ލޯބިން ބުނެލަން ލޯބިން އާދޭ އެކު އުޅެލަން

ގާތަށް އަބަދަށް އެކު ހުރެލަން

ދުރުވާކަށް އެދިގެން ނުމެވަން

މާކިން އިށީނުމަށްފަހު ދެތިން މިނެޓްގެ ތެރޭގައި ބިލާލް އޭނާގެ މޭޒުމަތީގައި އޮތް ލިޔުންތަކެއް މާކިންއާއި ވީ ފަރާތަށް ޖައްސާލުމަށްފަހު އިޝާރާތުން އެ ކިޔާލުމަށް ބުނެލިއެވެ. ބައްޕަގެ ހަރަކާތްތަކުގެ ފަހަތުގައިވާ މަގުސަދު އޮޅުންފިލުވަން ބޭނުންވެފައި އިން މާކިން ސުވާލުން ފުރިފައި އިނދެ ކްލިޕް އަކުން ހަރުކޮށްލާފައިވާ އެ ލިޔުންތައް އަތަށް ނެގުމަށްފަހު ބަލާލިއެވެ. އެވަގުތު އޭގެ އެންމެ މައްޗައް އޮތް ކަރުދާހުގެ މަތީ ކަނުގައި އިން ތަސްވީރު ފެނި މާކިންގެ ހިތުގައި ހައިރާންކަމާއި އެއްވަރަށް ގޮތް ނޭނގޭ ބިރުވެރިކަމެއްވެސް އުފެދެން ފެށިއެވެ.

އަވަސް އަވަހަށް ކަރުދާހުގެ ދެން ހުރި ބައިތަކަށް ކަޅި ހިންގާލުމަށްފަހު ހަލުވި ހަރަކާތްތަކަކާއިއެކު ދެން ހުރި ގަނޑުތައްވެސް ބަލާލިއެވެ. ހިނގަމުންދާ ކޮންމެ ސިކުންތަކާއިއެކު ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ސަބަބުން ތެޅިތެޅި އޮތް ހިތަކާއިއެކު އޭނާއަށް ބިލާލުގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާފަދަ ގޮތަކަށެވެ.

“ވައި ހާރ؟..” އަތުގައިވާ ކަރުދާހުގައި އިން މެހެކްގެ ފޮޓޯއަށް އިޝާރާތް ކުރަމުން ބިލާލްއާއި ސުވާލުކުރިއިރު މާކިންގެ ދެދަތްޕިލަ ހުރީ ޖެހި ބާރުވެފައެވެ. އޭނާގެ ބައްޕައަށް ލިބިފައިވާ ގަދަފަދަ ބާރާއި މުއްސަނދިކަމުގެ ނުބައި އަސަރު އޭނާގެ މެހެކްއަށް ކުރަން އުޅެނީއޭ އޭނާގެ ހިތް ބުނަނީއެވެ. އޭނާގެ ނުފޫޒުގަދަ ބައްޕަގެ ސަބަބުން މެހެކްއަށް ގެއްލުމެއް ލިބެން އުޅެނީއޭ ހީވެ އެހިތް ބިރުގަންނަނީއެވެ.

“މާކިންއެއް ނޫނެއްނު ތިހެން އަހަންވީ.. ބައްޕައެއްނު.. ވައި ހާރ؟..” ނިތްކުރިމައްޗަށް ރޫތަކެއް ވެރިކުރުވަމުން މާކިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބިލާލްވެސް ކޮށްލީ ސުވާލެކެވެ. އެއާއިއެކު ބިލާލްއާއި ދިމަ ބަލަހައްޓައިގެން އިން މާކިންގެ ދެބުމަ ކައިރިވެ، މޭޒުމަތީގައި ބާއްވާފައި އޮތް އަތްތިލަ މުށްކަވާލިއެވެ. އޭނާއަށް އޭނާގެ ބައްޕަ ވަރަށް ރަނގަޅަށް އެނގެއެވެ. މެހެކްއާއި ބެހޭގޮތުން ވާހަކަ ދައްކަން އެ ފެށި ގޮތުންވެސް ބައްޕަ މެހެކްއާއި ގަޔާ ނުވާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އަދި ބައްޕަ ގަޔާ ނުވާ މީހަކީ އެމީހަކަށްޓަކައި އިހްތިރާމާއި ޤަދަރުގެ ކަންފުޅެއްވެސް ބައްޕަގެ ހިތުގައި ނުވާނެ މީހެއްކަން އޭނާ ދެނެހުއްޓެވެ.

“މެހެކްގެ ކޮލެޖް އެންޓްރީ އިންފޮމޭޝަންތައް މިތާ، ބައްޕަގެ މޭޒުމަތީގައި އޮންނަންވީ ކީއްވެ؟..” މާކިން ސުވާލު ކުރީ ސީދާ ބިލާލްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. އެ މޫނުގައިވާ ސީރިއަސްކަމާއި، ލޮލުގައިވާ ނުރައްކާތެރި ނަޒަރުން ބިލާލްއަށް ސިފަވަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. މާކިންގެ ކިބައިގައި އެހުންނަ ނުރައްކާތެރި ގޮތްގަނޑަކީ އޭނާ ފަޚުރުވެރިވާ ސިފައެކެވެ. އޭނާގެ ޒުވާން ދަރިފުޅުގެ ސާބިތުކަން ގަދަ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ބިލާލް އެއްމިޔަކަނުން ހިނިތުންވެލިއެވެ.

“ތިހެން އަހާއިރުވެސް އެނގެއެއްނު ދަރިފުޅާ.. ބައްޕަ އަތުގަ ލާރި ހުރީމަ.. އެ ތަންތަނުގެ ވެރިން ލާރި ބޭނުންވާތީ..” މަލާމާތުގެ ގޮތަކަށް ހީނލަމުން ބިލާލް ދިން ޖަވާބާއިއެކު މާކިންގެ ދެދަތްޕިލަ ޖެހިގެން ދިޔަލެއް ބާރުކަމުން އޭނާގެ ކޯ ކަށިގަނޑަށް ގުޑުމެއް އަރައިގެން ދިޔައެވެ. ކުރެވުނު ކަންތަކާއިމެދު ކުޑަވެސް ނުތަނަވަސްކަމެއް، ހިތާމައެއް ބައްޕަގެ ނުވަނީ ހެއްޔެވެ؟ ނުފޫޒުގެ ބޭނުން ކޮންމެ ތަނަކަށް، ކޮންމެ ވަގުތަކުވެސް ބައްޕަ ކޮށްފާނެއެވެ. ފައިސާ ދީފިއްޔާ ތަންތަނުގައި ތިބޭ އެންމެ އިސްވެރިންވެސް ވިކިގެން ދަނީއެވެ. އެމީހުންގެ ދަހިވެތިކަމާއި، ޖައްބާރުކަމުގެ ތުރާ ލިބެނީ ކަމާއި ނުބެހޭ ނިކަމެތިންނަށެވެ. މިފަހަރު އޭގެ ޝިކާރައަކަށް އެވީ އޭނާގެ މެހެކްއެވެ. މާކިންގެ ހަށިގަނޑުގައި ހިނގަމުންދިޔަ ލޭ ހޫނު ވާން ފެށިއެވެ. ތަންދޮރު ވަކިވާން ފެށީއްސުރެ ބައްޕަދެކެ އޭނާ ފޫހިވަމުން ދިޔަ ސަބަބު މިއަދު ހަގީގީ ނަފްރަތަށް ބަދަލުވާން އުޅޭ ފަދައެވެ.

“ކުޑައިރުއްސުރެވެސް މާކިންއަކީ ބައްޕަގެ ނިންމުންތަކަށް ފާޑު ކިޔާ ކުއްޖެއް.. ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވާހަކަ ބުނެލާ ކުއްޖެއް.. އެކަމާ ބައްޕަ ދެބަހެއް ނުވަން.. އެކަންކަމާ ދުރުވެ ބައްޕަމެންގެ ދިރިއުޅުމާއި ދުރަށް ދާން ބޭނުންވީމަ އެކަމާ ބައްޕަ އެއްބަސްވީން.. ބައްޕަ ބޭނުންވާހާ ކަމެއް.. ބޭނުން ވާހާ ގޮތަކަށް ކުރެވުނަސް.. ދުވަހަކުވެސް ދަރިއަކަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ..” ކުޅަދާނަ ކަމާއި ދޫފަސޭހަކަމާއިއެކު ބަސްތައް އަތުރަމުން ދިޔައިރު އޭނާގެ އަޑުގައި ހުރީ ޝައުގުވެރިކަން އަތުލާ ފަދަ ގޮތެކެވެ. ބޭނުން ނުވިޔަސް، ބައްޕަ ވާހަކަ ދައްކަން ފަށައިފިނަމަ މާކިންއަށްވެސް ކަނުލާ އަޑު އެހެނީ މިސަބަބަށްޓަކައެވެ.

” ބައްޕައަށް އެނގޭ އެ އަންހެން ކުއްޖާއަކީ މާކިންގެ ހަމައެކަނި ރައްޓެއްސެއް ނޫންކަން.. އެކަމު.. ހާރ؟ ދަރިފުޅަށް އެނގޭތަ އެއީ ކޮން ތަނެއްގެ ކާކުކަން؟..” ދައްކަމުން ދިޔަ ވާހަކަ މެހެކްއަށް ނިސްބަތްވުމާއިއެކު ބިލާލްގެ މޫނަށް ވެރިވި ފޫހިކަމާއި ވާހަކަ ދެއްކުމުގެ ރާގަށް އައި ބަދަލު މާކިންއަށް ނުހަނު ރަނގަޅަށް ފާހަގަ ކުރެވުނެވެ.

“އެނގޭ.. ބައްޕަ އެކަމާ ހާސްވާނެ ކަމެއް ނެތް..” މެހެކްއާއި މެދު ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން ފޮރުވަމުން މާކިން ޖަވާބުދިނީ ރުންކުރު ގޮތަކަށެވެ.

“ރިއަލީ.. ބައްޕައަށް ހާދަ ހީވެޔޭ ތި އަންހެން ކުއްޖާ ދަރިފުޅަށް އޮޅުވާލައިގެން އުޅޭހެން..” މިފަހަރުވެސް ހަމަ އެ ފޫހިކަމެވެ. އެ ރާގެވެ. މާކިންއަށް ލޯ މަރާލެވުނެވެ. އޭނާއަކީ ދުވަހަކުވެސް ނަފްސުގެ މައްޗަށް ރުޅި ގަދަވިޔަ ދިން މީހެއް ނޫނެވެ.

“މަށަކީ ކުޑަ ކުއްޖެއް ނޫން.. އޮޅުވާލިޔަސް ނުލިޔަސް މިއީ އަހަރެންގެ ކަމެއް.. ބައްޕަ މީގެ ތެރެއަށް ނުވަނުން އެންމެ ރަނގަޅު ވާނީ.. އެންޑް… ހާރ ނޭމް އިޒް މެހެކް..” މާކިންގެ ޖުމްލަ ނިމުނު އިރު އަނެއްކާވެސް އޭނާގެ ދެދަތްޕިލަ ޖެހިއްޖެއެވެ. މާކިންގެ އެ ރުޅިވެރިކަމާއި، ރުޅި ކޮންޓްރޯލް ކުރަމުންދާ ގޮތް ފެނި ބިލާލްއަށް އަނެއްކާވެސް މިޔަކަނަކުން ހީނލެވުނެވެ.

“އޯކޭ.. މާކިންގެ ކަމެއް… ބައްޕަގެ ކަމެއް ނޫން… އެނގޭތަ ތިބުނާ.. މްމް.. މެހެކް ދޯ.. މެހެކް ދަރިފުޅަށްވުރެ 8 އަހަރު…”  “އެނގޭ..” ބިލާލްއަށް އޭނާގެ ސުވާލު ފުރިހަމަ ކުރެވުމުގެ ކުރިން މާކިން އަޑަށް ބާރުލާފައި ބުނެލިއެވެ. އެވަގުތު ބިލާލްއަށް އޭނާގެ ދެބުމަ ހިއްލާލެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ މޫނުމައްޗަށް އެ ގޮތް ނޭނގޭ ހިނިތުންވުން ވެރި ކުރުވައިފިއެވެ.

“އޯހްހް.. އެހެން ވީމަ ޔޫ އާރ އޯކޭ ވިތް ދެޓް؟.. އެންމެ ރަނގަޅު.. އެނގޭތަ އޭނަ ކައިވެނި ކޮށް…” “އެނގޭ.. ކައިވެނި ކުރިކަން އެނގޭ.. ކުއްޖަކު ހުރިކަންވެސް އެނގޭ.. އެމީހުންނަށް ވީގޮތްވެސް އެނގޭ.. މަށަށް ވަރަށް ރަނގަޅަށް މެހެކް އެނގޭ.. އެއިން އެއްވެސް ކަމަކީ މެހެކްއަށް އުނިކަމެއް ލިބޭނެ ކަމެއް ނޫން.. އަހަރެން މެހެކްދެކެ ވާ ލޯތްބަށްވެސް އުނިކަމެއް ލިބޭނެ ކަމެއް ނޫން..” މިފަހަރުވެސް ބިލާލްގެ ސުވާލު ފުރިހަމަ ކުރާކަށް މާކިން ފުރުސަތެއް ނުދިނެވެ. ހަށިގަނޑުގައި އުފެދުނު އާދަޔާ ޚިލާފު ޖޯޝާއިއެކު އޭނާ އޭނާގެ ބައްޕައަށް އެހިތުގައި މެހެކްއަށް ދީފައިވާ ދަރަޖަ ވަރަށް ރަނގަޅަށް ބުނެދިނެވެ. މާކިންގެ ޖޯޝުން ފުރިގެންވާ އެ ޖަވާބާއިއެކު ބިލާލްގެ މޫނުމަތީގައި ހިފެހެއްޓިފައި ހުރި ހަމަޖެހުމުގެ ހިނިތުންވުން ފަނޑުވެއްޖެއެވެ. ދަރިފުޅާއި ދެމެދު ބޮޑު ހަމަނުޖެހުން ގަނޑެއް ހިނގާފާނެ ކަމުގައި އޭނާގެ ސިކުނޑި އޭނާއަށް އިންޒާރު ކުރަމުން ދިޔައެވެ.

“އެންމެ ރަނގަޅު.. ތިހުރިހާ ކަމެއްވެސް ބައްޕަ ބަލައިގަނެފިން.. ދަރިފުޅުގެ ހޮވުން.. އެއްވެސް ކަމަކާ ނުބެހި ހުރެދާނަން.. އެކަމަކު ބައްޕައަށް ވަރަށް ބޮޑަށް ޔަގީން އެ އަންހެން ކުއްޖާ… މެހެކް… ދަރިފުޅަށް ކަމެއް އޮޅުވާލާފަ ވާކަން..” ބިލާލްގެ އަޑުގައިވާ ޔަގީންކަމާއި، ވާހަކަތަކުގައި ހުންނަ އޮމާންކަމުގެ ސަބަބުން މާކިން އިނީ ހައރާންވެފައެވެ. އޭނާއަށް ބައްޕަގެ ގޮތް ނޭނގޭ ނަމަ ބައްޕަގެ ފަޞާޙާތްތެރި ބަސްތަކުގެ ޝިކާރައަކަށް އޭނާވެސް ވީސްކަން ޔަގީނެވެ.

“ދެން ހުއްޓާލަންވީނުން ބައްޕާ.. މިކަމުގަ ބައްޕަ އިންޓަރފިއަރ ކުރަންވީ ސަބަބެއް މަށަކަށް ނުވިސްނުނު..” މާކިންގެ އަޑުގައިވަނީ ފޫހިކަމެވެ.

“މާކިންގެ އެކަނި ކަމެއްގައި ނަމަ އިންޓަރފިއަރ ނުކުރީމުސް.. އެކަމު ތިޔަ އަންހެން ކުއްޖާއަކީ ބައްޕައަށް ހުރި ބޮޑު ބިރެއް..” ބިލާލް ބުނެލި އެއްޗަކުން މާކިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އިރުކޮޅަކު އެހެން އިނުމަށްފަހު ދެން ފެނުނީ ފަރުވާކުޑަ ގޮތަކަށް ހިނިގަނޑެއް ޖަހާލި ތަނެވެ. އެ މަންޒަރު ބަލަން އިން ބިލާލްގެ މޫނަށް ހަމަ ކުޑަވެސް ބަދަލެއް ނާދެއެވެ.

“މެހެކްގެ ބައްޕަ ކޮބާ؟..” މާކިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ލޯ ހަނިކޮށްލަމުން ބިލާލް އަހާލިއެވެ.

“ނިޔާވެފަ..” ޖަވާބު ދިނުމަށް ފަޅި ސިކުންތުވެސް މާކިން ނުނަގައެވެ. އޭނާ އެހެން ބުނެލުމާއިއެކު ބިލާލް ދެބުމަ ހިއްލާލަމުން އަނެއްކާވެސް އެއް މިޔަކަނުން ހީލިއެވެ. އަދި މޭޒުގެ އެއްފަރާތުގައި ހުރި ވަތްބަރީގެ މަތީބައި ދަމާލުމަށްފަހު އޭގެން ނެގި ކަރުދާހެއް މާކިންގެ ކުރިމަތީގައި ބޭއްވިއެވެ. ހަމަ ބޭއްވުމާއިއެކު މާކިން އެ ކަރުދާސް ނަގާ އެއަށް ނަޒަރު ހިންގާލިއެވެ.

“މެހެކް.. މެހެކްގެ އުފަން ދުވަހުގެ ސެޓްފިކެޓް؟.. ބައްޕާ.. މިވަރު ދެން ބޮޑެއްނު.. މި ކިހިނެތް ހޯދީ.. ކޮބާތަ ބައްޕަގެ ބޭނުމަކީ؟..” މާކިންގެ ހަށިގަނޑުތެރޭގައި އުފެދެމުން ދިޔަ ރުޅިގަނޑު އޭނާގެ އަޑުން ފާހަގަވާން ފެށިއެވެ. މެހެކްގެ މަޢުލޫމާތު އެހާ ބޮޑަށް އޭނާގެ ބައްޕަ ހޯދާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ.

“އޭނަގެ ރަށުން.. ކައުންސިލުން.. ލާރިއަށް ނުވާނެ ކަމެއް ކޮބާ؟..” ބިލާލްގެ ތުންފަތަށް ވެރިވީ ބޮޑާ ހިނިތުންވުން ފެނި މާކިން އަނެއްކާވެސް އަތުގައި ހުރިއްޔާ ހުރި ބާރެއް ލާފައި މުއްކަވާލިއެވެ. “ތި ރަނގަޅަށް ކިޔާބަލަ.. މެހެކްގެ ބައްޕަގެ މަޢުލޫމާތު..” ބިލާލްގެ އަޑާއި ރާގުގައި ތަފާތެއް ނެތެވެ. ބައްޕަގެ ކުރިމަތިން ވީހާވެސް އަވަހަކަށް ދާން ބޭނުންވެފައި އިން ވަރުން މާކިން އިތުރަށް ވާހަކަ ދައްކާ ޚިޔާލެއް ނުކުރިއެވެ. އަތުގައި އޮތް ކަރުދާހަށް ސަމާލުކަން ދޫކޮށްލަމުން ބައްޕަ އެއިން ދައްކަން އެއުޅޭ އެއްޗަކީ ކޮބާ ކަމާއިމެދު ވިސްނަން ފެށިއެއެވެ.

“އިކްރާމް ޖަމާލް.. އިކް.. މެހެކްގެ ބައްޕައަކީ؟.. އިކްރާމް..” މެހެކްގެ ބައްޕަގެ މަޢުލޫމާތު ކިޔާލެވުމާއިއެކު މާކިންއަށް ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވެވުނެވެ. ލަސްލަހުން އެސްފިޔަ ޖަހާލަމުން ދެތިން ހަތަރު ފަހަރު މާކިންއަށް އެނަން ކިޔާލެވުނެވެ. އިކްރާމް ޖަމާލަކީ މާކިންއަށް އާ ނަމެއް ނޫނެވެ. އެއީ މުޅި ރާއްޖޭގެ އެކަކަށްވެސް އާ ނަމަކަށް ނުވާނެއެވެ. އެއީ މުޅި ރާއްޖެއަށް މަޝްހޫރު، މުއްސަނދި ވިޔަފާރިވެރިއެކެވެ. ސިޔާސީ ދާއިރާގައި ނަން ހިނގާ ގަދަރުވެރިއެކެވެ. އެންމެ ޚާއްސަކޮށް އިކްރާމް ޖަމާލަކީ މާކިންގެ ބައްޕަ ބިލާލްގެ އެންމެ ބޮޑު ހަތުރެވެ. ވިޔަފާރީގައި ބެލިޔަސް، ސިޔާސީ ދާއިރާއިން ބެލިޔަސް އެދެމީހުންނަކީ ހަތުރުންނެވެ. އެއީ މުޅި ރާއްޖެވެސް ދަންނަ ބޮޑު ހަގީގަތެކެވެ.

“ކިހިނެތްވީ؟.. އިކްރާމް ނިޔާވި އިރަކާއިމެދުތަ ތި ވިސްނަނީ؟.. މެހެކްގެ ބައްޕައަކީ އިކްރާމްކަން މާކިންއަށް ނޭނގުނު.. ދެން ކޮން ކަމެއް އެނގިގެން ތިއުޅެނީ.. ކީއްވެ އެހާ މަޝްހޫރު މީހެއްގެ ދަރިއަކު އެކަން ސިއްރު ކުރަންވީ.. ނިޔާވެފައޭ ކިޔާ އޮޅުވާލަންވީ؟.. ދަރިފުޅަކަށް ހިއެއް ނުވޭތަ މީ ގޯހެއް ހެންނެއް؟.. ހިއެއް ނުވޭތެ މީ އިކްރާމް ބައްޕައަށް ގެއްލުން ދޭން ރާވައިގެން އުޅޭ ރޭވުމެއް ހެންނެއް؟..” ހައިރާންވެ އަންތަރީސްވެފައި ހުރި މާކިންގެ ސިކުނޑި ސުވާލުތަކާއި ޝައްކަތަކުން ބަރާކުރުވަމުން ބިލާލް އިންތަނުން ތެދުވިއެވެ. އޭރު މާކިންގެ މޫނުމަތީގައި ހުރި ކުލަވަރުން އޭނާގެ ވާހަކަ މާކިންއަށްވެސް ގަބޫލު ކުރެވެމުންދާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

ބައްޕަގެ ވާހަކަތައް ގަބޫލުކުރަން ބޭނުން ނުވިޔަސް މާކިންގެ ހިތާއި ސިކުނޑި ސުވާލުތަކުން ފުރިއްޖެއެވެ. މެހެކް އޭނާއަށް ހަމަ އޮޅުވާލީ ހެއްޔެވެ؟ އޭނާގެ ބައްޕަގެ ހަގީގަތް ސިއްރުކުރީ ނުބައި ވިސްނުމެއްގައި ހެއްޔެވެ؟ ބައްޕަ އެބުނި ފަދައިން މެހެކްއަކީ އިކްރާމްގެ ރޭވުން ކާމިޔާބު ކުރުމަށް ގެންގުޅޭ ހަތިޔާރަކީ ހެއްޔެވެ؟ ހިތައް އަރަންފެށީ އެއްޗެހި ތަކަކުން އަވަސް ނޭވާތަކަކާއިއެކު މާކިންއަށް ބޯ ހޫރާލެވުނެވެ. އަދި އަތުގައި އޮތް ކަރުދާސް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނާ އެތަނުން ނުކުންނަން ހިނގައިގަތީ ދެވަނަ ފަހަރަށް ބިލާލްގެ މޫނަށް ބަލާލުމެއް ނެތިއެވެ. އޭނާއަށް މެހެކް އޮޅުވައެއް ނުލާނެއެވެ. މެހެކްގެ ލޮލުން އޭނާ ދުށީ ތެދުވެރިކަމެވެ. މައުސޫމްކަމެވެ. އެހީތެރިކަމަށް ބޭނުންވެފައި ވާކަމެވެ. އޭނާ އެކަން ހަނދާނުގައި ބަހައްޓާނެއެވެ. ޝައްކާއި ވަހުމްތަކުން އެހިތުގައިވާ ލޯބި ކުޑަކޮށްވެސް ފަނޑުވިޔަ ނުދޭނެއެވެ. އޭނާ ހަގީގަތް ސާފު ކުރާނެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ބިލާލްގެ އޮފީހުން ނުކުމެގެން ދަމުން މާކިން ފޯނު ނަގާ މެހެކްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ.

ނުނިމޭ

 

 

 

 

144

9 Comments

 1. Varah reethi♥️♥️♥️

  July 4, 2020 at 3:30 pm

  Is mehek bigger than maakin??
  How old is she?

  • Noor

   July 4, 2020 at 6:34 pm

   adhi effaharu min part kiyaaleema ingeyne maakin & mehek gel age😔

  • Laya

   July 7, 2020 at 6:50 pm

   yes makek is 8 years older than ken 😀

 2. 💕Alika💗🌺

  July 4, 2020 at 9:12 pm

  Maasha Allah.
  V v reethi mi part ves.
  When is next waiting for the next part..
  Kobaatha Aashko..
  Laya sis Aashko ah contact kureveyne gotheh ebehtha…
  I think something happened to her… she do comments abadhuves mi story ah. I’ve seen it but mihaaru nufeney

  • Laya

   July 7, 2020 at 6:50 pm

   Aww thank you Alika <3
   Alhey laya ves varah miss vey Aashko ge comments, contavt kuraane gotheh neyngey 🙁
   lets hope she'll come back soon 🙂

 3. Shuba...

  July 5, 2020 at 8:54 pm

  OMG!!! U really left me speechless… Haadha reehchey… Masha Allah❤️❤️❤️

 4. Shuba...

  July 7, 2020 at 12:53 pm

  Alheyyyyyy… Kbr thr next part??? Laya kyvve reply nukuranee???😞😞😞

  • Laya

   July 7, 2020 at 6:48 pm

   alhey Shuba dear, iyye in feshigen submit koffa innaany, laya aky varah buy kujjeh v ma reply ves nukuruveny.. sorry about that.. ekamu abdhuves comments kiyan ingey.. and i get soooo happy reading your comments 🙂

  • Shuba...

   July 8, 2020 at 6:34 pm

   Awwwwww… Luv ya… Can I call u sis… If u don’t mind

Comments are closed.