ނުފިލާނޭ މިހިތަކުން… 19

- by - 72- June 30, 2020

ޖެހެލުންވެ މޭ ތެޅޭ ގޮތްވޭ

ގައިބާރު ދޫވެ ދާ ގޮތްވޭ

މާ ކައިރި ވާގޮތްވެ ސީދާ ލޮލާ ލޯ ވެލީމާ

ލަސް ހަރަކާތްތަކަކާއިއެކު ޝުބާމެންގެ ކުރިމަތިން މާކިންއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލުމަށްފަހު މެހެކް ޝުބާއާއި ވާހަކަ ދައްކަން ފެށީ އޭނާގެ ވައަތްތިލަ މާކިންގެ އަތުގެ ތެރެއަށް ލަމުންނެވެ. ލިބުނު އުފާވެރިކަމާއި އެއްވަރުގެ ހައިރާންކަމަކާއިއެކު މާކިންއަށް އޭނާގެ އަތުގެ ތެރޭގައި އޮތް މެހެކްގެ އަތަށް ބަލާލެވުނެވެ. މެހެކްގެ ވައަތުގެ ކަށި އިނގިލީގައި އެވަނީ އޭނާގެ ލޯބީގެ ނިޝާނެވެ. އޭނާގެ ލޯތްބަށް މެހެކް ޤަބޫލުވެއްޖެ ކަމުގެ ހެއްކެވެ. ލޯބީގެ ރަމްޒެއް ގޮތުން އޭނާ ދިން އަނގޮޓިއެވެ. ވީ އުފަލުން މާކިންއަށް ފެންނަމުން އެދަނީ ހަޤީގަތެއް ކަމާއިމެދު ޝައްކު އުފެދުނެވެ. މެހެކްގެ އަތްތިލައަށް ބަލަހައްޓައިގެން އިނުމަށްފަހު ދެފަހަރަކު އެސްފިޔަ ޖަހާލަމުން އޭނާގެ މޫނަށް ބަލާލިއިރު މާކިންގެ ލޮލުން އުފާވެރިކަމުގެ ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. އެމޫނަށް ބަލަހައްޓައިގެން އިނދެ މެހެކްގެ އަތްތިލަ އޭނާގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލުމާއިއެކު ޝުބާމެންނާއި ވާހަކަ ދައްކަން އިން މެހެކްގެ ހިނިތުންވުން ފުޅާވި މަންޒަރު މާކިންއަށް ފެނުނެވެ. އެމަންޒަރު ފެނުމާއިއެކު ލިބުނު އުފާވެރި ކަމުގެ ސަބަބުން ވެރިވި ހިނިތުންވުން ސިއްރުކުރުމުގެ ގޮތުން ދެތުންފަތް އެތެރެއަށް ލަންބާލަމުން މާކިން އިސްޖަހާލިއެވެ. ހިތާއި ނަފްސުން މެހެކް އޭނާއާއި ގަބޫލުވެއްޖެކަމުގައި އޭނާގެ ހިތާއި ސިކުނޑީ އެއްބަސްވެއްޖެއެވެ.

“ސޯ؟.. ކެން ކީކޭ ބުނަނީ؟.. ކެން ދާނަންތަ؟..” އިސް ޖަހާލައިގެން މެހެކްގެ އަތްތިލައާއި ކުޅެން އިން މާކިންއަށް އިޝާން ކުރި ސުވާލުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. އޭނާއަށް ވެފައި އިން ގޮތެއް ނޭނގުމުން ސުވާލުގެ ނަޒަރަކުން އިޝާން ޝުބާއަށް އެއްބުމަ ހިއްލާލިއެވެ. އޭރު މެހެކް އޭނާގެ ހުހަށް އޮތް އަތުން އަނގަމަތީގައި އަތްއަޅާލައިގެން އަނެއް ފަރާތަށް މޫނު އަނބުރާލައިގެން އިނެވެ. ވިސްނުންތެރިކަމާއިއެކު މެހެކްއާއި މާކިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޝުބާ ކުއްލިއަކަށް ތެދުވެލާފައި މޭޒުމަތިން މާކިންމެންނާއި ވީ ފަރާތަށް ބޯ ދިއްކޮށްލިއެވެ.

“އޯހްހްހޯ.. މީތަ މިވާ ކަމަކީ..” ހިނިތުންވެލާފައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިން މާކިން ސިއްސައިގެން ދިޔައީ ބާރު ހިނިގަނޑަކާއިއެކު އިވުނު ޝުބާގެ ތޫލި އަޑުގެ ސަބަބުންނެވެ.

“މެހެކްކް.. ހަމަ ކައިރީގަ އުޅޭ އިރުވެސް އަންގާ ނުލައޭ..” ޝުބާ މާކިންއާއި މެހެކްގެ ޖޯޑުކުރެވިފައި އަތުގައި ހިފާ މޭޒުމައްޗަށް ނެގުމަށްފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު އިޝާންވެސް ދެލޯ ބޮޑުކޮށްލަމުން ނިކަން ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭރު މާކިންގެ ހަށިގަނޑުގައި ވާހާ ލެއެއް އޭނާގެ މޫނަށް ޖަމާވެފައި ވާފަދައެވެ. މުޅި މޫނު ރަތްވެފައި އިން އިރު ހީވަނީ މޭކަޕުން މޫނުގެ ކުލަ ބަދަލުކޮށްލާފައި އިންހެންނެވެ.

“ލުކް ހައު ހީޒް ބްލަޝިންގ..” މަޑު މަޑުން އިން މެހެކްވެސް ބައިވެރިވީ ޝުބާއާއިއެވެ. އެވަގުތު މާކިން ޝަކުވާއިން ފުރިފައިވާފަދަ ގޮތަކަށް މެހެކްގެ މޫނަށް ބަލާލެވުނެވެ. އޭނާގެ ލޯބިވެރިއަކަށް ވުމަށްފަހު މެހެކް އަރަން ޖެހޭނީ އޭނާއާއި އެއްކޮޅަކަށް ނޫންހެއްޔެވެ؟

“ކަމްމޯން..” ބޯ އަރިކޮށްލަމުން މާކިން ކޮށްލި ޝަކުވާ އަޑު އިވުމުން މެހެކްއަށް އިތުރަށް ހީނލެވުނެވެ.  އަދި ނުހަނު ލޯތްބާއިއެކު ބޯ އަރިކޮށްލުމަށްފަހު ދަތްދޮޅީގައި އަތްވިއްދާލަމުން އޭނާގެ ހުރިހާ ސަމާލުކަމެއް މާކިންގެ ހަރަކާތްތަކަށް ދޫކޮށްލިއެވެ.

“އެކްސްޕްލެއިން..” ޝުބާ މާކިންއަށް ލޯ ހަނިކޮށްލުމަށްފަހު ދެއަތް އުރާލަމުން ހަރުކަށި ރާގަކަށް ބުނެލިއެވެ. އެއާއިއެކު އިޝާންއާއި މާކިންއާއިއެކު މެހެކްއަށްވެސް ހެވުނެވެ. އެތިންމީހުން ވެސް ހަނދާންވީ ޝުބާއާއި އިޝާން ގެ ގުޅުން މާކިންއަށް އެނގުނު ވަގުތު ކަންތައް ކުރިގޮތެވެ.

“މްމް.. އެކްސްޕްލެއިން ކުރާނެ އެއްޗެއް ނެތް.. މަށަށް އެނގުނު ވަގުތު ތިމީހުންނަށްވެސް ތިއެނގުނީ.. މެހެކް ސެއިޑް ޔެސް ޓު މާކިން..” ހިނިގަނޑު މައިތިރި ކުރަމުން މާކިން ވާހަކަ ދެއްކިއިރު އޭނާގެ ހިތުގެ ހިނގުން އާދަޔާ ޚިލާފަށް ބާރުވެފައި ވެއެވެ. އެވަރަށްވެސް އޭނާއަށް ވާހަކަ އެދެއްކުނީ ހިތްވަރުންނެވެ. ވާނީވެސް އެހެންތާއެވެ. މެހެކް އޭނާގެ މޫނަށް ބަލަހައްޓައިގެން އިން ގޮތް އޭނާގެ ލޮލުގެ ހިމަކޮޅަށް ފެނެއެވެ. އެހެން އިންދާ އެއްފަހަރުވެސް އޭނާއާއި ނަޒަރު ސީދާކޮށްލާކަށް މާކިންއަކަށް ހިތްވަރެއް ނުލިބުނެވެ.

“އެ ތެދެއް.. އައިމް ހިޒް..” މާކިން ލަދު ގަނެފައިވާވަރު ފެނުމުން ހިނި އައިސްފައި އިން މެހެކް އިތުރަށް ހީނލަމުން ބުނެލިއެވެ. އެއާއިއެކު މާކިންގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވެލިއެވެ. މެހެކްއަށް އެހާ ބޮޑު ހިތްވަރެއް ލިބިގެން އެއުޅެނީ ކިހނެތް ހެއްޔެވެ؟ ހަގީގަތުގައިވެސް އޭނާ ހީކުރީ އެދެމެދުގައި ޚާއްސަ ގުޅުމެއް އުފެދުނަސް އެކަން ފާޅުކުރުމަށް އެންމެ ބޮޑަށް ޖެހިލުންވާނީ މެހެކް ކަމުގައެވެ.

“ތިވީ ގޮތުން ކެން ވެސް އެބަ ޖެހެއެއްނު ދާން ހޮލިޑޭ ހަދާލަން..” ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން އިޝާން ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ޗުއްޓީގައި މެހެކްގެ ރަށަށް ދިއުމާއި ބެހޭގޮތުން ހަތަރު މީހުންގެ މެދުގައި ވާހަކަ ދެކެވެން ފެށުނެވެ. މެހެކް ބުނި ގޮތުން އޭނާގެ ރަށާއި މާލެއާއި ދެމެދު ބޯޓާއި، ލޯންޗް ފެރީ އަދި މަތިންވެސް ދަތުރު ކުރެވެއެވެ. މެހެކް ހީކުރި ގޮތާއި ޚިލާފަށް ޝުބާއާއި، އިޝާން އަދި މާކިންވެސް ދުވަހަކުވެސް މާލެ ދަތުރުކުރާ ބޯޓެއްގައި ދިގު ދަތުރެއް ކޮށްފައި ނުވާތީ ބޭނުންވީ އެގޮތެވެ. ކަނޑުމައްޗަށް ބަލިކަމުން މެހެކްވެސް ބޯޓުގައި ދަތުރު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް އެމީހުންގެ އެ އެދުމަށް ދެކޮޅު ހަދާ ޚިޔާލެއް ނުކުރިއެވެ. މާލެއާއި ވަރަށް ބޮޑަށް ޚިލާފަށް އެރަށުގެ ކަންތައްތައް ހުންނާނެ ކަމާއި، ކައިސްގެ ކައިވެނި ކުރިއަށް އޮތުމުން މެހެކްއަށް އެމީހުންނަށް މާ ގިނަ ވަގުތު ހުސް ނުކުރެވިދާނެ ކަމުގައިވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް އެ ތިން މީހުންކުރެ އެކަކަށްވެސް މާބޮޑު މައްސަލައެއް ކަމުގައި ނުވިއެވެ.

އެކި އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަށްފަހު އެންމެ ފަހުން ހަތަރު މީހުންވެސް ނިންމީ ޓެސްޓް ނިމޭ ދުވަހު ނޫން އަނެއް ދުވަހު ފުރާށެވެ. ނަތީޖާ ލިބުމުން ދާން ތިބެއްޖެނަމަ ޗުއްޓީގެ ދުވަސްކޮޅު މާ މަދުވާނެތީ އެގޮތް އެއްގޮތަކަށްވެސް ޝުބާއަށް ކަމަކު ނުދިޔައެވެ. ކެއުން ނިންމާލުމަށްފަހު 4 މީހުން އެކުގައި އެތަނުން ނުކުމެގެން ދިޔައިރުވެސް ހުއްޓުމެއް ނެތި ޝުބާ ދައްކަމުން ދިޔައީ އެވާހަކައެވެ. އެކަމާއި ޝުބާ ޝައުގުވެރިވެލާފައި ހުރިވަރުން އިޝާންވެސް ހުރީ ހައިރާންވެފައެވެ.

އެކުގައި ތިބި އެންމެން އެކި ދިމަ ދިމާއަށް ގޮސް ގޭގެ ސިޓިންގ ރޫމުގައި ދެމަފިރިން އެކަނިވުމާއިއެކު ޝުބާގެ އަތްފައިގައި ފިނިކަން ހިފާލައިފިއެވެ. ނުބަލަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ކުރިމަތީގައި ފިރިހެންވަންތަ ގޮތަކަށް ހުއްޓިލައިގެން ހުރި އިޝާންގެ މޫނު އޭނާއަށް ފެނެއެވެ. އެމޫނުގައި ވާ ހިނިތުންވުމާއި، އެ ލޮލުގައިވާ އާދަޔާ ޚިލާފު ތޫނު ނަޒަރު އޭނާގެ ހިއްސުތައް ގަނޑު ކުރުވަމުން ދިޔައެވެ. މުޅި އެރޭވެސް އެވަގުތުކޮޅުގެ ޚިޔާލު ވެރިވާ ކޮންމެ ހިނދަކު އޭނާގެ ހިތުގެ ތެޅުން ބާރުވެލައެވެ. ކައިވެންޏަށްފަހު އިޝާންއާއި އެކަނި ބައްދަލު ވުމުން ވާނެ ގޮތަކާއި މެދު ވިސްނިއެވެ. އެންމެ ފަހުން އެވަގުތު އެވަނީ އޭނާއާއި ކުރިމަތިވެފައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލާފައި ހުރި ކައިވެނީގެ ހެދުމުގައި ދެއަތުން ހިފާލަމުން އޭނާ ގޭގެ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އިޝާންގެ ގެއަކީ އޭނާއަށް އާ މާހައުލެއް ނޫނެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ބާކީބައި އޭނާ ހޭދަ ކުރާނީ އެ ގޭގައި ކަން އިހުސާސް ވުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެހިތައް ވެރިވެފައިވެއެވެ.

“ބިރުގަންނަނީތަ ވައިފީ؟..” ޝުބާގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލަމުން އިޝާން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ. ހަޤީގަތުގައި ޝުބާގެ ނުތަނަވަސްކަން ފެނި އޭނާ ހުރީ މަޖާވެފައެވެ. ޝުބާގެ ހުންނަ މިޒާޖުގެ ސަބަބުން އެކަހަލަ ވަގުތެއްގައިވެސް ނުތަނަވަސް ވެދާނެ ކަމުގައި ކުޑަކޮށްވެސް އިޝާން ހިއެއް ނުކުރެއެވެ.

“ކީ.. ކީއްވެ ބިރު.. ގަންނަންވީ..” ޝުބާގެ މަޑު މަޑު އަޑު އިޝާންއަށް ކިރިޔާ އިވުނުކަމެވެ. އިޝާންގެ މޭގައި ތަތްވެލައިގެން ހުރި ނަމަވެސް އޭނާ ހުރީ އިސް ޖަހާލައިގެންނެވެ. ތުންފަތުގައި ލަދުވެތި ހިނިތުންވުމެއް ވާއިރު، އެސްފިޔަތައް އާދައިގެ މިނަށްވުރެ ބާރަށް ހަރަކާތް ކުރަމުން ދިޔައެވެ. އެ ލަދުވެތިކަމާއި، އެ އަންހެން ވަންތަކަން ފެނި އިޝާންގެ ހިތުގައި ޝުބާއަށްޓަކައިވާ ލޯތްބާއި ގަދަރު ދިޔައީ އުފުލެމުންނެވެ. ޝުބާގެ އެ އަންހެންވަންތަ ސިފަތަކަކީ ހަމަ އެކަނި އޭނާގެ ފިރިމީހާއަށްޓަކައި ރައްކާކޮށްފައިވާ އެއްޗެއްކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން އިޝާން ހިނިތުންވެލުމަށްފަހު އިތުރަށް ޝުބާ ގާތްކޮށްލިއެވެ. އަދި އޭނާގެ ނިތުގައި ބޮސް ދީ އަތްދަނޑިމައްޗަށް އުފުލާލުމަށްފަހު ކޮޓަރިއަށް ހިނގައިގަތެވެ.

“މައި ޝުބީ.. މައިން.. ޖަސްޓް މައިން..” އިޝާންގެ ލޯބިވެތި ބަސްތައް އަޑު އިވުމާއިއެކު ޝުބާ ހީނލަމުން އޭނާގެ އަތުގެ ތެރޭގައި ބޮނޑިވެލިއެވެ.

ޕާޓީ ނިންމާލުމަށްފަހު މެހެކް ގެއަށް އައީ ޝުބާގެ ދައްތައެއްގެ ސައިކަލު ފަހަތުގައެވެ. ވެފައި ހުރި ވަރުބަލީގެ ސަބަބުން ގެއަށް ވަދެވުމާއިއެކު އޭނާ އަވަސްވެގަތީ ފެން ވަރާލައިގެން ނިދަން ތައްޔާރު ވުމަށެވެ. ނިދަން އޮށޯވެލުމަށްފަހު އަތުގައި އިން އަނގޮޓިއަށް ބަލާލުމަށްފަހު މެހެކް ހިނިތުންވެލިއެވެ. އެ ނިންމުން ނިންމުމަށް އޭނާ ޖެހިލުންވިއެވެ. އުމުރުގެ ތަފާތާއި، އޭނާގެ ހާލަތުގެ ގޮތުން މާކިންއަށް އާނބަސް ބުނުމަށް އޭނާގެ ސިކުނޑި އެތައް ފަހަރަކު ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ހިތްވަރު ކޮށްފައި ސިކުނޑީގެ ކުރިއަށް އޭނާ ޚިޔާރުކުރީ އޭނާގެ ހިތުގެ ގޮވުމެވެ. އެ ނިންމުމާއިމެދު މިހާރު އޭނާ ޖެހިލުމެއް ނުވެއެވެ. މާކިންގެ ލޯތްބާއިމެދު އޭނާއަށް ޔަގީންކަން ލިބިފައިވަނީ ހައިރާންވާހާ ބޮޑަށެވެ.

އުފާވެރި ޚިޔާލުތަކުގައި އޮތުމަށްފަހު އޭނާ ފޯނު ނަގާ މާކިންއަށް މެސެޖެއް ކޮށްލީ ގެއަށް އާދެވުމުން އަންގާލަން މާކިން އެދިފައި އޮތުމުންނެވެ. މެސެޖް ޑެލިވަރ ވުމާއިއެކު މާކިން މެހެކްއަށް ގުޅިއެވެ.

“އަދި ކިރިޔާތަ ދެވުނީ؟.. ހާދަ ލަހޭ..” މާކިންގެ އަޑުގައިވާ ނުތަނަވަސްކަން މެހެކްގެ ހިތާއި ކުޅެލިއެވެ.

“ނޫނޭ.. އައިއްސަ.. ފެން ވަރައިގެން… ނިދަން މިއޮތީ..” މެހެކް ވާހަކަ ދެއްކީ ލޫނާ ނިދާފައި އޮތުމުން އޭނާއަށް ހޭ ނުލެވޭ ވަރު ބަލައިގެން މަޑުމަޑުންނެވެ.

“މެހެކް.. ގެއަށް ދެވުނީމަ ބުނާށޭ ބުނީމަ ގެއަށް ދެވޭއިރަށް ބުނަން ވާނޭ.. އެހެން ނޫނީ ވޮރީ ވާނެއްނު..” ލޯބިން ވާހަކަ ދެއްކި ކަމުގައިވިޔަސް މާކިންގެ އަޑުގައިވާ ޝަކުވާގެ ރާގުގެ ސަބަބުން މެހެކްއަށް ހީނލެވުނެވެ.

“ދެން ފަހަރަކުން..” މާކިންގެ ހިތް ހަމަ ޖައްސާލަދިނުމުގެ ބޭނުމުގައި މެހެކް ބުނެލިއެވެ. އެދެމެދުގައި މާ ގިނަ ވާޙަކަތަކެއް ނުދެކެވެއެވެ. ޝުބާމެން ކައިރީގައި އިން އިރު މާކިންއާއި ޖެއްސުން ކޮށްލަން ހިތްވަރު ލިބުނު ނަމަވެސް މިހާރު މާކިންއަށް ވުރެ މެހެކްގެ ބަސް މަދުވެއްޖެއެވެ. ވަކިން ބައްދަލު ވިޔަސް ވާނީ ހަމަ އެކަހަލަ ގޮތެއް ކަންނޭނގެއެވެ.

“އައި ލަވް ޔޫ ކޫ..” ފޯނު ބާއްވަމުން މާކިން ބުނެލި އެންމެ ފަހު ޖުމްލައަކީ އެއީއެވެ. އެހެން ނަމަވެސް މެހެކްއަށް އޭގެ ޖަވާބު ދޭކަށް ނޭނގުނެވެ. ލުއި ގޮތަކަށް ހީނލަމުން ފޯނު ބޭއްވިއިރު އެހިތުގައިވަނީ އުފާވެރި އިހުސާސްތަކެކެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު ވީއިރު ޝުބާ ދެތިން ފަހަރަކު މާކިންއަށް ގުޅައިފިއެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ކަމުގައިވިޔަސް އެއާއި ޖެހިގެން އޮތް ދުވަހު އެމީހުންގެ ޓެސްޓެއް އޮތުމުން ގްރޫޕް ސްޓަޑީ ހަދަން ޚިޔާލު ކުރީ ޝުބާއެވެ. ޓެސްޓެއް ނޯންނަ ދުވަހެއް ކަމަށްވެފައި، މެހެކްއާއި ބައްދަލުވާނެ އިތުރު ގޮތެއް އެދުވަހު ނެތުމުން ޝުބާގެ އެޚިޔާލާއި މާކިން ނުހަނު ގަޔާވިއެވެ. އެހެން ނަމަވެސް ޝުބާގެ ފަރާތުން އެނގުނު ގޮތުގައި ޓިއުޝަންތައް ނިންމާފައި މެހެކްއަށް އެންމެ އަވަހަށްވެސް އެގެއަށް އާދެވެން އޮތީ ހަވީރު 5 ޖަހާއިރުއެވެ. އެހެންވެ ގްރޫޕް ސްޓަޑީ ހެދުމަށް އެމީހުން ކަނޑައެޅި ވަގުތަކީވެސް އެއީއެވެ. މެހެކްގެ މޫނު ދެކިލުމަށް ކެތް މަދުވެފައި ހުރި ނަމަވެސް މާކިންއަށް އިތުރު އެހެން ގޮތެއް ނެތުމުން 5 ޖަހަންދެން އިންތިޒާރުގައި ހުންނަން މަޖުބޫރިވިއެވެ.

މާކިންގެ ފޯނަށް އޭނާގެ ބައްޕަ  ބިލާލް ގުޅީ ޝުބާ ގުޅުމަށްފަހު މާ ގިނަ އިރުތަކެއް ނުވަނީހެވެ. ގުޅި ސަބަބެއް ބުނުމަކާއި ނުލާ ބިލާލް އެދުނީ ދެވުނުހާ އަވަހަކަށް އޭނާގެ އޮފީހަށް މާކިން ދިއުމަށެވެ. ބައްޕަގެ އަޑުގައި ހުރި ސީރިއަސްކަމާއި، ރުންކުރު ގޮތްގަނޑު ފާހަގަ ކުރެވުމުން މާކިންގެ ހިތް ނުތަނަވސްވިއެވެ. އަދި ލަސް ކުރުމެއް ނެތި އޭނާގެ ބައްޕައާއި ބައްދަލު ކުރުމަށް ދިޔައެވެ.

“ވަދޭ..” ބިލާލްގެ ކެބިންގައި މާކިން ޓަކި ޖަހާލުމާއިއެކު އޭނާގެ ބަރު އަޑުން ޖަވާބުދާރީވިއެވެ. އެއާއިއެކު މާކިން އެތެރެއަށް ވަދެ ބިލާލްގެ މޭޒުގެ އަނެއް ފަރާތުގައި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނދެލިއެވެ. ތަނުގައި ހުރި އޭސީގެ ގަދަ ފިނިކަމާއިއެކުވެސް ބިލާލްގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނި މާކިންގެ މުޅި ހަށިގަނޑުގެ ހަމަ ޖެހުން ގެއްލި ދާހިއްލަމުން ދިޔައެވެ.

މާކިން އިށީނުމަށްފަހު ދެތިން މިނެޓްގެ ތެރޭގައި ބިލާލް އޭނާގެ މޭޒުމަތީގައި އޮތް ލިޔުންތަކެއް މާކިންއާއި ވީ ފަރާތަށް ޖައްސާލުމަށްފަހު އިޝާރާތުން އެ ކިޔާލުމަށް ބުނެލިއެވެ. ބައްޕަގެ ހަރަކާތްތަކުގެ ފަހަތުގައިވާ މަގުސަދު އޮޅުންފިލުވަން ބޭނުންވެފައި އިން މާކިން ސުވާލުން ފުރިފައި އިނދެ ކްލިޕް އަކުން ހަރުކޮށްލާފައިވާ އެ ލިޔުންތައް އަތަށް ނެގުމަށްފަހު ބަލާލިއެވެ. އެވަގުތު އޭގެ އެންމެ މައްޗައް އޮތް ކަރުދާހުގެ މަތީ ކަނުގައި އިން ތަސްވީރު ފެނި މާކިންގެ ހިތުގައި ހައިރާންކަމާއި އެއްވަރަށް ގޮތް ނޭނގޭ ބިރުވެރިކަމެއްވެސް އުފެދެން ފެށިއެވެ.

ނުނިމޭ

72

Laya

I found peace in writing ❤️

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Ki thah ep the inaanee vaahaka vvvvvvvvvvv reethi waiting for nxt part of the series 🌹🌹🌹❤️❤️❤️ addicted

  2. Alley Ki thah ep the inaanee vaahaka vvvvvvvvvvv reethi waiting for nxt part of the series hama obines to the max 💜💜💜💜💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published.