އަނދިރިފަރާތް 43

- by - 26- July 30, 2020

ޝުބާގެ ނަޒަރުން:

އަރޫންއާ މާޒްއާ ވެގެން ޕްލޭން ރާވާ ނިންމާލި އިރު އަހަންނަށް އެކައްޗެއްވެސް ނޭނގުނެވެ. އަހަންނަށް އެއްކަމެއްވެސް ރޭކާއެއް ނުލިއެވެ. އަރޫން އަހަރެން ގާތު އެ ވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތަށް އަރަމުންދާ އެއްޗެހި ވެސް އަހަންނަށް އެނގޭނީ ބުނީމައެއް ނޫން ހެއްޔެވެ؟ އަހަރެންމީ ‘މައިންޑް ރީޑާރ’ އެއް ނޫން ވިއްޔާއެވެ.

ނަމަވެސް އަހަރެން ރުޅިއައިސްފައި މިހުރީ އޭނާ ދެކެއެއްނޫނެވެ. އަމިއްލަ ނަފްސު ދެކެއެވެ.

އަހަންނަށް އެވަގުތު ނުވިސްނުނީއެވެ. ޓީވީއަށް އައި ކޯލްއާއި އެޖެންސީގެ އައިޓީ ސެކްޝަންއާ ގުޅުވާލަން ނޭނގުނީއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އެވަރު ވިސްނެންވާނެއެއް ނޫން ހެއްޔެވެ؟ އަހަރެންމީ ޑެލްޓާއެއް ނޫން ހެއްޔެވެ؟ އަހަރެންގެ ވިސްނުން މިހާ ކޮށިވީ ކޮން އިރަކު ހެއްޔެވެ؟

އަހަރެން އިނީ އާރިފް ސާރގެ އޮފީހުގައެވެ. ގޮނޑީގައި ލެނގިގެން އިން އިރު ތަފާތު ޚިޔާލުތައް އަހަރެންގެ ސިކުނޑީގައި ދިޔައީ އެނބުރެމުންނެވެ. ބޮލުގައި އަޅާފައިވާ ބެންޑޭޖުގަނޑު މަތިން އަހަރެން އެތަނުގައި އަތް ޖައްސާލީމެވެ. އެތަނަށް ތަދުވުމުން އަހަންނަށް މޫނަށް ގޮތެއް ހަދާލެވުނެވެ.

ހަމަ އެމޭޒު ކައިރީގައި، އަހަރެންގެ ކުރިމައްޗަށް ވާގޮތަށް އަރޫން އިނެވެ. އޭނާ އިރުއިރުކޮޅާ އަހަންނާ ދިމާ ބަލާލާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އަޅާލާނެހާ ހިތްވަރުވެސް އެވަގުތު ހަށިގަނޑުގައި ނެތީއެވެ. އަހަރެމެން މިތަނުގައި މިތިބީ ހަމައެކަނި އާރިފް ސާރ އަންނަންދެންނެވެ. އާރިފް ސާރ އަހަރެމެން ގާތު ދައްކަންޖެހޭ ވާހަކަތަކެއް ހުރުމުންނެވެ.

އަހަރެމެންގެ އިންތިޒާރަށް ނިމުމެއް ގެންނަމުން އާރިފް ސާރ އެ އޮފީސްތެރެއަށް ވަދެގެން އައެވެ. އަތުގައިވާ ޓެބްލެޓަށް ނަޒަރު ހުއްޓާލައިގެން އައިއިރު އެ ދެލޯ ވަނީ ހަނިވެފައެވެ.

“ގުޑް ޖޮބް، އަރޫން..”

އަރޫންއާ ދިމާއަށް ބަލާލަމުން އާރިފް ސާރ އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. ގޮނޑީގައި އިށީންދެ އޭނާ ހަމަޖެހެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަރޫންއާ ދިމާއަށެވެ. އަހަރެންނާ ދިމާ ބަލާވެސްނުލައެވެ. ހީވަނީ އަހަރެންމީ އެތަނުގައި ނެތް މީހެއް ހެންނެވެ.

“މިޔަދު އަހަރެމެންގެ އެޖެންސީ މި ސަލާމަތްވީ ހަމަ އަރޫންގެ ކްވިކް ތިންކިންގްގެ ސަބަބުން..”

ސަރ އަރޫންއަށް ތަޢުރީފު ކުރަމުން ދިޔައެވެ.

“މިސްޓާރ ޒެޑްގެ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަހަރެމެންނަށް އަތުލައިގަނެވެއްޖެ.”

އޭނާ އަހަރެމެންނަށް މަޢުލޫމާތު ދިނެވެ.

“ރާޔާއޯ؟ ރައިނާއޯ؟”

ކެތްމަދުވެފައިވާ ރާގަކަށް އަރޫން ސުވާލުކޮށްލިއެވެ.

“އަންފޯޗުނޭޓްލީ، ރާޔާ ސަލާމަތްވީ. އަދިވެސް އަހަރެމެން މި މަސައްކަތްކުރަނީ އެމީހުން ޓްރޭސް ކުރެވޭތޯ. މާކަ ދުރަކަށް އެމީހުންނަކަށް ނުދެވޭނެ. އިސާހިތަކު ރާޔާ ހައްޔަރު ކުރެވިދާނެ.”

ޔަޤީންކަން އެކުލެވިގެންވާ ރާގަކަށް އާރިފް ސާރ ވާހަކަދެއްކިއެވެ.

“ރައިނާ؟”

އަރޫން އަނެއްކާވެސް ރައިނާގެ ވާހަކަ އަހާލިއެވެ.

އާރިފް ސާރ އެވަގުތު އަރޫންއަށް ދިނީ ފަނޑު ހިނިތުންވުމެކެވެ.

“ރައިނާ އިޒް ސޭފް. މާޒްއާ އޭނާގެ އަންހެނުން ކައިރީގަ.”

ސާރ އެހެން ބުނުމާއެކު އަރޫންގެ މޫނުމަތިން ފެނުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެސް ވެއްޖެއެވެ. އުފަލުންނެވެ.

އަހަރެންނަށްވެސް އެވަގުތު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެންމެފަހުން އެކުޑަ ކުއްޖާ އަހަރެމެންނަށް ސަލާމަތްކުރެވިއްޖެތާއެވެ.

“އަރޫންގެ ސަބަބުން ހަމަ މިޔަދު ރައިނާ ވެސް ސަލާމަތްވީ. އެމީހުން މިހާރު ތިބީ ހުޅުމާލޭގައި ހުރި އަހަރެމެންގެ ބިލްޑިންގް އެއްގައި. އަހަރެމެންގެ މީހުން އެތަން ގާރޑްކޮށްގެން، މާޒްގެ އާއިލާ ހިމާޔަތްކުރަން އެބަ ތިބި.”

އާރިފް ސާރ އިތުރަށް ކިޔާދިނެވެ. އަރޫން މަޑުމަޑުން ބޯޖަހާލިއެވެ.

އެމީހުންނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އެއެވެ. މިސްޓާރ ޒެޑްގެ މީހުން ކުރިއަށް ރާވަމުން ދަނީ ކޮންކަހަލަ ރޭވުންތަކެއް ކަމެއް އަހަރެމެންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.

އަހަންނަށް ދެއަތަކަށް ބޯ ހޫރާލެވުނެވެ. މިއީ އަހަރެމެންނަށް މިސްޓާރ ޒެޑް އަތުލައިގަންނަން ލިބުނު ރަނުގެ ފުރުސަތެއް ނޫން ހެއްޔެވެ؟ މި މީހުން މި ފުރުސަތުގެ ބޭނުން ނުހިފީ ކީއްވެގެން ހެއްޔެވެ؟

“އެއްޗެކޭ ބުނަން ބޭނުންތަ، ޝުބާ؟”

އަހަންނާ ދިމާއަށް ބަލާލަމުން އާރިފް ސާރ ސުވާލުކޮށްލިއެވެ. ނުރުހުމުގެ ރާގެއްގައެވެ. އަހަރެން ދެކެ ހިތްހަމަނުޖެހިފައެވެ. އެކަންތައްގަނޑު އަހަރެން ސިއްރުކުރީމައެވެ. މިޔަދުގެ ހީރޯ އަކީ އަރޫންއެވެ. ހުރިހާ ކަމެއް ކުރިކަމަށް މިވީ އޭނާއެއް ނޫން ހެއްޔެވެ؟

“ރާޔާ އަތުލައިގަނެވުނުހާ އަވަހަށް އަހަންނަށް އަންގާތި..”

އަހަރެން ބުނެލީ ހަމައެކަނި އެހެންނެވެ. އާރިފް ސާރ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

އަހަރެން އެތަނުން ނިކުންނަން ދާން ހިނގައިގަތީމެވެ. ދައްކަންޖެހޭ އިތުރު ވާހަކައެއް ނެތީމައެވެ. އެކި އެކި ޚިޔާލުތައް އޭރު އަހަރެންގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައެވެ.

“ޝުބް.”

ކޮޓަރިއާ ދިމާއަށް ދާން މިސްރާބުޖެހިތަނާ އަރޫން އަހަރެންގެ ފަހަތުން ގޮވާލި އަޑު އިވިގެން ދިޔައެވެ. ނަމަވެސް އެ އަޑު އިވުނުކަމަށްވެސް ނުހަދާ އަހަރެން ދިޔައީ ކުރިއަށެވެ. ފިޔަވަޅުތައް އިތުރަށް ބާރުކޮށްލީމެވެ. މިވަގުތު އަހަރެން އޭނާއާ ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. މިވަގުތު އަހަރެން ބޭނުންވީ އެކަނިވެލާށެވެ.

“ޝުބް، މަޑުކޮށްބަލަ!”

އެހެންބުނެ އޭނާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

“ޕްލީޒް، ދޫކޮށްލަބަ.. އަހަރެން ވަރަށް ޓަޔަޑް.”

ފިޔަވަޅުތައް މަޑުޖައްސާލަމުން އަހަރެން އޭނާ ގާތު ބުނީމެވެ.

“އަހަރެން ދެކެ ހިތްހަމަނުޖެހިފަތަ؟”

އޭނާ އައިސް އަހަރެންގެ ކުރިމައްޗަށް އަރަމުން ސުވާލުކޮށްލިއެވެ. އަހަރެން އެމޫނަކަށް ނުބަލަމެވެ. އެވަގުތު އެމޫނު ދެކެން ބޭނުން ނުވީއެވެ.

“ކީއްވެ އަހަރެން ހިތްހަމަނުޖެހެންވީ؟”

ތިރި ބަލަހައްޓައިގެން ހުރެ އަހަރެން ވާހަކަދެއްކީމެވެ.

“ހިތްހަމަނުޖެހިފަ ތިހުރީ، ޝުބާއަށް އަހަންނާ ހަތަރުކަޅި ހަމަކުރެވެނީކީވެސް ނޫން.”

އަރޫން ވާހަކަދެއްކިއެވެ.

“ހިތްހަމަޖެހިފައެއްނޫން.”

އަހަރެން މަޑުމަޑުން ބުނެލީމެވެ.

“ދޮގު ތިހަދަނީ. ބުނެބަލަ އަހަރެން ގާތު ތެދަށް.”

އޭނާ ވާހަކަދެއްކިއެވެ. އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. އަހަރެން މިހުރީ ހިތްހަމަނުޖެހިފައެއް ނޫނޭ ކިތަށް ފަހަރު އޭނާ ގާތު ބުނަންޖެހޭ ހެއްޔެވެ؟

“ބުނެފިންދޯ ހިތްހަމަނުޖެހިފައެއް ނޫނޭ! ކަމެއް ނުވެއޭ! އަހަރެން ބޭނުމީ އަރާމުކޮށްލާށޭ!”

މިފަހަރު އަހަރެން ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. އޭނާވެސް ދެން އަހަރެން ކިޔާ އެއްޗެއް ޤަބޫލުކުރަން ވެއްޖެއެއް ނޫން ހެއްޔެވެ؟

އަރޫން އަހަރެންގެ އަތުގައި ހިފައިގެން ބާރުބާރަށް ކުރިއަށް ހިނގަންފެށި ހިނދު އަހަންނަށް ލިބިގެން ދިޔައީ ކުޑަވަރެއްގެ ސިހުމެކެވެ. އަހަރެން ގޮވައިގެން އޭނާ އެދަނީ ކޮންތާކަށް ހެއްޔެވެ؟

“ކޮންތާކަށް؟ ދޫކުރޭ!”

އަހަރެން ހިތަހަމަނުޖެހިފައި ބުނެލީމެވެ. އަހަރެން ބޭނުންވަނީ ކޮޓަރިއަށް ދާށޭ، އަރާމުކުރާށޭ އޭނާ ގާތު އަހަންނަށް ކިހާ ވަރަކަށް ބުނެވެއްޖެ ހެއްޔެވެ؟ އަދިވެސް އަހަރެން އެހެން ތަނަކަށް ގެންދަންވީ ހެއްޔެވެ؟ އެވެސް އަހަރެންގެ ނުރުހުމުގައެވެ.

“ދުލެއް ނުކުރެވޭނޭ، މިފަހަރު ޝުބާ ޖެހޭނީ އަހަންނާ ރީތިކޮށް ވާހަކަދައްކަން..”

އޭނާ ބުނެލިއެވެ. ހަރުކަށިކަން އެކުލެވިގެންވާ އެ އަޑު އިވުމުން އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ.

އަރޫން އަހަރެން ގެންދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ އަހަރެންގެ އަތުގެ މުލަށްދަނޑިން ދޫކޮށްލިއެވެ.

“ކޮބާތަ މައްސަލައަކީ؟”

ހަރަންބަނދެލަމުން އަހަރެން އޭނާއާ ސުވާލުކޮށްލީމެވެ. ދަމާފައި އަހަރެން މިތަނަށް ގެންނަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނުނެވެ.

“މައްސަލައަކީ ޝުބާ އަހަންނަށް ކަންތައްތައް ސިއްރުކުރާތީ! ޝުބާގެ ފީލިންގްސް ހައިޑްކުރާތީ!”

އޭނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ދެބުމަ ގޮށްޖެހިފައި ވީއިރު އެ ވިލު ނޫ ކުލައިގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން އަހަންނަށް އުނދަގޫވިއެވެ. އަދިވެސް ރުޅިއަންނަންވީ އޭނާ ހެއްޔެވެ؟ އަދިވެސް ރުޅިއައުމުގެ ހައްޤު އޮތީ އޭނާގެ އަތުގައި ހެއްޔެވެ؟

“އަހަރެންދޯ އަދިވެސް ކަންތައްތައް ސިއްރުކުރަނީ؟ ކާކުތަ އަހަރެން ގާތު އަހާވެސްނުލާ އާރިފްސާރމެން އެންމެނަށް އެވާހަކަ އެންގީ؟؟”

އަހަރެން ވެސް ވާހަކަދެއްކީ ބާރަށެވެ. އަހަރެންނަށް އެންގުމަކާ ނުލާ އޭނާ މާޒް ގާތު އެވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟ ނުޖެހެއެވެ.

“ބަލަ އަހަރެން ނޭންގި ނަމަ މިޔަދު ޝުބާ ދިރިހުންނާނެތަ؟ އަހަރެން ދިރިހުންނާނެތަ؟ ރައިނާ ސަލާމަތްވާނެތަ؟”

އަހަރެންގެ ކައިރިއަށް ފިޔަވަޅެއް އަޅާލަމުން އޭނާ ވާހަކަދެއްކިއެވެ.

“އަހަރެންގާތު ބުނެލެވޭނެ ދޯ މާޒް ކައިރީ އެހެން ބުނި ވާހަކަ. ބުނެލުން އެއީ އަރޫންއަށް އެހާ އުނދަގޫ ކަމެއްތަ؟”

އަހަރެން ބުނެލީމެވެ.

“އަހަރެން ބުނި ނަމަ ޝުބާ އަންނާނީ އަހަރެން ދެކެ ރުޅި! އެވަގުތުވެސް! އެންމެ ފުރަތަމަވެސް އުޅުނީ އަހަރެންގާތު ބުނެވެސްނުލާ އެކަނި އެތަނަށް ދާކަށްނު؟ އަމިއްލަ ފުރާނަ ނުރައްކަލަށް ވައްޓާލާކަށްނު؟”

އޭނާ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އޭނާ އަހަރެން ދެކެ ހިތްހަމަނުޖެހިފައި ވާވަރު އެއިން އެކަނިވެސް ހާމަވެގެން ދިޔައެވެ.

“އެކަމަކުވެސް ބުނެވޭނެ ދޯ! ބުނަންޖެހޭނެ ދޯ! މިއީ އަހަރެންގެ މިޝަން! މިއީ މީގެ ދެ އަހަރުކުރިން، އަހަރެންގެ ހުރިހާ އެއްޗެއް ސެކްރިފައިޒްކޮށްގެން ފެށި މިޝަން! އަރޫން ތީ ހަމައެކަނި އަހަރެންގެ ދަށުން މަސައްކަތްކުރަން އުޅޭ މީހެކޭ! ސޯ، މި މިޝަން އަމިއްލަކޮށްލަން ނޫޅޭ! ހުރިހާ ކަމަކަށް ކްރެޑިޓް ހޯދަން ނޫޅޭ! އަހަރެން މިޔޮއް ހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށް ދުއްވާލަން ނޫޅޭ!”

އައި ރުޅީގައި އަހަރެން ހަޅޭއްލަވައިގަތީމެވެ.

އެވަގުތު އަރޫންގެ މޫނުގައިވާ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. ކައިރިކުރެވިފައިވާ އޭނާގެ ދެބުމަ މަޑުމަޑުން ދުރުވެގެން ދިޔައެވެ. ރުޅިވެރިކަން އެއްކޮށް ފިލައިގެންގޮސް މިހާރު އެމޫނުމަތިން ފެންނަމުން ދިޔައީ ރިހުމެވެ.

“ޝުބް..”

އެހެންބުނެ އޭނާ މަޑުމަޑުން ހިންދިރުވާލިއެވެ.

“ޝުބް އަހަންނާ ދޭތެރޭ ތި ދެކެނީ ކިހިނެއްތަ؟”

މިފަހަރު އޭނާގެ އަޑު މަޑެވެ. ރިހުން އެކުލެވިގެންވާ އެއަޑު އިވުމުން އަހަރެންވެސް ދެރަވިއެވެ. އަހަރެން އޭނާއާ ދިމާއަށް ކީ ކިޔަން ބޭނުންވި އެއްޗިއްސެއް ނޫނެވެ. އެވަގުތު ރުޅިއައިސްގެން އެހެން ކިޔުނީއެވެ.

“އަރޫން، އަހަރެން…”

އަހަރެން ވާހަކަދައްކަން ފެށީމެވެ. ނަމަވެސް އޭނާ އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.

“ޕްލީޒް. އިތުރު އެއްޗެއް ނުކިޔާ. ގެޓް އައުޓް..”

އޭނާ ބުނެލީ އެހެންނެވެ.

އަހަންނަށް އިސްޖަހާލެވުނެވެ. އަހަންނަށް މިކުރެވުނީ ކީއް ހެއްޔެވެ؟ އަމިއްލަ ނަފްސު ދެކެ އައިސްފައިވާ ރުޅި މިބޭލުނީ އަރޫންއަށެވެ.

“ޖަސްޓް ގެޓް އައުޓް، ޕްލީޒް..”

އޭނާ އަނެއްކާވެސް ބުނެލިއެވެ. އޭރު އެއަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. އަހަރެން ދެރަވިއެވެ. އޭނާގެ ގާތަށް ފިޔަވަޅެއް އަޅާލީމެވެ.

“ސޮރީ..”

އަހަރަން ގޮސް އޭނާގެ ދެއަތުގައި ހިފާލަމުން ބުނެލީމެވެ.

“އަހަންނަށް އިނގެއޭ އަރޫން އަހަންނަށް ދެރައެއްދޭން މަސައްކަތް ނުކުރާނެކަން..”

އަހަރެން މަޑުމަޑުން ބުނެލީމެވެ.

“އެކަމް ތި ބުނީ ދޯ، އަހަރެން އުޅެނީ ޝުބް ކުރާ ކަންތަކަށް ކްރެޑިޓް ހޯދާށޭ.. އަހަރެން ދުވަހަކު ވެސް މަސައްކަތެއް ނުކުރަން އެގޮތަށް ހިތަށް އަރުވައިގެނެއް.. އޯލްސޯ، އަހަރެން ހީކުރީ އަހަރެންމީ ޝުބްގެ ޕާޓްނާރ ކަމަށް.. އެކަމަކު މިހާރު އިނގިއްޖެ، އަހަރެންމީ ޝުބާގެ ދަށުން މަސައްކަތްކުރާ މީހެއްކަން..”

އޭނާ އަނެއްކާވެސް ބުނެލިއެވެ. އަހަންނަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަހަރެން ކީ އެއްޗެހީގެ ސަބަބުން އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފިކަން އަހަންނަށް އެނގުނެވެ.

“ދެން އަރޫން.. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.. ރުޅިއައިސްގެން އެހެން ކިޔުނީ.. ސޮރީއޭ.. އަހަންނަށް މާފްކޮށްބަލަ ދެން..”

އަހަރެން އަނެއްކާވެސް އޭނާގެ ކިބައިން މަޢާފަށް އެދުނީމެވެ. އަރޫން ދެރަކުރުމަކީ އެއްވެސް ހާލެއްގައި އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް މިދުވަސްކޮޅު މިހުންނަނީ އަހަރެންގެ ބޯ ހަމަ އެއްކޮށް ގޮވާފައެވެ. އެކަން އޭނާއަށް ވެސް އެނގޭނެއެވެ.

އަރޫން އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުއްޓެވެ. އަހަރެން މިހަދަނީ ތެދުތޯ ޔަޤީންކުރަނީ ކަންނޭނގެއެވެ. ނަމަވެސް އަހަރެންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ އޭނާ އެއް އަތުން އަހަރެންގެ މޫނުގެ އެއްފަރާތުގައި މަޑުމަޑުން ހިފަހައްޓާލުމުންނެވެ. އެމޫނު އަހަރެންގެ މޫނާ ކައިރިކޮށްލުމުންނެވެ. އެ ތުންފަތް އަހަރެންގެ ތުންފަތުގައި ބީހިލުމުންނެވެ.

އިރުކޮޅެއްވަންދެން ހުއްޓުން އަރާފައި އަހަންނަށް ހުރެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ދެއަތް އޭނާގެ ހަށިގަނޑުގައި ވަށާލެވިގެން ދިޔައެވެ.

** **

އަރޫންގެ ނަޒަރުން:

ހުޅުމާލޭގެ މަގުތަކުން މަގެއްގައި ކާރު ދުއްވަމުން ދިޔައިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝުބާގެ ޚިޔާލުތަކެވެ. މިޔަދު އަހަރެމެން ދެމީހުން ދޭތެރޭ ހިނގި ކަންތަކެވެ. އެ ތުންފަތުގައި ބޮސްދެވުމަކީ އަނެއްކާ އަހަންނަށް ހެދުނު ގޯހެއް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތުކޮޅަށްފަހު އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުމެގެން ދިޔައީވިއްޔާއެވެ. ހިތްހަމަނުޖެހުނީކަމެއް ރުޅިއައީކަމެއް އެހެންކަމެއްވީކަމެއް އަހަންނަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން އޭނާއަށް އެދޭ މިންވަރެވެ. އަހަރެން އޭނާ ދެކެ ލޯބިވާ މިންވަރެވެ.

އަހަރެން ކާރު ހުއްޓާލީ މާޒްގެ އާއިލާ މިހާރު ހުރި ގެ ކައިރީގައެވެ. އެތަނުގައި ކާރު ޕާކުކޮށްލުމަށްފަހު އަހަރެން މަޑު ހިނގުމެއްގައި ގޭޓާ ދިމާއަށް ދިޔައީމެވެ. ކުރިމަތީގައި އެޖެންސީގެ ދެމީހަކު އެ ގޭޓު ގާރޑުކޮށްގެން ތިއްބެވެ. އަހަރެންގެ ގޮސް އެމީހުންނަށް އަހަރެންގެ އެޖެންސީ ކާޑު ދައްކާލީމެވެ. އެއާއެކު އެމީހުން އަހަރެން ވަންނަން ތަން ދެއްކިއެވެ.

ސިޑިއަކުން މައްޗަށް އަރައިގެން ގޮސް އަހަރެން މާޒްމެން ތިބި އެޕާޓްމެންޓް ހުންނަ ފްލޯގައި މަޑުކޮށްލީމެވެ. އެތަނުގައިވެސް އެޖެންސީގެ މީހަކު ހުއްޓެވެ. އަހަރެން ކާޑު ދައްކައި އައި ބޭނުން ބުނުމާއެކު އޭނާ ވެސް އަހަރެން ވަންނަން ހުއްދަ ދިނެވެ.

އެޕާރޓްމެންޓުގެ ބެލް އަޅާލުމާއެކު ދޮރު ހުޅުވީ މާޒްއެވެ. އަހަރެން ފެނުމާއެކު އޭނާ ކުއްލިއަކަށް އަހަރެންގެ ގައިގައި ބައްދައިގެންފިއެވެ. ކުޑަ ސިހުމެއް ލިބި ގުޑިލާންވެސް ނޭނގިފައި އަހަންނަށް އެވަގުތު ހުރެވުނީއެވެ.

“އަހަންނަކަށް ނޭނގެ އަރޫންއަށް ޝުކުރުއަދާކުރާނެ ގޮތެއް ވެސް. އަރޫންގެ ސަބަބުން މިޔަދު ރައި އަހަރެމެން ކައިރީގަ އެހުރީ..”

އޭނާ ވާހަކަދެއްކިއެވެ. އެއަޑުގައިވާ އިންތިހާ ދަރަޖައިގެ އުފާވެރިކަން ފާހަގަވުމާއެކު އަހަންނަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ދެފަހަރަކު އަހަރެން އޭނާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލީމެވެ.

“ކޮބާތަ ދެން ރައި؟”

އޭނާއާ ދުރުވެލަމުން އަހަރެން ސުވާލުކޮށްލީ ކެތްމަދުވެފައި ހުރެއެވެ. އެކުޑަކުޑަ ސޫރަ ދެކެން ބޭނުންވެގެން އަހަރެން އުޅޭތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟

“ތި އާދެބަލަ އެތެރެއަށް ފުރަތަމަ!”

މާޒް އެހެންބުނެ އަހަރެން އެތެރެއަށްވަންނަން ތަން ދައްކަމުން ދޮރުމަތިން އެއްފަރާތްވިއެވެ.

“ރައި! ރައި! ބަލާބަލަ ކާކުތަ މިއޮއް އައީ؟؟”

މާޒް ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

ކޮޓަރިތެރެއިން ކުޑަ ބޮލެއް ބޯދިއްކޮށް ބަލާލައިފިއެވެ. އަހަރެންކަން އެނގުމާއެކު އެ ލޯބި މޫނުމަތީގައި ދުވެލީ ފުޅާ ހިނިތުންވުމެކެވެ.

“އަރޫން ބޭބޭ..”

އަހަންނަށް ގޮވާލަމުން ރައިނާ ދުވެފައި އަހަންނާ ދިމާއަށް އައެވެ. ގުދުވެލުމަށްފަހު އަހަރެން އެ ކުޑަ ހަށިގަނޑުގައި އޮޅުލައިގަތް ވަގުތު އަހަރެންގެ ހިތަށް ހަޤީޤީ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

** **

ޝުބާގެ ނަޒަރުން:

އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތް އިރު ތަފާތު ޚިޔާލުތައް އަހަރެންގެ ސިކުނޑި ހިޞާރުކުރަމުން ދިޔައެވެ. އެންމެ އުނދަގޫކުރަމުން ދިޔައީ އަރޫންގެ ޚިޔާލުތަކެވެ. ލޯމަރާލާއިރަށް އަހަރެންނަށް ފެންނަމުން ދިޔައީ އެ ސޫރައެވެ. އެ ވިލުނޫކުލައިގެ އަސަރުގަދަ ދެލޮލެވެ.

ހައްތަހާވެސް އޭނާއާ ހެދި ވާ ކަންތަކެވެ. އެވަގުތު އޭނާ އެހެން ހަދަންޖެހޭ ހެއްޔެވެ؟ އެކަމުގެ ސަބަބުން ގެއްލޭނީ އަހަރެންގެ ފޯކަސްއެއް ނޫން ހެއްޔެވެ؟ ދެން އޭނާ ފެނުނަސް އަހަންނަށް ބެލޭނީ އެ ތުންފަތަކަށް ނޫން ހެއްޔެވެ؟

~ނުނިމޭ~

26

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. This part is awesome…
    Curiously waiting for the next part 🥰😘😘🥰😍♥️💯🥰
    And Eid Mubarak….

  2. Thanxs liaa mifaharu thankolheh avs kohdhinyma hope next part will be upload soon am so so so curious to read the nxt part this part is vvvvvvvvvvv nice…❤❤love u liaa❤❤

Leave a Reply

Your email address will not be published.