ލައިގެން ހުރި ހެދުންތައް ބާލާފައި ޔީޝާ މާގަނޑު ދަށަށް ޖެހިލިއެވެ. ފިނި ފެންތިކިތަށް ޔީޝާގެ ކުލަ އަލި ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު އެ އޮމާން ހަންގަނޑުގައި ހީބިހީގެ ތޮށިގަނޑެއް ލެވެމުން ދިޔައެވެ. އަތަށް ޝަވަރ ޖެލް ފުޅިން އެތިކޮޅެއް އަޅާލާފައި އޭނާގެ ހަށިގަނޑުގައި ހާކަމުން ދިޔައިރު ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބި ސިކުނޑި ތާޒާވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ޔީޝާ ސިހިގެން ދިޔައީ އޭނާގެ އުނަގަނޑުގައި އަތް ހާކާލިއިރު އަބަދުހެން އޭނާގެ ހަށިގަނޑާ ވަކިކޮށް ނުލާ ގެންގުޅޭ ތަވީދުގައި އަތް ނުޖެހުމުންނެވެ.
****
ފެން މާގަނޑު ދޫކޮއްލާ ގައިން ސައިބޯނިތައް ފިލުވަލުމަށްފަހު ޔީޝާ ގައިގައި ތުވާލި އޮޅާލިއެވެ. އަދި ފާހަނަ ތަޅުންގަނޑު މަތީގައި ތަވީދު ވެއްޓިފައި އޮތް ތޯ ބަލަން ފެށިއެވެ. ނަމަވެސް ފާހަނައަކު އެޔެއް ނެތެވެ. ގައިން ބޭލި ހެދުންތައްވެސް ޔީޝާ ބެއްޔެވެ. ނަމަވެސް އެއަކުވެސް ނެތެވެ.
ގައި ހިއްކާލުމަށްފަހު ޓީސާޓާ ކުރު ސޯޓު ކޮޅު ލުމަށް ފަހު ޔީޝާ ކޮޓަރިން ނުކުމެ ދޮންނަ މެޝިން ކައިރީ ހުރި ދާ ހެދުންތައް އަޅާ ވަށިގަނޑުވެސް ބަލަން ފެށިއެވެ.
“ޔީޝް ކޯއްޗެއް ތިހޯދަނީ؟” ސޯފާގައި ފޯނާ ކުޅެލަ ކުޅެލާ އިން އަފާ ޔީޝާ ދާހެދުންތައް ހާވަން ފެށުމުން އަހާލިއެވެ.
“ތަވީދު.. އަހަރެން އުނަގަނޑަކު ތަވީދެއް ނެތް” ޔީޝާ ބުނެލިއެވެ.
“ޔީޝް އަދިވެސް އެތަވީދު އަޅަންތަ؟” އަފާ އަހާލިއެވެ.
“މާމަ ބުނެފައޭނުން އޮންނަނީ އެ ނުބާލާށޭ.. އަހަރެން އެކަހަލަ އެއްޗެހި ގަބޫލު ނުކުރިއަސް އެ އަޅަނީ މާމަ އާދޭސް ކުރާތި.. އެކަމު ދެންމެ ފެންވަރަން ހުއްޓަ އެނގުނީ ތަވީދު ނެތްކަންވެސް” ޔީޝާ ބުނެލިއެވެ.
“ތިވާނީ މޫދަށް އެރި އުޅެނިކޮށް ނެއްޓުނީ ކަމަށް.. އަސްލު ކީއްވެ އަޅާ އެއްޗެއްތަ އެއީ؟” އަފާ އަހާލިއެވެ.
“މީހުންގެ އެސްފީނައިން ސަލާމަތް ވާނެއޯ ކިޔާފަ މާމަ އެޅުވި އެއްޗެއް އެއީ” ޔީޝާ އެހެން ބުނުމުން އަފާ ހޭންފެށިއެވެ.
“މާމަމެންވެސް ގަބޫލު ކުރަާ އެއްޗެހިދޯ.. ދެން އަޅާ ނުލާބަ.. ތަވީދު ގެއްލުނު ވާހަކަ މާމަ ކައިރީ ނުބުނީމަ އެވީނުން” އަފާ ބުނެލިއެވެ. ޔީޝާވެސް ބޯޖަހާލާފައި އެނބުރި ކޮޓަރިއަށް ވަނެވެ.
ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް ޔީޝާ އެނދުމަތީ އޮށޯތެވެ. ފޯނާ ކުޅެން އޮށްވާ ނިދުނު މީހާއަށް ހޭލެވުނީ ހުކުރުންވެސް ފޭބި ފަހުންނެވެ. ނިދަންލީ ކުރު ސޯޓާ ދޫ ޓީޝާޓުގައި ޔީޝާ ކޮޓަރިން ބޭރަށް ނުކުތީ ބަނޑުހައިވެގެންނެވެ.
ބޭރަށް ނުކުތްއިރު ސޯފާގައި އިން ދާނިޝްގެ މޫނު ފެނިފައި ޔީޝާ ސިހުނެވެ. އަފާއާ ވާހަކަ ދައްކަން އިން ދާނިޝްވެސް އިސްއުފުލާލާ ބަލާލީ އެވަގުތުއެވެ. އެހާ ކުރު ހެދުމެއް ލައިގެން ބޮލުގައި ފުނާވެސް ނާޅަ ހަޑިކޮށް ހުރެ ދާނިޝްގެ ކުރިމައްޗަށް ނުކުމެ ވުމުން ޔީޝާ ލަދުގަތެވެ. ޔީޝާގެ ހުދުވެފައިވާ މޫނަށް ރަތް ކުލަ ވެރިވީ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އަވަހަށް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. ދޮރުފަތުގައި ބުރަކަށި ޖައްސާލާފައި ބިންމަތީގައި ދެފައި ތަޅާލިއެވެ. ޔީޝާ ލަދުން މަރުވާވަރުވިއެވެ. ލޯގަނޑު ކައިރީ ހުއްޓުނު އިރު އަމިއްލަ ސޫރަ ފެނިފައިވެސް އޭނާ އިތުރަށް ލަދުގަތެވެ.
އަވަހަށް ހެދުން ބަދަލު ކޮއްލާފައި އޭނާ ބޮލުގައި ފުނާ އަޅާލާ ރީތި ކޮށްލިއެވެ. އަދި އިސްތަށިގަޑު އައްސާލާފައި ގަޔަށް ސެންޓު ޖަހާލިއެވެ.
“ދާނިޝް މިތާ ކީއްކުރަނީ؟” ޔީޝާ ބޭރަށް ނުކުމެ އަހާލިއެވެ.
“މިއައީ ޔީޝްގެ ހާލު ބަލާލަން.. ދެން މަންމަ ބުނީ މެންދުރު ކާން ދާންވާނެއޭ.. އެހެންވެ.. ޔީޝް ބޭސް ކާފިންތަ؟” ދާނިޝް އެހެން ބުނުމުން ޔީޝާ އާންއެކޭ ބުނެ ބޯޖަހާލިއެވެ. ޔީޝާ ހީކުރީ ދާނިޝް އޭނާއަށް ކުރާނީ މަލާމަތްކަމަށެވެ. ނަމަވެސް ދާނިޝް އެއީ ކަމަކަށް ނަހަދާ ވާހަކަ ދެއްކުމުން ޔީޝާގެ ހިތަށް ލިބުނީ ފިނިކަމެކެވެ. ދާނިޝްއާއެކު ގިނަވަގުތު ހޭދަވި ވަރަކަށް އޭނާގެ ފަރާތުން ކަމުދާ ސިފަތަށް ޔީޝާއަށް ފާހަގަ ކުރެވެއެވެ. ހާއްސަކޮށް ދާނިޝްގެ މަޑުމައިތިރި ކަމާ އަޅާލުމެވެ.
އަފާވެސް ތައްޔާރުވެލައިގެން އައުމުން ތިންމީހުން އެކީ ދާނިޝްމެން އުޅޭ ބަޔަށް ދިޔައެވެ. އޭރު ނާޒިޔާ ހުރީ ތަށިތައް މޭޒުމަތީ އަތުރާ ތައްޔާރު ކޮއްފައެވެ. ޔީޝާ ފެނުމުން ކޮންމެ މީހަކުވެސް ހާލު އަހާލައެވެ.
“އަސްލު ޔީޝް ކީއްވެތަ ކުއްލިއަކަށް ހުން އައީ.. ގައިމު ކުރިއަކުން ހުންވައްތަރު ވެފައެ ނޫނެއްނު ހުރީ” ކެއުމުގެ ތެރެއިން ނިހާ އަހާލިއެވެ. ނިހާ އެހެން އެހުމުން އެރޭ ޔީޝާއަށް ފެނުނު އެތި މަތިން ޔީޝާ ހަނދާންވިއެވެ.
“ނޭނގެ.. ބައެއްފަހަރު އެގޮަތަށް ހުން އާދޭ… މޫސުން ބަދަލުވާން ފެށީމަވެސް” ހަގީގަތް ފޮރުވުމަށް ޔީޝާ ބަހަނާއެއް ދައްކާލިއެވެ. ހަގީގަތް ބުނެފި ނަމަވެސް އެމީހުން ގަބޫލު ކުރާނެ ކަމެއް ނޭނގެއެވެ. ދާނިޝްއަށްވެސް އެއެއްޗެެއް ނުފެނުމުން ފަހަރެއްގާ އެއީ ބިރުން ހުރުމުން ހީވިގޮތެއް ކަމަށްވެސް ވެދާނެއޭ ޔީޝާ ހިތަށް އެރިއެވެ.
“އަހަރެމެން ހާދަ ބިރެއްގަތޭ.. އަދި ވަކިން މި ދޮންބެ.. އެނގޭތަ ދޮންބެ ހީވަނީ ހާސްވެގެން އެހެން ފަދަ ކަމެއްހެން.. ހީވަނީ ބިޓު ބަލިވެގެން އުޅުނު ހެންވިއްޔަ” ނަހުވާން ލާނެތް ގޮަތަކަށް ދާނިޝްއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
އަނގަޔަށް ލާން އުޅުނު ބަތް ސަމްސާ ތަށިތެރެއަށް ދޫކޮއްލާފައި ދާނިޝް ދެލޯ ކުޑަ ކޮއްލާފައި ނަހުވާންއާ ދިމާއަށް ބަލާލިއެވެ. ނަހުވާންއަށް އޭނާގެ ހިތުގެ ހަގީގަތް އެނގުމުން ދިމާ ނުކޮށް ނުހުންނާނެކަން ކުރިންވެސް ދާނިޝްއަށް އެނގެޔެވެ. ދާނިޝް އިންޒާރެއް ދޭފަދައިން ބަލާލާފައި ދަތް ކުޑި ވިކާލުމުން ނަހުވާން ނޭނގޭ ކަމަށް ހެދިފައި ހޭން ފެށިއެވެ.
ނަހުވާން އެހެން ބުނުމުން ޔީޝާގެ ތުންފަތް މަތީ ލުއި ހިނިތުންވުމެއް ފަވާލިއެވެ.
“ހަމަ ތެދެކޭ އެބުނީ.. ޔީޝްއަށް ދޮންބެ އުޅުނުގޮތް ފެނުނު ނަމަ އެނގޭނީ” ނިހާވެސް ނަހުވާންއާ އެއްބަސްވެގެން ދިމާކުރަން ފެށިއެވެ.
އެދެމީހުން ދާނިޝްއަށް ދިމާކުރަނީކަން އެނގުމުން ޔީޝާ އިނީ މަޑުންނެވެ. އެމީހުން އެދައްކާ ވާހަކަތަކަށް ރައްދު ދޭނެ ގޮތެއްވެސް ޔީޝާއަކަށް ނޭނގުނެވެ.
ކައި ނިމިގެން ޔީޝާ ނުކުމެލީ ބޭރަށެވެ. މަގުމަތީގައި ހުރި ޖޯލިފަތީގައި ޔީޝާ ޖައްސާލީ ފޫހިވެގެންނެވެ. އުޑާ ދިމާއަށް ބަލަހައްޓައިގެން ހުރި ޔީޝާ ސިހުނީ ޖެހިގެން ހުރި ޖޯލީގައި ދާނިޝް އިށީނުމުންނެވެ.
“ތެންކްސް” ދާނިޝް ދިއްކޮށްލި ސުޕާރީގައި ހިފަމުން ޔީޝާ ހީލިއެވެ.
“ނަހުވާން މެން ދައްކާ ވާހަކަ އަޑު އަހާނެ ކަމެއްނެއް.. އޭނަ ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭވެސް” އެއްފައި މައްޗަށް އަނެއްފައި ލަމުން ހަމަ ޖެހިލާފައި ދާނިޝް ބުނެލިއެވެ.
“ދެން ތިބުނީ އަހަރެން ބަލިވީމަ ދާނިޝް ދެރައެއް ނުވެއޭތަ؟” ލުއި ހިނިތުންވުމަކާ އެކު ދާނިޝްގެ މޫނަށް ބަލާލަމުން ޔީޝާ އަހާލިއެވެ.
“ނޫނޭ.. ޔީޝްއަށް ދެރަކަމެއް ވެއްޖެއްޔާ އެންމެ ދެރަވާނެ އެކަކަށް އަހަރެން ވާނެ.. އަދި ޔީޝްއަށް އުފާވެރިކަމެއް ދިމާވިއަސް އަހަރެންވެސް އުފާވާނެ” ދާނީޝް ބުނެލިއެވެ.
“އެއީ؟” ޔީޝާ އަހާލިއެވެ.
“އެއީ ދެން އެހެންވެ” ދާނިޝް ނިތް އަރުވާލަމުން ބުނެލިއެވެ.
“އަހަރެންވެސް..” ޔީޝާ އެހެން ބުނެލީ މަޑުންނެވެ.
“އެން..؟ ” ޔީޝާ އެބުނި އެއްޗެއް ދޭހަ ނުވެގެން ދާނީޝް އަހާލިއެވެ.
“ދާނިޝްއަށް ދެރަކަމެއް ވެއްޖެއްޔާ އަހަރެންވެސް ދެރަވާނެއޭ” ޔީޝާ ބުނެލިއެވެ.
“އަސްލުވެސްތަ.. އެކީއްވެޔޯ؟” ދާނިޝް ފުން ނަޒަރަކުން ޔީޝާއަށް ބަލާލަމުން އަހާލިއެވެ.
“އެއީ ހަމަ އެހެންވެ” ޔީޝާވެސް ދިނީ ދާނިޝް ދިން ޖަވާބެވެ. ޔީޝާ އެހެން ބުނުމުން ދެމީހުންގެ ތުންފަތް މަތީވެސް ކުޅެލީ ހިނިތުންވުމެކެވެ.
“އޭ ޔީޝް.. ޔީޝް މަންމަ ބުނީ ގުޅާބަލާށޯ.. ކޮންތާކަށް ފޯނު ލައިގެން ތިއުޅެނީ؟” ދާނިޝްއަށް އެއްޗެކޭ ނުބުނެވެނީ ދޮރާށިން ބޭރަށް ބޯދިއްކޮއްލާފައި އަފާ ބުނެލިއެވެ.
“އަހަރެން ދެން މިދަނީ އެތެރެއަށް” ޔީޝާ އެހެން ބުނެފައި ޖޯލިފަތިން ތެދުވެ ހިނގާގަތެވެ.
އެރޭގެ ވަގުތެކެވެ. ނިދުމުގެ ކުރިން ގައި ދޮވެލަން ޔީޝާ ވަނީ ފާހަނައަށެވެ. ހެދުން ބޭލުމަށްފަހު ހޭންޑު ޝަވަރުން ގަޔަށް ފެން އަޅަން ފެށިއެވެ. އެހެން ހުއްޓާ ވައި އަޑުން މީހަކު ޔީޝާގެ ނަމުން ގޮވާލި އަޑު އިވުނެވެ. ނުހަނު ކައިރިން އެއަޑު އިވުމުން ޔީޝާ ސިއްސައިގެން ދިޔައެވެ. ޝަވަރު ބަންދުކޮއްފައި ޔީޝާ އަދި އެއްފަހަރު އެއަޑު އިވޭތޯ މަޑުކޮއްލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެއަޑެއް އޭނައަކަށް ނީވުނެވެ. ފެންވަރާ ނިމުމުން ޔީޝާ ތުވާލި ނަގާ ގައި ހިއްކަން ފެށިއެވެ. ގައި ހިއްކާ ނިމުމުން ގައިން ތުވާލި ވަކިކޮއްލާފައި ބުޅީގައި އަޅުވާލި ވަގުތު ޔީޝާ ސިހިގެން ދިޔައީ ފިނި ފިނި ވައިރޯޅިއެއް އައިސް ގައިގައި ބީހިލީމައެވެ. ހައިރާންވެފައި ޔީޝާއަށް ބަލާލެވުނީ ކުޑަ ކުޑަކޮށް ހުޅުވާފައިވާ ފެން ލައިޓާ ދިމާއަށެވެ. އެހާ ކުޑަ ދޭތެރެއަކުން ވައިރޯޅިއެއް އެތެރެއަށް ވަދެދާނެބާއޭ ޔީޝާ ހިތަށް އެރިއެވެ. އޭނާގެ ހިތް ސުވާލުން ފުރިފައި ވީނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޔީޝާ ހެދުން ލުމަށްފަހު ފާހަނައިން ނުކުތެވެ.
ޖެހިގެން އައި ހަފްތާ ޔީޝާ އޮތީ ހުން އައިސް ބަލިވެފައެވެ. ތިން ދުވަސްވަންދެން ހޮސްޕިޓަލުގައި އެޑްމިޓު ކޮއްފައި ގެޔަށް ފޮނުވާލީ ޔީޝާ އާދޭސް ކުރާ ވަރުންނެވެ. އެހެން ނޫނަސް ހޮސްޕިޓަލުގައި އޮތް ނަމަވެސް އޭނާގެ ހުމަކަށް ބަދަލެއް އަންނަނީކީ ނޫނެވެ. ނާޒިޔާއާއި އަފާ އަދި ދާނިޝްގެ ބުނުމަށް ޔީޝާ ކުލާހަށް ނޮގަސް ގޭގައި އަރާމު ކުރަން އޮތެވެ. ބޭސް ކެއުމުން ކުޑަ ލުޔެއް ލިބުނު ނަމަވެސް ޔީޝާގެ ހުން މަޑުވާގޮތެއް ނުވެއެވެ. ބޭހުގެ ގަޑި ހަމާވާއިރަށް ޔީޝާ އޮންނަނީ ހުމާ ފިހި ފިހިއެވެ.
ކެމްޕަހުން ގެޔަށް އައި ދާނިޝްގެ މިސްރާބު ހުރީ ވަކިން ހުންނަ ސިޑިއާ ދިމާއަށެވެ. ޔީޝާގެ ހާލު ބަލާލާފައި ނޫނީ އޭނާ އުޅޭބަޔަށް ނުދާން ވެގެންނެވެ. ދޮރުގައި ޓަކި ދޭ އަޑުއިވިގެން ސޯފާގައި އޮށޯވެ އޮތް ޔީޝާ ތެދުވިއެވެ. ކަންނެތް ހިނގުމެއްގައި ޔީޝާ ދޮރު ހުޅުވުމަށް ހިނގާގަތެވެ. ކުޑަކޮށް ހުޅުވާލި ދޮރުކައިރީ ހުރި ދާނިޝް ފެނުމުން އެތެރެއަށް ވަނުމަށް ދައުވަތު ދެމުން ބޮޑަށް ދޮރު ހުޅުވާލިއެވެ. ބޭސް ކައިފިންހޭ ކިޔަމުން ދާނިޝްވެސް އެތެރެއަށް ވަނެވެ.
“މިހާރު ކިހިނެއް ބަލިގަނޑު” ސޯފާގައި އިށީންނަމުން ދާނިޝް އަހާލިއެވެ.
“މިހާރު އޯކޭ.. މިހާރު ނެތް އެއްގޮތަކަށްވެސް ހުމެއް” ޔީޝާ ބުނެލިއެވެ.
“އެހެންތަ.. ދައްކަބަލަ އަހަރެން ބަލާލާނަން” ދާނިޝް އެހެން ބުނެފައި ޔީޝާގެ ނިތްކުރި މަތީ އޭނާގެ އަތްތިލަ ޖައްސާލިއެވެ. ދާނިޝްގެ އިނގިލިތަށް އޭނާގެ ހަންގަނޑުގައި ބީހިލުމާއެކު ޔީޝާގެ މޫނު ރަތްވެގެން ދިޔައެވެ. ކުޑަކޮށް ރަކިވެފައި އިސްދަށަށް ޖަހާލިއެވެ.
“ސޮރީ” ޔީޝާއަށް އައި ބަދަލު ފެނިފައި ދާނިޝް އަތް ދުރުކޮއްލިއެވެ.
“އިޓްސް އޯކޭ..” ޔީޝާ ހީލަމުން އަވަހަށް ބުނެލިއެވެ.
“އަން މިހިރީ މިއަދުގެ ނޯޓްސް.. ޔީޝްއަށް ކިޔަވައިދޭ އެހެން ޓީޗަރުން ކައިރީވެސް ބުނިން ޔީޝްއަށްވީ ހުރިހާ ނޯޓްސް ތަކެއް އަހަރެންނަށް ދޭށޭ.. ޔީޝް ބަލި ރަނގަޅުވެ ކުލާހަށް ދެވެންދެން އަހަރެން ޔީޝްގެ ފިލާވަޅުތައް ހޯދަ ދޭނަން” ދާނިޝް އޭނާގެ ކޮނޑުގައި އޮތް ދަބަހުން ފައިލެއް ނަގާ ދިއްކޮއްލަމުން ބުނެލިއެވެ.
“ތެންކްސް.. ދާނިޝް.. އެކަމު ދާނިޝް ތިހާ ބިޒީކޮށް އުޅޭއިރު”
“އެއީކީ މައްސަލައެއް ނޫނޭ.. އަހަރެން ކިތަންމެ ބިޒީވިއަސް ޔީޝްއަށް މިވަރު ކަމެއް ކޮށްދެވޭނެއޭ..” ޔީޝާ ބުނަން އުޅުނު އެއްޗެއް މެދުކެނޑުނީ ދާނިޝް މިހެން ބުނުމުންނެވެ.
“ޔީޝް ދެން މިއަދު ކޮންކަމެއް އޮތީ؟” ދާނީޝް އަހާލިއެވެ.
“ނެތް ވަކި ކަމެއް.. އަފާވެސް ޑިއުޓީގަ ވީ.. އެހެންނަމަތާ ބޭރަށްވެސް ދެވުނީހީ.. މިހެން ގޭގަ އިނުމަކީވެސް ހާދަ ފޫހި ކަމެކޭ” ޔީޝާ ބުނެލިއެވެ.
“ހިނގާ އަހަރެންނާއެކު ހިނގާލަން ދާން.. އޭރުން ސާފު ވައިކޮޅެއް ލިބިގެންވެސް ތިބަލި ގަނޑު ރަނގަޅުވެދާނެ” ދާނިޝް އެހެން ބުނުމުން ޔީޝާ އުފަލުން ބޯޖަހާލިއެވެ.
ހަވީރެވެ. މަޑު ފިޔަވަޅުގައި ދާނިޝްއާއި ޔީޝާގެ މިސްރާބު ހުރީ އެރަށު ތުނޑިޔާ ދިމާލަށެވެ. ހިނގަމުން ހިނގަމުން އައިސް ދެމީހުން ބޮޑު ގަހެއްގެ ހިޔަލުގައި އޮތް ރުއްގަނޑެއް މަތީ އިށީނެވެ. އޭރު ކުދިބޮޑު ގިނަބަޔަކު ހަވީރު ފިންޏަށް ނުކުމެ އުޅެއެވެ. ތަންކޮޅެއް ދުރުގައި ސަކަރާތް ޖަހަމުން ދުވަމުން ދިޔަ ކުޑަ ކުދިންތަކަށް ނަޒަރު ހުއްޓިފައިވާއިރު ދެމީހުންގެ ދެމެދުގައިވެސް ވަނީ ހަމަ ހިމޭން ކަމެވެ.
“ޔީޝް.. އަހަރެމެން ދެމީހުން ދިމާވިފަހުން މިހާރު މަހަކަށްވުރެ ގިނަދުވަސް ވެއްޖެ.. އެކަމު ހަގީގަތުގަ އަހަންނަކަށް ޔީޝްއާ ބެހޭގޮތުން އެހާ ގިނައެއްޗެއް ނޭނގޭ.. ޔީޝްގެ ލައިފްއާ ބެހޭގޮތުން އަހަންނަށް ކިޔާދޭންވީނުން..” އެދެމެދުގައިވާ ހަމަހިމޭންކަން ނަގާލުމަށް ދާނީޝް ބުނެލިއެވެ.
“އަހަރެންގެ ލައިފްއާ ބެހޭގޮތުން ވަކި ކޯއްޗެ ކިޔާ ދެވޭނީ” ދާނިޝްގެ މޫނަށް ބަލާލަމުން ޔީޝާ ހީލިއެވެ.
“ޔީޝްގެ ފެމިލީ.. ފުރެންޑްސް.. ދެން އަހަންނަށް ޔީޝް ފެނުމުގެ ކުރިން ޔީޝްގެ ލައިފްއާ ބެހޭގޮތުން” ދާނީޝް ބުނެލިއެވެ.
“އަހަރެންގެ ފެމިލީގަ ނޫޅޭނެ މާ ގިނަ މީހަކު.. މަންމައާއި ބައްޕަ ފިޔަވާ ދެން ހުންނާނީ ދައްތައަކާ ބޭބެއެއް.. އަހަރެން މިއީ އާއިލާާގެ އެންމެ ކުޑައަށް ހުންނަ މީހާ.. އަހަރެންގެ ނުހުންނާނެ އެހާ ގިނަ ފުރެންޑުން ނެެއްވެސް.. އަފާގެ އިތުރުން އެންމެ ގާތްކޮއް އުޅޭނީ ކަޒިންސުން..” ޔީޝާގެ ވާހަކަތައް ކުރިއަށް ދަމުން ދިޔައިރު ދާނީޝް ހުރީ ކަޅި ޖަހާ ނުލާ ޔީޝާގެ މޫނާ ބަލަހައްޓައިގެނެވެ.
“ޔީޝް ކިތަށް ކުދިންނާ ރައްޓެހިވިން.؟ ހަމަ ގައިމުވެސް މިހާރު ސިންގަލް.. ދޯ؟” ދާނީޝް އަހާލިއެވެ.
“އެ ކީއްވެ އަހަރެން ސިންގަލް ހެން ހީވީ؟” ޔީޝާ އަހާލިއެވެ.
“އެހަމަ ހީވީ.. އެހެން ނޫނަސް ޔީޝް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާ ތަނެއްވެސް ނުފެނޭ ވިއްޔަ.. އަނެއްކަ ސިންގަލް ނުނީތަ؟” ދާނީޝް އެހެން ބުނީރު މޫނުމަތި މިލައިގެން ދިޔައެވެ.
“ނޫން.. އަހަރެން މިހާރު ސިންގަލް.. އަސްލި އަހަރެން އެންމެ ފަހުން ކުއްޖަކާ ލޯބިގެ ގޮތުން ގުޅުނީ މީގެ ދެއަހަރު ކުރިން.. އޭލެވެލްގަ އުޅުނު އިރު.. އޭގެ ފަހުން އަހަރެން އަދި ކުއްޖަކާ ރައްޓެހިވާ ކަހަލަ ހިޔާލެއް ނުގެންގުޅެން” ޔީޝާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.
“އެކީއްވެ؟ ހަމަ ގައިމުވެސް ޔީޝް ކަހަލަ ރީތި ކުއްޖަކާ ރައްޓެހިވާން ބޭނުން ނުވާނެ ފިރިހެނަކު މަދުވާނެ.. އަހަންނަށް ޔަގީން ޔިޝްއާ ހިތްކިޔާ ބައިވަރު ކުދިން އުޅޭނެކަން” ދާނީޝް ބުނެލިއެވެ.
“ދާނިޝް ތިހީކުރާ ގޮތާ ހިލާފަށް އަހަރެން މިއީ ލޯބީގަ ވަަރަށް ބަދު ނަސީބު މީހެއް.. އަހަންނާ ރައްޓެހިވާނެ ކުއްޖަކު ނުވާތީކީ ނޫން.. އެކަމު އަހަންނާ ރައްޓެހިވާ ކުއްޖަކު އަހަންނާ އެކީ އުޅެވެނީ ވަރަށް މަދު ދުވަސްކޮޅަކު..” ޔީޝާ އެހެން ބުނުމުން ދާނީޝް ހައިރާންވެފައި އެ ކީއްވެހޭ އަހާލިއެވެ.
“އަހަރެންގެ މުޅި ހަޔާތުގަވެސް ރައްޓެހިވީ އެންމެ ދެކުދީންނާ.. އެކަމު އެދެމީހުނާ އެކުވެސް އަހަންނަށް އުޅެވުނީ ވަަރަށް މަދު މުއްދަތަކަށް.. ރައްޓެހިވެގެން މަހެއްވެސް ނުވަނީސް ފުރަތަމަ ކުއްޖާ އެކްސިޑެންޓަކުން މިދުނިޔެއާ ވަކިވީ.. ދެން ރައްޓެހިިވި ކުއްޖާވެސް..” އެހިސާބަށް ދިޔަތަނާ ޔީޝާގެ އަޑު ކުރެކުނެވެ.
“އައިމް ސޮރީ ޔީޝް.. ޔީޝްއަށް މިކަހަލަ ކަމެއް ދިމާވެފައި ވާކަން އެނގޭނަމަ އަސްލު އަހަރެން މިވާހަކަ ނުދެއްކީމުސް” ޔީޝާގެ މޫނަށް ވެރިވެފައިވާ ކުލަވަރުން ދާނިޝްގެ ހިތުގައި ރިއްސާލިއެވެ.
“އޭގެ ފަހުން އަހަރެން އިތުރު މީހަކާ ރައްޓެހިވާން ޖެހިލުންވޭ.. އަހަރެންގެ ސަބަބުން އެހެން މީހަކަށް ދެރަ ގޮތެއް ވާކަށް ބޭނުމެއް ނޫން..” ޔީޝާ ބުނެލިއެވެ.
“ޔީޝް.. ތިކަމުގެ ހަގީގަތް އަހަންނަށް ނޭނގުނު ނަމަވެސް އަހަރެން ބުނަން ބޭނުންވަނީ.. މިކަމުގަ ޔީޝްގެ އެއްވެސް ކުށެއް ނެތޭ.. ޔޫ ކާންޓު ބުލޭމް ޔުއަރ ސެލްފް ފޯ އެވްރީތިން.. އިނގޭ.. މީހެއްގެ މަރަކީ އަނެއް މީހާގެ އަތްމަތީ ވާކަމެއް ނޫން.. މަރު ގަންނަވަނީ ހަމައެކަނި ހެއްދެވި ފަރާތް.. އެހެންވީމަ އެމީހުނަށް އެހެން ދިމާވީ ޔީޝްގެ ސަބަބަކުން ނޫން.. ” ޔީޝާގެ އަތް ތިލާގައި ހިފާލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ މިއަމަލުންނާއި ބަސްތަކުން ޔީޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ
“ލޯބިވާ މީހަކު މިދުނިޔެއާ ވަކިވީމަ ކުރާނެ އަސަރު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.. ޔީޝްގެ ސިޓުއޭސަން އަހަރެންގެ ސިޓުއޭސަންއާ އެއްގޮތް ނުވިއަސް އަހަންނަށް ޔީޝާއަށް ކުރާނެ އަސަރު ވަރަށް ރަނގަަޅަށް އަންޑަސްޓޭންޑު ވޭ.. އަހަރެންަގެ މންމަ ނިޔާވީ އަހަންނަށް އެންމެ 10 އަހަރުގަ.. އެތަށް ދުވަހެއް ވަންދެން އަހަރެން އެކަމާ ޑިޕްރެސް ވެފަ ހުރިން.. އަހަރެންގެ ބައްޕަ އެހެން ކައިވެންޏެއް ކުރުމުން ޝަކުވާވެސް ކުރިން.. އެހާ އަވަހަށް ބައްޕަ މަންމަ މަތިން ހަނދާން ނައްތާލީ ބާއޭ އަހަރެން ހިތަށް އެރި.. އެކަމު އަހަންނަށް މިހާރު ގަބޫލު ކުރެވޭ ބައްޕަ އެގޮަތަށް ކަންތަށް ކުރީ އަހަންނަށް ރަނގަޅަކަށް ކަން.. ކިތަންމެ ދުވަހެއްވިއަސް އެކަހަލަ ކަންތައްތަކަކީ ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫން.. މޫވް އޮން ކުރަންވެސް އުނދަގޫވާނެ.. އެކަމު ހަގީގަތުގަ ދުނިޔޭގަ ނެތް މީހަކަށްޓަކައި އެހެން މީހަކަށް ޗާންސެއް ނުދީ ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން.. ދިރިތިބީން ޖެހޭނީ އެކަންކަމަށް ކެއްތެރިވެ އަމިއްލަ ލައިފްއާގެން ކުރިއަށް ދާން..” ދާނިޝް އެހެން ބުނެފައި ޔިޝާގެ މޫނަށް ބލާލިއިރު ޔިޝާގެ ކޯތާފަތް ވަނީ ތެމިފައެވެ.
ޔީޝާ ރޮނީކަން އެނގުމުން ދާނިޝް ހާސްވިއެވެ.
“އޭ އޭ.. ނުރޮއެ.. ޔިޝް ތިހެން ރޯތަން ފެންނައިރަށް މީހުނަށް ހީވާނީ އަހަރެން ޔިޝްއަށް ބުލީ ކުރަނީ އޭނުން” ޔީޝާގެ ކޯތާފަތް ފުހެދެމުން ދާނީޝް ބުނެލި އެއްޗަކުން ރުއިމުގެ ތެރެއިން ޔީޝާއަށް ހެވުނެވެ.
“އަހަރެން ހިޔެއް ނުކުރަން ޔީޝް ތިއީ ކުރައި ބޭބީއެއް ކަމަކަށް” ޔީޝާ ހޭން ފެށުމުން ދާނިޝް އަނެއްކާވެސް ބުނެލިއެވެ.
“ދެން.. ދާނީޝްގެ ތިހާ ސޭޑު ސްޓޯރީއެއް އިވުނީމަ އަހަރެން ހޭންވީތަ؟” ޓިސޫއަކުން ދެލޯ ފުހެލާފައި އުޅަން ބޮށިން ދާނިޝް ގައިގައި ޖެހިއެވެ.
“އަހަރެން މިވާހަކަ މިކިޔާދިނީ ޔީޝް ދެރަ ކުރާކަށް ނޫނޭ.. ޔީޝްއަށް ވިސްނަ ދޭން.. ފަހަރެއްގަ ޔީޝް ހީކޮއްފާނެ ލޯބިވާމީހަކު ނިޔާވުމުން އެއީ އަމިއްލަ ބަދުނަސީބު ކަމުން ވީ ކަމެކޭ.. އެކަމު އަސްލު އެއީ ޔީޝްގެ ކުށެއް އޮއެގެން ވީކަމެއް ނޫން” ދާނީޝް އެހެން ބުނުުމުން ޔީޝާ ބޯޖަހާލިއެވެ.
“ދެން ހިނގާ ދޯ ގެޔާ ދިމާއަށް ހިނގާ ގަންނަމާ.. މިހާރު އެއޮށް އިރު އޮއްސެނީ” ވިލާތަކުގެ ތެރޭގައި ނިވާވަމުން ދިޔަ އިރަށް ބަލަހައްޓައިގެން ހުރެފައި ޔީޝާ ބުނެލިއެވެ.
ބަންގި ގޮވުމުގެ ކުރިން ގެޔަށް ދެވޭތޯ ދެމީހުން ހިނގާގަތެވެ.
“އަހަރެންނާ ބެހޭގޮތުން ޝެއަރ ކޮއްލާށޭ ބުނީމަ މާ ޑިޕްރެސިން ވާހަކައެއް ދޯ މިދެއްކެވުނީ؟” ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން ހިނގަމުން ދިޔަ ދާނިޝްއަށް ބަލާލަމުން ޔީޝާ ބުނެލިއެވެ.
“އެއީކީ މައްސަލައެއް ނޫން.. ހަމައެކަނި އުފާވެރި ކަންތަކެއް ނޫންދޯ ޝެއަރ ކުރަންވާނީ.. ދެމީހެއްގެ ދެެމެދު އޮތް ގުޅުމެއް ވަރުގަދަވެފަ މުހިންމުވާނީ ހުރިހާ ކަހަލަ ކަމެއް ހިއްސާކުރެވެންޏާ.. އާދިލް ނޫން އެހެން މީހަކަށް އަހަރެންގެ ވާހަކަ ކިޔައިދިނީ ހަމައެކަނި ޔީޝްއަށް..އެހެންވީމަ އަހަރެންވެސް މިއީ ޔީޝްއަށް އެއްޗެހި ހިއްސާކުރެވޭވަރު ގާތް މިހެއް ގޮތުގަ ދެކެން ބޭނުންވަނީ” ދާނީޝް ބުނެލިއެވެ.
“ޔީޝް.. އަހަރެން ވާހަކައެއް ބުނަން ބޭނުން..އަސްލު އަހަރެން މިވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މިދުވަސްކޮޅު ޔީޝް މާ ބަލިކޮށް އުޅޭތީ ބުނާނެ ފުރުސަތެއް ނުލިބުނީ” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތްތިލާގައި ހިފާލިއެވެ. ރަކިވެފައި ޔީޝާއަށް މަގުގެ ދެފަރަތް ބަލާލެވުނި މީހަކަށް ފެނިދާނެތީއެވެ. އޭރު އެމީހުނަށް ތިބެވުނީ ގެޔާ ވަރަށް ކައިރީގައެވެ.
“ކޮން ވާހަކައެއް؟” ތެޅި ތެޅިއޮތް ހިތަކާއެކު ޔީޝާ ބުނެލިއެވެ.
“ޔީޝް.. އައި ތިންކް އައި ލަވްޔޫ.. ނޫން އައި ޑޫ ލަވް ޔޫ “
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



