އޭނައާ ވަރަށް ގާތުގައި މީހަކު ހުރިކަން ޔީޝާއަށް ޔަގީންވި ނަމަވެސް ދެލޯ ނުހުޅުވަ އޮތީ އެއީ އަފާ ނޫނީ ނިހާ ކުރާ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ސިކުންތު ތެޅިގަނެވުނީ އޭނާގެ ކަންފަތާ ދިމާލުން މޫނަށް ހޫނު ނޭވާއެއް އިހްސާސް ވުމުންނެވެ. އެ ހޫނު ނޭވާއިންނާ އެ އިނގިލި ތަކުގެ ފިރުމުންތަކުން އުނދަގޫވެގެން ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. އެހެނަސް ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ފެނުނު މަންޒަރުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަތް ވަރުން ހަޅޭލަވައި ގަންނަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް އަރުތެރެއަކުން ބޭރެއް ނުވިއެވެ.

****

ހަތަރު މޮށްގަނޑު ޖަހައިގެން އޭނާގެ ގައިމަތީ ބަރަހަނާކޮށް އެއޮތް ކަޅު އެއްޗަކީ އިންސާނެއް ނޫންކަން ޔަގީން ކުރެވުނު ވަގުތު ޔީޝާގެ ގައިން ހީބިހި ނަގައި ގަތެވެ. ބޯއަރި ކޮށްކޮށްފައި ޔީޝާއާ ދިމާއަށް ބަލަމުން ދިޔަ އެތީގެ މޫނުމަތިން ލޭއަރާފައިވާ ދެލޯ ނޫން އެހެން އެއްވެސް އެއްޗެއް ވަކި ނުވެއެވެ. އެ ބިރުވެރި މަހްލޫގާ ހަތަރު ކަޅި ހަމަވުމާއެކު ޔީޝާގެ ގައިން ވާގި ދޫވި ފަދައެވެ. ކޮޅަކުން ކޮޅަކަށް ގުޑާވެސް ނުލެވިފައި ވާއިރު ހީވަނީ ނުފެންނަ ބާރަކުން ދެއަތާ ދެފާ ބަނދެވިފައި ވާހެނެވެ.

އެ މަހްލޫގު އިރު ކޮޅަކު ބަލަން ހުރެފައި ޔީޝާގެ މޭމަތީ އަތް ތިލަ ބާއްވާލިއެވެ. އަދި އަނެއް އަތުން ޔީޝާގެ ކަނދުރާއިން ފެށިގެން ތިރިއަށް ފިރުމާލިއެވެ. އޭތީގެ ހޫނު ނޭވާ ޔީޝާގެ ކަނދުރާއަށް އެޅެމުން ދިޔައިރު ޔީޝާ އޮތީ ބިރުން ވިރި ވިރިއެވެ. ނަމަވެސް ސަލާމަތް ވާން ދުއްވާގަންނަން ނޫނީ މީހަކަށް ގޮވާލަންވެސް ޔީޝާއަށް ނުކުޅެދުނެވެ.

ޔީޝާގެ ގައިމަތީ އޮތް އެތި ފުންނޭވާއެއް ލާފައި ޔީޝާގެ މޫނާ ކައިރިވެލިއެވެ. އަދި ދެވަނަ ސިކުންތު އޭތީގެ ދެ ކަންހުޅިއާ ހަމައަށް ދެމިފައިވާ އަނގަ ހުޅުވާލިއެވެ. އޭތީގެ އަނގަ ތަންމިނަށް ހުޅުވުމުން ޔީޝާ ބިރުންގޮސް އަޑުން އަޑު ނަގާ ހަޅޭ ލަވައިގަނެވުނެވެ.

 

މޫދަށް އެރި އޮތް ދާނިޝް އަޑިއަށް ފީނާލާފައި ލޮނުގަނޑުން މައްޗަށް ބޯހިއްލާލާފައި އެއްގަމާ ވީފަރާތަށް ބަލާލިއިރު ޔީޝާ އޮތް ތަނާ ދިމާލުގައި ހުރި ގަހެއްގެ ގޮފިގަނޑެއްގައި އެކޮޅު ކޮޅުން އެލިއޮތް ކަޅު އެއްޗެއް ދާނިޝްގެ ލޮލުގައި އަޅައިގަތެވެ. ކުއްލިއަކަށް ފެނުމުން ދާނިޝްއަށް ސިހިފައި ލޮނުބޮވި ކޮށިއެރިއެވެ. ކެއްސުންގަނޑު މައިތިރި ކުރަމުން ދެލޯ އުނގުޅާލާފައި ދެވަނަ ފަހަރަށް އެދިމާ ބަލާލިއިރު އެފަދަ އާދަޔާހިލާފު ކަމެއް ނުފެނުނެވެ. އެއީ ހީވި ހީވުމަކަށް ހަދާލާފައި ދާނީޝް އަނެއްކާވެސް ފަތައި ގަންނަން އުޅެނިކޮށް ޔީޝާގެ ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމާލިއެވެ. އޭރު ޔީޝާ ތެދުވެ ފަރާތް ފަރާތް ބަލާ މަންޒަރު ފެނެއެވެ. ޔީޝާއަށް ކަމެއް ވެއްޖެކަން އެނގުމުން ދާނިޝް އަވަހަށް އެއްގަމާ ދިމާއަށް ފަތައި ގަތެވެ. ދެން ތިބި މީހުންވެސް ކުޅިވަރު ހުއްޓާލާފައި އެއްގަމަށް އަރަން ފެށިއެވެ.

ގަދަކަމުން ދެލޯ ހުޅުވާލާފައި ޔީޝާ ދެފަރާތަށް އެނބުރި ބަލާލިއިރު ގައިމަތީގައި ކީއްކުރަން އެ ހިސާބުގައިވެސް އެފަދަ އެއްޗެއްގެ ހިލަމެއް ނެތެވެ. ދެންމެގައި އެފެނުނީ ހުވަފެނެއްކަން ޔަގީން ކުރެވުމުންވެސް ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމަކަށް ބަދަލެއްނައެވެ. އެތަނުގައި އެކަނި ހުންނަން ނުކެރިގެން ޔީޝާ ތެދުވެ އެއްގަމަށް އަރައިގެން އަންނަ ދާނިޝްއާ ދިމާއަށް ދުއްވައި ގަތެވެ.

”ޔީޝް.. ކިހިނެއްތަ ވީ؟ ކީއްވެ ހަޅޭލަވަނީ؟” ދާނީޝް އެހެން އެހީރު އަޑުގައި ހާސްކަމެއް ހުއްޓެވެ.

“ހުވަ.. ހުވަފެނެއް ފެނުނީ.. ބިރުވެރި ހުވަފެނެއް” ފުން ނޭވާއެއް ލަމުން ހަމަ ޖެހިލާފައި ޔީޝާ ބުނެލިއެވެ. ހުވަފެނެކޭ ބުނުމުން ދާނިޝްގެ ނިތް ކުރިމައްޗަށް ގިނަވެފައި ހުރި ރޫތަށް މަދުވެ ހަމަޖެހުނެވެ.

“ހުވަފެނެއް ފެނިގެން ތިވަރު ތިވީ.. ދެން އެކަމާ ނުވިސްނާ.. ހުވަފެނަކީ އަސްލެއް ނޫނެއްނު” ޔީޝާގެ ކޮނޑުގައި ޖަހަލާމުން ދާނިޝް ބުނެލިއެވެ. ޔީޝާ ބޯ ޖަހާލާފައި ގަދަަކަމުން ހީލާފައި އަނެއްކާވެސް ފަސްއެނބުރި ކުރިން އޭނާ އޮތް ދިމާއަށް ބަލާލިއެވެ. އަމިއްލަ ނަފްސަށްވެސް އެއީ ހުވަފެނެއް ކަން ވިސްނަދޭން މަސައްކަތް ކުރިނަމަވެސް އޭނާގެ ސިކުނޑީގެ އެއް ހިސާބަކުން އެއީ އަސްލެއްކަމަށް ބުނަމުން ދިޔައެވެ.

ދަތުރުގެ ހުރިހާ ބައިވެރިން މަޖާ ކުރަމުން ދިޔައިރު ވަގުތު ދިޔަ ގޮތްވަސް ނޭނގުނެވެ. އިރު އުދަރެހުން ތިރިވެ ވިލާތަކު ތެރެއަށް ގެނބިގެން ދިޔަ މަންޒަރު ބަލަން ތިބެފައި އެންމެން ދަބަސްތަށް ބަހައްޓާފައި ހުރި ގެގަނޑާ ދިމާއަށް މިސްރާބު ޖެހިއެވެ. ގެގަނޑާ ހަމައަށް އެންމެނަށް އާދެވުނުއިރު ދުނިޔެމަތިވެސް އަނދިރިވާން ފަށައިފިއެވެ.

“އޭ އެހެރަ ގަސްތަކު ތެރޭގަ ހުރި ދޯ ފެންވަޅެއް.. ހިނގާބަލަ މި ތެތް ހެދުންތަށް ބަދަލު ކޮއްލަން” އެތަނުން އެއް އަންހެން ކުއްޖަކު ހިޔާލު ދިނެވެ.

“އާނ  މަވެސް ތިހެން ކިޔަންށޭ މިއުުޅުނީ” ނިހާ އެކުއްޖާއާ ބައިވެރިވުމުގެ ގޮތުން ބުނެލިއެވެ.

“ޔީޝްވެސް ހިނގާ އަހަރެމެންނާ އެކީ” ފުރަތަމަ ވަޅުކައިރިއަށް ދިޔަ ގުރޫޕު ގަނޑު އައުމުން އަފާ ބުނެލިއެވެ.

އަފާއާއި ނިހާއާއެކު ޔީޝާ ވަޅުކައިރިއަށް ދިޔައިރު އަނދިރިވާން ކައިރިވަނީއެވެ. ފޯނުގެ ޓޯޗް ދިއްލާފައި ވަޅުގެ އެއްބައި ފޮރުވޭ ގޮތަށް ޖަހާފައި އޮތް މަތިގަނޑު މަތީ ބޭއްވިއެވެ.

ނިހާއާއި އަފާ ތެތް ހެދުންތައް ބާލަން ފެށުމުން ޔީޝާއަށް ވަށައިގެން ބަލާލެވުނެވެ. ވަށައިގެން ފަންޖައްސާ ބައްދާފައި ހުރި ނަމަވެސް ޔީޝާއަށް ވަށައިގެން ބެލެނީ މީހަކު ބަލަން ހުރެ ފާނެތީއެވެ.

“އޭ ތިމީހުނަށް އެބަ ދުވާތަ ކުނި ވަހެއް؟” ނިހާ ނޭފަތުގައި އަތް އަޅާލަަމުން ބުނެލިއެވެ.

“އާން ދޯ.. އެއްޗެއް ކުނި ވަނީ ކަންނޭނގެ” އަފާވެސް ބޯ ޖަހާލަމުން ބުނެލިއެވެ. އޭރު އެހިސާބުގައި ނޭފަތަށް އުނދަގޫ ވާކަހަލަ ކުނި ވަހެއް ފެތުރިފައި ވެއެވެ.

“ޔީޝް އަވަސް ކުރޭ.. އަދި ދެން ތިބި މީހުންވެސް ފެންވަރަން ބޭނުންވާނެ” އަފާ ޔީޝާއާ ދިމާއަށް ބުނެލުމުން ޔީޝާ ބޯ ޖަހާލާފައި ތެތް ހެދުން ބާލާ ގަޔަށް ފެންދާންޏެއް އަޅާލިއެވެ. ފިނި ފިނި ފެންތައް ގަޔަށް އެޅުމާއެކު ޔީޝާ ހީކަރުވާ ގަތެވެ. ދެތިން ފެންދާނި ގަޔަށް އަޅާލުމަށް ފަހު އަވަހަށް ގައިގައި ތުވާލި އޮޅާލާ ގައި ހިއްކަން ފެށިއެވެ.

ކަނދުރާއިން ތިރިއަށް މިސްރާބުޖެހި ފެންތިކިތަށް ތުވާލިން ފުހެލި ވަގުތު ކަނދުރާ ކައިރިން ހޫނު ނޭވާއެއް އިހްސާސް ކުރެވުމުން ޔީޝާ ސިއްސައިގެން ދިޔައެވެ. ފަހަތް ބަލާލިއިރު އެތަނަކު އެކަކުވެސް ނެތެވެ. މިއަދު މެންދުރު ވަގުތު ފެނުނު ހުވަންފެން މަތިން ހަނދާން ވުމުން ޔީޝާ ބިރުގަންނަ ގޮތް ވިއެވެ.

“އޭ ތިމީހުން އަވަސް ކޮށްބަލަ.. މިތާކު ނުވާނެ މިހާ ގިނައިރު ތިބޭކަށްވެސް” ނިހާއާއި އަފާ އަދިވެސް ނުނިމޭތީ ޔީޝާ ބުނެލިއެވެ. އޭރު ދޮވާވަހުން ކެތްވަނީކީވެސް ނުޫނެވެ.

 

ތެތް ހެނދުންތަށް ކޮތަޅަކަށް ލުމަށް ފަހު ތުވާލިން ތެތް އިސްތަށިގަނޑު ހިއްކަމުން ޔީޝާ ގޮސް ގޭގެ ޕައުންޑޭސަން ގާގަނޑު މަތީ އިށީނެވެ.

އޭރު އެހިސާބުގައި ވަނީ ބޮޑު އަލިފާން ގަނޑެއް ރޯކޮއްފައެވެ. އަލިފާނުގެ ހޫނު ފޯރާ ހިސާބުގައި ހުރުމުން ޔީޝާގެ ގައިން ހީފިލާ ތުރުތުރު އެޅުންވެސް މަޑުވެއްޖެއެވެ. އަފާއާ ވާހަކަ ދައްކަމުން އިސްތަށިގަނޑު ހިއްކަމުން ދިޔަ ޔީޝާއާ ނަޒަރު ވަކިކޮށް ނުލެވިފައި ހުރި ދާނީޝްއެއް އެމީހުނަކަށް ފާހަގައެއް ނުކުރެވުނެވެ. ޔީޝާގެ ހަރަކާތްތަކަށް ބަލަން ހުރި ދާނީޝްގެ ހިތުގެ ވިންދުގެ ތަރުތީބު އޮޅި އަވަސްވެއްޖެއެވެ. އިރު އިރުކޮޅާ ހިންދިރުވާވެސް ލެވެއެވެ. ޔީޝާގެ ފަރި ހަރަކާތް ބަލަން އިން ދާނިޝް ސިހުނީ ފަހަތުން އާދިލް ބުރަކަށީގައި އަޅާ ކޮއްޕާލުމުންނެވެ.

“ބަލަ މިހާރު ކަލެއާ ހަވާލު ކުރި މަސައްކަތް ނިމިއްޖެތަ” އާދިލް ދާނީޝްގެ ކައިރީ އިށީންނަމުން ބުނެލިއެވެ.

“ކޮން މަސައްކަތެއްތަ..؟ ” އާދިލް އެދައްކާ ވާހަކައެއް ނޭނގޭ ކަމަށް ހެދެމުން ދާނިޝް ބުނެލިއެވެ.

“ދެން ނޭނގޭ ކަމަކަށް ހަދާނެ ކަމެއް ނެތް.. މަ ހިޔެއް ނުކުރަން ތިއީ ތިހާ ފިނޑި މީހެއް ކަމަކަށް.. އެވަރު ކަމެއްވެސް ނުވިދޯ” އާދިލް މަލާމަތުގެ ރާގަކަށް ބުނެލިއެވެ.

“ނޫނޭ.. މަ އެގަނޑީގަ އެވާހަކަ ދައްކަން އުޅުނީމޭ.. އެކަމު ނުބުނެވިގެން އުޅެނިކޮށް މި ނަހުވާނު” ދާނީޝް ކަންވީގޮތް ކިޔާ ދިނެވެ.

“އޭ އަހަރެން ކީއްކުރީ” އެމީހުންގެ ވާހަކާގައި އޭނާގެ ނަން އިވުމުން ނަހުވާން އައިސް ބުނެލިއެވެ.

“ކަލެއާ ހުރެ ނެތޭނުން ނުވާ ކަމެއް.. ” އާދިލް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ބުނެބަލަ.. އަހަރެން ކީއްތަ ކުރީ” ނަހުވާން ބުނެލިއެވެ.

“އަޅާ ނުލާ.. އޭނަ ކައިރީ ކިޔާނެ ކަމެއް ނެތް” ދާނިޝް ބުނެލިއެވެ.

“މަށަށްވެސް އަންގާލައިގެން އުޅެބަލަ.. ބުނެބަލަ ” ނަހުވާން އާދޭސް ކުރަން ފެށިއެވެ. ނަހުވާން އާދޭސް ކުރަން ފެށުމުން އާދިލް ވީގޮތް ކިޔައި ދިނެވެ.

“ކިހިނެއް އެނގޭނީ އެވަގުތު ދޮންބެ ދައްކަން އުޅުނީ އެކަލަހަ ވާހަކައެއް ކަމެއް.. އެހެންވީމަ ދޮންބެ ލައިކްވެގެން މިއުޅޭ ކުއްޖަކީ ޔީޝް ދައްތަ ދޯ.. އަހަންނަނަށް ކުރިންވެސް ޝައްކުވިއޭ” ނަހުވާން ބުނެލިއެވެ.

“ނަހޫއަށްވެސް އެކަން ފާހަގަ ކުރެވުނު ދޯ. ރަނގަޅަށް ވިއްޔާ މިހާރު ޔީޝްއަށްވެސް މިކަން އެނގޭނެ ކަންނޭނގެ” އާދިލް ބުނެލިއެވެ.

“ކަލޭމެން ތަންފުކެއް މަޑުން ތިކިޔާ އެއްޗެއް ކިޔާބަލަ.. ނަހޫ ނުވާނެ އިނގޭ މީހަކު ކައިރީ މިވާހަކަ ކިޔައިގެން..” ދާނިޝް ބުނެލިއެވެ.

“ދޮންބެ ޔީޝް ދައްތަ ކައިރީ ބުނަން ނުކެރެންޏާ އަހަރެން ބުނެދީފާނަމޭ.. ޔީޝް ދައްތަ ނުލާހިކު ރައްޓެހިވާނެ ނަހޫއާ” ނަހުވާން ބުނެލިއެވެ.

“ކޮސް ނުގޮވަ މަޑުން ހުރޭ.. އަހަރެން ނޫޅެމޭ ބުނަން ނުކެރިގެނެއް.. އަދި ރަނގަޅު ވަގުތެއް ނުލިބިގެނޭ މިއުޅޭނީ” ދާނީޝް ބުނެލިއެވެ.

“ހޫން ތި ރަނގަޅު ވަގުތެއް ދޮންބެއަށް ލިބޭނެބާ ދޯ” ނަހުވާން އެހެން ބުނެފައި ހެމުން ހެމުން ދުރަށް ދިޔައެވެ.

“މިޖެހުނީ އަނެއް ހަކަންތަ.. އެ ނަހުވާން ދެން އަހަންނާ ދިމާ ކުރުން ނޫން ކަމެއް ނޯންނާނެ.. މިއީ އާދިލްގެ ބޮޑު އަނގަޔާ ހުރެ ވާކަންކަމޭ” އާދިލްއަށް ނުރުހުމެގެ ނަޒަރަކުން ބަލާލަމުން ދާނިޝް ޝަކުވާ ކޮއްލިއެވެ. އަދި އެތަނުން ތެދުވެގެން ގޮސް ގެގަނޑުގެ ހިޔަލަށް ދާން ހިނގާގަތެވެ. ނަމަވެސް ކުޑަ ތަންކޮޅަކަށް ދެވުނު ތަނާ މަތިން އެއްޗެއް ވެއްޓުނު އަޑަށް ސިހިފައި ބަލާލެވުނެވެ. އޭރު ދާނިޝްގެ ފައިކައިރީގައި އޮތީ ކާއްޓެކެވެ. ކާށީގައި ފައިން ޖަހާ އެއްފަރާތް ކޮއްލަމުން މަތިބަލާލިއިރު ދާނިޝްގެ އަތް ފައި ވަނީ ފިނިވެފައެވެ. އެދިމާލުގައި ރުކެއްވެސް ނެތްއިރު އެ ކާށި އައީ ކޮންދިމާލަކުން ބާވައޭ ހިތަށް އެރިއެވެ. ދާނިޝްގެ ހިތަށް އެންމެ އުނދަގޫވީ އެހާ ބާރު މިނުގައި އައި ކާށި އޭނާއާ ނުހަނު ކައިރިއަށް ވެއްޓުމުންނެވެ. ދާނީޝް ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލި ނަމަވެސް އެކާށި އައިސް ޖެހޭނީ އޭނާގެ ބޮލުގައި ކަން އެނގުމުންނެވެ.

“ދާނިޝް.. ހިނގާބަލަ އަދި ދަރުކޮޅެއް ބަލާ ދާން.. އަލިފާންގަނޑު ނިވިދާނެ” ދާނީޝްގެ ބޮޑުބެ ގޮވުމުން ދާނީޝް ހިނގާގަތީ ދެންމެ އެދިމާވި ކަންތަކާ އަޅާ ނުލާށޭ އަމިއްލަ ނަފްސަށް ބުނަމުންނެވެ.

ދާނިޝްއެކޭ އެއްފަދައިން ޔީޝާގެ ހަރަކާތުން ނަޒަރު ވަކި ކޮށްނުލެވިފައި އަޒާންވެސް ހުއްޓެވެ. ދުރުގައި ހުރެގެން ޔީޝާއާ ދިމާއަށް ބަލަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ތައުރީފުގެ ބަސްތައް އުދުހެމުން ދިޔައެވެ. ޔީޝާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގާލިއިރު އަޒާންގެ ހިތް ވަނީ އަވަސްވެފައެވެ. ޔީޝާގެ ފުރިހަމަ ހަށިގަނޑުގެ ވަނާތަށް ފާޅުވާހެން ލަިއގެން ހުރި ޓީސާޓާ ބާރު ޓައިޓުން އަދި އިތުރަށް ރީތިކަމަށް ދައްކައެވެ. ޔީޝާގެ މި ރީތިކަން އަޒާންގެ ހިތުގައި ރޯވެފައިވާ ވަހުޝީކަމުގެ ހުޅުގަނޑަށް ދަރު އަޅަމުން ދިޔައެވެ. އެފަދަ ހިޔާލުތައް ސިކުނޑި ތޮރުފަމުން ދިޔައިރު އަޒާންގެ ހަށިގަނޑުގެ ލޭވެސް ހޫނުވެ ކެކެން ފަށައިފިއެވެ.

ސިކުނޑި ހަމައަކަށް އަޅާލަން އަޒާން ބޭނުންވީ އެތަނުން ދުރަށް ޖެހިލާށެވެ. އޭނާ ގެންގުޅޭ ދަބަސް ހިފައިގެން އަޒާން ހިނގާގަތީ ފެންވަޅާ ދިމާއަށެވެ.

ވަޅުކައިރިއަށް އައިސްފައި އަޒާން ލައިގެން ހުރި ގަމީހާއި ސޯޓު ބޭލިއެވެ. ދާނިން ފެންފޮދެއް ގަޔަށް އަޅާލުމުންވެސް ހުޅުހިފާފައިވާ އޭނާގެ ހިއްސުތަށް މައިތިރިއެއް ނުވިއެވެ. ޔީޝާ ފެނުމުން އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއްވެސް އެދުންވެރިކަމުން ފުރުނީ އެހެނެއް ބަލާފައެއް ނޫނެވެ.

ދެވަނަ ފެންދާނި އަޅާ ލާފައި އަޒާން ދެލޯ މަރާލިއެވެ. އަދި މަޑުމަޑުން އޭނާގެ އަތްތިލަ އޭނާގެ މޭމަތީގައި ޖައްސާލާފައި މަތިން ތިރިއަށް އެއަތް ހަރަކާތް ކުރުވަން ފެށިއެވެ. އޭނާގެ އަމިއްލަ އަތަކީ ޔީޝާގެ އަތްތިލަ ކަމަށް ހީކޮއްލާފައި އޭނާގެ ހަށިގަނޑުގެ ނާޒުކު ހުރިހާ ހިސާބެއްގައި ފިރުމަންފެށިއެވެ. އަޒާންގެ ނޭވާ އަވަސްވާން ފެށިއެވެ. ވިންދުވެސް އަވަސްވެފައި އޭނާގެ ހަށިގަނޑުން ދުންއަރަން ފެށިއެވެ. ޔީޝާގެ ރީތި ސޫރަ ސިފަކޮއްލަމުން  އަޒާން ހިނިތުންވިއެވެ. އަދި މަޑު އާހެއް ލައްވާލާފައި ޔީޝާގެ ނަން އެދުލުން ބޭރުކޮއްލިއެވެ. ޔީޝާގެ ނަން އެދުލުން ބޭރުވި ވަގުތު އިވުނު ބާރު އަޑާއެކު އަޒާން ސިހުނެވެ. ބިމަށް އެރި ކުއްލި ތުރު ތުރުން ހީވީ ބޮޑު ގަހެއް ކަނޑާ ވައްޓާލިހެނެވެ. އަޒާން ސިހިފައި ލޯހުލޫވާފައި ވަށައިގެން ބަލާލިއެވެ.  އޭރު އެހިސާބު ވަރަށް އަނދިރި ވެއްޖެއެވެ. ތަނެއް ދޮރެއް ވަކިވަނީވެސް ކިރިޔަ ކިރިޔާއެވެ. އަޒާން އަވަހަށް ގައި ހިއްކާލާފައި ޓީސާޓަކާ ސޯޓެއް ގަޔަށް ލިއެވެ. ތެތް ހެދުމާއެއްޗެހި ހިފައިގެން އަޒާން އެތަނުން ދާން ހިނގައި ގަތެވެ.

އަޒާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ކަޅު އެއްޗެއް މަޑުމަޑުން ގަހުން ފޭބިއެވެ. ކުޑަ ރާމާމަކުނެއްހެން ގަހުން ފައިބައިފައި އައިސް ހުއްޓިލީ އަޒާން ފެންވަރަން ހުރި ތަނުގައެވެ. ބޯއަރި ކޮށްކޮށްފައި ތަންތަން ބަލަމުން އޭތިވެސް ކަންތައްކުރީ އަޒާންވެސް ކަންތައް ކުރި ގޮތަށެވެ. އޭތީގެ ވަކި ދިގު އަތްތިލައިން އޭތީގެ ކުރަކި ހަށިގަނޑުގެ އެކި ހިސާބުގައި އަތްހާކަން ފެށިއެވެ. އިސްކޮޅުން ކުރުކޮށް ހުރި އޭތީގެ ހަށިގަނޑު ބޮޑުވާން ފެށިއެވެ. އިސްކޮޅާ ރޫފަވެސް އާދައިގެ އިންސާނަކާ އެއްވަރުވިއެވެ. އޭތީގެ ގައިގެ މަސްގަޑުގައި އޮމާން ހަން ގަނޑެއް ލެވެން ފެށިއެވެ. ލެނބިފައިވާ ކަށިތައް ތެދުވެ އިންސާނެއްގެ ސިފައަށް ބަދަލުވިއެވެ. އަޒާން ދިޔަ ދިމާއަށް އެބުރު އިރު އޭތީގެ މޫނުގައިވެސް ވަނީ އިންސާނެއްގެ ސިފަ ޖެހިފައެވެ. އެމޫނު މަތީގައި ވަނީ ރުޅިވެރިކަމެވެ.

(ނުނިމޭ)

14

2 Comments

  1. Taengoo

    February 16, 2021 at 1:15 pm

    Woow..❤ mi part ves hama varah varah varah varah salhi..👍 Mash Allah 🥰👍👍
    When next part upload kuranee? Waiting for the next part..
    Love you sis 🥰
    Stay safe

  2. redlailacrose

    February 16, 2021 at 8:09 pm

    Hey🌹🌹.could u please comment on my poems. It means a lot to me🌹🌹.the stry is very interesting.waiting eagerly for next part 🌹🌹stay safe

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!