ރިޝްގެ ވާހަކަ: ހިތި ނިމުން

- by - 64- July 30, 2020

ވެހެމުން ދިޔަ ބޯ ވާރޭގައި އާލާ ހިނގަމުން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. ދާނެ ވަކިތަނެއް ވަންނާނެ ގެދޮރެއް އާލާގެ ނެތެވެ. ދާދި ދެންމެ އާލާ ގެ އާއިލާގައި ހިނގި ހަމަނުޖެހުމުގައި އާލާގެ ދޮންމަންމަ އާލާ ނެރި ބޭރުކުރީ ދެން ދުވަހެއްގެ ކޮޅުން ވެސް އާލާ ދެކެން އެ ދޮންމަންމަ ބޭނުންނުވާ ހާލުގައެވެ.

އާލާ އަކީ ރަމްލާ އާއި ހަސަނަށް ލިބިފައި ހުރި ހަމަ އެކަނި ދަރިފުޅެވެ. އާލާގެ އުމުރުން އެންމެ 10 އަހަރުގައި ރަމްލާ ނިޔާވީ ވަރަށް ދުވަހު ކެންސަރު ބަލީގައި އުޅުމަށް ފަހުގައެވެ. ރަމްލާ މަރުވިއިރު ވަސިއްޔަތެއްގެ ގޮތުގައި އާލާ ވަރަށް ރަނގަޅަށް ބަލައި ދިނުމަށް އާލާ ގެ ބައަޕަ ހަސަން ކައިރީ އެދުނެވެ. ނަމަވެސް ބައްޕަ އެހެން މީހަކާ އިނުމުން އެ ވަސިއްޔަތް ވެސް ބައްޕަ ހަނދާން ނެތުނު ކަހަލައެވެ.

ބައްޕަ އެއްގެ ލޯބިން މަހުރޫމް ވީ ކަމުގެ އިހުސާސް އާލާ އަށް ކުރެވެން ފެށީ ބައްޕަ މިހަކާ އިންތާ ހަފުތާއެއް ފަހުންނެވެ. އެއީ އުޑުމަތި ސާފު، އެހާމެ ރީތި  ވައި ވެސް ޖެހޭ ދުވަހެކެވެ. އާލާ އިނީ އާދައިގެ މަތިން ވާހަކަ ފޮތެއް ހިފައިގެން ޖޯލީގައެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ އާލާ ގެ ކަމަކީ އެއީ އެވެ. ކުއްލިއަކަށް ކުރިމަތިން މީހަކު ދަރިފުޅު ކިޔާ ގޮވާލި އަޑަށް ސިހިފައި ކަހަލަ ގޮތަކަށް އާލާ ފޮތް ތިރިކޮށްފައި ބަލާލިއެވެ. ކުރިމަތީ ހެވި ދިލިފައި ހުރި ބައްޕަ ފެނުމުން އާލާ ވެސް ހިނިތުން ވިއެވެ. ” ދަރިފުޅު ބައްޕަ ވަރަށް ބޮޑު ވާހަކަ އެއް ދަރިފުޅު ގާތުގައި ދައްކަން ބޭނުންވޭ” ހަސަން އޭނާ ގެ ލޯބިވާ ދަރިފުޅު ކައިރީގައި އިށީދެ ވާހަކަ ދައްކަން ފެށިއެވެ. ބައަޕަ ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށް ނުހަނު ޝަުގުވެރި ކަމާ އެކީ ބައަޕަ އަށް ބަލަހައްޓައިގެން އާލާ އިނެވެ. ” ބައަޕަ އެބަ ވިސްނަން ދަރިފުޅަށް މަންމަ އެއް ގެނެސްދޭން ” ހަސަން މިހެން ބުނުމުން އާލާގެ ދެލޯ ބޮޑުވިއެވެ. ދޮންމަންމަ އެއް އައީމަ ދެންވާނީ ކިހިނެއްބާއެވެ. އާލާ އަޑުއަހާފައިވާ ގޮތުން ދޮންމަންމަ ވާނީ ދޮންނިޔަ ދުރަކަށެވެ. މި ޚޔާލުގައި އިންދާ އަނެއްކާ ވެސް ވާހަކަ ދެއްކީ ބައްޕައެވެ. “ދަރިފުޅު ތީ ވިސްނޭ ބޮޑުކުއަޖެއްނު ދޯ؟ ބައަޕަ އުންމީދު ކުރަން ދަރިފުޅު މިކަމާ ހިތްހަމަޖެހޭނެކަމަށް. އަދި ދޮންމަންމަގެ ބަސްއަހާ ކުއަޖަކަށް ވާނެކަމަށް.” މިހެން ބުނުމަށް ފަހު ހަސަން އޭނާގެ ލޯބިވާ ދަރިފުޅު ގެ ބޮލުގައި ފިރުމާލުމަށް ފަހު ތެދުވެގެން ގެއިން ނިކުމެގެން ދިޔައެވެ. އާލާ ހުރީ ބައަޕަ ދިޔަ ދިމާލަށް ބަލަހައަޓައިގެންނެވެ. ދެން ވާނޭ ގޮތެއް ނޭނގޭތީ ފިކުރުބޮޑުވެފައެވެ.

ހަފުތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. އާލާގެ ހަޔާތުން ވެސް ދުވަހަކަށް ފަހު ދުވަހެއް އުކެމުން މާޒީވަމުންދިޔައެވެ. ހަސަން މިހަކާ އިނދެ ގެއަށް ގެނައެވެ. އާލާ ހީކުރި ގޮތާ ޚިލާފަށް ދޮންމަންމަ އާލާ އާ މެދު ކަންތައްކުރަމުން ދިޔައީ އަމިއްލަ މަންމަ ހެނެވެ. ކޮންމެ ދުވަހަކުހެން އާލާ ކައިގެން ހުރިތޯ އާއި އާލާ ސުކޫލުގެ ހުރިހާކަމެއް ބަލައި އޮޅުން ފިލުވައެވެ. އެކަމާ އާލާ ހެއްދެވި ފަރާތަށް އަބަދުވެސް ޝުކުރުވެރިވެއެވެ. ނަމަވެސް ހަފުތާ އެއްގެ ފަހުން އާލާ ގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަން ފެށިއެވެ. ދޮންމަންމަގެ އުޅުމާއި ރާގަށް ބަދަލު އަންނަންފެށިއެވެ. ހަސަނަކީ މާލެއާ ކޮޅުފުއްޓާ ދޭތެރޭ ދަތުރުކުރާ “އާލިމް” ބޯޓުގެ ކައްޕިއެވެ. އެހެންކަމުން ގިނައިން އުޅެނީ ބޯޓުގައެވެ. ގެއަށް ވަދެވެނީ ހާލަކުން ފަހަރަކުއެވެ. އެހެންކަމުން ގޭގައި ހިނގާ އެއްވެސް ކަމެއް ހަސަނަކަށް ރޭކާއެއްނުލައެވެ. އުމުރުން އެންމެ 14 އަހަރުގައި އާލާގެ ކިޔެވުން ވެސް ހުއްޓާލަން ޖެހުނެވެ. ދޮންމަންމަ އާލާ ގެ ޔުނީފޯމާ ފޮތްތަކަށް ދާންދެން އަންދައި ހުލިކޮށް ލީ ޚުދު އާލާ ކުރިމަތިގަ އެވެ. މީގެ އެއްވެސް ކަމެއް ރޭކާނުލާ ހަސަނު އެއްދުވަހެއްގައި އާލާ ސުކޫލް ކަންތައް ކިހިނެއްތޯ ސުވާލުކުރިއެވެ. ނަމަވެސް އާލާ ދޭނެ ވަކި ޖަވާބެއް ނޭނގުމުން އެ ކަމަށް ވެސް ދޮންމަންމަ ޖަވާބު ދިނީ އާލާ ކިޔަވަން ބޭނުން ނުވާކަމަށް ބުނެ ދޮގުހަދާފައެވެ. އާލާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބައްޕައަށް ފޮރުވުމަށްޓަކައި އަތުގެ ފުށަތުން ފޮހެލިއެވެ. އެދުވަހު އާލާގެ ބައްޕަ ވަރަށް ރުޅިއައިސްގެން އާލާއާ ދިމާއަށް އެއްޗެހިކިއެވެ. އެދުވަހުން ފެށިގެން އާލާ ގެ ބައްޕަ އެއީ އާލާ އަށް ނެތް މީހަކަށްވި އެވެ.

ދުވަސްތައް އޭގެ އެންމެ ބާރުމިނުގައި ހިނގަމުންދެއެވެ. މިހާރު އާލާ އަކީ އެ ގޭގެ ނޯކަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކެއްކުމާ ފޮޅާ ސާފުކުރުމާ ނުވިތާކަށް ދޮންމަންމަ ގެ ހުރިހާ އަންނައުނެއް ދޮވުމަކީ ކޮންމެ ދުވަހަކުވެސް އާލާ ކުރަންޖެހޭ ކަންކަން ކަމުގައިވެއްޖެއެވެ. ކޮންމެ ދުވަހަކު ހެނދުނު 7 ޖަހާއިރަށް ސައި ނުހެދިއްޖެނަމަ އެ ދުވަހެއްގައި އާލާ އާ ދިމާއަށް އެއްޗެހި ކިޔުމަކީ ދޮންމަންމަގެ އާދައެކެވެ.

މީގެ ތެރެއިން ދުވަހެކެވެ. އާލާ އަށް ހޭލެވުނީ 6.30 ވާން އުޅެނިކޮށެވެ. އަވަސް އަވަހަށް ރީތިވެލައިގެން ކާގެއަށް ދިޔައީ ވަރަށް އަވަހަށް ކަންކަން ނިންމާލާނަމޭ ހިތައެވެ. ކާގެއަށް ވަންއިރު ލައިޓް ދިއްލާފައި ހުރުމުން ކުޑަކޮށް ޖެހިލުންވިއެއްކަމަކު ގޮސް ބަދިގެ އަށް ވަނެވެ. ކުރިމަތީ ފެންނަން ހުރީ ދުވަހަކު އާލާ ދެކެފައި ނުވާ ޒުވާނެކެވެ. އިސްކޮޅުން ދިގު ނޫނަސް އެ ޒުވާނާ އަކީ ރީތި ޒުވާނެއްކަން ބަލާލުމުންވެސް ހެކިދެއެވެ، މަޑު ނޫ ކުލައިގެ ގަމީހަކާ ކަޅު ކުލައިގެ ޖިންސެއްގައި އެ ޒުވާނާ ހުރިއިރު ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. އާލާ ހުރީ ފާރާ ކައިރީގައި ކަމުން އެ ޒުވާނާ އަކަށް އާލާ އެއް ނުފެނެއެވެ. އިރުކޮޅެއްނުވެ އެ ޒުވާނާ ކޮފީ ޖޯޑެއް ހިފައިގެން ކާގެއިން ނިކުމެގެން ދިޔައެވެ. އާލާ އަވަސް އަވަހަށް ސައިހަދަން ފެށިއެވެ. 7 ޖަހަން 2 މިނިޓަށް ވިރު އާލާ ހުރީ އެންމެ ފަހު ރޮށި ފިހާށެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް ފަހަތަށް އެބުރި ބަލާލީރު ދޮންމަންމައެވެ. ” ކަލޭ މިއަދު ހާދަލަހަކުން ތި ސައިހަދަނީ! މަ ބުނީމެންނު 7 ޖަހާއިރަށް ހުންނަންވާނީ ރެޑީވެފައޭ” ދޮންމަންމަ އާލާ އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އަދި ދޭފަތް ނަގާ އާލާ ގެ އަތުގައި ޖެއްސިއެވެ. ވަގުތުން އާލާ ފެންކަޅިވިއެވެ. ދޮންމަންމަގެ ހިތުގައި އެއްވެސް ރަހުމެއް ނުވާކަހަލައެވެ. ކާގެއިން ނިކުމެގެން ދޮންމަންމަ ދިޔައީ ކުރިން ކާގޭގައި ހުރި ޒުވާނާ ގޮވާލުމުން ނެވެ. އާލާ އަތުގެ ފުށަތުން ކަރުނަތައް ފޮހެލުމަށް ފަހު މޭޒު މަތި ނަގާ ރެޑީ ކުރިއެވެ.

ދުވަހަކީ ވަރަށް ވިއްސާރަދުވަހެކެވެ. އާލާ އޮތީ ކޮޓަރީގައި ޚިޔާލަކަށް ގެއްލިފައެވެ. ކުއްލިއަކަށް އިވުނީ ކޮޓަރީގައި މީހަކު ޓަކި ޖެހިއަޑެވެ. އަލާ އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ. ކުރީމަތީގައި ފެންނަން ހުރީ ދޮންމަންމަ އާއި ކާގެއިން ފެނުނު ޒުވާނާއެވެ. ” މަގޭ ކޮޓަރީގަ ހުރި ގަހަނާތައް ގެއްލިގެން މިއުޅެނީ ! ކަލޭ ދޯ އެ ނެގީ؟ ” ދޮންމަންމަ ވަރަށް ނުރުހުންވެފައި ވަރަށް ބާރަށް ވާހަކަ ދެއްކިއެވެ. އެ އަޑަށް ގެއަށް ވަދެގެން އައި ހަސަނަށް އެ އަޑު އިވިގެން އެތަނަށް އައެވެ. ” ތެދެއްތަ އެ ބުނީ!” އަލާ އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބައްޕަ އައިސް ސުވާލުކުރިއެވެ. އަލާ ފެންކަޅިވެފައިވާ ހާލު ވާހަކަ ދެއްކޭތޯ މަސަތްކަތް ކުރި އެވެ. ” ނޫން……އަޅުގަ..ނ..ޑު ނުނަ…ގަން….” .

” ނުނަގާނެ ނަގާކަށް ނުވެސް އެނގޭނެ ” ދޮންމަންމަ އެ ދޮގު އިލްޒާމު މާ ކުރިންސުރެއް އާލާ ގެ ބޮލުގައި އަޅުވާ ނިންމައިގެން ހުރި ކަހަލައެވެ. މިފަހަރު އާލާ ގެ އަމިއްލަ ބައްޕަ ވެސް އާލާ ދައްކާ ވާހަކަ އަށް ދިނީ ބީރުކަންފަތެވެ. އެހުރިހާކަމެއް ހިނގައި ދިޔައިރު ވެސް ގޮތްނޭނގޭ އެ ޒުވާނާހުރީ އަލާ އާ ދިމާއަށް ބަލަހައްޓައިގެން ހެވި ދިލިފައެވެ.

“އެތި ކޮޅު ހިފައިގެން ހަމަ މިވަގުތު މިގއިން ނިކުމެގެން ދޭ” ހަސަނުގެ އެ ބަސްތައް ހީވީ ވިހަގަދަ ތީރެއްހެނެވެ. އެ މައުސޫމް ކުއްޖާއަށް ހީވީ ފައި ދަށުން ބިންގަނޑު ނެގިގެން ދިޔަހެންނެވެ. ދުވަހަކު ވެސް އެބިދައިން ވާހަކަ ނުދައްކާ ބައްޕަ އެހެން ބުނެފާނެ ކަމަކަށް އާލާ އެއްއިރަކު ވެސް ހީކޮށްފައެއްނުވެއެވެ. ޔަޤީން ކުރުމުގެ ގޮތުން އިސްއުފުލާ ބައްޕަ ގެ މޫނަށް ބަލާލިއެވެ. ހަސަނު ހުރީ ވަރަށް ރުޅިއައިސް ފައިކަން ބަލާލި ކޮންމެ މީހަކަށް ވެސް އެ މޫނުމަތިން އެނގޭނެއެވެ.

“ބައްޕާ އޭ އަހަރެންނަށް ތިހެން ނަހަދާ. މަންމަ ނެތް ދުނިޔޭގަ މި ދަރިފުޅަށް ތިހެން ތި ހަދަނީ ކީއްވެ؟ މި ހުރިހާ ބަސް ތަކެއް ވަނީ އާލާ ގެ ހިތުގައެވެ. ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އަޑު އަހާނެ ކަންފަތެއް ނެތެވެ. ބައްޕަ އަށް ބަލަހައްޓައިގެން ހުރި އަލާ އަލަމާރި އާ ދިމާއަށް ހިނގައިގަތީ އިތުރަށް އެތާ ހުރުމުން ބައްޕަ އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވާނޭކަން އެ ޅަ ސިކުނޑިއަށް ވެސް ވިސްނޭތީއެވެ.

ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ކުއްޖަކު ހިނގާފައި ދާ ތަން ގެ އެއްގެ ޓެރެސްގައި ކޮފީ ޖޯޑެއް ހިފައިގެން ހުރި މަނާލް އަށް ފެނުނެވެ. ހެޔޮވަރު ވަރަކަށް ދިގު ހެދުމަކާ ޖީންސެއްލާފައި ހުރި އެ އަންހެން ކުއްޖާ ފެނި މަނާލް ގަނޑުވި ކަހަލައެވެ. އެ ކުއްޖާގެ ރީތި ދިގު ކަޅު އިސްތަށިގަނޑު ވާރޭގެ ތިކިތަކުން ތެންމާލެވިފައިވާއިރު އަތުގައި ދަބަހެއް އޮތެވެ. އެ ކުއްޖާ އަށް އެހީވުމަށް މަނާލް ގެ ހިތް އެދި ގޮވަން ފެށިއެވެ. ވަގުތުން ސިޑިން ފައިބައިގެން ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއިރު  އެ ކުއްޖާ ގޮވައިގެން ކުޑައެއްގެ އެހީގައި އަންހެނަކާ އެކު ހިނގާފައި މަނާލް ހުރި ދިމާ އަށް އަންނަތަން ފެނުނެވެ. މަނާލް ގެ ގެއާ ހަމަވީ ތަނާ މަނާލް އަށް އެ އަންހެންކުއްޖާ ގޮވައިގެން އެ އައީ އޭނާގެ މަންމަ ސަކީނާ ކަން އެނގުމުން އުފާވިއެވެ.

” މަންމަ މާމަ ގެއިން އަންނަނިކޮށް އާލާ ވާރޭގައި ހުރިތަން ފެނިގެން ގޮވައިގެން މި އައީ. ދެން އަލާ އުޅޭނީ މި ގޭގަ. ދަރިފުޅު ދޭބަލަ މަތީގަ ހުސްކޮށް ހުރި ކޮޓަރި އަލާ އަށް ދައްކާލަ ދޭން” ސަކީނާ ވަރަށް ހިނިތުން ވެލާފައި އޭނާގެ ދޮށީ ދަރިފުޅު މަނާލް ކައިރީ ގައި ބުންޏެވެ. މަނާލް އަކީ ހަސިނާ އާއި ޖަމާލްގެ އެންމެ ދޮށީ ދަރިފުޅެވެ. މަނާލްގެ އިތުރުން ދެން ހުންނަނީ މަނާލްގެ ކޮއްކޮ ރަނާ އެވެ.  ވީ އުފަލެއްގެ ބޮޑުކަމުން މަނާލް އަށް ހުރެވުން ތަން ވެސް ނޭނގުން ކަހަލަ އެވެ. އާލާ ގޮވައިގެން މަނާލް ސިޓިން ރޫމް ހުރަސްކޮށް ސިޑިން އަރައިގެން ދިޔައިރު އަލާ ހުރީ އާޝޯޚް ވެފައެވެ. ގޭގެ ކޮންމެ ދިމާލަކުން ވެސް އެއީ މުއްސަނދި ބައެއްކަން ރަމްޒުކޮށްދެއެވެ. ސިޓިން ރޫމް ފާރުތަކުގައި ނޫ ކުލަ ލެވިފައި ވީ އިރު ސިޓިންގ ރޫމްގައި ވެސް ހުރީ އެންމެ މި ޒަމާނުގެ އަގުބޮޑު ފަރުނީޗަރެވެ.

” މި ހުރީ ކޮޓަރި. ކަމެއް ބޭނުންނަމަ ނުބުނެ ނުހުންނައްްޭޗޭ” މިހެން ބުނުމަށް ފަހު މަނާލް އެތަނުން ދިޔައީ އާލާ ހުންނާނީ ވަރުބަލިވެ ރެސްޓް ކޮށްލަން ބޭނުންވެފައިކަން އެނގޭތީއެވެ. ސިޓިންގ ރޫމެކޭ އެއްފަދައިން ކޮޓަރިތެރެއިން ވެސް ފެންނަނީ އެ ގޭގެ ވެރިންގެ މުއްސަނދިކަމެވެ. ހަތަރު ދޮރުފަތްލީ ބޮޑު އެހާމެ ރީތި އަލަމާރިއަކާ ކިންގ ސައިޒްގެ ރީތި އެނދެކެވެ. ފާރުތަކުގައި ލާފައި ވަނީ އެންމެ އަގުބޮޑު ކުލައެވެ. އެންމެ މިޒަމާނުގެ ބޮކިތައް ހަރުކޮށްފައިވާ އިރު، ކޮޓަރީގައި ވެސް ކުޑަވަރެއްގެ ސޯފާއެއް ހުއްޓެވެ.

………………………………………………….

އާލާ ފެންވަރައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އެހެން ނަމަވެސް އެނދުގައި ހަމަ ޖައްސާލިތަނާ ދޮރުގައި މީހަކު ޓަކިޖެހުމުން އެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ މަނާލްއެވެ. މަނާލް ވަގުތުން ކޮޓަރި ތެރެއަށް ދެމިގަނެ ދޮރުލައްޕައި ތަޅުލިއެވެ. އަދި އާލާގެ އަނގަމަތީގައި އަތްއެޅިއެވެ.

ނުނިމޭ

64

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.