މަޢާފްކުރާށެވެ.
ތަފާތު ރީތި ކުލަތަކުން އުޑުމަތި ޖަރީކުރަމުން އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އެރީތި ވިލާތަކުގެ ފުރަގަހުން ބޮނދަމުން އުދަރެހާ ނިވާވާން ދަނީއެވެ. ކަނޑުގައި ފެތުރިފައިވާ ހަމަހިމޭން ކަމުގެ އޮމާން ސާލުގައި އިރުގެ ދޯދިތައް ވިދާބަބުޅަމުން ދެއެވެ.ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާއްޔަށް ދިޔުމަށްޓަކައި ދަތުރު ކުރަމުންދެއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތައްވެސް އެދޮންވެލިގަނޑަށް ބޮސްދެމުންދަނީ ނުހަނު އޯގާތެރިކަމާ އެކުގައެވެ. އަތިރިމަތީ ކުޅެންއުޅުން ކުޑަކުދިންތައްވެސް ސަކަރާތްޖަހަމުން ގެއަށްދިޔުމަށްޓަކައި ހޭޅިން ރަށުތެެެއަށް ދެވެން އޮތްމަގުން އެއްގަމަށް އަރަމުން ދަނީއެވެ.
އެންމެންގޮސްހުސްވިއިރުވެސްގޮނޑުދޮށުގައި އިށީންދެލައިގެން އިންޢާރިފް އަދިވެސްއިނީ އޮއްސެމުންދާ އިރަށް ބަލަހައްޓައިގެންނެވެ.އިރުގެ ރަންދޯދިތަކުން މުޅި މާޙައުލު ޖަރީކޮށްފައި ވީނަމަވެސް އެމޫނުގައި ވަނީ މާޔޫސްކަމެވެ. ހިތާމައެވެ. އެހިތްގައިމު މަންޒަރުން އެއްވެސް އުފަލެއް ނުލިބޭފަދައެވެ.ދެއިނގިލި ދޭތެރޭގައިވާ ސިނގެރޭޓްބުރިން އަރަމުންދާ ދުންތައް ސީދާ އަމާޒުވެފައިވަނީ އޭނަގެ މޫނަށެވެ. އެހެންނަމަވެސް އޭގެން އެއްވެސް އުނދަގުލެއް އޭނަޔަށް ވާހެނެއް ހިޔެއްނުވެޔެވެ..
އިރު އޮއްސުމާއި އެކު އޭގެފަހަތުން އެރި ހަނދު ތަރިތަކާއި އެކު އޭގެ ދަރުބާރުގައި ރަނިކަންފެށިއެވެ. ހަނދުވަރުގެ ރިހިއަލިން މުޅިތަން އުޖާލާ ކުރަމުންނެވެ. މުޅިއެހިސާބުންވެސް މިހާރު ޢާރިފް ފިޔަވައި އިތުރު އިންސާނެއްގެ ހިލަމެއް ކީތްކުރަން.. ދިރޭފުރާނައެއްގެވެސް އެއްވެސްހިލަމެއް ނުވެއެވެ. އިވޭހާވެސް އަޑަކީ ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުގެ މިޔުޒިކާއި މުޅި މާޙައުލަަށް ވެރިވެފައިވާ ހީރިގޮވާ އަޑެވެ. ސިނގެރޭޓް ބުރި އެއްލާލުމަށް ފަހު ޢާރިފް މަޑުމަޑުން ދޮންވެލިގަނޑުގައި އޮށޯވެލިޔެވެ.އަދި ލޯމަރާލިއެވެ. އެސިނގެރޭޓަށް ޢާރިފް އެޅި އެއްޗެއްގެ އަސަރު މަޑުމަޑު އޭނައާށް ކުރަމުން ދެއެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުންދަނީ މީގެ ފަސް އަހަރު ކުރިން ދިމާވިއެ ހިތާމަވެރި ހާދިސާގެ ޚިޔާލުތަކެވެ.
ކިތަންމެ ދުވަހެއްވިޔަސް ދެން ޢާރިފް އަކަށް ޝާނީއެއް ނުފެންނާނެއެވެ.
އެއީ ރަށާއި ތަންކޮޅެއް ދުރުގައިވާ ފަޅުރަށެއް ކަމުގައިވާ “ނާބަހުރާ” އަށް ޢާއިލާ އާއި އެކު ދަރުހޮވަން ގޮސް އުޅުމުގެތެރޭ ގައި ދިމާވި ހާދިސާއެކެވެ.އެދުވަހު ޢާރިފް ޝާނީ އާއި ސަމާސާއެއް ކޮށްލުމުގެ ގަސްތުގައި ރަށުގެ ގަސްބޯހިސާބެއްގައި ބެހެއްޓުމަށްފަހު ފިލީއެވެ.އެހެންނަމަވެސް އެދުވަހުގެ އެ ސަމާސާ ޢާރިފްގެ މުޅި ޢުމްރުގެ ހިތާމަޔަކަށް ވެދާނެ ކަމަކަށް ފަހަރެއްގައިވެސް ޢާރިފް ހިޔެއް ނުކުރެއެވެ. .އަދި އެކަހަލަ ކަމެއް އެހާ ކުއްލިގޮތަކަށް ހިނގާފާނެކަމަކަށް ވެސް ހިޔެއް ނުމެކުރެއެމެވެ.
އެދުވަހުގެ ދަތުރުގައި ބައިވެރިވި އެންމެން ޝާނީ ހޯދުމަށް ޓަކައި ވަރަށް މަސައްކަތް ކުރިއެވެ. އަދި ފުލުހުންނަށް ވެސް ގުޅިއެވެ.ފުލުހުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެރަށުގެ ވަލުތެރެ ބަލާ ހޯދުމުގެ ތެރޭގައި ޝާނީ ފެނުނީ އެރަށު ވަލުތެރޭގައި ކޮނެފައި ހުރި،ފުން ވަޅުގަނޑަކަށް ވެއްޓި މަރުވެފައި އޮއްވައެވެ.
ކުއްލިޔަކަށް މޫދަށް ގާކޮޅެއް އެއްލިކަހަލަ އަޑެއް އިވިގެން ޢާރިފް ބޯހިއްލާލާ މޫދަށް ބަލާލިއެވެ. އަދި އޭނަ އޮތް ދިމާ ފުރަގަސްވެސް ބަލާލިއެވެ. ހަނދުވަރުގެ އަލިއެޅިފައިވާ ހޭޅީގެ ގަސްތައް ފިޔަވާ އިތުރު އެއްޗެއް ފެންނާކަށް ނެތެވެ. އަދި އަތުކުރީގައިވާ ގަޑިޔަށް ބަލާލިއެވެ. އަށްގަޑިބައި ވަނީއެވެ. އެއީ ހީވިގޮތެއް ކަމަށްބަލާ ގެއަށް ދިޔުމަށްޓަކައި އެއްގަމާއި ދިމާއަށް އޭނަ ހިނގައިގަތެވެ.
ހޭޅީގެ ތެރެއިން ރަށުތެެެއަށް ދެވެންއޮތް މަގަށް މިސްރާބުޖެހިއެވެ.
“ޢާރިފް”!! ކުއްލިއަކަށް އޭނަ ހުއްޓުން އެރީ ކޮންމެވެސް މީހަކު އޭނަގެ ނަމުން ގޮވާލި އަޑުއިވިގެންނެވެ. އެއީ އަންހެން އަޑެކެވެ. ފަސްއެނބުރި ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ޢާރިފް އަކީ ރޫޙާނީ ކަންކަން ޤަބޫލުކުރާ މީހެއްނޫނެވެ. އެހެންކަމުން އެއީވެސް ހީވިގޮތެއް ކަމަށް ނިންމައި ކުރިއަށް ހިނގައިގަތެވެ.
މާދުރަށް ނުދެވެނީސް ކައިރީގައިހުރި ރުކަކުން ފަނެއް ކުރިމައްޗަށް ވެއްޓުނެވެ. ފަނުން އޭނަގައިގަ ނުޖެހުނީ ހަމަކިރިޔާއެވެ. ޢާރިފް އަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. ހަމައެއާއި އެކު އަނެއްކައިވެސް ފަހަތުން އެމީހަކު ގޮވާލި އަޑު އިވުނެވެ.. އެހެންނަމަވެސް މިފަހަރު އެއީ ކުއްހީއެއް ނޫނެވެ.ފަސްއެނބުރި ބަލާލިއިރު ފެނުނު އެމަންޒަރާއި އެކު ޢާރިފްގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ.”ޝާނީ؟؟!” ޢާރިފް އަށް ޤަބޫލެއްނުކުރެވުނެވެ. ކުރެވޭނީވެސް ކިހިނެތްހެއްޔެވެ؟ ޝާނީގެ ފުރާނަނެތް މަސްގަނޑު އެވަޅުން ނެގީވެސް ޢާރިފްގެ ކުރިމަތީގައެވެ.ހައިރާންވެ އަންތަރީވެ ހުރެ ޢާރިފް ކުރިމަތީގައި ހުރި ޝާނީގެ ބޮލުންފެށިގެން ފަަޔަށް ނަޒަރު ހިންހާލިއެވެ.. އޭނަގައިގެ އެކި ތަންތަން ވަނީ ޒަޚަމްވެފައެވެ. ބޮލުގެ އެކި ދިމާލުން ހޯސްލާފައި މޫނުމައްޗަށް ލޭފައިބަމުން ދެއެވެ. ލައިގެން ހުރި ހެނދުން ވަނީ ލެއިން ތަތްތެޅިފައެވެ.އެލެއިތައް ހެނދުމުގެ ފަސްބައިން ތިކި ތަޅަމުން ދެއެވެ. އިސްތަށިގަނޑު ވަނީ އެއްކޮނޑުން ކުރިމައްޗަށް ވައްޓާލާފައެވެ. ލުއި ހިނިތުން ވުމެއްގައި ހުރެ އެސްފިޔަވެސް ޖަހާނުލާ ޝާނީ ޢާރިފް އާއި ގާތަށް އަންނަށްފެށިއެވެ. ޢާރިފް ހަދާނެގޮތެއް ނޭންގި ހުރިފިޔަވަޅު މަތީ ގަނޑުވެފައި ހުއްޓެވެ. ޝާނީ ކައިރިވަމުން އަންނަވަރަކަށް އޭނަގެ މޫނުމަތީގެ ސިފަ މަޑުމަޑުން ބަދަލުވަމުން އަންނަކަން ޢާރިފް އަށް ފާހަގަވިއެވެ.މޫނުގެ ހަންގަނޑުގެ ދަށުން ގަހެއްގެ މޫތަކެއް ދުވާފަދަ ގޮތެއް ވާންފެށިއެވެ.ބޮލުގެ އިސްތަށިގަނޑު ކުއްލިޔަކަށް ބުޅިވާން ފެށިއެވެ.ދެލޯ ހުދު އަލިކޮޅަކަށް ވިއެވެ. ޢާރިފް އަށް ތެޅިގަނެވުނީ އެހިސާބުންނެވެ.ކުއްލިޔަކަށް ފަހަތަށް ޖެހިލުމަށްފަހު ފައިގާ ލެވުނުހާ ބާރެއްލައިފާ ދުއްވައި ގަތެވެ. ކިތަންމެ ބާރަށް ދުވިކަމުގަ ވިޔަސް، ޢާރިފްގެ ފަހަތުން އެއަންނަ ސޫރަ ހުންނަނީ ދެންމެ ދެންމެ އަތުޖެހޭހައި ކައިރީގައެވެ.އޭތީގެ އަތް ވަނީ ޢާރިފް އާއި ދިމާލަށް ދަމާލާފައެވެ. ބިމަކު ފައެއް ނުޖެހެއެވެ.ދުވަމުންދާއިރު ކުރިމަތީގައި އޮތްމަގު ކުރުވުމުގެ ބަދަލުގައި ހީވަނީ ދިގުވާހެނެވެ. ޢާރިފް ދުވަމުން ފަހަތް ބަލާލިއިރު ފަހަތުން އައި ސޫރަ ފެންނާކަށް ނެތެވެ. ވެފައިވާ ވަރުބަލި ކަމުގެ ސަބަބުން ދެކަކުލުގައި އަތް އަޅައި ގުދުވެލެވުނެވެ.
ޢާރިފްގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. މުޅި އެހިސާބު ވަނީ ނުބައި ކުނިވަހަކުން އެއްވަސް ކޮށްލާފައެވެ.އެހިނދު ކުރިމަތިން ވަރަށް ގާތުން ފެންތިކި ތަޅާ ކަހަލަ އަޑެއް ޢާރިފަށް އިވެން ފެށިއެވެ.މަޑުމަޑުން ބޯހިއްލާ ބަލައިލިއިރު އޭތި ހުރީ ޢާރިފްގެ ކުރިމަތީގައެވެ.ޢާރިފް ބިރުން ދުއްވައި ގަންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭތި ހިފީ ޢާރިފްގެ ކަރުގައެވެ. ކެހެރިތައް ފަޅާފައިވާ އެކަޅު އަތުގެ ތޫނު ނިޔަފަތިތައް ޢާރިފްގެ ކަރަށް ވައްދާލިއެވެ. އަދި އޭތީގެ އެއަތުން ޢާރިފް ބިމުން ހިއްލާލި އެވެ. ނޭވާ ހާސްވެގެން ތެޅިތެޅި އޮއްވައި ޢާރިފް އަށް ކުއްލިޔަކަށް ހޭލެވުނެވެ.
އާއެކެވެ.!! އެއީ ހުވަފެނެކެވެ.ދެލޯ ބޮޑުކޮަށް ވަށައިގެން ބަލާލިއެވެ. ޢާރިފް އަށް އަދިވެސް މިއޮވެވެނީ ގޮނޑުދޮށުގައިކަން އެނގުނީވެސް ދެނެވެ. އޭރު އުޑުމަތި ވަނީ ބަނަވެފައެވެ. ރަނިކަން ކުރަމުންދިޔަ އެރީތި ހަނދުވަނީ ކަޅު ވިލާތަކުން ޙިޞާރު ކުރެވިފައެވެ.
ގޮނޑުދޮށަށް ބޮސްދެމުން ދިޔަ ރާޅުތައްވަނީ ރުޅިގަދަވެ ދޮންވެލިގަނޑާ ހަނގުރާމަ ކުރަން ފަށާފައެވެ. ވަށައިގެންވަނީ ކަޅު އަނދިރި ކަމެވެ. ވައިރޯޅި މަޑުމަޑުން ގަދަވަމުން އާދެއެވެ..
ކުއްލިޔަކަށް މިސްކިތުން ފަތިސްނަމާދުގެ ބަންގީގެ އަޑު އިވެންފެށިއެވެ. ޢާރިފްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ތެދުވެ މޫނާއި ގައިން ވެލިފޮޅާލުމަށް ފަހު ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. އެހެންނަމަވެސް ދާންޖެހިފައި އޮތީ މީގެ ކުޑައިރު ކޮޅެއް ކުރިން ހުވަފެނުގައި ދުވި މަގުންނެވެ. މާ ދީންވެެރި މީހެއް ނޫނަސް ޢާރިފް އަށް “ކުރުސި” އާއި ޢަންމާފޮތުން ދެތިން ސޫރަތެއް ހިތުން އިނގެއެވެ. އެހެންނަމަވެސް އެއިން އެއްޗެއް ނުކިޔަވަތާ ހަޔާތުން ވީކިހާ ދުވަހެއް ކަމެއް ޚުދު އޭނަ އަކަށްވެސް ނޭންގެއެވެ.އެމަގުން ގެއަށް ދިޔައީ ޢާރިފްއަށް އެނގުނުހާ ހެޔޮއެއްޗެއް ކިޔަމުންނެވެ.
ގެއަށް ގޮސް ވުޟޫ ކުރުމަށްފަހު ފަތިސް ނަމާދުން އަވަދިވެގެން ﷲ އަށް ތައުބާވެ ދުޢާ ކުރިއެވެ. ޝަނީއަށް ރަޙްމަތް ލެއްވުން އެދިއެވެ. އަމިއްލަ ނަފްސަށް ހިތްވަރު ލިބުން އެދިއެވެ.
ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ޢާރިފް މަސްތުވާތަކެތި ބޭނުންކުރުމާއި،ސިނގެރޭޓް ބުއިންވެސް ހުއްޓާލިއެވެ. ދީނީ ކަންކަމަށް ފަރުވާތެރިވެ މީހާ މުޅިން އިސްލާޙު ވިއެވެ. އެހެން ނަމަވެސް ޝާނީ ކިބައިން ޢާރިފް އެދެނީ އެންމެ އެދުމެކެވެ. ބުނަން ބޭނުންވަނީ ހަމަ އެންމެ ޖުމްލައެކެވެ.
އެއީ އަހަންނަށް “މަޢާފްކުރާށެވެ.” (ނިމުނީ)
5 Comments!
Comments are closed.

????????????????????????????????????????thankolheh deep kohlinama reethi viys???????????????????
v motivating story ekm thankolheh kuree .. keep it up
vrh vrh reethi… sifa kurunthah hama ehvana!!
vv reethi sifakurun v reethi mivaahaka ..keel it up
varah reethi vaahaka eh