Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (14)

Dheem&Eekku Level 410 Stories100 Login500 Login
November 10, 2020 10 Mins Read
2 Comments

ސުހާންގެ ލޯބި ލަމްހާ ގަބޫލު ނުކުރިނަމަވެސް ސުހާން ލަމްހާއާ އެކުވެރިކަން ބާއްވަން ބޭނުމެވެ. ލޯބިވެރިއެއްގޮތުގައި ކާމިޔާބު ނުކުރެވުނު ނަމަވެސް ލަމްހާގެ ހިތުގައި ސުހާންއާ ދޭތެރޭ ކުޑަވެސް ހާއްސަކަމެއް ވާނަމަ އޭނާއަށް ފުދޭނެއެވެ.

****

ޖެހިގެން އައި ދުވަހެވެ. މިއަދު ސުހާންގެ ހުންވެސް ހަމައަކަށް އެޅިއްޖެއެވެ. ކޮފީއެއް ގިރާލައިގެން އައިސް ސުހާން އިށީނީ ސްޓަޑީ ރޫމްގައި ހުރި މޭޒެއް ކައިރީގައެވެ. ލެޕްޓޮޕު ހުޅުވާލައިގެން އޭނާ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް ހަދަން ފެށިއެވެ. ސުހާން ގެންގުޅޭ ފައިލެއް ނުފެނިގެން ވަކި ހިސާބަކުން މަސައްކަތް ހުއްޓުނެވެ.

ހަނދާން ނެތި ކާރުގައި ބޭއްވިފައި އޮތް ތޯ ބަލަންވެގެން ސުހާން ކޮޓަރިން ނުކުއްތަނާ ގޭގެ ބެލް އަޅާލިއެވެ. މިހާ ހެނދުނާ އައީ ކާކު ބާވައޭ ސުހާން ހިތައްއެރިއެވެ. އަނެއްކާ ލަމް އައީބާއޭ ހިތައްއަރާފައި އަވަހަށް ދޮރު ހުޅުވަން ސުހާން ދިޔައެވެ.

” ސިއާ؟” ލަމްހާއަށް ގޮވަން ހުޅުވާލި ސުހާންގެ އަނގަ ބަންދުވިއެވެ.

“ސުހާން ސާރ ކިހިނެއްތަ.. މިއައީ ހާލު ބަލާލަން” ސިއާ އޭނާގެ އަނގައިގެ ހުރި ހުރިހާ ދަތްތަށް ފެންނަވަރަށް ހީލަމުން ބުނެލިއެވެ.

“ރަނގަޅު…” ސުހާން ހީލިއެވެ.

“އެތެރެއަށް ވަންނާކަށް ނުބުނާނަންތަ.. މިއައީ ސުހާން ސާރއަށް ހެނދުނުގެ ސައި ހިފައިގެން” ސިއާ ބުނެލިއެވެ.

“އެހެންތަ.. ވަދޭ..” ސިއާ އެހެން ބުނުމުން އޭނާ ވެއްދުން ނޫން ގޮތެއް ސުހާންއަކަށް ނެތެވެ.

“އެލީޒާ ދައްތަ ނެތީމަ އަހަރެން މިހިރީ ވަރަށް ދެރަ ވެފަ.. އެއީ އަހަރެންގެ ދެވަނަ މަންމަ .. އެލީޒާ ދައްތަ ދައްކާފައި ހުރި ވާހަކަތައް އަހަރެން އަދިވެސް ހަނދާން ހުރޭ” ސިއާގެ ވާހަކައަށް ސުހާން އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

“އެލީޒާ ދައްތަ ބުނާނެ..އަހަރެން މިއީ އެލީޒާ ދައްތަގެ ދަރިއެއްނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ..” ސުހާން އަޅާ ނުލުމުންވެސް ސިއާ ހުއްޓާލާކަށް ނޫޅުނެވެ.

“ސިއާ.. އަހަރެން ތި  ސައި ބޯނީ ތަންކޮޅެއް ފަހުން.. ދެންމެގަ ކޮފީ ބޮއެގެން މިހުރީ” ސުހާން އެހެން ބުނުމުން ސިއާ ދެރަވިއެވެ. ނުސީދާކޮއް އެބުނަނީ ދެން ދިޔަޔަސް ހެވޭކަން ސިއާއަށް އެނގުނެވެ.

“އހަރެން މިދަނީ ކާރުގަ އަހަރެންގެ ފައިލެއް އޮތް ތޯ ބަލާލަން. ސިއާވެސް ދެން ދޭ ގެއަށް” ސުހާން އެހެން ބުނެފައި ތެދުވިއެވެ. ސިއާވެސް ސުހާން ފަހަތުން ބޭރަށް ނުކުތެވެ.

ސިއާއަށް ވުރެ ކުރިން ސިޑިން ފައިބައިގެން ކާރާ ދިމާއަށް ދިޔަ ސުހާންއަކަށް މަގުގެ އަނެއް ފަރާތުން އައި ލަމްހާއެއް ނުފެނެއެވެ.

މަގުން ދާ މީހުނަށް މާބޮޑަށް ސަމާލުކަމެއް ނުދީ ހިނގަމުން ދިޔަ ލަމްހާއަކަށްވެސް ސުހާން އެއް ނުފެނެއެވެ. ސިޑިން ލާފައި މައްޗަށް ލަމްހާ އެރިއެވެ.

“ކަލޭ މިތާ ކިއެއްކުރަނީ.. މިއަދު ޑިއުޓީއަކަށް އަންނާކަށް ނުޖެހެއޭ” ސިއާއަށް ލަމްހާ ފެނިގެން ކުނި މޫނު ހަދާލިއެވެ.

“އަހަރެން މިއައީ ޑިއުޓީއަކަށް ނޫނޭ.. ސިއާ ކީއްތަ މިތާ ތިކުރަނީ؟” ލަމްހާވެސް ހަމަ އެރާގަށް ބުނެލިއެވެ.

“އަހަރެން މިއައީ އަހަރެންގެ ލޯބިވެރިއާ ބައްދަލު ކުރަން..މިއީ ސުހާންގެ ގެއޭ” ސިއާ ބުނެލިއެވެ.

“ދެން ބައްދަލު ވެއްޖެތަ އޭނައާ.. ދޮރެއް ނުހުޅުވި ދޯ.. އަހަރެން ހުޅުވައިދެންތަ؟” ލަމްހާ ދަބަހުން ތަޅުދަނޑި ނަގާފައި ދައްކާލަމުން ބުނެލިއެވެ.

ލަމްހާގެ ބޭނުމަކަށްވީ ސިއާ ރުޅި އެރުވުމެވެ. ކުރީދުހު އޭނައާ ދޭތެރޭ ކަންތައް ކުރިގޮތުގެ ބަދަލަށެވެ.

“ކަލޭ އަތުގަ މިތަނުގަ ތަޅު ދަނޑި އޮންނަންވީ ކީއްވެ؟” ސިއާ ގަބޫލު ނުކުރެވޭ ފާޑަކަށް ބުނެލިއެވެ.

“ސިއާއަކަށް ނުދޭތަ ތަޅު ދަނޑިއެއް.. ކިހިނެއް މިވީ.. ގައިމު އަހަންނަށް ދިން ގޭގެ ޑަބަލް ތަޅުދަނޑި.. އަނެއްކާ ހަމަ ރަނގަޅު ސުހާންއާތަ ރައްޓެހިވެގެން ތިއުޅެނީ” ލަމްހާ ބުނެލިއެވެ. އެވަގުތު ސިއާ ރުޅި އައިސް ހުރި ވަރުން ލަމްހާ އާ ދިމާއަށް އަތް މަޅާލިއެވެ.

ކާރުގައި އޮތް ފައިލު ހިފައިގެން އެބުރި އައިރު މަތީގައި ތިބި ދެމީހުން ފެނިގެން ސުހާން އަވަހަށް މައްޗަށް އެރިއެވެ.

“ކަމެއް ވާއިރަށް މީހުންގެ ގައިގަ ޖެހުމަކީ ވަރަށް ކަމުނުދާ ސިފައެއް” ލަމްހާ ސިއާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކަލޭ މިހާރު ސުހާންގެ ބޮލަށް އެރިގަތީ ދޯ.. ތިކަހަލަ ގޮތް ކުޑަ އަންހެނުންގެ ވައްތަރު މަ ވަރަށް ރަނގަޅަށް ދަންނަމޭ” ސިއާ ލަމްހާގެ އަތް ފޮޅުވާލާފައި ލަމްހާގެ ގައިގައި އަޅާ ކޮއްޕާލިއެވެ. ސިޑިއާ ވަރަށް ކައިރީގައި ހުރި ލަމްހާ ފައި ފުރޮޅިލާފައި ވެއްޓެން ދިޔައެވެ. ގަތް ބިރުން ލަމްހާގެ ދެލޯ މަރާ ތަގުޅިކޮއްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އެ ހަށިގަނޑު ބާރުގަދަ ދެއަތުގެ ތެރޭގައި ހިފެހެއްޓުނެވެ. ދެލޯމަރައިގެން އޮތް ލަމްހާގެ ނޭފަތުގައި ޖެހުނީ ވަރަށް މީރު ސެންޓެއްގެ ވަހެވެ. އެވަހުންވެސް އެއީ ސުހާންކަން ލަމްހާއަށް އެނގުނެވެ. ދެލޯ ހުޅުވާ ބަލާލިއިރު ސުހާންގެ ރީތި ދެލޯވެސް ވަނީ ލަމްހާގެ ދެލޮލާ އަމާޒުވެފައެވެ. ލަމްހާ ރީތިކޮށް ކޮޅަށް ބަހައްޓާފައި ސުހާން ރުޅިވެރި ނަޒަރަކުން ސިއާ އާ ދިމާއަށް ބަލާލިއެވެ.

ސުހާންއާއި ލަމްހާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ސިއާގެ އަނގަ ވަނީ ހަޑިވެފައެވެ. ކުރިމަތީ ފެންނަން ހުރި މަންޒަރު ގަބޫލު ކުރަން ބޭނުން ނުވެފައެވެ.

“ކިހިނެއްތަ ވެގެން މިއުޅެނީ؟” ސުހާންގެ ބަރު އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.

“ސާރ.. އަޅުގަނޑު ގަސްތަކު ނޫން..މި ލަމްހާ އަމިއްލައަށް ކުރާ ކަމެއް” ސިއާ އަވަހަށް ބުނެލިއެވެ.

“ސިއާ.. މީގެ ފަހުން ނުޖެހޭނެ މިގެއަށް އަންނާކަށް. ސިއާ މަސައްކަތް ކުރަން ޖެހޭނީ ރޯޔަލް ޑިނާގަ. މަންމަ އަށް ކޮއްދީފައިވާ ހުރިހާ ހެޔޮކަމެއްގެ ބަދަލު ވާނީ ފައިސާއިން އަދާކުރެވިފަ.. މީގެ ފަހުން އަހަރެންނަށް ކާން ގެންނާކަށްވެސް ސިއާއަކަށް ނުޖެހޭނެ” ސުހާން ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. ސިއާ އެލީޒާއަށް ކަންތައް ކޮއްދީފައިވާލެ ހެޔޮކަމުން އޭނާ ސިއާއާ ދިމާއަށް އެއްޗެހި ކިޔަން ބޭނުން ނުވީއެވެ. ނަމަވެސް ލަމްހާ ކޮއްޕާލުމުން އޭނާ ހުރީ ރުޅިއައިސްފައެވެ.

ސުހާންގެ ބަސްތަށް އިވުމުން ސިއާ ހިތުގައި ޖެހުނެވެ. އެލީޒާ ސިއާ އާ ދޭތެރޭ ކަންތަށް ކުރިގޮތުން ސިއާ އަބަދުވެސް ހީކުރަނީ އޭނާއަށް ސުހާން ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް މާފަހުން އައިސްގެން އުޅޭ ލަމްހާއާ މެދު ސުހާން ކަންތަށް ކުރާގޮތުން އެއީ ހުވަފެނެއްކަން ސިއާ އަށް އެނގުނެވެ. ނަމަވެސް ސުހާންއާ ދޭތެރޭ އުންމީދު ކަނޑާލާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއަދު ވީ ކަންތަކުގެ ބަދަލު ހިފަން ސިއާ ބޭނުންވިއެވެ.

ތިރީ ތުންފަތް ހަފާލަމުން ސިއާގެ ރުޅިވެރި ނަޒަރުން ލަމްހާއަށް ބަލާލިއެވެ. އޭރު ލަމްހާވެސް ހުރީ ބަލަހައްޓައިގެންނެވެ. ލަމްހާގެ ލުއި ހިނިތުންވުން ފެނިފައި ސިއާގެ ރުޅި ފަޅައިގެން ދިޔައެވެ.

“ލަމްހާ ބަލަން ހުންނާތި.. ތިހެން ފޮނިވެފަ ހުރެވޭނީ ކުޑަ ދުވަސްކޮޅަކު.. މުޅި ދުނިޔެއަށް ބޭޒާރު ކޮއްލާނަން” އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލާފައި ސިއާ އެތަނުން ދުރަށް ހިނގައި ގަތެވެ.

“ތަދުވިތަ؟ އަހަރެންނަށް މާބާރަށް ދޯ ހިފުނީ” ސުހާން ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ނުވޭ ތަދެއް.. ވަރަށް ބޮޑަށް ތެންކްސް.. ސުހާން ނެތްނަމަ އަހަންނަށް ވެދާނެ ގޮތެއްވެސް ނޭނގެ” ލަމްހާ ހީލަމުން ބުނެލިއެވެ.

“އަސްލު ކިހިނެއްވީ؟ ކީއްވެ އޭނަ ލަމް ކޮއްޕާލީ.. ޒުވާބު ކުރީތަ؟” ސުހާން އަހާލިއެވެ.

“ނޫން.. އަހަރެން އަތުގަ މިގޭ ތަޅުދަނޑި އޮތްތަން ފެނިފަ ކުޑަކޮށް ރަތަށް އެރީ.. އަޅާ ނުލާ” ލަމްހާ ބުނެލިއެވެ. ކަންތަށް ވީގޮތް ތަފްސީލުކޮށް ކިޔައި ނުދިނެއްކަމަކު ސުހާންނަށް ވިސްނުނެވެ. އަންހެނުންގެ އަރާރުން ވުމަކީ ސުހާންމެން ކަހަލަ އާދައިގެ ފިރިހެނުންނަށް ހަޖަމު ކުރެވޭނޭ ކަންކަމެއް ނޫންކަން ސުހާންއަށް ދެނެގަނެވުނެވެ.

“ކަމަކުތަ ތިއައީ؟” ސުހާން ހީލަމުން އަހާލިއެވެ.

“ނޫން.. މިއައީ ހަމަ ހާލު ބަލާލަން.. މިއަދު ހީވޭ ކުރިއަށްވުރެ ރަނގަޅުހެން” ލަމްހާ ބުނެލިއެވެ.

“އާން.. މިއަދު ހަމަ ބަރާބަރު..ކޮބާ ލީން؟ ކީއްވެ ނުގެނައީ؟” ސުހާން އަހާލިއެވެ.

“ހަވީރުން ގެންނާނަން.. މިގަޑީގަ އޭނާ އެބައުޅޭ މާރިއާގެ ދަރިފުޅާއެކު” ލަމްހާ ބުނެލިއެވެ.

“ހިނގާ މިއަދު ލީން ގޮވައިގެން ބޭރަށް ދާން.. އެއުމުރުގެ ކުދިން ވަރަށް އަވަހަށް ފޫހިވާނެ އަބަދު ގޭގަ ގެންގުޅެންޏާ” ސުހާން ބުނެލިއެވެ. ލަމްހާވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ލަމް.. ދަނީތަ.. އިހަށް ވަދެބަލަ އެތެރެއަށް” ލަމްހާ ދާން އުޅޭހެން ހީވެގެން ސުހާން ބުނެލިއެވެ.

“ދެން ސުހާން ރަނގަޅިއްޔާ ކޮންމެހެން ހުރުމެއް ނެތެއްނު” ލަމްހާ ބުނެލިއެވެ.

“ލަމް.. އަހަރެން ބަނޑަށް ފާޑެއްގެ ތަދެއް އަރައިފި” ސުހާން ބޮލުގައި ފިރުމާލަމުން ލަމްހާ އާ ދިމާއަށް ބަލާލިއެވެ.

“ސުހާންގެ ބަނޑު އޮންނަނީ ބޮލުގެ ނާށިގަނޑު ތެރޭގަތަ؟” ލަމްހާ ހަށަން ބަނދެލަމުން ދެލޯ ކުޑަކޮއްލާފައި ސުހާންއާ ދިމާއަށް ބަލާލިއެވެ.

އަތް އެޅުނީ ބަނޑުގައި ނޫންކަން އެނގުމުން ސުހާން އަވަހަށް އަތް ތިރި ކޮއްލާފައި ބަނޑުގައި ފިރުމާލަމުން ގުދުވެލިއެވެ. ފެންނަ މީހަކަށް ހީވާނީ ހަމަ އަސްލަށްވެސް ބަނޑުގައި ރިއްސާތީ އުޅޭ މީހެއް ހެނެވެ.

“އޯސްކާ އެވާޑެއް ލިބޭނެ މިފަހަރު” ލަމްހާ ސުހާންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“ހަމަ ސީރިއަސްކޮށޭ” ސުހާން އަދިވެސް އެކްޓު ކުރަނީއެވެ.

“އޯކޭއޭ.. އަހަރެން އިރުކޮޅަކަށް މަޑު ކޮއްލާނަން” ލަމްހާ އެންމެ ފަހުން އެއްބަސްވިއެވެ. ލަމްހާގެ ޖުމްލަ އިވިފައި މޮޅިވެފައިވާ ސުހާންގެ މޫނު މަތީގައި ލާނެތް ހިނިތުންވުމެއް ފަވާލިއެވެ.

 

ހަވީރުގެ ވަގުތެވެ. ލީން ރީތިކޮއްލާފައި ގެނެސް އެނދުމަތީގައި ބައިންދާފައި ލަމްހާ ރީތިވާ މޭޒުކައިރިއަށް ޖެހިލިއެވެ. ހުދު ކުލައިގެ ސްކިނީ ޖިންސަކާއި މަޑު ފިޔާތޮށި ކުލައިގެ ދޫ ސްވެޓާގައި ލަމްހާއަކީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. ސްވެޓާގެ ފަސްބައިން ތަންކޮޅެއް ކުރިމަތިން ޖިންސުގެ ތެރެއަށް ޖަހާލާފައި ހުރުމުން ވަރަށް ސްޓައިލިސްއެވެ. ލަމްހާގެ ކޮނޑާހަމައަށް އަންނަ އިސްތަށިގަނޑު ދޫކޮއްލާފައި ހުރުމުން އަދި އިތުރަށް ފުރިހަމައެވެ. ލަމްހާގެ ގުދުރަތީ ރީތިކަމުން މާކަބޮޑު މޭކަޕެއް ކުރާކަށް ނުވެސް ޖެހެއެވެ. މަސްކަރަ އާއި ލިޕްގުލޮސް ބޭނުން ކޮއްލުމުން އެނިމުނީއެވެ. ގަޔަށް ސެންޓު ޖަހާލާފައި ލަމްހާ ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. އަދި އެކިފަރާތް ފަރާތަށް އެބުރި އެބުރިފައި ހިތްހަމަ ނުޖެހޭ ތަންކޮޅެއް ފެންނަން ހުރިތޯ ބަލަމުން ދިޔައެވެ. އެއްވެސް އުނި ތަންކޮޅެއް ނުފެނުމުން އެންމެ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ މޫނު ބަލާލާފައި ހިނިތުންވެލިއެވެ. އެވަގުތު ލަމްހާގެ ހަރަކާތްތަށް ބަލަން ހުރި ލީން ބޯހޫރާލިތަން ލަމްހާއަށް ފެނުނެވެ.

“ކިހިނެއްވީ ލީން؟ މަންމި ތިއްތިތަ މިއަދު؟” ލަމްހާ އަހާލިއެވެ.

“ތިހާވަރަށް ނުބެލިއަސް މަންމި ވަރަށް ތިއްތިއޭ.. ލީންގެ މަންމި އަކީ މުޅި ދުނިޔެއިންވެސް އެންމެ ތިއްތި ގާލް” ލީން ބޮޑުވާ އިނގިލި ދިއްކޮލަމުން ބުނެލިއެވެ.

“މަންމިގެ ލީން ތިހިރީނުން.. މަންމިގެ ލީންވެސް ހަމަ އެހާ ރީތިވާނެ..” ލީންގެ ގައިގައި އޮޅުލައި ގަންނަމުން ލަމްހާ ބުނެލިއެވެ.

އަތްދަބަހަށް ފޯނު ލާފައި ލަމްހާ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. ލީން ގޮވައިގެން މަގަށް ނުކުތްއިރު ސުހާން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.

ކަޅުކުލައިގެ ޖިންސަކާ ހުދު ކުލައިގެ ޓީސާޓެއްގެ މަތިން ކުރީމް ކުލައިގެ ބުލޭޒާއެއް ލައިފައި ހުރުމުން ސުހާން ހީވަނީ ހޮލީވުޑު ތަރިއެއް ހެނެވެ. ބުލޭޒާގެ އަތް އުޅަންބޯއްޓާ ހަމައަށް އޮޅާފައި ހުރުމުން އަދި އިތުރަށް ހިތްގައިމު ކަމަށް ދައްކައެވެ. ކާރުގައި ލެނގިލައިގެން ފޯނާ ކުޅެން ހުރި ސުހާންއާ ދިމާއަށް މަގުގައި ތިބި މީހުން ބަލާކަން ލަމްހާއަށް ފާހަގަވިއެވެ.

“ސުހާންބޭ…” ލީން ސުހާންއަށް ގޮވަމުން އޭނާއާ ދިމާއަށް ދުއްވައިގަތެވެ.

ސުހާންވެސް ފޯނު ޖީބަށް ލަމުން ގުދު ވެލާފައި ލީން އުރާލިއެވެ.

“ސުހާންބެ މަތިން ލީން ވަރަށް މިސްވި” ލީން ސުހާންގެ ކަރުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

“ސުހާންބެވެސް ލީންމަތިން ވަރަށް ބޮޑަށް މިސްވި”  ސުހާން އެހެން ބުނުމުން ލީން ދަތްކޮޅު ފެންނަވަރަށް ހީލިއެވެ.

“ލަމް އަހަރެން މަތިން ހަނދާނެއް ނުވޭތަ؟” ލަމްހާ ކައިރިއަށް އައުމުން ސުހާން އަހާލިއެވެ. ޖަވާބުގައި ލަމްހާ ލޯ ކުޑަކޮއްލާފައި ބަލާލީއެވެ.

“މިއަދު ސުހާންބެ އާއެކު ބޭރަށް ދާތީ މަންމަ އެހެރީ ވަރަށް ތިއްތި ވެލައިގެން” ލީން ލަމްހާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

ލަމްހާ ވަގުތުން ލީންގެ އަނގަމަތީ އަތް އެޅިއެވެ. ލީންގެ ބޮޑު އަނގަޔާ ހުރެ ލަމްހާ ރަކިވިއެވެ.

“އެތެދެއްތަ؟..” ސުހާންވެސް ލީން އާ އެއްބައިވެގެން ލަމްހާ އާ ދިމާކުރިއެވެ.

“ނޫން.. އަހަރެން އަބަދުވެސް ހުންނަނީ މިހެން..” ލަމްހާ އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރިއެވެ.

“ނުވާނެ އެހެނެއް. މިއަދު ލަމް ވަރަށް ރީތި.. ލީން އަކަށް ނޭނގޭނެ ދޮގުހަދާކަށް ދޯ” ސުހާން ލީންއަށް ދޯ ޖަހާލުމުން ލީން ބޯޖަހާލިއެވެ.

“ތިބުނީ އެހެން ދުވަސް ދުވަހު އަހަރެން ހަޑިއޭތަ؟” ލަމްހާ ބުނެލިއެވެ.

“އެހެން ދުވަސް ދުވަހުވެސް ލަމް ވަރަށް ރީތި.. އެކަމު މިއަދު ހީވަނީ ހަމަ ފަންމިންޏެއްހެން.. މިހާރުވެސް މަގުގައި ތިބި އެންމެންހެން ލަމްއާ ދިމާއަށް ބަލާއެބަ..އަހަރެން ޖެލަސްވެސް ވާން ފަށައިފި” ސުހާން އެހެން ބުނުމުން ލަމްހާ އޭނާގެ މުލައްދަނޑީގައި ޖަހާލިއެވެ.

“ބޭކާރު ވާހަކަ ނުދައްކާ ދެންވެސް ހިނގާ ދާން” ލަމްހާ ބޯހޫރާލަމުން ބުނެލިއެވެ.

ސުހާން ލަމްހާ އަށް ކާރުގެ ދޮރު ހުޅުވާލަ ދިނުމުން ލަމްހާ ކުރީ ސީޓުގައި އިށީނެވެ. ލަމްހާގެ އުނގުގައި ލީން ބައިން ދާފައި ސުހާން ވެސް ކާރަށް އެރިއެވެ.

ސުހާންގެ ކާރު މަޑުކޮއްލީ ބޮޑު ޝޮޕިން މޯލްއެއްގެ ކައިރިއަށެވެ. އެއީ ސުހާންމެން އުޅޭ ހިސާބަށްވުރެ ވަރަށް ދުރުގައި އޮންނަ ތަނެކެވެ.

ކާރު ޕާކު ކޮއްލާފައި ސުހާންމެން ކާރުން ފޭބިއެވެ. ލީން އުރާލައިގެން ސުހާން ފިހާރައަށް އަށް ވަދެގެން ދިޔައެވެ. ލަމްހާވެސް އެމީހުން ފަހަތުން ހިނގައިގަތެވެ. ފުރޮޅުލީ ވަށިގަނޑުގައި ހިފަން ލަމްހާ ކައިރީ ބުނެ ސުހާން ކުރީގައި ހުރެގެން ކޮންމެ ހަރުގަނޑެއްގެ ކައިރިއަށް ހިނގަން ފެށިއެވެ. ކަމުދާހެން ހީވާ ކޮންމެ އެއްޗެއް ވަށިގަނޑަށް އަޅަމުން ދިޔައެވެ.

“ސުހާން.. ދެން އިތުރަށް ނުނަގާ.. މިހާރުވެސް މާގިނަ އެއްޗެހި ނެގިއްޖެ” ލަމްހާ ކަންބޮޑުވެފައި ބުނެލިއެވެ.

“އެއީކީ މައްސަލައެއް ނޫނޭ… ލީން މިތަނުން ކޯއްޗެއް ބޭނުމީ” ސުހާން ހުރީ ގޮތް ދޫނުކުރާ ގޮތަށެވެ. ސުހާން ބޭނުން ވާ ވަރަށް އެއްޗެހި ނަގާނިމުމުން ސުހާން ލީން ތިރިއަށް ބޭލިއެވެ. އަދި ލަމްހާ ގާތު ލީން ގޮވައިގެން އިހަށް މަޑުކޮއްލާށޭ ބުނެފައި ވަށިގަނޑު ހިފައިގެން ސުހާން ދިޔައީ ފައިސާ ދައްކާށެވެ.

ފިހާރައިން ނުކުމެފައި އަނެއްކާވެސް ލީން އުރީ ސުހާންއެވެ. ހީވާގޮތުން ސުހާން އެއުޅެނީ ލަމްހާއަތުން ލީން އަތުލާށެވެ. ލީންއަށްވެސް މިއަދު ލަމްހާއަށްވުރެ ސުހާން މާ ކަމުދެއެވެ.

ކާރު ބަހައްޓާފައި އެމީހުން ދިޔައީ ހިނގާލާފައެވެ. އެހިސާބަކީ ކޫބެކްގެ އެންމެ ބޮޑު ކޯރު އޮންނަ ހިސާބެވެ. އެ ފުޅާ ކޯރުގެ ދެފަރާތް ވަނީ ވިނައިން ކާޕެޓު ލެވިފައެވެ. މުޅި ހިސާބަށް ވަނީ ބޮޑެތި ގަސްގަހުގެ ހިޔާ އެޅިފައެވެ. އެވަގުތުވެސް އެތައް ބަޔަކު އެތަނުގައި ހަރަކާތްތެރިވަމުން ދެއެވެ. ކުޑަ ކުދީން ނާއި މުސްކުޅިންނެވެ. ޒުވާނުންނާ ފުރާވަރުގެ ކުދީންނެވެ.

އެހެން މީހުނާ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި ތިންމީހުން މަޑުކޮއްލިއެވެ.  ކުޑަ ކާޕެޓެއް ބިންމަތީގައި ފަތުރާލާފައި ތިންމީހުންވެސް ކާޕެޓުމަތީ އިށީނެވެ.

“އަހަރެން މިއޮއަށް ހުރިހާ ދުވަހު ކޫބެކްގަ އުޅުން އިރުވެސް ނޭނގޭ މިކަހަލަ ރީތި ތަނެއް އޮންނަ ކަމެއްވެސް” ލަމްހާ ދުރު ބަލާލަމުން ބުނެލިއެވެ.

“އަހަރެންވެސް މިތަނަ އައި މިއީ ފުރަތަމަ ފަހަރު” ސުހާން ބުނެލިއެވެ.

“އެކީއްވެ ކުރިން ނައީ..؟” ލަމްހާ އަހާލިއެވެ.

“މިކަހަލަ ތަނަކަށް އެކަންޏެއް ނާދެވޭނުން..” ސުހާން ހިނިއައިސްފައި ބުނެލިއެވެ.

“ސުހާން ކުރިން ރައްޓެހިވި އެއްވެސް ކުއްޖަކާ އެކު ނާންނަންތަ؟” ލަމްހާ އަހާލިއެވެ.

“އަހަރެން ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން.. އަހަރެން ހިތް އެދޭ ކަހަލަ ކުއްޖަކު އޭރަކު ނުފެނޭ” ސުހާން ބުނެލިއެވެ.

“ގަބޫލެއް ނުކުރެވޭ.. ސުހާން ކަހަލަ މީހަކު ދުވަހަކުވެސް ކުއްޖަކާ ރައްޓެސްއެއް ނުވަމޭ ބުނީމަ ކާކު ގަބޫލު ކުރާނީ” ލަމްހާ ބުނެލިއެވެ.

“އެއީ؟؟ ..” ސުހާން ބޯއަރިކޮއްލާފައި އަހާލިއެވެ.

“ސުހާން ކަހަލަ ސްމާޓު ރީތި މީހަކާ ރައްޓެހިވާން ބޭނުން ނުވާނެ އެއްވެސް އަންހެން ކުއްޖަކު ނޫޅޭނެ.. ސުހާން ބޭނުން ކޮންމެ މީހަކުވެސް ސުހާން އަށް ލިބޭނެ” ލަމްހާ ބުނެލިއެވެ.

“ލަމް އަށްވެސް އަހަރެން ކަމުދޭތަ؟” ކުއްލިއަކަށް ސުހާން ބުނި ޖުމްލައިން ލަމްހާ އަނގައަށް އެޅި ކޯކު ފޮދު ނުދިރި ކޮށިއަރައިގަތެވެ.

“ޔޫ އޯކޭ؟..” ސުހާން އަވަހަށް ފެން ފުޅި ކަނޑާލާފައި ލަމްހާ އަށް ދިއްކޮއްލިއެވެ.

“ތެންކްސް.. މިހާރު އޯކޭ ވެއްޖެ” ލަމްހާ ފެން ފޮދެއް ބޯލާފައި ބުނެލިއެވެ.

ސުހާން އިތުރަށް އެވާހަކަ ދައްކަ ފާނެތީ ލަމްހާ އަވަހަށް ލީން ގާތަށް ދިޔައެވެ. ލީން ފަހަތުން ދުވަމުން ސަކަރާތް ޖަހަމުން ދިޔަ ލަމްހާ އާ ދިމާއަށް ބަލަން ގަހުގެ ފަލަ މުލެއްގައި ބުރަކަށި ޖައްސާލައިގެން ސުހާން އޮތެވެ.

ސުހާންގެ ކާރު ލަމްހާގެ ގޭގެ ކުރިމައްޗަށް ހުއްޓުނު އިރު އިރު އޮއްސެނީއެވެ. ދޮރާ ހަމައަށް ލީން އައީ ސުހާންގެ އަތުގައި ހިފައިގެނެވެ. ހީވާގޮތުން ސުހާން ދާކަށް ލީން ބޭނުމެއް ނުވެއެވެ.

“ދަރިފުޅު ދެން ވަދޭ އެތެރެއަށް..” ލަމްހާ ދޮރު ހުޅުވާލާފައި ބުނެލިއެވެ. ލީން ހިތާ ދެކޮޅަށް ސުހާން އަށް ހަނާ އަޅާލާފައި އެތެރެއަށް ވަނެވެ.

“މިއަދު ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ތެންކްސް.. ” ލަމްހާ ސުހާން އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ސުހާން ވަކިއެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ. އިރު އިރު ކޮޅާ އަނގަ ހުޅުވާލާފައި އަނގަ ލައްޕާލަނީ ބުނަން ބޭނުންވާ ބަސްތަ ދުލާ ހަމައަށް ނައިސްގެނެނެވެ.

“އަހަރެން ދެން އެތެރެއަށް ވަންނަނީ.. ސުހާންވެސް ދެން ދޭ ގެއަށް” ސުހާން އެހެން ހުންނަން ފެށުމުން ލަމްހާ ބުނެލިއެވެ.

ސުހާން އޯކޭ އޭ ބުނުމުން ލަމްހާ ގެއަށް ވަންނަން އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް ދެވަނަ ސިކުންތު ސުހާން ލަމްހާގެ އަތުގައި ހިފާލިއެވެ.

“ލަމް… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. ” ސުހާން އެހެން ބުނުމުން ލަމްހާގެ މެއަށް ހީވީ ފިނި ފެން އެއްޗެއް ޖެހި ހެނެވެ. ބުނަން އެއުޅެނީ ކީކޭބާއޭ ހިތަށް އަރާ އޭނާގެ މޭތެޅެމުން ދިޔައެވެ.

“ލަމް.. އަހަންނަށް ހީވަނީ.. އަހަންނަށް ލަމް ދެކެވެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެހެން.. ލަމް އަށްވެސް މިހާރު އެކަން އެނގޭނެ.. ކިތަންމެ ފަހަރަކު އަހަރެންނަށް ހިންޓު ދެވިއްޖެ.. އެކަމު ލަމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ހަގީގަތް މިގޮތަށް ބުނަން އަހަރެންނަށް މަޖުބޫރު ވެއްޖެ… އަހަރެންގެ އަމިއްލަ ނަފްސަކަށް އަބަދަކު އޮޅުވައެއް ނުލެވޭނެ.. ލަމް އަހަރެންނާ ދޭތެރޭ އެގޮތަށް ދެކެވޭތަ؟ ” ސުހާން އޭނާގެ ހިތުގެ ހާލަތު ލަމްހާގެ ކުރިމަތީ ބަންޑުން ކޮއްލިއެވެ.

ސުހާންގެ ފަރާތުން އެފަދަ ބަހެއް އިވިދާނެ ކަމަށް ވިސްނައިގެން ހުރި ނަމަވެސް ލަމްހާ ކުޑަކޮށް ހުއްޓުން އެރިއެވެ. ކުއްލިއަކަށް ސުހާން އެހެން ބުނުމުން ޖަވާބު ދޭނެ ގޮތެއް ލަމްހާއަކަށް ނޭނގުނެވެ.

ނޫނެކޭ ބުނެއްޖެ ނަމަ އެބުނެވުނީ ދޮގެކެވެ. ލަމްހާ ސުހާންއާ ދޭތެރޭ ދެކެވެނީ ވަރަށް ގާތް ކޮށެވެ. އެކުވެރިއެއް ގޮތަކަށް ނޫނެވެ. ސުހާންދެކެ ލަމްހާއަށް ލޯބި ވެވިއްޖެ ކަން އެނގި ހުރެވެސް އާއެކޭ ބުނަން ޖެހިލުންވަނީ ކީއްވެކަމެއް ލަމްހާއަކަށް ނޭނގުނެވެ.

ދޭނެ ޖަވާބެއް ނޭނގުމުން ލަމްހާ އިސްޖަހާލިއެވެ.

“އެނގޭ ކުއްލިއަކަށް މިހެން ބުނީމަ ދޭނެ ޖަވާބެއް ނޭނގޭނެ ކަން .. ލަމް މިކަމާ ވިސްނާލަން 3 ދުވަސް ދޭނަން.. ލަމްގެ ޖަވާބަކުން އަހަރެމެން ދެމީހުންގެ އެކުވެރިކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ.. ” ސުހާން ލަމްހާގެ އަތުން ދޫކޮއްލަމުން ބުނެލިއެވެ.

“ގުޑު ނައިޓު ލަމް.. އަހަރެން ދަނީ” ސުހާން އޭނާގެ ކާރާ ދިމާއަށް ހިނގައި ގަތެވެ. އޭރު އެ ހިތް ގޮތް ނޭނގޭ ގޮތަކަށް ތެޅެމުން ދިޔައެވެ. މޭކަށި ފަޅާލާފާ ނުކުމެ ދާނެހެންވެސް ހީވެއެވެ. ކާރު ދޮރު ހުޅުވުމުގެ ކުރިން ސުހާން އަދި އެއްފަހަރު ފަހަތް ބަލާލިއެވެ. ލަމްހާ އޭނާ ނުހުއްޓުވުމުން ސުހާން ކުޑަކޮށް ދެރަވިއެވެ. ސުހާން ހީކުރި ގޮތާ ހިލާފަށް ލަމްހާ އެތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ.

 

އެރޭ ލަމްހާ އަށް ނިދުނީ ވަރަށް ލަހުންނެވެ. ހަމަ ނިދުނު ތަނާހެން ލަމްހާއަށް ފެނުނީ ބިރުވެރި ހުވަފެނެކެވެ. އެހާ ސާފު ނުވިއަސް ލަމްހާއަށް ވާނުވާ އެނގެއެވެ. އެންމެ އޭނާއާ ދިމާއަށް އެއްޗެހި ކިޔަނީއެވެ.. ބައެއް މީހުން މަލާމަތްވެސް ކުރެއެވެ. ކުޑަ ކުޑަ ލީންވެސް ލަމްހާ އާ ދިމާއަށް ބެލީ ނުރުހުމުގެ ނަޒަރަކުންނެވެ. ކުރިމަތީ ހުރި ސުހާންވެސް ހީވަނީ ފަކުރު އެއްޗަކާ ދިމާއަށް ބަލަން ހުރިހެނެވެ.

“ލަމްހާ ހީކުރީތަ ލަމްހާ ކަހަލަ މުޑު ދާރު މީހަކާ އިންނާނެ މީހަކު ވާނެއޭ..”

“ބަންޑުގައި ތިއޮތް ދަރިފުޅު ވައްޓާލާ..”

“މަންމަ ކިއްވެ އަހަރެން މިދުނިޔެއަށް ގެނައީ.. މީހުންގެ މަލާމަތް އަޑު އިއްވަންތަ..”

“ލަމްހާ.. އަހަރެން ބޭނުމެއްނޫން ލަމްހާއާ ކައިވެނި ކުރާކަށް.. ޗީ.. ތިއީ މުޑުދާރު އަންހެނެން ”

“ލަމްހާ… މަންމާ.. މަންމާ!!!!”

ނިދިފައި އޮތް ލަމްހާ އަށް ސިހިފައި ހޭލެވުނެވެ. ދަލުން ފެންވެރިފައިވާ ލަމްހާ ގެ ބޮލުގައި ރިހުމެއް ހުއްޓެވެ.  އަދިވެސް ހީވަނީ ހުވަފެނުން އިވުނު އަޑުތައް އިވެމުން ދާހެނެވެ. ބޮލުގައި އަތް އަޅާލައިގެން އިން ލަމްހާ ސިހުނީ ލީން މަންމާ އޭ ކިޔާފައި  އޭނާގެ އަތުގައި ކޮއްޓާލުމުންނެވެ.

“ކިހިނެއްވީ ދަރިފުޅާ؟” ލަމްހާ ހަމަޖެހިލަމުން ލީން ބޮލުގައި ފިރުމާލިއެވެ.

“ފެން ބޮވަނީ” ލީން ލޯ އުނގުޅާލަމުން ބުނެލިއެވެ.

ލީން އަށް ފެންފޮދެއް ދިނުމުން އަނެއްކާވެސް ނިދައިފިއެވެ. ނަމަވެސް ލަމްހާ ގެ ލޮލާ ނިދިވަނީ ރުޅިވެފައެވެ. އުޅެ އުޅެވެސް ލަމްހާއަކަށް ނުނިދުނެވެ. އެންމެ ފަހުން ފާހަނައަށް ގޮސް މޫނު ދޮވެލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރިއިރު ލަމްހާގެ ސިކުންޑީގައި އެތައް ހިޔާލު ތަކެއް އެނބުރެމުން ދިޔައެވެ.

ސުހާންއަށް ހަގީގަތް އެނގިއްޖެއްޔާ އޭނާ ދޫކޮއްލާނީ ބާވައެވެ. ހަގީގަތް އެނގުމުން ސުހާން އޭނާދެކެ ލޯބި ވެދާނެ ބާވައެވެ. ސުހާން އޭނާ ދޫއްކޮއްލަފައި ހިނގައްޖެނަމަ އޭނާ ދިރިހުންނާނީ ކިހިނެއް ހެއްޔެވެ. ސުހާން އެގޮތަށް ގެއްލޭނެ ނަމަ އޭނާ ސުހާން ބޭނުމެއް ނޫނެވެ. ސުހާންގެ ލޯބި އޭނާ ބޭނުމެއް ނޫނެވެ.

 

ތިން ދުވަސް ފާއިތު ވީއިރުވެސް ސުހާންއަކަށް ޖަވާބެއް ނުލިބެއެވެ. ސުހާން ގުޅުމުން ލަމްހާ ފޯނެއްވެސް ނުނަގައެވެ. ގިނަވަގުތު ފޯނު އޮންނަނީ ނިއްވާލާފައެވެ.

ސުހާން ހީކުރީ ރެސްޓޯރެންޓު ހުޅުވުމުން ލަމްހާ ފެންނާނެ ކަމަށެވެ. ނަމަވެސް އެހެނެއްވެސް ނުވިއެވެ. ސުހާންއަށް ކެއުން ގެނެސް ދެނީވެސް އެހެން ކުއްޖެކެވެ. ލަމްހާ ކޮންމެވެސް ބަހަނާއެއް ދައްކާފައި ސުހާންގެ ގާތަށް ނުދަނީއެވެ.

ނިމޭގަޑިގައިވެސް ސުހާން އޭނާއާ ބައްދަލު ކޮއްފާނެތީ ގެއަށް ދަނީ ވިޝާމް އާއެކުގައެވެ.

ސުހާން އެންމެ ދެރަވާ އެއްސަބަބަކީ އެއީއެވެ. އޭނާގެ ކުރިމަތީ ލަމްހާ ވިޝާމްގެ ކާރަށް އަރާ މަންޒަރު ފެނުމުން އެހިތް ކުދި ކުދިވެއެވެ.

 

އެއްރެއެވެ.. އެރޭ ލަމްހާގެ ޑިއުޓީ ނިމުނީ ތަންކޮޅެއް ލަހުންނެވެ. ސިޑި ކައިރީ ހުރި ސުހާން ފެނުމުން އެތާ މަޑު ނުކުރަން ވިޝާމް އައުމުގެ ކުރިން އޭނާ ހިނގައިގަތެވެ. ލަމްހާ ފަހަތުން ހިނގައި ގަތް ސުހާން ހުއްޓުނީ އާޒިމް ގުޅުމުންނެވެ. އާޒިމް އާ ވާހަކަ ދައްކަމުން ސުހާން އިސް ޖަހާލިއެވެ. ދެވަނަ ފަހަރަށް އިސް އުފުލާލާ ލަމްހާ ދިޔަ ދިމާއަށް ބަލާލިއިރު ލަމްހާއެއް ނެތެވެ. ނަމަވެސް އެތަނަށް މަޑުކޮއްގެން ކާރެއް އޮތެވެ.

ފޯނު ކަނޑާލާފައި ސުހާން އެބުރި އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ސުހާންގެ ފިޔަވަޅު ހުއްޓުނީ ރޯޔަލް ޑިނާ ކުރިމައްޗަށް ހުއްޓުނު ވިޝާމްގެ ކާރު ފެނިފައެވެ.

ވިޝާމްގެ ކާރުގައި ލަމްހާ ނެތުމުން ސުހާން ހައިރާން ވިއެވެ. މިހާ އަވަހަށް ލަމްހާ ގެއަށް ލައިފައި ނާދެވޭނެ ކަން ސުހާންއަށް ޔަގީނެވެ. ސުހާން ހަނދާނަށް އެތާ އޮތް ކާރެވެ. ކަޅުކުލައިގެ ކާރަކަސް އެއީ ވިޝާމްގެ ކާރު ނޫންކަން ސުހާންއަށް ދެނެ ގަނެވުނެވެ.

ކުއްލިއަކަށް ހިތަށް އެރި ބިރުވެރި އެއްޗަކުން ސުހާންގެ މޭގަނޑު އަނގަޔާ ހަމައަށް ނައީ ކިރިއާއެވެ. ފަޔަށް ލެވުނު ބާރެއް ލާފައި ސުހާން އޭނާގެ ކާރާ ދިމާއަށް ދުއްވައި ގަތެވެ.

ކާރުގެ އިންޖީނު ސްޓާޓު ކޮއްލާފައި ސުހާން އޭނާ އަށް ދުއްވުނު އެންމެ ބާރަކަށް ދުއްވާލިއެވެ.

ނުވިސްނަ ހުއްޓާ ކުއްލިއަކަށް މީހަކު އޭނާ ކާރަކަށް އެރުވުމުން ލަމްހާ ހުރީ ވާނުވާގައެވެ. ގަދަކަމުން ކާރަށް ވެއްދި ވަގުތު ލަމްހާގެ ބޯ ކާރުގެ މަތީބައިގައި ޖެހުމުން ދިލަ ތަދެއް ވަނީ މުޅި ބޮލަށް އަރާފައެވެ. ހިސާބަކަށް އޭނާ ހުރީ ބުރާންތިވެފައެވެ. ނަމަވެސް ކާރުގައި ތިބި ދެ ފިރިހެނުންގެ މޫނު ވަރަށް ރީތިކޮއް ފެނުނެވެ. ނުލަފާ ވައްތަރަކަށް ތިބި ދެމީހުންވެސް ލަމްހާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ބުޅާ މަސްގަނޑަށް ބަލާ ފަދަ ގޮތަކަށެވެ.

“އޭ.. އެހެރަ ކާރު އެއަންނަނީ އަހަރެމެން ފަހަތުން.. ބާރަށް ދުއްވަބަލަ” ލަމްހާގެ އަތުގައި ހިފަހައްޓައިގެން ހުރި މީހާ ދުއްވަން އިން މީހާ ގާތު ބުނެލިއެވެ.

އެމީހާ ކާރު ދުވެލި ބާރު ކޮއްލުމުން އެކާރު ފަހަތުން ދުއްވަމުން އައި ސުހާންގެ ކާރުވެސް ބާރު ކޮއްލިއެވެ. އިރުކޮޅަކު އެކާރު ފަހަތުން ދުއްވިފަހުން ކުއްލިއަކަށް ކުރީގައި އޮތް ކާރު ސުހާންއަށް ގެއްލުނެވެ. އެއީ ހަނި ވަންވޭ މަގެކެވެ. މަގުގެ ހުރަހަށްވެސް ދެ މަގު ހުރުމުން އެކާރު ދިޔައީ ކޮން ގޯޅިއަކުން ކަމެއް ސުހާންއަކަށް ނޭނގުނެވެ. ކާރު ހުންގާނުގައި ދެފަހަރަކު ޖަހާލާފައި ސުހާން ކާރުން ފޭބިއެވެ.

ވަށައިގެން އެބުރިލާފައި ސުހާން އެހިސާބު ބަލާލިއެވެ. އެއީ މީހުން އާންމުކޮއް ނާންނަ ހިސާބެކެވެ. އިމާރާތްތަށްވެސް ހުސްވެފައި ބަލެވެ. އެހެން ހުއްޓާ ކާރެއްގެ އިންޖީނު ޖައްސާލާފައި ނިއްވާލި އަޑު ކަހަލަ އަޑެއް ސުހާންއަށް އިވުނެވެ. އެއަޑު އައީ ހަނި ގޯޅިއަކުން ކަން ސުހާން އަށް އެނގުނެވެ.

ސުހާން ހީކުރި ފަދައިން އެ ގޯޅީގައި އެކާރު އޮތެވެ. ނަމަވެސް ކާރުގައި ލަމްހާއެއްވެސް އަދި އެހެން މީހަކުވެސް ނެތެވެ.

އެހިސާބު ވަށައިގެން ހޯދަނިކޮއް ސުހާންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ރިހިފަށެވެ. އެފަށް ނަގާފައި ސުހާން އެފަށް ރީތިކޮއް ބަލާލިއެވެ. އެއީ ލަމްހާގެ ފަށްކަން އެގުމުން ސުހާންގެ ހިތަށް ވަނީ ގޮތް ނޭނގޭ ބިރެކެވެ. ކުރިމަތީގައި ހުރި ވީރާނާވާން ކައިރި ވެފައިވާ އިމާރާތަށް ބަލާލެވުނީ ލަމްހާ ވީ އެތަނުގާ ކަމަށް އެ ހިތް ބުނަމުން ދާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް-26

Next

ހިތި ނިމުން 15

Next
November 11, 2020

ހިތި ނިމުން 15

Previews
November 10, 2020

ނޭދެމޭ ވަކިވުމެއް-26

2 Comments!

  1. Aishath Shawa says:
    November 11, 2020 at 12:10 am

    Alhey thihisaabun ninmaanulaa heyonuvaane … waiting for nxt plssss avahaha up kohdhehchey?????????????❤❤❤❤❤❤vhk hama v reethi
    Masha Allah

    1. Dheem&Eekku says:
      November 12, 2020 at 3:31 pm

      Hehehe.. Thanks Aishath Shawa ❤️❤️
      Insha Allah varah avaha next part ves up kolleveyne..

Comments are closed.

Next Episodeތިން ލަފްޒުން (15)←


All Right Reserved!