އަހަރެން ކުރި ސުވާލަށް އުމައިރު ހިތްހަމަ ނުޖެހުނު ހެން ހީވިއެވެ. ރާގައިގަ އެކަން ހުއްޓަސް މޫނުމަތިން އެކަން ދައްކައި ނުލިއެވެ. ” ދެން އުމައިރުއަށް ފެނިފަވާނަމަ ބުނެވިދާނެއެއްނު…” އަހަރެން އަނެއްކާވެސް އަހާލީމެވެ. ” އާނ! މީހުން ކިޔާތީ އަޑުއެހިން މުޅި ރަށުގައި އެއްގެއިން އަނެއްގެއަށް ބަނޑުހައިހޫނުކަން ފިލުވަން އާދޭސްކުރަމުން ދުވިޔޭ…މިހާރު މަށަކަށް ނޭނގެ..” އަމިއްލަ މައިމީހާގެ ވާހަކަ ދެއްކުމުންވެސް ނޭގުނު މީހެއްކައިރީގަ އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާއޭ އުމައިރުގެ ހިތައް އެރިއެވެ.

**********************************************

އަހަރެން އެގެއިން ނިކުތީމެވެ. އަހަރެން ދުއްވަން ވީކޮޅު ނޫން އަނެއްކޮޅަށް ދުއްވިފަ ހުރިކަން އެނގުނީ މަގުމައްޗަށް ނިކުމެވުނީމައެވެ. އަހަރެން އަނބުރާ ގެއަށް ފެންވަރައިލަން ގޮސްވަނީމެވެ. އުމައިރު ދެއްކީ ތެދުވާހަކަތަކެއްކަން އަހަރެންނަށް އިޙުސާސްވަނީ މިފަދަ މަންޒަރުތައް ފެނުމުންނެވެ. އަހަރެން ލޯބިވި އަހަރެންގެ އަނބިމީހާ ހިލޭ ފިރިހެނުންތަކަކާއެކު ގޭ ސިޓިންގ ރޫމުގައި ހެއްދެވި ގޮތަށް އޮތެވެ. އަދިވެސް އެމީހުން ހޭ ނުޖެހެއެވެ. އެމަންޒަރު ބަލާފަ އަހަރެން އަމްނާއާ ދިމާއަށް ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ. މިފަހަކަށް އައިސް ދެމީހުންގެ ދެމެދުގަ އެއްޗެކޭ ބުނެފިއްޔާ ޒުވާބަކަށް ނުދާ އެއްކަމެއްވެސް ނެތެވެ. އެމަންޒަރުތައް ނުފެންނަ މީހަކަށް ހެދިގެންގޮސް އަހަރެން ފާޚާނާއަށް ވަނީމެވެ. އަހަރެންގެ އަންހެނުން ހިލޭ ފިރިހެނުންނަށް ދީގެން ހުރެ އަހަރެންކުރަމުން މިދާ ނުބައިކަންތައްތައް އަހަރެންނަށް އިނގޭނަމަ މިއިން އެއްވެސް ކަމެއް ނުފެންނަ ކަމަކަށް ނަހަދާނެކަން ޔަގީނެވެ.

އަމްނާ ހޭއެރީ އަހަރެން ކޮމްޕެނީ އޮފީހަށް ދާންވެގެން ހެދުން އަޅައިގެން ނިކުތްތަނާއެވެ. އުމައިރުގެ ގެއިން ރަގަޅަށް ސައިބޮއިލާގެން ނިކުމެވުމުން މިއިން ޒަމާނަކުވެސް ހައި ނުފިލާވަރަށް ހައިފިލިއެވެ. ހަޤީގަތަކީ އެވަގުތު އަހަރެން އަހަރެންގެ މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. މަންމަ އަހަރެންނަށް ކައްކައިދޭ މަސްރިހަ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އަހަރެން އަމްނާ ކުރާ ކަމެއް ނުބަލާ ގެއިން ނިކުތީމެވެ. އެނބުރި ގެއަށް އަހަރެން އައީ ހަވީރުގެ ވަގުތެއްގައެވެ. އޭރު ގޭގައި އަމްނާ އުޅެމުންދާކަން ގޭތެރެއިން އިވޭ އަޑުތަކުން އެނގެއެވެ. އަމްނާ ގޭގައި އުޅޭނަމަ މިއުޒިކާ ނުލާ އޭނާއަކަށް ސިކުންތަކުވެސް ނުހުރެވޭނެއެވެ. އަހަރެންގޮސް ވަނުމުން އަމްނާ ވަރަށް ލޯބިން އަހަރެންގައިގަ ބައްދާލީއެވެ. އަމްނާ އެފަދަ ކަމެއް ކުރާނީ ކޮންމެވެސް ކަމެއް ބޭނުންވުމުން ކަން އަހަރެންނަށް އެނގެއެވެ. ” ކިހިނެއްވީ..؟..” އަހަރެން އަހާލީމެވެ. ” ދެމީހުން އެއްކޮށް މަޖާކޮށްނުލެވޭތާ ވަރަށް ޒަމާން ވެއްޖެއެއްނު… ނިކުންނަންވެގެން އެންމެނަށް ގުޅައިފިން އެއްވެސް މީހަކަށް މިވަގުތު ނިކުމެވޭ ގޮތަކަށް ނެތް…ހިނގާބައި ދެމީހުން އެއްކޮށް ރައިޑަކަށް ނިކުމެލަން…” އަމްނާ ބުންޏެވެ. އުމުރުން ކިތަންމެ ދުވަހެއް ވިއެއްކަމަކު އަމްނާގެ އުޅުންޒުވާން ޅަކުއްޖެކޭ ތަފާތެއްނެތެވެ. ހެދުން އެޅުމުގައިވެސް އެންމެ ފަހުގެ ފެޝަންއެއްޗެއް ނޫނީ ނުލެވެއެވެ. ގަޔަށްބާރު ކުރު އެތިކޮޅެއް ނޫނީ ގަޔަށް އަރާކަމަކަށްވެސް ނުވެއެވެ.

އަހަރެންވެސް އަމްނާއާއެކު ދާން ބޭނުމެވެ. ނަމަވެސް އަހަރެންވެސް މިދުވަސްކޮޅު އަމިއްލަ ކަންތަކާ އުޅެނީ ވަރަށް ބުރަކޮށެވެ. ދެމީހުން ޒުވާބަކަށް ދާން ބޭނުން ނުވާތީ އަހަރެން އަމްނާއާއެކު ދާން އެއްބަސްވީމެވެ. އަމްނާއަށް އަހަރެން މަތިން ހަނދާންވަނީވެސް އޭނަގެ އެހުރިހާ ރަޙުމަތްތެރިންނަށް ވަގުތެއް ނުވިއްޔާއެވެ. ރަތްކުލައިގެ ގަޔަށްބާރު ކަކުލުން މައްޗަށް އޮތް ހެދުމެއް އަމްނާ ލައިގެން ނިކުތްއިރު އޭނައެއީ އުމުރުން ސާޅީހަށް އެޅިފައިވާ އަންހެނެކޭ އެއްވެސް މީހެއް ނުބުނާނެއެވެ. ” އަހަރެންގެ ކާރުގަ ދޯ ދާނީ..” އަމްނާ އަހާލިއެވެ. އަހަރެން އެކަމާ ދެކޮޅެއް ނަހަދަމެވެ. ބުނެވޭ ކުޑައެއްޗަކުންވެސް ދެމީހުންގެ ދެމެދުގަ ޒުވާބެއް ނޫނީ ނުހިނގާނެއެވެ. އަމްނާ ބޭރަށް ނިކުތަސް ދާނެ ތަންތަން އަހަރެންނަށް ވަރަށް ރަގަޅަށް އެނގެއެވެ. ކާރަށް އެރުމާއެކު މިއުޒިކު އަޑުފަށްގަނޑު މުޅި ކާރުގެ ތެރޭގައި ހިފާލިއެވެ. އެއާ އެއްވަރަށް އަމްނާގެ މުޅި ހަށިގަނޑު ހެލެމުން ދިޔައެވެ. އަހަރެންވެސް އަމްނާއާ ބައިވެރިވެލުމުގެ ގޮތުން އޭނައާ އެއްވަރަށް އެކަން ކުރަމުން ދިޔައީމެވެ.

އަމްނާ ގޮސް މަޑުކުރި ތަނުގެ ބޭރުން އަހަރެންނާއި އަނެއްކާވެސް އުމައިރުއާ ދިމާވިއެވެ. ” އައްސަލާމް އަލައިކުމް..” އުމައިރު އަހަރެންނާ ސަލާން ކުރުމަށްފަހު ބުންޏެވެ. އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. ނަމަވެސް އުމައިރުގެ ހަށިގަނޑުގައި ބައްދައިލީމެވެ. ” އެއްކަލަ ހާބީންތައް ދޯ… އަދިވެސް ކަލޭ ތި ކަޓް މީހުންތައް ދޫކޮށްލަން ނޫޅެންދޯ؟..” އަމްނާ ބުނިއެއްޗަކަށް އަހަރެންނަށް އެއްޗެކޭ ނުކިއިގެން އުޅެނިކޮށް އުމައިރު ވާހަކަ ދެއްކިއެވެ. ” އަހަރެމެންގެ ހުރި ކަޓް ކަމަކީ ކޮބައިކަން އަމްނާ ކިޔާދީބަލަ..” އުމައިރު ބުންޏެވެ. ” ޗީ..ޗީ..އަދި އެބަ ބުނެއެއްނު ކަޓް ތަންކޮޅޭ… ކަލޭމެނަށް ދުނިޔޭގައި މަޖާކޮށްލެވުމަކީވެސް ހަރާމް ކަމަކަށްވަނީ.. ގޮތަކަށް ހެދުން އެޅުމަކީވެސް ޙަރާމް ކަމަކަށްވަނީ… މުޅި ފޮތިގަނޑެއް ގައިގަ އޮޅައިގެން ދުވާ ދާވަހުން އެހެން މީހުނަށް ކައިރި ނުވެ އުޅެން ޖެހެނީ.. ޒަމާނަށް ހޭލާކަށް ކަލޭމެން ނުވޭތަ…ދީނަކީވެސް އުނދަގޫ ބޮޑު އެއްޗަކަށް ހަދައިގެން އުޅެނީ.. އަހަރެމެން ކަމެއްކޮށްފިއްޔާ ދާނީ އަލިފާނަށް…ނޫންނަމަ ﷲ އަޒާބު ފޮނުއްވާނޭ… ކުރިން ދުވަހަކުވެސް މިއިން މީހަކާ ދިމާވެގެން ހަމަ މިކަހަލަ ވާހަކަ ގަނޑެއް ދެއްކި… ﷲއަށްބިރުވެތިވެ ބަލާށޭ…ކަލޭމެންތީ މުސްލިމުން ނޫންހޯ.. އަހަރެމެން ކޮން ދުވަހަކުތަ ބުނީ އަހަރެމެން މީ މުސްލިމުންނޭ.. ދައްކާ ވާހަކައެއް ދައްކަން ފެށުމުގެ ކުރިން މިހެން އަހަންވެސް ވެއްޖެއެއްނު” އަމްނާ ދެއްކި ވާހަކަތަކަށް އުމައިރުއަށް ބަލައިލެވުނީ އަހަރެންގެ މޫނަށެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ތީ އަހަރެމެން ފަދައިން ﷲ ސުބުޙާނަޙޫ ވަތައާލާ ހައްދަވައިފައި ތިބި އަޅުންތަކެއް…އެކަލާނގެ ކަލޭމެންވެސް ފޮނުއްވީ އަދި އަހަރެމެން ހުރިހާ އިންސާނުންވެސް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށް…އެކަމަކު އެކަލާނގެ ސުވަރުގެއާ ނަރަކަ ހެއްދެވި… އަދި މީސްތަކުންނަށް ދެމަގު ދެއްކެވި..އެއީ އިމްތިހާނަކަށް… ޖާހިލުންގެ ގޮތުގައި ނުތިބެ އީމާންވެ އިސްލާމްވޭ… މަރަކީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫން… އީމާންވާނެ ހެއްދެވި ފަރާތެއް ނުވާނަމަ ކަލޭމެނަށްވެސް މަރު ނުވެ ދުނިޔޭގައި ތިބެވޭނެ..އަދި މަރުއައިސް ޖެހޭއިރު އެކަން ހިފަހައްޓައިވެސް ލެވިދާނެ… އެކަމަކު އެކަން އެހެނެއް ނުވޭ… އެއީ ކޮންމެވެސް ފަރާތެއްގެ ބާރުން ވާކަމެއްކަން ވިސްނައިލީމަ އެނގޭނެ..” އުމައިރު ބުންޏެވެ. ” ދެން ކަލެއަށް ކަލޭ ހެއްދެވިފަރާތް ކިޔައިދެނީތަ އަހަރެމެން މަރުވީމަ ދާނީ އަލީފާނަށޭ..” އަމްނާ ބުންޏެވެ. ” ތީ މާކުރިންވެސް އެކަލާނގެ ވަޙީ ކުރައްވައިފައި އޮތް ކަމެއްގެ ވާހަކައެއްނު… އެކަލާނގެ ޙަރާމް ކުރެއްވި ހުރިހާ ކަމެއް ކަލޭމެން އެބަކުރޭ…މިވަގުތު ތިދަނީވެސް ހަމަ އެފަދަ ނިޔަތެއްގައި އެފަދަ ކަމަކަށް ދާން… ކަލޭމެން ތައުބާ ނުވެ މަރު އައިސް ޖެހިއްޖެނަމަ.. ދެންގޮސް ވަންނާނެތަން މާ ކުރިންވެސް އޮތީ އަންގަވާފަ…. އިންޒާރު ކުރައްވާފަ…” އުމައިރު ބުންޏެވެ. އަމްނާއަކީ އެއްވެސް ކަމަކަށް ދޫދޭނެ މީހަކަށް ނުވާތީ އަމްނާ ކައިރީ އިހަށް ވަނުމަށް އަހަރެން ބުނީމެވެ. އަމްނާ އެތެރެއަށް ވަންތަން ބަލައިގެން ތިބުމަށްފަހު އަހަރެން އުމައިރުގެ ކިބައިން މާފަށް އެދުނީމެވެ. އަދި ދިމާވާ ކޮންމެ ފަހަރަކު ތިވާހަކަތައް ނުދެއްކުމަށްވެސް އެދުނީމެވެ.

” ސަމީރުއަށް ރަގަޅީ ސަމީރުގެ އަންހެނުން އެހެން މީހުން ކުރިމަތީގަ އެހެން ހުރީމަތަ؟.. އާނ! އަހަރެން ހަނދާން ނެތުނީއޭ.. ކުރިން ދުވަހު ސަމީރުއަށް ވެސް މިދީނުގައި ހުންނަން ބޭނުން ނުވާ ވާހަކަ ބުނެ މި ދީން ގަބޫލު ނުކުރާ ވާހަކަ ވެސް ބުނިން.. އެހެންވީމަ ކޮންމެ ގޮތަކަށް އުޅުނަސް އެކަލާނގެ ތިކަން ބައްލަވާ ވޮޑިގެން ނުވާނެ ކަމަށްދޯ ތި ހީކުރަނީ… ބަލަ ސަމީރު ތީ އަހަރެމެން އެންމެ ޅައިރުއްސުރެ ހެޔޮ ގޮތަކީ ކޮބައިކަން ބުނެދެމުން އައި މީހަކީ… އެކަމަކު އެކަން އެންމެ ހެޔޮގޮތުގައި ކުރަން ވީ ދުވަހު އެކަމުން އެއްކިބާވެ އެންމެ ފަހުން ގޮސް ދީނުންވެސް ބޭރުވީ.. ސަމީރު ދޯ އަހަރެމެނަށް ކިޔައިދިނީ ކާފިރުންގެ ކަންތައްވެސް ﷲސުބުޙާނަހޫ ވަތަޢާލާ ގާތުން ބައްލަވާ ވޮޑިގެންވެޔޭ..” އުމައިރު ދެއްކިވާހަކަތައް ސަމީރުގެ ހަނދާނަށް އަންނަން ފެށިއެވެ. އެއަށް ދޭނެ ރައްދެއްވެސް ސަމީރުއަކަށް ނުވިސްނުނެވެ. ” ދެން އެންމެ ރަގަޅު…އަހަރެން ނެތިން އެވާހަކަ ދައްކާކަށް.. ސަމީރުއަކީ ވެސް ރަގަޅު ދެމަފިރިޔަކަށް ލިބިގެން ހެޔޮހުރިހާ އެއްޗެއް ބުނެދީގެން ބަލައި ބޮޑުކުރި ދަރިއެއް..އުމުރުން ތިހާ ވަރު ވީމަވެސް އިސްލާހު ވެވޭނީވެސް އަމިއްލައަށް ބޭނުން ވެގެން..” އުމައިރު ބުންޏެވެ.

އަހަރެންވެސް މައުޟޫ ބަދަލު ކޮށްލުމުގެ ގޮތުން އެހެން ވާހަކައެއް ފެށީމެވެ. ” އުމައިރު މިކޮޅަށް އައިސް ކޮންކަމެއްތަ ތިކުރަނީ…؟..” އަހަރެން އަހާލީމެވެ. މިކޮޅަށް އައިސް ފުރަތަމަ ވަޒީފާއެއް ލިބޭތޯ ބެލީ…އެކަމަކު މަންމަ ބަލިކަމުން ވަޒީފާއަށް ދަމުން މަންމަގެ ކަންތައް ނުބެލޭނެތީ.. ގެ ކައިރިން ތަނެއް ކުއްޔަށް ހިފައިގެން ފިހާރައެއް ހިންގަން ފެށީ… ތަނުގެ ގޮތުން ވިޔަފާރި އިންޝާﷲ ވިޔަފާރި ވަރަށް ކާމިޔާބު… ސަމީރު މިހާރު ކޮންކަމެއްތަ ކުރަނީ…” އުމައިރުގެ ވާހަކަތައް ކިޔާ ދިނުމަށްފަހު އޭނާ އަހާލިއެވެ. ” މަ މުއްސަނދިވާގޮތް ނުބުންޏަސް އެނގެއެއްނު… މިހާރު މިކޮޅުގަ ހުންނާނެ އަހަރެންގެ މިލްކިއްޔާތުގަ އެއްގެއާ އިހަކަށް ދުވަހު ބޮޑު ކޮމްޕެނީއެއްވެސް ގަނެ ލައިގެން މިއުޅެނީ އެތަނުގެ ދަށުންވެސް ހިންގާ ފަސް ފިހާރައާ ދެ ކްލަބު އެބަހުރި… ފަސް ފިހާރައަށް ވުރެ ގިނަ އެއްޗެއް ލިބޭ ކްލަބުން…އެއްފަހަރާ މުއްސަނދިވެގެން މިހުރީ… ދެން އަމްނާގެވެސް ތަކެތި އެބަހުރި މިކޮޅުގަ…” އަހަރެން ވަރަށް ފޮނިވެލާފައި ބުނީމެވެ.

( ނުނިމޭ )

36

1 Comment

  1. thiththaa

    November 17, 2020 at 11:16 pm

    Masha allah kudhu mibaives varah reethi♥️♥️♥️

Comments are closed.