ހިތި ނިމުން 18
އަހަރެން ތަން ހުރިގޮތަކަށް ބަހައްޓާފައި އަހަރެންގެ އަންނައުނުތައް ނަގާ ފޮއްޓަށް އަޅަން ފެށީމެވެ. އަހަރެންނަށް ބައެއްފަހަރު ހީވަނީ އަމްނާގެ ސޫރަވެސް އަހަރެންގެ ކުރިމަތިންވެސް ފެންނަހެންނެވެ. ފޮއްޓަށް އެޅުނީ ކޯއްޗެއްކަމެއް އަދި އަދި އެޅުނު އެއްޗެހި ހަމަތޯވެސް ނުބަލާ ފޮށި ލައްޕައިލައިގެން އަހަރެން ނިކުތީމެވެ. އެއަށްފަހު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިއޮތް އަހަރެންގެ ކާރަށް އަރައިގެން އަހަރެންގެ ގެ ހުންނަ ސަރަހައްދަށް ދުއްވައިލީމެވެ. ބާރަށް ދުއްވާކަށްވެސް ނުކެރުނެވެ. އެފަދަ ކަމެއް މެދުވެރިވެދާނެހެން ހީވަނީއެވެ. މީހާގައިގައި އަޅަމުން ދިޔަ ތުރުތުރަށް މަޑުކަމެއް ނާދެއެވެ. ބައެއްފަހަރު ހީވާކަހަލައެވެ. ބޭނުން ކުރަމުން އައިއެއްޗިހީގެ އަސަރު ކެނޑިފައި ހުރުމުން ވާގޮތެހެންވެސް..ނަމަވެސް އަހަރެންނަށް މިވަނީ އެފަދަ ކަމެއް ނޫންކަން އަހަރެންނަށް ޔަގީނެވެއެވެ.
******************************************
ކާރު މަޑުކޮށްލުމަށްފަހު ޑިކީއަށްލި ފޮށި ނަގައިގެން އަވަހަށް އައިސް އެތެރެއަށް ވަނީމެވެ. ފެންވަރާލަންވެސް ވަންނާކަށް އަހަރެންނަކަށް ނުކެރުނެވެ. މަޑުމަޑުން އެނދުގައި އޮށޯވެލީމެވެ. ” ކަލޭ ހިތުން ސަލާމަތްވާނެ ކަމަށް ދޯ އަވަހަށް ކަލޭގެ އެއްޗިހި ހިފައިގެން ތި ނިކުތީ… ހިލާ ކަލެއަށް ތިކަމެއްނުވާނެ… އަހަރެން ނޫން ކަލޭ ތިމަޅީގަ ޖެއްސީ…ކަލެއަށް މާކުރިންވެސް އެނގޭ… ޝައިތާނާ ހުންނަނީ ހުރިހާ ތަނެއް ފަސާދަ ކުރަންކަން…ކަލޭ އެހީ އަހަރެންގެ އަޑެއް ނޫން…ޝައިތާނާގެ އަޑު… ކަލޭ ހިތުން ކާކު ހޯދަން ރަށަށް ދާން ތިއުޅެނީ…ވަޅުލައިފަ ތިބި ކަށިތަކަކާ ބައްދަލުކުރަންދޯ… ކަލެއަށް ދެން ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.. ކަލޭ ބޯމޮޑެލަދޭން އެމީހުނެއް ނާންނާނެ…ކަލޭ ބަލިވިޔަސް ބަލާ ދޭކަށްވެސް ނާންނާނެ…ތިހުރިހާ އެއްޗެއް ހަނދާން ކުރުމުގެ ބޭނުމެއްނެތް…ކަލެއަށް އޮތީ އަހަރެންނާއެކު މިތަނަށް އައުން…ލަސްނުކޮށް އަވަހަށް އާދޭ…މަށާއެކީ މަޖާކޮށްލަން…” އަހަރެންނަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެނދުގައި ޖައްސައިލުމުން ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން ލޮލަކަށް ޖެހުނީއެވެ.
އަމްނާ ބުނިހެން އަހަރެންގެ މައިންބަފައިން މަރުވެދާނެ ހެއްޔެވެ. ނޫނެކެވެ. އެމީހުން އަދި މުސްކުޅިހާލުވެސް ދުނިޔޭގައި ތިބޭނެއެވެ. އަހަރެންނަށް އަދި ރަށަށް ދެވޭކަށްވެސް ނެތެވެ. ފަހުން ހޯދި ކޮމްޕެނީކަންތައްވެސް މުޅިން ހަމައަކަށް އަޅުވާފައި ނޫނީ ނުދެވޭނެއެވެ. އަހަރެންނަށް މިހާރުވެސް ކުރަން މިއުޅޭ ކަންތައް ނޭނގެނީހެއްޔެވެ. ފެންވަރައިލައިގެން ނުކުމެ އަވަހަށް ތައްޔާރުވުމަށް ޑްރެސިންގ ޓޭބަލް ކައިރިއަށް ދިޔައީމެވެ. ” ކަލޭ ހިތުން މަށަށް ނާންގާ ތިތަން ހޯދައިގެން އުޅެވޭނެތަ؟.. ނޫޅެވޭނެ..އުޅެވުނަކަ ނުވެސް ދޭނަން.. ކަލެއަށް ތިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.. ނުވެސް ލިބޭނެ.. ލިބުނަކަ ނުވެސް ދޭނަން..” ލޯގަނޑުންވެސް އަހަރެންނަށް ފެންނަމުން ދަނީ އަމްނާއެވެ. އަމްނާ އަހަރެންނަށް ޖެއްސުން ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އޭނައަށް ދެރައަކަށް އެދި އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. އޭނަ ބުނިނަމަ ބުނި ހުރިހާކަމެއްވެސް ކޮށްދެވޭތޯ އަހަރެން އައީ މަސައްކަތް ކުރަމުންނެވެ. ” ކަލޭ އަހަރެން ބޭނުންވި ކަންތައް ކޮށްދިނީ ތިތަނުގެ އުފަލަށް އެކަނި…އެހެންކަމެއް ކަލެއަށް މަށަށް ކޮށްނުދެވުނު…ކަލޭވެސް ޖެހޭނީ މަށާއެއްތާކު ވާން..” އަމްނާ ބުނަމުން ދިޔައެވެ.
ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކިދޭއަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބޯކަހަން ނަގައިގެން ހުރި ފުނާވެސް އަހަރެންގެ އަތުން ވެއްޓުނެވެ. އަހަރެން ފުނާ ނަގައިގެން އެނބުރި ލޯގަނޑަށް ބަލައިލިއިރު އަމްނާއެއް ނެތެވެ. ހޭލާ ހުރެގެންވެސް ހުވަފެން ފެންނަން ފެށީހެއްޔެވެ. އަނެއްކާވެސް ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. އަހަރެން އައިސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ އުމައިރުއެވެ. ” ކިހިނެއްވީ؟.. ކަމަކުތަ؟..” އަހަރެންނަށް އަހާލެވުނެވެ. ” ” ކަމަކުއެއްނޫން..އަހަރެންގެ ރަޙުމަތްތެރިޔާގެ ޙާލު އޮޅުންފިލުވާހިތުން ނުހުރެވިގެން މިއައީ..” އުމައިރުބުންޏެވެ. އަހަރެން އެމީހުން ދޫކޮށްފައި އައުމުންވެސް އެމީހުން އަހަރެން ދޫކޮށެއްނުލައެވެ. ” އަހަރެންމީ އުމައިރުމެން ކަހަލަ މީހެއްނޫން.. އުމައިރު އަހަރެންނާ ވާހަކަ ދައްކަންޏާ އަހަރެން ކަހަލަ މީހަކަށް ވެދާނެ…އަހަރެންނާ ދުރުން އުޅެވޭތޯ ބަލާ..” އަހަރެން ބުނެލީމެވެ. ” އަހަރެމެން ސަމީރުއާ އެއްދުވަހަކުވެސް ދުރެއް ނުވަން… ސަމީރު އަހަރެމެންގެ ބަސްގަބޫލު ނުކުރުމުން އަހަރެމެނަށް އިތުރު ގޮތެއް ނެތުނީ…ތިގެއަށް ބައްދަލުވާން ދިޔަޔަސް ސަމީރުއާ ދިމަލެއް ނުވޭ… ފެންނަ ކޮންމެ އިރަކުވެސް އުޅެމުން އައީ އަމްނާއާ އެއްކޮށް…ނަޞޭޙަތުގެ ގޮތުންވެސް އަހަރެމެންނަށް ސަމީރުއާ ބަހެއް ކިޔައެއް ނުލެވޭ… ސަމީރުގެ ހުރިހާ ބާރެއް އޮތީ އަމްނާގެ މުށުގެ ތެރޭ..” އުމައިރު ދައްކަމުން އައީ ދޮގުވާހަކައެއްނޫނެވެ. އަހަރެން މަގުން ކައްސައިލަ ނުދިނުމަށްޓަކައި އަހަރެންނަށް ހެޔޮއެދޭނަމަ އެދޭ ހުރިހާފަރާތަކުން މަސައްކަތް ކުރިއެވެ. އޭރު އެކަން އަހަރެންގެ ސިނކުޑިއަށް ނުވިސްނުނީއެވެ.
” މިހާރު ސަމީރުއަށް ތިހުރެވުނީ އެކަމުންވެސް ސަލާމަށްވެފަ…ތިކަމުން ދުރުވާން ވެއްޖެއެއްނު…އަލުން އިސްލާމްވެ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދާން ސަމީރުއަށް އަނެއްކާވެސް ފުރުސަތު މިލިބުނީ…ސަމީރު މީ ވަގުތީ ދުނިޔެއެއެއް.. މިތަނަށް އަހަރެމެން އައީ ވަގުތީ އިމްތިހާނަކަށް… މި ކުރުމުއްދަތުގައި ދެވޭ އިމްތިހާނުން ފާސްވެއްޖެނަމަ، އަހަރެމެން ދާއިމީ އާލަމަށް ގޮސް އުޅޭނީ ހާދަ އުފަލުގައޭ… އެދުވަހުންވެސް އަހަރެމެންމީ ކުޑައިރު އެއްކޮށް އުޅުނު ފަދަ އެކުވެރިން ގޮތުގައިވެސް އުޅެވޭނެ..” އުމައިރު ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނަ ބުނާ އެއްޗަކަށް ރައްދު ދިނުމަކަށް އަހަރެންގެ ދޫ ހަރަކާތެއް ނުކުރެއެވެ. އަމްނާ މިވަގުތުވެސް ހުރިނަމަ އެހުރިހާ އެއްޗަކަށް ޖަވާބުދޭނެއެވެ. ” އަހަރެން މިއުޅެނީ އަނެއްކާވެސް ރަށަށް ބަދަލުވާން… ރަށުގައި ދުވަސްކޮޅެއް ކޮށްފަ ޒީނާގެ ރަށަށް ދާން މިއުޅެނީ..” އުމައިރު ބުންޏެވެ. ” ދާން ގަސްތުކޮށްގެން މިހުރީ..އެކަމަކު އަދި މިކޮޅު ކަންތައްތައް ވަކިގޮތަކަށް ހަމަޖައްސައިފައެއްނު ދެވޭނީ..” އަހެރެން ބުނީމެވެ. ” ސަމީރުއަށް ތިތަން ދޫކޮށްލައިފައި ނުދެވޭނެތަ؟.. މިހެން މިބުނީ އަދި ތިއުޅުން ދޫކޮށްލަން ނުވިސްނަނީ ހެއްޔޭ؟.. ދެން ފިހާރަތައް އޯކޭ…އެކަމަކު އެހިންގާ ﷲޙަރާމް ކުރެއްވިތަކެތި ވިއްކާ ފާޙިޝްއަމްލް ކޮށް ހަދާ ތަންތަނުގެ ވާހަކަ… އަދި ސަމީރުއަށް ތިކަން ފެށުނީވެސް ޙަލާލްގޮތުގަ ހޯދައިފައި ހުރި އެއްޗަކުން ނޫންވީމަ…ރަށަށް ގޮސް މުއްސަނދިވާވަރަށް ފައިސާ ނުލިބުނަސް.. ސަމީރުގެ ދިރިއުޅުން ކޮޅަށް ޖެހޭވަރުގެ އެއްޗެއް ލިބިދާނެއެއްނު..” އުމައިރު ބުންޏެވެ. ” ދެން ތިކަމާ ވިސްނާނަން.. އަދި މިތަން ދޫކޮށްފަ ދާކަށް ވިސްނާފަކާއެއް ނެތިން..” އަހަރެން ބުނީމެވެ. ދެމީހުން އެއްކޮށް ގެއިން ނިކުތީމެވެ. އުމައިރު ދިޔުމުން އަހަރެން ގޮސް އަހަރެންގެ ކާރަށް އެރީމެވެ. ކޮމްޕެނީގެ މައި އޮފީސް ހުންނަ ދިމާލަށް އަހަރެން ދުއްވައިލީމެވެ.
” ހެހެހެ.. ކަލެއަކަށް ނޭނގުނު ދޯ އޭނަ ދެއްކި ވާހަކަ ތަކަށް އެއްޗެކޭ ކިޔަންވެސް..ކީއްކުރަން މިހާބޮޑު މުއްސަނދިކަމަކާ ފަސޭހައެއްގަ އުޅެފަ ގޮސް މަގުމަތީ ސަލާން ޖަހަން ވީ..” އަމްނާ ބުންޏެވެ. ” އަމްނާ މިހާރު އަހަރެން ރަށަށް ދާހިތް އެބަވޭ… އަހަރެމެންނަށް މިގޮތަށް ރަށުގައިވެސް މިކަން ކުރެވިދާނެއެއްނު..” އަހަރެން ބުނެލީމެވެ. ” އެއްކަލަ..މޮޔަ.. ބަލަ މިތަނުގަ ވާހާ ފައިދާއެއް އެތާކު ނުވާނެ.. އެމީހުންނަކީ.. މިކަހަލަ ކަމެއް އަހަރެމެން ކުރަން އެއްބަސްވާނެ ބައެއްވެސް ނޫން..” އަމްނާ ބުންޏެވެ. ” އަހަރެންދާން މިއުޅެނީ ޗުއްޓީއަކަށޭ.. އަމްނާ ނުދާނަންތަ އަހަރެންނާއެކީ..” އަހަރެން އަހާލީމެވެ. ” އާނ! އަހަރެންނަކަށް ނުދެވޭނެ…ކަލޭވެސް އެތަނަށް ގޮސްފިއްޔާ..އެތާގަ ހައްޔަރުވާނެ.. އެ މުސްކުޅި މީހުން ކަލޭ އަނބުރާ އަޔަކަ ނުދޭނެ.. ސަމީރު ތިއުޅެނީ އަހަރެން މިތަނަށް ދޫކޮށްލައިފައި ދާންތަ؟..” އަމްނާ އަހާލިއެވެ. އަހަރެންނަށް ހޭވެރިކަމެއްލިބުނީ އަހަރެންގެ ކާރު މަގުގެ މެދުގައި ޖަހާފައިވާ ގަސްބަރިތަކުން ގަހެއްގައި ޖެހުމުންނެވެ. އަހަރެންގެ މަރު އަދި ނެތީކަމަށްވެސް ވެދާނެއެވެ. ނޭނގިނަމަވެސް ކާރު ދުއްވެމުންއައީ ވަރަށް މަޑުންނެވެ. މިހުރިހާއިރު އަހަރެން އަމްނާއާ ވާހަކަދެއްކީއެވެ. އަމްނާ އަދިވެސް އަހަރެން ރަށަށްދާން ދެކޮޅުހަދަނީއެވެ. އަހަރެން އަމްނާއާ ވާހަކަ ދައްކަމުން އައިރު އެންމެ ފަހަރަކުވެސް އަމްނާ މިހާރު މިދުނިޔޭގައި ނެތްކަން ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ. އަހަރެން އަމްނާ މަތިން ހަނދާން ނުނެތިގެން އުޅެނީ އަދިވެސް އޭނާދެކެ ވާ ލޯތްބަކުން ހެއްޔެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. އަހަރެންނާ އަމްނާ ވާހަކަ ނުދައްކާ އިންޒާރުނުދޭ އެންމެ ދުވަހެއްވެސް ނުދެއެވެ. އެކަމުގެ ސަބަބުން އަހަރެން މީ މޮޔައެކޭވެސް ބައެއްމީހުންނަށް ހީވާފަހަރުވެސް އާދެއެވެ. އޮފީސްތެރޭގައިވެސް އެފަދަވާހަކަތައް ފެތުރިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އަމްނާ ފެންނަ ކޮންމެ ފަހަރަކު އަމްނާ ނެތް ހަނދާނެއް އަހަރެންގެ ސިކުނޑިއަކު ނުހުރެއެވެ. މީހުންގެ ތެރޭގައި ހުރެވެސް އަހަރެންނަށް މޮޔަގޮވޭކަމެއް ނޭނގެއެވެ. ހޭވެރިކަމެއްވަނީ ކޮންމެވެސް އެހެންކަމަކާ ކުރިމަތިވީމައެވެ. ކާރުގައި ހުއްޓާވެސް އަހަރެން ސަލާމަށްވަނީ ދުނިޔޭގައި ހުންނާނެ އިތުރު ދުވަހެއް އަހަރެންނަށް ދައްކަވާފަ ހުރީތީއެވެ. ފެންނަ ބައެއްމީހުންނަށް އަހަރެން ސިފަވަނީ އެއްޗެއް އަވަލާފައި ހުންނަ މީހެއްގެ ސިފާގައެވެ. މިކަމުން ސަލާމަށްވާން އަހަރެންނަށް ގެއަށް ގޮސްވެސް ހަމަޖެހިލެވެނީ ﷲޙަރާމް ކުރައްވާފައިވާ އެއްޗެއް ބޮވުމުންނެވެ.
އަހަރެންގެ ހުރިހާކަމެއް މުޅިން އަޑިއަޅާލައިފިއެވެ. އަހަރެންނަށް ދިމާވަމުން އަންނަ ކަންތަކުގެ ސަބަބުން މީހުން އަހަރެންނާ ވާހަކަ ދައްކާ ހަދަންވެސް ފަސްޖެހިއްޖެއެވެ. ތަނަށް ކަސްޓަމަރުންވެސް ވަންނަގޮތް މަދުވެ ތަންވެސް ހުއްޓުމަކަށް އައެވެ. އަހަރެން ކުރަމުން އައި އިތުރު ވިޔަފާރިތައްވެސް ކުރަން ދާ މަގުމަތީގައި އަމްނާއާ ދިމާވެ އެކިކަހަލަ ހާދިޘާތައް ހިނގާ އެކަންތައްވެސް ހުއްޓުމަކަށް އައެވެ. ހަދާނެ ގޮތް ހުސްވެ އަހަރެން ބިކަވާން ފެށިއެވެ.
މިފަދަ ހިތްދަތިކަމަކަށް އަހަރެން ވެއްޓެން ޖެހުމުން މައިންބަފައިންގެ ފަރާތުން ލިބުނު ލޯތްބާ އަޅާލުމުގެ މަތިން ވަރަށް ބޮޑަށް ހަނދާންވާން ފެށިއެވެ. އަހަރެންނަށް އިތުރުގޮތެއްނެތި ގޮސްހުސްވާން ފެށުމުން ރަށަށް ދާން ނިންމީމެވެ. ނަމަވެސް އަމްނާ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. އަމްނާ ބުނި ކަމުގައިވިޔަސް އަހަރެން މިވަނީ ގޮތްހުސްވެފައެވެ. މިތާގައި އަހަރެންނަށް އަޅާލާނެ މީހަކުނެތެވެ. ބަނޑހައި ހޫނުކަން ފިލުވާދޭނެ މީހަކުނެތެވެ. ރަށަށް ދިޔުމުން ކޮންމެ ގޮތަކަށް އުޅެފަ ދިޔަޔަސް ބަނޑުހައި ހޫނުކަން ފިލައިގެން ހުންނާނެ ކަމުގައި އަހަރެން ބުނީމެވެ. ” ކަލޭ ހިތު ހުރި ގޮތަކަށް އުޅެފަ ދިޔާމަ އެމީހުން ނޫޅޭނެ ކަލެއަށް ތިކަން ކޮށްދޭކަށް… ކަލޭ އެމީހުންނަށް ޖައްސައިފައި އާ ޙާލު ހަނދާން ނެތުނީތަ؟.” އަމްނާ ބުންޏެވެ. ” ބަލަ އަހަރެން އެމީހުނަށް ގޮތަކަށް ނަހަދަމޭ.. މަގޭ މަންމައަށް އެއަށް ވުރެ ބޮޑަށް ވިސްނޭނެ.. އަހަރެން އޮތީ މަންމަ ކައިރީ ބުނެފަ އަމްނާގެ ހިތްހަމަޖެހުމަކަށް އަހަރެން ކުރާ ކަމެކޭ…އެވަރު ނުވިސްނެނީ އަމްނާއަކަށް ނޫންތަ؟.. އަހަރެން އަންނަން ވީމަވެސް މަންމަ ބުނި މަންމަގެ ހެޔޮދުޢާ އަހަރެންނާއެކު ވާކަމަށް..”އަހަރެން ބުނެލީމެވެ. ” ތިއީ މާކުރީގެ ވާހަކައެއްނު..” އަހަރެންނަށް ހޭވެރިކަމެއް ޖެހުނީ އުމައިރު އަހަރެންނަށް ގޮވާލުމުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ އަހަރެންގެ ގެއަށް ވަންނަ މަގުގެ މެދުގައި އިށިދެގެންނެވެ. އެތާގައި އެގޮތަށް އިށީދެގެން ހުންނާނީވެސް ކާކުހެއްޔެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



masha allah kudhu …..varah furihama mi baives