފަޅައިގެން ދާނެހާ ކިތަންމެ އިރެކެވެ.
އިޒްކާން ސައިކަލު ދުއްވަމުން ދިޔަލެއް ބާރުކަމުން ހަރުކޮށްފައިވާ ދަތިވެސް ބޮލުން ދޫވެގެން ދިޔައެވެ. ނީޝަލްގެ އިސްތަށިގަނޑު ވިހުރުވިގެން ދިޔަ މަންޒަރަކީ ޖާދުވީ މަންޒަރެކެވެ. ސްލޯ މޯޝަންގައި އެ މަންޒަރު ފެންނަނަމަ ބަލާބަލާ ފޫހިނުވާނެކަން ޔަގީނެވެ. އެ ސައިކަލު ފަހަތުން އައި ސައިކަލުގައި އިން މީހާގެ މޫނުގައި ނީޝަލްގެ އިސްތަށިގަނޑު ގޮސް ޖެހުނީ ވަޔަށް އެގޮތްމިގޮތަށް ވިހުރެމުން ގޮހެވެ. އެމީހާގެ މަގުގެއްލި އެކްސިޑެންޓެއް ނުވިކަންވެސް އެއީ ހަމަ ނަސީބެވެ.
އަރައިގަތް ރުޅީގައި ރޫހާން ހިނގައިގަތީ އަނބުރާ ގެއަށެވެ. ނީޝަލް އަލުން ހަނދާންވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީހާވެސް އަވަހަކަށް ކޮށް ނިންމުމަށް ކުރިން ރޫހާން ކަނޑައެޅި އަޒުމު ވަރުގަދަވިއެވެ. ނީޝަލް އިޒްކާންގެ ހައްގަކަށް ވާން ރޫހާން ހިލާ ފުރުސަތެއް ނުދޭނެއެވެ.
ހިޔާން ހުރީ ކޮލެޖްގެ މަރާމާތަށް ބަންދުކޮށްފައިވާ ކުރީގެ ސްޓާފްރޫމެއްގައެވެ. އިރުކޮޅެއް ނުވަނީސް ފައިލަމް އައެވެ. ފަހަތުން އަންހެން ކުއްޖެއް އައިސް ވަނެވެ. “ހޭ ޝޫރާ..” ހިޔާން ހުރީ ނުހަނު ރީތި ގޮތަކަށް ހުއްޓިގެންނެވެ. ފުރަތަމަ ނަޒަރުން އެކަނިވެސް ޝޫރާގެ ހިތުގައި ވިކާލުމުގައި ހިޔާން ކާމިޔާބު ކުރިއެވެ. “ފައިލަމް ބުނި ޔާން އަހަންނާއި ވަކިން ބައްދަލު ކުރަން އެދުނު ވާހަކަ.. އަނެއްކާ ކިހިނެތްވީ..؟” ޝޫރާގެ ވާހަކަ ދެއްކުމުގެ ގޮތްގަނޑު ހުރިގޮތުން އެކަނިވެސް އެހުރީ ހިޔާންއަށްޓަކައި ފިދާވާން ތައްޔާރަށްކަން އެނގެއެވެ.
“ހަމަ ގެނެސްލާ ހިތްވީ.. ތިހާ ރީތި ކުއްޖަކާއި ދުރުގައި ހުރެވޭނީ ވެސް ކިހިނެތް..” ހިޔާން މަތި އޮމާން ކޮށްލިއެވެ. އަންހެން ކުދިން ހައްލާލުމުގައި ހިޔާން އޭނާގެ ޝައިތާނީ ފަރާތް ފޮރުވާލާފައި މޮޅު ވާހަކަތަކުން އެކުދިންގެ ހިތް ދަމައިގަންނަނީ ނުހަނު ފަސޭހައިންނެވެ. ޝޫރާ ލަދުން މުޅި މޫނު ރަތްވިއެވެ. ތުންފަތް ހަފާލާފައި ޝޫރާއަށް ފާޑަކަށް ނެށެން ފެށުނެވެ. ހިޔާންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އަންހެން ކުދިން މިކަން ކިތަންމެ ސީރިއަސްކޮށް ނެގި ކަމުގައި ވިޔަސް ހިޔާންއަށް މިކަން ވަނީ ކުޅިވަރަކަށެވެ.
ހިޔާން ނުހަނު ރީއްޗަށް ހިނގާލާފައި އައިސް ޝޫރާގެ ގާތުގައި ހުއްޓުނެވެ. އަދި އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. ހިޔާންގެ ކޮންމެ ހަރަކާތަކަށް ބަލަން ޝޫރާ ހުރީ ހުވަފެނީ ގޮތަކަށެވެ. ކުޅި ބަލަން ހުރި ފައިލަމަށް ހިނިގަނޑު މަތަ ކޮށްލައިގެން ހުރެވޭކަމެވެ. ހިނދުކޮޅެއްގެ ތެރޭ ހިނިގަނޑު ފަޅައިގެން ހިނގައިދާނެހެން ހީވެއެވެ. “ލޯ މަރާލަބަލަ..” ހިޔާން އެދުނެވެ. ޝޫރާގެ މޫނާއި ދިމާލަށް ގުދުވެލަމުންނެވެ. ޝޫރާ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ ހިޔާންގެ އެދުމަށް އިޖާބަ ދިނެވެ. ޝޫރާ ލޯ މެރުމާއި އެކީގައި ހިޔާން ޝޫރާގެ ނޭފަތް މަތީގައި ފޮތިގަނޑެއް އެޅިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޝޫރާ ހިޔާންގެ އަތްމައްޗަށް ދެމުނެވެ. ޑްރަގްކޮށްފައިވާ ފޮތިކޮޅެކެވެ. ހުސްވެސް ފައިލަމްގެ ‘ރައްޓެހި ގޮލާ’ ފޯރުކޮށްދޭ އެއްޗެއްސެވެ.
“އިޓްސް ޕްލޭ ޓައިމް..” ހިޔާން ވިހަ ހިނިތުންވުމެއް ވެރިކޮށްލާފައި ކުރަން އައި ކަންތަކައިގެން އަވަސް ވެގަތެވެ. ފައިލަމް ހިނިގަނޑެއް ޖަހާފައި އެތަނުން ބޭރަށް ނުކުތެވެ. އަދި އެ ދިމާގައި ހަރު ކޮށްފައިވާ ކެމެރާތަކަށް ބަލާލިއެވެ. މަލާމާތުގެ ބެލުމެކެވެ. ހުރިހާ ކެމެރާއެއް ވަނީ ފާރާއި ދިމާލަށް އަނބުރާފައެވެ. އެއީ ކޮލެޖްގައި ހިފިނުހުރެވޭ ބައެއް ކުދިން ކޮށް އުޅޭ ކަމަކަށް ވާތީ ފައިލަމްވެސް އެ ކަން ކުރީއެވެ. ހިޔާން ޝޫރާއަށް ކުރަން އެއުޅޭ ކަމުގެ ހުރިހާ ހެއްކެއް ނައްތާލުމަށެވެ.
ކްލާސް ގަޑިއެވެ. ކްލާސްތެރޭގައި ފެތުރިފައިވަނީ ހަމަހިމޭންކަމެވެ. ހިޔާން މިއަދު ބަލިވެގެން ކޮލެޖަށް ނާންނަ ވާހަކަ ހޫރީން ބުނުމާއި އެކީގައި އިޒްކާންއަށް ބަލާލެވުނީ ހުސްކޮށް ހުރި ފައިލަމްގެ ގޮނޑިއާއި ދިމާލަށެވެ. “އެދެމީހުން އެއް ދުވަހެއްގައި ކޮލެޖަށް ނައުމަކީ އިއްތިފާގަކަށް ވެދާނެތަ..؟” އިޒްކާންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. މިހާރު ހިޔާން އާއި ފައިލަމްގެ ދުރުކަމާއި އިޒްކާން ފެންނަ ކޮންމެ ފަހަރަކު ބަލަހައްޓައިގެން ހުންނަ ރުޅިވެރި ނަޒަރު އިޒްކާންއަށް ވަނީ ފާހަގަ ކުރެވިފައެވެ. އާހިލް އަދި އައިހަމް ވެސް ހިޔާން އާއި ފައިލަމް އާއި ދުރުމިން ބަހައްޓާކަން ވެސް އިޒްކާންއަށް ވަނީ ފާހަގަ ވެފައެވެ. ”މި އެކުވެރިކަމަށް މި ވަނީ ކިހިނެތްބާ..؟” އިޒްކާންގެ ހިތުގައިވާ އެންމެ ބޮޑު ސުވާލަކީ އެޔެވެ.
މީހަކު ނުބުނި ކަމުގައި ވިޔަސް އިޒްކާންއަށް ހިޔާން ނީޝަލް ބޭނުންވާކަން އެނގެއެވެ. ނަމަވެސް އިޒްކާން އެކަން ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. އެންމެ ގާތް އެކުވެރިޔާ އާއި ރުޅިވެރި ހަސަދަވެރި ގޮތަކަށް ދެކެން މޭތެރޭ އޮތް ބަސްނާހާ ހިތް ނޭދެނީއެވެ. އިޒްކާންއަށް ނޭނގުނު ކަމަކީ އިޒްކާން އެކުވެރިކަން ދަމަހައްޓަން ނަގާ ކޮންމެ ތަނބެއް ފުނޑުފުނޑު ކޮށްލާފައި އިޒްކާންއަށް ކޮންމެ ފަދަ ދެރައެއްވެސް ދީގެން ނީޝަލް ހާސިލް ކުރަން ހިޔާން މަސައްކަތް ކުރާ ކަމެވެ.
ފަހަތުގައި އިން އައިހަމް އެއްފަހަރު ޕްރެޒެންޓޭޝަންއަށް ބަލާލާފައި އަނެއް ފަހަރު ހޫރީންއަށް ވެސް ބަލާލާފައި އަނެއް ފަހަރު އިޒްކާންއަށް ބަލަމުން ގެންދިޔައެވެ. އައިހަމްގެ ހިތުގައި ހޫރީން އާއި މެދު އުފެދެމުން ދިޔަ ލޯބީގެ އިހުސާސްތައް ވަރުގަދަ ވަމުން ދާވަރަކަށް އިޒްކާން އާއި ދޭތެރޭ ހަމްދަރުދީ ވެވެމުން ދިޔައެވެ. ހިޔާން ކުރަން އުޅޭ ކަންތައްތައް ސާފުކޮށް ނޭނގުނު ނަމަވެސް ވަރަށް ނުބައި ކަމެއް ކުރަން އުޅޭކަމުގެ ފެހި ސިގްނަލް އައިހަމްއަށް ވަނީ ލިބިފައެވެ.
ހޫރީންގެ ޚިޔާލުތަކުން އައިހަމްގެ ސިކުނޑި ތޮއްޖެހެމުން ދިޔައެވެ. އޭނާއަށް ހޫރީންގެ ގާތުގައި ތެދު ހާމަކޮށް އޭނާގެ ހިތުގައި ވީ އިހުސާސްތައް ބަޔާންކޮށްދޭން ފުރުސަތެއް ލިބުމުގެ ކުރިން އެހެން ކުއްޖަކާއި ހޫރީން ގުޅިދާނެ ކަމުގެ ބިރު އައިހަމްގެ ހިތުގައި އިންތިހާއަށް އޮތެވެ.
ނޯޓްފޮތްތަކާއި އެކި ކުލަކުލައިގެ ހައިލައިޓަރސް މޭޒުމަތީ ފަތުރާލައިގެން އިން ހޫރީންވެސް ކިޔަވާދޭން ހުރި ލެކްޗަރާއަށް ސަމާލުކަމެއް ދޭހެންނެއް ހިޔެއް ނުވެއެވެ. އެ ކުދިންގެ ނަޒަރުގައި ލެކްޗަރާއަކީ ހަމައެކަނި އެތަނުގައި ބަހައްޓާފައި ހުރި ބުދެއް ފަދައެވެ. އައިހަމްގެ ހިޔާލުތައް ދޭތެރެ ދޭތެރެއިން އުނދަގޫ ކުރި ނަމަވެސް ހޫރީން ބެލީ އޭނާގެ މަސައްކަތަށް ސަމާލުކަން ދެވޭތޯއެވެ. އައިހަމްގެ ހިޔާލުގައި ޖެހި އޭނާގެ މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަ ވެދާނެތީ ހޫރީން އިނީ ކަންބޮޑުވެފައެވެ. އެހެންނޫނަސް އައިހަމް ލޯބިވާ ކުއްޖެއް އެބަ ހުއްޓެވެ. އެހާވަރުން ހޫރީން އައިހަމް އާއި އުޅޭނެކަމެއް ވެސް ނެތެވެ.
އައިހަމް އެ ހުދާއަކާއި އެކީގައި އުފާވެރި އުޅުމެއް އުޅެދާނެއް ނޫންހެއްޔެވެ.؟ އެފަދަ ވިސްނުން ވިސްނައިގެން ހޫރީންއަށް އެ ކޭހަށް ސަމާލުކަން ދެވޭތޯ ކުރި މަސައްކަތް ފެނަށް ދާހެން ހީވާންފެށީ ހިތުގައި ރިހުމެއް އުފެދުމުންނެވެ. ހޫރީންއަށް މޭމަތީގައި އަތް އަޅާލެވުނެވެ. ހިތް ރޮނީއެވެ. އައިހަމް އަށެވެ. އައިހަމްގެ ހިމާޔާތަށެވެ. އައިހަމްގެ އެއްބާރުލުމަށެވެ. އައިހަމްގެ އަޅާލުމަށެވެ. ހިތް ދަހިވެތި ވެފައިވަނީ އައިހަމްގެ ލޯތްބަށެވެ. ހިތް އެދި ގޮވާ އާދޭސްކުރަނީ އައިހަމްއަށެވެ. ހަމައެކަނި އައިހަމް އަށެވެ.
“އިޒްކާން..” ލެކްޗަރާގެ ބަރު އަޑަށް އިޒްކާންއަށް އަޅުވާފައިވާ ޕްރެޒެންޓޭޝަން އާއި ދިމާލަށް ބަލާލެވުނެވެ. “މި ސެކްޝަންއަށް މިސާލެއް ދީ..” ލެކްޗަރާ ބުނެލިއެވެ. އިޒްކާންއަށް ލެކްޗަރާ އެ ކިޔައިދެނީ ކޮން ބަޔެއް ކަމެއްވެސް ނޭނގުނެވެ. ޚިޔާލީ ދުނިޔޭގައި އަރަގު ވެގެން ގޮސް ވާނުވާ ނޭނގުނީއެވެ.
އަޅައިގެން ހުރި ވަށް ބިއްލޫރި އައިނުގެ ފަހަތުގައިވާ ލެކްޗަރާގެ ދެލޮލުގެ ނަޒަރު ސީދާ އޭނާގެ މޫނަށް އަމާޒުވެފައި ވާތީ އިޒްކާންއަށް ހިންދިރުވާލެވުނެވެ. އިޒްކާންގެ ކަންބޮޑުވުން ފާހަގަވެ ނީޝަލް އޭނާގެ ނޯޓްފޮތުގައި އެ ސެކްޝަންގެ މިސާލެއް ލިޔުނެވެ. އަދި އިޒްކާންގެ އަތުގައި އެ ޖަވާބު ބުނުމަށް ކޮށްޓާލަން ވެގެން އުޅެނިކޮށް އެކަން ކުރުން ހުއްޓުވީ ކްލާހުގެ ދޮރު ހުޅުވާފައި ނުލާހިކު ބާރަށް އެތެރެއަށް ވަތް އަންހެން ލެކްޗަރާއަކާއި ހެދިއެވެ. “ހުރިހާ ކުދިން.. ކޮލެޖްގެ މައި ހޯލަށް.. އަވަސް އަވަސް އަވަސް..!!!” އެ ލެކްޗަރާ ހާސްވެފައި ހުރިވަރުން އިޒްކާންގެ ހިތުގައި ނުބައި އޮއިވަރެއް ހިނގާލިއެވެ.
ހުރިހާ އެންމެން ބައިބަޔަށް ވާނުވާގައި ކޮލެޖްގެ މައި ހޯލަށް ވަންނަން ވެގެން ހިނގައިގަތެވެ. އޭރު އެތެރޭގައި ހަރަކާތް ތެރިވަމުން ގެންދިޔަ ލެކްޗަރާތައް ފެނި ނީޝަލްވެސް ހައިރާންވެ އޮޅުންއެރިއެވެ. އަދި އެ ލެކްޗަރާމެންގެ އަތުގައި އޮތް ރެޖިސްޓަރ ގަނޑުތަކާއި ފައިލްތައް ވެގެން ދިޔައީ އެ އޮޅުން އެރުމަށް އިތުރުވި ބޮޅަކަށެވެ.
“މި ވެގެން އުޅެނީ ކިހިނެތްތަ..؟” އިޒްކާން އެތަނުގައި ހުރި އަންހެން ކުއްޖެއްގެ ގާތުގައި އެއްސެވެ. އެ އަންހެންކުއްޖާ ރަކިވެ ދުރު ބަލާލިގޮތުން އިޒްކާންއަށް ޖެހުނީ މޫނު އަނބުރާލާފައި ދުރަށް ޖެހޭށެވެ. އަންހެން ކުދިން ހޭނެތޭހާ ރީތިކަމެއް ދެއްވާފައި ވުމުން އަދި ޝަކުވާ މިކުރެވުނީ އަލަށެވެ. ލެކްޗަރާ އަންހެން ކުދިންނާއި ފިރިހެން ކުދިންތައް ވަކި ކުރަން ފެށުމުން އިޒްކާން ހޫރީން އާއި ނީޝަލް އާއި ވަކިވިއެވެ. ދުރަށް ހިނގައިގަތުމުގެ ކުރިން އިޒްކާން ނީޝަލްގެ މޫނަށް ބަލާލިއެވެ. އެ މޫނަށް ވެރި ވެފައިވާ ހާސްކަމުގެ ކުލަވަރުން އިޒްކާންގެ ހިތަށް އުނދަގޫވިއެވެ. އިޒްކާން ހިތްވަރުދޭ ފަދައިން ހީލުމުން ނީޝަލްވެސް ކުޑަކޮށް ހީލިއެވެ. އެވަގުތު ހިތަށް ލިބުނު ލުއިކަން ބަޔާން ކޮށްދޭން އެނގޭނީ ހުދު ނީޝަލްއަށް އެކަންޏެވެ.
އިޒްކާން ދެން ސުވާލު ކުރީ އެތަނުގައި ހުރި ފިރިހެން ކުއްޖަކާއެވެ. “ނޭނގޭތަ..؟ ކޮލެޖް އަންހެން ކުއްޖެއް ސީދާ ކޮލެޖް ތެރޭގައި ރޭޕް ކޮށްލައިގެން އެބައުޅޭ..!!” އެ ފިރިހެން ކުއްޖާ އިއްވާލި ޚަބަރު ވެގެން ދިޔައީ އިޒްކާންގެ ކަންފަތް ދޮށުގައި ޖަހާލި ހޮނު ގުގުރިއަކަށެވެ.
= ނުނިމޭ =
3 Comments!
Comments are closed.
kuree part thakah comment kuri kudhin ge comments yoon ah fenunu ingeii.. Sorry for the no replies.. asslu reply kurumuge kurin comments section close v.. But I rlly appriciate u all and your love and support you keep giving me non-stop.. Thank you all so so much.. Hope u all are safe & Take good care everyone… Lots and lots of love from me ??
Varah reethi Maasha Allah ???
Hiyaanmen haadha goahey?
Waiting for next part curiously ???
LYSSSM yooon
Stay safe, tc?
Stry vrh reethi ?? thn bunelaaney thee crh telanted kujjekey??? waiting for next part ?? stay safe ???