ވަރުދާން ލީޖިންގެ ކައިވެނި ގޮސްފައި އޮތްހިސާބު އަހާލިއެވެ. ” ބައްޕަ ބުނިހެން އެހަފްތާގައި ކައިވެނި ކުރެވި ނިމިއްޖެ.. ޒަންގުވަރަށް ރަގަޅު.. އޭނަޔަށް ހުރިހާ ވާހަކައެއްވެސް ކިޔައި ދިނިން.. އޭނަ އެކަމާ ހިތްބުރަނުކުރާނެ ކަމަށް ބުނި.. އަދި އޭނަ އަހަރެންދެކެ ވަރަށް ކުރީއްސުރެ ލޯބިވާ ވާހަކަވެސް ބުނި..” ލީޖިން ބުންޏެވެ. ” އަހރެންނާ ނުލާވެސް ލީޖިންއަށް އުފާވެރި ލޯބިވާނެ ފިރިއަކު ލިބުނީތީ އަހަރެން ވަރަށް އުފާވެއްޖެ.. އުންމީދުކުރަން ކުރިއަށް އޮތްތަވެސް ރަގަޅުވާނެކަމަށް.. އަހަރެން މަތިން ހަނދާންކޮށް ވަގުތު ބޭކާރުނުކޮށް ލިބުނު ރަގަޅު ދިރިއުޅުމާއެކު ކުރިއަށް ދެވޭތޯ މަސައްކަތް ކުރާތި.. އަހަރެން އުންމީދުކުރަން ޖީން އުޅެން މަސައްކަތް ކުރާނެކަމަށް..” ވަރުދާން ބުންޏެވެ.

އޭރުވެސް ލީޖިންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ލީޖިންގެ ހިތްހަމަޖެއްސުމަށްޓަކައި ވަރުދާން އެތައް ވާހަކަތަކެއްދެއްކިއެވެ. ވަރުދާން ދިޔުމަށްޓަކައި ފަހުފަހަރަށް ލީޖިންއާ ވަދާއީ ސަލާމް ކުރީ ލީޖިން ހަމަޖެހި ވަގުތުކޮޅެއްވީމައެވެ. ވަރުދާންމެން ދިޔަ މަންޒަރު ބަލަން ހުރި ލީޖިންއަށް ހީވީ އޭނަގެ ގައިން މުޅި އުމުރަށްވެސް އެއްބައި މަދުވި ހެންނެވެ. މީ އޭނައަށް ހުރިގޮތްބާއެވެ.

ބޯ ހަމަޖައްސާލުމަށްޓަކައި އަބްސަލް ރަށާ ދިމާލަށް ފޮނުވާލައިފައި ވަރުދާން ދިޔައީ ކުރިއަށެވެ. އެދިޔަ މަގުމަތީގައި ބޯ ވިލާގަނޑެއްގައި އަރާމުކޮށްލުމަށްޓަކައި ވަރުދާން ޖައްސާލިއެވެ. އޭނައަށް ހޭލެވުނީ މަޑުމަޑު ފިނިއަތަކުން އޭނާގެ އަތުގައި ބީހެމުން ދާތީއެވެ. ކުއްލިއަކަށް ލޯހުޅުވާ ބަލައިލެވުނުއިރު ރީތި ހުސްކުރި ރާނީއެއް އޭނާގަތުގައި އިށީދެލައިގެން ހުއްޓެވެ. ވަރުދާންގެ ހިތައް ފުރަތަމަވެސް އެރީ އަނެއްކާ އަނެއް މުސީބާތް އޭނާއަށް ޖެހެން އުޅެނީބާއެވެ. ކޮންމެއަކަސް ވަރުދާން މިވަނީ ދިރިއުޅުންމަތިން ވަރަށް ބޮޑަށް މާޔޫސްވެފައެވެ.  އެއަންހެން ކުއްޖާއަކީ އެހާ ބީރައްޓެހި ކުއްޖަކަށް ނުވިއެވެ. އޭނަގެ އަމިއްލަ ނަން ބުނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ވަރުދާން ބަހެއް ނުކިޔުމުންވެސް އޭނަގެ އަނގަޔަކަށް ބަދަލެއް ނާދެއެވެ. އަންހެންކުއްޖަކު އިސްވެ އެހާވަރަށް ވާހަކަ ދެއްކުމުން ވާހަކަ ނުދައްކާ ހުންނާކަށް ވަރުދާންއަކަށް ނުކެރުނެވެ. އެންމެފަހުން ވަރުދާންވެސް އޭނަގެ ނަން ބުނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” އާސިޔާ ކޮން ރަށެއްތަ؟.. އަހަރެންނަށް އާދެވިފައި މިހުރީ އާސިޔާމެންގެ ރަށާ ހަމަޔަށްތަ؟..” ވަރުދާން އާސިޔާ ކުރެން އަހާލިއެވެ. ” ހެ.ހެ.ހެ އޮޅުމަކުންތަ މިހިސާބަށް އާދެވުނީ.. ނިދިފައި އޮތްއިރުވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރާވަތްތަރު މޫނުމަތިން ޖަހާ.. ކިޔައި ދެވިދާނެތަ ވެގެން އުޅޭ ގޮތެއް؟..” އާސިޔާ އަހާލިއެވެ. ” އަހަރެންގެ ޒާތީ ވާހަކަތައް ދައްކާކަށް ތީ ކިހާ ހިސާބެއްގެ މީހެއްކަންވެސް ނޭނގެ..” ވަރުދާން ބުންޏެވެ. ” ހީކޮށްލާ ވަރުދާންގެ އެއްއަތް ކަމަށް.. އެހާވެސް ގާތްކަމަށް ވިސްނާލާ.. އަހަރެންމީ ބަރުން ވާދީގައި އުޅޭ މީހެއް.. ވަރުދާންއަށް މިހާރު ތިހުރެވުނީ އަހަރެންގެ ރަށުގެ މަތީގައި..” އާސިޔާ ބުންޏެވެ. އާސިޔާގެ ވާހާކަ ދެއްކުމުގައި ހުރި ގާތްކަމާ އޯގާތެރިކަމުގެ ސަބަބުން ނޭނގޭފަދަ އިތުބާރެއް ކުރެވުނެވެ. ކޮންމެއަކަސް ހިތުގެ ހާލަތު އެހެން މީހަކަށް ކިޔާދެވިއްޖެއްޔާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބި ސިނކުޑިއަށްވެސް ލުއިވާނެތާއެވެ. ވަރުދާންއަށް ނޭނގުމެއްތެރޭ ހުރެ ހުރިހާ ވާހަކައެއް އާސިޔާއަށް ކިޔާ ދެވުނެވެ. ވަރުދާންއަށް ނޭނގުނީ އޭނާގެ ދިރި އުޅުމަށް އަންނަން އޮތް އުފާވެރިކަމެވެ. އާސިޔާގެ އެދުމަށް ވަރުދާން އާސިޔާމެންގެ ރަށަށް ތިރިކުރިއެވެ. އެއީ އުސް ފަރުބަދައެކެވެ.  ވަރުދާން ވިލާތަކުގެ މަތިން ފައި ތިރިކޮށްލީމައި އެރަށުގެ އެ ފަރުބަދައިގައި ފައިތިލަ ޖެހުނެވެ. ފެހިކަމުން ފުރިގެންވާ ވާދީއެކެވެ. އެރަށް ފޭބުނު ހިސާބުން ފެށިގެންވެސް ވަރުދާން އިޙުސާސްވަމުން ދިޔައީ އަމިއްލަ ތަނެއްގައި އުޅެވޭފަދަ އިހުސާސެކެވެ. ކޮންމެއަކަސް އާސިޔާއާ ވަރުދާންގެ ގުޅުމަށް ހަރުފަތެއްފަހު ހަރުފަތެއް ގިރާ ކުރާން ފަށާފިއެވެ. ވަރުދާންވެސް ކުރީގެ ހިތްދަތިކަމުން އަރައިގަނެވޭވަރަށް އާސިޔާގެ ފަރާތުން އެހީތެރިކަން ލިބެމުން ދިޔައެވެ. އާސިޔާގެ މައިންބަފައިވެސް ވަރުދާންއަށް ވަރަށް ރަގަޅެވެ. އެމީހުންވެސް ވަރުދާން ދެކެމުން އަންނަނީ އެމީހުންގެ އަމިއްލަ ދަރިއެއްފަދައިންނެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ވަރުދާންއާ އާސިޔާގެ ގުޅުމަށް އިތުރު ނަމެއް ދެވުނެވެ. އެކުވެރިކަމުން ލޯތްބަށް ބަދަލުވީއެވެ. އެމީހުން ގުޅުމަށް ގިނަ ދުވަސްތަކެއް ނުކޮށް ވަރުދާންބޭނުންވީ ކައިވެނި ކުރާށެވެ. އެކަމާ އާސިޔާގެ މައިންބަފައިން އުފަލުން ޤަބޫލުވިއެވެ. ކައިވެނި ކުރާނެ ދުވަހަކާ ހުރިހާކަމެއް ހަމަޖެހުމުން ވަރުދާން އޭނާގެ މަންމަވެސް ގޮވައިގެން ކައިވެންޏަށް ބަރުންވާދީއަށް އައެވެ. ކައިވެނީގެ ހަފްލާއަށް މުޅި ބަރުންވާދީއަށް އެއްކޮށް ދައުވަތު ދިނެވެ. އެހަފްލާ ވެގެން ދިޔައީ އެހިސާބުގައިވެސް ބޭއްވުނު އެންމެ ބޮޑު އެންމެ ފުރިހަމަ ހަފްލާއަށެވެ. ކައިވެނިކޮށްގެން ވަރުދާން ބޭނުންވީ އާސިޔާ ގޮވައިގެން އޭނާގެ ގަނޑުވަރުގައި އުޅެން ދިޔުމަށެވެ. އެކަމާވެސް އަސިޔާގެ މައިންބަފައިން ޤަބޫލުވިއެވެ. ވަރުދާން އާސިޔާ ގޮވައިގެން އޭނަގެ ގަނޑުވަރަށް ދިޔުމުންވެސް އާސިޔާގެ މައިންބަފައިން އާސިޔާއާ ބައްދަލު ކުރުމަށްޓަކައި އާދެއެވެ. ނަމަވެސް ވަރުދާން ގަނޑުވަރު ދޫކޮށް އެއަށްވުރެ ދުރު ހިސާބަކަށް ދިޔުމުން އާސިޔާގެ މައިންބަފައިންނަށް އާދެވެނީ ވަރަށް މަދުންނެވެ. ވަރުދާންއަށް ހާތިބު ލިބުނު ދުވަހަކީ ވަރުދާންގެ މަންމަ ކުއްލިއަކަށް މިދުނިޔެ ދޫކުރި ދުވަހެވެ. އަނެއްކާވެސް އުފަލަކާއެކު ހިތާމައެއްވެސް ތަހައްމަލް ކުރަން ޖެހުނު ދުވަހަކަށް އެދުވަސް ވެގެން ދިޔައެވެ. ނަމަވެސް ވަރުދާންއަށް ލިބުނު އަންބަކީ ޖަވާހިރެކެވެ. އެއީ ވަރުދާންގެ ހިތަށް ލިބޭ ހަމަޖެހުމެކެވެ. ކިތައްމެ ބޮޑުކަމެއްވިޔަސް ސައުވީސް ގަޑިއިރުވަންދެން ވަރުދާންގެ ކައިރިން ދުރަށް ނުގޮސް ހިތްވަރު ދިނުމަށްޓަކައި ގާތުގައި ހުރެއެވެ.

ހުވަފެން ޝަހަރު

ލީޖިން ކުރުނުކޮށް އާދޭސް ކުރަން ފެށުމުން ވަރުދާން ދިޔުމަށް އެއްބަސްވިއެވެ. ނަމަވެސް އެރަށަށް ދިއުމުގެ ކުރިން އެދެބަފައިންނަށް ވަގުތުކޮޅެއް ދިނުމަށް ވަރުދާން އެދުނެވެ. ލީޖިން ދިޔުމުން ވަރުދާންއާ ހާތިބު ޖައްސާލީ އެންމެ ކައިރީ ހުރި ވިލާގަނޑެއްގައެވެ. އެތާގައި ހަމަޖެހިލެވުމުން އެއީ ކޮންރަށެއްކަމާ އަދި ވިދާދުއަކީ ބައްޕަގެ ބޮޑުބޭބެކަން ހާތިބުއަށް ކިޔައި ދިނެވެ. އަދި ވިދާދުއާ ހާތިބުގެ ކާފަޔާ ދެމެދު ހިނގި ހުރިހާކަމެއްވެސް ކިޔައިދިނެވެ. ނަމަވެސް ލީޖިންއާ ވަރުދާންއާ ދެމެދު ހިނގި އެއްވެސް ވާހަކައެއް ހާތިބުއަށް ކިޔައި ނުދެއެވެ. އެއީ މިވަގުތަށް ހާތިބުއަށް އެހާ މުހިއްމު ވާހަކައަކަށް ނުވާނެތިއެވެ. އެމީހުންގެ އިންތިޒާރުގައި ލީޖިން ހުންނާނެކަން އެނގޭތި ވަރުދާން އަވަހަށް ހާތިބު ގޮވައިގެން ރަށަށް ތިރި ކުރިއެވެ. މަތިން ފެންނައިރު އެރަށް ފެންނަނީ އެކިކުލަކުލައިން ދަޅައަޅާތަނެވެ. ނަމަވެސް ހާތިބުއަކީ ވިސްނުންތޫނު ކުއްޖަކަށް ވުމުން ރަށަށް ތިރިކުރުމުން ވާނުވާ އެނގުނެވެ. މިއީވެސް ރީތި ހިތްގައިމު ރަށެކެވެ. ހިތްފަސޭހަ މަޑުމަޑު ވައިރޯޅިތައް ލިބުމުން އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. ރަށުގެ ފުޅާ މަގަށް ތިރިކުރުމުން ދެފަރާތުންވެސް ފެންނަމުންދަނީ ހެދިފައިވާ ފެތިރޯނުގަސްތަކެވެ. ގަހުން ހިކިގެން ފައިބައިފައިވާ ގަހުގެ ފަތްތަކުން ބިމުގައި ވަނީ މުށިކުލައިގެ ދޫލައެއް ލެވިފައެވެ. ބަލައިލަން ހިތްގައިމު މަންޒަރެކެވެ.

ހިނގަމުންގޮސް ވަދެވުނީ ރީއްޗަށް ހަދާފައިވާ ބޮޑުގެއަކަށެވެ. އެފަދަ ބޮޑެތި ގަސްތައް ތިބި ތަނެއްގައި ކުދި ރީތިމާގަސްތަކުގައި ފޮޅިފައިވާ މާތަކުން ލިބިދޭ ހިތްގައިމު މީރުވަހުން މޭ ފުރިގެންދެއެވެ. ހާތިބު މާތަކަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން އެއީ ވަރަށް ދުރު ރަށަކުން ގެނެސްގެން ހައްދާ މާބަގީޗާއެއްކަމުގައި ލީޖިން ބުންޏެވެ. ” މީ އަހަރެންގެ ގެ.. ޒަންގުވެސް އެބައުޅޭ އެތެރޭގައި މަގޭ ހުންނަނީ އެންމެ އަންހެން ކުއްޖެއް.. އޭނަވެސް އެތެރޭގައި އެބައިން.. ހިނގާ އެތެރެއަށް ވަންނަމާ…” ލީޖިން ބުންޏެވެ. ހުސްކޮށްހުރި ބޮޑުކޮޓަރީގެ މެދުގައި މޭޒެއްބަހައްޓާފައި ހުއްޓެވެ. ސައިޖަގެއްޒާތުގެ އެއްޗެއްހުއްޓެވެ. ޒަންގުއާ އެމީހުންގެ ދަރިފުޅު ލީނާ ސައިތައްޓެއް ބޯން ތިއްބެވެ. ވަރުދާންމެން އެތެރެއަށް ވަނުމުން ޒަންގުމެން އިހުތިރާމް އަދާ ކުރުމުގެ ގޮތުން ތެދުވުނެވެ. ލީޖިން އެމީހުނަށް އެއީ ކޮންބައެއްކަން ތައާރަފުކޮށްދިނެވެ. އެންމެން ވާހަކަދައްކަމުންގޮސް ސައިތައްޓެއް ބުއިމަށްޓަކައި އިށީދެއްޖެއެވެ. ” ލީޖިންގެ ބައްޕަ ކޮބައިތަ؟..” ވަރުދާން އަހާލިއެވެ. ” ބައްޕަ އުޅެނީ ގަނޑުވަރުގައި… އެއީ ކުރީގެ ބައްޕައެއް ނޫން.. ވަރަށް ބަދަލުވެއްޖެ މިހާރު.. މިފަހަރު ދާންވާނީ ބައްޕައާ ބައްދަލުކޮށްފައި…” ލީޖިން ބުންޏެވެ. ސައިތައްޓެއް ބޮއެގެން އެންމެން ނިކުތީ ގަނޑުވަރާ ދިމާލަށް ދިޔުމަށެވެ. ގަނޑުވަރަށް ދިޔަ މަގުމަތީގައިވެސް ވަރަށް ގިނަވާހަކަތައް ލީޖިންއާ ޒަންގުވެސް ދެއްކިއެވެ. ލީޖިން އޭނާގެ ބައްޕަ މުޅިން ބަދަލުވެއްޖޭ ބުންޏަސް ވަރުދާންއަށް ވިސްނެމުންދަނީ  ކަންތައްވަމުންދާނެ ގޮތަކާމެދުގައެވެ. ގަނޑުވަރުގެ ބޭރު ދޮރާށިން އެތެރެއަށް ވަންއިރު ފާރަވެރިންތައް ސަފަކަށް އެތުރިގެން ތިއްބެވެ. ލީޖިންމެން ކުރީގައި ތިބެގެން ވަންނަން ފެށުމުން އެމީހުނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮންމެ ފާރަވެރިއަކުވެސް ގުދުވަމުން ދިޔައެވެ. ގަނޑުވަރުގެ އެއްފަރާތުގައި ބޮޑުކޮށް ހަދާފައިވާ ގެއަށް އެންމެން ގޮސް ވަނެވެ. ކުރިންވެސް ހަދާފައިވާ ގޮތާ މާބޮޑު ތަފާތުކަމެއް އެތާ ތެރެއިން ނުފެނެއެވެ.  ކުރިއާ ޙިލާފަށް ގޮނޑިތަކުގެ ބަދަލުގައި ހުރީ އެންމެ މޭޒެކެވެ. މޭޒުކައިރީ އިށީނުމަށްޓަކައި މަޑު ކެހެރީގެ އެއްޗެއް އަޅާފައިވެއެވެ. މޭޒުދޮށުގައި ފޮތެއް ހިފައިގެން މުސްކުޅިފުރައިގެ މީހަކު ހުއްޓެވެ. ކތަންމެ މުސްކުޅި ވެފައި ހުއްޓަސް އެ ސޫރައަކަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. ވަރުދާން ފެނުމާއެކު ވިދާދު ކޮޅަށް ތެދުވުނެވެ. ނަމަވެސް ބަލަހައްޓައިގެން ހުރީއެވެ. ވިދާދުގެ ލޮލަށް ބަލައިފި މީހަކަށް ވަރަށް ގިނަވާހަކަތައް އޭނާގެ ލޮލުން ބުނެދޭކަހަލައެވެ. އެންމެ ފަހުން އައި އިރުވެސް ވިދާދުގެ މޫނުމަތިން ނުފެންނަ ހިނިތުންވުމެއް މިއަދު ވިދާދުގެ މޫނުމަތިން ފެންނަން ހުއްޓެވެ. ލީޖިން ބުނިހެން ވިދާދުއަށް ބަދަލްތަކެއް އައިސްފައިވިކަން ވަރުދާން އަށްވެސް ދެނެގަނެވުނެވެ.

” ބައްޕާ މިއީ ވަރުދާންއާ އޭނާގެ ދަރިފުޅު ހާތިބު..” ލީޖިން ބުންޏެވެ. ލީޖިން ނުބުންޏަސް ވިދާދުއަށް އެއީ ކޮންބައެއްކަން އެސޫރައިންވެސް އެނގެއެވެ. ވަރުދާންއަށް ހިނިތުންވުމެއް ދިނުމަށްފަހު އިށީނުމަށް ދައުވަތުދިނެވެ. އެންމެން މޭޒުގެ ވަށައިގެން އިށީދެއްޖެއެވެ. ” އަސްލު ވަރުދާން ކިބައިން މާފަށްއެދެންވެސް ލަދުގަނޭ.. ކުރެވުނު ކަންތައް އެއަށްވުރެ ބޮޑުކަން އެނގޭ.. ވަރުދާންގެ ބައްޕަ ކޮބައިތަ؟..” ވިދާދުގެ ވާހަކައިން ވާބިސް ނިޔާވިކަން އޭނާއަށް އަދި ނޭނގޭކަން އެނގެއެވެ. ” ވަރަށް ބޭނުން ވާބިސްގެ ކިބައިން މާފަށްއެދެންވެސް.. އެކަމަކު ވާބިސްއާ ކުރިމަތިލާނީ ކިހިނެއް ކަމެއްވެސް ނޭނގޭ.. އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ވާބިސްގެ ހިތް އަހަރެންނަށް ނުބައި ނުވާނެ ކަން އަހަރެންނަށް އެނގޭ.. ވަރުދާންގެ ކަންތަކުގައި ވާބިސް އައުމުންވެސް އަހަރެން އޭނައާ ބައްދަލު ނުކުރަން..” ވިދާދު ބުންޏެވެ. ” ބައްޕަ ނިޔާވެއްޖެ.. އެންމެ ފަހުން މިރަށަށް އައިސް އެނބުރި ގޮސްފައި ހިނގި ހާދިސާއެއްގައި ދައްތައާ ބައްޕަ ނިޔާވެއްޖެ..” ވަރުދާން ބުންޏެވެ. ވިދާދުގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އަހަރެންނަކީ ހާދަ ނުބައި މީހެކެވެ. އަމިއްލަ ބައްޕަ މިދުނިޔެ ދޫކޮށް ދިޔައީވެސް އަހަރެންގެ ނުބައިކަމުންނެވެ. އަމިއްލަ ކޮއްކޮގެ އެންމެ ފަހުގެ އެދުންވެސް ފުއްދައިދިނުމަށް ދެކޮޅުހެދިއެވެ. ކުޑަމިނުން އެމޫނު ދެކިލަންވެސް ދެކޮޅު ހެދީމެވެ. އެކޮއްކޮ މި ދުނިޔެއިން ނައްތާލުމަށް އެތަށް މަސައްކަތެއް ކުރީމެވެ. އަހަރެންމީ ހާދަ ނުބައިމީހެކެވެ. ވަދީދުގެ ހިތުގައި މިހުރިހާ ވާހަކަތަކެއްވެ އޭނަގެ ހިތައް ތަދުވެގެންދިޔައެވެ. އޭނައަށް ހެޔޮވިސްނުން ލިބުނުއިރު މިވަނީ ވަގުތު ފާއިތުވެފައެވެ. ބައްޕަގެ ލޮލުން އޮހެމުން އަންނަ ކަރުނަތައް ފެނުމުން ލީޖިން ވަރަށް ދެރަވިއެވެ. މިނޫނީ ދުވަހަކުވެސް ބައްޕަގެ ލޮލުން ކަރުނަ އޮހުނުތަނެއް ލީޖިން ދެކެފައި ނުވެއެވެ.

( ނުނިމޭ )

25

4 Comments

 1. Ram

  July 7, 2020 at 11:16 pm

  Maasha allah vvv reethi😍😍😍❤❤❤

  • kudhoo

   July 8, 2020 at 6:50 am

   🙂🙂🙂🙂😘😘Thank you Ram.

 2. Bookworm

  July 8, 2020 at 6:37 pm

  Hey sis👋… Mee fictional stry eh dhw… Vvv reethi ingey… Love it💖💗💕💝💓… Adhi haasakoh fictional stry eh vyma maa reethi vefa unique😍😘🤗… Baivaru imagination thah kurevey😵😵😵… Masha allah😇😇Kury prt thakuga comment nukurevunas vhk kiyaalin😍😍… Vvv reethi💝💝💝… Nxt prt ah intnizaaru kuraanan😗😙😚. Thankolheh avahah upkohdheythi ingey plx💚💙❤️… Luv u nd ur stry sis💛💜🖤💚💙❤️

  • kudhoo

   July 9, 2020 at 10:56 pm

   🙂🙂Thanx Bookworm. 😙😙 Insha Allah

Comments are closed.