މިއީ ކުރިން މަގޭ ބައްޕަ ހިންގަމުން އައި ބިޒްނެސްއެއް…އެކަމަކު މިހާރު ބައްޕަ މަރުވިތާ އެތައް އަހަރެއްވެއްޖެ… އަހަރެން މިއުޅެނީ އާއިލާ ގޮވައިގެން އެމެރިކާއަށް ބަދަލުވާން…އެހެންވެ މިކޮޅު ތީ އަހަރެންގެ ހުރިހާ ތަނެއް ވިއްކާލާފަ ދާން މިއުޅެނީ… ފުރަތަމަ ވިސްނީ ކުއްޔަށް ދޭން…އެކަމަކު ދެން އެއްކޮށް ގޮސް އެތަނުގައި އެހެންކަމެއް ފަށަން ގަސްތުކޮށް ފައި އޮތުމުން ވިއްކާލަން މިއުޅެނީ…” މެތިވް ބުންޏެވެ. ” އަހަރެންނަށް އޯކޭ…ކަލޭ ބޭނުން އަގެއް ކިޔާ ގަންނަން މިހުރީ..” އަހަރެން ބުނެލީމެވެ. ބިޒްނެސް އެކޭ ބުންޏަސް ކުޑަ ކަމެއް ނޫނެވެ. ބޮޑު ކޮމްޕެނީއެކެވެ. ކޮމްޕެނީގެ ދަށުން ހިންގާ ފަސްފިހާރައާ ދެ ކުލަބް އެބަހުއްޓެވެ. ފައިސާ އޮހޭ ވަރަށް އަހަރެންނަށް ލިބޭނެތާއެވެ. އަހަރެންގެ މުސްތަޤުބަލް އޮތީ ކިހިނެއްކަން އަހަރެންނަށް އެނގޭނަމަ އަހަރެން މިހެން ނޫޅޭނެކަން ޔަގީނެވެ.

*********************************************

ކުލަބޭ ބުންޏަސް އެއީވެސް ފިސާރި ބޮޑުދެތަނެވެ. ޕާޓީ ކުރަން ގައުމުގެ ބޮޑެތި ފެންވަރުގެ ބޭބޭފުޅުން އަންނަ ތަނެކެވެ. އެމީހުންނަށް ޓަކައި އެފަދަ ރެއަށް އެތަނަށް އެތައް ރީތި އަންހެން ކުދިންތައް ޖަމާކޮށްހަދައެވެ. އޭނަ ބުނި އަގަށް އަހަރެން އެތަން ގަތީމެވެ. އަހަރެންނާއި އަމްނާއާ ދެމެދު އޮންނަނީ އަބަދުވެސް އެއްމިނެއްގެ ގުޅުމެކެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކު ކުރާ ކަމެއް ނޭގެއެވެ. ކައިވެނިކޮށްގެން ތިއްބަސް އުފާ ހޯދަނީ އެހެން މީހުންގެ ފަރާތުންނެވެ. ދެމީހުންގެ އުމުރުންވެސް ދުވަސްތައް ފާއިތުވަމުންދިޔައެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ތިބޭކަމެވެ. އެއްރެއެއްގެ ދަންވަރެވެ. އަހަރެން ގެއަށް އައީ ހޭނުޖެހޭ ހާލުއެވެ. އަހަރެން ދުއްވަމުން އައިކާރު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އެއިން ފޭބީމެވެ. އަހަރެން ހިތުން އަހަރެން ފޭބީ އަހަރެންނާ އަމްނާއާ އުޅޭ ގެއަށެވެ. ނަމަވެސް އަހަރެންނަށް ކުރިއަކަށް ނުދެވެއެވެ. ކޮޅަށް ހުރެވޭނެ ވަރު ނެތީއެވެ. މަގުން ދިޔަ މީހަކު އަހަރެން ވެއްޓުމުން ނެގިއެވެ. އެވަގުތު އޭނަ ދެއްކި ވާހަކަތަކަށް އަހަރެން ވާހަކަ ދައްކަމުން ދިޔަކަން އެނގެއެވެ. ނަމަވެސް ދެއްކެނީ ކޮންވާހަކައެއްކަން އަހަރެންނަކަށް ނޭގެއެވެ. އަހަރެން އެމީހަކާ ޒުވާބުކޮށްވެސް ހެދީމެވެ. އެކަމަކު ކޮންކަމަކާއިގެން ކަންވެސް އަހަރެންނަކަށް ނޭގެއެވެ. އަހަރެން ހީވަނީ މުސްކުޅި ބަލީގައި ނުތެދުވެވި އޮތް މީހަކު ހެންނެވެ.

އަހަރެން ހޭއެރީ ރީތި އަރާމު އެނދެއްގައި އޮތްވައެވެ. ކައިރި މިސްކިތަކުން ބަންގި ދެމުންދާ އަޑުވެސް އިވެމުން ދިޔައެވެ. އަހަރެން ލަންކާގައި އުޅެމުންދާތާ މިހާރު ވިހިއަހަރަށް ވުރެންވެސް ގިނަވެދާނެއެވެ. މިއީ ލަންކާއަށް އައި ފަހުން އަހަރެން ފުރަތަމަ ފަހަރަށް ބަންގިދިންއަޑު އެހިފަހަރެވެ. އަހަރެންނަށް އެއަޑު ނިމެންދެންވެސް އަޑުއަހައިގެން ހުރެވުނެވެ. ކުރިން އަހަރެންނަށް އެއިން ކޮންމެ ކަލިމައެއްގެ މާނަ ވަކިން އެނގޭނެއެވެ. ނަމަވެސް މިހާރު އޭގެ އެއްވެސް އެއްޗެއް ހަނދާނަކު ނެތެވެ. ނަމަވެސް އަދިވެސް އެއަޑު އަހާލަން އަރާމެވެ. އަހަރެންނަށް އޮވެވުނީ އަހަރެންގެ ގޭގައި ނޫންކަން އެނގުނީ މުޅިތަނަށް ރަގަޅަށް ބަލައިލުމުންނެވެ. އަހަރެން އެތާގައި އޮންނަންވި ސަބަބަކާމެދު ވިސްނާލެވުނެވެ.

” އޭ ސަމީރު ދޯ…ޞުބުޙާނައްﷲ..ކަލެއަށް ކިހިނެއްވެފައިތަ ތިހުރީ… ކާކުކަންވެސް ނޭގުނު..” އަހަރެން އެމީހެއްގެ މޫނު ރަގަޅަށް ހަނދާން ކޮށްލަން އުޅުނީމެވެ. އަހަރެންނަށް ރޭގަ ވިކަންތައް ހަނދާނަށް އަންނަން ފެށިއެވެ. އެއީ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާއެވެ. ތުބުޅިއެއްލާފައި ހުރިއިރު ފަޓުލޫނުގެ ފައިކުރި ވަނީ ކުރުކޮށްލާފައެވެ. ނަމަވެސް އޭނަގެ ރީތިކަން މިއޮތް ހުދު ބޮތްކަށްވުރެންވެސް އަލިގަދައެވެ. ” އަހަރެންމީ ކާކުކަން އެނގެން ޖެހޭތަ؟.. ސުބުޙާނައްﷲ އޭ…އެއީ ކޯއްޗެއްތަ…އަހަރެން ދަންނަ އެއްޗެއްނޫން..” އަހަރެން ބުނީމެވެ. ” ސަމީރު ތިހެން ބުނަން ހެޔޮވެސް ނުވާނެ… ކަލޭ ލިބުނީވެސް ނުލާހިކު ރަގަޅު ﷲއަށް ލޯބިކުރާ ދެމަފިރިޔަކަށް.. ހެޔޮވާނީ ކިހިނެއް…މުސްލިމެއްގެ ގޮތުގައި ހުރެ ތިފަދަ ބަސްތައް ދުލުން ބޭރުކުރާކަށް ނުވާނެ…” އުމައިރު ބުންޏެވެ. ” ކާކު ބުނީ އަހަރެންމީ މުސްލިމެކޭ… އަހަރެން މީ މުސްލިމެއްނޫން… ކަލެއަށް އަހަރެން ނުފެނޭތަ… ތިބުނާ މީހުން ހެން އަޅުންގެ ގޮތުގައިތަ މިއުޅެނީ..” އުމައިރުގެ ލޮލުން ކަރުނަ އޮހޮރުނުތަން އަހަރެން ދުށީމެވެ. ” ސަމީރު ކަލޭގެ އުމުރު ހުސްތިކޮށްލަނީ ތިކަމުގަ… ހެޔޮނުވާނެ މިހާރު ތިހިރީ ދީނުންވެސް ބޭރުވެވިފަ…ﷲގެ ކޯފާ ކަލެއަށް ލިބިދާނެތީ އަހަރެން ބިރުގަނޭ…އެކަމަކު ކުޑައިރުގެ އެކުވެރިކަމަށްޓަކައިވެސް ކަލޭ މިތަނަށް ދޫކޮށްލާފަ ދާކަށް އަހަރެންނަކަށް ނުކެރޭނެ… އެހާރަގަޅަށް އުޅެމުން އައިސްފަ… އެންމެ ކަމަކުނެއް ނޫން ހުރިހާ ކަމަކުން ކަލޭ ތިކަން ހޯދައިގެންފީމު…ވެހީ މައިމީހާގެ ހިތުގައި ޖައްސައި ބަލައި ބޮޑުކޮށްދިން ބައްޕަ އެހާލުގައި އޮތްވާ އެދެމީހުން އެއްލާލާފަ ކަލޭ މިތަނަށް އައީ އެއަންހެނާއަށް މޮޔަވެގެން… އެދުވަހުވެސް އަހަރެމެން ބުނިން… އޭނައާއެއްކޮށް އާޚިރަތް ނުލިބޭނެ ވާހަކަ… އޭނަ އިސްލާޙުކުރަން ސަމީރު މަސައްކަތް ކުރާށޭ..”އުމައިރު ބުންޏެވެ. ” އޭ ކަލެއާ ބެހޭ ކަމެއްތަ… އަމްނާ އޭ ކިޔައިގެން ދެން އެއްޗެކޭ ކިޔައިފިއްޔާ ކަލޭގެ ދުވަސްވެސް ދުއްވާލާނަން…އަހަރެން ބަލަން ޖެހޭ ބައެއް ނުތިބޭނެ…އަހަރެންމީ މުސްކުޅިން ބަލަހައްޓާ ކޮށީގެ ވެރިޔާއެއްނޫން…” އަހަރެން އެހާހިސާބަށް ބުނެވުނުތަނުން ދެމުނީއެވެ.

އަހަރެން މިވަނީ މިއަދު ނުބައިކަމުން ފުރިގެންވީ މީހަކަށް ވެފައެވެ. މިދުނިޔޭގައި އަހަރެންނަށް ދެން ނުވެ އޮތްފާފައަކީ ކޮބައިހެއްޔެވެ. ރަޙުމެއް ކުލުނެއް އަހަރެންގެ ހިތުގައި ނެތެވެ. ނުވިތާކަށް އަމިއްލަ ދީނުންވެސް ބޭރުވެވުނީއެވެ. ދެން އަހަރެންނަށް ރުހުމުގެ ލޮލަކުން އަހަރެން ހެއްދެވި ފަރާތް ބައްލަވާނެ ހެއްޔަވެވެ. އަހަރެންގެ ފަތް ބަރުވަމުން މިދަނީ އަހަރެން ކުރާ ފާފަތަކުންނެވެ. އަހަރެން މަރުވެގެން ދިޔަޔަސް އަހަރެންގެ ކޮންމެ ގުނަވަނަކުން ބުނާނެ ވާހަކަތައް ހުސްނުވާނެވަރަށް ގިނައެވެ. ކުޑައިރުއްސުރެ ހިތްމިވަނީ އަމިއްލައަތުން އަންދާ އަޅިއަށް ބަދަލުވެފައެވެ. އެހިތުގައިވަނީ ދަބަރުޖަހާ މިއިން ޒަމާނަކު ފިލުވަން އުޅުނަސް ނުފިލާނެވަރު ވެފައެވެ. ނަމަވެސް ހުރިހާ ކަމަކަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަން އަހަރެންނަށް ނޭގެނީހެއްޔެވެ. އަދިވެސް ތައުބާވުމަށް އަހަރެންގެ މި މޮޅު ސިކުނޑި ނުބުނަނީ ހެއްޔެވެ.

ހުދު ކުލައިގެ ވަށައިގެން ހުރި ފާރަށް އަހަރެން ބަލައިލީމެވެ. އެހުރިހާ ތާކުންވެސް ފެންނަނީ ސާފުކަމެވެ. ނަމަވެސް އަހަރެންމީ މިސާފުކަމާއެކަށީގެންވާ ވަރުގެ މީހަކު ހެއްޔެވެ. މަޑުމަޑުން ތެދުވެގެން އަހަރެން ކޮޓަރިން ނިކުތީމެވެ. “ސަމީރު ހޭލީތަ.. ކިހިނެއްތަ މިހާރު؟..” ހިނިތުންވުމަކާއެކު އުމައިރުއަހާލިއެވެ. ރޭގަ އެއްވެސް ކަމެއް ވީހެނެއް އޭނަގެ މޫނުމަތިން ފެންނާކަށް ނެތެވެ. އަހަރެން އިނގިލިން އޯކޭ ކަމަށް ދެއްކީމެވެ. “އާދޭ ސައިބޯން… ޒީނާ  މިހުރީ އަހަރެމެންނަށް ސައިހަދައިގެން..” ކޮން ޒީނާ އެއް ހެއްޔެވެ. އަހަރެން އުމައިރުގެ ފަހަތުންގޮސް ބަދިގެއަށް ވަނީމެވެ. އޭރު ކަޅު ފޮތިން މޫނު ނިވާކޮށްގެން ހުރި އަންހެނަކު ބަދިގޭގައި ހުއްޓެވެ. ހީވަނީ ބޮޑު ފޭއްޔަކަށް އެރިގެން ހުރީހެނެވެ. ބަލާ ބެލުމަކަށް އެއީ އަންހެނެއްކަމެއް ނޫންނަމަ ފިރިހެނެއް ކަމެއްވެސް ނޭނގެއެވެ. “މީ އަހަރެންގެ އަންހެނުން ޒީނާ” އުމައިރު ބުންޏެވެ. ޒީނާ އަހަރެންނަށް ބަލައިވެސް ނުލައެވެ. މޭޒުމައްޗަށް ސައިބޯއެއްޗިހި އެރުވުމަށް ފަހު ކުޑަ ދަރިފުޅު ގޮވައިގެން ބަދިގެއިން ނިކުތެވެ. ” ތީނަގެ އަންހެނުންނޭ ބުންޏަސް ކިހިނެއް އެނގެނީ ކާކުކަމެއް..ރީތިކަމެއްވެސް އެނގެނީއެއްނޫން…އެހެން ނޫންނަމައެއްނޫ ރީއްޗޭވެސް ބުނެވޭނީ..” އަހަރެން ބުނެލީމެވެ.

” ރީތި ކަމަކީ އިންސާނާގެ ބޭރުފުށުން ފެންނަ ރީތިކަމެއްނޫން…ރީތިކަންވަނީ އޭނާގެ އެތެރެ ފުށުގަ… އަހަރެން ކައިވެނި ކުރީ އަންހެނުން އެހެން މީހުނަށް ދައްކާ އިޝްތިހާރު ކުރާކަށް ނޫން.. އަހަރެންބެލީ ދީންވެރި އަހަރެންނަށް ކިޔަމަންވާ..އަހަރެންގެ ބަސްވިކޭނެފަދަ އަންހެނެއް.. އެހެން މީހުނަށް ތިއްތި ދެއްކެން ނިކުތުމުން ދިރިއުޅުމުގަ އަހަރެމެންނަށް ލިބޭނެ ފައިދާއެއް ނޯންނާނެކަން އަހަރެންނަށް ހީވަނީ މިހާރު ސަމީރުއަށް އިނގޭނެހެން..” އަހަރެން އެއްޗެކޭ ނުބުނަމެވެ. އަހަރެން ވިސްނާލުމުން އުމައިރު ބުނިބަސް ދޮގު ކުރެވޭކަށް ނެތެވެ. އަހަރެންގެ ވެސް އަންބެއް އެބަހުއްޓެވެ. ނަމަވެސް އޭނާގެ ފަރާތުން ހިތްހަމަޖެހުމާއި އުފާ ލިބެނީ އެހެން މީހުންނަށެވެ.

އަހަރެމެން ސައިބޯން ފަށަންވިއިރަށް އުމައިރުގެ ބޮޑު ދެފިރިހެން ކުދިން މޭޒު ދޮށަށް އައެވެ. ” މީ އަހަރެންގެ ބޮޑު ދެދަރިން.. އައްމާރުއާއި އާމިރު.. މިހާރު އެތިބީ ބޮޑުވެފަ.. އިންޝާﷲ އަހަރެންގެ ހުރިހާ ހުވަފެނެއް އެކަލާނގެ އަންނަނީ ހިތްމަވަމުން.. ބޭނުންވަނީ ހަމައެކަނި އެފަރާތާ އަހަރެމެންނާ ދެމެދު އޮންނަ އިތުބާރު..” އުމައިރު ބުންޏެވެ. ދެދަރިންނަށް ބަލާލުމުންވެސް އާމިރުއަށް ކިޔަމަންވާ ދެދަރިންކަން އެނގެއެވެ. އަހަރެންނަށްވެސް ދަރިން ލިބުނު ނަމަ މިހާރު އެއުމުރުގެ ކުދިންވެސް ތިބޭނެއެވެ. އަހަރެން ވެސް ދަރިއަކު ބޭނުމެވެ. ނަމަވެސް އަމްނާއަށް ދަރިން ނުލިބޭނެކަމުގައި ޑޮކްޓަރުން ވަނީ ބުނެފައެވެ. އޭގެ ފަހުން އަހަރެމެން ދަރިއަކު ހޯދަން މަސައްކަތެއް ވެސް ނުކުރަމެވެ. ދެމީހުންވެސް ހޭބޯނާރާ އުޅެނީ މަސްތުގެ ހާލަތުގައެވެ. ނޫންނަމަ އަމިއްލަ ކޮންމެވެސް ފައިދާއެއްގައެވެ.

ދެދަރިން ސައިބޮއިގެން ނިކުތުމުން އަހަރެން އުމައިރުއާ ވާހަކަ ދައްކަން ފެށީމެވެ. ” އުމައިރު މިކޮޅަށް ބަދަލުވީ ކޮން ދުވަހަކު؟..” އަހަރެން އަހާލީމެވެ. ” ކައިވެނިކޮށްގެންނާ އެއްކޮށްގޮތަށް.. މަންމަ ބަލިވެ އުޅޭތީ.. ރަށުން ރަގަޅު ޚިދުމަތެއް ލިބެނީއެއްނޫން..އެހެންވެ މަންމަ ގޮވައިގެން ބަދަލުވީ.. ކޮންމެ އަހަރަކުވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށްފަ ރަށަށްދަން..” އުމައިރު ބުންޏެވެ. ” އުމައިރުގެ މަންމަ ތީނަ ކުޑައިރު ނިޔާ ވެއްޖެއެއްނު.. އަންހެނުންގެ މަންމަތަ؟..” އަހަރެންނަށް އުމައިރު ބުނި އެއްޗެއް ނުވިސްނިގެން އަހާލެވުނެވެ. ” އަންހެނުންގެ މަންމައެއްނޫން..އަހަރެންނަށް އެ އަންހެންމީހާ ފެންނަނީ އަހަރެންގެ މަންމަގެ ގޮތުގަ… އިނދެގެން އުޅުނު ފިރިމީހާ ނިޔާވެފަ.. ލިބުނު ދަރި އެމީހުން އެއްލައިފަ ފިލައިފި އަޅާލާނެ ވާލެއްހާލެއް ނެތި އެއްގެއިން އަނެއްގެއިން ސަލާން ޖަހަން އުޅެނިކޮށް ފެނުނީ.. އެހެންވެ އަހަރެން އެއީ އަހަރެންގެ މަންމަގެ ގޮތުގަ ބަލާ ހެޔޮ އެދުނީ.. މިހާރު މި ދުނިޔެ ދޫކުރިތާ ހައެއްކަ އަހަރު ވެއްޖެ… ނިޔާވިއިރު ނުވެސް ހިނގޭ ތަންމަތީގަ ބާއްވައިގެން އަހަރެންނާ ޒީނާ އޭނަ ބެލީ…” އަހަރެން ކުއްލިއަކަށް އަހަރެންގެ މައިންބަފައިން މަތިން ހަނދާންވިއެވެ. “އެއްޗެއް އަހާލަންތަ؟..” ” އަހާބަލަ..” އުމައިރު ބުންޏެވެ.

އަހަރެންގެ މަންމަޔާ ބައްޕަ ދެކުނިންތަ؟.. އެގެއަށް އަހަރެން ރަށުން ފުރި ފަހުން ވަދެލިންތަ؟..” އަހަރެން އަހާލީމެވެ. ” ތީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫނެއްނު.. ސަމީރުގެ މަންމަޔާ ބައްޕަ ބުރަ މަސައްކަތް ކޮށްގެން ބަލައި ތިވަރު ކުރީ ސަމީރު މަށެއްނޫން…މަމީ ސަމީރުގެ ކުޑައިރުގެ ރައްޓެއްސަކަށް ވިޔޭ ކިޔާފަ މަ ކުރަން ޖެހޭ ކަމެއް ނޫނެއްނު އެއީ…މައިން ބަފައިންގެ ކަންތައް ސަމީރު އެނގެން ބޭނުންވަންޏާ ރަށަށް ދިޔަނަމަ އެނގޭނެއެއްނު..” އަހަރެން ކުރި ސުވާލަށް އުމައިރު ހިތްހަމަ ނުޖެހުނު ހެން ހީވިއެވެ. ރާގައިގަ އެކަން ހުއްޓަސް މޫނުމަތިން އެކަން ދައްކައި ނުލިއެވެ. ” ދެން އުމައިރުއަށް ފެނިފަވާނަމަ ބުނެވިދާނެއެއްނު…” އަހަރެން އަނެއްކާވެސް އަހާލީމެވެ. ” އާނ! މީހުން ކިޔާތީ އަޑުއެހިން މުޅި ރަށުގައި އެއްގެއިން އަނެއްގެއަށް ބަނޑުހައިހޫނުކަން ފިލުވަން އާދޭސްކުރަމުން ދުވިޔޭ…މިހާރު މަށަކަށް ނޭނގެ..” އަމިއްލަ މައިމީހާގެ ވާހަކަ ދެއްކުމުންވެސް ނޭގުނު މީހެއްކައިރީގަ އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ އުމައިރުގެ ހިތައް އެރިއެވެ.

( ނުނިމޭ )

33

3 Comments

  1. kudhoo

    November 11, 2020 at 6:42 am

    Salaam all.
    Here is the 15th episode of hithinimun. hope you all enjoyed reding. Take good care.. 😘😘😘stay safe

  2. thiththaa

    November 11, 2020 at 7:22 pm

    Masha allah kudhu varah reeethi mibaives ♥️♥️♥️♥️♥️♥️

    • kudhoo

      November 11, 2020 at 9:47 pm

      Thank you thiththaaa

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!