
ކޮޓަރި ދޮރުހުޅުވާލި ކައިރާއަށް ފެނުނީ އަނދިރިކަމެވެ. ބޮކި ނިވާފައި ހުރުމުން ފާރުގައި އަތް ހާކަމުން އޭނާ މަޑުމަޑުން މަޔަންކްއަށް ގޮވަމުންދިޔައެވެ. އެވަގުތު ފަހަތުން މީހަކު އައިސް އަނގަމަތީ އަތްއަޅާ ދޮރުލައްޕާލުމަށްފަހު ދޮރުގައި ކައިރާ ތަތްކޮށްލިއެވެ. އޭނާ ވަނީ އެމީހެއްގެ އަތްދަށުގައި ހައްޔަރުވެފައެވެ. ” ކައި ޕްލީޒް. ކީއްވެތަ މަށަށް ތިހެން ތިހަދަނީ. މަށަށް ދެން ކެތެއް ނުވާނެ. ޒީޝާންއާއެކީ ކައި އުޅޭތަން ބަލާކަށް ކެތެއް ނުވާނެ.” ކައިރާއަށް އިވުނީ މަޔަންކްގެ އަޑެވެ. އެ އަޑުގައި ބުނަން ނޭނގޭފަދަ ރިހުމެއްވެއެވެ. އޭނާވެސް ހުރީ ހައިރާންވެފައެވެ. އޭރު ކައިރާ ދޫކޮށްލުމަށް އެދި ގަދަދައްކަމުން ދިޔައެވެ. ” ޖަސްޓް ގިވް މީ ވަން ޗާންސް. އަހަރެން ކައި ދެކެ ލޯބިވާވަރު ހާމަކޮށްދޭނަން. ތިގޮތަށް އަހަރެން ދޫކޮށްނުލާބަލަ. ކައި ދެކެ އަހަރެންވަނީ ތެދުވެރި ލޯތްބެކޭ. އަހަރެން އެލޯބި ހާސިލްކުރަން ބޭނުން. ކައި ބޭނުން.” ކައިރާ ގަދަދައްކާލާފައި މަޔަންކްގެ އަތްދޮށުން ސަލާމަތްވުމުން އޭނާގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ” ލޯބިވާނަމަ ތިހެން ނޫޅޭނެ. ގަދަދައްކާފައި މަ ކިޑްނެޕް ކޮށްލާކަށްނު ތި އުޅުނީ. ތިއަކަށް ލޯތްބެކޭ ނުކިޔޭނެ މަޔަންކް. މަށެއް ގަބޫލެއް ނުކުރާނަން.” ކައިރާ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. ” މަ ބޭނުންނަމަ ކައި ގޮވައިގެން މިހާރުވެސް ދެވިދާނެ. ކިޑްނެޕް ކީއްކުރަން ރޭޕްވެސް ކޮށްލެވިދާނެ. އެކަމް ގަދަބާރުން ތި ލޯބި ހޯދަން ބޭނުން ނުވާތީ ދޯ އެއްވެސް ކަމެއް ނުކޮށް މިހުންނަނީ. ޓްރަސްޓް މީ ކައި. އަހަރެން ކައި އުފަލުގައި ގެންގުޅެދޭނަމޭ. އައި ޕްރޮމިސް.” މަޔަންކް ކައިރާއާ ގާތްވަމުން ދިޔައެވެ. ކަޅު އަނދިރިގަނޑުގެ ތެރެއިން މަޔަންކްގެ ދެލޮލުން ފައިބާގަތް ކަރުނަތަކެއް ކައިރާ އަކަށް ނުފެންނާނެއެވެ. ކައިރާ ނުކުންނަން ދިޔައެވެ. ” ޒީޝާން ބުނީ އައިސްބަލާށޯ ސިޓިންގ ރޫމަށް. ” އޭނާ ދޮރުކުރިމައްޗަށް ހުއްޓުމަށްފަހު ފަހަތް ބަލާވެސް ނުލާ އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. މަޔަންކްގެ ހިތުގައި އިތުރަށް ވޭން އަޅާލިއެވެ. ޒީޝާންއާ ހެދި އެ އުޅޭ ވަރަށް އޭނައާހެދި އުޅޭނެނަމައޭ ހިތަށް އެރިއެވެ.
ކައިރާއަށް ސިޓިންގ ރޫމާއި އަރާ ހަމަވިއިރު އެމީހުންގެ ތެރޭގައި ލީއާ ގާތްކޮށްލައިގެން ހުރި ޒީޝާން ފެނުނެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާ އައިސް އިށީނީ ސޯފާގައެވެ. ލީއާއަށް ކައިރާ ފެނުނެވެ. އެހެންނަމަވެސް ޒީޝާން ފުރަގަހަށް އެނބުރި ހުރުމުން އޭނާއަކަށް ނުފެނުނެވެ. ލީއާއަށް ޒީޝާން މާ ކައިރި ކޮށްލާފައި ހުރުމުން އުނދަގޫވިއެވެ. ދުރަށް ޖެހިލަން މަސައްކަތް ކުރި ގަޑީގައި ޒީޝާން އިތުރަށް ބާރަށް ލީއާ ގައިގަ ހިފަހައްޓާލިއެވެ. އަދި އެންމެނަށް އަޑުއިވޭ ވަރަށް ލޯބިވާ ވާހަކަ ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ލީއާގެ ކަންފަތާއި މޫނުގާތް ކޮށްލިއެވެ. ލީއާގެ މޫނުމައްޗަށްލަދުންގޮސް އެރީ ރަތް ކުލައެކެވެ. ” ލަވް ޔޫ މައި ފުޓް. އެހާ ފޮނިނުވެބަލަ. މަށެއް ނޫޅެމޭ… ތިކަހަލަ ދޮގު ހަދާ މީހުންނަކާ ހެދި. ވަރަށް ދެރަ ވެއެއްނުދޯ ކައިރާ މަށާއެކީ އުޅޭތަން ފެންނާތީ. ހެހެ. އައި ޖަސްޓް ޑޯންޓް ކެއަރ.” ޒީޝާން ލީއާގެ ކަންފަތް ދޮށުގައި ދަތްކުނޑި ވިކަމުން ވައި އަޑަކުން ކިޔާލިއެވެ. އެއަޑުގައިވަނީ ރުޅިވެރިކަމެވެ. ކުލުނުގެ ކަންފުޅެއްވެސް ނަހައްދަވައެވެ. ލީއާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާ ވަގުތުން އެސްފިޔަތައް ތިރިކޮށްލިއެވެ. އެ ކަރުނަތައް ޒީޝާންކަހަލަ ފޮނިބޮޑު މީހަކަށް ދައްކަން ބޭނުން ނުވާތީއެވެ.
” ވާވް. ވަރަށް ސަޅި އިނގޭ އެކްޓިންގ. ” ހުރިހާ ކުދިންތައް އަތް ޖަހަންފެށިއަޑަށް ޒީޝާން ލީއާ ދުރުކޮށްލިއެވެ. ކައިރާވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އަތް ޖަހަންފެށިއެވެ. އެއަށްފަހު ޒީޝާން އައިސް އޭނާ ކައިރީ އިށީނުމުން އޭނާ ގައިގަ ބައްދާލިއެވެ. މިމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި އިން ލީއާގެ ލަގޮނޑި އަތަށް އަންނަވަރުވިއެވެ. ޒީޝާން އިނީ ހެވިފައެވެ. އަދި ލީއާއަށް ދައްކަން ގަސްތުގައި ކައިރާގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. ލީއާ އެތަނުން ދުރަށް ދިޔައެވެ. އޭނާ ގޮސް ވަނީ ކާގެއަށެވެ. އެތާހުރި މޭޒުކަނުގައި އަތްވިއްދާލެވުމުން ދެލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ބޭނުންވަރަކަށް ލޮލުން ފައިބަން ދޫކޮށްލިއެވެ. ސިޓިންގ ރޫމްގައި ތިބި ކުދިންނަށް އެމަންޒަރު ނުފެންނާނެއެވެ. އޭރު ޒީޝާން ކައިރާ ގާތްކޮށްލައިގެން އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ. ލީއާ ހތްދަތި ކޮށްލެވުނީމަ ކަންނޭނގެއެވެ. ހުރިހާ ކުދިން ނިދިއަންނަން ފެށުމުން ކޮޓަރިއަށް ވަންނަން ދިޔައެވެ. ލީއާވެސް މޫނުމަތި ފުހެލަމުން އަވަސް އަވަހަށް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ޒީޙާން އާއި ޒީޝާންވެސް ގެޔަށް ދާންނުކުތެވެ. މިރޭ ނިންމާލީ ތަންކޮޅެއް އަވަހަށެވެ.
އެގާރަ ގަޑި ބައިވަނީއެވެ. މަގުގެ އެއްފަރާތުންލާފައި ގެޔާ ދިމާލަށް މިސްރާބު ޖަހާފައި ތިބި ޒީޝާން އާއި ޒީހާން ދެމީހުންގެ ލޯތައް ވަނީ ފޯނަށް ވަދެ ނިމިފައެވެ. ފަސްވަރަކަށް މިނެޓް ހިނގިއްޖެއެވެ. އެހިސާބުން އެމީހުންގެ ގެ ފެންނަ ވަރުވިއެވެ. ” އަނެއްކާ ކޮން ކުއްޖެއް ފެނިގެން ތި އުޅެނީ.” ޒީޝާން ކަރުކެހިލަމުން އެހެން ބުނެލިއެވެ. ޒީހާންގެ ނަޒަރު ފޯނުން ކައްސާލިއެވެ.. އިރުކޮޅަކަށް ނަމަވެސް އޭނާގެ ސިކުނޑީގައި ޒީނާގެ ލަދުވެތި ތަސްވީރު ކުރަހާލެވުނެވެ. ” ހެ ހެ. ކޮންމެ ކުއްޖަކަށް ވިޔަސް ރަނގަޅިއްޔާ ނިމުނީނު. ހަމަގައިމުވެސް މަށަށް އޭނަ ވަރަށް ކަމުދޭ. ” ޒީހާން ނަން ނުބުނަންވެގެން ވާހަކަ ކުރުކޮށްލިއެވެ. އަދި ޒީޝާން ގާތު އެ ކުއްޖާގެ ވާހަކަ ބުނަން އެންމެ ރަނގަޅު ނުވާނެކަން ވިސްނާލިއެވެ. ޒީޝާން ގެ އިތުރު ސުވާލެއް އައިސްދާނެތީ ޒީހާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގެޔަށް ވަނެވެ. ޒީޝާން އިރުކޮޅެއްވަންދެން ހުރެލުމަށްފަހު ގެޔާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އޭނާ އެއްޗެއްގައި އަޅައިގަނެފައި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ފޯނުން އަލިކޮށްލިއިރު ގާކޮޅެއް ކީއްކުރަން އެފަދަ އެކައްޗެއްވެސް ފެންނާކަށް ނެތެވެ. އޮތީ ހަމައެކަނި ހުސް ބިމެކެވެ. ދެން އެތަނުން އަޅައިގަންނާނީވެސް ކޯއްޗެއްގައި ހެއްޔެވެ. އެކަމަށ މާ ބޮޑު ސަމާލު ކަމެއް ނުދީ އުޅެނިކޮށް ބަނދަރު މަތިންލާފައި ބޯޓަކުން މީހުން ފައިބައިގެން އަންނަ ތަން ފެނުނެވެ. އެ މީހުންތަކަށް ބަލަމުން ދަނިކޮށް ޒީޝާންއަށް ފެނުނީ ޝަމާހާއެވެ. މާލެއިން ރަށަށް އެރީއެވެ. އޭނަގެ މަންމަ މެންނާއެކު ފޮށިތައް ހިފައިގެން ދަނިކޮށް ޝަމާހާއަށްވެސް އެއްލިކަޅިއަކުން ޒީޝާން ފެނިއްޖެއެވެ. އޭނާ ލަދުން އިސްޖަހާލިއެވެ. ކަޅު ފޮތީގެ ބޮޑު އަބާޔާ ހެދުމެއް ލައިގެން ބޮޑު ބުރުގާ އަޅައިގެން ހުރިއިރު އެ ދޮން ހަށިގަނޑާޢި އެ ރީތި ވަނާތައް ވަނީ ފޮރުވިފައެވެ. ބޮޑު ހެދުމެއްގައި ހުއްޓަސް ކިހާ ރީތި ހެއްޔެވެ. އެ ދޮންމޫނު މިއޮއްފަދަ ރޭގަނޑުވެސް ހީވަނީ ދިއްލިފައި ހުރި ބޮތްކެއްހެނެވެ. ޒީޝާން އެމީހުން ގޮސް މަގުގެ ކޮޅަށް އޮބާލަންދެން ބަލަން ހުއްޓެވެ. ކޮންމެވެސް ވަރަކަށް އަނެއްކާވެސް އޭނަގެ ހިތް ޝަމާހާއަށް ގޮވަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނައާއެކު ހޭދަކުރި ފޮނި ދުވަސްތަކުގެ ހަނދާންތައް މިއަދާހަމައަށްވެސް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ދެން ޒީޝާން މިސްރާބު ޖެހީ ގެއަށެވ. ޝަމާހާވެސް ގެޔަށް ދެވުމާއެކުހެން ފެންވަރާލުމައްޓަކައި ފާހާނާއަށް ވަތެވެ. މޫނު ދޮންނަ ތަށީގައި ހުރި އިސްކުރު ދޫކޮށްލުމަށްފަހު ކުޑަ ފެންފޮދެއް އެމޫނަށް ބުރުވާލިއެވެ. އެއަށްފަހު ފެންކަޅިވެފައިވާލޮލަކުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ދެން ހަނދާންވަމުން ދިޔައީ ޒީޝާންއާއެކު ހޭދަ ކުރި ދުވަސްތަކެވެ. އެ ރީތި ދުވަސްތައް އަންނަން އޭނާ އަދިވެސް ބޭނުންވެއެވެ. ޒީޝާންގެ ލޯބި ބޭނުމެވެ. އެހެންނަމަވެސް މިއަދު އެކަން ވާކަށް ނެތެވެ. މާ ލަސްވެއްޖެއެވެ. ޝަމާހާ އަކީ މިއަދު އެހެން މީހެއްގެ ލޯބިވެރިއެކެވެ. ޒީޝާން އަށްވުރެ ބޮޑަށް އެހެންމީހަކު ޝަމާޙާ ދެކެ ލޯބިވެއެވެ. އެހެންކަމުން ޝަމާހާވެސް ދެން ޒީޝާން ބޭނުމެއް ނުވާނެއެވެ. ޒީޝާންވެސް އެހެންކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އޭނައަށް އިނގެއެވެ.
އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ސައިގެ ކަންކަން ނިންމާލުމަށްފަހު ލީއާ ކާގެތެރެ ސާފުކުރަން އުޅުނެވެ. އެހެން ކުދިން ސޯފާގައި ވާހަކަ އަޅުވާލައިގެން ތިއްބެވެ. ދޭތެރެދޭތެރެއަކުން ޒީނާއާއި ޒައިނީ ކާގެއަށް ބޯ ދިއްކޮށްލައެވެ. އިރުއިރުކޮޅާ އައިސް ލީއާއާއި ދިމާލާށް ކޮންމެވެސް މަޖާ ވައްތަރެއް ޖައްސާލުމަށްފަހު ދަނީއެވެ. ލީއާއަށްވެސް އެކަން މަޖާވެއެވެ. މިއަދު އެންމެން ގަޔަށް މާ ވަރުޖެހިފައި ތިބީމާ ސަކަރާތް ޖަހާ އަޑުފަށްގަނޑު ކާގެއާ ހަމައަށް ގަދަޔަށް އިވެއެވެ. ކުއްލިއަކަށް މޭޒުމަތީ ބާއްވާފައި އޮތް ލީއާގެ ފޯނު ރިންގްވާން ފެށިއެވެ. ލީއާ ދިޔައީ ސިހިގެންނެވެ. އދި ހީލާފައި ގޮސް ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ވާހަކައެއް ނުދައްކައެވެ. ލީއާ ހަލޯ އޭ އެތައް ފަހަރަކު ކިޔުމުންވެސް އަނގައިންނެއް ނުބުންޏެވެ. އޭރު ކުޑަދޮރުތައް ހުޅުވާފައި ހުރުމުން މަޑުމަދޫ ވައިރޯޅިތައް އައިސް ލީއާގެ މޫނުގައާއި ހަށިގަނޑުގައި ބީހިލައެވެ. ލީއާ ފޯނު ބާއްވަން އުޅެނިކޮށް ފާޑެއްގެ އަޑެއް އިވެންފެށިއެވެ. މާމަޑުން އިވޭތީ ލައުޑްސްޕީކަރ އަށް ލިއެވެ. ލީއާ ގައިން ހީބިހި ނަގައިގަތެވެ. އެއީ އެއްކަލަ ކުއްޖާގެ އަޑެވެ. ގިސްލަގިސްލާފައި ރޯ އަޑެވެ. ލީއާ އެއީ ކޮންކުއްޖެއްތޯ އަދި ކިހިނެއްވީތޯ އަހާލުމުންވެސް އެކުއްޖާ ރުއިން ހުއްޓާ ނުލައެވެ. އެއަޑުގައިވަނީ ވޭނީ ރިހުމެކެވެ. އެކުއްޖާ ރޯ އަޑުއިވުމުން ލީއާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދެން އިވުނީ ތޫފާނެއް އެރި ކަހަލަ ވަރަށް ބަރު އަޑެކެވެ. އެއާއެކު ފޯނު ކެނޑުނެވެ. އަދި ހުޅުވިފައި އިން ކުޑަ ދޮރެއް މަޑުމަޑުން ލެއްޕިފައި ހުޅުވެން ފެށިއެވެ. ލީއާ ދެލޯބޮޑުކޮށްލައިގެން މަޑު ހިނގުމެއްގައި ގޮސް ދޮރު ލެއްޕިއެވެ. ކުއްލިއަކަށް އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ލީއާ ސިހިގެންދިޔަވަރުން އަތުގްއި އޮތް ފޯނު ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ސްކްރީނަށް ބަލާލިއިރު އެ ކަމަކު ދާކަށް ނެތެވެ.
One Comment
Comments are closed.
Anekka liaa yah kihineh baa vee. ???Zeeshaaan and kairaa dhuru nukuraathi.love this stry ?????. waiting for next part ??? stay safe