
ޙަސަދަ
ދަންވަރުގެ ހަމަހިމޭން ވަގުތު ފަހަނައަޅައި ގޮސް ފަތިސް ނަމާދު ބަންގީގެ މޫރިތި ކަލިމަތަކުން މުޅި ފަޒާ ގުގުމައިލައިފިއެވެ. ބަންގީގެ އަޑާއިއެކު ނިދާފައިވާ އެ ރަށް އެއްކޮށް ހޭލައްވައިލި ކަހަލައެވެ. އެކި އެކި ޖަވަނާރާއި ދޫނިސޫފާސޫފި ގޮވާ އަޑުންވެސް ފަޒާ ގުގުމައިލިއެވެ. ފަތިހަށް ފޮޅޭ މާތައްވެސް އެވަގުތު މަޑުމަޑުން ފޮޅެން ފެށިއެވެ. އެ މާތައް ދިޔައީ މަޑުމަޑުން އޭގެ ކައިރީގައި ތިބި އެހެން މާތަކަށް ދިރުން ދެމުންނެވެ. ޖެހޭ ފިނިފިނި މަޑު ވައިރޯޅިއާއިއެކު މުޅި ފަޒާގައި އެ މަލުގެ މީރުވަސް ހަރުލާކަހަލައެވެ.
ރަށުގެ މެދެއްހާހިސާބުގައި އިމާރާތްކޮށްފައި ހުރި ގެއެއްގެ ކޮޓަރިތެރޭ ހުރި ކުޑަދޮރުން އެތެރެއަށް ބޭރުން ޖެހުނު ވައިރޯޅިއެއް ވަދެ އަރާމު ނިންޖަކުން ނިދައިލައިފައި އޮތް އަންހެން ކުއްޖާގެ ހަށިގަނޑުގައި ބީހިލުމާއިއެކު އެކުއްޖާގެ ހަށިގަނޑު ދިޔައީ ތުރުތުރު އަޅައިގެންނެވެ. އެއާއިއެކު އެކުއްޖާގެ ކަކުލާއި ހަމައިގައި އޮތް ބޯ ރަޖާގަނޑުގައި ހިފައި މުޅި ގައިގައި އަޅައިލައިފިއެވެ. ނަމަވެސް ރަޖާ އެޅިޔަސް އެކުއްޖާއަކަށް ވައިރޯޅީގެ ހަމަލާތަކުން ސަލާމަތެއް ނުވެވުނެވެ. ވީ އުނދަގުލުން ރަޖާގަނޑު އެއްލައިލައިފައި ފުންމައިގެން ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލުމަށްފަހު އެކުއްޖާ ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ.
“ނުހާ.. ކީއްކުރަނީ؟” އެވަގުތު ސިޓިންގްރޫމުގައި އިން ނުހާގެ ބޭބެ ޔާޒް އަށް ނުހާ ފެނުމުން އަހައިލިއެވެ. “ކަމެއްނުވޭ.. ފިނިވާވަރުން.” ނިދިބަރު އަޑަކުން ނުހާ އެހެން ބުނުމަށްފަހު އެނބުރި ކޮޓަރިއަށް ވަދެއްޖެއެވެ. ޔާޒްވެސް ދެފަރާތަކަށް ބޯ ހޫރުވައިލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
އިރުއެރުމާއިއެކުހެން ނުހާމެންގެ ގޭތެރެ ހަލަބޮލިވާން ފެށިއެވެ. ހީވަނީ ހަނގުރާމައިގެ މައިދާނަކަށް މީހުން އެއްވެގެން އުޅޭހެންނެވެ. ނިދިފައި އޮތް ނުހާއަށް ހޭލެވުނީ ގޭތެރޭގައި މާ މީހުން އަޑުގަދަކުރާތީއެވެ. ނުހާ އަވަހަށް ގޮސް ފެންވަރައިލައި ރީތިވެލައިގެން ކޮޓަރިން ނުކުތެވެ. އޭރު ގޭދޮށު އަންހެންވެރިން އެގެއަށް އައިސް ބޮޑު ކެއުންގަނޑެއް ތައްޔާރުކުރުމުގައި އުޅެނީއެވެ. ނުހާގެ މަންމައާއި އޭނާގެ ބޮޑަށް ހުންނަ ހަ ދައްތަމެންވެސް އުޅެއެވެ. ނުހާ ދެން ދިޔައީ ސިޓިންގްރޫމަށެވެ. އޭރު އޭނާގެ ބޭބެއިން ސިޓިންގް ރޫމު ރީތިކުރަނީއެވެ. ޓީވީ ރެކްމަތީގައި ހުރި ކަރުދާސްތަކެއް ނުހާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ނުހާ ގޮސް އެ ކަރުދާސްތަކަށް ބަލައިލިއެވެ. ނުހާ އަށް ވީގޮތް މި އެނގުނީ އެ ކަރުދާސްތަކަށް ބަލައިލެވުނީމައެވެ. މިއަދު މީ އޭނާ އާއި ޖެހި އެންމެ ބޮޑަށް ހުންނަ ދައްތަގެ ދަރިފުޅަށް ނަން ކިޔަން ކައްކާ ދުވަހެވެ.
ނުވަ އަހަރުގެ ނުހާ އޭނާގެ ބޭބެމެނަށް ބަލައިލައިފައި މަގުމައްޗަށް ނުކުތެވެ. އޭރު މަގުމަތީގައި އެގޭގައި އުޅޭ ނުހާއާއި އެއް އުމުރެއްގެ ކުއްޖަކާއި އެހެނިހެން ގޭދޮށު ކުދިންތަކެއް ކުޅެން އުޅެއެވެ. ނުހާވެސް އެކުދިންނާއިއެކު ކުޅުމުގައި ބައިވެރިވެގެން އުޅުނެވެ.
އެދުވަހުގެ ޢަޞްރު ނަމާދަށްވާއިރަށް އިސާހިތަކު ކައްކާ ނިމިއްޖެއެވެ. ކެއްކުމުގައި އެހީތެރިވި މީހުންތައްވެސް އެމީހުންގެ ގެއަށް ދިޔުމަށް މިޞްރާބު ޖަހައިފިއެވެ. މަގުމަތީގައި ދުވެދުވެ ވާޅުވެގެން ނުހާ ގެއަށް ވަނީ އެވަގުތުއެވެ. “ނުހާ. އާދޭ ފެންވަރަން ދާން. ފެންވަރައިގެން އެންމެނާ އެކީ ކާން ނިކުންނާނީ.” އެވަގުުތު ނުހާގެ މަންމަ ބުންޏެވެ. ނުހާ މަންމަގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ނުހާގެ މަންމަ ފާހަނާއަށް ވަނުމުން ނުހާ އިނީ އޭނާގެ ބައްޕައާއިއެކު ކޮންމެވެސް ސަމާސާއެއްކުރާށެވެ.
ޢަޞްރު ނަމާދަށްފަހު އަނެއްކާވެސް ގެއަށް މީހުންތައް އަންނަން ފެށިއެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނެވެ. ބީރައްޓެހިންނާއި ރައްޓެހިންނެވެ. ރަށު ރައްޔިތުންނެވެ. އުފާވެރިކަމާއިއެކު އެންމެންތައްވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. އެންމެ ގަދަޔަށް ކައިލި އެކަކަށް ހަމަ ޔަގީނުންވެސް ނުހާގެ ބޭބެ ޔާޒް ވާނެއެވެ. ހަށިގަނޑުން ބިޔަކޮށް ހުންނައިރު ހުންނާނީ ނިކަން ވަރުގަދަކޮށެވެ. ބައެއްފަހަރު ނުހާވެސް ޔާޒް ފެނިފައި ބިރުން އުޅޭނެއެވެ. ނަމަވެސް ޔާޒް އަކީ ނުހާދެކެ ނުލާހިކު ލޯބިވާ ބޭބެއެކެވެ. ނުހާގެ އުމުރުން ނުވައަހަރު ވީއިރުވެސް ނުހާއާއި ސަމާސަނުކުރާ ދުވަހެއް މަދުވާނެއެވެ. ޔާޒް ރަށުގައި ހުރިއްޔާ ނުހާއާއިއެކު ވަގުތު ހޭދަކުރެއެވެ. މިސަބަބަށްޓަކައި ނުހާ ޔާޒްއަށް ވަރަށް ފޯރި ހުންނާނެއެވެ.
އުފާވެރިކަމާއިއެކު ކެއުން ނިންމައިލުމަށްފަހު އިރުއޮއްސުނު ވަގުތު މީހުންތައް ގެއިން ނުކުންނަން ފަށައިފިއެވެ. ނުހާ އެވަގުތުވެސް ކޮންމެވެސް އެއްޗެއް ކައިލާހިތުން ބަދިގެއަށް ވަނެވެ. އޭރުވެސް ނުހާގެ ދައްތަމެނާއި ބޭބެމެން އެތާ ތިއްބެވެ. “ބޮޑު ކޯކޭއެއް މީ.” އެވަގުތު ބޮޑު ކޯކްފުޅިއެއް ހިފައިގެން ކޯކް ބޯން އިން ޔާޒް އާއި ދިމާލަށް ނުހާ ބުންޏެވެ. ޔާޒް އަޅައިވެސް ނުލައި އެ ފުޅީގައި ބާކީ ހުރި ކޯކް ފޮދު ބޮއެލައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
އިރުކޮޅެއްނުވެއެވެ. ގޭގައި އުޅޭ އެހެން ކުއްޖަކަށް މީހަކު ހޭހެން ހީވެގެން އެ އަޑު އިވޭ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވައިލިއިރު އެކުއްޖާ ސިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އެކުއްޖާ ދުވެފައި ގޮސް އެންމެން ގާތުގައި ވެގެން އުޅޭގޮތް ބުނެފިއެވެ. އޭރު ނުހާ އިނީ ސިޓިންގްރޫމުގައެވެ. ނުހާއަށް އިންތަނުން ކޮޅަށް ތެދުވެވުނީ ނުހާގެ ދެ ބޭބެއަކު ޔާޒްގެ ދެއަތުގައި ހިފައި ނަގައިގަނެގެން ގެންނަ މަންޒަރު ފެނިފައެވެ. އޭރު ޔާޒްގެ ހާލަކީ ކޮބައިތޯއެވެ؟ ހޮޑުލަވާއިރު އޯކާ ދެމޭހެން އޯކާ ދެމެނީއެވެ. ޔާޒް ހަށިގަނޑުން ވަރުގަދަކަމުން އެދެމީހުނަށް ޔާޒް އުފުލުން ވީ ސަޒާއަކަށެވެ. އޭރު ޔާޒްމެންގެ ބައްޕަ އައިސް ޔާޒްގެ ބުރަކަށީގައި ބާރަކަށް އަތް ހާކަނީއެވެ. ޔާޒް ރަނގަޅުވޭތޯއެވެ. މަންމަގެ ޙާލަކީ ކޮބައިތޯއެވެ؟ އެންމެ ލޯބިވާ ފިރިހެން ދަރިފުޅު އުޅޭގޮތް ފެނިގެން މަންމަ ހުރީ ރޮމުން ބައްޕަގެ ބުރަކަށީގައި ބައްދައިގަނެގެނެވެ. އެވަގުތު ނުހާގެ ޅިޔަނުންނާއި އެހެން ފިރިހެނުންތަކެއް އައިސް ޔާޒް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދެވޭތޯ އުޅެނީއެވެ. ނުހާއަށް އޭރު ހުރީ ރޮވިފައެވެ. ބޭބެ އުޅުނު ޙާލު ފެނި އެކުއްޖާ ބިރުން ދުއްވައިފައި ގޮސް އެކުއްޖާގެ ދައްތަގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ދައްތަ އޭނާގެ ތުއްތު ދަރިފުޅު އުރައިގެން އެކުއްޖާ ނިންދެވޭތޯ ދެކޮޅަށް ދެކޮޅަށް ހިނގަނީއެވެ. އޭރު ދައްތަވެސް ރޮނީއެވެ. ނުހާވެސް ރޮނީއެވެ. ޙަޤީޤަތަށް ބުނަންޏާ އެގޭ އެންމެންވެސް ޔާޒްދެކެ ވަރަށް ލޯބިވާނެއެވެ. މީހުން ހެއްވައިލުމުގައި އެއީ އެއްވަނައިގެ މީހެކެވެ. އެހާ ލޯބިވާ މީހަކަށް އެފަދަ ގޮތެއް މެދުވެރިވުމުން ދެރަނުވާނީ ކާކުހެއްޔެވެ؟ މިހިސާބުން އުފެދުނު ސުވާލަކީ ޔާޒްއަށް މިވީގޮތަކީ ކޮބާބާއެވެ؟
އާދެ! ޔާޒް ހޮސްޕިޓަލުން އެރޭ ދޫކޮށްލުމަށްފަހު ގެއަށް ގެނެވުނެވެ. ޑޮކްޓަރުންނަށް ޔާޒްއަށް މިވީ ކިހިނެތްކަމެއް އެންމެ ރަނގަޅަކަށް ނޭނގެއެވެ. ޑޮކްޓަރުން ބުނީ އެއީ ގޭހުގެ މައްސަލައެއްކަމަށާއި ޔާޒް ގިނައިން ފިނިފެން ބުއިމަށެވެ. އަދި ކެއުން ރަނގަޅުކުރުމަށެވެ. މަންމައާއި ބައްޕައާއި ގޭގެ އެހެންމީހުން ޑޮކްޓަރުން ބުނި ބަސް ޤަބޫލުކޮށް ޔާޒް ގާތުގައި ޑޮކްޓަރުން ބުނިގޮތަށް ކަންކުރުމަށް ނަޞޭޙަތްތެރިވިއެވެ. ޔާޒް ހިތާއި ދެކޮޅަށް އެކަމަށް އެއްބަސްވިއެވެ. ހީވާގޮތުން ބައްޔަށް ފަރުވާކުރަން ޔާޒް ބޭނުންނުވަނީއެވެ.
އޭގެ ދުވަސްކޮޅެއްފަހެވެ. ހަމަ ރޭގަނޑުގެ އެއްވަގުތަކު ޔާޒް އޯކާދެމެން ފަށައިފިއެވެ. ވަގުތުން ޔާޒް ނަގައިގަނެގެން ސިޓިންގް ރޫމުގައި އޮތް ގޮދަޑިއެއްގައި ބޭއްވިއެވެ. ކަންތައް ގޯސްވާން ފެށީ އެހާހިސާބުންނެވެ. ގޭގައި ތިބި ނުހާގެ ބޭބެމެނާއި ޅިޔަނުންނަށް ޔާޒް ހިފަހައްޓަން އުނދަގޫވިއެވެ. ޔާޒްގެ ޙާލަކީތޯއެވެ! އެ ފަކީރު އެވަގުތު މަރަށް ތެޅޭހެން ތެޅެނީއެވެ. ޔާޒް އުޅޭގޮތް ފެނިފައި ކިރިޔާވެސް ހިތުގައި ރަޙުމް ހުރި މީހެއްގެ ހިތް ހަމްދުރިދީއިން ފުރިގެން ދާނެއެވެ. ކޮންމެއަކަސް ކަންތައްތައް ގޯސްވާން ފެށުމުން އެކި އެކި މީސްމީހުނަށް ގުޅައިގެން ގެއަށް ގެނައެވެ. ވިއްސަކަށް ފިރިހެނުން ޔާޒް ވަށައިލައިގެން ތިބިއިރު އެމީހުނަށް ޔާޒް ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ. އެވަގުތު ނުހާގެ ޙާލަކީ ކޮބައިބާއެވެ؟ އެންމެ ލޯބިވާ ބޭބެ އުޅޭގޮތް ބަލަން ސިޓިންގް ރޫމް ދޮރުމަތީ އެކުއްޖާ ހުރީ ރޮއެރޮއެ އެވެ. ޔާޒް އޯކާދެމިގަންނަ އަޑަށް ނުހާ ސިއްސައިގެން ދެއެވެ.
ވަގުތުތަކެއްގެ މަސައްކަތަކަށްފަހު އެންމެ ފަހުން ޔާޒް މައިތިރިވިއެވެ. ޔާޒް މައިތިރިވުމާއިއެކު ގޭދޮރުމަތީ އޮތް އެމްބިއުލެންސަށް ޔާޒް އެރުވުނެވެ. ޔާޒް އާއިއެކު އާއިލާގެ ގިނަ މެމްބަރުންތަކެއް ހޮސްޕިޓަލަށް ދިޔައެވެ.
ކޮންމެއަކަސް އެރެއިން އެރެއަށް ޔާޒް މާލެ ގެންދިޔުމުގެ ކަންތައްތައް ހަމަޖެހުނެވެ. ދައްތަ އެރޭ ކޯސްޓް ގާޑަށް ގުޅައިގެން މާލެ ދިޔުމަށްޓަކަައި ދަތުރު ހަމަޖެއްސިއެވެ. ނުހާވެސް ބޭބެ ފުރުވަން ދާހިތްވެފައި ހުރުމުގެ ސަބަބުން މަންމަވެސް ދިޔައީ ނުހާ ގޮވައިގެނެވެ. ދަންވަރުގެ އެވަގުތު ނުހާމެން ބަނދަރުގައި ތިއްބައި އެމްބިއުލެންސް އައިސް ބަނދަރަށް މަޑުކޮށްފިއެވެ. އެމްބިއުލެންސް ގެ ފަހަތު ދޮރު ހުޅުވުމާއިއެކު މަންމަ އެތަނަށް ދިޔައެވެ. ޔާޒް އަށް މަންމަގެ މޫނު ފެނުމާއިއެކު ޔާޒްގެ ލޮލުން ކަރުނައެއް އޮހޮރިގެން ދިޔައެވެ. ޔާޒް އޮތް ޙާލު ފެނި މައި ލަނގޮޑިއަށް ކެތްނުވެގެން މަންމަ އައިސް ނުހާ ގާތަށް އައިއްސިއެވެ. މަންމަ ނުރޯން ވަރަށް މަސައްކަތްކުރަމުން ދިޔަކަށް ކުޑަކުޑަ ނުހާއަށްވެސް ދެނެގަނެވުނެވެ.
ކޯސްޓްގާޑް އައުމާއިއެކު ނުހާގެ ބޭބެގެ އެހީއާއިއެކު ޔާޒް ކޯސްޓް ގާޑަށް އެރުވުނެވެ. ޔާޒް އާއިއެކު މާލެ ދިޔައީ މާލޭގައި ވަޒީފާއަދާކުރަމުންދާ ނުހާގެ ދައްތައެވެ. ކޯސްޓް ގާޑް ނައްޓައިލުމާއިއެކު ނުހާއަށް ރޮއެގަނެފައި މަންމަ ގައިގައި ބައްދައިގަނެވިއްޖެއެވެ. ޙަޤީޤަތުގައި ނުހާވެސް ހުރީ ޔާޒްއާއިއެކު ދާހިތްވެފައެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟
ﷲ ގެ ހެޔޮ ރަޙުމަތުން މާލޭ ގޮސް ފަރުވާކޮށްލުމާއިއެކު ޔާޒްގެ ޙާލަތު މަޑުމަޑުން ރަނގަޅުވަމުން އައެވެ. ފުރިހަމަ ޞިއްޙަތަކާއިއެކު ޔާޒް ސިފައިންގެއަށް ވަނެވެ. ޔާޒްގެ ސަލާމަތަށްޓަކައި ބައްޕަ ވަނީ ސިފައިންގެ މީހުނާއި ވާހަކަ ދައްކާ މަޝްވަރާ ކޮށްފައެވެ. އެމީހުނަށް ޔާޒްއަކީ ބަލިމީހެއްކަމާއި ޔާޒްއަށް ވާގޮތްތައް ތަފްޞީލުކޮށް ބައްޕަ ކިޔައިދިނެވެ. އެހެންކަމުން އެމީހުންވެެސް ޔާޒްއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދިޔައެވެ.
ސިފައިންގޭގައި ޔާޒް މަސައްކަތްކުރާތާ މަހެއްވެސް ނުވެއެވެ. އަނެއްކާވެސް ޔާޒް ބަލިވާން ފެށިއެވެ. ކުރިއެކޭ އެއްފަދައިން އޯކާ ދެމެން ފެށީއެވެ. ނަމަވެސް ކުރިއާއި ޚިލާފަށް ޔާޒް ރުޅިގަދަވާން ފެށިއެވެ. އަމިއްލައަށް ދެއަތް މުއްކަވާފައި ފާރުގައި ޖެހުން އާންމުވިއެވެ. ބައެއްފަހަރު އަމިއްލަ ނަފްސަށްވެސް ގެއްލުން ދީ ހަދައެވެ. ހީވަނީ ޔާޒްގެ ހަށިގަނޑުގައި އެހެން ބާރެއްވާހެނެވެ.
ޔާޒް ސިފައިންގެއިން ކެނޑުނީވެސް މިދުވަސްކޮޅުގައެވެ. ސިފައިންގެއިން ކުނޑުމާއިއެއްކޮށް ބައްޕަގެ އެދުމަށް ޔާޒް ރަށަށް ގެނެވުނެވެ. ނުހާ ހުރީ ޔާޒް އައުމުން ނިކަން އުފާވެފައެވެ. ނަމަވެސް ކުރިއާއި ޚިލާފަށް ޔާޒް ނުހާއާއިއެކު ވަގުތު ހޭދަކުރާލެއް މަދުވާން ފަށައިފިކަން ނުހާއަށް ފާހަގަކުރެވުނެވެ. އަދި އަބަދުވެސް ޔާޒް ރުޅިއައިއްސައި ހުންނަކަށް އެ ކުއްޖާއަށް ފާހަގަކުރެވުނެވެ. “ބައްޕާ.. ބޭބެ ނުހާ އާ ދިމާލަށް އެއްޗެހި ކިޔަނީ.” އެއްދުވަހު ޔާޒް ކަމަކާ ނުލާ ނުހާ އާއި ދިމާލަށް ހަޅޭއްލަވައިގަތީމަ ނުހާ ބިރުން ރޮމުން ގޮސް ބައްޕަ ގާތުގައި އެވާހަކަ ބުންޏެވެ. “ދަރިފުޅު ބިރުނުގަންނައްޗޭ އިނގެ. ބޭބެ ބަލިވީމަ ވާގޮތެއް އެއީ.” ބައްޕަ އެދުވަހު ނުހާގެ ބޮލުގައި ފިރުމައިލައިފައި ބުންޏެވެ. އޭގެ ފަހުން ނުހާ ބެލީ ޔާޒްއާއި ވީހާވެސް ދުރުދުރުން އުޅެވޭތޯއެވެ. ނަމަވެސް ޔާޒް ހަމައިގައި ހުރިހެން ހީވާ ދުވަހެއްގައި ނުހާ ޔާޒްއާއިއެކުގައި ވަގުތު ހޭދަކުރެއެވެ.
އެއްދުވަހެއްގެ މެންދުރެވެ. މަންމަ ގޯތިތެރެ ކުނިކަހަނިކޮށް ނުހާ ނުކުމެ މަންމަ ގާތުގައި ހުއްޓުނެވެ. ހަމަ އެވަގުތެވެ. ގެއިން ބޭރުން ކޮންމެވެސް މީހަކު މާނޭވާލާކަހަލަ އަޑެއް ނުހާއަށް އިވިއްޖެއެވެ. މަންމައަށްވެސް އެ އަޑު އިވިގެން ކުނިކެހުން ތަންކޮޅެއް މަޑުޖައްސައިލިއެވެ. އިރުކޮޅެއްނުވެ ނުހާއަށް ފެނުނީ ބައްޕަ އާއި ޔާޒްގެ އިސްލާމް ޓީޗަރު ޔާޒް ގައިގައި ހިފަހައްޓައިގެން ގެއަށް އައިސް ވަތް މަންޒަރެވެ. އޭރު މަންމަ ރޮވިފައި ހުރި އަޑަކުން ކިހިނެތްވީހޭ އަހަމުން ދިޔައެވެ. ބައްޕަ ބުނީ ވާހަކަނުދައްކާ ހުރުމަށެވެ. ބައްޕަ އާއި ޓީޗަރު ޔާޒް ގޮވައިގެން ހުސްކޮށް އޮތް ދައްތަގެ ކޮޓަރިއަށްވަނީ ނުހާ ބަލަބަލާ ހުއްޓައެވެ.
ނުހާ މަޑުމަޑުން ހިނގައިލައިފައި ގޮސް ކޮޓަރި ދޮރު ކައިރީގައި ހުއްޓުނެވެ. އޭރު ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުގެ ސަބަބުން ނުހާއަށް އެ ކޮޓަރިތެރެ ރީތިކޮށް ފެނެއެވެ. ޔާޒް އެނދުގައި އޮށޯވެލައިގެން ބޮލުގައި އަތް އަޅައިގެން އޮތެވެ. ޓީޗަރު ޔާޒް ގާތުގައި އިނދެ ކިޔަވަނީއެވެ. ބައްޕަވެސް އިނީ ޓީޗަރު ކިޔަވާ އަޑު އަހާށެވެ. ނުހާއަށް ރޮވެން ކައިރިވުމުން ނުހާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ހަމަ އެއާއިއެކު ކަރުނަތައް އެ ބޮޑު ދެލޮލުން އެއްވެސް ހުރަހެއްނެތި ފައިބަން ފަށައިފިއެވެ. ބޭބެއަށް އެވަނީ ކިހިނެތްހެއްޔެވެ؟ ނުހާގެ އެންމެ ސްޓްރޯންގް ބޭބެ ބަލިވީ ކީއްވެގެން ހެއްޔެވެ؟ ނުހާ ދެކޭގޮތުގައި އެއީ ނުހާގެ ހީރޯއެވެ. ކޮންމެއަކަސް ނުހާ އެދުވަހު ކޮޓަރިން ނިކުތީ ޓީޗަރުވެސް އެގެއިން ދިޔަފަހުންނެވެ.
އޭގެ ފަހުން ދުވަސްކޮޅެއްނުވެއެވެ. ނުހާ އެދުވަހު ހަވީރު ކާޓޫން ބަލާނަމޭ ހިތައި ކޮޓަރިން ނުކުމެއްޖެއެވެ. ކޮޓަރިން ނުކުތްއިރު ނުހާއަށް އިވެން ފެށީ ސިޓިންގްރޫމުން ބައްޕަ ކިޔަވާ އަޑެވެ. އަދި ފާރުގައި ކޮންމެވެސް އެއްޗަކުން ޖަހާކަހަލަ އަޑެއްވެސް ނުހާގެ ކަންފަތުގައި ޖެހުނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ނުހާ ގޮސް ސިޓިންގްރޫމު ދޮރުމަތީ މަޑުކޮށްލިއެވެ. އޭރު ޔާޒް ދެބުމަ ގޮށްޖަހައިގެން ހުރެ ފާރުގައި ގޮށްމުށުން ޖަހަނީއެވެ. ބައްޕަ ޔާޒް އާއި ކުޑަތަންކޮޅެއް ދުރުގައި ހުރެ ކިޔަވަމުން ދެއެވެެ. ބައްޕަ އަށް ނުހާ ފެނުމާއިއެކު ބޮލުގެ އިޝާރާތުން ސިޓިންގް ރޫމަށް ނުވަނުމަށް ބުނެލައިފިއެވެ. ބައްޕަ ބުނި ބަސް ޤަބޫލުކޮށްގެން ނުހާ ސިޓިންގްރޫމަށް ނުވަދެ އެނބުރި ކޮޓަރިއަށްވަނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހަކު ބައްޕަ ބީރައްޓެއްސަކު ގެއަށް ގެނައެވެ. ބައްޕަ އެދުވަހު އޭނާއާއި ދެއްކި ވާހަކަތަކުން ނުހާއަށް އެނގުނީ އެއީ ފަންޑިތަ ހަދާ މީހެއްކަމެވެ. ބައްޕަ އެދުވަހު ނުހާ ގާތުގައި ބުނީ ބޭބެ ގާތުގައި އެއިން އެއްވެސް ވާހަކައެއްނުބުނުމަށެވެ. ބޭބެ ސުވާލުކޮށްފިއްޔާ އެއީ ބައްޕަގެ ރައްޓެއްސެއްކަމަށް ބޭބެ ގާތުގައި ބުނުމަށް ބައްޕަ ބުންޏެވެ. ނުހާ އެއީ ކީއްވެގެންހޭ އެހުމުން ބައްޕަ ބުނީ އެއީ ފަންޑިތަވެރިއެއްކަން ބޭބެ ގާތުގައި ބުނެފިއްޔާ ބޭބެ އެއްކަލަ ގޮތަށް ރުޅިއަންނާނެ ކަމަށާއި ބޭބެ ކޮންމެފަދަކަމެއްވެސް ކޮށްފާނެކަމަށެވެ. ނުހާ ބައްޕަ ބުނި ބަސް ޤަބޫލުކޮށްގެން އެކަމަށް ސަމާލުވެގެން އުޅެން ޢަޒުމް ކަނޑައެޅިއެވެ.
އެއްރެއެވެ. ޔާޒް ވަރަށް ބޮޑަށް މެއަށް ތަދު އަރައިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ޔާޒް އަށް އެރޭ އެންމެ ގާތުން އެހީވެދިނީ އެ ފަންޑިތަ ހަދާމީހާއެވެ. ޔާޒް ހޮސްޕިޓަލުގައި ބާއްވައިފައި އޮއްވާ ނުހާ އޭނާގެ މަންމައާއިއެކު އެރޭ ހޮސްޕިޓަލަށް ދިޔައެވެ. ޔާޒް ބާއްވައިފައި އޮތް ކޮޓަރިއަށް ވަތްއިރު ޔާޒް އޮތް އެނދުކައިރީގައި ބައްޕައާއި ފަންޑިތަވެރިޔާއާއި އަދިވެސް އެހެނިހެން ދެތިން ފިރިހެނުން ތިއްބެވެ. ނުހާ މަޑުމަޑުން ގޮސް ޔާޒްގެ އަތުގައި ހިފައިލިއެވެ. އެވަގުތު ޔާޒް ހިނިތުންވެލިއެވެ. ދެރަވެފައި ހުރި ކޮއްކޮގެ މޫނަށް ހިނިތުންވުމެއް ގެނުވުމަށްޓަކައި ޔާޒް އެ ހިނިތުންވެލީ ގަދަކަމުންނެވެ. އެރޭ ބައްޕަ ޔާޒް އާއި ވަރަށް ވާހަކަދެއްކިއެވެ. ޔާޒްގެ ބައްޔާއި ބެހޭގޮތުންނެވެ. އަދި ޔާޒް ގާތުގައި މިހާރު އެހުރީ ފަންޑިތަވެރިއެއްކަމަށްވެސް ބުންޏެވެ. އަދި ބައްޔަށް ފަރުވާ ބޭނުންވާނަމަ ފަންޑިތަ ހަދަން ދެކޮޅު ނުހެދުމަށް ބައްޕަ އެތައްފަހަރަކު ޔާޒް ގާތުގައި ބުންޏެވެ. ޔާޒް އެރޭ ބައްޕަ ދެއްކި ހުރިހާ ވާހަކައެއް ޤަބޫލުކުރިއެވެ.
ދެދުވަސް ފަހެވެ. ޔާޒް އާއި އެކު ނުހާ ހުރީ ގޭ ދޮރުމަތީގައެވެ. ނުހާ އަމިއްލައަށް ކުޅެން ހުރިއިރު ޔާޒް އިނީ ގޭދޮރުގައި ޕާކުކޮށްފައި އިން ސައިކަލެއްގައި އިށީންދެލައިގެން ދެބުމަ ގޮށްޖަހައިގެން އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެންނެވެ. ހީވާގޮތުން އެއްކަލަ ގޮތްނޭނގޭ ބާރު ޔާޒްގެ ހަށިގަނޑުގައި ދައުރުވަމުން ދަނީއެވެ. ޔާޒް ގާތަށް އަންނަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ ޔާޒް ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އެވަގުތު ގޭތެރެއިން ބޮޑުބެ އާއި ބައްޕަ ނުކުމެ ޔާޒް ގޮވައިގެން އެތެރެއަށްވަނެވެ. ނުހާވެސް ހުރީ ބޭބެއަށް ފަންޑިތަ ހަދާ މަންޒަރު ބަލައިލަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ނުހާ ބިރުން ހުރީތީ ނުހާ އެތެރެއަށްނުވަދެ ބޭރުގައި މަޑުކުރީއެވެ.
ކާމިޔާބު މަސައްކަތަކަށްފަހު އެއްކަލަ ފަންޑިތަވެރިޔާ ފުރައިގެން ހިނގައްޖެއެވެ. އެދުވަހަށްފަހު ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ޔާޒްއަށް އެއްވެސް ކަހަލަ އުނދަގޫތަކެއް ނުވެއެވެ. ނޭނގި ހުއްޓާ ޔާޒްގާތަށް އެ އަންނަ ގޮތްނޭނގޭ ރުޅިގަނޑުވެސް އެއްކޮށް ހިނދިއްޖެއެވެ. ވޭނީ ދިރިއުޅުމަކަށްފަހު އަނެއްކާވެސް ޔާޒްގެ ދިރިއުޅުން އާ ފެށުމަކުން ފެށިއްޖެއެވެ.
އެކުވެރީންނެވެ! މި ކިޔައިދެވުނީ އެ ކޮއްކޮއަކު އެންމެ ބޮޑަށް ލޯބިވީ ބޭބެގެ ޙަޔާތުގައި ދިމާވި ހިތްދަތި ދުވަސްވަރުގެ ވާހަކައެވެ. ޔާޒްއަށް އެ ޖެހުނީ ޑޮކްޓަރީ ފަރުވާއަކުން ރަނގަޅުކުރެވޭނެވަރުގެ ބައްޔެއް ނޫނެވެ. އެއަށްވުރެ މާބޮޑު ބައްޔެކެވެ. ޔާޒް އެ ވޭންތައް ތަޙައްމަލު ކުރަމުން ދިޔައިރު ޔާޒްގެ އާއިލާ ކަރުނައަޅާ ނުރޯ ދުވަހެއް ނުދެއެވެ. އެއީ އެންމެންވެސް ވަރަށް ލޯބިވާ މާތް އިންސާނެކެވެ. އޯގާތެރި ހިތެއްގެ ވެރިއެކެވެ. އެންމެންގެ ލޯބި ހޯދާފައިވާ މީހެކެވެ. އެކުވެރީންނެވެ! ހަނދާންކުރާށެވެ. ދުނިޔޭގައި ޙަސަދަވެރިން އުޅެއެވެ. ތިމާއަށް ހެޔޮ އެދޭ ކަމަށް ހެދިގެން އުޅޭ މީހުން އުޅެއެވެ. ފަރުދާގެ ނިވަލުގައި ފިލާ ހުރެފައި ބުރަކަށްޓަށް ވަޅި ހަރައިލާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ނުހާގެ ބޭބެއަށްވެސް ދިމާވެފައިވީ ހަމަ މިފަދަ ގޮތެކެވެ. ކޮންމެވެސް ބައެއްގެ ޙަސަދައިގެ ލޯތައް ނުހާގެ ބޭބެއަށް ޢަމާޒުވީއެވެ. ވިސްނައިނުލާ ހުއްޓާ އެމީހުން ބޭބެއަށް ޙަމަލާދޭން ފެށީއެވެ. އެކަމުގެ ސަބަބުން ޔާޒް އެތައް ދުވަހެއް ވަންދެން އެތައް ވޭނެއް އެވަނީ ތަޙައްމަލު ކޮށްފައެވެ. ﷲ ގެ އިރާދަފުޅުން މިހާރު ޔާޒް އެވަނީ އެކަމުން ސަލާމަތްވެފައެވެ.
ވިސްނާލާށެވެ! ޙަސަދައަކީ އިންސާނާ އެއްކޮށް ހަލާކުކޮށްލާ އެއްޗެކެވެ. އެކަކަށް ނިޢުމަތެއް ލިބޭއިރަށް ތިމާ އެކަމާ ޙަސަދަވެރިނުވާށެވެ. ބަދަލުގައި އެމީހަކަށްޓަކައި ހެޔޮ ދުޢާކޮށްލާށެވެ. މާތްﷲ އަޅަމެއް ޙަސަދަވެރިންގެ ވިހަ ލޯ ތަކުން ސަލާމަތްކޮށްދެއްވާށިއެވެ. އަދި އަޅަމެންގެ ހިތް ޙަސަދަވެރިކަމުގެ މި ނުބައި ސިފައިން ދުރުކޮށްދެއްވާށިއެވެ.
(ނިމުނީ)
ނޯޓް: މިއީ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ޚިޔާލީ ވާހަކައެކެވެ.
4 Comments!
Comments are closed.
Assalaam’alaikum warahmathullah wabarakaath!!
After a long time! Al’hamdhulillah 😀
Dear readers! Here is a short story from me. I hope u all will enjoy it. Stay safe my dear readers. Love u all <3 <3 <3 <3 <3 <3
Enjoy reading! 🙂
Vrh iburahtheri stry eh. Kiyamunq diyawiru neeyvaa hifahawqTawilawigenq hunanq jehunE. Love the stry.
Thank you redlailacrose <3 🙂
I love it ??waiting for a new story of urs