ނުފިލާނޭ މިހިތަކުން… 16
ނުފިލާނޭ މިހިތަކުން… 16
އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ
އަބަދު ތިޔަހެން ހުރެދޭނަންހޭ
ލަސްލަހުން އިސްއުފުލާލާ އޭނާގެ ފިނިވެފައިވާ ދެއަތުން މާކިންގެ ދެއަތުގައި ހިފާ އޭނާގެ މޫނުގައި ބާރަށް ހިފެހެއްޓުވިއެވެ. އަދި އެސްފިޔަތައް ތަޅުވާލަމުން މާކިންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މެހެކްގެ އެހަރަކާތުގެ ސަބަބުން ހައިރާންވެފައި ވީ ނަމަވެސް އޭނާގެ ބޮޑު ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ އެ މައުސޫމް މޫނު މާކިންގެ ދެއަތުގެ ތެރޭގައި ރަނގަޅަށް ހައްޔަރުކޮށްލިއެވެ. އޭރު އެގާތްކަމުގެ ސަބަބުން ދެހިތުގެ ތެޅުންވެސް އިންތިހާއަށް ބާރުވެއްޖެއެވެ. އެސްފިޔަ ޖަހާލުމެއްނެތި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު އެދެހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވޭ ފަދައެވެ.
“ނެވަރ ލީވް މީ އެލޯން” މާކިންގެ ތޫނު ދެލޮލުން ނަޒަރު ވަކިކޮށްލުމެއްނެތި އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން މެހެކްގެ ތުންފަތް ލަސްލަހުން ހަރަކާތްކޮށްލިއެވެ. އެ ހަރަކާތުގެ ސަބަބުން މާކިންގެ އަވަސްވެފައިވާ ހިތް ލޯބިން ފުރިގެން ދިޔައެވެ.
“ނެވަރ.. އެވަރ..” މެހެކް ކޯތާފަތުގައި ހިފަހައްޓައިގެން އިނދެ ބޮޑުވައި އިނގިލިން އެ ކޮލުގައި ފިރުމާލަމުން ވާހަކަ ދެއްކި މާކިންގެ އަޑު ނުކުތީ ސިއްރުސިއްރުންނެވެ. މެހެކްގެ ހިތް ދަތިވާ ފަދަ ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީންވަމުން ދިޔައިރު މާކިންގެ ބޭޤަރާރުވެފައިވާ ހިތް އެދެމުން ދިޔައީ މެހެކް ގެނެސް އޭނާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލުމަށެވެ. އެހިތް ފުރިގެން ބަންޑުން ވަންދެން ލޯބި ދޭށެވެ. އެހެން ނަމަވެސް އެކަމަށް ހުއްދަ އޮތްކަމުގެ އިޝާރާތެއް މެހެކްގެ ފަރާތުން ނުލިބެނީސް އެ ގުޅުމުގައި އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް މާކިން ވަނީ އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ.
ހިނދުކޮޅެއްގައި އެހެން އިނުމަށްފަހު ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު މެހެކް އޭނާގެ މޫނު މާކިންގެ ކޮނޑުގައި ފޮރުވާލިއެވެ. ލަސް ނޭވާތަކަކާއިއެކު އޭނާގެ ލޮލުގައިވާ ކަރުނަތަކުން މާކިންގެ ކޮނޑުމަތި ތެމެމުން ދިޔައިރު މާކިންގެ އަނގައިން އެންމެ ބަހެއްވެސް ބޭރުނުވެއެވެ. މެހެކް ބޭނުންވާހާ އިރަކު އޭނާ އެހެން އިންނާނެއެވެ. މެހެކްއަށް ވަގުތު ދޭނެއެވެ. އޭނާއަށްޓަކައި ކިތަންމެ އިރަކު އިންތިޒާރު ކުރަން ޖެހުނަސް އެކަން ކުރާނެއެވެ. އެއްއަތުން މެހެކްގެ ބޮލުގައި މަޑުމަޑުން ފިރުމާލަ ފިރުމާލާ އިން އިރު މާކިންގެ އަނެއް އަތް އޮތީ އޭނާގެ އުނގަނޑުގައި ވަށާލެވިފައެވެ.
އެތައް އިރަކު އެގޮތުގައި އޮތުމަށްފަހު އެންމެފަހުން މެހެކް ވެގެން އުޅޭ ގޮތް މާކިންއަށް ކިޔައިދިނެވެ. ނުހައިކްގެ ސަބަބުން ހިތުގައި ޖެހުނުކަމާއި، ހަގީގަތުގައި މާ ބޮޑު ކަމަށް ނުވިޔަސް އޭނާއަށް ބޮޑު ކަމަކަށް ހަދާލެވުނީ ކަމުގައި ބުންޏެވެ. އެފަދަ ވަގުތު ތަކުގައި މާކިންގެ ފަރާތުން ލިބޭ ގާތްކަން އޭނާ ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރުވެރިވާކަމަށްވެސް މެހެކް ބުނެލީ މާކިންގެ ހިތަށް ބުނެދޭން ނޭނގޭ މިންވަރަށް އުފާވެރިކަން ގެނުވައިދެމުންނެވެ.
އެދުވަހުގެ ފަހުން މެހެކްގެ ފަރާތުން މާކިންއަށް ފެންނަމުން ދިޔައީ ހިތްހަމަޖެހޭފަދަ ތަފާތު ކަންތައްތަކެކެވެ. މެހެކްގެ ބަލާލުންތަކުގައި ވަނީ ތަފާތު ނަޒަރެކެވެ. ވާހަކަ ދެއްކުމުގައި ވަނީ ކުރިން ނުހުންނަ ފަދަ ލަދުވެތިކަމެކެވެ. ހިނިތުންވާލެއް ގިނައެވެ. އޭނާގެ ކަންތައްތަކާއި ސުވާލު ކުރާ މިންވަރު އިތުރެވެ. މާކިން ފެންނައިރަށް އެމޫނުގައި ހުންނަ ނުތަނަވަސްކަން ފިލާދެއެވެ. މާކިން ބޭނުންވާ ވަރަކަށް އޭނާއަށް އަޅާލުން ދިނުމަށް ފުރުސަތުދެއެވެ. މެހެކްގެ ފަރާތުން ފެންނަން ފެށި މި ކަންތައްތަކުގެ ސަބަބުން މާކިންގެ ހިތުގައިވާ ލޯބި ވަނީ ފުންވެފައެވެ. އުންމީދު ވަނީ ވަރުގަދަވެފައެވެ. ދުލުން ނުބުނި ކަމުގައިވިޔަސް މެހެކްގެ ހިތުގައި އޭނާއަށްޓަކައި އުފެދެމުން ދިޔަ ލޯބި އެދެލޮލުން ރަނގަޅަށް ފާޅުވެއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގެ ފަހަތުގައި ފޮރުވިފައި އެލޯބި ކަމުގައި މާކިން ޔަގީންކުރެއެވެ.
ތަފާތު އިހުސާސްތަކާއި، ގާތްކަމާއި، ގުޅުންތަކުގައި ދުވަސްތައް ހޭދަވަމުން ދިޔައިރު މެހެކްއާއި މާކިންގެ ބަދަހިވަމުންދިޔަ ގުޅުމުގެ އިތުރުން ޝުބާއާއި އިޝާންގެ ދިރިއުޅުންވެސް ހޭދަވަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރި ކަމާއިއެކުއެވެ. ޝުބާގެ އާއިލާގެ އެއްބަސްވުން ލިބުމާއިއެކު، ދެއާއިލާއިން ވާހަކަ ދައްކައިގެން އެމީހުން އެންމެ ފުރަތަމަ ނިންމީ ސެމެސްޓަރ ޗުއްޓީގައި ކައިވެނި ކުރުމަށެވެ. އެހެން ނަމަވެސް މެހެކްގެ ކޮއްކޮގެ ކައިވެނި އެދުވަސްވަރާއި ދިމާވެފައިވާތީ، ކައިވެނީގެ ހަފްލާގައި މެހެކް ބަހައްޓަން ބޭނުންވާލެއް ބޮޑުކަމުން ޝުބާގެ އާދޭހާއިއެކު އެދެމީހުންގެ ކައިވެނި ތަންކޮޅެއް އަވަސްކުރީއެވެ. ސެމެސްޓާގެ އިމްތިހާން ދުވަސްވަރާއި ދިމާވެފައިވިޔަސް މާ ބޮޑުކޮށް ޕާޓީއެއް ބާއްވަން ގަސްދު ނުކުރާތީ އެކަން މާބޮޑު ކަމަކަށް އެމީހުންނަކަށް ނުވިއެވެ. ކައިވެނީގެ ކުދި ކުދި ތައްޔާރީތައް ވަމުން، އިމްތިހާނަށް ތައްޔާރު ވަމުން، ހަލުވިކަމާއިއެކު ދުވަސްތައް ހޭދަވެގެން ގޮސް ޝުބާއާއި އިޝާންގެ ކައިވެނީގެ ތާރީޚް ޖެހުނީ ހީނުކުރާހާ އަވަހަށެވެ.
އިމްތިހާނުގެ މެދުތެރެއިން ކަމުގައިވިޔަސް ދެއާއިލާއިން ބޭނުންވީ ވަރަށް ހަފްލާއަށް ތައްޔާރު ވެވުނެވެ. ހަމަ އެކަނި ގާތްތިމާގެ މީހުންނާއި ގާތް ރަޙްމަތްތެރިންނަށް ދަޢުވަތު ދެވުނު އެ ހަފްލާ ބާއްވަން އެމީހުން ގަސްދުކުރީ އިޝާންމެން ގޭގެ ޓެރަސް މަތީގައެވެ. ކަން ދިމާކުރި ގޮތުން ރެއަކީ ހަނދުވަރުގެ ހިތްގައިމުކަން ވެރިވެފައިވާ، މޫސުން ރީތި ރެއެކެވެ. ހުދު ފޮތީގެ އެކި ޑިޒައިނުން މުޅި ޓެރަސްމަތި ޒީނަތްތެރިކޮށްލާފައި ވާއިރު ނިވިދިއްލޭ ބޮކިފަތީގެ ސަބަބުން ތަނަށް އާދަޔާ ޚިލާފު ދިރުމެއް ވެރިވެފައިވެއެވެ. ހުދު ފޮތީގެ ޑިޒައިނުގެ ސަބަބުން މާހައުލަށް ގެނެސްދީފައިވާ ސާދާ ރީތިކަން އިތުރަށް ފަޅުފިލާފައިވަނީ އަލަތު ކައިވެނީގެ ދެމަފިރިންނަށް ރަތް ފިނިފެންމާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖަގަހައިގެ ސަބަބުންނެވެ. ރަތް ފިނިފެންމާބޮނޑި ތަކުންނާއި އަދި ރަތް ފިނިފެންމަލުގެ ފިޔައިން އެތަން ޖަރީވެފައި ވާއިރު މުޅި މާހައުލުންވެސް އެތަން ޚާއްސަކަމަށް ދައްކައެވެ.
ކައިވެނީގެ ދަރުބާރު ބޭއްވުނީ ގޭގެ ސިޓިންގް ރޫމުގައި ކަމަށްވާތީ، ދަރުބާރަށް ހާޟިރުވާންޖެހޭ މަދު މީހަކު ފިޔަވައި އެހެން އެންމެންވެސް އަލަތު ކައިވެނީގެ ޖޯޑުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބީ ޓެރަސްމަތީގައެވެ.
ދަރުބާރު ނިމި އަލަތު ދެމަފިރިން ހަފްލާއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރި ކަމެއްނެތި ޓެރަސްމަތީގައި މަޑުކޮށްލައިގެން ތިބި މީހުންތަކުގެ ތެރެއިން މެހެކްއަށް ޓެރަސްގެ ދޮރާއި ދިމައަށް ބަލާލެވުނީ އޭނާގެ ފޯނަށް އައި މާކިންގެ މެސެޖް ކިޔާލެވުމުންނެވެ. ކައިވެނީގެ ދަރުބާރުގައި ބައިވެރިވި މާކިން މެސެޖެއްގެ އެހީގައި ޝުބާމެން އަންނަކަށް މެހެކްއަށް އަންގާލަދިނީ މެހެކް އެގޮތަށް އެދިފައި އޮތުމުންނެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޝުބާއާއި އިޝާންގެ ދެމަފިރިން ޓެރަސްގެ ދޮރުމައްޗަށް އެރުމާއިއެކު ތަން އަތްތިލަބަޑިއާއި، މަރުހަބާ ކިޔުމުގެ އަޑުން ގުގުމާލިއެވެ. ޝުބާ ލައިގެން ހުރި ހުދުކުލައިގެ ޝިފޮން ފޮތީގެ ވެޑިން ޑްރެސްގައި މާ ގިނަ ޑިޒައިންތަކެއް ނެތެވެ. ތަނބިކައްޓަށްވުރެ ތިރިއަށް ދެމިފައިވާ ހެދުމުގެ ބަންދު ވަށައިގެން އަޅާލެވިފައިވާ ރިހިކުލައިގެ ފުޅާ ރޭނދާފަށް ފިޔަވައި އިތުރު ޖަރީކުރުމެއް ހެދުމުގައި ފެންނާކަށް ނެތެވެ. ދެއަތް އެއްކޮށްލައިގެން ހިފަހައްޓާލައިގެން ހުރި ރަތް ފިނިފެންމާ ބޮނޑިއާއިއެކު، ކުދި ކުދި ހުދު ދަތްތައް ދައްކާލާފައި ހީނލަމުން، އަނދުނުން ފަވާލެވިފައިވާ އުފާވެރި ހިމަ ދެލޮލުން އޭނާގެ ފިރިމީހާއަށް ބަލާލާ ލަދުރަކި ނަޒަރުވެސް މަންޒަރުގެ ރީތިކަން އިތުރުކޮށްދެއެވެ. ހަމަ އެއާއިއެކު ޝުބާގެ ހިމަ އުނަގަނޑުގައި އެއް އަތުން ހިފަހައްޓާލައިގެން ޝުބާއާއި ދާދި އެއްވަރުގެ އިސްކޮޅަކަށް ހަށިގަނޑު ސީދާކޮށްލައިގެން ހުރި އިޝާންގެ މޫނުމަތީގައިވެސް ވަނީ ބަޔާންކޮށްދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ. ދަށަށް ޖަހާފައިވާ އަތްދިގު ހުދު ގަމީހަކާއި ކަޅު ފަޓްލޫނުގައި ހުރިއިރު އޭނާ ގައިން ފެންނަނީ ނުހަނު ފިރހެންވަންތަ، ޒިންމާދާރު ގޮތެކެވެ. ޖީބުގައި ހަރުކޮށްލާފައިވާ ނުފޮޅޭ ރަތް ފިނިފެންމަލުގެ އިތުރަށް އެއްވެސް ޒީނަތްތެރިކަމެއް ނުވާއިރު ޝުބާގެ ސާދާކަމާއި އޭނާ ނުހަނު ގުޅެއެވެ.
ޝުބާއާއި އިޝާންގެ މި އުފާވެރި، ޒުވާން ޖޯޑު ދޮރުން ވަދެގެން އައިސް އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ޖާގައިގައި މަޑުކޮށްލިތަން ބަލަން ހިނިތުންވެފައި ހުރި މެހެކްގެ ލޮލުގައި ދެން އަޅައިގަތީ އެމީހުންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އައި ހައެއްކަ މީހުންގެ ތެރޭގައި ހުރި މާކިންއެވެ. “ޑަސްޓީ ބްލޫ” ކުލައިގެ އަތްދިގު ކެޝުއަލް ގަމީހަކާއި، ކަޅު ޖީންސެއް ލާފައި ހުރިއިރު ނުހަނު ރީއްޗަށް ތަރުތީބުކޮށްލާފައިވާ ފަން އިސްތަށިކޮޅުން އޭނާގެ ގައިގައި އަބަދުވެސް ހުންނަ ފިރިހެންވަންތަ، ރަސްމީ ގޮތްގަނޑު ފާޅުވާން ހުއްޓެވެ. ދޮރުން ވަންގޮތަށް ޖީންސްގެ ޖީބަށް އަތްޖަހާލުމަށްފަހު، ހަށިގަނޑު ތެދުކޮށްލާ ފަރާތް ފަރާތް ހޯދާލި ގޮތުން މެހެކްގެ ހިތަށް ބުނެދެން ނޭނގޭފަދަ އުފާވެރި ލަދުވެތިކަމެއް އިހުސާސް ކުރެވުނެވެ. މާކިންގެ ލޯ ހޯދަމުން އެދަނީ އޭނާ ހެއްޔެވެ؟
ޝުބާއާއި އިޝާންގެ ކައިވެނީގެ ހެކިވެރިއެއްގޮތުގައި ބައިވެރިވުމަށްފަހު މާކިން ޓެރަސްއަށް އައީ އެދެމަފިރިންގެ ފަހަތުންނެވެ. އެރޭގެ އެ މުނާސަބާ ފެށުނީއްސުރެ އޭނާގެ ހިތް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އެތަނަށް އާދެވޭނޭ ވަގުތަކަށެވެ. އޭނާގެ ދެލޯ ބޭޤަރާރު ވެފައިވަނީ އޭނާގެ ހިތުގެ ރާނީ ދެކެލުމަށެވެ. ޓެރަސްގެ ދޮރުން ވަންގޮތަށް ތަނުގައި ތިބި އެންމެންވެސް ފެންނަގޮތަށް ހުއްޓިލުމަށްފަހު މީހުންތަކުގެ ތެރެއިން އޭނާގެ ލޯބިވާ މެހެކްގެ މޫނު ފެނިލުމަށް އެދި ފަރާތް ފަރާތް ހޯދާލިއެވެ. އެވަގުތު، އިޝާންމެން ތިބި ތަނާއި ނުހަނު ކައިރީގައި ޓެރަސްގެ ރެއިލިންގައި ހިފަހައްޓާލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި މެހެކް ފެނުނެވެ. އޭނާ ފެނުމުން ބޭ އިޚްތިޔާރުގައި ޖީންސްގެ ކަނާތު ޖީބުގައި އަތްލަމުން ތުންފަތުގައި ދުވެލި ހިނިތުންވުމާއިއެކު ލަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ދިއުމަށް މާކިން ހިނގައިގަތެވެ. ޖީބުގައި މެހެކްއަށްޓަކައި ރައްކާ ކޮށްފައި އޮތް ހަދިޔާ މެހެކްއަށް ދޭހިތުން އޭނާ ވަނީ ކެތްމަދުވެފައެވެ. އެމުނި ލައްވައިގެން ހަށިގަނޑުގެ މެދު ފާހަގަ ކޮށްލާފައި ހުރި ކަކުލާއި ހަމައަށް އަންނަ “ޑަސްޓީ ބްލޫ” ކުލައިގެ ހެދުމާއި، ހަމަ އެކުލައިގެ ލޫސް ހަރުވާޅާއި ޝޯލްގައި މެހެކް ފެންނަނީ ސަމާލުކަން ލިބޭފަދަ ގޮތަކަށެވެ. އެހެންޏާ ނުހުންނަހާ ކުޑަކޮށް ޝޯލް އަޅާފައި ހުރުމުން، އޭނާގެ ތުނި ހަށިގަނޑުގެ ބައްޓަން މާކިންގެ ލޮލުގައި އަޅައިގަތް ނަމަވެސް، އެރީތިކަން އެހެން މީހެއްގެ ސަމާލުކަން އަތުލަފާނެތީ އޭނާގެ ހިތުގައި ނުރައްކާތެރި ޖެހިލުންވުމެއް އުފެދުނެވެ. ޕާޓީއަށްޓަކައި ލުއި މޭކަޕެއް ކޮށްލާފައި ވުމުގެ ސަބަބުން މެހެކްގެ ހުދު މޫނަށް އަރާފައިވާ ރަތްކަންވެސް މާކިންއަށް ފާހަގަ ކުރެވުނީ ހިތްދަމައިގަންނަ ފަދަ ރީތިކަމެއްގެ ގޮތުގައެވެ. މެހެކްގެ ހިނިތުންވެފައިވާ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި މާކިން ލަސްލަހުން ހިނގާފައި ގޮސް އޭނާގެ ކުރިމަތީގައި ހުއްޓިލީ ދެޖީބަށް އަތްޖަހާލައިގެން ހުރެއެވެ. އެވަގުތު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް އަސަރުކޮށްލިއެވެ.
“ހެއި ކޫ.. ޔޫ ލުކް.. ޕްރެޓީ…” ތޫނު ނަޒަރަކުން މެހެކްއާއި ހަތަރުކަޅި ހަމަކޮށްލި މާކިންގެ އަޑުގައި ވަނީ ކުރިން ނުހުންނަ ފަދަ ތަފާތު ގޮތެކެވެ. ހިނިތުންވެލައިގެން ހުރި ނަމަވެސް އޭނާގެ މޫނުމަތީގައި ކޮންމެވެސް ނުތަނަވަސްކަމެއް ވާކަމުގައި ބާރަށް ތެޅެމުން ދިޔަ މެހެކްގެ ހިތް ބުނެލިއެވެ.
“މްމް.. ތޭންކްސް.. މްމް.. ހުރިހާ ކަމެއް އޯކޭތަ މާކިން؟..” މާކިންގެ އާދަޔާ ޚިލާފު ނަޒަރުގެ ސަބަބުން އަތްފައި ފިނިވަމުން ދިޔަ މެހެކް ނުތަނަވަސްކަމާއިއެކު ބުނެލިއެވެ. ހަމަ އެއާއިއެކު އެއްމިޔަކަނުން ހީނލުމަށްފަހު މާކިން މެހެކްއާއި ދުރަށް މޫނު އަނބުރާލިއެވެ. އޭނާގެ މޫނަށް އައިސްފައިވާ ކުޑަ ކުޑަ ބަދަލުވެސް މެހެކް ދެނެގަންފިއެވެ. އިތުރަށް އެހިތަށް އުނދަގޫ ކުރަމުންދާ ޚިޔާލުތައް އޭނާއަށް ސިއްރު ކުރުމުގެ މާނައެއް ނެތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Here’s the 16th part of Maakin and Mahek’s love story. Do leave a comment about what you think ❤️
Follow my Facebook page https://www.facebook.com/Laya-109143580845940/ for all the updates about my stories.
❤️❤️❤️❤️
Thank you so much for the support.
Sis mi part vess varah varah reeth
Masha Allah
Curiously waiting for the next part
❤❤❤❤❤❤❤❤
Sis ge age bunedhevi dhaanetha
Hama ahaaly higey
Coz i want to be ur friend
Maasha Allah..???
??
Curiously waiting for the next part
Ly sis
Vrh reethi. Masha Allah.❤❤❤
Haadha lahey up vaaleh… so sad??? but story vrh reethi…❤❤❤
Layaa koba mext part … keyvetha comment thakah reply nukuraney?
sorry dear, varah busy koh ulheythy nukuruveny hama ?