މަ މުއްސަނދިވާގޮތް ނުބުންޏަސް އެނގެއެއްނު… މިހާރު މިކޮޅުގަ ހުންނާނެ އަހަރެންގެ މިލްކިއްޔާތުގަ އެއްގެއާ އިހަކަށް ދުވަހު ބޮޑު ކޮމްޕެނީއެއްވެސް ގަނެ ލައިގެން މިއުޅެނީ އެތަނުގެ ދަށުންވެސް ހިންގާ ފަސް ފިހާރައާ ދެ ކްލަބު އެބަހުރި… ފަސް ފިހާރައަށް ވުރެ ގިނަ އެއްޗެއް ލިބޭ ކްލަބުން…އެއްފަހަރާ މުއްސަނދިވެގެން މިހުރީ… ދެން އަމްނާގެވެސް ތަކެތި އެބަހުރި މިކޮޅުގަ…” އަހަރެން ވަރަށް ފޮނިވެލާފައި ބުނީމެވެ.

**************************************************

” ސަމީރު މިއަދު ތިއިން ފައިދާއެއްކޮށްފާނެ…އަހަރެންގެ އެކުވެރިޔަކަށްވީތީ އަދިވެސް އާދޭސް ކުރަން ތިތިބަ ކަންތަކުން ދުރުވެ ﷲއަށް ތައުބާވޭ…އަހަރެން ވަރަށް ބިރު އެބަގެނޭ.. ސަމީރު ތިގޮތުގައި ހުއްޓާ އަހަރެމެންނާ ވަކިވެގެން ހިނގައިދާނެތީ…” އުމައިރު ވާހަކަ ދައްކަން ހުއްޓާ ފެނުނީ ކުރިމަތީގައި އަމްނާ ހުއްޓައެވެ. އޭރު އަމްނާ ހުރީ މުޅިން ހަމަޔަކު ނޫނެވެ. ނަމަވެސް ޖެހިޖެހި ހުއްޓަސް އަމްނާއަށް ވާނުވާ އެނގެއެވެ. ” ކަލޭ މިހާރު އަހަންނަށް ވަގަށްވެސް ކަންތައް ކުރަން ފެށީ ދޯ؟.. ކަލެއަށް ތި ހުރިހާ ވާހަކައެއް އަހަރެން ކައިރީ ނުބުނެވުނީ ކީއްވެ… އަހަރެންނަށް ބައެއް ދޭން ޖެހިދާނެތީ ދޯ؟.. ކަލެއަށް ލިބޭ އެއްޗެއްގެ އެއްބައި އަހަރެންނަށް ވެސް ދޭން ޖެހޭނެ… ކަލެއަށް މިހިސާބަށް އާދެވުނީވެސް އަހަރެން މަސައްކަތް ކޮށްދީގެން…” އަމްނާ ހުއްޓުމެއްނެތި ކިޔަމުން ދިޔައެވެ. ” އަހަރެން ނުޖެހޭނެ ކަލެއަށް ދޭކަށް…ކަލޭގެ އެއްޗެހިން މައެބަދަންތަ ބައި އަޅަން…އެކަށްޗެއްވެސް ނުދޭނަން…ނުވެސް ލިބޭނެ..” އަހަރެންވެސް ދުލެއް ނުކުރީމެވެ. އަހަރެމެން މަގުގެ މެދުގައި ތިބެގެން ލަވަމުން ދިޔަ ހަޅޭކުގެ އަޑަށް މުޅި އެހިސާބުގައި ތިބި މީހުން ޖަމާވިއެވެ. އުމައިރުވެސް މިހުރިހާ މަންޒަރެއް ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ފަހުން އަހަރެން ދޫނުކުރުމުން..އަމްނާ އަހަރެންނަށް ހަޑި މުޑުދާރު ދުލަށް އައިހާ އެއްޗެއް ގޮވަން ފެށިއެވެ. ” ކަލޭ ނާންނާތި މަފަހަތުން..ކަލޭ ވަންނާނެ ތަން ހުއްޓާ މަފަހަތުން އަންނާނެ ކަމެއްނެތް… މަށަށް މަގޭ އެކުވެރިންނާއެކުވެސް މަޖަލުގަ އުޅެވިދާނެ..ކަލޭ ނެތަސް މަށަށް ހެޔޮ… ދެން ތިއިނީއެއްނު ކަލެއަށް ތަޤުރީރު ދޭ މީހާ…އޭނާ ކަލެއަށް ވަރަށް ރަގަޅު ތަޤުރީރު ދޭނެ…އޭނާއަށް އެނގޭނެ މަރު އަންނަ އިރެއްވެސް.. ދެން ބުނޭ ކަލޭ ތިދަނީ މަރުވާށޭ… ކަލޭ ތިދަނީ ނަރަކައަށޭ…އެނގެއެއްނު އަވަހަށް ބުނޭ…” އުމައިރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބާރު ހިގުމެއްގައި އަމްނާ ގޮސް ކާރަށް އެރިއެވެ. ހަމަ އެހާބާރުމިނުގައި ކާރު ސްޓާޓްކޮށް ދުއްވައިލައިފިއެވެ. އަމްނާއަށް ދެވުނީ ތަންކޮޅަކަށެވެ. ކުރިމަތިންއައި ލޮރީގައި އަމްނާގެ ކާރު ޖެހުނު ބާރުކަމުން ކުރީބައިގެ ލޯގަނޑު ފުނޑާލައިފައި އަމްނާ އަރައިގެން ގޮސް ލޮރީގެ ކުރިމަތީ ބިއްލޫރިގަނޑު ތަޅައިގެންގޮސް އަމްނާ ޖެހުނީ އެލޮރީގެ ތެރޭގައެވެ. އޭރު ބާރު ސްޕީޑްގައި ދެކޮޅުން އައި ދޭތިކަމުން ދޭތިވެސް ފޮރޮޅާލީއެވެ. އަމްނާގެ ކާރު ޖެހުނު ބާރު މިނުގައި އައީ އަނެއްކޮޅަށް ބުރުއަޅަމުން އައިސް އަރިއަޅައިލީއެވެ. ކާރު އޮތީ ފަށްފަށްވެ ކާރުގައި އަލިފާން ރޯވިއެވެ.

ލޮރީއިންވެސް ވަރަށް ގަދަޔަށް ދުންއަރަމުން ދިޔައެވެ. ދޭތީގައި ތިބި މީހުންކުރެ އެއްބައެއްވެސް ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނީ ގަނޑުވެފައެވެ. އަހަރެން ސިކުނޑިން ދެންމެ އަމްނާ އުމައިރުއާ ދިމާލަށް ބުނިބަސް ބޭރެއް ނުކުރެވުނެވެ. ޖަހާ ހޮނުގުގުރިއެއްހެން އެއްއިރަށްވުރެ އަނެއް އިރު ބާރުކޮށް އިވެމުން ދިޔައެވެ. ކައިރީގަ ތިބި ތަންތަނުން ގުޅަންޖެހޭ ތަންތަނަށް ގުޅައިގެން އަޑުފަށްގަނޑު ޖަހާލައިފައި އަންނަ ދުއްވާ އެއްޗިހިތަކާ ފެންލޮރީތަކުން އެސަރަހައްދު ފުރާލައިފިއެވެ. ހޮސްޕިޓަލެއްގެ ފަރާތުން އައި އެއްޗަކަށް ލަސްކުރުމެއްނެތި ފުރޮޅާލައިފައި އޮތް ލޮރީގައި ތިބި މީހުންތައް ނިކުންވާގެން އަރުވަމުން ގެންދިޔައެވެ. އަމްނާވެސް އޭގެ ތެރެއިން ނިކުންވި ތަން އަހަރެންގެ ލޮލުން ދެކުނީމެވެ. އެއީ އަމްނާކަންވެސް ވަކިވަނީ ލާގެން ހުރި ހެދުމުން އެކަންޏެވެ. އަހަރެންނަށް ހޭވެރިކަމެއް ލިބުނީ އުމައިރު އައިސް އަހަރެންނަށް ގޮވަން ފެށުމުންނެވެ. އަހަރެން ދުވެލާފައި ގޮސް އަމްނާ އެރުވި ވެހިކަލަށް އެރީމެވެ. ބާރު ސްޕީޑްގައި އެލާމް އަޅާފައި އަހަރެމެން ތިބި އެތި ހޮސްޕިޓަލާ ދިމާލަށް ދުއްވިއެވެ. އޭގައި ތިބި ނަރުހުންތައް ގޮތް ހުސްވެފައި ބަލަހައްޓައިގެން ތިބި ގޮތުން އުންމީދު ކަނޑާލީއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ހޮސްޕިޓަލާ ހަމައަށް ފޯރުނީ ބައިގަޑިއިރުގެ ދަތުރަކަށް ފަހުއެވެ. ހޮސްޕިޓަލުގެ އެމެޖެންސީ ފަރުވާ ދޭތަނަކަށް އަމްނާމެން ވެއްދުނެވެ. ނަމަވެސް އިރުކޮޅެއްފަހުން އާއިލާ މީހަކު ހުރިތޯބަލަން އެތަނުން އެކަކު ނިކުތެވެ. އަދި ލިބުނު ޚަބަރުން އަހަރެންގެ ދުނިޔެ އެނބުރެން ފެށިއެވެ.

އަހަރެންނަށް ނޭނގުނަސް މީ މާތްﷲ އަހަރެންގެ ލޮލުކުރިމަތީ އެކަލާނގެ ކުޅަދުންވަންތަކަން ކޮންމެ ކަމަކަށްވެސް ވާކަން ދެއްކި ހެކިތަކުގެ ތެރެއިން ހެއްކެކެވެ. މިކަމުންވެސް އަހަރެންނަށް އިބްރަތެއް ލިބޭތޯއެވެ. އެއީ މިދުނިޔެ މަތީ އަހަރެން ހުރިހާ ކަމެއް ދޫކޮށް އެއިންސާނާއަށްޓަކައި އަހަރެން އެނބުރުނު އިންސާނާއެވެ. ދެން އެއިންސާނާ އަހަރެންނާއެކީ އުޅުމަށް އަނބުރާ އަންނާނެ ހެއްޔެވެ. އުމައިރު ބުނިހެން އަނބުރާ ތައުބާ ވުމަށް ފުރުސަތެއް ލިބޭނެހެއްޔެވެ. ދުނިޔޭގައި އުޅުމަށްޓަކައި އެކަލާނގެ އަހަރެމެންނަށް ދެއްވެވީ މަދު ދުވަސްތަކެއް ހެއްޔެވެ. ދުނިޔޭގައި ލެއްވިހައި ނުބައި ކަމެއްގައި ވަގުތު ހޭދަކޮށްކޮށް އެންމެ ފަހުވަގުތުވެސް ނިމިގެން ދިޔައީ އެފަދަ ހާލެއްގައި ދީނުން ބޭރުވެފައި ހުއްޓައެވެ. އެކި އެކި ހިޔާލުތައް ސިނކުޑިއަށް ވެރިވަމުން ދިޔައެވެ. މަންމައާ ބައްޕަ އަހަރެންނަށް ދިންހާ ނަސޭޙަތްތައްވެސް ސިކުނޑީގެ ކަނަކުން ގޮވަން ފެށިއެވެ. އެކުވެރިން ދިންހާ ނަސޭޙަތްތައް އަނެއްފަރާތުން ގޮވަން ފެށިއެވެ. ހަސަންބެ ބުނިހާ ބަސްތައް އަނެއްފަރާތުން ގޮވަން ފެށިއެވެ. އަމްނާގެ އެންމެ ފަހުވަގުތުގެ ވަކިވެދިޔުންވެސް މުޅި ސިކުނޑީގައި ހަރުލައިފައި ހުއްޓެވެ. މިހުރިހާ ކަމެއްގެ ސަބަބުން މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ.

ހޮސްޕިޓަލުގެ ފަރާތުން އަމްނާގެ ހަށިގަނޑަށް ހަދަންވީ ކިހިނެއްތޯ ސުވާލުކުރިއެވެ. ނަމަވެސް އަހަރެން ދޭނީ ކޮން ޖަވާބެއްހެއްޔެވެ. އަމްނާގެ ހަށިގަނޑު މުސްލިމެއްގެ ހައިސިއްޔަތަކުން ވަޅުނުލެވޭނެކަން އަހަރެންނަށް ޔަގީނެވެ. އަމްނާ ވަކިވެގެން ދިޔައީ އެފަދަ ގޮތަކަށް ނޫނެވެ. އަމްނާގެ ޖަނާޒާގައި އަހަރެންގެ އެކުވެރިޔާވެސް ކައިރީގައި ލޮލުން ކަރުނަ އޮހޮރޭ ހާލު ހުއްޓެވެ. އެމަސައްކަތުގައި އުޅުނު އެންމެން އެތަނުން ދިޔުމުން އުމައިރު އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. ” ސަމީރު މީ ދުނިޔޭގައި އުޅޭ އެންމެނަށްވެސް ކުރި މަތިވާނެ ކަމެއް…މަރަކީ އެންމެންވެސް އެއާ ކުރިމަތިލާން ޖެހޭނެ ކަމެއް… ފިލަން ދުވިޔަސް އެމީހަކު އޮތްތަނަކުން ހޯދައިގެންވެސް އެކަން ކުރާނެ… ސަމީރުގެ ދުވަސްވެސް ފަހަރެއްގަ ދާނީ މަށަށް ވުރެން ކުރިން ނުވަތަ ފަހުން ކަމެއްވެސް ނޭނގެ.. އިސްލާހުވާން ލިބުނު ފުރުސަތެއްކަމަށް ބަލާ ތައުބާވޭ… މިދުނިޔޭގެ ނިމިދިޔުން ރަގަޅުކުރޭ…” އުމައިރު އަހަރެންނަށް ނަސޭޙަތް ދިނެވެ. މިއަދު އަހަރެން މިވަނީ އުމައިރު ބުނާ އެއްޗަކަށް ޖަދަލު ކުރުމަށް ވުރެން ބަލިކަށިވެފައެވެ. އުމައިރު ދައްކަމުން އައި ވާހަކައަށް އަހަރެންނަށް ޖަދަލު ކުރެވޭނީވެސް ކިހިނަކުން ކޮންގޮތަކަށް ހެއްޔެވެ. އަހަރެން ލޮލު ކުރިމަތިން އަދިވެސް ފެންނަމުން މިދަނީ އެ ޙަޤީގަތެވެ. އަހަރެން ދުނިޔޭގައި ހުއްޓަސް އަހަރެންނަށް ސުވަރުގެ ލިބުން އޮންނާނީ މައިމީހާގެ ފައިތިލަދަށުންނެވެ. އަހަރެން އެފައިތިލަދަށުން ދެވޭނީވެސް އެމައިމީހާއަށް ހެޔޮވެގެންނެވެ. ނަމަވެސް އަހަރެން މިތަނަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިންވެސް އަހަރެން އައީ އަހަރެންގެ ނިމިދިޔަ ލޯތްބަށްޓަކައި ފިދާވުމަށްޓަކައި އަހަރެންގެ މައިންބަފައިންގެ ހިތުގައި ޖައްސަމުންނެވެ. ނުވިތާކަށް މިހާ ދުވަސްވިއިރު އެންމެ ފަހަރަކުވެސް އެމީހުން ދުނިޔެ ތިބިތޯވެސް ބަލައެއް ނުލަމެވެ.

” އުމައިރު މަގޭ މަންމަ އަދިވެސް ގޭގައި އުޅޭތަ؟..” އަހަރެން ކުއްލިއަކަށް ކުރި ސުވާލުން އުމައިރު ހިމޭންވިއެވެ. ” ތިއެއް ބަލަން ޖެހޭނީ…އަހަރެންވެސް މިހާރު މިތާ އުޅޭތާ އެތައް އަހަރެއް މިވަނީ.. ސަމީރު ރަށަށް ދެވުނު އިރަކުން އެމަންމަ އުޅޭތޯ ބަލާތި… އެމަންމަ ސަމީރުއަށްޓަކައި ކަރުނަ އަޅާ ރުޔަސް އެމަންމަގެ ހިތް އަބަދުވެސް ސަމީރުއަށް ހެޔޮ ދުޢާކުރާނެކަން ޔަޤީން… މިހާރުވެސް ދުނިޔޭގައި ހުއްޓަސް އަދި ނެތަސް ކުރާނެކަން ޔަގީން…” އުމައިރު ބުންޏެވެ. އަހަރެން ކުއްލިއަކަށް ރަށަށް ދާން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ މައިންބަފައިން ދުނިޔޭގައ ތިބޭނެ ކަމާމެދު އަހަރެންގެ ޔަގީންކަމެއްނެތެވެ. އަހަރެން މިކޮޅަށް އައިރު ބައްޕަ އޮތީ ބަލިއެނދުގައި ތަންމަތީގައެވެ. އަހަރެންގެ އެހީއަކަށް އެދިއެދި އާދޭސްކޮށްކޮށެވެ. މަންމަ ހިނގާ އުޅުނަސް މުސްކުޅިވެ އޭރުވެސް ވަނީ ގައިބާރު ދެރަވެ އެހާ ބަލިއެވެ.

އުމައިރު ކާރީ ދަނީ ކަމުގައި ބުނެ ފަހު ފަހަރަށް އަމްނާ ވަޅުލި ތަނަށް ބަލައިލެވުނެވެ. އަހަރެންނަށް މިހާރުވެސް އިހުސާސްވަނީ ހޫނުކަމެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ހިތުގައި އުފެދުނު ބިރުވެރި ތޫފާނުންކަމަށްވެސް ވެދާނެއެވެ. މިހުރިހާ ދުވަހު ނުވިސްނި ޣާފިލުވެފައިވާ އެތައް ކަމެއް އަހަރެން ސިކުނޑީގެ ކަނަކުން ކޮއްޓަމުން ދިޔައެވެ. ބާރުބާރަށް އެތަނުން ނިކުމެގެން ގޮސް މަގުން އައިޓެކްސީއެއް މަޑުކޮށް އެއަށް އެރީމެވެ. އަހަރެންގޮސް ވަނީ އަހަރެންނާއި އަމްނާ އުޅެމުން ދިޔަ ގެއަށެވެ.  ގެއެކޭ ބުންޏަސް އެތަން ސިފަވެގެންދަނީ ޝަޙުވަތުގެ ޙާއްޔެއްގެ ގޮތުގައެވެ. މިއުޒިކު ސާމާނާ މަސްތުވުމަށް ބޭނުންކުރާ ތަފާތު އެއްޗިހިތަކެވެ. މުޅި ތަނުގަ ނާމާން ކަމާ ބިރުވެރިކަމެވެ. އަހަރެން ތަން ހުރިގޮތަކަށް ބަހައްޓާފައި އަހަރެންގެ އަންނައުނުތައް ނަގާ ފޮއްޓަށް އަޅަން ފެށީމެވެ. އަހަރެންނަށް ބައެއްފަހަރު ހީވަނީ އަމްނާގެ ސޫރަވެސް އަހަރެންގެ ކުރިމަތިންވެސް ފެންނަހެންނެވެ. ފޮއްޓަށް އެޅުނީ ކޯއްޗެއްކަމެއް  އަދި އެޅުނު އެއްޗެހި ހަމަތޯވެސް ނުބަލާ ފޮށި ލައްޕައިލައިގެން އަހަރެން ނިކުތީމެވެ. އެއަށްފަހު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިއޮތް އަހަރެންގެ ކާރަށް އަރައިގެން އަހަރެންގެ ގެ ހުންނަ ސަރަހައްދަށް ދުއްވައިލީމެވެ. ބާރަށް ދުއްވާކަށްވެސް ނުކެރުނެވެ. އެފަދަ ކަމެއް މެދުވެރިވެދާނެހެން ހީވަނީއެވެ. މީހާގައިގައި އަޅަމުން ދިޔަ ތުރުތުރަށް މަޑުކަމެއް ނާދެއެވެ. ބައެއްފަހަރު ހީވާކަހަލައެވެ. ބޭނުން ކުރަމުން އައިއެއްޗިހީގެ އަސަރު ކެނޑިފައި ހުރުމުން ވާގޮތެހެންވެސް..ނަމަވެސް އަހަރެންނަށް މިވަނީ އެފަދަ ކަމެއް ނޫންކަން އަހަރެންނަށް ޔަގީނެވެއެވެ.

( ނުނިމޭ )

38

1 Comment

  1. thiththaa

    November 22, 2020 at 2:53 pm

    Masha allah Varah reethi mivaahaka cant wait foe next ep

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!