
އަޒާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ކަޅު އެއްޗެއް މަޑުމަޑުން ގަހުން ފޭބިއެވެ. ކުޑަ ރާމާމަކުނެއްހެން ގަހުން ފައިބައިފައި އައިސް ހުއްޓިލީ އަޒާން ފެންވަރަން ހުރި ތަނުގައެވެ. ބޯއަރި ކޮށްކޮށްފައި ތަންތަން ބަލަމުން އޭތިވެސް ކަންތައްކުރީ އަޒާންވެސް ކަންތައް ކުރި ގޮތަށެވެ. އޭތީގެ ވަކި ދިގު އަތްތިލައިން އޭތީގެ ކުރަކި ހަށިގަނޑުގެ އެކި ހިސާބުގައި އަތްހާކަން ފެށިއެވެ. އިސްކޮޅުން ކުރުކޮށް ހުރި އޭތީގެ ހަށިގަނޑު ބޮޑުވާން ފެށިއެވެ. އިސްކޮޅާ ރޫފަވެސް އާދައިގެ އިންސާނަކާ އެއްވަރުވިއެވެ. އޭތީގެ ގައިގެ މަސްގަޑުގައި އޮމާން ހަން ގަނޑެއް ލެވެން ފެށިއެވެ. ލެނބިފައިވާ ކަށިތައް ތެދުވެ އިންސާނެއްގެ ސިފައަށް ބަދަލުވިއެވެ. އަޒާން ދިޔަ ދިމާއަށް އެބުރު އިރު އޭތީގެ މޫނުގައިވެސް ވަނީ އިންސާނެއްގެ ސިފަ ޖެހިފައެވެ. އެމޫނު މަތީގައި ވަނީ ރުޅިވެރިކަމެވެ.
*****
މުޅި ދުނިޔެއަށް އަނދިރިކަން ވެރިވާން ވާއިރަށް ތާޒާ ވެލައިގެން އައިސް އެންމެން އަރާމު ކޮއްލަން އިށީނެވެ. ރަށުގައި ކަރަންޓެއްވެސް ނެތުމުން އެކިމީހުން އެކިދިމާއަށް ނުގޮސް މަޑުކުރިއެވެ.
“އޭ ދެން މިހެން ތިބެނީތަ.. ހާދަ ފޫއްސޭ” ތާކު ފޫކޮޅު ނުޖެހި ދެފަރާތަށް ހިނގަމުން ދިޔަ ނަހުވާން ބުނެލިއެވެ.
“އަސްލުވެސް ވަރަށް ވައި ދޯ.. ހިނގާ މަހެއް ބާނަލަން ދާން. ބާބަކިއު ފެށުމުގެ ކުރިން މަހެއްވެސް ލިބޭތޯ ބަލަން ޖެހޭނުން” ނަހުވާންއާ އެއްބައި ވަމުން އާދިލް ހިޔާލު ދިނެވެ.
“ކަލޭމެން ކުދިން ދޭ.. ބޭބެމެން ދެން އިހަށް ޖައްސާލާނަން.. މަސްބާނާ ނިމިގެން އައިސް ގޮވާލާ” އެތަނުގައި އެންމެ ބޮޑަކަށް ހުރި މީހާ ބުނެލިއެވެ. ބޮޑުބެ އެހެން ބުނުމުން ގިނަ އަންހެން ވެރިންވެސް އެކަމަށް އެއްބަސްވެ އަރާމު ކޮއްލަން ޖައްސާލިއެވެ.
“ދެން ކޮންބައެއް އަހަރެމެންނާއެކު ދާނީ” ނަހުވާން އެހެން ބުނުމުން އަފާއާއި ދާނިޝް އަދި ނިހާ ކޮޅަށް ތެދުވިއެވެ. އަފާއާ ނިހާ ޔީޝާގެ އަތުގަ ހިފާ ނެގުމުން އެމީހުނާއެކު ދިޔުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އެ ގުރޫޕު ގަނޑު ދޮށްޓާއި މަސްބޭނުމެއް ބޭނުންވާ އެއްޗެހި ހިފައިގެން ގޮނޑުދޮށާ ދިމާއަށް ހިނގާގަތުމުން ދެން ތިބިމީހުން ނިދީގެ އާލަމަށް ދަތުރު ފެށިއެވެ. ވެފައި ހުރި ވަރުބަލިން އެމީހުންނަށް ނިދުނީ ވަރަށްވެސް އަވަހަށެވެ.
އާދިލް އާއި ދާނިޝް ކުރީގައި ހުރެގެން ހިނގަމުން ދިޔައިރު ނަހުވާން އާއި ތިން އަންހެނުން އެމީހުންގެ ފަހަތުން ހިނގަމުން ދިޔައެވެ. އަތުގައި އޮތް ޓޯޗުން އަލިކުރަމުން ދިޔަނަމަވެސް ފަޒާގައި ރަސްކަން ކުރަމުންދިޔަ ބުރުހަމަ ހަނދުގެ ރިހި އަލި މުޅި ހިސާބަށް އެޅިފައި ވުމުން ބައްތީގެ މާބޮޑު ބޭނުމެއްވެސް ނެތެވެ.
“އޭ ފެންފުޅިއެއްވެސް ނުލާ ދޯ މިއާދެވުނީ.. އަހަރެން އަންނާން އިނގޭ ފެންފުޅިއެއް ހިފައިގެން” ވަކި ހިސާބަކަށް ދެވުނު ތަނާ އަފާ ބުނެލިއެވެ.
“އެކަނި ދާން ކެރޭނެތަ؟” އާދިލް އަހާލިއެވެ.
“އުހުން އެކަނި ދާނެ ކަމެއްނެއް.. އަހަރެން ދާނަން އަފާއާ އެކީ” އަފާ އެކަނި ފޮނުވާލަން ބޭނުން ނުވެގެން ޔީޝާ ބުނެލިއެވެ.
“އޯކޭ.. އަހަރެމެން މިދަނީ ހަމަ މިދިމާ އެކޮޅަށް.. އަވަހަށް އާދޭ އިނގޭ” ދާނިޝް އެހެން ބުނުމުން އަފާއާ ޔީޝާ ގެގަނޑާ ދިމާއަށް ހިނގާގަތެވެ.
އައިސް ބޮކްސް ތެރެއިން ފިނި ފެންފުޅިއެއް ނަގައިގެން އަފާއާއި ޔީޝާ އެނބުރި ދާނިޝް މެން ކައިރިއަށް ދާން މިސްރާބު ޖެހިއެވެ. އަފާ ކުރީގައި ހުރެ ހިނގަމުން ދިޔައިރު ޔީޝާއާ ވާހަކަ ދައްކަމުން ދިޔައެވެ. ޔީޝާވެސް އަފާއަށް ރައްދު ދެމުން ދިޔައެވެ. އެހެން ހިނގަމުން ދަނިކޮށް ގަހެއްގެ ފަލަ މުލެއްގައި އަޅައިގަނެފައި ޔީޝާ އަރި އަޅާލިއެވެ. ނަމަވެސް ކައިރީ ހުރި ގަހުގައި ހިފާ އަމިއްލަ ހަށިގަނޑު ތެދު ކޮށްލެވުނެވެ. އަރިއަޅާލި ވަގުތު ފައިވާނުގެ ވަދު ނެއްޓުމުން ޔީޝާ މަޑު ކުރާށޭ ބުނެ ގުދުވެލާފައި ފައިވާން ނެގިއެވެ. ނަމަވެސް ޔީޝާ އެހެން ބުނި އަޑެއް އަފާއަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. ފަސް އެނބުރުމެއް ނެތި އަފާ ކުރިއަށް ހިނގަމުން ދިޔައެވެ.
ފައިވާން ވަދު ރަނގަޅު ކޮއްލުމަށް ފަހު ހިންދެމިލާފައި ޔީޝާ ކުރި ބަލާލިއިރު އަފާއެއް ފެންނާކަށް ނެތެވެ.
“އަފާ؟” ނުތަނަވަސްވެފައިވާ ހިތަކާއެކު ޔީޝާއަށް ގޮވާލެވުނެވެ. ނަމަވެސް އަފާގެ އެއްވެސް ޖަވާބެއް ނައެވެ. އެކަނި މާއެކަނި އެތަނުގައި ހުންނަން ނުކެރިގެން ޔީޝާ ކުރިއަށް ހިނގާގަތެވެ. އަފާއަށް ގޮވަމުން ކުރިއަށް ހިނގަމުން ދިޔަ ޔީޝާ ހުއްޓުނީ ކުރިމަތީގައިވާ މަގު ދެކަފި ވެފައި ވުމުންނެވެ. އެތަނުން ދެން ދާންވީ ކޮން މަގަކުން ކަމެއް ޔީޝާއަކަށް ނޭނގުނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ޔީޝާ ކުރިއަށް ދެވެން ހުރި މަގުން ދާން ފިޔަވަޅު އެޅިއެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް އޭނާގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެވެ.
“އަފާ؟” އަޑު އައި ދިމާއަށް ހިނގާ ގަންނަމުން ޔީޝާ އަނެއްކާވެސް ގޮވާލިއެވެ. ގަސްތަކު ތެރެއިން ހިނގަމުން ދިޔަ ޔީޝާ ހުރީ ހާސްވެފައެވެ. މިހެން ދަނިކޮށް މަގު ނޯޅިއްޖެއްްޔާ ރަނގަޅޭ އޭނާ ހިތަށް އެރިއެވެ. މޫދު ފެންނަ ދިމާއަކަށް ދެވޭތޯ ޔީޝާ ހިނގަމުން ދިޔަނަމަވެސް އޭނާއަކަށް ގަސްބޯ ވަލިތެރެއިން ނުކުމެވޭ ގޮތެއް ނުވިއެވެ.
އިރުކޮޅަކު ހިނގާލިތަނާ ޔީޝާ ވަރުބަލި ވާގޮތްވިއެވެ. އަނބުރާލާފައި އައިކޮޅަށް ދާންވީ ބާއޭވެސް ޔީޝާ ހިތަށް އެރިއެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައި ހުއްޓާ ޔީޝާ ސިއްސައިގެން ދިޔައީ ކައިރިވަމުން ދިޔަ މީހެއްގެ ފިޔަވަޅެއްގެ އަޑު އިވުމުންނެވެ. އަފާ ނޫނީ އެހެން މީހަކު އޭނާ ނުފެނިގެން ހޯދަން އަންނަނީއޭ ހިތަށް އެރުމުން ޔީޝާ ހިތަށް ހަމަޖެހުން ލިބުނެވެ. ނަމަވެސް ދެން ޔީޝާ ސިއްސައިގެން ދިޔައީ ފަހަތުން ގަސްތަށް ހެލިގަތް އަޑު އިވުމުންނެވެ. އެހާ ބޮޑަށް އެގަސްތަށް ހެލޭ ވަރަށް ވައިވެސް ޖެހިނުލާއިރު އެހެން އެވީ ކީއްވެ ކަމެއް ޔީޝާއަކަށް ނުވިސްނުނެވެ. ހިނދުކޮޅެއް ތެރޭ ޔީޝާގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. ގަސްތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ދެންމެ ދެންމެ ގަސްތަކު ތެރެއިން އެއްޗެއް ނުކުމެދާނެއޭ ހީވުމުންނެވެ. އެހެން ހުއްޓާ ޔީޝާގެ ކަންފަތް ބުޑުގައި މީހަކު އޭނާގެ ނަމުން ގޮވާލިއެވެ. ގަތް ބިރެއްގެ ސަބަބުން ޔީޝާއަށް ހަޅޭލަވައި ގަނެފައި އެދިމާއަށް އެނބުރުނެވެ. އެވަގުތު ޔީޝާގެ މޫނު ގޮސް ޖެހުނީ ކުރިމަތީހުރި އަޒާންގެ މޭމަތީގައެވެ. ޔީޝާއަށް ވީގޮތުން އަޒާންގެ ގާތަށް ކުޑަކޮށް ހިނިއައެވެ. ޔީޝާ ހުރީ ބިރުންކަން އެނގުމުން އަޒާން އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. ބިރުގަނެފައި ހުރުމުން ކަންނޭގެއެވެ. ޔީޝާ އަޒާންއާ ދުރުވާކަށް މަސައްކަތެއް ނުކުރެއެވެ. އަޒާންވެސް ޔީޝާ އިތުރަށް ގާތް ކޮއްލިއެވެ.
“ކިހިނެއްވީ؟ ހާދަ ބިރުގަތީ” އިރުކޮޅަކުން އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ އަޒާންއެވެ.
“ސޮ.. ސޮރީ” ޔީޝާއަށް މިކުރެވުނު ކަމެއްވެސް ރޭކާލީ ދެނެވެ. ތެޅިގަނެފައި އަވަހަށް އަޒާންއާ ދުރުވާން މަސައްކަތް ކުރިއެވެ. ނަމަވެސް އަޒާން ޔީޝާގެ ކޮނޑުގައި ހިފާ ކައިރިއަށް ދަމައި ގަތެވެ. އަޒާންގެ މިއަމަލުން ޔީޝާ ހައިރާންވެފައި އަޒާންގެ މޫނަށް ބަލާލެވުނެވެ. ޔީޝާ ބަލަން ހުރިގޮތުން އަޒާންގެވެސް ހަރަކާތް މަޑުޖެހުނެވެ. އަދި މަޑު މަޑުން ޔީޝާގެ މޫނާ ކައިރިވެލިއެވެ.
އަޒާންގެ ހޫނު ނޭވާ ޔީޝާގެ މޫނަށް އެޅުމުން ޔީޝާއަށް އުނދަގޫވިއެވެ. އަޒާންގެ އަތް ފޮޅުވާލާފައި ޔީޝާ ދުރަށް ޖެހިލިއެވެ.
“ޔީޝާ ކީއްވެތަ އަހަންނާ ދުރު ދުރުން ތިއުޅެނީ.. އަހަރެން މިއީ ބިރުވެރި އެއްޗެއްތަ؟” އަޒާން ކުޑަކޮށް ހީލަމުން ބުނެލިއެވެ. ނަމަވެސް އެއަކަށް ރައްދު ދޭކަށް ޔީޝާ ބޭނުމެއް ނުވިއެވެ.
“އަޒާންއަށް އިނގޭތަ ފުއްޓަރު ފަރާތަށް ދެވޭނެ މަގެއް.؟ އެދިމާލުގަ ދާނިޝްމެން އެބަތިބި މަސްބާނަން.. މަވެސް މަގު އޮޅިގެނޭ މިއުޅެނީ” ޔީޝާ ބުނެލިއެވެ.
“އާދޭ އަހަރެން ގެންގޮސް ދޭނަން” އަޒާން ޔީޝާގެ އަތުގައި ހިފާ ހިނގާގަތެވެ.
“އަޒާން.. އަހަރެން އަތުން ދޫކޮއްލާ” ޔީޝާ އެހެން ބުނެފައި އަތް ދަމައި ގަތެވެ. އަޒާން ވަކި އެއްޗެކޭ ނުބުނެ ކުރިއަށް ހިނގާގަތެވެ. ބޭނުން ނުވިނަމަވެސް އަޒާންގެ ފަހަތުން ޔީޝާ ހިނގާގަތެވެ.
ފަސްވަރަކަށް މިނެޓު ހިނގުމަށް ފަހުވެސް ގަސްތަކު ތެރެއިން ނުކުމެވޭނެ ގޮތެއް ނުފެނުނެވެ. ދާންވީ މަގު އަނެއްކާ އަޒާންއަށް އެނގޭ ބާއޭ ޔީޝާ ހިތަށް އެރިއެވެ.
“ކަލެއަށް އެނގޭތަ ދާންވީ މަގު؟ އަހަންނަށް ހީވަނީ މިހާރު މާބޮޑަށް ގަސްތަކު ތެރެއަށް ވަދެވެނީހެން.. މިހާރު ކިހާއިރެއް ހިނގާތާ” ޔީޝާ ކުޑަކޮށް ހިތް ހަމަ ނުޖެހިފައި ބުނެލިއެވެ.
“މަ މިކިޔާ އެއްޗެއް ކަލެއަށް އަޑު އިވޭތަ އެބަ؟” އަޒާން އަނގައިން ނުބުނުމުން ޔީޝާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު އަޒާން ކުއްލިއަކަށް ހުއްޓުނެވެ. އަދި މަޑުމަޑުން ޔީޝާއާ ދިމާއަށް އެނބުރުނެވެ. ޔީޝާގެ މަތިން ތިރިއަށް ނަޒަރު ހިނގާލާފައި އަޒާން ހިނދިރުވާލީ މީރު ކާއެއްޗެއް ފެނުމުން ހިނދިރުވާލާ ހެނެވެ.
އަޒާން ބަލަން ހުރިގޮތުން ޔީޝާއަށް އުނދަގޫވާން ފެށިއެވެ. އަޒާންއާ ހަތަރު ކަޅި ހަމަ ނުކުރަން ޔީޝާ ހުރީ ދުރުބަލައިގެނެވެ.
“އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމޭނުން” ކުރިއަށް ދެ ފިޔަވަޅު އަޅާލަމުން އަޒާން އެހެން ބުނީ ވަރަށް މަޑުންނެވެ.
“ކޮން ސުވާލެއް؟” ޔީޝާ ފަހަތަށް ޖެހިލަމުން އަހާލިއެވެ.
“އަހަރެން ކުރީދުވަހު އެހީމެއްނު.. އަހަންނާ ރައްޓެހި ވާނަންހޭ” އަޒާން އެހެން ބުނަމުން ދިޔައިރު ޔީޝާއާ ކައިރިވަމުން ދިޔައެވެ.
“އަހަރެން އަދި ތިކަމަކާ ނުވިސްނަން..” ޔީޝާ ބުނެލިއެވެ.
“ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު.. އާންއެކޭ ނޫނީ ނޫނެކޭ” އަޒާން އަނެއްކާވެސް ބުނެލިއެވެ.
“ނޫން.. އަހަރެން ބޭނުމެއް ނޫން..” ޔީޝާ އެހެން ބުނުމުން އަޒާންގެ ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ. އަޒާން ހޭތަން ފެނުމުން ޔީޝާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.
“އެކަމު ތިއީ އަހަރެން ބޭނުންވާ ޖަވާބެއް ނޫން.. އަދި އެއްފަހަރު ވިސްނާލާފަ ބުނެބަ.. އަހަންނާ ރައްޓެހި ވާނަންތަ” އަޒާން އެހެން ބުނެފައި ޔީޝާގެ ދަތް ދޮޅި ދަށަށް އިނގިލި ލައްވާލާ މަތި ކޮއްލިއެވެ. އޭރު އެދެ މީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭހާ ކައިރީގައެވެ.
“އަޒާން ހިތް ހަމަ ޖެހޭ ކަހަލަ ޖަވާބެއް އަހަންނަކަށް ނުދެވޭނެ.. އަހަރެން މިހާރު އެހެން މީހަކުދެކެ ލައިކް ވޭ.. އަހަރެން އަޒާންއާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން” ޔީޝާ ބުނެލިއެވެ.
“ޔީޝާ ބޭނުން ނުވިއަސް އަހަރެން ބޭނުމޭ.. އަހަރެން މިއީ އަހަރެން ބެނުންވާ ކޮންމެ އެއްޗެއްވެސް ހޯދާ މީހެއް.. އެ ވަރިހަމަ އެހެން މީހުންގެ ނުރުހުމުގަ ވިއަސް.. އަހަރެން ޔީޝާއަށް ފުރުސަތެއް ދީފިން.. އެކަމު ދެފަހަރުވެސް ޔީޝާ ފަސޭހަ ގޮތެއް ގަބޫލެއް ނުކުރި.. ދެން ޖެހޭނީ ގަދަ ކަން ދައްކަން” އަޒާން އެހެން ބުނެފައި ޔީޝާ ކޮނޑުގައި އަޅާ ކޮއްޕާލިއެވެ. ޔީޝާގެ ބުރަކަށި ގޮސް ބޮޑު ގަހެއްގައި ޖެހުމާއެކު އަޒާންއާއި ގަހާ ދެމެދު ޔީޝާ ފިތުނެވެ.
“ޔީޝް؟ ” ގޮނޑު ދޮށާދިމާއަށް ހިނގަމުން ދިޔަ އަފާއަށް އޭނާގެ ފަހަތުން ޔީޝާ ނާންނަކަން ރޭކާލީ ދެނެވެ. ޔީޝާއަށް ގޮވަމުން އަފާ އެހިސާބު ހޯދަން ފެށިއެވެ. އެކަނި ހުރެ ގަސްތަކު ތެރެއަށް ވަންނަން ނުކެރިގެން އަފާ ފުރަތަމަ ނުކުތީ ދާނިޝްމެން ތިބިދިމާ ފުއްޓަރަށެވެ. އޭރު އެމީހުން މަސްބޭނުމުގައި އަވަދި ނެތި އުޅެއެވެ.
“ޔީޝް އައިތަ؟” އެމިހުންނާ ދިމާއަށް ދުއްވާ ގަންނަމުން އަފާ އަހާލިއެވެ.
“ނާދޭ.. އަފާއާ އެކީއެއް ނޫންތަ ޔީޝް ދިޔައީ…” މަސްބާނަން ގެންގުޅުނު ދޮށި މޫދަށް ދޫކޮއްލާފައި ދާނިޝް އަފާއާ ދިމާއަށް ހިނގާގަތެވެ.
“ފެން ފުޅި ހިފައިގެން އަހަރެމެން ދެމީހުން އެކީ މިކޮޅަށް އައީ.. އަހަރެން ކުރީގަ ހުރެ ހިނގަމުން އައީ ފަހަތުން ޔީޝްވެސް އަންނަ ކަމަށް ހިކޮށް.. އެކަމު ވަކި ހިސާބަކަށް އައިފަހުން ޔީޝް ނާންނަކަން އެނގުނީ..” އަފާ ދެއުކުޅުގައި އަތް ވިއްދައިގެން ހުރެ ވީގޮތް ކިޔައި ދިނެވެ.
“ތި އެއްޗެހިތަށް ބަހައްޓާފަ ހިނގާ ޔީޝް ހޯދަން ދާން..” ދާނިޝް އެހެން ބުނެފައި ގަސްތަކާ ދިމާއަށް ދުއްވައި ގަތެވެ. އަފާވެސް މަޑުނުކޮށް ދާނިޝްގެ ފަހަތުން ދުއްވައި ގަތެވެ.
“އޭ މަޑުކޮއްބަލަ.. އެންމެން އެކީގަ ހިނގާބަލަ” އާދިލް އެހެން ކިޔާ ގޮވާލިއިރު އަފާއާ ދާނިޝް ފެންނަންވެސް ނެތެވެ.
“މި ޖެހުނީ އަނެއް ހަކަންތަ.. ތިދެމީހުން ދޭ ގެއަށް.. ގޮސް އެހެން މީހުން ކައިރީ ބުނޭ.. ދެމީހުން އެކީގަ އުޅޭތި” ނަހުވާން އާއި ނިހާ ކައިރީ ކަން ކުރަންވީ ގޮތް ބުނެފައި އާދިލްވެސް ގަސްތަކާ ދިމާއަށް ހިނގާގަތެވެ.
އަޒާންގެ ނިޔަތް ޔީޝާއަށް ސާފުވެގެން ދިޔައެވެ. އަޒާން އޭނާއާ ރައްޓެހިވާން އެހިނަަމަވެސް އަޒާން ބޭނުންވަނީ ލޯބި ނޫންކަން ޔީޝާއަށް އެނގުނެވެ. އަޒާން ޔީޝާގެ ފަރާތުން ބޭނުންވަނީ ވަގުތީ އުފަލެވެ. އެއްމަލުން އަނެއްމަލުން ފޮނި ބޮމުން ދުވާ މާބުރުން އުޅޭނީ މިހެނެއް ނޫންހެއްޔެވެ.
“އެނގޭތަ.. އަހަންނަ ޔީޝާ ފެނުނު ފުރަތަމަދުވަހުވެސް އަހަންނަށް ޔީޝާ ވަރަށް ކަމުދިޔަ.. އަހަރެން ޔީޝާ ބޭނުން ވަރަށް ބޮޑަށް..” އަޒާން އެހެން ބުނަމުން ދިޔައިރު އޭނާގެ އެއް އަތް ޔީޝާގެ އުނަގަނޑުގައި އަޅުވާލިއެވެ. އަޒާންއާ ދުރަށް ދާން ޔީޝާ މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބު ވިއެވެ. އަޒާން ހިމަތޮޅިކޮށް ހުއްޓަސް ވަރުގަދައެވެ. އަޒާންގެ މޭގައި އަޅާ ދުރުކުރަމުން ދިޔައިރުވެސް އަޒާން ހިރިވެސް ނުލައެވެ.
“ދެންވެސް ގަދަ ނުދައްކަ މަޑުން ހުރޭ.. ތިހެން ގަދަ ދައްކަންޏާ އަނިޔާވެސް ލިބޭނީ ހަމަ ޔީޝްއަށް” ޔީޝާގެ ދެއަށް ފުރަގަހަށް ލާ ފިއްތާލަމުން އަޒާން އެހެން ބުނީރު އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ.
“އަހަރެން ދޫކޮއްލާ” ޔީޝާ ރުޅިވެރި ނަޒަރަކުން އަޒާންއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އޭރު ޔީޝާގެ ދެލޯ ފެންކަޅިވެ ކަރުނައިގެ ރޮނގެއް ކޯތާފަތް މަތީ ފަވާލިއެވެ.
ޔީޝާ ކުރަމުން ދިޔަ އާދޭސްތަ އަޒާންއަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ. އަޒާންގެ ބޭނުންތައް ފުއްދުމަށް އޭނާ އަވަސްވެގަތެވެ. އެންމެ ފުރަތަމަވެސް އަޒާން ޔީޝާ ލައިގެން ހުރި ޖިންސުގެ ގޮއްވަޅުގައި ހިފުމުން ޔީޝާ ބިރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއްވެސް އިހްތިޔަރަކާ ނުލާ ޔީޝާ އަޒާންގެ މޭގައި އަޅާ ކޮއްޕާލާފައި އަޒާންގެ މޫނުމައްޗަށް އެތިފަހަރެއް އަޅުވާލިއެވެ. ޔީޝާ އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް ތައްޔާު ނުވެ ހުރި އަޒާންއަށް މޫނުމަތިން ނަގާގަތް ދިލައިން ފަހަތަށް ޖެހިލެވުނެވެ. ޔީޝާގެ މޫނަށް ރުޅިވެރި ނަޒަރަކުން ބަލާލާފައި މިނިކާ ވަގެއްހެން ޔީޝާގެ ގައިގައި އޮޅުލައިގަތެވެ. ޔީޝާ ސަލާމަތަށް އެދި ހަލޭލަވައިގަތް ވަގުތު އެދިމާ ގަސްތަކުތެރެއަށް ހީވީ ބޮޑު ތޫފާނެއް އައި ހެނެވެ. ބާރު ބޫން އަޑަކާއެކު ގަސްތަށް ހެލިގަތީ ބިރުވެރި ގޮތަކަށެވެ.
ޔީޝާގެ އިތުރުން އަޒާންވެސް ސިހިފައި ފަރާތް ފަރާތް ބަލާލެވުނެވެ. އެވަގުތު ގަތަކު ތެރޭގައި ހުރި މީހަކު ދެމީހުންގެ ލޮލުގައިވެސް އަޅައިގަތެވެ.
“ދާނިޝް؟”
(ނުނިމޭ)