ނޭނގި ވެވުނީ ލޯތްބޭ- 12& 13

- by - 23- July 30, 2020

12 ވަނަ ބައި

ޔޫޝައު ނިދާކަށް ނޫޅެއެވެ. އޭނަގެ ކެމެރާއާއި ލެޕްޓޮޕު ހިފައިގެން ޔޫޝައު އިނީ މިރޭ ނެގި ފޮޓޯ ބަލައި ލެޕްޓޮޕަށް ފޮޓޯތަށް އަޅާށެވެ. އެހެން ފޮޓޯތަށް ބަލަމުން އިންދައި ޔޫޝައުއަށް ފެނުނު ފޮޓޯއަކުން އޭނައަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއީ ޔޫޝައުއަށް ރީމްގެ އަތުގައި ހިފުނުއިރު ނެގި ފޮޓޯއެވެ. އެ ފޮޓޯގައި ރީމް އިނީ ފްލޭޝް އެޅުމުގެ ސަބަބުން އަނެއްފަރާތަށް ބޯއަނބުރައިގެންނެވެ. އެ ފޮޓޯއަށް ފުންނަޒަރެއް ހިންގާލުމަށްފަހު ޔޫޝައު ރީމްއާއި ދޭތެރޭ ވިސްނާލަން ފެށިއެވެ.

“މިއަދު މެންދުރު ރީމްއާއި ދޭތެރޭ ކަންތަށް ކުރެވުނީ ރަނގަޅަށް ހެއްޔެވެ؟ ރީމް އެ ދައްކަނީ ތެދު ވާހަކައެއް ހެއްޔެވެ؟ މިކަންތަށް ސާބިތު ކުރަން ރީމްއަށް ވަގުތު ދޭންވީހެއްޔެވެ؟ ލަމްނާއަށާއި ނާއިފަށް ޝައްކު ކުރުން ރަނގަޅުހެއްޔެވެ؟ އެދެމީހުންނަށް އެކަން އެނގިޖެއްޔާ ކިހާ ދެރައެއް ވާނެހެއްޔެވެ؟” މިކަހަލަ ބައިވަރު ޙިޔާލުތަށް ޔޫޝައުގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. މި ޙިޔާލު ތަކުގެ ތެރެއިން ޔޫޝައުއަށް ނުކުމެވުނީ ދޮރުގައި ޓަކި ޖަހާފައި ވަން އައިނާ ފެނުމުންނެވެ. ވަގުތުން ޔޫޝައު ކެމެރާ ފަހަތަށް ލައި އެނދުގައި ހަމަޖެހިލިއެވެ.

“ހާދަ ނޫން ވަގުތަކު؟” ޔޫޝައު އައިނާ ގާތު އަހާލިއެވެ.

“މިއަށް ވުރެ ރަނގަޅުވަގުތެއް ހިއެއްނުވޭ ލިބޭނެހެނެއް!” އައިނާ އައިސް އެދުގައި ދެފައި ވަށްކޮށްލައިގެން އިށީންނަމުން ބުނެލިއެވެ.

“ނުނިދުނީ؟” ޔޫޝައު އަހައިލިއެވެ.

“ނޫން! ޔޫޝައުއާ ވާހަކައެއް ދައްކާލަން ވެގެން!” އައިނާ ޔޫޝައުއަށް ބަލަމުން ބުނެލިއެވެ.

“އަހަރެން ހީކުރީ ޔޫނުސްއާ ފައިޓު ކޮށްގެން ޝަކުވާ ކުރަން އައީކަމަށް އަބަދު ހަދާހެން!” ޔޫޝައު އައިނާއަށް ޖެއްސުންކޮށްލިއެވެ.

“ދެން ޔޫޝައު! މަޖަލެއް ނޫނޭ!” އައިނާ މޫނު ކުނިކޮށްގެން އިނދެ ޔޫޝައު އަތުގައި އެތިފަހަރެއް އަޅަމުން ބުނެލިއެވެ.

“ތަދުވެޔޭ!” އައިނާ ޖެހިތަނުގައި ފިރުމަން އިނދެ ޔޫޝައު ބުނެލިއެވެ.

“ސޮރީ…” އައިނާ ބުނެލިއެވެ.

“އޯކޭއޭ! ކޮންވާހަކައެއް ދައްކަން ތިއައީ؟” ލެޕްޓޮޕު އެއްފަރާތް ކޮށްލަމުން ޔޫޝައު އެހިއެވެ.

“ރުޅި ނާންނާތި! ކިޔާ އެއްޗެއް މަޑުން އިނދެ އަޑުއަހަން އިންނާނީ!” އައިނާ ވަގުތުން ބުނެލިއެވެ. “ރީމް…” އައިނާއަށް ހުއްޓަން މަޖުބޫރުވިއެވެ.

“އަނެއްކާ ރީމްގެ ވާހަކަ! އެވާހަކަ ނުފަށާ!” ޔޫޝައު އޭނާގެ ކަންފަތުގައި އަތް އަޅަމުން ބުނެލިއެވެ.

“ޔޫޝައު! ޔޫޝައުވެސް ވިސްނާލަބަލަ! މިއަދު މެންދުރު ޔޫޝައު ރީމްގެ އަތުގައި ހިފިތަން އިނޭ ނޫފައިގަންފަ! އެވަރުންވެސް ރީމްއެއް ނުބުނޭ އެކައްޗެކޭވެސް! އެހެން މީހެއްނަމަ އެ ވާހަކަ ދެއްކީސް!” އައިނާ ހިތްހަމަ ނުޖެހި އިނދެ ބުންޏެވެ.

“ހަމަ އެހާ ބާރަށްތަ ހިފުނީ؟” ޔޫޝައުއަށް ރީމްއާއި މެދު ހަމްދަރުދީ ވެވުނެވެ.

“އާނއެކޭ! އަދި އެއް ވާހަކަ! އެގަޑީ ލަމްނާ ދުއްވައިގެނެގެން ދިޔައީ މަންޒަރު ގޯސްކޮށް ނަގައިގެން ކަން ޔަގީން! އެއިން އެކަނިވެސް އެ އިނގެނީ ލަމްނާ ޔޫޝައުއަށް އިތުބާރު ނުކުރާކަން! އެހާ ލޯބިވެ އިތުބާރު ކުރަންޏާ އެހެނެއް އެތަނަކުން ދުއްވައެއް ނުގަންނާނެ ދޯ!” އައިނާ ޔޫޝައުއަށް ވިސްނައިދެމުން ދިޔައެވެ. ޔޫޝައު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އައިނާ އެ ދައްކަނީ ތެދު ވާހަކައެއްކަން ޔޫޝައުގެ ހިތް ގަބޫލުކުރެއެވެ. ނަމަވެސް ސިކުނޑި ވިސްނައިދެމުން ދިޔައީ އެހެން ގޮތަކަށެވެ.

“ދޮންތައަށް އިވުނު މިރޭ ޔޫޝައު ކޮންމެވެސް ޓްރެއިންގ ގެ ވާހަކައެއް ދެއްކި އަޑު… ތިބުނާ ތިން މަހުގެ ޓްރެއިނިންގ ނިމިއްޖެއެންނު؟” އައިނާ އެހިއެވެ.

“އަމްމް… ޔެސް! އެ ޓްރެއިނިންގ ނިމިއްޖެ! ނޭނގެ ކީއްވެކަމެއް އެގަޑީ އެހެން ބުނެވުނީ! ވެޑިން އަވަސް ކުރާ ވާހަކަ ބުނީމަ ނޭނގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަން!” ޔޫޝައު އޭނާގެ ހިތުގެ އުދާސްތަށް ބަންޑުން ކޮށްލިއެވެ.

“މަންމައަށާ ބައްޕައަށް އެނގޭންނު އެ ޓްރެއިނިންގ ނިމުނުކަން! އެ ވާހަކައެއް ނާހާތަ؟” އައިނާ އެހިއެވެ.

“ލަމް މެން ތިބީމަ ކަންނޭނގެ ނޭހީ! މާދަމާ ހެނދުނު އަހާފާނެ! ކީކޭ ބުނާނީ؟” ޔޫޝައު އޭނަ ނިތްކުރި މަތީގައި އަތް ހިންގާލަމުން ކަންބޮޑުވެފައި އިން ރާގަކަށް ބުނެލިއެވެ.

“ތެދައް ބުނާނީ!” އައިނާ ދިނީ ކުރު ޖަވާބެކެވެ.

“މަންމަމެން ގާތު ބުނަންވީ ލަމް އާއި ނާއިފް…” ޔޫޝައު ހުއްޓުނެވެ. އަދި އިސްޖަހާލިއެވެ. އިތުރަށް އެއްޗެއް ބުނާހާ ހިތްވަރެއް ނެތެވެ.

“ތިހެންނެއް ނޫނޭ ބުނާނީ! އައި ވިލް ހޭންޑްލް އިޓް! ޑޯންޓް ވަރީ!” ޔޫޝައުގެ ބޮލުގައި ފިރުމާލަމުން އައިނާ ވަރަށް އޯގާތެރިކަމާއިއެކު ބުނެލިއެވެ. “ރަނގަޅަށް މިކަމަށް ވިސްނާތި! އިޓްސް އަ ބިގް ޑެސިޝަން! ޔޫޝައުގެ މުސްތަޤުބަލަށް އަސަރު ކުރާނެކަމެއް މިއީ… ދޮންތަ ބުނަން އޮތް ވާހަކައަކީ އަދި މިކަންތަށް މަޑު ޖައްސާލާށޭ! މާދަމާ ލަމްނާމެންގެއަށް ގޮއްސަ ބުނޭ އަދި ވަގުތު ބޭނުމޭ މިކަމަށް ވިސްނަން! ތެދަށް ބުނޭ… އޭރަށް އިތުރު ސީންއެއް ކްރިއޭޓް ނުވާނެ! އެންޑް ރީމްއާ ވާހަކަ ދައްކާލަބަލަ… ބިހޭވް ލައިކް ޓޫ އެޑަލްޓްސް! ކުޑަ ކުދިންނެކޭ އެއްވަރު ތި ދެމީހުން އުޅޭ ވައްތަރު! އެންޑް ޑޯންޓް ފޮގެޓް ޓު ސޭ ސޮރީ…” އައިނާ އެނދުން ތެދުވެ އެކޮޓަރީގައި ބައިންދައިފައި އިން “ސްޓަޑީ ޓޭބަލް” މަތީގައި ބާއްވައިފައި އޮތް ފޮތުގައި އެއްޗެއް ލިޔެލިއެވެ.

“އެއްޗެއް ޝެއާ ކުރަން ބޭނުމިއްޔާ ހަމަ އަންނަންވީ ދޮންތަ ކޮޓަރިއަށް! އޭތި ކިޔާލައްޗޭ! ވަރަށް ނިދި އައިއްސި! ދެން ދަނީ ގުޑް ނައިޓް!” އައިނާ ކޮޓަރިން ނުކުންނަމުން ބުނެލިއެވެ. އައިނާ ކޮޓަރިން ނުކުތުމުން ޔޫޝައު އަނެއްކާވެސް އޭނާގެ ކެމެރާ ނަގައި ރީމްގެ ފޮޓޯއަށް ބަލަން އިނެވެ. ޔޫޝައު ސިއްސައިގެން ދިޔައީ އޭނަ އަތުން މީހަކު ކެމެރާ އަތުލުމުންނެވެ.

“ދޮންތާ؟!” ޔޫޝައު ތަންކޮޅެއް ބާރަށް އައިނާއަށް ގޮވައިލިއެވެ. “ކީއްކުރަން އަނެއްކާ ތިއައީ؟ ކެމެރާ ދީބަލަ!” ޔޫޝައު ކެމެރާ އަތުލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ހެހެ… ފުރަތަމަ ދޮންތަ ވަން އިރު ދެކުނީމޭ ކެމެރާ ފަހަތަށް ލާ ފޮރުވަނިކޮށް! ކާކު ގެ ފޮޓޯއެއް ބަލަނީ ތޯ ބަލާލަން ވެގެން މިއައީ… އަވަހޭ ދޯ ލަމްނާ މަތިން ހަނދާން ނައްތާލިލެއް!” އައިނާ ލާނެތް ފާޑަކަށް ބުނެލިއެވެ.

“އެހެން.. އެހެން ވެގެނެއް ނޫނޭ! ތި ފޮޓޯއާ ހަމައަށް ދެވުން އިރު ދޮންތަ ތި އަތުލީ!” ޔޫޝައު ބުނެލިއެވެ.

“ހުމްމް… އިނގެޔޭ ކީއްވެގެން ކަން! ދެން އަވަހަށް ނިދަން އޮށޯވޭ!” މިހެން ބުނެ އައިނާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އައިނާ ނުކުމެގެން ދިއުމުން ޔޫޝައު އަވަހަށް ގޮސް ދޮރު ތަޅުލީ އަނެއްކާވެސް އައިނާ ޔޫޝައުއަށް އެކަހަލަ ލަނޑެއް ދީފާނެތީއެވެ. ދޮރު ތަޅުލައިފައި އައިސް ޔޫޝައު އޭނާގެ “ސްޓަޑީ ޓޭބްލަ”ގައި އިށީންދެލީ އައިނާ ލިޔެފައި އޮތް އެއްޗެއް ކިޔާލުމުގެ ނިޔަތުގައެވެ. ޔޫޝައު ފޮތް ހުޅުވައި ބަލައިލިއެވެ. އޭގައި އޮތީ ރީމްގެ ނަމްބަރެވެ. އޭގެ އިތުރުން، “ހަނދާންކޮށް ސޮރީ ބުނާތި… ފޭސް ޓު ފޭސް ކޮށް ބުނަން ނުކެރިއްޖިއްޔާ މިއޮތީ ރީމްގެ ނަމްބަރު” މިހެންވެސް ލިޔެފައި އޮތެވެ. ކަބަޑު މަތީގައި އޮތް ފޯނު ހިފައިގެން އައިސް ޔޫޝައު އަވަސް އަވަހަށް ރީމްގެ ނަމްބަރު ސޭވް ކޮށްލިއެވެ.

“މަންމައާ ބައްޕަ މިކަމަށް ރިއެކްޓު ކުރާނީ ކިހިނެއް؟” ޔޫޝައު އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. “ރީމްއަށް ގުޅަންވީތަ؟ ނޫނީ މެސެޖެއް ކޮށްލަންވީތަ؟ ނޫން… މިގަޑިއަކު ނޫން… ނިދާފަ ކަންނޭނގެ އޮންނާނީ… ލަމްނާ ހަމަ އަސްލަށްވެސް އަހަންނަށް ދޯކާ ދެނީތަ؟” ޔޫޝައުއަށް ބުނެވުނީ ހަމައެކަނި މިހިސާބަށެވެ. އޭނަގެ އަޑު ކުރަކިވެ އޭނައަށް ރޮވެން ފެށުނީ އެއްވެސް އިޙްތިޔާރަކައި ނުލައެވެ. އެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއްވެސް އޭނަގެ ހިތާމަ އަންގައިދޭކަހަލައެވެ. ޔޫޝައު އިނީ ގޮތްހުސްވެފައެވެ. ހަދާނެ ނުހަދާނެ ގޮތެއް، ރަނގަޅު ނުރަނގަޅު ގޮތް ވަކި ކުރަން ޔޫޝައުއަކަށް ނޭނގުނެވެ. ހަމައެކަނި މިކަމާ ވިސްނާލިޔަސް ޔޫޝައުގެ ހިތް ފަޅައިގެން ދާވަރުވެއެވެ. މިކަންތަކުގެ ހަގީގަތް ޔޫޝައުއަށް ފަޅާއަރާ ދުވަހަކުން ޔޫޝައުއަށް ވާނެ ވަރު ނިކަން ވިސްނާލަބަލާށެވެ. އެކަންތަކާ ވިސްނާ ވިސްނާ ޔޫޝައުގެ ބޯހަލާކު ވާވަރު ވުމުން އިންތަނުން ތެދުވެ ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން އައިސް ދެ ރަކުޢަތުގެ ނަމާދެއް ކޮށްލިއެވެ. ޔޫޝައު އޭނާގެ ދެ އަތް އުފުލާ މާތްﷲ ގެ ހަޟްރަތަށް ދުޢާ ކުރަން ފެށިއެވެ. ހުރިހާ ކަމެއްގެ ހަގީގަތެއް ޔޫޝައުއާއި ހަމައަށް ގެނައުމަށް މަގުފަހި ކުރައްވާ އެކަމަށް ދުޢާ ކުރިއެވެ. ހުރިހާ ކަމެއްވެސް ވާން އޮތް އެންމެ ރަނގަޅަށް ވުމަށް މަގު ފަހި ކޮށްދިނުމަށްވެސް އޭނަ ދުޢާ ކޮށްލިއެވެ. ނަމާދު ކޮށްލައިގެން ނިދަން އޮށޯވެލިއިރަށް އިސާހިތަކު އޭނައަށް ނިދިއްޖެއެވެ.

އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔައިފިއެވެ. ސައިބޮއެ ހަދައިގެން އެންމެންވެސް ތިބީ ސިޓިންރޫމުގައި އައިނާގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. އިރުކޮޅެއް ފަހުން ލޮލުގެ އިޝާރާތުން އައިނާ ޔޫޝައު ގާތު އޭނައާއި ލަމްނާގެ ވާހަކަ މަރިޔަމްމެން ގާތު ބުނަން އެދުނެވެ. ލަސްނުކޮށް ޔޫޝައުވެސް ވާހަކަ ދައްކަން ފެށީ އެވާހަކަ ދައްކާނެ ރަނގަޅު ފުރުސަތެއް ލިބުނީމައެވެ.

“މަންމާ… ބައްޕާ… އަޅުގަނޑު ބޭނުން މިއަދު ވީހާވެސް އަވަހަކަށް ލަމްނާ މެންގެއަށް ދާން!” ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ. ވަގުތުން އެންމެންގެ ސަމާލުކަން ޔޫޝައުއަށް ލިބުނެވެ.

“ކިހިނެއް ވީ ކުއްލިއަކަށް ތިހެން ތި ބުނީ؟” ހަސަން އެހިއެވެ.

“މީ… އަޅުގަނޑު ބޭނުން މި ކައިވެންޏާއި ދޭތެރޭ ވިސްނާލަން އިތުރު ވަގުތު!” އެ އިން ގޮތަށް އިނދެ ޔޫޝައު ބުނެލިއެވެ. އެންމެންގެވެސް މޫނުމަތީގައި ވަނި ސުވާލު މާކެކެވެ.

“ދަރިފުޅާ… އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ؟ ކިހިނެއްވީ؟ މައްސަލައެއް ޖެހުނީތަ؟” މަރިޔަމް އެހިއެވެ.

“މަންމާ… ދެން ތިހާ ސުވާލު ކުރާ އެއްޗެއް ނޫނޭ… ދޭބަލަ އެގެއަށް!” އައިނާ ބެލީ އަވަހަށް އެތިން މީހުން ފޮނުވާލެވޭތޮއެވެ.

“ހިނގާ… ހަސަން ހިނގާބަލަ!” ސޯފާއިން ތެދުވަމުން މަރިޔަމް ހަސަން ނެގިއެވެ.

“ދެން މީ ކޮންގަޑިއެއް؟” ހަސަނު ބުނެލިއެވެ.

“ގަޑިއެއް ބަލާނެ ކަމެއް ނެތޭ… ޔޫޝައު އެ ދައްކަން ބޭނުންވާ ވާހަކައެއް ދައްކަން ހިނގާ ބަލަ އަވަހަށް ދާން!” ގެއިން ނުކުންނަމުން މަރިޔަމް ބުނެލިއެވެ.

“އައިނާ… ކިހިނެއް ވީ؟” އެ ތިން މީހުން ގެއިން ނުކުމެ ސުމައްޔާ ކޮޓަރިއަށް ވަނުމުން ރީމް އަހައިލިއެވެ.

“ރަނގަޅު ކަމެއް ވާން އެއުޅެނީ!” އައިނާ ހިނިތުންވެލައިފައި ޔޫޝައުމެން ފަހަތުން ދާން ހިނގައިގަތެވެ. އެވަގުތު ހުދާއާއި ޒިއުނީ އެކަކު އަނެކަކަށް ކޮނޑު އަރުވަނީއެވެ.

އައިނާވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޔޫޝައުމެންނާއި އެއްވަރު ކުރިއެވެ.

“ދޮންތަ ކީއްވެ ތި އަންނަނީ؟” ޔޫޝައު އެހިއެވެ.

“ބުނީމެންނު ރޭގަ… އައި ވިލް ހޭންޑްލް ދަ ރެސްޓް އޭ!” އައިނާ ބުނެލިއެވެ. ހަތަރު މީހުންވެސް ގޮސް ލަމްނާމެންގެއަށް ވަދެ ހަމަޖެހިލިއެވެ.

“ކުއްލިއަކަށް ތި އައީ؟” މޫސާ އަހައިލިއެވެ.

“ޔޫޝައު ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުން ވެގެން!” ހަސަނު ހަމަޖެހިލަމުން ބުނެލިއެވެ.

“ކޮން ވާހަކައެއް އަނެއްކާ؟” މޫސާ ޔޫޝައުއާއި ދިމާލަށް ފާޑަކަށް ބަލައިލަމުން އެހިއެވެ.

“މީ… އަޅުގަނޑު އަދި ވިސްނާލަން ބޭނުން ވަގުތުކޮޅެއް!” ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ. ލަމްނާމެންގޭ އާއިލާ އެންމެން ތިބީ ވާނުވާގައެވެ.

“ކޮން ކަމަކާ ވިސްނަން؟” މޫސާއެހިއެވެ.

“ކައިވެންޏާއި ދޭތެރޭ!” ޔޫޝައު ބުނެލިއެވެ.

“ޔޫޝައު… އަހަރުމެން ދެމީހުން އެއްބަސް ވެގެނެއް ނޫންތަ ޔޫޝައުގެ މަންމަ ގާތު މިވާހަކަ ދެއްކީވެސް! ދެން ކީއްވެ ޔޫޝައު! އަނެއްކާ ޔޫޝައު އެންނު ބުނީވެސް އަވަހަށް މެރީ ކުރަން ބޭނުމޭ! ޔޫޝައު ޕްލީސް ތިހެން ނަހަދާ!” ލަމްނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

13 ވަނަ ބައި

“ޔޫޝައު… އަހަރުމެން ދެމީހުން އެއްބަސް ވެގެނެއް ނޫންތަ ޔޫޝައުގެ މަންމަ ގާތު މިވާހަކަ ދެއްކީވެސް! ދެން ކީއްވެ ޔޫޝައު! އަނެއްކާ ޔޫޝައު އެންނު ބުނީވެސް އަވަހަށް މެރީ ކުރަން ބޭނުމޭ! ޔޫޝައު ޕްލީސް ތިހެން ނަހަދާ!” ލަމްނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

“ލަމްނާ…” ޔޫޝައު ގޮވައިލިއެވެ. ލަމްނާ އިންތަނުން ތެދުވެ ޔޫޝައުގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އޭނަގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ފަހަތުން ދެމީހުންގެ އާއިލާ މީހުންވެސް އައިސް ލަމްނާ ކޮޓަރި ދޮރު ކުރިމަތީގައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ. ކަންބޮޑުވުމެވެ.

“ޔޫޝައު! ރީމް ބުނެގެން ދޯ ތިހެން ތި ހަދަނީ!” ލަމްނާ ޔޫޝައު ލައިގެން ހުރި ޓީޝާޓުގެ ކަރުގައި ހިފައިފައި ވަރަށް ބާރަށް ބުންޏެވެ.

“ލަމްނާ!؟ މޮޔަވަނީތަ؟” ޔޫޝައު ލަމްނާ ދުރަށް ކޮށްޕާލަމުން ހަޅޭއްލަވައިގަތެވެ. ކޮށްޕާލި ވަގުތު ލަމްނާ ގޮސް އެތާ އިން މޭޒުގައި ޖެހި މޭޒު ވެއްޓުނެވެ. މިއަޑު އިވި ބޭރުގައި ތިބި އެންމެން ކަހަލައިން ދޮރުގައި ޓަކި ޖަހަން ފެށިއެވެ.

“ލަމްނާ! ޔޫޝައު! ބޭރަށް ނުކުމޭ! ކޮންހާ އަޑެއް އެ އިވެނީ!” ލަމްނާގެ މަންމަ ޒާހިދާ އަޑުގެ ނެތް ކޮޅަށް ގޮވަންފެށިއެވެ.

“ޔޫޝައު ދަރިފުޅާ! ތިތަނުން ނުކުމޭ! ހެޔޮނުވާނެ!” މަރިޔަމަށް ރޮވެން ފެށުނެވެ.

“ޔޫޝައު!” އައިނާވެސް ކަންބޮޑުވާން ފެށިއެވެ. އެވަގުތު ހަސަނާއި މޫސާ ދިޔައީ ދޮރުގައި ޓަކި ޖަހަމުންނެވެ.

“ހަހަހަ… އަދިވެސް އަހަރެންތަ މޮޔަވަންވީ؟! ޔޫޝައު… ތިހެން ނަހަދާ… އަހަރެން މޮޔަ ވެދާނެ! އެ ރީމް މިރަށުން ފޮނުވާލާ! ހަމަ މިހާރު ފޮނުވާލާ! ރީމް ޔޫޝައުއަށް ކިހިނެއް ހަދައިގެންތަ އެ އުޅެނީ… ތީ ހަމައެކަނި އަހަރެންގެ މިލްކެއް!” ލަމްނާ އައިސް ޔޫޝައު ގައިގައި ބައްދައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“ލަމް! ލަމްނާ! ދުރަށް ޖެހޭ ހަމަ މިހާރު ދުރަށް ޖެހޭ!” ޔޫޝައު ލަމްނާ ދުރުކުރަމުން ބުންޏެވެ. “ރީމް! ރީމް! ރީމް! އަބަދު ރީމް؟! ލަމްނާ ތިއުޅެނީ ކިހިނެއް ވެގެންތަ؟ އަބަދު އަބަދު ރީމްއޭ ކިޔާގެން ކިޔަނީ… އިއްޔަވެސް ރީމްއޭ ކިޔާގެން އަހަރެން ގާތު ކީ އިރު އަހަރެން ހުރީ އެއްވެސް އެއްޗެއް ނުބުނެ! ދެން ބުނާނަން! މިހާރު ކަންތަށް މާ މައްޗަށް ދަނީ!”

“ތިހިރީއެންނު! ރީމްއާ ދެކޮޅަށް އެއްޗެއް ބުނެލާއިރަށް ތިހިރީ ޔޫޝައުއަށް ވާ ވަރު!” ލަމްނާ ވަރަށް ބާރަށް ބުންޏެވެ.

“އެހެންތަ؟ އަހަރެން މީ ލަމްނާގެ މިލްކަކަށް ވެއްޖިއްޔާ ލަމްނާ ކީއްކުރަން ނާއިފް ފަހަތުން ތިއުޅެނީ؟” ޔޫޝައު އެހިއެވެ. ލަމްނާ ހުރީ ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްޗެއް ނުބުނެ ހުރެފިއްޔާ ޔޫޝައުގެ ޝައްކު ޔަޤީނަށް ބަދަލު ވާނެކަން އެނގޭތީ ލަމްނާ ވާހަކަ ދައްކަން ފެށިއެވެ.

“ރީމް ބުނި އެއްޗެއް ދޯ؟ ޔޫޝައުވެސް ވާނެ އޭނަ ޖަހާހާ ބެރަކަށް ނަށަން! ޔޫޝައުއަށް ހީވެތަ އަހަރެން އެހެން އުޅޭނެހެން! އަހަރެން ނޫނަސް ނާއިފް އަހަރުމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން ދެނެހުރެ އެހެން ހަދާނެތަ؟ ނަހަދާނެ! އޭނަ އެއީ އެއަށްވުރެ ވަފާތެރި ރައްޓެއްސެއް! ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާ އެއީ… ހަނދާން ބަހައްޓާތި! އަހަރެން މީ ޔޫޝައު އަލަތު ލޯބި! އެވެސް ހަނދާން ބަހައްޓާތި! އަހަރުމެން ދެމީހުންނަށް ވުރެ ޔޫޝައު ރީމް ދައްކާ ވާހަކަތަ ގަބޫލު ކުރަނީ؟ އޭނ؟ އަހަރެން އިއްޔަވެސް ބުނީމެންނު! ތިހުރީ ހަމަ ރަނގަޅަށްވެސް އޭނަގެ ސިހުރުގަ ޖެހިފައޭ!” ލަމްނާ ބުންޏެވެ.

“އިނަފް އިސް އިނަފް! ލަމްއަށް އެނގޭތަ… ނޭނގެ ކީއްވެގެން ކަމެއް… މިހާރު އަހަންނަށް ލަމްއަށް ވުރެ ބޮޑަށް ރީމްއަށް އިތުބާރު ކުރެވޭ! އިއްޔެގެ ވާހަކަ ފެންމަތިވީމަ އަހަރެންވެސް އިއްޔަގެ ވާހަކަ ފަށާނަން! ރީމް އަހަރެންގެ އަތުގަ ހިފައިގެން ހުއްޓާ ލަމްއަށް ފެނުނީ… ލަމް ގޯސްކޮށް އެމަންޒަރު ބަލައިގަތީ… ދެން އެތަނުން ދުއްވައިގަތީ! އޭގެން މާނަ ކުރަނީ ކޯއްޗެއްކަން އިނގޭތަ؟” ޔޫޝައު ލަމްނާއަށް ސުވާލު ކުރިއެވެ.

“އޭގެން މާނަ ކުރަނީ ކޯއްޗެއްކަން އިނގޭތަ؟؟” ލަމްނާ ޔޫޝައު ކުރި ސުވާލަށް ޖަވާބު ނުދިނުމުން އެއަށް ވުރެ ބާރަށް ޔޫޝައު ބުންޏެވެ. ލަމްނާއަށް ބިރުން ފަހަތަށް ޖެހެވުނެވެ. އަދި އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ.

“ހެހެ… ނޭނގުނު ދޯ! ނުވެސް އެނގޭނެ! އެތަނުން ދުއްވައިގަންނަންވީ ސަބަބަކީ ލަމްނާ އަހަންނަށް އިތުބާރު ނުކުރާތީ! އިތުބާރު ކުރާނަމަ އެހެނެއް ދުއްވައެއް ނުގަންނާނެ ދޯ! އެހެންމަ އަހަރެންވެސް ލަމްނާއަކަށް އިތުބާރެއް ނުކުރާނަން! ދެން އަބަދު ކީއްވެގެން ތަ ހުރިހާ ކަމެއް ރީމް މަތި ކުރަނީ؟ އެހެންމަ… އެހެންމަ އަސްލު މި ގުޅުމުގެ ބޭނުމެއް ނެތެންނު! އަހަރެންގެ މޮޔަ ކަން… މޮޔަކަން!” ޔޫޝައު އޭނާގެ ބޮލުގައި ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ.

“ނޫން! ޔޫޝައު! ޕްލީސް! ރީމް ދޮގު ހަދަނީ އެ! ޔޫޝައު ނުރޮއި! ދެން ޔޫޝައުއަށް އިތުބާރު ކުރާނަން! ޕްލީސް!” ލަމްނާ ޔޫޝައު ގާތު އާދޭސް ކުރަމުން ގެންދިޔައެވެ.

“ލަމް! ތެދައް ބުނާތި!! އަހަރެން މިގެއަށް އައި ދުވަހު ނާއިފް ކީއްވެ އަހަންނަށް ބައްދަލު ނުކޮށް ފިލައިގެން ދިޔައީ؟” ޔޫޝައު އެހިއެވެ.

“ޔޫޝައު! ބުނެފީމެންނު ރީމް ދޮގު ހަދަނީއޭ!” އައި ރުޅިން ޑްރެސިންގ ޓޭބަލް މަތީ ހުރި އެއްޗެހި ބިންމައްޗަށް އުކަމުން ލަމްނާ ހަޅޭއްލަވައިގަތެވެ.

“ލަމްނާ! ހަމަޖެހިބަލަ!” ޔޫޝައުވެސް ހަޅޭއްލައިގަތެވެ. “ތިވަރުން ކިހިނެއް އަހަރެން ލަމްނާއާ އެއްކޮށް އުޅޭނީ؟! ތިހިރީ ރުޅި އަންނަ ވަރު!! އަދި އެއްވާހަކަ… ކިހިނެއް ލަމްއަށް އިނގެނީ އެއީ ރީމް އަހަރެން ގާތު ބުނި ވާހަކައެއްކަން؟” ޔޫޝައު އެހިއެވެ.

“ދެން ކާކު އެހެން ބުނާނީ؟ އޭނ! ތިގޭގަ ދެން ކާކު ޔޫޝައުއާ ހިތާ ވެގެން އުޅޭނީ؟ ދެން އެ ހުދާއާ ޒިއުނީގެ ގޮތްގަނޑެއް މަށަކަށް ނޭނގެ!” ލަމްނާ ރުޅި އައިސް މާނޭވާލެވެނީއެވެ.

“ކިތަށް ފަހަރު ބުނެފިން ރީމް މަތި ނުކުރާށޭ! ރީމް ނޫޅެޔޭ އަހަންނާ ހިތާ ވެގެނެއް!” ޔޫޝައުވެސް ލަމްނާގެ ރާގަށް ބުނެލިއެވެ.

“މަޑުކޮށްބަ! މީ ތިދެމީހުންގެ ރޭވުން ގަނޑެއްދޯ؟ އެހެންވެގެންނު ކުއްލިއަކަށް ޔޫޝައު ތިހެން ތި އުޅެނީ… އެ ރީމްގަނޑު އައި ފަހުން ވިއްޔަ ޔޫޝައު ތިވައްތަރަށް ތިއުޅެނީ…” ލަމްނާ މޮޔައެއް އުޅޭ ފާޑަަށް އުޅެމުން ގެންދިޔައެވެ.

“ޔޫ ޕްރޫޑް ޔޫ ޑޯންޓް ޓްރަސްޓް މީ؟! އަހަރެން މޮޔަ ހިތަށް އަރާ މިހާރު! ހުވާ މިބުނީ މޮޔަ ހިތަށް އަރާ! ލަމްނާ ދެކެ އަހަރެންވީ ލޯބި ނޭނގެ ބަޔާން ކޮށްދޭކަށްވެސް! އަހަރެން ހާދަ ދުޢާއެއް ކޮށްގެނޭ ލަމް އަހަންނަށް ލިބުނީ! އަހަރެން ހާދަ އުފަލެއްވިޔޭ! އެކަމު މިހާރު… މިހާރު ހިތަށް އަރާ ލަމްނާއަށް ރައްޓެހި ނުވެވުނު ނަމައޭ! ޗުއްޓީއަށް ނާދެވުނު ނަމަ!” ޔޫޝައުއަށް ވާހަކަ ދެއްކުނީ ވަރަށްވެސް އުނދަގުލުންނެވެ. ޔޫޝައުއަށް ގިސްލެވެނީއެވެ. އޭނަ ހުރީ ވާކަންތަށް ގަބޫލުކުރަންވެސް އުނދަގޫވެފައެވެ. އެހާވެސް ބޮޑަށް އޭނައަށް އަސަރުކޮށްފިއެވެ.

ޔޫޝައު ނުރޮއިބަލަ! އައި ޓްރަސްޓް ޔޫ! އަހަރެންވެސް ވަރަށް ލޯބި…” ލަމްނާއަށް ހުއްޓަން މަޖުބޫރުވިއެވެ.

“ދޮގު! ހުސް ދޮގު! ލަމްނާ އަހަރެން ދެކެ ލޯތްބެއް ނުވޭ! ތިހުންނަނީ އަހަރެންދެކެ މޮޔަވެފަ! އެންޑް އައި ކާންޓް އެންޑް ޑޯންޓް ވޯންޓު ޓު ޓްރަސްޓް ޔޫ! އަހަރެން ނިންމައިފިން! ލަމްނާ ނާއިފްއާއި ދޭތެރޭ ކަމެއް އޮތަސް ނެތަސް އަހަންނެއް ލަމްނާއާކާ ނީންނާނަން! ޔޫ ޖަސްޓް ގޭވް މި މޯ ރީޒަންސް ޓު ނޮޓް ބީ ވިތް ޔޫ! އައި ހޭޓު ޔޫ!” ޔޫޝައު އޭނާގެ ފަހު ނިންމުން ލަމްނާއަށް އިއްވާފައި ދޮރާއި ދިމާލަށް ހިނގައިގަތެވެ.

“ޔޫޝައު! ނޫން ޔޫޝައު އަހަރެން މަރު ވެދާނެ! ހެޔޮ ނުވާނެ ތިހެން ނަހަދާ!” ލަމްނާ ދުވެފައި ގޮސް ޔޫޝައުގެ ފައިގައި ހިފައްޓައި އޭނަ ހުއްޓުވިއެވެ.

“މާ ލަސްވެއްޖެ! މާ ބޮޑަށްވެސް ލަސްވެއްޖެ! ދެން މީގެ ފަހުން އަހަރެން ފަހަތުން ނާންނާތި!” ލަމްނާ ޔޫޝައުގެ ފައިން ނައްޓުވަން މަސައްކަތް ކުރަމުން ބުންޏެވެ.

“ލަމްނާ! އަމިއްލައަށް ދުރަށް ޖެހޭ! އަހަރެން އަތުން ފައިން ގޯހެއް ހެދިއްޖެއްޔާ މާ ރަނގަޅެއް ނުވާނެ!” ލަމްނާ ޔޫޝައުގެ ފައިގައި ހިފައްޓައިގެން އޮތުމުން ބުންޏެވެ.

“އަނިޔާ ކުރަން ނަމަވެސް އަހަރެން ދޫކޮށްނުލާ!” ލަމްނާ ރޮމުން ގެންދިޔައެވެ.

“ފަހު ފަހަރަށް މި ބުނަނީ! އަހަރެންގެ ފައިން ދޫކުރާށޭ!” ޔޫޝައު މައިނޭވާ ލެވޭ ހާލު ބުނަމުން ދިޔައެވެ. ބޭރުގައި ތިބި އެންމެންނަށް އެމީހުން ދައްކާ ވާހަކަ އަޑު އިވޭނެ ކަން ގައިމެވެ.

“މަރިޔަމް! ކަލޭގެ ދަރި ބަލާބަލަ އަހަރެންގެ ލަމްނާއަށް ކުރާ ވަރު!” ޒާހިދާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިއުމުން އޭނަ ހަޅޭއްލަވައިގަތެވެ.

“އަހަރެންގެ ދަރިތަ އަދިވެސް ގޯސްވީ؟ ޒާހިދާއަކަށް އަޑެއް ނީވުންތަ ޔޫޝައު ބުނި އެއްޗެއް؟ ލަމްނާއާ ނާއިފް އެކަކު އަނެކަކު ދެކެ ލޯބިވަންޏާ އަހަރެން ޔޫޝައު ދޫކޮށްލަންވީ ކަންނޭނގެ!” މަރިޔަމް ބުންޏެވެ.

“އައްދެ! ލަމްނާއެއް ނޫޅޭނެ އެހެނެއް! ތިކިޔާ ރީމްއަކީ ކާކުތަ އަޅެ! އަހަރެންގެ ދަރިފުޅުގެ ޙަޔާތް ބަރުބާދު ކޮށްލައިފި ވިއްޔަ!” ރޮވޭ ހާލު ޒާހިދާ ވާހަކަ ދައްކަމުން ގެންދިޔައެވެ. މޫސާ އެވަގުތު ބެލީ ޒާހިދާ ހަމައަކަށް އެޅުވޭތޯއެވެ.

“ޒާހިދާ! ޑަކުޓަރު ބުންޏެންނު ތިހާ ސްޓެރްސް ނުވާށޭ! އެއްޗެކޭ ނުބުނެ ހުރޭ!” މޫސާ ބުންޏެވެ.

“އެއްޗެކޭ ނުބުނެ ކިހިނެއް ހުންނާނީ؟ ނޭނގެ ޔޫޝައު އަހަރެންގެ ލަމްނާއަށް ކުރާނެ ވަރެއްވެސް!” ޒާހިދާ ބުންޏެވެ.

“ދައްތާ! ޔޫޝައު އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ! އަނެއްކާ ލަމްނާ އަމިއްލައަށް އެނަ ގޮވައިގެން ކޮޓަރިއަށް ވަދެ ތަޅު ލީވެސް! އާން! އަދި ރީމްއަކީ ހަމަ ވަރަށް ގާތް ކުއްޖެއް!” އައިނާ ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ.

“އައިނާ… ވާހަކަ ނުދައްކާ!” ހަސަނު މަޑުން ބުނެލިއެވެ.

“ލަމްނާ! އަހަރެން ފަހަތުން ނާންނާތި!” ލަމްނާ އޭނަ ފައިން ދުރުކުރަމުން ޔޫޝައު ބުނެލިއެވެ. ލަމްނާ ދުރުކޮށްލުމަށްފަހު ޔޫޝައު އެދިޔަގޮތަށް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުހުޅުވުނު ތަނާހެން ޒާހިދާ ކޮޓަރިއަށް ވަދެގެން އައެވެ.

“ސުބުހާނަﷲ! މީ ކޮންކަމެއް؟” އެފުށުން މިފުށަށް ޖެހިފައި އޮތް ކޮޓަރިއަށް ނަޒަރު ހިންގާލަމުން ޒާހިދާ ލަމްނާ ގާތު އެހިއެވެ.

“ވަރަށް ބޮޑަށް މާފަށް އެދެން… އެކަމު އަޅުގަނޑު ބޭނުމެއް ނޫން ލަމްނާއާ ކައިވެނި ކުރާކަށް! މަންމާ… ބައްޕާ… ދޮންތާ ހިނގާ ދާން!” ޔޫޝައު އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ. ލަމްނާ އެ ދިޔަ ބާރުމިނުގައި ގޮސް މައިދޮރު ކުރިމަތީގައި ހުއްޓުނެވެ.

“ޔޫޝައު ޕްލީސް! ގިވް މީ އަ ޗާންސް! ޕްލީސް! ތިހެން ނަހާދާ… ޔޫޝައުއާ ނުލާ އަހަރެން މަރުވެދާނެ!” ލަމްނާ އާދޭސް ކުރަމުން ގެންދިޔައެވެ.

“ދުރަށް ޖެހޭ!” ޔޫޝައުގެ އަޑުއައީ ރޫރޫ އަރައިގެންނެވެ. އޭނާގެ މުށްކެވިގެން ދިޔައެވެ.

“ދަރިފުޅާ… ލަމްނާ! މީހަކު ލަމްނާއާ ނޫޅޭ ވަރުން ނޫޅެބަލަ! ޔޫޝައުއަށް ވުރެ ހާސްގުނަ ރަނގަޅު މީހުން ތިބޭނެ މިދުނިޔޭގަ!” ޒާހިދާ ގޮސް ލަމްނާ ދޮރުކުރިމަތިން ދުރު ކުރަމުން ބުންޏެވެ.

“ނޫން! އަހަރެން ބޭނުމީ ހަމައެކަނި ޔޫޝައު! ޔޫޝައު އެހެންމީހެއްގެ މިލްކަކަށް ވިޔަކަ ނުދޭނަން! އަދި އަމުދުން އެ ރީމްގެ!” ލަމްނާ ބުންޏެވެ. އޭނާގެ ލޯ ވަނީ ރަތްވެ ވަޅުޖެހިފައެވެ. ޒާހިދާ ގަދަކަމުން ލަމްނާ ދޮރުމަތިން ދުރުކުރިއެވެ. ލަސްނުކޮށް ޔޫޝައުމެންވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ހަތަރު މީހުންގެ ފިޔަވަޅު ހުއްޓުނީ ލަމްނާގެ ވޭނީ އަޑަށެވެ.
-ނުނިމޭ-

23

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Finally kiyaalan libijje😍😍Mi Part vs Hama vrh Salhi.. MAASHA ALLAH Rayaa Vvvvvvvvvvvvv molhu ingey vaahaka Liyan Alhugan ge favourite author thy 😁😍😍😍❤️KON irakun dhen next part kiyaalan libeyny?? 🤔…… Eid mubarak to my favourite author❤️❤️❤️😍🤗🤗

    1. alheyyy thank you sooo much frozen quinny… vrh vrh ufaa vehjje frozenquinny ge favourite author akah vevunyma 🙂 14 vana bai innaane mihaaru 🙂 EID MUBARAK!

Leave a Reply

Your email address will not be published.