ވަކިވާކަށް ނޭދެމޭ

އެކުގައިވާން ބޭނުމޭ

އަންނާށޭ ދޫކޮށްފައި ނުދާށޭ

ހުދުކުލައިގެ މުތެއްގެ ސިފައިގައިވާ ބޮޑު އެހެއް ޖަހާފައިވާ އެ އަނގޮޓިއަށް ބަލަހައްޓައިގެން ހުރުމަށްފަހު މެހެކްއަށް އަނެއްކާވެސް މާކިންގެ މޫނަށް ބަލާލެވުނެވެ. އޭރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ސިއްރުވެރި ހިނިތުންވުމެކެވެ. މައުނަވީ ފުން ދެލޮލުގައިވަނީ އުއްމީދުން ފުރިގެންވާ ބަލާލުމެކެވެ.

“މާކިން؟..” މެހެކްގެ އަޑު ނުކުތީ ސިއްރު ސިއްރުންނެވެ.

“މެހެކް.. އެނގޭ ދޯ އަހަރެން ވަރަށް ލޯބިވާކަން.. އައި.. އައި ލަވް ޔޫ މެހެކް..” މެހެކްގެ މުށުގައި އަނގޮޓި ފޮރުވާލަދެމުން މާކިންގެ މަޑު އެހެނަސް އަސަރުން ފުރިގެންވާ އަޑުން ބުނެލިއެވެ. އެއިން ކޮންމެ ހަރަކާތެއް، ކޮންމެ ބަހެއް މެހެކްގެ ހިތުގެ ތެޅުމަށް ބަދަލު ގެނުވަމުން ދިޔައެވެ. ޖަވާބެއްގެ ގޮތުން އިތުރު އެއްވެސް ހަރަކާތެއް ނުކުރި ނަމަވެސް މާކިންގެ ދެލޮލުގެ ތެރެއަށް ބަލަހައްޓައިގެން ހުރިގޮތުން އެވާހަކަތަކާއި މެހެކް ގަޔާވެއްޖެކަން މާކިން ދެނެގަތެވެ.

“އައި ލަވް ޔޫ.. ސޯ މަޗް.. ހިއެއް ނުކުރަން ދުވަހަކުވެސް މިހިތުގައި މިގޮތަށް ލޯބި އުފެދޭނެ ކަމަކަށް.. ބުނިން ދޯ ދުވަހަކުވެސް ފްރެންޑްޝިޕް ނޫން ގުޅުމަކަށް ނޭދޭނަމޭ.. އެކަމަކު.. ސޮރީ މެހެކް.. މިހާރު.. މިހާރު ހީވަނީ… މެހެކްވެސް… ވެދާނެ ކުށްހީ އަކަށްވެސް.. އެކަމަކު.. ޖަސްޓް އިން ކޭސް.. މެހެކްގެ ހިތުގައި އެއްވެސް ވަރަކަށް.. އަހަރެންނާ މެދު އިތުރު އިހުސާސެއް ވާނަމަ.. ލޯބި އުފެދިފައި ވާނަމަ.. ކޮންމެސް އިޝާރާތެއް ކޮށްދީ.. އަހަރެންނަކީ ރައްޓެއްސަކަށްވުރެ ޚާއްސަ މީހެއް ނަމަ.. ޖަސްޓް.. ވިއަރ ދިސް ރިންގް.. އެކަމު އެގޮތް ބޭނުން ނުވާނަމަ އަނގޮޓި ނާޅާ.. މެހެކްގެ އިނގިލީގަ އަނގޮޓި އަޅާ ދުވަހަކީ މާކިންއަށް އާނބަސް ބުނާ ދުވަސް.. އެކަމަކު އެއްވެސް މަޖުބޫރުކަމެއް ނެތް.. މެހެކްގެ ހިތް މިލޯތްބަށް ފުރަގަސް ދިނަސް… މިހާރު މި އޮތް ފްރެންޑްޝިޕަށް އެއްވެސް ބަދަލެއް ނާންނާނެ.. ޖަސްޓް.. ލެޓް މީ ނޯ.. ވަޓް ޔޫ ވޯންޓް..” ވާހަކަ ދައްކާ ނިމުނު އިރު މާކިންގެ އަޑު މަޑު މަޑު ވައި އަޑަކަށް ބަދަލުވެއްޖެއެވެ. މެހެކް ކޮލުގައި އަތުގެ ނުފުށުން މަޑު މަޑުން ފިރުމާލުމަށްފަހު މާކިން އަނެއްކާވެސް އޭނާގެ ފިނިވެފައިވާ އަތުގައި ހިފަހައްޓާލިއެވެ. އޭރު މާކިންގެ ވާހަކަތައް އަޑު އަހަން ހުރި މެހެކްގެ މުޅި ހަށިގަނޑު ވަނީ ފިނިވެފައެވެ. އެސްފިޔަ ޖަހާލުމެއް ނެތި މާކިންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ތުރުތުރެއް އުފެދިފައިވާ އެސްފިޔަތަކުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. މާކިން ދެއްކި ވާހަކަތައް އޭނާގެ ހިތުގެ އެންމެ އަޑިއަށް ފޯރައިފިއެވެ. އެ އަޑުގައި، އެ ބަސްތަކުގައި އޭނާއަށްޓަކައި ވާ މަތިވެރި ލޯބީގެ އަސަރު އެހިތަށް ތަސައްވަރު ކުރެވިއްޖެއެވެ. މާކިންގެ ހިތުގައި އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނުވެއެވެ. އެހިތުގައިވަނީ ތެދުވެރިކަމެވެ. ވަފާތެރިކަމެވެ. ލޯތްބެވެ. އިންތިހާ ދަރަޖައިގެ ލޯތްބެވެ.

މާކިންގެ މޫނަށް ފެންކަޅިވެފައިވާ ނަޒަރުން ބަލަހައްޓައިގެން ހުރުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް މެހެކްގެ ފަރާތުން ނުފެނުމުން މާކިންގެ ހިތުގައި ނުތަނަވަސްކަން އުފެދެންފެށިއެވެ. ބަހެއް ނުބުނި ތަނުގައި ތުންފަތުގައި ހިނިތުންވުމެއްވެސް ނުއުފެދުނެވެ. މެހެކް އޭނާއާއި މެދު ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ އޭނާއާއި މެދު އެހިތުގައި އޮތް އިތުބާރު ގެއްލުނީ ހެއްޔެވެ؟ މާކިންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އިތުރަށް ބުނާނެ އެއްޗެއް، ކުރާނެ ހަރަކާތެއް މާކިންއަކަށްވެސް ނުވިސްނުނެވެ. މެހެކްއަށް ވަގުތުކޮޅެއް ބޭނުންވަނީއޭ ހިތައް އެރުމުން އޭނާ އެހުރި ގޮތަށް އެތަނަށް ދޫކޮށްލުމަށްފަހު މާކިން އިޝާންމެންގެ ކައިރިއަށް ދިޔައީ އިތުރު ފަރާތެއްގެ ލޮލުގައި އެމަންޒަރު އަޅައިނުގަންނާނެ ފަދައިން ހަމަޖެހިލުމުގެ ހިނިތުންވުމެއް މޫނަށް ވެރި ކުރުވަމުންނެވެ. ނަމަވެސް މާކިންގެ ހީ މުޅިން ރަނގަޅެއް ނޫނެވެ. އޭނާއާއި މެހެކްއާއި ދެމެދު ހިނގި ކޮންމެ ހަރަކާތަކަށް އޭނާގެ ބައްޕަ ބިލާލް ބަރާބަރަށް ބަލަމުންދިޔައެވެ. އެދެމެދުގައި ދެއްކި ވާޙަކަތައް އަޑު ނީވުނު ކަމުގައިވިޔަސް އެދެމެދުގައި ދެކެވުނީ އާދައިގެ ވާހަކަތަކެއް ނޫންކަން ބިލާލްގެ ކުޅަދާނަ ސިކުނޑި ދެނެގަތެވެ.

މާކިން މެހެކްއާއި ދުރަށް ހިނގައިގަތުމާއިއެކު ކައިރީގައި ހުރި ނިޢުމަތުގެ ކަންފަތްދޮށުގައި އެއްޗެއް ބުނެލުމަށްފަހު ބިލާލް ޕާޓީ ދޫކޮށް ނުކުމެގެން ދިޔައީ އަތުގައި އޮތް އަގުބޮޑު ފޯނު ކަންފަތުގައި ޖަހާލަމުންނެވެ. އިތުރު އެއްވެސް ފަރާތަކަށް އެމަންޒަރުން އާދަޔާ ޚިލާފުކަމެއް ފާހަގަ ނުވިޔަސް ބިލާލް އެދިޔައީ އާދައިގެ ގޮތަކަށް ނޫންކަން ނިޢުމަތު ޔަގީން ކުރިއެވެ.

ޕާޓީގެ ބާކީ ބައިގައި މާކިންއަށް މެހެކް ފެނުނީ މަދު ފަހަރަކުއެވެ. އަނގޮޓި ދިން ފަހުން މެހެކް ވަގުތު ހޭދަކުރީ އެހެން ކުދިންތަކުގެ ތެރޭގައި، އެހެން ނޫނީ ޕާޓީން ބޭރުގައި އޭނާއަށް ނުފެންނަ ގޮތަށެވެ. އިޝާންއާއި ޝުބާގެ ގާތުގައި ގިނަވަގުތު މަޑުކޮށްލައިގެން ހުރި ނަމަވެސް މެހެކްގެ އެ ދުރުކަން އޭނާގެ ހިތަށް ތަދު ކުރަމުން ދިޔައެވެ. މޫނުމަތީގައިވާ ހިނިތުންވުމަށް ބަދަލު ނުގެންނަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސްކަން އެ މޫނުން ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

ޕާޓީގައި ބައިވެރިވި ދެފަރާތުގެ ގާތްތިމާގެ މީހުން ޕާޓީ ދޫކޮށް ދިއުމުން، ނިމުމަކާއި ހަމައަށް އައި އިރު ތަނުގައި ކައިވެނީގެ ޖޯޑު ފިޔަވައި ބާކީ ތިބީ ޝުބާއާއި އިޝާންގެ އާއިލާ ފިޔަވައި މާކިންއެވެ. ވަރުބަލިވެފައި ތިބި ނަމަބެސް ޝުބާ ބޭނުންވީ އެރޭގެ ކެއުން އެތަނުން ނިންމާލުމަށް ކަމުގައި ވުމުން އެމީޙުންނަށް ޚާއްސަކޮށް ކެއުމުގެ މޭޒު ތައްޔާރު ކުރުމަށްފަހު ވޭޓަރުންނާއި، ދެފަރާތުގެ އާއިލާވެސް އެދެމަފިރިންނަށް ވަގުތު ދިނުމަށްފަހު އެތަނުން ދިޔައެވެ. އެހެން ނަމަވެސް ޝުބާއާއި އިޝާންގެ އާދޭހުގެ ސަބަބުން މާކިންއަށް ޖެހުނީ އެމީހުންނާއިއެކު ކެއުމުގައި ބައިވެރިވާން މަޑު ކުރާށެވެ.

“ކެން.. ކިހިނެތްވެފަ.. މްމް.. ރިންގް ދީފިންތަ؟..” މާކިންގެ މޫނުމަތީގައިވާ ނުތަނަވަސް އަސަރު ޝުބާއަކަށް ނޯޅުނެވެ. މެހެކްއަށް މާކިން ދިން އަނގޮޓިއަކީ އިޝާންއާއި ޝުބާގެ ކައިވެނީގެ ސާމާނު ގަތްއިރު އޭނާ ގަތް އެއްޗެއްކަން އެމީހުންނަށް އެނގުނެވެ. އަދި އެރޭ އެ އަނގޮޓި ދޭނެކަންވެސް އެމީހުންނަށް އޮތީ އެނގިފައެވެ.

“މްމް.. އައި ތިންކް.. ޝީ.. ” މާކިން ބޯ ހޫރާލަމުން އިސް ޖަހާލީ ހިތާމަވެރި ގޮތަކަށެވެ. އެއާއިއެކު ޝުބާއާއި އިޝާންއަށް އެކަކު އަނެކަކާއި ދިމާއަށް ބަލާލެވުނީ މާކިންއާއި މެދު ހަމްދަރުދީ ވަމުންނެވެ. މާކިންއާއި މެހެކްގެ އެއްވެސް ކަމަކަށް ބަސްކިޔާކަށް އެމީހުންނަކަށް ނޭނގެއެވެ. މެހެކްއާއި މެދު މާކިން ގެންގުޅޭ އުސޫލުތައް ތަފާތުކަމުން އޭނާގެ ވާހަކަ މާ ގިނައިން ދައްކަން އެމީހުންވެސް ނުތަނަވަސްވެއެވެ.

“ޗިއަރ އަޕް ދެން.. ދެކުދިން ސްޕެޝަލް ރޭ ސްޕޮއިލް ނުކުރޭ.. އެހހހެމް.. ހަޒްބެންޑް އެންޑް ވައިފް.. ކޮންކަހަލަ ފީލްއެއްވަނީ؟..” މާކިން މޫޑު ބަދަލުކޮށްލަން މަސައްކަތް ކުރަމުން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“ތެދަށް ބުނަންތަ ކެން.. މަށަށް ހަމަ އެއްވެސް ތަފާތެއް ނޫން.. އެންމެ ކުޑަ އިރުއްސުރެ ބޯމަތީގަ އަރާ އިންނަ މީހަކު ވައިފްއަކަށް ވީމަ ކޮން….” އިޝާން ދައްކަމުން ދިޔަ ވާހަކަ ނިންމާލުމުގެ ކުރިން ޝުބާގެ ތޫނު ނިޔަފަތި ތަކުގެ ހަމަލައެއް އޭނާގެ ކަންފަތަށް އެރިއެވެ.

“އެނގޭތަ ދެން އަހަރެންގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭ މީހަކީ ތީކަން..؟” އިޝާންގެ ކަންފަތުން ދޫކޮށްލުމެއްނެތި ލޯ ހަނިކޮށްލަމުން ޝުބާގެ ތޫލި އަޑުން ބުނެލިއެވެ.

“ސާބަސް.. ދެމަފިރިންހެން އުޅެން ފަށާބަލަ..” ހިތުގައިވާ ނުތަނަވަސްކަމާއިއެކުވެސް އެކުވެރިންގެ ޅަ ހަރަކާތްތައް ފެނުމުން މާކިން ހޭންފެށިއެވެ.

“ހޫމްމް.. ދެން ކޮންތާކަށްތަ ހަނީމޫން؟..” އަނެއްކާވެސް ޖެއްސުމުގެ ރާގަކަށް މާކިން އަހާލިއެވެ. އެވަގުތު ސަކަ މިޒާޖުގައި އިން ޝުބާގެ މޫނަށް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް ވެރިވެގެން ދިޔައެވެ.

“މޫނުމޫނަށް ދެވޭތަ؟ އެގްޒާމް މެދުތެރެއިން މެރީ ކުރީމަ.. ދެން އެގްޒާމް ނިމުނީ ކޮންމެސް ސަކަރާތެއް ޖަހާނީ.. ދޯ ވައިފީ..” އިޝާން ޝުބާއަށް ދޯ އެއްލިއެވެ.

“އަޅެ ޗުއްޓީ ފީލް ވާކަހަލަ ޗުއްޓީއެއް ބޭނުންވަނީ.. ހިނގާބަލަ ރަށަކަށް އެންމެން.. ކެންވެސް.. މެހެކްވެސް.. މަޖާވާނެ..” ޝުބާ އިޝާންއަށް މާ ބޮޑު ސަމާލުކަމެއް ނުދީ އަނގަ ތަޅުވަން ފެށިއެވެ. މެހެކްގެ ނަން އަޑުއިވުމާއިއެކު މާކިންގެ ހިނިތުންވުން ފަނޑުވެލިއެވެ.

“މްމް.. މެހެކް ރަށަށް ދާނެ..” މާކިން އިސްތަށިގަނޑުގައި އަތް ހިންގާލަމުން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. އޭނާއަށް މެހެކް ގެއްލިއްޖެކަމުގެ އިހުސާސް ކުރެވެނީއެވެ.

“ޔާ ދޯ… މްމް…..” މާކިން ބުނި އެއްޗަކަށް ވިސްނަން އިނުމަށްފަހު އިޝާންއަށާއި ޝުބާއަށް އެކަކު އަނެކަކަށް ބަލާލެވުނީ އެކުއެކީގައެވެ. ހަމަ އެއާއިއެކު ދެމީހުން އެކުގައި ލޯ ބޮޑުކޮށްލިއެވެ.

“މެހެކްމެން ރަށަށް.. ” އިޝާންއާއި ޝުބާއާއި އެކީގައި ކަހަލަ ގޮތަކަށް އެހެން ކިޔާފައި އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަތުމުން މާކިންއަށް ކަންފަތުގައި އަތްވެސް އަޅާލެވުނެވެ. އެމީހުންނަށް އެ އައި ޚިޔާލު އެވަގުތު މާކިންއަށްވެސް އައެވެ. އެހެން ނަމަވެސް އެއީ މެހެކްއާއި ގުޅުން ހުރި ކަމަކަށްވާތީ އޭނާ އަޅާ ނުލީއެވެ.

“ކެން.. ވަޓް ޔޫ ތިންކް.. މެހެކް ދާއިރު އެރަށަށް ދާންވީނުން.. އަވަރ ހަނީމޫން.. ދެން މެހެކްގެ ކޮއްކޮ ވެޑިންގްވެސް.. ކެން ވެސް ދާނީ.. ޗުއްޓީއަކަށް.. މަޖާވާނެ… މެހެކް.. ގުޅަން ހިނގާބަލަ..” ތޫލި އަޑުން އަނގަ ހަލުވިކޮށްލާފައި ވާހަކަ ދައްކަމުން ދިޔައިރު ޝުބާއަށް ހީވަނީ މިހާރުވެސް އެރަށަކަށް ދެވިގެން އުޅޭހެންނެވެ. އޭނާގެ އެ ދިރުމުން ފުރިގެންވާ ހަރަކާތްތަކަށް ބަލަހައްޓައިގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން އިޝާން ހިނިތުންވެފައި އިން އިރު މާކިން އިނީ މެހެކްއާއި ކުރިމަތިލާން ޖެހިދާނެ ކަމަށްޓަކައި ކޮންމެވެސް ވަރަކަށް ނުތަނަވސް ވެފައެވެ.

ޝުބާ ގުޅުމުން ކުޑަ ވަގުތުކޮޅެއް ތެރޭގައި މެހެކް ޓެރަސް މައްޗަށް އައިސްފިއެވެ. މެހެކް ފެނުމާއިއެކު ގޮނޑީގައި ލައްވެލައިގެން އިން މާކިންގެ ހަށިގަނޑު ތެދުކޮށްލީ ހިންދިރުވާލަމުންނެވެ. އޭނާގެ މެހެކް އޭނާއާއި ދުރަށް ހިނގައްޖެއޭ އޭނާގެ ހިތް ބުނަނީއެވެ. މަޑުމައިތިރި އެހެނަސް އަންހެންވަންތަ ހިނގުމެއްގައި މެހެކް އައިސް މަޑުކޮށްލީ އެމީހުން ތިބި މޭޒު ދޮށުގައެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ހުރި ނަމަވެސް އޭނާގެ މޫނުމަތީގައިވަނީ ހަމަ ޖެހުމެވެ. މާކިންއާއި ދިމާއަށް ބަލާނުލި ކަމުގައިވިޔަސް މާކިން ބަލާލުމާއިއެކު އެތުންފަތުގައި ދުވެލި ހިނިތުންވުން މާކިންގެ ހިއްސުތަކާއި ކުޅެލިއެވެ. ލަސް ހަރަކާތްތަކަކާއިއެކު ޝުބާމެންގެ ކުރިމަތިން މާކިންއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލުމަށްފަހު މެހެކް ޝުބާއާއި ވާހަކަ ދައްކަން ފެށީ އޭނާގެ ވައަތްތިލަ މާކިންގެ އަތުގެ ތެރެއަށް ލަމުންނެވެ. ލިބުނު އުފާވެރިކަމާއި އެއްވަރުގެ ހައިރާންކަމަކާއިއެކު މާކިންއަށް އޭނާގެ އަތުގެ ތެރޭގައި އޮތް މެހެކްގެ އަތަށް ބަލާލެވުނެވެ. މެހެކްގެ ވައަތުގެ ކަށި އިނގިލީގައި އެވަނީ އޭނާގެ ލޯބީގެ ނިޝާނެވެ.

ނުނިމޭ

 

 

 

 

148

4 Comments

  1. 🌺Aashko🌻🌼

    June 27, 2020 at 2:56 pm

    Maasha Allah 😍😍😍😍😍
    V v reethi mi part ves….
    Yayy💃💃 Mehek aa maakin aa gulhuniy dhw❤❤❤
    Maakin ge dad kiyhkuran e ulheniy anehkaa. 🤔Maakin aa mehek aa dhuru nukohfihyaa ragalhu.
    Curiously waiting for the next part 💚💚
    Lysssm sis😗

  2. Kiuntheriyaa

    June 28, 2020 at 7:41 am

    haadha curious kollaafa thin nimmaalee vv reethi mibaives ekam makinge dad kanthah gandeh hinaalaanehen haadha heevey mihaaru gina parentun varah heyluntheri ummeedhu kuran makin dadge visnun rangalhu vaane kamah & waiting for the next part keep it up dear 😉😉

  3. 🌺Aashko🌻🌼

    June 30, 2020 at 12:12 am

    Sis……..
    Comment ah reply ehves nudhiy konthaaku thiulheniy…..
    Mihaaru 10mnt in 10mnt in check kurevey story thah upload kohfithoa. Admin kairy buneba publish kuraashey avahah
    Curiously waiting for the next part…….

  4. 💚Nikko💚

    June 30, 2020 at 12:04 pm

    Kon iraku up vanee
    Waitinggggggg💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

Comments are closed.