ތިޔަ ލޯބި އަދު ލިބޭނެބާ 3

- by - 59- September 13, 2020

ގާތްގަނޑަކަށް އެއްގަޑިއިރުގެ ދިގު ކޯލަކަށްފަހު މަލްދާ ފޯނު ބޭއްވިހެން ހިޔެއްނުވެ އަނެއްކާ ރިންގުވާންފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ދެ ހިޔާލެއްގައި ހުރެފައި މަލްދާ އެންމެފަހުން ފޯން ނެގިއެވެ. “ހަލޯ މަލް؟….” އެންމެ ފުރަތަމަ އެއަޑު ކަންފަތައް އެރުމާއެކު މަލްދާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެއީ މަލްދާ އެއަޑެއް އިވުމަށް އެންމެ ބޭނުންވާ މީހާގެ އަޑެވެ. “އަޒްހާން” މަލްދާ ބުނެވުނެވެ. “އާނ…. އަނެއްކާ ނިދަން އޮއްވާ ތަ މިގުޅުނީ؟” އަޒްހާން އަތުގައި އޮތް ގަޑިޔަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. މަލްދާއެކޭ އެއްވަރަށް އަޒްހާންގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސް ވަމުންނެވެ. ވާހަކަ ދައްކާލާ ހިތުން ނުހުރެވިގެން ގުޅިއްޖެއެވެ. އެހެންނަމަވެސް ދައްކާނެ ވާހަކަ އެއް ބޮލަކަށް ނައެވެ. ސިކުނޑި ސުމަކަށް ދިޔަހެން ހީވިއެވެ. އަނެއްކޮޅުން މަލްދާ ހުރީ އުފަލުން ގޮސް މޮޔަވާވަރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. “ނޫން..” މަލްދާ ހަމަޖެހެން މަސައްކަތް ކުރަމުން ޖަވާބު ދިނެވެ. “މީ މަންމަ ބުނީ މާދަމާ ކަނދި ކައްކާތީ…. މަލްދާއަށް ގުޅާފަ ބުނާށޯ ހެދުނު ބަލައި އަންނަށްޗޭ..” އަޒްހާންގެ ބޮލަށް އެއަށްވުރެ މޮޅު ދޮގެއް ނައެވެ. އަނެއްކޮޅުން ހަގީގަތް ހާމަކުރަން އަދި މާ ބިރު ގަނެއެވެ. ގުޅީ މަލްދާގެ އަޑު އަހާލަންށޭ ބުނެފިިއްޔާ ވާނެ ގޮތަކާމެދު ކަންބޮޑުވެއެވެ. “އެހެން… އާނ އޯކޭ މަންމަ ކައިރީ ބުނާނަން..” މަލްދާގެ އަޑުގައިވީ މާޔޫސްކަމެވެ. ހިތް އެދުނީ އަޒްހާން އެގުޅީ އެހެން ސަބަބެއްކަމުގައި ވުމަށެވެ. އެހެންނަމަވެސް މަލްދާގެ ހިތުގައި7 ވާ އެއްޗެއް އަޒްހާން އަށް އެނގޭކަށް ބޭނުމެއް ނޫނެވެ. އެއީ މަލްދާގެ އިހުސާސްތައް އިނގިއްޖެނަމަ މިހާރު އެ ވާހަކަ ދައްކާ ވަރަށްވެސް އަޒްހާން މަލްދާއާއި ވާހަކަ ނުދައްކަފާނެތީއެވެ. އެހެންވެއްޖެނަމަ މަލްދާ ދުނިޔޭންވެސް  މޮޔަވެދާނެއެވެ. “މަންމަ ހަމަ ދެންމެ އެވާހަކަ ބުނީ.. އެހެންވެ މިގަޑީ ގުޅީ..” އަޒްހާން އަނެއްކާވެސް އަނެއް ދޮގު ހަދާލިއެވެ. “މަލް..” މަލްދާ އާނއެކޭ ބުނެ ފޯނު ބާއްވަން އުޅެނިކޮށް އަޒްހާން އަނެއްކާވެސް ގޮވާލިއެވެ. “ޔެސް؟…” މަލްދާ އިނީ ނޭވާނުލާ ހިފަހައްޓައިލައިގެން އަޒްހާން ބުނަން އެއުޅޭ ވާހަކަ އަޑުއަހާލަން ކެއްމަދުވެފައެވެ. “ގުޑް ނައިޓް” މަލްދާއަށް އަނެއްކާ ޖެހުނީ މާޔޫސްވާށެވެ. މަލްދާވެސް ޖަވާބުގައި ބާއްޖަވެރި ރޭގަނޑަކަށް އެދި ފޯނު ބޭއްވިއެވެ. މަލްދާ، އަވަހަށް ފޯނު ނަގާ ސާރާއަށް ގުޅިއެވެ. ” ހަލޯ ދެންމެ އަޒްހާން ގުޅި..” ފޯން ނަގާފައި ސާރާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް މަލްދާ ބުންޏެވެ. “ވަޓް..” ސާރާގެ އަޑުންވެސް އޭން އިނީ ވަރަށް ނިދިއައިއްސަ ކަން އިނގެއެވެ. ” ޔެސް.. އެކަމް އިނގޭތަ ވާގޮތެއް މަލް އަށް.. އަޒްހާން ގުޅީމަ މަލް ވަރަށް އުފާވޭ.. އަދި އަލައްތާ ދޯ އެ ގުޅީ… އިނގޭ ފުރަތަމަވެސް ގުޅާފަކަ އައި ލަވް ޔޫ އެކޭ ނުބުނާނެކަން.. ބަޓް ސްޓިލް.. ނޭނގެ ކީއްވެކަމެއް އައި އެކްސްޕެކްޓް ހިމް ޓު… ޔޫ ނޯ…. އިޓްސް ލައިކް އައި ވޯންޓް ޓު… އިނގޭދޯ މިކިޔާ އެއްޗެއް..”  މަލްދާ ހުރިހާ ވާހަކައެއް ދައްކާ ނިމެންދެން ސާރާ އަނގައިން އެއްވެސް ބަހެއް ބޭރުކޮށްނުލާ ހުއްޓެވެ. ” ބުނަންތަ ދަރިފުޅާ ރަނގަޅު ވާހަކަ އެއް.. ތީނީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ.. ދައިތަ އަކަށް ނޭނގެ ތިކިޔާ އެކައްޗެއްވެސް.. ވަރަށް ބޮޑަށް ނިދި އާދޭ އެބަ.. ދައިތަ އަށް ނިދިޔަ ދީ” މިހެން ބުނުމަށްފަހު ސާރާ ފޯނު ކަނޑައިލިއެވެ. މަލްދާ އަށް ކުޑަކޮށް ހެވުނެވެ. ސާރާ ނިދިއައިއްސަ ހުރެއްޖެނަމަ އެކަކު ކިޔާ އެއްޗެއް ވެސް އަޑެއްނާހާނެއެވެ. އޭނަ އަށް އެންމެ މުހިންމު ކަމަކީ ނިދުމެވެ. ސާރާ ފޯނު ބޭއްވުމާއެކު މަލްދާ އަށް އަނެއްކާ އަޒްހާންގެ ހިޔާލުތަކަށް  ގެނބެވުނެވެ.

އަނެއްކޮޅުން އަޒްހާންގެ ހާލަކީ ކޮބައިތޯއެވެ. ބައެއްފަހަރު ގުޅުނީމަ މޮޔަ ހިތައް އަރަމުން ދިޔައެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ގިނައިރު ވާހަކަ ދައްކަން މަޑުކުރެވުން ނަމައޭ ހިތައް އަރަމުން ދިޔައެވެ. އަޒްހާން އަށް އިނގޭހާވެސް އެއްޗަކީ މަލްދާގެ އަޑު އިވުމުން އެލިބޭ ހިތްހަމަޖެހުން މިދިޔަ ހަތަރު އަހަރުތެރޭ ކުރި އެއްވެސް ކަމަކުން ނުލިބޭކަމެވެ. މަލްދާ އަށް އިނގިފައި ނުވިނަމަވެސް މަލްދާއެކޭ އެއްފަދައިން އަޒްހާން ވެސް އެދެނީ ހަމައެކަނި މަލްދާއެވެ. ދެހިތުގައިވެސް ޖަހަމުން ދިޔައީ އެއްވިންދެކެވެ. އެކަމް ބުނާނެހާ ހިއްވަރެއް އެކަކު ގަޔަކުވެސް ނެތެވެ. އަޒްހާން މަލްދާ އާއިއެކު އަބަދަށްޓަކައި ވާން ބޭނުންވެއެވެ. އެހެންނަމަވެސް މަލްދާއަށް އޭނަގެ ހަގީގަތް އެނގުމުން އޭނައާއި އެކުގައި ވާނެބާއޭ ހިތައް އެރިއެވެ. ކުއްލިއަކަށް ހިތައް އައި ޚިޔާލުގެ ސަބަބުން އަޒްހާން ހިތުގައި ރިއްސާލިއެވެ. އަޒްހާން އަށް ހަގީގަތް ހާމަކުރަން ނުކެރެނީ ހަމައެކަނި މަލްދާ ނޫނެކޭ ބުނެފާނެތީއެއް ނޫނެވެ. އެއަށްވުރެ ބޮޑު ސަބަބެއް އެކަމުގެ ފަހަތުގައި ވެއެވެ. ނަމަވެސް އެ ހަގީގަތަކީ އެކަކާވެސް އަޒްހާން ހިއްސާ ކުރަން ބޭނުންވާ ހަގީގަތެއް ނޫނެވެ. ޚާއްސަކޮށް މަލްދާއެވެ. އެދުވަހަކުން މަލްދާގެ ނަފްރަތު ލިބިދާނެތީ ބިރުގަނެއެވެ.

“އަޒްހާން…. ކޮން ހިޔާލަކަށް ގެއްލިފަ؟” އެކޮޓަރި އަށް ވައިން އަޒްހާންގެ މަންމަ ޝަރުމީލާ އަޒްހާން މާ ފާޑަކަށް ހުރިހެން ހީވެގެން އަހާލިއެވެ. “މީ…. މާދަމާ ހެނދުނު ކަނދި ކައްކަ ދީފާނަންތަ؟” އަޒްހާން ބެލީ ވާހަކަ އެހެން މިސްރާބަކަށް ގެންދެވޭތޯއެވެ. “ކަނދިއޭ.. ދަރިފުޅު ކަނދި ކާހިތްވީތަ؟… މަންމަ ކައްކަދީފާނަން އާން” ޝަރުމީލާ ހެވިފައި އިނދެގެން ވާހަކަ ދެއްކިއެވެ. އަޒްހާންވެސް ޝަރުމީލާއަށް ބަލަން އިނދެފައި ހިނިތުންވެލިއެވެ. އަޒްހާން ބައްޕަ އިބްރާހިމް މަރުވުމަށްފަހު އޭނާގެ މަންމަ ކުރި ހިތާމަތައް އެންމެ ކައިރިން ދުއް މީހަކީ އަޒްހާންއެވެ. އެދުވަހާޖެހިގެން މިއަދާ ހަމަޔަށް އާ ހަޔާތެއް ނުފަށާ ހުރީ ހަމައެކަނި އަޒްހާންއަށްޓަކާ ކަން އޭނަ ދަނެއެވެ. މަންމަ ނުބުންޏަކަސް އަދިވެސް ބައްޕަގެ ހަނދާންތަކާ ދުރަށް ނުދާކަންވެސް އަޒްހާންއަށް އިނގެއެވެ. މިހާރުވެސް ބައްޕަގެ ވާހަކަ ދައްކާ ކޮންމެފަަހަރަކު ޝަރުމީލާގެ ދެލޯ ތެތްމާނުލައެއްނުދާނެއެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އާދައިގެ މަތިން ނަފީސާ ނަމާދުކޮށްގެން ދިޔައީ މަލްދާއަށް ގޮވަންށެވެ. އޭރު މަލްދާ ހޭލައިގެން އުޅެއެވެ. “އަނހަ.. މިއަދު މަންމަ ނުގޮވަނިސް ހޭލައިގެން އުޅޭ ދުވަހެއްތަ…. ހާދަ ރަނގަޅޭ” ނަފީސާ ވާހަކަ ދެއްކީ ނުލާހިކު ލޯބިންނެވެ. އޭރު މަލްދާ ނަމާދުކުރަންވެގެން ދޮޅި އަޅަނީއެވެ. “މަންމާ… ޝަރުމީލައްތަ ބުންޏޯ މިއަދު ހެނދުނު އެގޭގައި ކަނދި ހަދައޭ.. އެތިކޮޅެއް ބަލާ ދައްޗޯ” މަލްދާ މަންމަ ކައިރީ ބުންޏެވެ. ” އެހެންތަ… އާން ގޮސްލާނަން” ނަފީސާ ހިނިތުންވުމަކާ އެކީ ވާހަކަ ދެއްކިއެވެ. ޝަރުމީލާމެން އެރަށަށް ބަދަލުވިފަހުން ނަފީސާ އާއި ދެމީހުން ވަރަށް އެކުވެރިއެވެ. ޚާއްސަކޮށް އަޒްހާން ކިޔަވަން ފޮނުވި ދުވަސްވަރު ނަފީސާ ޤަވާއިދުން ޝަރުމީލާގެ ހާލު ބަލާ ހެދިއެވެ.

މަލްދާ މިއަދުވެސް ކުނިކަހަން ނިކުތުމަށްފަހު އަޒްހާން ފެނޭތޯ އެގެއާ ދިމާލަށް ބަލާލިއެވެ. ބޯދިއްކޮއްގެން އިނދެ އިނދެވެސް އަޒްހާން ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން މަލްދާއަށް ޖެހުނީ މާޔޫސްކަމާއެކު ކުނިކަހާ ނިންމާލުމަށްފަހު ގޭތެރެއަށް ވަންނާށެވެ. ފޫހިވެގެންވެސް ތަނަކަށް ދެވޭނެ ގޮތެއް ނެތް ވިއްޔާއެވެ. ޝޯއަށް ދިޔުމުގެ ސަބަބުން ގެއިން ނިކުތުން މަނާ ކޮއްފި ވިއްޔާއެވެ.

އަޒްހާން ސިޓިންގރޫމް ގައި ހުރި އިރު އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލާލެވެއެވެ. މަލްދާ ކަނދި ބަލައި އާދޭތޯއެވެ. އޭރު ޝަރުމީލާ ކަނދި ކައްކާ ނިންމާލަނީއެވެ. އިރުކޮޅެއްވިތަނާ އެގެއަށް ވަދެގެން އައި ނަފީސާއެވެ. “އަނހަ ނަފީސާ، އަދި ހޯދަން ދާން މި އުޅުނީ މިއަދު ކަނ….” ޝަރުމީލާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އަޒްހާން އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “ކަނދި ބަލައިދޯ.. މަންމަ ބުނެގެން ގުޅީމޭ އަހަރެން ރޭގަ” ޝަރުމީލާ އިނީ ހައިރާންވެފައެވެ. ނަމަވެސް މާ ގިނައިރަކު އެކަމެއް ނުދައްކައެވެ. ނަފީސާ ގޮވައިގެން ދިޔައީ ބަދިގެއަށެވެ. އަދި ތައްޓަކަށް ކަނދި އަޅާދީފައި ދިނެވެ. “މިއަދު ފަތިހު މަލްދާ ބުންޏޭ.. ރޭގަ ޝަރުމީލައްތަ ބުންޏޯ ކަނދި ކައްކާތީ ބަލާ އަންނަންޗޭ.. އަހަންނަށް ހަމަ ޝަރުމީލާ ކައްކާ ކަނދި މީރުކަމުން ނީނދެވިގެން މިއައި..” ނަފީސާ ވާހަކަ ދެއްކި ވަރަކަށް ވީ ގޮތް ސާފުވަމުން ދިޔައެވެ. ޝަރުމީލާއަށް ހިނިތުންވެވުނެވެ. އަޒްހާންވެސް މޮޔައޭ ހިތައް އެރިއެވެ. ނަފީސާ ދިޔުމުންވެސް ޝަރުމީލާ އެއްވެސް ސުވާލެއް ނުކުރާތީ އަޒްހާން ހުރީ ހިތައް ހަމަޖެހުމެއް ލިބުނެވެ.

ދެން އޮތްދުވަސް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަނެއް ދުހުން ސްކޫލު ހުޅުވޭތީ މަލްދާ އުޅުނީ އެކަމަށް ތައްޔާރުވާށެވެ. ޔުނީފޯރމްތައް ދޮވެ އިސްތިރިކޮށް ނިމުންއިރު އިނީ ވަރުބަލިވެފައެވެ. ސާރާއާ ދެމީހުންނަށް އަނެއްކާ އެކީގައި ވަގުތު ހޭދަކުރެވޭނެތީ އުފާވިނަމަވެސް އެތަނުން އެކަކުވެސް ކިޔަވާހިތެއް ނުވެއެވެ.

މިއަދަކީ ސުކޫލު މިޑް ޓާމް ބްރޭކަށްފަހު ހުޅުވުން ދުވަހެވެ. މަލްދާ ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދިޔުމަށެވެ. އެންމެ އުފާވީ އެނޫން ގޮތަކަށް އޭނަ އަށް ގެއިން ބޭރަށް ނިކުމެވެން ނެތީމައެވެ. ޚާލިދު އަދިވެސް އޭގެފަހުން ހުންނަނީ މަލްދާދެކެ ރުޅި އައިއްސައެވެ.

ރަނގަބީލުގެ އަޑާއެކީ ހުރިހާކުދިން ގޭޓުން ވަދެގެން ދާން ހިނގައިގަތެވެ. “މަލް..” ދުވަމުންކަހަލަ ގޮތަކަށް އައި ސާރާ މަލްދާއާ އަރާހަމަ ކުރަމުން ގޮވާލިއެވެ. އޭރު އޭނައަށް މައިނޭވާ ލެވެއެވެ. ދެކުދިން އެކީ ކްލާހާ ދިމާލަށް ދަނިކޮށް ފަހަތުން މީހަކު އައިސް މަލްދާގެ ގައިގަ ޖެހިގަތެވެ. އެމީހަކުު ފެނުމާއެކީ ވަގުތުން މަލްދާގެ މޫނުގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެންދިޔައެވެ.

ނުނިމޭ

59

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Yowww, Mee first dhw.. Wowwww ♥️💙❤️💙 this part is also awesome. Anyway adhi dhigu kohlinama varah reethi vees.. Hehe just telling my opinion 😊 Can’t wait for next part 😅

Leave a Reply

Your email address will not be published.