
ސްކްރީނަށް ބަލާލިއިރު އެއީ ގާދިރުބެއެވެ. ލީއާ ހަމަޖެހިލުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ދެން އެވީ ފޫއްސެވެ. ގާދިރުއާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު ފޯނު ނުނަގާވެސް ވާކަށް ނެތެވެ. ކޮންމެފަދަ ބޭނުމަކުވެސް އޭނާ ގުޅާފާނެއެވެ. އޭނާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ ކޮބާ ކިހިނެއް. ހެނދުނު ސައި ބޮއެފިންތަ؟ ރަނގަޅުތަ އެންމެން. ގްރޫޕްގަނޑު ނުދޭތަ އަދިވެސް؟ ” ގާދިރު ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. ލީއާ ފޫހިވެފައި ހުރެ ވާހަކަ ދެއްކިއެވެ. ފުރަތަމަ ޖަވާބު ދޭނީ ކޮން ސުވާލަކަށް ކަމެއް އޭނާ އަކަށް ނޭނގުނެވެ. ” ރަނގަޅު. އެންމެންވެސް އެބަތިބި. ސައި ބޮއެފިން.” ލީއާ ވާހަކަ ދައްކަމުންގޮސް ކާގެއަށް ވަނެވެ. ” ގާދިރުބެ ދަރިފުޅު ރަނގަޅުތަ؟ ” ލީއާ އަހާލިއެވެ. ” އާނ މިހާރު ތަންކޮޅެއް ރަނގަޅު. ދޫންޏާ ގާދިރުބޭގެ ހާލުވެސް ބަލާނުލާނަންތަ.؟” ގާދިރު ނުލަފާ ގޮތަކަށް ހެމުން ބުނެލިއެވެ. ލީއާ ވަގުތުން މޫޑް އޮފްވިއެވެ. ” އަޅާނުލާ. އަދި ހާލުވެސް ބަލާނަން ދޯ. މިފަހަރު ރަށަށް ދާއިރު ވަރަށް ބޮޑު ހަދިޔަލެއްވެސް ގެންގޮސްދޭނަން އިނގޭ. ” އަނެއްކާވެސް ގާދިރު ހޭންފެށިއެވެ. ” މަށަށް ހެޔޮ ގާދިރުބެ މަށަށް އެއްޗެއް ނުގެނަޔަކަސް. ” ލީއާ އެހެންބުނުމަށްފަހު ރުޅިއައިސްފައި ފޯނު ބޭއްވިއެވެ.
ރޭގަނޑުގެ ވަގުތެވެ. އެނެމެން ތިބީ ސޯފާގައެވެ ވާހަކަ ފެށީ މަޔަންކްއެވެ. ” އެބައޮތް އެންމެން ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.” އެހެންބުނުމާއެކީ ކައިރާ ސިހިފައި މަޔަންކްއާ ދިމާލަށް ބަލާލިއެވެ. އަނެއްކާ އޭނަ އެއުޅެނީ ކައިރާގެ ވާހަކަ ބުނަންހެއްޔެވެ. ޒީޝާންއަށް އެނގިއްޖެޔާ ވަރަށް ކަންތައް ބޮޑުވާނެއެވެ. ކައިރާގެ ހިތް ތެޅިގަތެވެ. އީތަން އާ އެންމެން މަޔަންކްއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިވަނީ މިލާމޯޅިވެފައެވެ. ” މަ މިއުޅެނީ މާދަން ރަށަށް ދާން. ” އެ ބުނި ޖުމްލައިން ހުރިހާ ކުދިންވެސް ބަސް ހުއްޓުނެވެ. ” އެއީ ކީއްވެ. ކަމެއް ގޯސްވީތަ؟ ” ޒީޝާން ބުނެލިއެވެ. މަޔަންކް ފޫހިވިއެވެ. އެހެންދިމާލަކަށް ބަލާލާފައި ސިއްރު ފޮރުވާލިއެވެ. ” ޖަސްޓް ޗިލް ބްރޯ. އެއްވެސް ކަމެއް ނުވެއޭ. ދެން މިކޮޅުގަ ހުރެގެން ކަމެއް ވާކަށް ނެތެއްނު. މިހާރުވެސް ބަލިފެތުރޭތީ ބައެއް ރަށްތައް ލޮކްޑައުން ކުރޭ އެބަ. މިހިސާބަށް އައުމުގެ ކުރިން މަ ބޭނުންވާނެދޯ އާއިލާ ކައިރިއަށް ދާން. ބައެއް މީސްމީހުންނަށް އެމީހުންގެ އަމިއްލަ ރަށަށް ނުދެވިގެން އެ އުޅެނީ މިހާރުވެސް. ” މަޔަންކް ހިޔާލު ފާޅުކޮށްލިއެވެ. ކައިރާ ހިތްހަމަ ޖެހުނެވެ. އޭނަގެ ވާހަކަ ނުދެއްކީތީއެވެ. އެވާހަކަ އަޑުއެހުމަށްފަހު އީތަންއާއި ކައިރާ ފިޔަވާ ބާކީ ތިބި ކުދިންވެސް ރަށަށް ދާން ނިންމިއެވެ. އީތަން ދާކަށް ބޭނުމެއް ނުވެއެވެ. އޭނާ ދާން ބޭނުންވަނީ ލޯބި ހާސިލްކުރުމަށްފަހުއެވެ. ” އޯކޭ އެހެންވީމާ ހިނގާ ދޯ މިރޭ ކޮންމެވެސް ކަމެއް ކޮށްލަން. ދެން ތި މީހުންނާއެކީ މަޖާކޮށްލެވޭނެ ދުވަހެއް ވެސް ނޭނގެ. ” އީތަން މަޖާވެލިއެވެ. ” ހައިޑް އެން ސީކް.” ލީއާއާއި ޒީނާ އަދި ޒައިނީއަށް އެއްފަހަރަކާހެން ބުނެވުނެވެ. އެންމެނަށް ހެވުނެވެ. އެކަމާ އެއްބަސްވިއެވެ. ޒުވާން ވެ ބޮޑެތިވަމުން އަންނަ ބަޔަކަށް ވިޔަސް އެމީހުން ކުޑައިރު ނަގާ ފޯރިއަކަށް ބަދަލެއް ނާދެއެވެ.
ފިރިހެން ކުދިން ނިންމީ ގޭތެރޭގެ ހުރިހާ ލައިޓްތަކެއް ނިއްވާލުމަށެވެ. ފުރަތަމަ އަންހެން ކުދިންވެސް ޖެހިލުންވިއެއް ކަމަކު ލައިޓްސްތައް ނެތީމާ އެ ކުޅިވަރު އިތުރަށް ފުރިހަމަވާނެކަމަށް އީތަން ބުނުމުން ހުރިހާ ކުދިންވެސް ހިތްހަމަ ޖެހިލިއެވެ. ލީއާ މާ ބޮޑަށް ބިރުގަތެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މިދުވަސްކޮޅު އޭނާޔަށް އާދަޔާޚިލާފު ކަންކަން އަޑުއިވި ދިމާވާތީއެވެ. އެހެންނަމަވެސް އެކަން އެއްފަރާތް ކޮށްލަނީއެވެ. ބިރުގަނެއްޖެޔާ ހޭނެތިގެން ވެއްޓިދާވަރު ވެދާނެތީއެވެ. ގުނަން ފެށީ އީތަންއެވެ. އެހެން ކުދިން ގޮސް ގޭގެ އެކިދިމަދިމާލަށް ފިލަން ދުވިއެވެ. އެކި ކުދިން ކޮޓަރިތަކުގެ އެކިތަންތަނަށް ފިލަން ވަދެ ތިއްބެވެ. އަނެއް ބަޔަކު ސޯފާގެ ބިއްދޮށުގަޔާއި މޭޒުތަކުގެ އަޑީގައެވެ. ދެލޯ މަރައިގެން ފޯރީގައި ގުނަން އިން އީތަން ފަންސާހޭ ގޮވާ ދެލޯބޮޑުކޮށްލިއެވެ. ތެދުވެ ފާޑެއްގެ މަޖާ އަޑެއް ލައްވަމުން ސިޓިނގްރޫމްތެރޭ ކޮޅުކޮޅަށް ބަލަމުން ހިނގަންފެށިއެވެ. އޭނާ ހީވަނީ ކުޑަކުއްޖެއް ހެނެވެ. އެކި ތަންތަނުގައި ފިލާ ތިބި ކުދިންނަށް މިމަންޒަރު އެ ފަނޑު އަލީގައި ފެންނަމުން ދިޔަ ވަރަކަށް ހެވޭގޮތްވެއެވެ. ފުރަތަމަވެސް އޭނާ ދެއަތާއި ދެފައި އުކަމުން ދަނިކޮށް ސޯފާގެ ބިއްދޮށުގައި ފިލާ އޮތް މީހެއްގެ ގައިގާ އަޅައިގަތެވެ. އީތަން މަޑުކުރުމެއްނެތި އޭނާ ނަގާ ރަނގަޅަށް ބަލާލިއެވެ. އެ އަނދިރިގަނޑުތެރޭންވެސް އެއީ ކާކުކަން އޭނާއަށް ރަނގަޅަށް އެނގުނެވެ. އީތަން ޒީޝާން އޭ ކިޔާ ހޭންފެށިއެވެ. ފިލާ ތިބި ކުދިންނަށް އެއަޑު އިވުނެވެ. އެދެމީހުން ހީހީފައި ވާހަކަ ދެއްކުމަށްފަހު އީތަން ދެން ދިޔައީ އެހެން ކުދިން ހޯދުމަށެވެ. ފަހަރަކު ކުއްޖެއް ހޯދަމުންގޮސް އެންމެން ހޯދިއިރުވެސް ޒައިނީއެއް ނުފެނުނެވެ. ކުދިންތައް ކައިރީ އަހާލުމުން ނޯ ޗީޓިންގ އޭ އަމިއްލައަށް ހޯދާށޭ ބުނެ ހޭންފެށިއެވެ. ” ހިންޓެއް ދެވިދާނެ. އޭނަ ސިޓިންގ ރޫމަކު ނެތް ދޯ. އީތަން ރަނގަޅަށް ކޮޓަރިތައް ބެލިންތަ؟ ” ޒީނާ ވާހަކަ ދެއްކިއެވެ. ” އާނ މަ ބެލީމޭ. އެހެންވެއެއްނު މިތިބަ ނިޝްމީ އާއި މައިރާމެންވެސް ފެނުނީ” ކޮނޑު އަރުވާލަމުން އީތަން ބޯ ކަހާލިއެވެ. “ހޯދާ ހޯދާ. އެ މަންޖެ ކާގެތެރޭގައި ކަމަކުވެސް ވާނެ މިހާރު.” އަޒާން ބުނެލިއެވެ. އީތަންއަށް ޖެހުނީ އަމިއްލައަށް އޭނާ ހޯދަންދާށެވެ. އެހެން ކުދިން ސޯފާގައި ހަމަޖެހިލިއެވެ. އީތަން ގޮސް ކާގެއަށް ވަންނަންދެން އެ ކުދިން އީތަންގެ މަޖާކަމުގެ ވާހަކަދައްކަދައްކާފައި އޭނާއާ ދިމާލަށް ބަލަން ތިއްބެވެ.
ކާގެތެރެ އޮތީ ވަރަށް އަނދިރިކޮށެވެ. އީތަން ހިނގަމުން އަތް ހޫރަމުން އެތެރެއަށް ވަނެވެ. ދެލޯ ބޮޑުކޮށްގެން އެކިދިމަދިމާލަށް ބޯ އުކަމުންދިޔައިރުވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ވެފައި ހުރި ވަރުބަލިކަމުންނާއި އަރާފައި ހުރި ހޫނަކުން އޭނާ ފްރިޖުން ފެންފުޅިއެއް ނަގައިގެން އައިސް މޭޒުކައިރީ މަޑުކޮށްލިއެވެ. އެވަގުތު އޭނާގެ ފައިން މަޑުމަޑު ފިނި އެއްޗަކަށް އެރުނެވެ. ފައިފޮހޭ އެތިކަމަށް ހީކޮށް އޭނާ އަޅާވެސްނުލާ ފެންކޯވަރެއް އަނގަޔަށް އޮއްސާލިއެވެ. ހަގީގަތުގައި އެއީ ފައިފުއްސެއް ނޫނެވެ. މޭޒުއަޑީގައި ތިރީތުންފަތުގައި ދަތް އަޅާލައިގެން ދެލޯމަރާ ބާރުކޮށްލައިގެން އެއިނީ ޒައިނީއެވެ. އަތަށް ވާތަދަކުން އޭނާގެ އަނގައިން ހަމަ ކިރިޔަކިރިޔާ އަޑު ނުނިކުންނަ ކަމެވެ. އެންމެފަހުން ކެތްނުވެގެން ޒައިނީ އިނދެފައި މަޑުމަޑު ތޫލިއަޑަކުން ހަޅެއްލަވައިގަނެ އީތަންގެ ފައިގާ ތަޅައިގަތެވެ. ސިހުނުވަރުންނާއި ފަޔަށްވީ ތަދަކުން އޭނާގެ އަނގަޔަށް އެޅި ފެންތައް ބުރުއްސައިގެން ދިޔައެވެ. ކޮށި އަރަމުން މޭޒު އަޑިބަލާލިއިރު ޒައިނީ އަތަށް ތަދުވެގެން އަޑެއްލައްވަމުން ދިޔަތަން ފެނުނެވެ. އީތަންއަށް ހެވުނެވެ. ” ހެހެ. ތިކަހަލަ ތަންތާ ތިހާ ކުޑަ ހިންޏެއް އިނީމާ ނުފެންނާނެ އެއްނު. އަވަހަށް ނުކުމޭ.” އީތަން ރީތި ގޮތަކަށް ހެވިލާފައި ޒައިނީ މޭޒުއަޑިން ނެރުމަށްޓަކައި އަތުގައި ހިފާލިއެވެ. ދެން އިވުނީ އޭނާ ކުޑަކޮށް ގިސްލާ އަޑެވެ. ” ޒައި ރޮނީތަ؟ ސޮރީ. މަށަކަށް ނޭނގުނު ހަމަ އެއްގޮތަކަށްވެސް ޒައި މިތާ އިންނާނެކަމެއް. ” އިސްދަށަށް ޖަހައިގެން އިން ޒައިނީގެ މޫނުމަތިވަނީ އެ ރީތި އިސްތަށިގަނޑުން ފޮރުވިފައެވެ. އީތަން ޒައިނީ މޭޒުދަށުން ނެރުނީމަވެސް އެހުރިގޮތައް ހުރީއެވެ. އީތަން ޒައިނީގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. އެހާ އަނދިރިންވެސް އެދެލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ” ޒައި އައިމް ރިއަލީ ސޮރީ ދެން ހުއްޓާލަބަލަ. ތިހެން ނުރޮއެބަލަ. ދެރަވެޔޭ. އައި ލަވް ޔޫ. ޕްލީޒް ޑޯންޓް ކްރައި. ” އީތަންގެ ހިތަށް ތަދުވިއެވެ. ނޭނގުމެއްގެ ތެރޭގައިވެސް އޭނާގެ ހިތުގައި މިއޮއްހުރިހާ ދުވަހު ފޮރުވާފައި އޮތް ވާހަކަ ބުނެވިއްޖެއެވެ. މިހާ ދުވަހު ޒައިނީއަށް ޝައްކުވި ކަންތައް މިއަދު އޭނާޔަށް ޔަގީންވެއްޖެއެވެ. ޒައިނީ ނޯއްދަމާލަމުން ލޮލުން ވެއްޓެމުން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލިއެވެ. އެއަށްފަހު އީތަންގެ އެ ރީތި މޫނަށް ބަލާލިއެވެ. އަނދިރީގައި އެހާ ރީތިކޮށް ނުފެނުނު ނަމަވެސް ޒައިނީއަށް އީތަންގެ އެމޫނަށް ބަލަންހުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. އީތަންއަށްވެސް ޒައިނީގެ މޫނަށް ބަލަން ހުރެވުނީއެވެ. މަޑުމަޑުން ދެމޫނު ގާތްވަމުންގޮސް އެކަކުއަނެކަކުގެ ނޭވާ މޫނަށް އެޅޭވަރަށް ގާތްވެވިއްޖެއެވެ. ޒައިނީއަށް މަޑުމަޑުން ދެލޯމަރާލެވުނެވެ. އީތަންގެ ހޫނު ނޭވާ އެޅުމުން އޭނާޔަށްވީ ބުނަންނޭގޭ ފަދަ އަރާމެކެވެ. ދެމޫނު ގާތްވަމުންގޮސް މިހާރުވަނީ އެންމެ ނުރައްކާވާ ހިސާބުގައެވެ. އީތަން މަޑުމަޑުން ޒައިނީގެ އަތުގައި ހިފާލަމުން އެ ހިމަހޯލިތަކެއް ފަދަ އިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލަމުން ދިޔައެވެ. އެވަގުތު އިނގިލިތަކަށް އެރި ތަދަކުން އަޑެއް ލައްވާލަމުން ޒައިނީއަށް އީތަންގެ ކޯމަތީ ޖަހާލެވުނެވެ. އީތަން ކޯ މަތީ އަތް އަޅަމުން މޫނު ދުރުކޮށްލިއެވެ. އޭނާއަށްވެސް ތަދުވިއެވެ. އޭރު ޒައިނީ އިނގިލިތަކުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ” އީތަން މަ އަތް މަތީ މަރުތޭލެއްތަ ބޭއްވީ.؟ އިނގިލިތައް ޗިސްވީ ކަންނޭނގެ. އަދިވެސް ހާދަ ތަދުވޭ އެބަ. ސޮރީ. މާ ބާރަށްތަ ޖަހާލެވުނީ.” ޒައިނީ އީތަންއަށް ބަލާލިއެވެ. އޭނާއަށް ހެވިފައި ޒައިނީގެ އަތުގައި ހިފާލަމުން އަނގައިން އިނގިލިތަކަށް މަޑުމަޑުން ފުމެންފެށިއެވެ. ޒައިނީ ދެރަވިއެވެ. އީތަން އޭނާގެ ކޮލަށް ތަދުނުވާކަމަށް ހަދާފައި ޒައިނީގެ އަތަށް ފަރުވާ ކޮށްދެން ފެށީމައެވެ. އަދި އުފާވެސްވިއެވެ. އޭނާދެކެ އެހާވަރަށް ލޯބިވާ ކުއްޖަކު ލިބުނީމައެވެ. އީތަން ފިނިފެންފުޅިން ފެންފޮދެއް ހާކާލަދިނެވެ. އެޔޮއްހުރިހާއިރުވަންދެން ޒައިނީ އީތަންގެ ހަރަކާތް ތަކަށް ބަލަން އިނީ ފޫހި ކަމެއް ނެތިއެވެ. ކޮންފަދަ ރަނގަޅު އިންސާނެއް ބާވައޭ އޭނަގެ ހިތަށް އެރިއެވެ.
ވިއްސާރަވެސް ވެހެން ފަށައިފިއެވެ. ބޯކޮށް ވެހެން ފެށުމުން މިރޭގެ މޫސުން ގޯސްވެއްޖެކަން ޔަގީނެވެ. އަދިވެސް ކުޅިވަރު ހުއްޓާކަށް ހިޔާލެއް ނެތެވެ. ހައްތަހާ ފޯރި ގަދަވަނީއެވެ. ސޯފާގައި ތިބި ކުދިންތަކަށް ލަސްވެގެން ކާގެއަށް ވަތްމީހާ ނުނިކުމެގެން އެންމެން އެކީ ކާގެއަށް ބޯދިއްކޮށްލިއެވެ. އެ ކުދިންނަށް ދެ ހިޔަނި ފަދައިން ދެމީހަކު ތިބިތަން ފެނުމުން ހައިރާންވިއެވެ. އީތަންއަށާއި ޒައިނީއަށް ބަޔަކު ތިބިކަމެއް ނޭނގެއެވެ. ވިއްސާރަ އޮއްސާލިކަންވެސް ނޭނގެނީ ބާއެވެ. ޒީހާން ކާގެ ބޮކި ޖައްސާލިއެވެ. އީތަން ޒައިނީގެ އަތަށް ފުމެންހުރިއިރު ޒައިނީ ހުރީ އީތަންއަށް ގޮސް ގެއްލި ހުސްވެފައެވެ. އެންމެންނަށް މަޑުމަޑުން ހެވެންފެށިއެވެ. ބޮކި ޖެއްސި އިރުވެސް އެދެމީހުންނަށް ރޭކާނުލީމައެވެ. ކައިރާ ކަރުކެހިލިއެވެ. އެވަރުންވެސް އެމީހުންނަށް އަޑެ އިވޭކަމަކަށް ނުވިއެވެ. ހުރިހާ ކުދިން އެއްފަހަރާ ވަރަށް ބާރަށް ކަރުކެހިލިއެވެ. އީތަންއާއި ޒައިނީ ސިހިފައި ދުރަށް ޖެހިލިއެވެ. އަދި އެމީހުން ކޮށްފާނެ ސުވާލުތަކަކުން އަވަހަށް އެތަނުން ދުރަށް ގޮސް ވާހަކަ އޮޅުވާލިއެވެ. މިފަހަރު ގުނަން އިނީ ޒީޝާން އެވެ. ކުރިއެކޭ އެއްގޮތަށް އެންމެންވެސް އެކިދިމަދިމާލަށް ވަދެ ފިލައިފިއެވެ.
ވެހެމުންދިޔަ ވިއްސާރައަށް ބަދަލެއް ނައެވެ. ހައްތަހާ ބޯކޮށްލީއެވެ. ކުޑަކޮށް ވިދާ ގުގުރަންވެސް ފަށައިފިއެވެ. ބޯކޮށް ވެހެމުން ދިޔަ އިރު މުޅި ގޭތެރޭގައި ވަނީ ފިނިހިފާލާފައެވެ. ކުޅިވަރުގައި ޖެހިފައި ހުރި ލީއާއަށް މީހަކު އޭނާޔަށް ފާރަލަމުންދާކަމެއް ނޭނގުނެވެ. އެއީ ސިއްރުވެރި ގޮތަކަށް އުޅޭ އެއްޗެކެވެ. ލީއާ ކިބައިން ބޭނުންވެގެން އެ އުޅެނީ ކޮންކަމެއްކަންވެސް ނޭނގެއެވެ. އެއްޗެއް އުޅޭ ކަމުގެ އިހްސާސް ލީއާއަށް ކުރެވުނު ނަމަވެސް ވައިރޯޅިއެއް ކަމަށް ހީކޮށް އަޅާނުލަނީއެވެ. ޒީޝާން ގުނާ ނިމިގެން އެންމެން ހޯދަން ދިޔައެވެ. ފުރަތަމަވެސް ފެނުނީ ކައިރާއެވެ. ގަސްތުގައި ޒީޝާން ކުރިމައްޗަށް އެރީއޭވެސް ބުނެވިދާނެއެވެ. ޒީޝާން އަންނަތަން ފެނުމާއެކީ ކައިރާ ނުވާކަމަކަށް ހަދާ ހުރިތަނުން ނުކުތީއެވެ. އެއަށްފަހު ޒީޝާން ކޮނޑުގައި އަތްއަޅާލުމަށްފަހު މާ ގައިގޯޅިވާން އުޅެންފެށިއެވެ. ޒީޝާންގެ ގައިގައި ބައްދާލަމުން ބާރަށް ހިފަހައްޓާލިއެވެ. ” ކައި… މިދެން ކޮން ތަނެއް ތިހެން ތި އުޅެނީ. މިގަޑިއަކު ނޫނެއްނު. ” ޒީޝާން ކައިރާ ދުރުކޮށްލަން އުޅުނެވެ. އިތުރަށް ކައިރާ ޒީޝާންގެ މޫނުގަޔާއި މޭގައި ފިރުމަންފެށިއެވެ. ހީވަނީ މަސްތުވެފައި ހުރި މީހެއްހެނެވެ. ސޯފާގެ ބިއްދަށުގައި ފިލާއޮތް މަޔަންކްއަށް މި މަންޒަރު ފެނެއެވެ. ކަޅު އަނދިރިގަނޑެއްހެން ފެނުނުނަމަވެސް އެއީ ކައިރާއާއި ޒީޝާންކަން އެނގުނެވެ. މަޔަންކްގެ ހިތް ނުތަނަވަސްވެ ރުޅި އަންނަން ފެށުނެވެ. އެހެންނަމަވެސް ކެތްކޮށްލައިގެން އޮތީއެވެ. ” ކައި… ބުނަންތަ ވާހަކައެއް. މިގަޑީގައި މޫޑް އޮފްކުރަން ނަހަދަބަލަ. ފަހުންވެސް ތިކަންވެދާނޭ. ސޯ ޕްލީޒް ލެޓް މީ ގޯ. ” ކުޅިވަރުގައި ޖެހިފައި ހުރި ޒީޝާން އެހެން ބުނެ ކައިރާގެ އަތް ފޮޅުވާލުމަށްފަހު މިސްރާބު ޖެހީ ކޮޓަރިޔަކާ ދިމާލަށެވެ. އެވަގުތު ފަހަތުން މީހަކު އައިސް ކައިރާގެ އަތުގައި ހިފާ ދަމައިގަތުމަށްފަހު އެއްފަރާތަށް ޖައްސާލިއެވެ. އެމީހަކާއެކު ކައިރާ ގޮސް ލައްވީ ފާރަށެވެ. ވިދުމުގެ ސަބަބުން އެހިސާބަށް ކުޑަކޮށް އަލިއެޅެއެވެ. ފެންކަޅިވެފައިވާ ކައިރާއަށް ރުޅިއައިސްގެން އަނގައިން އަޑެއް ނެރެން އުޅުނެވެ. އެވަގުތު އެމީހަކު ހުށިޔާރުކަމާއެކީ ކައިރާގެ އަނގަމަތީ އަތް އަޅާ ބަންދުކޮށްލިއެވެ. ” ކައި. ކިހިނެއްތަ ތި އުޅެނީ؟ ތީ މީހުން އުޅޭ ގޮތްތަ؟” އޭނާއަށް އިވުނީ މަޔަންކްގެ އަޑެވެ. އިތުރަށް ރުޅިގަދަވިއެވެ. ” ރިލެކްސް ކައި. ހަމަޖެހިބަލަ. މަ މިއައީ ކައި ކިޑްނެޕް ކުރާކަށް ނޫނޭ. ހަމަ އެންމެ ވާހަކައެއް ބުނެލަން. މަށަށް ފުރުސަތެއް ދީބަލަ އެއްފަހަރުވެސް.” މަޔަންކް ވާހަކަ ދެއްކީ އޯގާތެރި ކަމާއެކީއެވެ. ” ހަމަ އެންމެ ޗާންސެއް. އައި ޕްރޮމިސް ކައި ތިހެން އުޅޭކަށް ނުޖެހޭނެ އޭރަށް. އަބަދުވެސް ކައިގެ ގާތުގައި ދުރުނުވެ އުޅޭނަން. ” މަޔަންކް އޭނާގެ ހިތުގެ ޝުއޫރުތައް ފާޅުކޮށްލިއެވެ. ކައިރާ ކުޑަކޮށް ހަމަޖެހިލުމުން މަޔަންކް އޭނާގެ ދެކޮނޑުގައި ހިފާލިއެވެ. ކައިރާ އިސްދަށަށް ޖަހާލިއެވެ. ” ހަމަ އެންމެ ފަހަރަކު. ކައި މަށަށް ތިހެން ނަހަދަބަލަ. މި ތަނަށް ތަދުވޭ.” މަޔަންކް މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ. ” މާދަން އަހަރެން ފުރާނަން. އެކަމަކު ކައި މަށާއެކީ އުޅެން ބޭނުމިއްޔާ އުމުރު ދުވަހު ހުރެދާނަން. އަދިވެސް ކައި މަ ބޭނުން ނުވަންޏާއި މަ ހުރެދާނަން ކެތްކޮށްލައިގެން. އެކަމަކު އެއަށްފަހުގައި ދުވަހަކުވެސް ކައިއަށް އުނދަގުލެއް ނުކުރާނަން. ކައިގެ ހަނދާންތަކާއެކު މަށަށް އުޅެވިދާނެ. އެކަމަކު މަށަށް ލިބޭނެ އެންމެ ބޮޑު ހަދިޔަލަކީ ތީ… ” މަޔަންކް ކައިރާއާ ގާތްވެލިއެވެ. ކައިރާ ދުރު ބަލާލިއެވެ. ” ތީ ވަރަށް ބޮޑު ކުށް ހީއެއް. މަ ލިބޭނެ ކަމަށް ހީ ނުކުރައްޗޭ. ދުވަހަކުވެސް މަށެއް މަޔަންކް ބޭނުމެއް ނޫން. ނުވެސްވާނެ. މާ ރަނގަޅުވާނެ މޫވް އޮން ކުރިއްޔާ. ތިހެން ހުރެގެން ލައިފް ވޭސްޓްވާނީ. ހަހަ ތި ކާކު؟ މަ ނުދަންނަ މީހެއް ތީ. ޔޫ ޑޯން ޑިޒަރވް މީ.” ކައިރާ މަޔަންކްގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލުމަށްފަހު އެތަނުން ދިޔައެވެ. ފަރުވާ ކުޑަކޮށް އެބުނި ޖުމްލަތަކުން މަޔަންކްގެ ހިތުގައި ރަނގަޅަށްވެސް ރެނދު އަޅައިފިއެވެ. ހިތްވީ ހަލާކެވެ. މި ދުނިޔެ މަތިން އޭނާ އެންމެ ލޯބިވާ މީހާ ދެން ހަމަ ނުލިބޭނީ ހެއްޔެވެ؟ މީ ކޮންކަހަލަ ވޭންދެނިވި ކަމެއްހެއްޔެވެ؟
ޒީޝާން ދިޔަގޮތަށްގޮސް ވަނީ ފިރިހެން ކުދިންގެ ރޫމަށެވެ. ދޮރުފޮތިގަނޑު ދޮށާއި ފާޚާނާތެރެއަށް ވަދެ ހުރި ދެ ކުދިން ހޯދާލިއެވެ. ” ހާދަ މޮޅޭ ދޯ ފިލަން. ހަމަ ތިނޫން ތަންތަން ނުފެނުނީތަ؟” ހެމުން ހެމުން ޒީޝާން ބުނެލިއެވެ. އެ ދެކުދިންވެސް ބޯ ކަހާލުމަށްފަހު ދެން ތިބި މީހުން ހޯދަން ދާށޭ ބުނެ ސިޓިންގ ރޫމަށް ނުކުންނަން ދިޔައެވެ. ޒީޝާޏްވެސް ދެން މިސްރާބު ޖެހީ އަންހެން ކުދިންގެ ކޮޓަރިއާ ދިމާލަށެވެ. އެ ކޮޓަރީގައި އެކަކުވެސް ނެތުމުން ދެން ވަތީ ލީއާމެން އުޅޭ ކޮޓަރިއަށެވެ. ކޮޓަރިތެރެ އަނދިރިކަމުން ބައެއް ހިސާބުތައް ވަކި ނުވިނަމަވެސް ކުޑަދޮރާ ދިމައިން ވިދާލާ ގަޑީގައި ކޮންމެވެސް ވަރަކަށް ތަންތަން ފެނެއެވެ. ޒީޝާން ފަރުވާކުޑަ ގޮތަކަށް ދިމަދިމާލަށް ބަލާލިއެވެ. ހަގީގަތުގައި އޭނާ އެތަނަށް އަންނަންވެސް ބޭނުމެއް ނުވެއެވެ. ލީއާ ހުރެދާނެތީއެވެ. އޭނާ މިތަނަށް އައީ ޒީނާއާ ޒައިނީ ހުރިތޯ ބެލުމަށެވެ. ލީއާ ނުފެނުނަސް އޭނާއަށް ވަރިހަމައެވެ. ކޮޓަރިތެރެއިން އެއްވެސް ކުއްޖެއްގެ ހިލަމެއް ނުވުމުން ޒީޝާން ދާން ހިނގައިގަންނަން އުޅުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އަލަމާރި ތެރެއިން އަލިކޮޅެކެވެ. އެ އަލިކޮޅު ހަރަކާތް ކުރާހެން ހީވާތީ އެތެރޭގައި ކޮންމެވެސް މީހަކު އުޅޭކަން އޭނާއަށް އެނގުނެވެ. މަޑުމަޑުން އޭނާ އަލަމާރިއާ ގާތް ވަމުން ދިޔައެވެ.
2 Comments!
Comments are closed.
Zainee n ethan dhw ??? nice stry???i appreciate ur hard work.??? I know its a really hard work to write a story???but thnks for giving us such a beautiful stry to read for entirely free???any ways stay safe ??
Thanx for the comment Nd support ??☺️
To All readers: I’m hoping for more comments and recommends…Also thanx for the support and really sorry for the delay in uploading each n every part. Will try to upload every day, atleast every week.??
Stay safe everyone ❤️