” ވަޓް ދަ ހެލް..” ފިނިފެންއެތި މޫނުގައި ޖެހުމާއެކު ފުންމައިގެން ތެދުވި އާރްޔަންގެ ދުލުން ބޭރުވިއެވެ. ކުރިމަތީގައި މަލްދާ ހެވިދިއްލިފައި އިންތަން ފެނުމުން އައިއްސަ ހުރި ރުޅިގަނޑު އައި ނައި ތަނެއް ނޭނގި ގެއްލިއްޖެއެވެ. ” މީ އަދި ފެށުން… ” މިހެން ބުނެލުމަށްފަހު އަނެއްކާވެސް މަލްދާ ތައްޔާރުވާން ދިޔައެވެ. އާރްޔަން ދެފަރާތައް ބޯހޫރުވާލުމަށްފަހު ތެދުވީ ދެންއިތުރަށް ނިދަން ނޯންނަންވެގެންނެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އަނބިމީހާގެ ފަރާތުން މި ލިބުން ހަދިޔާ އާރްޔަން ދުވަހެއްގެ ކޮޅުންވެސް ހަނދާން ނެތޭނެ ކަމެއް ނޭނގެއެވެ.

ދުވަސްތައް އޭގެ ހަލުވިކަމާއެކު ފާއިތު ވަމުންދިޔައެވެ. މަލްދާގެ ފަރާތުން ކޮންމެވެސް ކަހަލަ އުނދަގުލަކާ އާރްޔަން އަށް ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދެއެވެ. އެވަރުންވެސް އާރްޔަން މަލްދާ އާއި ދިމާލަށް އެއްޗެކޭ ބުނާކަށް ނޫޅެއެވެ. މިކަމުގެ ސަބަބުން މަލްދާގެ ރުޅިދަނީ ހައްތަހާ އިތުރު ވަމުންނެވެ. އާރްޔަން އަށް ޖެއްސުމެއް ކޮއްނުލާ މަލްދާގެ ދުވަސް ފުރިހަމަ ނުވާކަހަލައެވެ. މަލްދާގެ އަމަލުތަކުންނަށްވުރެ ބޮޑަށް އާރްޔަން ހިތުގައި ޖެހެނީ ދުލުން ބޭރު ކުރާ ވިހަ ގަދަ ބަސްތަކުންނެވެ. ކިތައްމެ ދެރަވިނަމަވެސް ކެތްކޮއްލައިގެން ހުންނަނީއެވެ. މަންމަމެން ކުރިމަތީގައި ހިނިތުންވެގެން ހުންނަނީ އެމީހުން ހިތުގައި ޖެއްސިޔަ ނުދިނުމަށެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. އާދައިގެ މަތިން މަލްދާ އިނީ ކޮޓަރީގައި ފިލްމެއް އަޅުވާލައިގެންނެވެ. އިރުކޮޅުކޮޅާ ކައިރީގައި ބަހައްޓާފައިން ޗިޕްސް ތަށިން އެތިކޮޅެއް ކާލައެވެ. ބަލަން ހުރީ ބިރުވެރި ފިލްމެއް ކަމުން ހިފަހައްޓައިގެން އިން ބާލީސް ފަހަރެއް ފަހަރަކަށް ވުރެ ގަޔާ ކައިރި ކޮއްލައެވެ. ބިރުވެރި ތަންކޮޅެއް އަންނަ އިރަށް ބާލީހުން މޫނު ފޮރުވާލައެވެ. އޮފީސް ނިންމާލައިފައި އާރްޔަން ގެޔަށް އައީ އެވަގުތުއެވެ. އޭރު ސާރާ ގޭ ދޮރާށި ކައިރީ ހުއްޓިލައިގެން ހުރީ ވާރެއަށް ނަޒަރު ހިންގާލައިގެންނެވެ. އާރްޔަން ވަދެގެނަ އައިތަން ފެނުމުން ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. އާރްޔަންވެސް ސާރާ އާއި ދިމާލަށް ބަލާލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. މިފަހަރު އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އިނުމުގެ ބަދަލުގައި ސާރާގެ ނަޒަރު ގޮސް ހުއްޓުނީ އަލީ އާއި ދިމާލަށެވެ. މިއޮއް ވިއްސާރައިގަ އެކަނިމާ އެކަނި ބާސްކެޓް ބޯޅަ ކުޅެން އަލީއަކީ ކުޑަކުއްޖެއް ނޫން ވިއްޔާއެވެ. ބޯޅަ ބާސްކެޓާ ދިމާލަށް އެއްލާ ކޮންމެފަހަރަކު ބިންމަތީ ޖެހިފަ އަލީ އާއި ދިމާލަށް އާދެއެވެ. މަދުފަހަރަކު ނޫނީ އެ ބޯޅަ ބާސްކެޓް ތެރެއަށް ވަދެއެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އިނުމަށްފަހު ސާރާ ދުއްވައިގަތީ އަލީ އާއި ދިމާލަށެވެ. ދިޔަގޮތަށް ގޮސް އަލީ އަތުގައި އޮތް ބޯޅަ ޖަހައިގަތެވެ. މިކަހަލަ ކަމަކަށް ނުވިސްނާ ހުރި އަލީ ދިޔައީ ސިއްސައިގެންނެވެ. ” މޮޔަވީތަ؟ ސާރާ ބަލިވެދާނެ.. ހިނގާ އެތެރެއަށް..” ސާރާ ފެނުމުން އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު ކަންބޮޑުވީ ކިރިޔާވެސް ވިއްސާރަޔާ ތެމިލާއިރަށް ސާރާއަށް ވާވަރު ހަނދާންވުމުންނެވެ. ސާރާގެ އަތުގައި ހިފާ ގެއާ ދިމާލަށް ގެންދަން ފެށުމުން އެކަން ހުއްޓުވީ ސާރާއެވެ. ” ނޯ..” އަލީ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ސާރާ ބުނެލިއެވެ. ސާރާގެ ދެލޮލަށް ބަލަހައްޓައިގެން އަލީއަށް ހުރެވުނީއެވެ. ވިއްސާރައާއި ތެމިފޯވެފައިވާއިރު ފެންނައިރު އަދި މާ ހިތްގައިމުކަމަށް ދައްކައެވެ. ” ޔޫ ސްޓިލް ކެއާ ފޯމީ…” މަޑުމަޑުން ސާރާ ބުންޏެވެ. ” އައި ނެވަރ ސްޓޮޕްޑް..” އަލީގެ ދުލުން މި ލަފްޒުތައް ނިކުތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. ބުނެވުނު އެއްޗެއް ރޭކާލީ މާފަހުންނެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތީ އިތުރަށް ބޭޒާރުވާން ނޭދޭތީއެވެ. އަލީ ދިޔަ ދިމަލާށް ބަލަހައްޓައިގެން އިން ސާރާއަށް މޫނަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަލީ އަދިވެސް އޭނަ އާއި މެދު ވިސްނާކަން އެނގުމުން ހިތައް ކުރީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި އިހުސާސެކެވެ. އަލީގެ އެކުވެރިކަން އަނބުރާ ހޯދަން ސާރާ ހިތުގައި އަޒުމު ކަނޑައެޅިއެވެ.

” މަންމާ…………………….” ފިލްމަށް ގޮސް ގެއްލިފައި މަލްދާ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އެތެރަށް ވަދެގެން އައި އާރްޔަން ދިޔައީ ސިއްސައިގެންނެވެ.  ” މަގޭ ކަންފަތް…” ދެކަންފަތުގައި އަތް އަޅާލަމުން އެހެން ބުނީ މަލްދާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. ” ބުނަން ވާހަކައެއް … މާ އަނގަ ގަދަ ވެގެން އުޅޭނެ ކަމެއް ނެތް.. މަލް ހަޅޭއްލަވައިގަތީ ބިރަކުން ނޫން.. އެއީ…” ފުއްމައިގެން އެނދުމައްޗަށް ކޮޅަށް އަރާހުރެގެނެ އާރްޔަން އާ ދިމާލަށް ބުންޏެވެ. ” އިނގޭ އެކަން…. ” މިހެން ބުނުމަށް ފަހު އާރްޔަން ފާހަނައަށް ވަނީ ތާޒާ ވެލުމަށެވެ. އާރްޔަން ނިކުއިން އިރުވެސް މަލްދާއަށް ގުޑިލާންވެސް ނުކެރިފައި އެ އިން ގޮތަށް އިނެވެ. އެހާ ބިރުގަންނަ އިރުވެސް ބިރުވެރި ފިލްމް ނުބަލާ ކަމަކު ނުދެއެވެ. މިކަމުގައިވެސް މަލްދާއަށް ކުއްވެރި ކުރެވުނީ އާރްޔަންއެވެ. އާރްޔަން އެގޮތަށް ދޮރު ހުޅުވާނުލިނަމަ އެހާ ބިރެއް ނުގަތީހެވެ. އަތުގައި އޮތް ޗިޕްސް ތަށިން ފަހަރަކު އެތިކޮޅެއް ކަމުން އާރްޔަން އާއި ދިމާލަށް ކުދިކިޔަމުން ދިޔައެވެ. އެހެން ހުއްޓާ ކުއްލިއަކަށް ފާހަނަ ދޮރު ހުޅުވުނު އަޑުއިވުނެވެ. ނޭނގޭ ކަމަށް ހަދާފަ އަތުގައި ޗިޕްސްތަށި އަޅާލީ އާރްޔަންގެ ގަޔަށެވެ. ” އޫޕްސް..” މޫނުމައްޗަށް މައުސޫމު ކަން ގެންނަމުން މަލްދާ ބުނެލިއެވެ. ” އެހެން ވާނީ ބަލައިނުލާ ތަންތަނަށް ވަދެގެ…” މަލްދާގެ ޖުމްލަ ފުރިހަމަ ނުވަނީސް އެނދުމަތިން އަރިއަޅާލިއެވެ. ވެއްޓެން ދިޔަ މަލްދާ ބިރުން ދެލޯ މަރާ ބާރުކޮއްލިއެވެ. މަލްދާއަށް ދެލޯ ހުޅުވާލެވުނީ ބާރުގަދަ ދެއަތުން އެ ހަށިގަނޑު ހިފެހެއްޓީމައެވެ. ދެލޯ ހުޅުވާލިއިރު އާރްޔަންގެ މޫނު އެހާ ކައިރިން ފެނުނީމަ ކުޑަކޮއް ސިހޭގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވާންފެށީ ކުއްލިއަކަށެވެ. އެހެންވާންވީ ސަބަބެއް މަލްދާއަކަށް ނުވިސްނުނެވެ. އަވަހަށް އާރްޔަން އާއި ދުރަށް ޖެހުނެވެ. ” ކިތައް ފަހަރު ބުނާނީ އަތް ނުލާށޭ.. ތިކަހަލަ ފިރެހެނުން ވައްތަރު ދޯ.. ކިރިޔާ ކަމެއް ވާއިރަށް ގަޔަށް އަތްލަން އުޅެނީ.. ބުނަން.. މަލް ގައިގަ އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ..” މަލްދާ ހިތައް އައިހާ އެއްޗެއް ކިޔުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މަލްދާ ކޮޓަރިން ނިކުތުމާއެކުހެން އާރްޔަން ހިފަހައްޓައިގެން އިން ކަރުނަތައް ދޫކޮއްލެވުނެވެ. މަލްދާގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއްވެސް ދިޔައީ އެހިތް ކަފާ ކުދިކުރަމުންނެވެ.މަލްދާގެ ނަޒަރުގައި އޭނައަކީ އެހާ ދަށުދަރަޖައިގެ މީހެއްކަން ހިތައް އަރާ ކޮންމެ ފަހަރަކު އެހިތައް އެތައް އަސަރުތަކެއް ކުރެއެވެ.

އޭގެ ފަހުން އާރްޔަން ބެލީ މަލްދާއާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ. ކޮންމެހެން އަނގައިން ބުނަން ޖެހިއްޖެނަމަ ނޫނީ ނުބުނެއެވެ. ގިނަ ވަގުތު ހޭދަކުރަނީ އޮފީހުގައެވެ. އާރްޔަންގެ މިދުރުކަމުން މަލްދާއަށް ކިތައްމެ އުނދަގޫވިނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. ދުރުގައި ހުންނާށޭވެސް ބުނީ މަލްދާ ވިއްޔާއެވެ. އެވަރުންވެސް ދޭތެރެއަކުން ކޮންމެވެސް ކަހަލަ ޖެއްސުމެއް ކޮއްލައެވެ. މިއަދުވެސް މަލްދާ ބޭނުންވީ އާރްޔަން އަށް ކޮންމެވެސް އުނދަގުލެއް ކޮއްލާށެވެ. އޭރު އާރްޔަން އުޅުނީ އޮފީހަށް ދާން ތައްޔާރުވާން ވެގެންނެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ފެނުމުން މަލްދާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަވަހަށް ދުވެފައި ގޮސް ފާހަނަ އަށް ވަނެވެ. އެތާއިން ބުލޫނި ފުޅި ދެ އަތް ފުރަގަހަށް ލައިގެން ނިކުތެވެ. ރީތިވާ މޭޒުކައިރީ ހުރި އާރްޔަން އަށް މަލްދާ އަންނަ ތަން ފެނުމުން ކޮންމެވެސް ކަމެއް ކުރަން އުޅެނީކަން ނަގައިގަނެވުނެވެ. ބުލޫނި ފުޅި ހިފައިގެން އައިސް އާރްޔަން ގަޔަށް އެ ޖެހުމުގެ ކުރިން އެއްކައިރި ވެވުނީ ހަމަ ކިރިޔާއެވެ. ” ނޯ… މިއުޅެނީ ގަޑި ޖެހޭތީ.. މަލްދާ… ” އާރްޔަން ސަލާމަތްވާން ދުވަމުން ބުންޏެވެ. މަލްދާ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އާރްޔަން ފަހަތުން ބުލޫނި ފުޅީ ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ކޮޓަރި ތެރޭ ދުވެދުވެފައި އުޅުން އިރު އެހާމެ ލޮތްބެވެ. ބަލައިލައިފި މީހަކަށް އެދެމެދުގައިވާ ހަގީގަތް އޮޅޭނެކަން ޔަގީނެވެ. އާރްޔަން އެންމެ ފަހުން އެނދުމައްޗަށް އަރައި ދުވެފައި ގޮސް ކޮޓަރި ދޮރު ހުޅުވާލައިފައި ނިކުތެވެ. މަލްދާވެސް އާރްޔަން ފަހަތުން ދުވެފައި ގޮސް ކޮޓަރިން ނިކުއިން ގޮތައް ބުލޫނި ފުޅި ފިއްތާލިއެވެ. މަލްދާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީގައި އާރްޔަންގެ ބަދަލުގައި އާރްޔަންގެ ބައްޕަ ހުރުމުންނެވެ. އަދި ހުރިހާ ބުލޫނިތަކެއް ބުރައިގެން ދިޔައީ އާރްޔަންގެ ބައްޕަގެ މޫނުމައްޗަށެވެ. ދެލޯބޮޑުކޮއްލުމަށްފަހު އަނގަ ތަންމިނަށް ހުޅުވައިގެން މަލްދާ އަށް އެއްފަހަރު ނަޝީދުގެ މޫނަށް އަދި އަނެއްފަހަރު އާރްޔަންގެ މޫނަށް ބަލައިލިއެވެ. މި މަންޒަރު ބަލަހައްޓައިގެން ހުރި އާރްޔަންގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހުރީ ހަމަކިރިޔާއެވެ. ދެފަހަރު ދެމީހުންގެ މޫނަށް ބަލާލުމަށްފަހު ނަޝީދު އޭނަގެ ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަތެވެ. އެއާއެކު އާރްޔަން ގެ ހިނިގަނޑު ފަޅައިގެނދިޔައެވެ. އާރްޔަން ހޭތަން ފެނުމުން މަލްދާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އާރްޔަން ގައިގައި ޖަހަން މަޅާލި އަތުން ރެކިގެން އާރްޔަން ދުއްވައިގަތެވެ. މި މަންޒަރު ބަލަން ދުރުގައި ހެވިދިއްލިފަ ނަޝީދު ހުއްޓެވެ. ހުރިހަމައެކަނި ދަރިފުޅު އުފާވެރި ދިރިއުޅުމެއް އުޅޭތައް ފެންނަ ކޮންމެ ބައްޕަޔަކުވެސް އުފާވާނެއެވެ.

ދުވަހުގެ އަނެއްބައި ހޭދަވެގެން ދިޔައީ މަލްދާ ހީނުކުރާހާ ލަސްކޮންނެވެ. އާރްޔަން ގޭގައި ނޫޅޭތީ މިހާރު މަލްދާ ފޫހިވާލެއް އަވަހެވެ. ސާރާވެސް އެއްގެއްގަ އުޅުނެކޭ ކިޔާފަ އަބަދު ފެންނަނީ އަލީ ފަހަތުން އުޅޭތީއެވެ. މަލްދާ އާއި ވާހަކަ ދައްކާލަންވެސް ހަނދާން ނުހުންނަނީއޭ މަލްދާގެ ހިތައް އެރިއެވެ. ސާރާ އާއި އަލީ އާ އެކީގައި ވަރަށް ގުޅެއޭ މަލްދާގެ ހިތައް އެރުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަވަހަށް ސާރާ އާއި ދިމާކޮއްލާނަމޭ ހިތާ ސާރާ ހޯދަން ދުއްވައިގަތެވެ.

” އެހެމް އެހެމް…” ސާރާ ކޮޓަރިއަށް ބޯދިއްކޮއްލުމަށްފަހު މަލްދާ ގޮވާލިއެވެ. ” ކިހިނެތްވީ..” މަލްދާ ފެނުމުން ސާރާ ފެނުމުން ސުވާލު ކޮއްލިއެވެ. “ބަލަ.. މަލް އަންނަން ޖެހެނީ ކަމަކުތަ؟ އަލީ ކައިރިއަށް ނުދެވިގެން ދޯ ލަސްވެގެން ތިއުޅެނީ؟…” ފުރަތަމައިނުންވެސް މަލްދާ އަލީގެ ވާހަކަ ފެށިއެވެ. ” މަލް….” ސާރާ އަށް ދެލޯ ބޮޑުކޮއްލަމުން ގޮވާލެވުނެވެ. އެއަށްފަހު ހީހީފަ ދެ އެކުވެރިން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. ސާރާ ކިތައްމެ މަނާ ކުރިނަމަވެސް މަލްދާ އަލީ އޭ ކިޔައިގެން ސާރާ އާއި ވަރަށް ދިމާކުރިއެވެ.

ނުނިމޭ

10

1 Comment

  1. Maash

    November 20, 2020 at 12:58 pm

    Varah reethi Maasha Allah 🙂🙂😘

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!