Skip to content
އެސްފިޔަ

އަނދިރިފަރާތް 42

“ރައިނާ…ކޮބާ؟”

އެންމެ ބޭނުންވި ސުވާލު އަހަރެން ކޮށްލީމެވެ.

ރާޔާގެ ހިތުގައި އެ ކުޑަ ކުއްޖާއަށްޓަކާ އެއްވެސް ރަހުމެއް ނެތީހެއްޔެވެ؟ ރައިނާއަށް ވީނުވީއެއް ނޭނގޭ ހާލު މާޒް ކުރި ހިތާމަތައް އެންމެ ކައިރިން ދުތް މީހާ އަކީ އޭނާއެވެ. އެކަމަކުވެސް އެހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

“ރައިނާ ދޯ.. އެކުއްޖާއަށް މާ ރަނގަޅު ދިރިއުޅުމެއް އޭޑީ ހޯދަދޭނެ. އަހަންނަށް އޭނާ ރަނގަޅު ދިރިއުޅުމެއް ހޯދައިދިން ފަދައިން..”

އެހެން ބުނުމަށްފަހު އޭނާ އެތަނުން ނިކުމެގެން ދިއައެވެ.

** **

ޝުބާގެ ނަޒަރުން:

އެޖެންސީއަށް އެހާ ބޮޑު ދޯކާއެއް ދޭން ކެރޭނެ މީހަކު ހުރީތީ އަހަރެން ހަމަ ހައިރާންވެއްޖެއެވެ. ރާޔާއާ ބެހޭ ހުރިހާ ވާހަކަތަކެއް އަރޫން އަހަންނަށް ކިޔައިދީ ނިމުނު އިރު އަހަރެން މިހުރީ ގޮތް ހުސްވެފައެވެ. ރާޔާ ބުނި ގޮތުން ނަމަ މިސްޓާރ ޒެޑް، ނުވަތަ އޭޑީގެ މީހުން އެޖެންސީއަށް ހަމަލާދޭން ރާވާފައި އޮތް ދުވަހަކީ މިއީއެވެ.

އަހަންނާ އަރޫން މިތިބީ މިތަނުގައި ހައްޔަރުވެފައެވެ. އެޖެންސީގެ މީހަކަށް އެއްޗެއް އަންގާނީވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެމެން ގެނައި ހުރިހާ ޑިވައިސްތަކެއްވީ އެމީހުންގެ އަތްދަށުގައެވެ.

ހަދާނެގޮތެއް ނޭނގިގެން އަހަރެން ދެކޮޅު ދެކޮޅަށް ހިނގަން ފެށީމެވެ. އެތަނުގެ ތަޅުންގަނޑުގެ ކަނެއްގައި ބިއްޖެހިފައި އަރޫން އިނެވެ. ބޮޑު ވިސްނުމެއްގައެވެ. ދެފައި ދަމާލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަތަށެވެ. މަޑުމަޑުން އިނގިލިތައް ބިންދަމުން ދިޔައީ އެއްޗެއް ގުނަމުންދާ ފަދައަކުންނެވެ.

އޭނާއާ ދިމާއަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް އަހަރެން އަލުން އަނގަ ލައްޕާލީމެވެ. އެއްޗެކޭ ބުނެގެންވެސް ވާނީ ވަކި ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރެންނަށް ހަވާލުކުރި ބޮޑު މިޝަން އަހަންނަށް ކާމިޔާބެއް ނުކުރެވުނެވެ. މިއޮއްހާ ދުވަހު އަހަރެން ކުރަމުން ގެންދިޔަ މަސައްކަތް މިވީ ބޭކާރެއް ނޫން ހެއްޔެވެ؟

ބިއްލޫރިގަނޑު ކައިރިއަށް ގޮސް އަހަރެން ހުއްޓެލީމެވެ. ބާރަކަށް އެތަނުގައި ގޮށްމުށުން ޖަހާލެވުނީ އަމިއްލަ ނަފްސު ދެކެ އައިސްފައިވާ ރުޅިއެއްގެ ބޮޑުކަމުންނެވެ. އެޖެންސީ އެމީހުންގެ އަތްދަށަށް ގޮސް މުޅި ރާއްޖެ ދެން ކޮންޓްރޯލް ކުރާނީ އެމީހުން ހެއްޔެވެ؟ މިއީ ހައްތަހާވެސް އަހަރެންގެ ކުށް ހެއްޔެވެ؟ އަހަންނަށް އަހަރެންގެ މަސައްކަތް ފުރިހަމަ ނުކުރެވުނީމާ ދިމާވި ކަންތައްތައް ހެއްޔެވެ؟

ކުއްލިއަކަށް އަހަރެން ސިހިގެން ދިއައީ އިވިގެން ދިޔަ ބާރު އަޑުފައްގަނޑުގެ ސަބަބުންނެވެ. އެ އަޑުފައްގަނޑާއެކު އަހަރެމެން ހުރި ތަނުގެ ތަޅުންގަނޑަށްވެސް ލޮޅުމެއް އަރައިގެން ހިނގައްޖެއެވެ. ކޮޅަށް ހުރުމަށް މަސައްކަތްކުރަމުން އަހަންނަށް ދެއަތުން ބިއްލޫރިގަނޑުގައި އަތް އަޅާލެވުނެވެ.

މިވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮން އަޑެއް ހެއްޔެވެ؟ ހީވަނީ ބޮމެއް ގޮވީ ހެންނެވެ. އެމީހުން އެއުޅެނީ އަހަރެމެން މިތަނުގައި ތިއްބާ ނައްތާލަން ހެއްޔެވެ؟ މިއީ އަހަރެމެންގެ ނިމުން ހެއްޔެވެ؟

“އަ..އަރޫން..”

އަހަންނަށް މަޑުމަޑުން އަރޫންއަށް ގޮވާލެވުނެވެ. އޭރު އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ބިއްލޫރިގަނޑު ކައިރީގައި ހުއްޓެނީއެވެ.

“ކަމްއޯން.. ކަމްއޯން..”

އަރޫންގެ އަނގައިން ވައި އަޑެއްގެ ސިފައިގައި ނިކުމެގެން ދިއައީ އެ ލަފްޒުތަކެވެ. ސީދާ އެތަނުގެ ދޮރާ ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރި އިރު އޭނާގެ ސިކުނޑީގައި އެނބުރެމުން އެދަނީ ކޮން އެއްޗެއް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިއައެވެ.

“އަރޫން؟”

އަހަންނަށް އަނެއްކާވެސް އޭނާއަށް ގޮވާލެވުނެވެ.

“ޝްޝްޝް..”

ނަމަވެސް އޭނާ އަހަންނަށް އެންގީ ހިމޭންވުމަށެވެ. މަޑުން ހުރުމަށެވެ.

އޭނާ އިންތިޒާރު ކުރަމުން އެދަނީ ކޮން ކަމަކަށް ހެއްޔެވެ؟ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރުމުން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއީ ހަމަ އަހަރެމެންގެ ނިމުމެވެ. މިއީ އަހަރެމެންގެ އެންމެ ފަހު ވަގުތުކޮޅެވެ. ނަމަވެސް މި ވަގުތުކޮޅުގައިވެސް އޭނާ އަހަރެންނަށް އެ އަންގަނީ އަނގަ ބަންދުކުރުމަށް ހެއްޔެވެ؟ މި ވަގުތު…

އަނެއްކާވެސް ބާރު އަޑަކާއެކު ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް އަހަންނަކަށް ނުލިބުނެވެ. މުޅިތަނަށް އައި ލޮޅުމާއެކު އަހަރެންގެ ހަށިގަނޑުވެސް ވިއްސައިގެން ހިނގައްޖެއެވެ. މުޅި އެތަން ކަޅު ދުމުން ފުރިގެން ހިނގައްޖެއެވެ. އެކި އެއްޗެހި އެކި ދިމަދިމާއަށް ވިއްސައިގެން ހިނގައްޖެއެވެ. ބިއްލޫރިގަނޑު ވެސް ފުނޑުފުނޑުވެގެން ގޮސް އަންނަންފެށީ އަހަރެމެންނާ ދިމާއަށެވެ.

ފާރުގައި އަހަރެންގެ ހަށިގަނޑު ޖެހުނުހިނދު ނޭވާލާންވެސް އުނދަގޫވިއެވެ. ބިންމައްޗަށް ވެއްޓި ނޭވާ ނުލެވިފައި ކުޑަ ހިނދުކޮޅަކު އަހަންނަށް އޮވެވުނެވެ. އޭރު މުޅި ތަނަށް ވެރިވެފައިވާ ކަޅު ދުމުގެ ސަބަބުން ތަނެއް ދޮރެއް ވަކިކުރަން އުނދަގުލެވެ. ދުންތައް އައިސް ނޭފަތަށް ވަންނަން ފެށުމުން އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން ތެދުވާން މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ހަށިގަނޑުގައި އެހާވަރުގެ ހިތްވަރެއް ނެތީއެވެ.

އިރުކޮޅެއްނުވަނީސް ދުންތަކުގެ ތެރެއިން އަހަރެންގެ ކައިރިއަށް އައިސް ކަކޫ ޖަހައިގެން ތިރިވީ އަރޫންއެވެ.

“ޝުބް.. ޝުބް.. އޯކޭތަ؟”

އަހަރެންގެ މޫނުގައި ކުޑަކޮށް ހިފަހައްޓާލަމުން އޭނާ ދެތިންފަހަރަކު ގޮވާލިއެވެ. ނަމަވެސް އަހަންނަށް އެއަޑު އިވެމުން ދިއައީ ވަރަށް މަޑުންނެވެ. އަހަރެންގެ ދެކަންފަތް ވަނީ ބަންވެފައެވެ.

އަރޫންގެ އެހީއާއެކު އަހަރެން ތެދުވެ ފާރުގައި ލެނގެލީމެވެ. އަހަންނަށް ފުންކޮށް އޭނާގެ މޫނަށް ބަލާލެވުނެވެ. އޭނާގެ ކޮލަށް ހެރިފައިވާ ބިއްލޫރިކޮޅު ފެނުމާއެކު އަހަރެންގެ އަތް އެދިމާއަށް ދިއައީ ބޭއިޚްތިޔާރުގައެވެ.

“އަރޫން..”

ލޭފައިބަމުން ދިޔަ އެމޫނުމަތީގައި އަހަރެން ފިރުމާލީމެވެ.

“ޝުބްގެ ބޯ..”

ނިތްކުރިއާ ދިމާއިން އަހަރެންގެ ބޯފަޅައިގެން ގޮސް ލޭފައިބަމުން ދިޔަކަންވެސް އަހަންނަށް ރޭކާލީ އަރޫން އިޝާރާތްކޮށްލުމުންނެވެ.

“އޯކޭތަ؟”

އަނެއްކާވެސް އޭނާ އަހަރެން ގާތު އަހާލިއެވެ. އަހަރެން ލަސްލަހުން ބޯ ޖަހާލީމެވެ.

އޭނާ އަހަރެންނާ ޖެހިގެން ކަހަލަ ގޮތަކަށް އިށީނެވެ. އޭރު އެ ދެލޯ ދިޔައީ މުޅި އެތަން ބަލާ ފާސްކުރަމުންނެވެ. އެއްޗެއް ހޯދަމުންދާ ފަދައަކުންނެވެ.

ދުންތަކުގެ ސަބަބުން އަހަރެމެންނަށް މުޅި އެތަން ފެންނަމުން ދިޔައީ ފުސްކޮށެވެ.

މީހުން ވާހަކަދައްކަމުން ދާ އަޑު ދުރުން އިވެމުން ދިޔައެވެ. ފިޔަވަޅުތަކެއް ދުވާއަޑު އިވެމުން ދިޔައެވެ.

ދުންގަނޑުގެ ތެރެއިން، އަހަރެމެންނާ ތަންކޮޅެއް ދުރުން، އެޖެންސީގެ ފުލް ގިޔަރު އަޅައިގެން ހުރި މީހަކު ފެނުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ. އަހަރެމެން ފެނުމާއެކު އެމީހަކު އަހަރެމެންނާ ދިމާއަށް ދުވެފައި އަންނަން ފެށިއެވެ.

“އަރޫން! ޝުބާ!”

ރޫޝިންގެ އަޑެވެ.

“އޯވާރ ހިޔާރ..”

މައިކުގެ ތެރެއަށް އޭނާ ވާހަކަދެއްކިއެވެ.

“ޔެސް!!”

ރޫޝިން ފެނުމާއެކު އަރޫން ފުންމައިގެން ތެދުވިއެވެ. އެ އަޑުގައި އެކުލެވިގެންވަނީ ޖޯޝާއި ފޯރިއެވެ.

ރޫޝިން މިތަނުގައި ކީއްކުރަނީ ހެއްޔެވެ؟ އޭނާއަށް މިތަނަށް އަންނަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ފަހަތުން އެޖެންސީގެ އިތުރު ބަޔަކު އައިސް އަހަރެމެންނަށް އެހީވާން ފެށިއެވެ.

އެމީހުންނަށް މިތަނަށް އަންނަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ ދެލޯ ހަނިކޮށްލަމުން އަހަރެން އަރޫންގެ މޫނަށް ބަލާލީމެވެ.

** **

އަރޫންގެ ނަޒަރުން:
3 ގަޑިއިރު ކުރި:

“މާޒް.. ބީ ސްޓްރޯންގް.. އިރާދަކުރެއްވިއްޔާ ރައިނާއަށް އެއްވެސް ކަމެއް ނުވާނެ. އަދި އަހަރެމެންނަށް މިސްޓާރ ޒެޑް އަތުލައިގަނެވޭނެ.. ރައިނާ ވެސް ސަލާމަތުން އެނބުރި މާޒް ކައިރިއަށް ގެނެވޭނެ..”

އަހަރެން އަޑަށް ބާރުލާފައި ވާހަކަދެއްކީމެވެ. އޭރު އަހަރެންގެ ހަށިގަނޑުގައިވާ ލޭ ދިއައީ ކެކެމުންނެވެ. މިސްޓާރ ޒެޑަށްޓަކާ އަހަރެންގެ ހިތުގައި ރޯވެފައިވާ އަލިފާންގަނޑު ދިއައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ.

މާޒް އޭނާގެ ދެލޮލުން ފޭބި ކަރުނަތައް އުނދަގޫ ގޮތަކަށް ފުހެލިއެވެ.

“އަހަންނަށް ރަނގަޅީ މިވަގުތު އަރޫން މިތަނުން ދިޔައިއްޔާ.. އެކަނިވެލަން ބޭނުމީ..”

އޭނާ ބުނެލިއެވެ.

އަހަރެން ބޯ ޖަހާލީމެވެ. އޭނާއަށް އެކަނިވެލަން ފުރުސަތު ދިނުމަށްފަހު އަހަރެން އޭނާގެ ކޮޓަރިން ނިކުމެގެން ދިއައީމެވެ.

މިހާރު މިކަންތައް ކޮޅެއްގައި ޖެހެންވެއްޖެއެއް ނޫން ހެއްޔެވެ؟ މިސްޓާރ ޒެޑްގެ މީހުން ކުއްލިއަކަށްވެސް ހަމަ އެޖެންސީއަށް ހަމަލާދީފާނެއެވެ. އޭގެ ކުރިން އަހަރެމެން އެމީހުން ހުއްޓުވަން އެބަޖެހެއެވެ.

މަޑު ހިނގުމެއްގައި އަހަރެން މިސްރާބުޖެހީ ޝުބާގެ ކޮޓަރި ހުންނަ ދިމާއަށެވެ. އެވަގުތު އަހަރެން ބޭނުންވީ އެ މޫނު ދެކިލާށެވެ. ހިތަށް ހަމަޖެހުމެއް ހޯދާށެވެ.

އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓި އަހަރެން ބެލް އަޅާލީމެވެ. ނުހުޅުވިއެވެ. އަރާމުކުރަނީ ކަންނޭނގެއެވެ. އޭނާވެސް ނިދި ބޭނުންވާނެތާއެވެ. ވަރުބަލިވާނެތާއެވެ.

އެނބުރިދާން އުޅެފައި އަހަރެން އަނެއްކާވެސް ބެލް އަޅާލީމެވެ. ހަމަ އެސޫރަ ދެކިލާހިތެއްގެ ބޮޑުކަމުންނެވެ. މިފަހަރު ނުހުޅުވައިފިއްޔާ އޭނާއަށް އަރާމުކުރަން ފުރުސަތުދީފައި އަހަރެން ދާނީއެވެ.

ހުޅުވާލި ދޮރާއެކު އަހަންނަށް ފެނިގެން ދިއައީ ފުލް ގިޔަރުގައި، އެ ކޮޓަރި ތެރޭގައި ހުއްޓިގެން ހުރި ޝުބާއެވެ. އެވަގުތު އެތައް ސުވާލުތަކެއް އަހަރެންގެ ހިތުތެރޭގައި އުފެދިގެން ދިޔައެވެ.

“ޝުބް. މިއޯ؟ ކޮންތާކަށް ދާން ތިއުޅެނީ؟ މިޝަންގެ ކަމެއްތަ؟ ކީއްވެ އަހަންނަށް ނޭނގީ؟”

ކޮޓަރި ތެރެއަށް ދެމިގަންނަމުން އަހަރެން ސުވާލުތައް ފަތިފައްޗަށް އަމުނާލީމެވެ. މިއޮއްފަދަ ގަޑީގައި އޭނާ އެއުޅެނީ ކޮންތާކަށް ދާން ހެއްޔެވެ؟ އަހަންނަށް އަންގާލަންވެސް އޭނާ ބޭނުންނުވީ ހެއްޔެވެ؟

“އަހަރެން އެކަނި މިކަން ކުރަން ޖެހޭނީ..”

އޭނާ ހަރުކަށި ގޮތަކަށް ބުނެލިއެވެ. އަހަރެން ސީދާ އޭނާގެ މޫނަށް ބަލާލީމެވެ. އޭނާ އެއުޅެނީ އަހަރެން ނުލާ މިޝަންގެ ކަމެއްގައި ދާން ހެއްޔެވެ؟

“ވައި؟ ކީއްވެ؟ އަހަރެންމީ ޝުބްގެ ޕާޓްނަރެއް ނޫންތަ؟”

އަހަރެން ޝަކުވާކޮށްލީމެވެ.

“އަރޫން، ޕްލީޒް.. ވަގުތެއް ނެތް. އަހަރެން ދާން ޖެހޭ އެބަ..”

ޝުބާ އެހެންބުނެ އަހަންނަށް ފަސްދީފައި ދާން ހިނގައިގަތެވެ. އޭނާ އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ އޭނާ އެ ފޮރުވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން އޭނާގެ އަތުގެ މުލައްގަނޑީގައި ހިފެހެއްޓީމެވެ. ދަމާ ގެނެސް ސީދާ އަހަރެންގެ ކުރިމަތީގައި ބެހެއްޓީމެވެ.

“ބުނޭ.. ކޮންކަމެއް ތި ސިއްރުކުރަނީ؟”

އަހަރެން ހަރުކަށިގޮތަކަށް އަހާލީމެވެ. އޭނާ އެކަނި އެދާ ތަނަކަށް ދާން އަހަންނަށް ހިތުން ރުހުމުން ދޫކޮށްލެވިދާނެ ހެއްޔެވެ؟

“އަރޫން.. މިސްޓާރ ޒެޑްގެ މީހުން އަހަންނާ ކޮންޓެކްޓް ކޮށްފި.. ރައިނާ އެބަހުރި އެމީހުންގެ އަތްދަށުގަ.”

އެންމެފަހުން އޭނާ އަނގަހުޅުވިއެވެ.

އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. އެމީހުން ޝުބާއާ ކޮންޓެކްޓްކޮށް އެވާހަކަ އެބުނީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟

“ވަޓް؟ ކޮންތާކު ރައި ވީ؟”

ހާސްވެފައި އަހަންނަށް އަހާލެވުނެވެ.

މިއަދު ކަންތައް ވެގެން ދިޔަގޮތް އޭނާ ކިޔާދިނުމާއެކު އަހަރެންގެ ހައިރާންކަންވީ އިތުރެވެ. އެމީހުން ވަރަށް ބޮޑު ކަމެއް އެބަ ރާވައޭ އަހަރެންގެ ހިތަށް މި އަރަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގައި ވަރަށް ބޮޑު ނުބައެއް އެބަ އުޅެއޭ އަހަރެންގެ ހިތް ބުނަމުން ގެންދިއައެވެ.

“ސޯ.. އަހަރެން އެބަޖެހެ އެތަނަށް ދާން. އެކަނި.”

އޭނާ ބުނެލިއެވެ.

އަދިވެސް އޭނާއަށް އަހަރެން ނޭނގެނީ ހެއްޔެވެ؟ އަހަރެން އޭނާ ދެކެ ވާ ލޯބި އޭނާއަށް ނޭނގެނީ ހެއްޔެވެ؟ އޭނާ އެހެން ބުންޏަސް އަހަންނަށް އެހެން ހެދޭނީ ކިހިނަކުން ހެއްޔެވެ؟

“ނޫން. އަހަންނަށް ކިހިނެއްތަ ޝުބާ އެކަނި އެތަނަށް ފޮނުވާފަ ހަމަޖެހިގެން ހުރެވޭނީ؟”

އަހަރެން ނުރުހުންވެފައި ވާހަކަދެއްކީމެވެ.

“އެކަމަކު އަރޫން، އެ ކުށެއް ނެތް ކުޑަކުއްޖާ ސަލާމަތްކުރަން އަހަރެން އެބަ ޖެހެއޭ!”

އަހަރެންގެ އަތް ފޮޅުވާލަމުން އޭނާ ބުނެލިއެވެ. މިފަހަރު ކުރިއަށްވުރެ އެއަޑު ބާރެވެ. ހަރުކަށްޓެވެ.

“ދެން ޝުބްއޯ؟ ޝުބްގެ ފުރާނައަށް ނުރައްކާ ވިޔަކަސް ހެޔޮތަ؟”

އަހަރެންވެސް ވާހަކަދެއްކީ ބާރަށެވެ. އޭނާއަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ މިކަމުގައި ހުރި ނުރައްކާތެރިކަން އޭނާއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟

“އާނ. އަހަންނަށް ހެޔޮ! އަހަންނަކަށް ނޭނގެ މިހާރު އަހަރެންމީ ކޮންކަމެއް ކުރާ ކާކު ކަމެއްވެސް! ހުރިހާ އެންމެނަށް އަހަރެންވީ މަރުވެފަ! އަހަރެން… އަހަރެން…”

އެ ޖުމްލަ ނިމުނުއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަހަރެން ދެރަވިއެވެ. މި އަންހެން ކުއްޖާއަށް ހުރިހާ އުފަލެއް ހޯދައިދޭން އަހަރެން ބޭނުންވެއެވެ. އޭނާއަށް މި ދުނިޔެމަތީގައިވާ ހުރިހާ އުފަލެއްވެސް ހައްޤެވެ.

ތިރިވެ އަހަރެން އޭނާގެ ކޮނޑުގައި މަޑުމަޑުން ހިފާލީމެވެ.

“ދެން އަހަރެންނޯ؟ އަހަރެންމީ ކާކު؟ އަހަރެންނަކަށް ޝުބާއެއް މަރެއް ނުވެއޭ. އަހަރެން މިހުރީނު ޝުބް ކައިރީގަ..”

އޭނާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން އަހަރެން ވާހަކަދެއްކީމެވެ. އޭނާ ދެކޭ ގޮތުގައި އޭނާ އަކީ ބޮޑު އެކަނި ވެރިއެކެވެ. އަހަރެން މިހުރީ އޭނާއާ އެކުގައިކަން އޭނާއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިހުރީ އޭނާއަށްޓަކާ އޭނާ ބުނިކަމެއް ކުރަން ތައްޔާރަށެވެ.

ޝުބާ ނޭފަތްދަމަމުން އޭނާގެ ދެލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. އެއަށްފަހު އެއްޗެއް ޔަޤީންކުރަން އުޅޭފަދަ ގޮތަކަށް އޭނާ އަހަރެންގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނަން އަހަންނަށް އުނދަގޫވިއެވެ.

“އޯކޭތަ؟”

އަހަރެން އޭނާ ގާތު އަހާލީމެވެ.

އަހަންނަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާ ބޯ ޖަހާލިއެވެ.

“ލެޓްސް ޑޫދިސް.”

ސާބިތުކަމާއެކު އޭނާ އެބުނި ބަސްތަކުގެ ސަބަބުން އަހަރެންގެ މޫނަށް ވެރިވެގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

“އޯލްރައިޓް.. އަހަރެން އަންނާނަން އިނގޭ ރެޑީވެގެން..”

އޭނާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެއާއެކު އޭނާ އަވަސްއަވަހަށް ބޯޖަހާލިއެވެ.

ޝުބާގެ ކޮޓަރިން ނިކުމެގެން ދިޔައިރު އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް މިސްޓާރ ޒެޑްގެ މީހުންނާ މެދު ތަފާތު ސުވާލުތައް އުފެދެން ފެށިއެވެ. އެމީހުން ޝުބާއަށް މެސެޖެއް ފޮނުވަންވީ ކީއްވެގެންބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެންމެފުރަތަމަ އެމީހުންނަށް ޝުބާއާ ކޮންޓެކްޓް ކުރެވެންވީ ކިހިނަކުން ހެއްޔެވެ؟ މީގައި ވަރަށް ބޮޑު ނުބައެއްވެޔޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

އަހަރެން ބާރު ހިނގުމެއްގައި ދިޔައީ މާޒްގެ ކޮޓަރިއާ ދިމާއަށެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ދެވޭނެ ހަމައެކަނި މީހަކީ އެއީއެވެ.

އަހަރެން ވަނުމާއެކު އެކޮޓަރީގެ އެނދުމަތީގައި، ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން މާޒް އަހަންނާ ދިމާއަށް ބަލާލިއެވެ. ނުރުހުމުގެ ބެލުމެކެވެ.

“ބުނެފިން ދޯ އަހަރެން ބޭނުމީ އެކަނިވެލާށޭ..”

އޭނާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“ވަގުތެއް ނެތް، މާޒް. އެހެން ކަމަކު އަހަރެން މިއައީ..”

ދެއަތް އުރާލަމުން އަހަރެން ސީރިއަސްކަމާއެކު އޭނާއާ ވާހަކަދެއްކީމެވެ. އެއާއެކު އޭނާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ސީރިއަސްކަމެވެ.

“ކިހިނެއްވީ؟”

އަވަސްއަވަހަށް އޭނާ އަހާލިއެވެ.

ޝުބާއަށް ކަންތައް ވެގެން ދިޔަ ގޮތް އަހަރެން އޭނާއަށް ކިޔައިދޭން ފެށީމެވެ.

“ސޯ؟ ކޮންމެވެސް ނުބައެއް އެބަ އުޅޭ ދޯ މިކަމުގަ؟”

ހުރިހާ އެއްޗެއް ކިޔައިދީ ނިންމާލުމަށްފަހު އަހަރެން ސުވާލުކޮށްލީމެވެ. މާޒް ކުޑައިރުކޮޅެއްވަންދެއް އެއްޗެކޭ ނުބުނެ އިނެވެ. ހީވާގޮތުން އޭނާ ވިސްނަނީއެވެ.

“މާޒްމެންގެ ސެކްޝަނުން ކޮންމެވެސް މީހަކު… އައިޓީ ސެކްޝަންގެ ކޮންމެވެސް މީހެއްގެ އެހީގައެއް ނޫންތަ މިކަހަލަ ކަމެއް ވާނީ؟”

އަހަރެން ކެތްމަދުވެފައި އަނެއްކާވެސް އަހާލީމެވެ. މާޒް އަދިވެސް އެއްޗެކޭ ނުބުންޏެވެ. ބުދެއްހެން ގަބު އަރާފައި އޭނާ އެ އިންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަހަންނަށް ކޮންމެވެސް ޖަވާބެއް ދޭންވެއްޖެއެއް ނޫން ހެއްޔެވެ؟

“ޝުބްގެ ބާތްރޫމްގައި ހުރި ޓީވީއަށް އެމީހުންނަށް އެކްސެސް ވެވޭނީ އެޖެންސީގެ ކޮންމެވެސް މީހެއްގެ އެހީއާއެކު، ނޫންތަ؟ މާޒް؟؟”

އަހަރެންގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. އޭނާވެސް އެއްޗެކޭ ބުނަންވެއްޖެއެއް ނޫން ހެއްޔެވެ؟

“އެނގެއޭ. އަހަންނަށް ތިކިޔާ އެއްޗެއް ސާފު ނުވެގެނެއް ނޫނޭ މިއުޅެނީ، އަރޫން!”

މާޒްގެ އަޑު ބާރުވެފައި ހަރުކަށްޓެވެ. އޭނާގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟

“މާޒް. ކިހިނެއް ވެގެންތަ ތިއުޅެނީ؟ މާޒް އެއްޗެކޭ ނުބުނެގެންނެއް ނޫންތަ އަހަރެން މިއުޅެނީ؟ އަހަންނަށް ލަސްވެއޭ. އަހަރެން ދާން އެބަ ޖެހެއޭ!”

އަހަރެންވެސް ވާހަކަދެއްކީ ހަރުކަށިކޮށެވެ.

“ކިހިނެއް އެނގެނީ އަހަރެން ނޫންކަމެއް؟”

މާޒް މަޑުމަޑުން އަހާލިއެވެ.

“ވަޓް؟”

އޭނާ އެކިޔަނީ ކީކޭ ހެއްޔެވެ؟

“ކިހިނެއް އެނގެނީ އަހަރެން ނޫންކަމެއް އެމީހުންނަށް އެހީވީ؟”

އޭނާ އަނެއްކާވެސް އަހާލިއެވެ.

އަހަރެންގެ ހަރަކާތްތަކަށް ކުޑަ ހުއްޓުމެއް އަރައިގެން ދިޔައެވެ. ވިސްނަމުން އަހަރެން އެކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގަންފެށީމެވެ.

“މާޒްއެއްނޫން. އެއީ މާޒް ނޫންކަން އަހަންނަށް އެނގޭ.. އަހަންނަށް ހަމަ ޔަގީން އެއީ މާޒް ނޫންކަން.. ކޮންމެވެސް އެހެން މީހެއް އެއީ.. ދޯ؟”

އަހަރެން ހިތަށް އަރަމުން ދިޔަ އެއްޗެއް ބުނެލީމެވެ. އެއީ މާޒްއަކަށް ނުވާނެއެވެ. އެއީ މާޒްއަށް ވެގެން ނުވާނެއެވެ. އޭނާ އެއަށްވުރެ މާ ‘ލޯޔަލް’ ވާނެއެވެ. ކުރީ ފަހަރުވެސް އަހަރެމެންނަށް ދޯކާ ދީފައިވެސް އޭނާ ފަހުން އަހަރެމެންނަށް އެހީވިއެއް ނޫން ހެއްޔެވެ؟

“އާނ. އަހަންނެއްނޫން.. އެހެންވެ ހައިރާންވެފަ މި އިންނަނީ.”

މާޒް ބުނެލިއެވެ.

އެއީ އޭނާ ކުރިކަމެއް ނޫންކަން އެނގުމާއެކު އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“ދެން.. ދެން ކާކު؟؟”

ދެފަރާތް ދެފަރާތަށް ހިނގަމުން އަހަރެން ވާހަކަދެއްކީމެވެ.

“ނޭނގެ އެއްގޮތަކަށްވެސް..”

އޭނާ ދެފަރާތަށް ބޯހޫރަމުން ވާހަކަދެއްކިއެވެ.

“މާޒް.. ޝުބާގެ ބާތްރޫމްގައި ހުރި ޓީވީއަށް އެންމެފަހުން އައި ކޯލް ޓްރޭސްކުރޭ. އޭނާގެ ފޯނުވެސް. ބަޓް، ތި ސެކްޝަންގެ އިތުރު މީހަކަށް މިކަން ނާންގާތި.. އާރިފް ސާރއަށް މިކަން އަންގާ.. އަހަންނާ ޝުބާއާ މިދަނީ އެތަނަށް ދާން.. އަހަރެމެން ޓްރެކް ކުރާތި.. ކިރިޔާވެސް ގޯހެއް އުޅޭކަން ފާހަގަވެއްޖެނަމަ ސެންޑް ބެކް އަޕް.. ޑޫ ޔޫ އަންޑަސްޓޭންޑް؟”

އަހަރެން އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލީމެވެ. އަހަންނަށް ޔަޤީންކަން ދޭފަދަ ގޮތަކަށް މާޒް ބޯ ޖަހާލިއެވެ.

އަހަރެން އަވަސް ހިނގުމެއްގައި އެތަނުން ނިކުންނަން ހިނގައިގަތީމެވެ. މިހާރު ޝުބާ އުޅޭނީ އަހަރެން ނައިސް ލަސްވެގެންކަން ޔަޤީނެވެ. އިތުރު ވާހަކަތައް ދައްކަން ހުންނާނެ ވަގުތެއް ނެތެވެ.

“އަރޫން..”

ނިކުންނަންވެގެން ދޮރުގެ ތަޅުގައި ހިފާލިތަނާ މާޒް އަހަރެންގެ ނަމުން ގޮވާލައިފިއެވެ. އަހަރެން އެނބުރި އޭނާއާ ދިމާއަށް ބަލާލީމެވެ.

“ތޭންކްސް… ފޯ ޓްރަސްޓިންގް މީ..”

ފުން ނޭވައެއް ލުމަށްފަހު އޭނާ ބުނެލީ އެހެންނެވެ. އަހަރެން އޭނާއަށް ފަނޑު ހިނިތުންވުމެއް ދިނީމެވެ. އަދި ބާރުބާރަށް އެކޮޓަރިން ނިކުމެގެން ދާން ހިނގައިގަތީމެވެ.

** **

މިހާރު:

އަހަރެމެންނަށް މިކަމުން ސަލާމަތްވެވުނީ އެހެންވެއެވެ. އަހަރެން މާޒްއަށް މި ހުރިހާ އެއްޗެއް ކިޔައިދިންކަމުންނެވެ. ރޫޝިންމެން އަހަރެމެން ސަލާމަތްކުރަން އެއައީ އެހެންވެއެވެ. މިޔަދު އަހަރެމެންގެ ފުރާނަ ސަލާމަތުން މިހުރީ ހަމަ މާޒްގެ ސަބަބުންނެވެ.

މޫނުމައްޗަށް ހެރިފައިވާ ބިއްލޫރިކޮޅު ނައްޓާލުމަށްފަހު އަހަރެން އެތަނުގެ ތަޅުންގަނޑުގައި އިން ޝުބާއާ ދިމާއަށް ބަލާލީމެވެ. ފަޅައިގެން ގޮސް ލޭފައިބަމުން ދިޔަ އޭނާގެ ނިތްކުރިމަތި ފެނި އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އޭނާ މި ދުނިޔޭގައި ސަލާމަތުން ހުރީތީ އަހަންނަށް ހިތާހިތުން ހަމްދުކޮށްލެވުނެވެ.

“ހިނގާ އަވަހަށް މިތަނުން ނިކުންނަން..”

ފުލް ގިޔަރުގައި ހުރި ރޫޝިން އެހެން ބުނެ އަހަންނާ ޝުބާއަށް އެތަނުން ތެދުވުމަށް އެހީވާން ފެށިއެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Imkko

    Finally! ….. v inthizaaru kohfin mi vaahaka upload veytho …. v ufaavejje ehaa dhuvas kohffa ves upload kohleema … ummeedu kuran mi faharu mi vaahaka ekoh ninmaa laane kamuga … all the best ???

  2. Een

    Omg…….I really really love this story……….varah varah ufaavejje ehaa dhuvas kohlaafa story up kohlyma……. And I’ll be more happy if you finish this story…….I’m curiously waiting for the next……….♥️♥️♥️??????????♥️

  3. Maesara

    I was waiting for this part
    Varah reeithi vaahaka

  4. ?sama?

    Vvvvvv Las ingey up vaaleh
    kommefaharaku ves ehaa gina dhuvasvey
    v dhera
    Lasvaairun heekuranee dhen up nukuraane kamah
    Ekam ehen hurelaafa up kureema v ufaavey heekuranee dhen medhuveri nukendi up kuraanekamah
    Dhen hinhama jassaalanee kudakoh vaahaka ah comment kollaafa reehchey kiyaafa
    ekam miadhu beynumennoon hama ekani ehen bunaakah
    aslu ves varah Las
    nubunyas emmen nah ves lasvaane
    mihaaru ehaa ginadhuvas koffi up kolladhinas ehaa ufaavey ennuvey
    eii yageen kameh neendhey Dhen ves up vaane kamuge
    ummeedh kuran kuriah oii that mi kanthah rangalhu kollaane kamah
    vAahaka ehkoh liye nimmaaleema ennu faseyha vaanee
    ithurah visnaakah ves nujeheyne
    to be honest
    mi part ves varah reethi
    Ialways has been a fan of you
    ekam miadhu mihen bunaan mi jehunee mi gothah Thakuraaru vaathee hurihaa readers ge faraathun
    love you
    all the best
    insha allah adhi vaane
    ekam hihvaraa eku masakkaii koffiyaa

    1. Maai
      ?sama?

      Vvv bodu thedheh thy..i totally agreed dhis….liaa ge vaahka kithamme reeachas aslu vvv dissapoinred vey mihen vaathyve….kn me ep akaa 1 yr ge leap eh aadhey..like esfiya ga ehen writer wh liunu ekugvaana edhemey stry……
      Mi vaahka dhen up kolla ba 3 duvas negiyas ehkoh nimaalaafa eyrahves kiya myha vv hiyhama jeheyne ithuru vaahka eh nufenunas

  5. ABDSHA❤❤❤❤

    Liaa why are u sovslow plx upload the story soon im really curious to read thr next part hope u will upload the story soon❤❤❤❤

  6. ލައްޒަތު

    ވަރަށް އުފާވެއްޖެ ކިއާ
    ދެން އިން ބައި ތަންކޮޅެއް އަވަހަށް ނެރެދެއްޗޭ
    ޕްލީސް

  7. MISKY

    It’s just too slow nothing else and when u upload it plxx make it a bit lengthier and this part is also very nice obiness to the max ???

    1. ABDSHA❤❤❤❤
      MISKY

      Misky ey bodu kamehnnu OBINESS ey haadha molhey dhww liaa ur stry is slow cause u are bxy ik it but pls upload it soon

  8. Ishan

    When next???????????

Comments are closed.