ވަކިވެދިޔަޔަސް…(3)
ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް؛ މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ އެޓައިމްލައިންގައި މިހާރުވެސް ހުރި ކަހަލަ ގޮތަކަށް. 2 ޓައިމްލައިން ތަފާތުކޮށް ވަކި ކުރެވިފައި ވާނީ ސްޓާރ(***) ބޭނުންކޮށްގެން. ކިޔުންތެރިން ސުވާލު އުފެދިދާނެތީ ސަމާލުކަމަށް އެވާހަކަ ބުނެލަން. ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ފަސޭހަވާނެކަމަށް ހީކުރަން. އުންމީދުކުރަން ތަފާތު ގޮތަކަށް މިވާހަކަ ގެނެސް ދެވޭތޯ ބަލަމުން ދިޔަސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް.
__________________________________________
ކޮޓަރިއަށް ވަދެ މޭޒުމަތީގައި ފައިލްއާއި ލިޔެކިޔުންތައް ބަހައްޓާފައި އާކާލް އައިސް އެނދަށް ވެއްޓިގަތެވެ. އޭނާ މިއަދު އަނޫފް ގާތުގައި އިތުބާރުގެ ވާހަކަ ދެއްކި އިރު އަނޫފަށް ކަމެއް ސިއްރު ކުރެވިއްޖެއެވެ. ވަރަށް ބޮޑު ކަމެއް ސިއްރުކުރެވިއްޖެއެވެ. އެހެނަސް އެކަން އިނގިއްޖެނަމަ އަނޫފްއަށް އޭނާއާ ވާހަކަ ދައްކާ ވާހަކަތައް ހިއްސާ ކުރަން އުނދަގޫވާނެއެވެ. މިދަނޑިވަޅު ވިސްނަންވީ އަނޫފް އެކަމުން ސަލާމަތްކުރަންށެވެ. މަސައްކަތް ކުރަންވީ ރޫޔާއަށް އިންސާފު ހޯދައިދޭންށެވެ. ދައްތަގެ ޙަޤީޤީ ޤާތިލުހޯދަންށެވެ.
މާނޭވާލަމުން ދިޔަ އަނޫފް އިސް އުފުލާބަލާލިއެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން މަންޒަރު ފުސްވަމުން ދިޔައެވެ. ފުސްވަމުން ދިޔަ މަންޒަރުގެ ތެރެއިން އޭނާއަށް ރޫޔާ ފާހަގަވިއެވެ. ރޫޔާ އޭނާގެ އެހީއަށް އެދި އާދޭސްކުރަމުން ދިޔައެވެ. ހިތްވަރުކޮށްފައި ތެދުވާން މަސައްކަތް ކުރަމުން ދިޔަ އަނޫފްގެ ކަންފަތުގައި ރޫޔާގެ ވޭނީ ރުއިމުގެ އަޑު ގުގުމާލިއެވެ. އެއާއެކު ރޫޔާއޭ ކިޔައި ހަޅޭލަވައިގަނެވުނެވެ.
ސިއްސައިގެން ގޮސް އަނޫފްއަށް ތެދުވެވުނެވެ. މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ނޭވާ ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެންކަޅިވިއެވެ. ރޭގެ ބާކީ އޮތްބައި އަނޫފް ހޭދަކުރީ ލޮލުފިޔަ ޖެހުމެއް ނެތިއެވެ. ރޫޔާގެ ހަންދާންތަކުން އޭނާގެ ސިކުނޑި ތޮށްޖެހެމުން ދިޔައެވެ.
ފަތިސް ނަމާދު ބަންގީގެ އަޑަށް އާކާލް ސިހުނެވެ. ރޭގައި ހޭލާހުރެ އޭނާ ކޭސްގެ ފައިލްތައް ބަލަމުން ދަނިކޮށް އޭނާއަށް އޮތީ މޭޒުމަތީގައި ބޯ އަޅައިގެން ނިދިފައެވެ. އަވަހަށް ތުވާލި ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. ފަތިހުގެ ވަގުތުގައި ކިތަންމެ ފިނި ނަމަވެސް އަބަދުވެސް ފެންވަރަން އާދަވެފައި ވުމުން އާކާލްއަކަށް ފެންވަރާކަށް އުނދަގުލެއް ނުވިއެވެ. މާގަނޑު ކައިރީ ހުއްޓި އިސްއުފުލައިގެން ހުރި އިރު އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލެއް އަރާ ފައިބަމުން ދިޔައެވެ. ރޭގައި ފައިލްތައް ބަލާ، ރިޕޯރޓްތައް ދިރާސާކުރަމުން ދިޔައިރު އޭނާއަށް ފާހަގަވީ ބައެއް ކަންކަމާ މެދު ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ.
ފެންވަރާ ތާޒާ ވެލައިގެން ނުކުމެ އާކާލް އަވަހަށް ފަތިސް ނަމާދަށް އެރިއެވެ. ނަމާދުން އަވަދިވެގެން އޭނާ ކޮޓަރިން ބޭރަށް ނުކުތެވެ. ތާރާގެ ކޮޓަރީގެ ފެންލައިޓާ ދިމާލަށް ނަޒަރު ހިންގާލިއެވެ. ނިދާބޮކީގެ ފަނޑުއަލި ފެންނަން ހުރުމުން އާކާލް މިސްރާބު ޖެހީ ބަދިގެއަށެވެ. ތާރާމެނަށްށާ އެކީގައި ވާވަރަށް ސޭންޑްވިޗް ހެދިއެވެ. އަދި ތާރާމެނަށް ވާނެވަރަށް ގޮށިދޮށަށް ލުމަށްފަހު، އޭނާ ހެނދުނުގެ ނާސްތާކުރިއެވެ. މިއަދަކީ ބޮޑު ދުވަހެކެވެ. އާކާލްއަށް ކާންވެސް ވަރަށް އުނދަގޫވިއެވެ. ނަމަވެސް ދުވަހުގެ ގޮތުން ހަކަތަވެސް ބޭނުންވެއެވެ. ރޭގައި ރަނގަޅަށް ނުނިދި ހުރުމުގެ ސަބަބުން ބޮލަށް ބަރުވެފައި ހުރުމުން އޭނާ ކޮފީއެއްވެސް ގިރާލިއެވެ.
އެއްކޮނޑުގައި ދަބަހެއް އަޅުވާލައިގެން، މަޑުފެހި ކުލައިގެ އަތްދިގު ގަމީހަކާ، ކަޅުކުލައިގެ އޮފީސް ބެލްއެއް ލައިގެން ހިނގާފައި ދިޔަ އާކާލްއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުންދިޔައެވެ. ނަމަވެސް އާކާލްގެ ވިސްނުމުގައި އެއިން އެއްވެސް ކަމެއް ނެތެވެ. އޭނާގެ މިސްރާބަކަށް ހިނގުމަކަށް ބަދަލެއް ނާދެއެވެ.
އަނޫފް އައިސް އާކާލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އާކާލް ފުރަތަމަ އަޑުއަހާ ހިތްވީ އަނޫފްގެ ވާހަކައެވެ. އޭނާ ބޭނުމީ ކޭސްގެ ފައިލާއި ލިޔެކިޔުންތައް އިތުރަށް ދިރާސާކޮށްފައި އޭގެ ވާހަކަ ދައްކާށެވެ. އަނޫފް ހިންދިރުވާލިއެވެ. ވާހަކަ ފަށާނެ ހިސާބަކާ މެދު ވިސްނާލިއެވެ. އާކާލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެއެވެ. ކިތަންމެ ކުޑަ ކަމަކީ ވެސް ކޭސްގައި އޭނާގެ ކޮޅަށް މޮޅެއް ލިބޭނެ ކަމަކަށް ވެދާނެއެވެ. އާކާލްއަށް ރޫޔާއާ އަނޫފްއާ ބައްދަލުވީ ގޮތްވެސް އިނގެން ޖެހޭނެއެވެ. އެ ހަނދާންތަކުގެ ތެރެއަށް ފީނައިގަތުމަށް އަނޫފް ފުންނޭވާއެއް ލިޔެވެ.
************************************************
ކެމެރާ އަތަށް ލައިގެން އަނޫފް ހުރީ ހުޅުމާލޭ އަތިރިމަތި ކައިރީގައެވެ. މިއަދު އޭނާ ހުޅުމާލެ އައީ މީހަކު ފޮޓޯ ޝޫޓަކަށް ބުކް ކުރީމައެވެ. ނަމަވެސް އޭނާ އައި ފަހުން ކޮންމެވެސް ކަމެއް ދިމާވެގެން އެ މީހާއަށް ނާދެވުނީއެވެ. އަނޫފްގެ ވަޒީފާއަކީވެސް އެއީއެވެ. ކުރާހިތުން ހުސްވަޤުތު ކުރާ ކަމަކީވެސް ފޮޓޯ ނެގުމެވެ. އަމިއްލަ ކޮންޕެނީއެއްގެ މީޑިޔާ ކަވަރޭޖް ކުރުމާ، ކޮންޕެނީގއިން ބާއްވާ ހަރަކާތްތަކުގެ ފޮޓޯއާ ވީޑިޔޯ ނެގުމަށް ހަވާލުވެ ހުންނަ އެކަކީ އަނޫފްއެވެ. ހުސްވަޤުތުތަކުގައި މީހުން ބުކް ކުރުމުން ވެޑިންގް ޝޫޓާ، އެހެނިހެން ޝޫޓްތައްވެސް އޭނާ ކުރިޔަށް ގެންދެއެވެ.
ދެކޮޅަށް ހިނގަމުން ދުރުން ފެންނަ މޫދާއި، ގަސްގަހާ، މާޙައުލުން ފެންނަ ތަކެތީގެ ފޮޓޯ ތަފާތު ގޮތްގޮތަށް ނެގޭތޯ ބަލަން އޭނާ އުޅުނެވެ. ކުއްލިއަކަށް އަނޫފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކެމެރާ ދުރުކޮށްލާފައި އޭނާ އެދިމާލަށް ބަލާލިއެވެ. ފިތުރޯނު ގަހެއްގެ ހިޔަލުގައި އިށީނދެ ލައިގެން އިނީ އަންހެން ކުއްޖެކެވެ. އުނގުގައި ފޮތެއް އޮތް އިރު ކަނާއަތުގައި އޮތް ފަންސޫރުން އެ ފޮތުގައި ކޮންމެވެސް އެއްޗެއް ކުރަހާ ހެން ހީވެއެވެ. އޭނާ ލައިގެން އިނީ ފައިގެ ތަނބި ކައްޓާ ހަމަޔަށް އަންނަ ވަރުގެ މަޑު ނޫކުލައިގެ އަތްދިގު ހެދުމެކެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައިވާއިރު، ހުޅިއަށް ނުވަދެހުރި ފަން އިސްތަށިތައް، ޖެހެމުންދިޔަ ވަޔާއެކު، އޭނާގެ ދޮން ކަނދުރާމަތިން މޫނަށް ގޯނާ ކުރަމުން ދިޔައެވެ. އޭނާގެ ދޮން ދެފައިތިލަ ހާމަ ވެފައި ވާއިރު، ވެލިގަނޑުމަތީގައި ދެފައިވާން ކިބަ ބާއްވާފައި އޮތެވެ. ދޭތެރެއަކުން އޭނާ އަޅައިގެން ހުރި ނަންބަރު އައިނު ރީތިކޮށްލައެވެ. އަނޫފް ހިތަށް އެރިއެވެ. މީ ކޮންމެވެސް ތާކުން ދެކުނު ކުއްޖެއް ވައްތަރު ޖަހައެވެ.
ހަލަބޮލި މާޙައުލުގައި އެކި މީހުން މޫދަށް އެރެ ކުޑަކުދިންތައް ދުވެ ސަކަރާތްޖަހާ، ނޫކަށިފުރައިގެ ކުދިން ފޮޓޯ ނެގުމުގައި އަވަދިނެތި އުޅެމުންދިޔައިރު މި އަންހެން ކުއްޖާ އެކަނި މާ އެކަނި އެތާމގައި އިނދެގެން އެމަންޒަރުތައް ކުރަހަނީ ބާއެވެ؟ އަނޫފް މަޑުމަޑުން އެުއްޖާގެ ފަހަތުން ގޮތް އެހެން ގަހެއްގެ ކައިރީގައި ހުއްޓީ ކެމެރާގެ ލެންސް ޒޫމްކޮށްފައި އޭނާ އެކުރަހާ އެއްޗެއް ދެނެގަނެވޭތޯ އުޅެންފެށިއެވެ. އަނޫފް ހުރި ގޮތް ފެނއްޖެ މީހަކު ހިނި އަންނާނެއެވެ.
އަނޫފް ހައިރާން ވިއެވެ. އަނޫފް ހީކުރީ އެއަންހެން ކުއްޖާ ކުރަހާނީ މާޙައުލުގެ މަންޒަރުތައް ކަމަށެވެ. ނަމަވެސް އޭނާ ކުރަހަމުން ދިޔައީ ހެދުންތަކެއް ގެ ސްކެޗެކެވެ. ބަލާބެލުމަށް ހެދުމެއް ފަހާނެ ގޮތުގެ ސްކެޗެކެވެ. ކުއްލިއަކަށް އެކުއްޖާ ފަހަތް ބަލާލިހެން ހީވެގެން އަނޫފް އަވަހަށް ގަހާ ނިވާވިއެވެ. އެހެން ހުއްޓާ އަނޫފްގެ ކޮނޑުގައި މީހަކު ކޮއްޓާލުމުން އޭނާއަށް ތެޅިގަނެވުނެވެ. ފަހަތް ބަލާލިއިރު ދުލުން ކިޔުނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ” ހާދަ ވަރެއްތިވީ! ސާބަސް ކަލެއަށް” ކިނާން އަނޫފްއާ ދިމާލަށް މަލާމާތް ކުރަން ފެށިއެވެ. ކިނާން އަކީވެސް ފޮޓޯގްރަފަރެކެވެ. ދެމީހުން އިންސްޓަގްރާމްއިން ދިމާވެ ވަރަށް އެކުވެރި ވެވިއްޖެއެވެ. އޭގެ ފަހުން ‘ކޮލެބް’ކޮށް ދެތިން ޝޫޓެއް ދެމީހުން އެކީގައިކޮށް އެކުވެރިކަން ބަދަހިވެސް ކުރެވިއްޖެއެވެ. ދޭތެރެއަކުން އެއްޗެއް ކާލަން ނުވަތަ ކޮފީއަކަށް ދެމީހުން އެއްކޮން ދެއެވެ. “ހަހަ މިތާ ކީއްކުރަނީ؟ ޝޫޓެއް ނިންމާލީ؟ ” ކިނާން އަނޫފްގެ ކޮނޑަށް އަތްވައްޓާލިއެވެ. “ޝޫޓަކަށް އައީ. އެކަމް ކްލައިންޓް ކޮންމެވެސް ކަމެއް ދިމާވެގެން ޝޫޓް ކެންސަލް ކުރީ މިއަދު. އެހެންވެދެން މިހެން ހޭކިލަނީ. ކަލޭ ޝޫޓަކަށް އައިސް؟” އަނޫފް ޖަވާބުދިނެވެ. “މަ މިއައީ ޝޫޓެއް ޖައްސާފަ އަދި އެހެން ޝޫޓަކަށް. ހިނގާމަށާއެކު.” ކިނާން ހިނގައިގަތީ އަނޫފް ގޮވައިގެން ކުރިއަށެވެ. ކިނާންއާ އަނޫފްއާ ފެނުމުން، އެއްކަލަ އަންހެން ކުއްޖާ ތެދުވެ ހެދުމުން ވެލި ފޮޅާލިއެވެ. އައިނު ނަގާފައި ގަސް ކައިރީގައި އޮތް ދަބަހަށް ލިޔެވެ. އޭނާގެ ބޮޑު ދެލޯ އަމާޒުވެފައި ވަނީ ސީދާ އަނޫފްގެ ދެލޮލަށެވެ.
“ރޫޔާ؟ ހެއި” “ލައްބަ. ހެއި”. އެކުއްޖާގެ އަންހެން ވަންތަ އަޑުން ޖަވާބު ދިނެވެ. “ރޫޔާ މީ ކިނާން. މީވެސް ފޮޓޯގްރަފަރއެއް އެންޑް މައި ފްރެންޑެއް. ހޯޕް ޔޫ ޑޯންޓް މައިންޑް އިފް ހީ ޖޮއިންސް.” ކިނާން އެހެން ބުނުމުން އަނޫފް އަވަހަށް އެކަމުން މަނާވެ ގަންނަން އުޅުނެވެ. ” ނޯ ނޮޓް އެޓް އޯލް އިޓްސް އޯކޭ” އެކުއްޖާ މަޑުމައިތިރި ކަމާއެކު އެހެން ބުނެފައި ހީލިއެވެ. ތުންފަތުގައި މަޑުމަޑު ރަތްކުލައަކުން ފަވާލެވިފައިވުން ފިޔަވައި އިތުރު މޭކަޕެއް ނުވާ އެމޫނަށް ބަލަން އެތައް އިރަކު ހުރެވޭނެއެވެ. ހީލުމުން ކޮލަށް އެޅުނު އަޑިކޮޅާއެކު އެމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. އަނޫފްއަށް ރޫޔާގެ ނަން ހިތާހިތުން ކިޔާލެވުނެވެ.
“ރެޑީ؟” “ޖަސްޓް އަ މިނެޓް” ރޫޔާ ވޫލު ކޮޅު ނައްޓާލާ އޭނާގެ ފަން އިސްތަށިގަނޑު ނިއުޅުވާލުމުން، ޖެހެމުން ދިޔަ ވައިގެ ތެރޭގައި ވިހުރި ގަތެވެ. އާޝޯހުވެފައި ހުރެ އަނޫފް ކިނާންއާ ރޫޔާގެ ފަހަތުން ރާޅު ޖަހާ ހިސާބު ގޮނޑުދޮށަށް ދިޔައެވެ.
ފޮޓޮއަކަށް ފަހު ފޮޓޮއެއް ނަގަމުން ކިނާން ދިޔަ އިރު ރޫޔާގެ ހަރަކާތްތަކަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން އަނޫފްއަށް ހުރެވުނެވެ. އެސްފިޔަ ޖެހުމެއް ނޭވާލުމެއްވެސް ނެތް ކަހަލައެވެ. އަނޫފްގެ ނަޒަރުން ރޫޔާ ވަކިނުވެޔެވެ. ރޫޔާގެ ދޮން ފައިތިލާގައި ބޮސްދެމުން ދިޔަ ރާޅުތަކަށް ބަލަން ހިނިތުންވެލައިގެން ހުއްޓާ އަނޫފްވެސް ‘ސިއްރު ޝޮޓެއް’ ނަގާލިއެވެ. އެއްވެސް ބުރަ މަސައްކަތާ ނުލައި، ރޫޔާ ކޮންމެ ގޮތަކަށް ހުއްޓުނަސް ހަމަ ވަރަށް ފުރިހަމައެވެ. ރޫޔާގެ ފޮޓޯ ޝޫޓް ނިންމާފައި ކިނާންގެ އެދުމުގެ މަތިން އަނޫފްއާ ކިނާންއާ ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީ ނިމިގެން ކިނާން ހުޅުމާލޭގައި މަޑުކުރުމުން އަނޫފް މާލެދާން ބަސް ސްޓޮޕްއަށް ދިޔައީ އެކަންޏެވެ.
ބަހަށް އެރި އިރު މުޅި ބަސް އެއްކޮން ކަހަލަ ގޮތަކަށް އޮތީ ފުރިފައެވެ. ހުސްގޮނޑިއެއް ފެނޭތޯ ދެލޯއުކަމުން އަނޫފް މައްޗަށް އެރި އިރު ފެނުނީ އެންމެ ހުސްގޮނޑިއެވެ. އެގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިނީ ރޫޔާއެވެ. އޭނާގެ އަތުގައި އެއްކަލަ ފޮތް އޮތެވެ. ރޫޔާ އިސް އުފުލާލި ވަގުތު އަނޫފް ފެނުމުން ހިނިތުންވެލިއެވެ. އަނޫފްވެސް ހީލާފައި ގޮސް ރޫޔާ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. ބަސް ނައްޓާލި އިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ.
އެންމެ ފަހުން ބްރިޖާ ހަމަޔަށް ދެވުންފަހުން އަނޫފް ވަރަށް ހިތްވަރު ކޮށްފައި ވާހަކަދެއްކިއެވެ. “އާރޓިސްޓް އެއްތަ؟” ރޫޔާ ސިހިފައި ބަލާލިއެވެ. ދެވަނަ ސިކުންތުގައި ހީލާފައި ޖަވާބުދިނެވެ. “ނޫން…ހަހަ އަހަރެން މޮޑެލް ކުރަނީ އަނެއްހެން. ބްރޭންޑްތަކަށްށާ، އެކަހަލަ ގޮތްގޮތަށް. ކޯސްއެއްވެސް ފަށަން މިއުޅެނީ މުޅިން ތަފާތު ދާއިރާއަކުން. އެކަމު އަސްލުގަ ވާހިތްވަނީ ފެޝަން ޑިޒައިނަރަކަށް. …އަނޫފް….ތީ ހަމަ ފުލް ޓައިމް ފޮޓޯގްރަފަރެއް..؟ ރޫޔާވެސް ލަދުކަނޑާލާފައި ވާހަކަ ދެއްކިއެވެ. ” އާން ވޯރކް ކުރަނީ ޕްރައިވެޓް ކޮމްޕެނީއެއްގަ. އިވެންޓްސްތަކާ އެއްޗެހި ކަވަރ ކޮށް ހަދަން. ދެން ހޮބީއަކަށްވެސް ކުރަނީ މިކަން… ހަހަ ފްރީ ގަޑީގަވެސް ޝޫޓްސް ގިނަފަހަރަށް.. ދެން މިއަންނަ މަހު އިންޓޭކްގަ ކޯސްއެއް ފަށަން މިއުޅެނީ މި ދާއިރާއިން.” އަނޫފް ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ސުވާލުކޮށްލިއެވެ. “އިންސްޓަގްރާމްގަ އުޅެން؟” ރޫޔާ އޭނާގެ އިންސްޓަގްރާމް ‘ޔޫޒަރނޭމް’ އަނޫފްއާ ހިއްސާކުރިއެވެ. އަނޫފްވެސް ރޫޔާއަށް އޭނާގެ އިންސްޓަގްރާމް އައިޑީ ދީ ދެމީހުން އެކަކު އަނެކަކަށް ‘ފޮލޯ’ ކުރިއެވެ.
ވިލާކޮލެޖް ކައިރި ބަސް ސްޓޮޕަށް ބަސް ހުއްޓުމުން ރޫޔާ އަނޫފްއާ ރޫޔާވެސް ތެދުވިއެވެ. ދެމީހުން ބަހުން ފޭބީ ދާދި އެކު އެކީގައެވެ. ” އިޓް ވޯޒް ނައިސް ޓު މީޓް ޔޫ. އައި ވުޑް ލަވް ޓު ކެރީ އައުޓް އަ ޝޫޓް ވިތް ޔޫ ސަމްޓައިމް. އިފް ޔޫ އާރ އޯކޭ…” އަނޫފް ރޫޔާ ގާތުގައި ބުނެލިއެވެ. “ނައިސް ޓު މީޓް ޔޫ ޓޫ. ދެޓް ވުޑް ބީ ނައިސް، ޔެސް، ތޭންކްސް.” ރޫޔާ ހިނިތުންވެލިއެވެ. މަގުގެ އަނެއް ފަޅީގައި ސައިކަލެއް މަތީގައި އެއިނީ ބައްޕަ ބަލައި އައިސްއޭ ބުނެ ރޫޔާ އަނޫފްއަށް ހަނާ އަޅާލާފައި ދިޔައެވެ. އަނޫފް ވެސް ހަނާ އަޅާލިއެވެ. ރޫޔާ އޭނާގެ ބައްޕަގެ ސައިކަލް ފަހަތަށް އެރިއެވެ. އަދި ފަސްއެނބުރި ބަލާލިއިރު އަނޫފް ބަލަހައްޓައިގެން ހުރުމުން ރަކިވިނަމަވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސައިކަލުގޮސް އޮބާލަންދެން އަނޫފްއަށް އެދިމާލަށް ބަލަން ހުރެވުނީ އެސްފިޔަވެސް ޖަހާ ނުލައެވެ.
ދެމީހުންނަށްވެސް ނޭނގުނީ ދެމީހުންގެ އެކަކު އަނެކަކާ މެދު ޝަޢުޤުވެރި ވެވުނުކަމެވެ. އެކަކު އަނެކަކަށްޓަކާ ހިތުގައި ވިންދު ޖަހަން ފެށިކަމެވެ. ދެމީހުންނަށް ނޭނގުނީ މިފުރަތަމަ ފެނިލުމަށްފަހު އެތައް ފެނިލުމެއް ކުރިއަށް އަންނަން އޮތްކަމެވެ.
**************************************************
އާކާލް އިނީ ކަންފަތް ހުޅުވައިގެން ޝަޢުޤުވެރިކަމާއެކު ކަނުލާ އަޑުއަހާށެވެ. އަނޫފްގެ މޫނު މަތީގެ ކުލަވަރުވެސް ދެނެގަންނަމުން ދިޔައެވެ. މުހިންމު ކަމެއް ފާހަގަ ވެއްޖެއްޔާ ނޯޓް ކުރާނެ ފޮތެއްވެސް އަތުގައި އޮތެވެ. އަނޫފް ފެން ކޯވަރެއް ބޯލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




wooooooooooooooooooowwwww sis mi prt ves carah reethi..?????
hama habeys ?????
curiously waiting for the nxt prt gey..??
luv u a lots.❤️❤️❤️❤️❤️
????stay home ??
??stay safe and sound ?????
??take care gey sissssoooo ???
saranghae sissie.(◍•ᴗ•◍)❤(✿ ♡‿♡)(。♡‿♡。)( ˘ ³˘)♥
Thankyou soooooooooooooooooooomuch sis.??? Yes next part up kollaanan soon In Sha Allah. love you moreee stay home and stay safe. nado Saranghae(^▽^)(*^▽^*)
Varah reethi mi part ves curiously waiting for the next part ☺️ ☺️☺️☺️☺️☺️☺️ take care ♥️♥️♥️♥️♥️
Thankyou sis. Stay safe, take care.❤️?
woow.. varah varah reethi mi part vx.. looking forward to read the next part soon ??
Vvvvv reethi mi part vx
Curiously waiting for the next part
???????????????
Stay home ? stay safe ?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankyou so much♥️♥️. Yes inshallah next part up kollaanan mi week therey next 2 parts varu. ? Stay home, stay safe dear
maasha allah maasha allah stry hama habeys.. vvvv reethi mi part vs.. curiously wating fr the nxt part… stay home and stay safe dear… keep it up…
Thankyou so much ❤❤. In Sha allah next part nereynan soon. Stay home, stay safe. Lots of love??. Thankyou
Wow sis.., V salhi ingey mi story hama… Scarlet speechless kohkaafi.. ??
Mafaaz ei villain dhw.. Villain aa name V gulhey.. Scarlet ge life ahvs ai Mafaaz kiyaa bad guy eh. Alhamdhulillah I’m free from that… ???
Lysm ? ?
Thankyou so much Scarlet!❤❤. Alheyyy sis, Alhamdulillah that you are free from him. Stay strong.??. I feel so appreciated that you shared this. But aslu evves meehakah direct koffa eh noon names dhinee but miothee dhimaavefa dho. Alhamdulillah you are free now sis❤❤. Stay safe. Love you more??
This is better than I expected ?…just speechless ♥️
Come on sis upload it first
Sorry I meant soon
Koba sis filee dhw ? very bad