ޕޮލިސް ސްޓޭޝަނުން ނުކުތް އިރުވަނީ އިރުއޮއްސި އަނދިރިވެފައެވެ. ޒާރާ ގެއަށް ދިޔައީ ޓެކްސީއަކަށް އަރައިގެންނެވެ. ގެއަށް ގޮސް ބެލް ޖަހާޖަހާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިލިއިރު މުޅި ގޭތެރެ އޮތީ އަނދިރިކޮށެވެ. ފޯނުން ފްލޭޝް ލައިޓު ދިއްލައިގެން ބޮކިތައް ޖައްސަންދިޔަ ގަޑީގައި ޒާރާއަށް މީހެއްގެ ހިލަމެއް ވެގެން ފަހަތަށް އެނބުރެލި ތަނާ އެމީހާ ޒާރާގެ ބޮލުގައި އެއްޗަކުން ޖަހައި ޒާރާ ހޭނައްތައިލިއެވެ.

ޒާރާ ހޭއެރި އިރު އޭނާ އިނީ ގޮނޑިއެއްގައި ބަނދެފައެވެ. ޒާރާގެ ލޯ ވަނީ ފޮތިގަނޑަކުން އައްސައިފައެވެ. މިހެން ކަންތައް ކުރުމުގެ މަގްސަދު ޒާރާއަށް ވަރަށް ރަނގަޅަސް ވިސްނުނެވެ.

“ހަލޯ! އާން! ޒާރާ މީނީ ކުރިމަތީގަ ރަނގަޅަށް ބަނދެފަ! އާން! ލޮލުގަވެސް ފޮތިގަނޑަކުން އައްސާފަ އިންނާނީ… ދޮރު ހުޅުވާށޭ؟ އާން! މި ދަނީ!” ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަން ހުރެފައި އެމީހާ ދޮރު ހުޅުވަން ދިޔައެވެ. އޭނައަކަށް ޒާރާ ހޭއަރައިފި ކަމެއް ނޭނގެއެވެ. މިއީ ޒާރާއަށް ދަންނަ އަޑެކެވެ. ވަރަށް ފަހުންވެސް ޒާރާއަށް މިއަޑު އިވުނުހެން އޭނާއަށް ހީވިއެވެ. ވަލަކުން ގޮނޑީގައި އައްސާފައި އޮތް ޒާރާގެ އަތް ނެއްޓޭތޯ އޭނާ މަސައްކަތް ކުރިއެވެ. ޒާރާއަށް އޭނާ އިންތަންވެސް ޔާގީނެއް ނުވިއެވެ. ޒާރާ އޭނާގެ ސިކުނޑިއައް ބާރުލައިފައި އޭނާއަށް ވީގޮތާއި އެއީ ކާކުގެ އަޑެއްކަން ވިސްނަންފެށިއެވެ.

“އައިހަމް! އެއީ އައިހަމް ގެ އަޑު!” ޒާރާ ހިތާއި ހިތުން ބުނެލެވުނެވެ.

“އައިހަމް! ހަމަ މިހާރު މި ވާގަނޑުތައް މޮހޭ! އައިހަމް!” ޒާރާ އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވައިގަތެވެ.

އައިހަމް ދޮރު ހުޅުވަން ހިނގައިގަން ތަނާ ޒާރާގެ ހަޅޭކުގެ އަޑަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ އަޑަށް އަޅައިނުލާ އައިހަމް އަވަސް ވެގަތީ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވިއިރު ގެއަށް ވަނީ އަހުމަދާއި އަފީފާއާއި އާދިލްއެވެ.

“އަހަނ! ކިހިނެއްވީ ކުއްލި ގޮތަކަށް ތި އައީ؟ ކީއްވެތަ ޒާރާއަށް މިހެން ހަދަން ބުނީ؟” އައިހަމް ސުވާލު ފައްޗެއް އަމުނައިލިއެވެ.

“ތިހާ ސުވާލު ގިނަ ނުކޮށް ދޮރު ލައްޕާފަ އައިސްބަލަ!” އެތެރެއަށް ވަންނަމުން އަހުމަދު ބުންޏެވެ.

“އަހަންނަށް އިނގޭ ތީ އައިހަމް ކަން! އަހަރެންގެ ބޮލުމަތީ ޖެހިއިރު އަހަންނަށް ސިފަވިއޭ ތީ ކާކުކަން! ތީ ކާކު ކަން އިނގެދާނެތީއެންނު އަހަރެންގެ ލޯމަތީ ފޮތިގަނޑު އައްސާފަމީއިނީ! ތިހާ ފިނޑިވާކަށް ނުވާނެ ދޯ! ތީ ފިރިހެނެކޭ!” ޒާރާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

“އަދިވެސް ހަމަ އެހާ ތޫނުފިއްޔޭ ދޯ ބައްޕަގެ ދޫނި!” ޒާރާގެ ލޮލުން ފޮތިގަނޑު ނަގަމުން އަހުމަދު ބުންޏެވެ. ޒާރާ ވަށައިގެން ލޯ ހިންގައިލިއިރު އޭނާ އިނީ އެޕާޓުމެންޓު ތެރޭގައެވެ.

“ކޮބާ މަންމަ؟ ކޮބާ މާމަ؟ ބައްޕަ ކީއްވެ މިތާނގަ ތިހުރީ؟” ޒާރާ އެހިއެވެ.

“ހެހެ އެދެމީހުން ވީ ތަނެއް ބަލާނެކަމެއް ނެތް! އައިހަމް…މި ވާގަނޑުތައް ނައްޓާބަލަ ނިކަން!” އަހުމަދު އައިހަމް ގާތު ބުންޏެވެ.

“އެކަމަކު…” އައިހަމް ހުއްޓުވައިފައި އަހުމަދު ބުންޏެވެ.

“ތިހާ ސުވާލު ނުކުރާށޭ ބުނެފީމެންނެ! ދެން އިތުރަށް ސުވާލެއް ކޮށްފިއްޔާ ފައިސާކޮޅެއް ނުލިބޭނެ!” އަހުމަދު މިހެން ބުނުމާއި އެކު އައިހަމް އަވަސް ހަރާކާތްތަކާއިއެކު ޒާރާގެ ހަށިގަނޑުގައި އޮޅައިފައި ހުރި ވާތައް ނައްޓައިލިއެވެ. ވާތައް ނައްޓައިލުމާއިއެކު ޒާރާ ގޮޑިން ތެދުވެ ސަލާމަތް ވާން މަސައްކަތް ކުރިއެވެ. ޒާރާ ހުއްޓުން އެރީ މަންމަގެ ކޮޓަރިން ނެރުނު އޭނާގެ މަންމައާއި މާމަ ފެނިފައެވެ. އެދެމީހުންވެސް ތިބީ ހޭނެތިފައެވެ. ޒާރާހެން ގޮނޑީގައި އައްސައިފައި ތިބިއިރު އަނގަމައްޗާއި ލޯމަތިވެސް ފޮތިން ނިވާކޮށްފައިވެއެވެ.

“ފެނޭ ދޯ އެބަ އެ ދެ މީހުން؟ އެއްވެސް ހުށިޔާރު ކަމެއް ދައްކައިފިއްޔާ ޒާރާ ގެ ކުރިމަތީ އެދެމީހުންގެ ދުވަސް ދުއްވާލާނަން!” އަހުމަދު ޒާރާގެ ކަންފަތް ކައިރީ ސިއްރު ސިއްރުން ބުނެލިއެވެ. ޒާރާގެ ހިތް އަވަސް ވަމުން ދިޔައެވެ. ހަދާނެ ނުހަދާނެ ގޮތް ނޭނގި ގޮތް ހުސްވެފައި ޒާރާ ހުއްޓެވެ.

“ޒާރާ! ޒާރާ ހީކުރީ ޒާރާ ކޮންމެ ކަމެއް ކުރިޔަސް އަހަރުމެންނަކަށް ނޭނގޭނެކަމައްތަ؟ ދައްތަ ހީކުރީ ޒާރާ އެއަށް ވުރެ ބޯބޮޑުވާނެ ކަމައް!” އަފީފާ ބުންޏެވެ.

“މިއަދު އިނގޭތަ މިއީ ކޮންދުވަހެއް ކަން؟” އާދިލް ޒާރާ ގާތު އެހިއެވެ. ބިރުން ވާނެ އެއްޗެއް ވެފަ ހުރި ޒާރާގެ އަނގައިން އަޑެއް ނުވެސް ނިކުތެވެ. ހީވަނީ އަރުތެރެ ބެދިފައި ހުރިހެންނެވެ. ކިތަންމެ ބިރުން ހުއްޓަސް އެކަން ޒާރާ އޭނާގެ މޫނުމައްޗަށް ގެންނާކަށް ބޭނުމެއްނުވިއެވެ. ޒާރާ ޖަވާބުދާރީ ވުމުގެ ގޮތުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ހެހެ… މިއަދު މީ ޒާރާގެ ލޯބިވާ ދޮންތަ މަރުވިތާ އަށް މަސް ފުރޭދުވަސް! އާން! ގަޑިން ވީވަރު އެނގޭތަ؟ ދަންވަރު 2 ޖަހަނީ! އެކަމު ނާޔާ މަރުވީ ހެނދުނުގެ ވަގުތުގަ! އެހެންމަ ޖެހޭނެ ދޯ ހަވަރަކަށް ގަޑިއިރު މަޑުކުރަން!” އާދިލް އަހުމަދަށް ބުންޏެވެ.

“އާން! ޒާރާއަށް އިނގޭތަ ދޮންތަ މަރުވީ ކިއްވެގެންކަން؟ ހަމަ ޒާރާހެން އުޅުނީމަ!” އަހުމަދު ބުންޏެވެ. “މަރުވީ” މި ބަސް އައިހަމް ގެ ކަންފަތުގައި ޖެހުމުން އައިހަމްގެ ހިތު ތެރޭގައި ބުނަން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދެން ފެށިއެވެ.

“އަހަރެންހެން އުޅުނީމައޭ؟” އުނދަގުލުން ނަމަވެސް ޒާރާގެ އަޑު މިފަހަރު ނުކުތެވެ.

“އާން! ވީގޮތް ކިޔައިދޭންވީ…” އަހުމަދުގެ ވާހަކަ ހުއްޓާލަން ޖެހުނީ ފަހަތުން އައިންތު ގޮވީމައެވެ.

“އަހުމަދޫ! ތިހެން ހަދަން ހެޔޮނުވާނެ! އަހަރެން ހީކުރީ އަހުމަދު ބަދަލު ވީކަމަށް!” ރަނގަޅަށް ހޭނާރާ ހާލު އައިންތު ބުންޏެވެ.

“ހެހެ… އައިންތުއަށް ހީވޭތަ މީހަކު އެހާ އަވަހަށް ބަދަލު ވެދާނެހެން؟ އޭނ! މީ ހުސް އަހަރެންގެ ފިލްމުގެ ބައިތައް! އައިންތުއަށް ހީވެތަ އަހަރެން އައިންތުގެ ފައި ބުޑަށް ވެއްޓި ރޮއެ އާދޭސް ކޮށް މާފުކުރާށޭ ބުނާނެހެން؟ އަހަރެން އަދި ތިހާ ނިކަމެއްޗެށް ނުވޭ!” އަހުމަދު މިވާހަކަތައް ދައްކަން އުޅުނު އިރު ޒާރާ ބެލީ އޭނާގެ ފޯނު ހޯދޭތޯއެވެ. އެއްފަރާތުގައި ބާއްވައިފައި އޮތް އޭނާގެ ދަބަސް ހާވަން ފެށީ ފޯނު އަތުޖެހޭނެ ކަމުގެ އުއްމީދުގައެވެ. ފޯނު ނަގައިގެން އަނެއް ފަރާތައް އެނބުރެލުމާއި އެކު ޒާރާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ކުރިމަތީ ހުރި އަފީފާ އޭނާގެ ފޯނު އަތުލަން އުޅުނެވެ. ޒާރާ އެނާގެ ފޯނު ދިފާއު ކުރުމުގައި ދެމި ހުއްޓެވެ. އަފީފާ ޒާރާގެ އިސްތަށިގަނޑުގައި ހިފާ ދަމަން ފެށިއެވެ. ވީތަދެއްގެ ސަބަބުން ޒާރާގެ އަތުގައި އޮތް ފޯނު ވެއްޓި ޒާރާއަށް އޭނާގެ ބޮލުގައި ހިފައިލެވުނެވެ.

“ބައްޕަ ބުންޏެންނު މާ ހުށިޔާރު ނުވައްޗޭ!” އަފީފާ ޒާރާއާ ދިމާލަށް ބުންޏެވެ.

“ބައްޕާ! މަންމައާއި މާމައަށް އެއްވެސް ގޮތެއް ނަހަދާތި ޕްލީސް! ބައްޕާ! ހެޔޮނުވާނެ… މަންމައާ މާމަ ދޫކޮށްލާ!” ޒާރާ އޭނާގެ ބައްޕަގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރަން ފެށިއެވެ.

“ތި ތިން މީހުންގެ ނަސީބުގަ އޮތީ މިއަދު މަރުވުން! އެކަމު އެހާ ފަސޭހައަކުން މަރައެއް ނުލާނަން! ޒާރާގެ އެންމެ ފަހު ބޭނުން ފުރިހަމަ ކޮށްދޭނަން! އެހާ ނުލަފާއެއް ނޫން ބައްޕައެއްވެސް!” މި ބަސްތަކުން ޒާރާއަށް ވުރެ ބޮޑަށް އައިހަމް ބިރު ގަތެވެ.

“އަހުމަދުބޭ… މިހާރު ކިހާ ލަސްވެއްޖެ އަހަރެން މިދަނީ ގެއަށް ހިނގޭ!” އައިހަމް ބުންޏެވެ.

“އޭ! ބިރު ގަތީތަ؟ ލާރިއެއް ބޭނުމެއް ނޫންތަ؟ އަވަހެންނު ފިލަން އުޅޭލެއް! ހީ ނުކުރާތި ދެން މިތަނުން ސަލާމަތް ވެވޭނެ ކަމަކަށް! އައިހަމް ތިއީ މިހާރު އަހަރުމެންގެ ރޭވުމުގަ ހިމެނޭ ވަރަށް މުހިންމު މީހެއް! އައިހަމް ނެތްނަމަ އަހަރުމެން މިހާރު ތިބޭނީ ފުލުހުންގެ ބެލުމުގެ ދަށުގަ! އައިހަމް ޒާރާ ފަހަތުން އޭނަ ދާ ތަންތަނަށް ގޮސް އަހަރުމެންނަށް އޭނަ ޕޮލިހަށް ދިޔަ ހަބަރު ނުދިންނަމަ އަހަރުމެން މިހާރު ތިބޭނީ މިތާކުއެއް ނޫން!” އަހުމަދު ބުންޏެވެ. ވަގުތުން ޒާރާ އައިހަމްއަށް ވައްކަޅިން ބަލާލިއެވެ. އެބެލުމުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ބޭބޭ! މިހާރު ޕޮލިހުން އުޅޭނެ އަހަރުމެން ހޯދަން! ދެން ކިހިނެއް ހަދާނީ؟” އާދިލް އެހިއެވެ.

“ހަމަޖެހޭ…. ހަމަ ރޭވި ގޮތަށް ކަންތައް ކުރާނީ!” އަހުމަދު ބުންޏެވެ.

ޒާރާގެ ބޮލުގައި ނާޔާ މަރުވީއްސުރެ ފުނި ޖެހެންފެށި ސުވާލުތައް ކުރަން މިއީ ރަނގަޅު ވަގުތެއްކަމަށް ޒާރާ ދެކުނެވެ. ދައްތަ ޒާރާ އަތުން ފޯނު އަތުލިއެއްކަމަކު ޒާރާ ސުވާލު ނާހައެއް ނުހުންނާނެއެވެ. އެހެންކަމުން ޒާރާ އޭނާގެ ބައްޕައާއި ސުވާލު ކުރަން ފެށިއެވެ.

“ބައްޕާ! ދޮންތަގެ ކޮން ކުށެއް އޮވެގެންތަ ބައްޕަ ދޮންތަ މަރާލީ؟” ޒާރާ ސުވާލުއެހިއެވެ.

“ބުނީމެންނު ޒާރާ އުޅޭ ގޮތަށް އުޅޭތީއޭ! ޕޮލިހަށް އަންގާފަ ބައްޕަމެން ހައްޔަރު ކުރަން ދޮންތަވެސް އުޅުނީ… އެހެންވެގެން ދޮންތަ މަރާލީ…” އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން އަހުމަދު ވީކަންތައް އަލިފުން ޔާއަށް ކިޔައިދެމުން ގެންދިޔައެވެ.
…………………………………………………

އެއީ މީގެ އަށްވަރަކަށް މަސް ކުރިއެވެ. ނާޔާ އަކީ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވަޒީފާ އަދާ ކުރަމުން ދިޔަ ސައުވީސް އަހަރުގެ ހީވާގި ކުއްޖެކެވެ. އެއްރެއެވެ. ނާޔާ ޑިއުޓީ ނިންމައިފައި އައިރު ދަންވަރު އެކެއް ޖަހަނީއެވެ. ވަރުބަލިކަމާއި އެކު ގޭތެރެއަށް ވަދެގެން އައި ނާޔާއަށް އޭނާގެ ދައްތަގެ ކޮޓަރި ތެރެއިން ބަޔަކު މީހުން ވާހަކަ ދައްކާ އަޑުއިވުނެވެ.

“ބޭބޭ! މިކަންތައް މީހަކަށް ފަޅާ އަރައިފިއްޔާ… ކިހިނެއް ހަދާނީ؟” އަފީފާ އެހިއެވެ.

“ކިހިނެއް މިކަން މީހަކަށް ފަޅާ އަރާނީ؟ އޭނ! ކިތައް ދުވަސް ވެއްޖެ މިކަން ކުރާތާ؟ ފަޅާއަރަންޔާ މިހާރު އޮންނާނީ ފަޅާއަރަފައެންނު!” އަހުމަދު ބުންޏެވެ.

“ތެދެއް އަފީފާ… ތިހާ ވަރަށް ނުވިސްނަބަލަ! ކޮންމެ ރެއަކު ތަކުރާރުކޮށް މިސުވާލުތައް ކުރާނެ! ތި އެއް ނޫނޭ! މާލެއިން ބޮޑު އޯޑަރެއް އައިއްސި! ބުނާ އަގަކަށް ގަންނަން ތައްޔާރަށް ތިބީ!” އާދިލް ބުންޏެވެ.

“އަނެއްކާ ކޮންއެއްޗެއް ބުނާ އަގަކަށް ވިއްކަން އެ އުޅެނީ؟” ދޮރު ކައިރީގައި ކަންފަތް ޖަހައިގެން ހުރި ނާޔާ ހިތާއި ހިތުން ސުވާލު ކުރެވުނެވެ.

“ބުނާ އަގަކަށޭ! ޔާރައްބީ! އަހުރުމެން މުއްސަނދި ވާން މިއުޅެނީ… މިހާރު އެކައުންޓުގަ ލާރި ގިނަކަމުން ނޭނގެ އޭގެން ބަންޑުން ނުވާނެ ކަމެއްވެސް!” އަހުމަދު މިހެން ބުނުމާއި އެކު އެންމެން އެއްފަހަރާ ހޭން ފެށިއެވެ. ބޭރުގައި މި ވާހަކަތައް އަޑުއަހަން ހުރި ނާޔާގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. ސުވާލުތައް ނާޔާގެ ބޯމަތީ އެނބުރެން ފެށިއެވެ. އެތެރޭގައި ހިނގާ ކަންތައްތައް ނާޔާ ބަލަން ބޭނުންވިއެވެ. ނަމަވެސް އެހާ ހިތްވަރެއް ނާޔާގެ ނެތެވެ.

“އަހަރެން ހީކުރި ރަށްފުށު ވީމަ އޯޑަރުތަކެއް ނުލިބޭނެކަމަށް! އެކަމަކު އޭރު އަހަރެން ހަނދާން ނެތުނީ މީ މަސްތުވާ ތަކެތީގެ ވިޔަފާރި ކަމެއް!” ހިނިގަނޑެއް ޖަހައިލަމުން އަހުމަދު ބުންޏެވެ. މި ވާހަކަ ނާޔާއަށް އަޑު އިވުމުން ހީވީ އޭނާގެ ފައިދަށުން ބިންގަނޑުދަމައިގެން ހެންނެވެ. ލިބުނު ޝޮކެއްގެ ސަބަބުން ނާޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. ފާރުގައި ނުހިފޭއްޓިނަމަ ނާޔާ މިހާރު އޮންނާނީ ބިންމަތީގައެވެ. ކުރިއަށް ޖެހިލައިފައި އެމީހުން ތިބި ކޮޓަރީގެ ތަޅު އަނބުރައިލައިފައި ނާޔާ އެތެރެއަށް ވަނީ އެއްވެސް އިޙްތިޔާރަކައި ނުލައެވެ. ނާޔާއަށް އެހާ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ހުދު ނާޔާއަކަށް ވެސް ނޭނގުނެވެ. ނާޔާ އެތެރެއަށް ވަނުމާއިއެކު ފާޑެއްގެ ޕެކެޓުތަކެއް ދަބަހަށް އަޅަން ތިބި އެންމެންހެން އެއްފަހަރާ ތެދެވިއެވެ. އަހުމަދުމެންވެސް ތިބީ ހުރިތަނުން ގުޑާލަން ނުކެރިފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ދަރިފުޅު ހީކުރާ އެއްޗިއްސެއް ނޫންމީ!” އަހުމަދު އަވަސް އަވަހަށް ނާޔާ ގާތަށް ދަމުން ބުންޏެވެ.

“ދެން ކޮންއެއްޗިއްސެއްމީ؟ އަހަރެން ހުވަފެނުގައެއްވެސް ހިއެއް ނުކުރަން ބައްޕަ ތިކަހަލަ ކަމެއް ކޮށްފާނެކަމަކަށް! އަހަރެން ހިއެއް ނުކުރަން ބައްޕަ ތީ ލާރިއާ ހެދި މޮޔަވެފަ ހުރި މީހެއްކަމަކަށް!” ނާޔާއަށް މިހިސާބަށް ބުނެވުނުތަނާ ރޮވެންފެށުނެވެ.

“ދަރިފުޅާ…” އަހުމަދަށް ބުނެވުނީ ވަކި ހިސާބަކަށެވެ.

“އަހަރެން މި ގުޅަނީ ޕޮލިހަށް!” ނާޔާ ފޯނުނަގައި ނަމްބަރު ތަކަށް ފިއްތާލަމުން ބުންޏެވެ.

“ތި ގޯސްވަނީއޭ! ގެނެ ފޯނު!” ފޯނު އަތުލުމަށްފަހު އާދިލްއަށް ދެމުން އަހުމަދު ބުންޏެވެ.

“ބައްޕާ! ތި ކަންތައް ހުއްޓަން މިދެނީ އެއް ފުރުސަތު! ހަމަ މިހާރު ތިކަން ހުއްޓާލާ! އަހަރެން ހިއެއް ނުކުރަން ބޭބެއާ ދައްތަގެ އަތެއްވެސް މިކަމުގަ އޮންނާނެ ކަމަކަށް!” ނާޔާ ބުންޏެވެ.

“ނާޔާ! މީ ވީކަމެއް ކަމަށް ހަނދާން ނައްތާލާ! ނާޔާއަށްވެސް ދޭނަން ލިބޭ ފާއިސާގެ ބައެއް!” އަފީފާ ނާޔާ ގާތަށް ޖެހިލަމުން ބުނެލިއެވެ.

“ޗީޑި! އަހަރެން އޮޅިގެންވެސް ތިކަހަލަ ކަމެއް ނުކުރާނަން! ބައްޕާ! ލާރި ބޭނުންވި ނަމަ އަހަރެން ގާތު ބުނިނަމަ އަހަރެންވެސް ދިނީމުހޭ! މަންމައަށް ތިކަން އެނގެއްޖިއްޔާ ކިހާ ދެރަ ވާނެ!” ނާޔާ ބުންޏެވެ.

“ނަމަ ނަމަ އެކެއްގާތުވެސް މި ވާހަކަ ނުބުނާތި! އެހެންނޫނިއްޔާ ބައްޕައަށް ވުރެ ނުލަފާ މީހެއް މުޅި މި ދުނިޔެމަތީގައެއްވެސް ނުހުންނާނެ!” އަހުމަދު ވަރަށް ރުޅި އައިސްފަ ހުރި ރާގަކަށް ބުންޏެވެ.

“ބޭބެ! ތިހާ ބާރަށް ވާހަކަ ނުދައްކައްބަލަ! މީހަކަށް އަޑުއިވިދާނެ!” އަފީފާ ބުންޏެވެ.

“ހެޔޮ! ހެޔޮ ކޮންމެ މީހަކަށް އަޑު އިވުނަސް! ނާޔާ! ނާޔާއަށް ބައްޕަ ތި ނޭނގުނީ! އާން! ބައްޕަ މީ ލާރިއާ ހެދި މޮޔަ ވެފަ ހުރި މީހެއް! ލާރިއައްޓަކާ ބައްޕަ އެއްވެސް ކަމެއް ކުރާކަށް ފަހެއް ނުޖެހޭނަން! އެ ހެޔޮ ބައްޕަ އަތުން ދަރިފުޅު މަރާލަން ޖެހުނަސް!” އަހުމަދު ރުޅި އައިސްފައި ހުރި ވަރުން އޭނާގެ އަޑު ތުރުތުރު އަޅާ ގޮތްވެއެވެ. މި އަޑު އިވުނު ނާޔާއަށް ހީވީ އޭނާގެ ހިތަށް މީހަކު ހަންޖަރެއް ހަރައިލިހެންނެވެ. ނާޔާ ހުރީ އޭނާއަށް އިވިނު ބަސްތައް ގަބޫލު ކުރަންވެސް ނޭނގިފައެވެ.

“މާދަމާއަކީ ނާޔާގެ ފަހު ދުވަހަށްވެސް ވެދާނެ!” އަހުމަދު އިންޒާރު ދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. މިހެން ބުނުމާއި އެކު ނާޔާ އޭނާގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ނިދާފައި އޮތް ޒާރާއަށް ހޭލެވިދާނެތީ ވަރަށް މަޑުމަޑުން ގޮސް ފާހަނައަށް ވަނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ނާޔާގެ ކޯތާފަތްމަތި ތެންމަމުން ދިޔައެވެ.

“ބޭބޭ! ކީކޭތި ބުނީ؟” ހައިރާންވެ ހުރެ އަފީފާ އަހައިލިއެވެ.

“ހަމަ ތިދެމީހުންނަށް އަޑު އިވުނު އެތި!” ރުޅި އައިސްފައި ހުރިވަރުން އަހުމަދު ބުންޏެވެ.

“ބޭބެ! ހަމަޖެހިބަލަ! އަން! މީގެން ވަސްބަލާލަބަލަ! އޭރަށް ހަމައަކަށް އެޅޭނެ!” އާދިލް ދިން އެއްޗަކުން އަހުމަދު ވަސްބަލައިފައި ސޯފާގައި އިށީނދެލައިފައި ހަމަޖެހިލިއެވެ.

“ބޭބޭ… ހަމަ ނާޔާ މަރާލަނީތަ؟” އާދިލް އެހިއެވެ.

“އާން! ތި ނޫން ގޮތެއް ނެތް! އޭނަ މަޑަކުން ނުހުންނާނެ! މިހާރު ކިތަންމެ ބިރުން ހުއްޓަސް މާދަމާ އިރު އެރުން ލަސްވެފަ އޭނަ ހުންނާނީ!” އަހުމަދު ބުންޏެވެ.

“ބޭބެ އެބުނީ ތެދެއް! މިކަންތައް ފަޅާއަރަން ބޭނުން ނޫނިއްޔާ ޖެހޭނީ އޭނާ މަގުން އެއްފަރާތް ކުރަން! އެއީ މިހާރު މިކަމަށް އެޅޭ ހުރަހެއް!” އަފީފާ ބުންޏެވެ.

“އެކަމު ވަޅި ހަރައިފިއްޔާ އިނގޭންނު ބަޔަކު އޭނަ މަރައިލިކަން… އޭރަށް ޕޮލިހުން ތަހުގީގު ކުރަމުން ކުރަމުން އަހަރުމެންނާއި ހަމައަށް އަންނާނެ!” އާދިލް ބުންޏެވެ.

“ވަޅި ހަރައިގެން އެކަނިތަ މީހަކު މަރައިލެވެނީ؟ އޭނ! އަހަރެން ވިސްނައިފިން ހަދަންވީ ގޮތް! ތި ދެމީހުން ޖެހޭނީ އަހަރެންނަށް އެއްބާރުލުންދީ އަހަރެން ބުނާކަމެއް ކުރަން!” އަހުމަދު ސޯފާއިން ތެދުވަމުން ބުންޏެވެ.

“ކިހިނެއްތަ ހަދަން ތި ވިސްނަނީ؟ މިކަންތައް ފަޅާއަރައިފިއްޔާ؟” އަފީފާ ކުޑަކޮށް ޖެހިލުންވެ ހުރެ އެހިއެވެ.

“ހެހެ… އަހަރުމެން ހަދާނީ ބޮލުގެ އެއްޗެއް! އަހަރުމެން އޭނަ މަރާލާނީ… އެކަމު މީހުންނަށް ފެންނާނީ އޭނަ އަމިއްލައަށް މަރުވެފަ އޮއްވާ!” އަހުމަދު މިހެން ބުނުމުން ދެމީހުންވެސް އެކަމާއި އެއްބަސްވިއެވެ. އަދި ލަސްނުކޮށް ކަންތައް ކުރަންވީ ގޮތް ރޭވިއެވެ.
-ނުނިމޭ-

70

5 Comments

  1. Ram

    June 25, 2020 at 6:33 am

    VVV reethi heevanee hama manzaru fennahen kiyaairu

  2. Raaya

    June 25, 2020 at 11:09 am

    Awwn thanks ram😊❤❤

  3. Nafu✨

    June 25, 2020 at 4:00 pm

    masha allah. mi bai vs vr rythi vr furihama. ekam alhugandah vr faahaga vi “ingey” hunna than thanah “hingey” liyefa hunna kan. kurin partehga vs fenun. ekam typing mistake eh kamah nubuny.. curiously waiting for next part. keep it up.. stay safe.

    • Raaya

      June 25, 2020 at 4:29 pm

      Thanks nafu… kuh fahaaga kohdhineethy… vrh olhey “ingey” “higey”… but dhen anna episode ah vaa irah kuh rangalhu kohlaanan. Thank you nafu🤩❤❤… stay safe

    • Raaya

      June 25, 2020 at 4:32 pm

      Btw… nafu ge vaahaka ah comment kohffa innaany…. but neyge keevegen kameh abadhu innany pending ah gossa😅

Comments are closed.