“އަޅުގަނޑުގެ ވާހަކަތަކުގެ އެންމެ ފަހުގެ އަޕްޑޭޓް އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި

https://www.facebook.com/Laya-109143580845940/

**********************************************************

ތިޔަ ކުރަން އެދޭ ސުވާލު ކޮށްލާށޭ

ހިތްމިދެނީ ގެންދެބަލާށޭ

ނޭނގޭހެ ވަރަށް ލޯބި ވެޔޭ

“މްމް.. ތޭންކްސް.. މްމް.. ހުރިހާ ކަމެއް އޯކޭތަ މާކިން؟..” މާކިންގެ އާދަޔާ ޚިލާފު ނަޒަރުގެ ސަބަބުން އަތްފައި ފިނިވަމުން ދިޔަ މެހެކް ނުތަނަވަސްކަމާއިއެކު ބުނެލިއެވެ. ހަމަ އެއާއިއެކު އެއްމިޔަކަނުން ހީނލުމަށްފަހު މާކިން މެހެކްއާއި ދުރަށް މޫނު އަނބުރާލިއެވެ. އޭނާގެ މޫނަށް އައިސްފައިވާ ކުޑަ ކުޑަ ބަދަލުވެސް މެހެކް ދެނެގަންފިއެވެ. އިތުރަށް އެހިތަށް އުނދަގޫ ކުރަމުންދާ ޚިޔާލުތައް އޭނާއަށް ސިއްރު ކުރުމުގެ މާނައެއް ނެތެވެ.

“މްމް.. މިއީ މަށަށް ލިބިފަ އޮތް ހައްގެއް ނޫން.. އެކަމު.. މެހެކް.. ޔޫ.. މްމް.. ޔޫ ލުކް ޓޫ ޕްރެޓީ.. ޝޯލް.. މިއަދު ޝޯލް މާ ކުޑަކޮށް ހުރީމަ.. މީހުން ބަލާނެ.. ލޮލުގަ އަޅައިގަންނާނެ..” މާކިން އެވާހަކަ ދެއްކި އިރު މެހެކްގެ މޫނަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ. ހިތުގައި ވާ ނުތަނަވަސްކަން ހިއްސާ ކުރިޔަސް މެހެކްގެ އަމިއްލަ ކަމެއްގެ މައްޗަށް ބަސް ކިޔެނީއޭ ހީވާތީ އޭނާ ޖެހިލުންވަނީއެވެ. ވަގުތުގެ ގޮތުން ޖީބުގައި ފޮރުވައިގެން އުޅުނު ހަދިޔާގެ މަތިންވެސް އޭނާ ހަނދާނެއް ނެތެވެ.

އަޅަ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޖެހިލުންވެފައި މާކިން ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން މެހެކްއަށް ހުރެވުނީ ހައިރާން ވެގެން އަނގަ ހުޅުވިފައެވެ. އެއީ 23 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއްގެ ފަރާތުން ފެންނާނޭ ކަމަށް އޭނާ އުއްމީދުވެސް ނުކުރާ ކަމެކެވެ. ޙަގީގަތުގައިވެސް މާކިން އޭނާގެ ހެދުން އެޅުމާއިމެދު ނުތަނަވަސް ވީ ހެއްޔެވެ؟ އެހެން މީހެއްގެ ލޮލުގައި އަޅައިގަނެފާނެތީ ބިރުގަތީ ހެއްޔެވެ؟ މާކިންއަށް އޭނާ އެހާ ޚާއްސަ ވެއްޖެހެއްޔެވެ؟ އެސިފައަކީ ހަގީގީ ލޯބިވާ ފިރިއެއްގެ ފަރާތުން ނޫނީ މިޒަމާނުގައި ނުފެންނާނެ ސިފައެކެވެ. މާކިންގެ ލޯބި އޭނާއަށްޓަކައި އެހާ ތެދުވެރީ ހެއްޔެވެ؟ ހިތައް އަރަމުން ދިޔަ އެއްޗެހިތަކެއްގެ ސަބަބުން މެހެކް ހަލުވި ހަލުވިކޮށް އެސްފިޔަ ޖަހާލީ ލޮލަށް ކަރުނަ ޖަމާވާން އުޅޭ ފަދަ އިހުސާސެއް ކުރެވެމުންނެވެ. އުފާވެރިކަމުގެ ކަރުނައެވެ. ދިރިއުޅުމުގައި އައި ވަރުގަދަ ޛަލްޛަލާއަށްފަހު އެފަދަ އުފާވެރި އިހުސާސަކީ ދެން ދުވަހަކުވެސް އޭނާގެ ހިތައް ލިބޭނޭކަމުގައި އުއްމީދުކޮށްފައިވާ އެއްޗެއް ނޫނެވެ. މާކިންގެ ނަޒަރު ސީދާވެފައި ހުރި އޭނާގެ ބޮޑު ދެލޯ ފޮރުވާލުމުގެ ގޮތުން އިސް ޖަހާލުމަށްފަހު މެހެކްގެ ތުންފަތް ހަރަކާތްކޮށްލީ މާކިން އުފާވާނޭ ފަދަ ޖަވާބެއް ދިނުމުގެ މަގުސަދުގައެވެ.

“މާކ…” މެހެކްއަށް ވާހަކަ ދައްކަން ފެށޭވަރެއް ނުވިއެވެ. މަންމަމެން އައިއްސިއޭ ބުނުމަށްފަހު އޭނާ މެހެކްއާއި ދުރަށް ހިނގައިގަތީ އޭނާގެ މަންމަ ނިޢުމަތާއި ބައްޕަ ބިލާލް ޕާޓީއަށް އައުމުން އެމީހުންނަށް މަރުހަބާ ކިޔުމަށެވެ. މާކިން ދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުރި މެހެކް އިސް ތިރިކޮށްލަމުން އަޅާފައިވާ ޝޯލްގައި އަތްޖައްސާލިއެވެ.

މަންމައާއި ބައްޕައާއި ޝުބާމެންގެ ގާތުގައި ހުރި މާކިންއަށް މެހެކް އެތަނުން ނުކުމެގެން ދިޔަތަން ފެނުމުން ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. އެހެން ނަމަވެސް މާހައުލުގެ ސުލްހައަށްޓަކައި ގާތުގައި ތިބި މީހުންނަށް ސަމާލުކަން ހުއްޓާލައިގެން ހިނިތުންވެފައި އޭނާ ހުރީ މެހެކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ޖީބުގައި އޮތް ހަދިޔާގެ މަތިން ހަނދާންވުމާއިއެކު މާކިންގެ ހިތުގެ ހިނގުން ބާރުވެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މިރޭ މާކިންގެ ހަދިޔާ މެހެކްއާއި ހަވާލު ކުރާނެއެވެ. މެހެކްގެ ހިތުގައި އޭނާއަށްޓަކައި ކުޑަ ކުޑަ ޖާގައެއް ވިޔަސް އެކަން ދެނެގަންނާނެއެވެ.

“ކެން.. ކޮބާ މެހެކް.. ނުފެންނަތާ އިރުކޮޅެއް ވެއްޖެ..” މާކިންއާއި އޭނާގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކަން ހުރި ޝުބާ ބޯ އަރިކޮށްލުމަށްފަހު ކޮޅު ކޮޅު ހޯދާލަމުން މާކިން ގާތުގައި އަހާލިއެވެ. އެވަގުތު އެސުވާލަށް މާކިން ދިން ސަމާލުކަމަށް ވުރެ ބޮޑަށް ބިލާލުގެ ސަމާލުކަން ހުއްޓުނެވެ. ވަގުތުން މާކިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ނުހަނު ވިސްނުންތެރިކަމާއިއެކު އޭނާ މާކިންގެ މޫނަށް ބަލާލިއެވެ.

“އެއޮށް އައީ މެހެކް..” ޝުބާގެ ސުވާލަށް މާކިންއަށް ޖަވާބު ދެވުމުގެ ކުރިއަށް އިޝާން ދޮރާއި ދިމާއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އެވަގުތު އެންމެން އެކީގައި ކަހަލަ ގޮތަކަށް މެހެކް އައި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. މެހެކް ފެނުމުން ލުއި ގޮތަކަށް ހީނލި ނިޢުމަތު އޭނާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޝުބާއާއި އިޝާންގެ މަންމަމެންނާއި ބައްދަލު ކުރަން އެތަން ދޫކޮށް ދިޔަ ނަމަވެސް ބިލާލް ހުރީ ވަރަށް ރަނގަޅަށް މެހެކްހެ ހަރަކާތްތަކަށް ބަލާށެވެ. ބައްޕަގެ އެ ނުރައްކާތެރި ނަޒަރުގެ ހިލަމެއްވެސް ނުވާ މާކިންއަށް މެހެކް ފެނުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ މެހެކްގެ ޝޯލް އަޅާފައި ހުރި ސްޓައިލަށް ގެނެސްފައި ހުރި ބަދަލެވެ. ކުރިއާއި ޚިލާފަށް މިހާރު ޝޯލް އަޅާފައި ހުރިގޮތް ނިވައިކަން ބޮޑުވެފައި ސާދާއެވެ. ލަސްލަހުން ހިނގާފައި ޕާޓީގެ ތެރެއަށް ވަން މެހެކްއަށް ބަލަން ހުރި މާކިންއަށް އޭނާގެ ޚިޔާލު މެހެކް ބަލައިގަތްކަން އިހުސާސް ކުރެވެމުން އުފާވެރި ހިނިތުންވުމަކާއިއެކު ބޮލުގެ ފުއްބުރުގައި އަތް ކާއްތަމުން އިސްޖަހާލިއެވެ. ހަމަ ގައިމުވެސް މެހެކް ދެމުން ގެންދާ ސިގްނަލްތަކަކީ އޭނާއާއި ގަޔާވާ ކަމުގެ ސިގްނަލް ތަކެވެ. އޭނާގެ ލޯބީގައި ކުލަ ޖެހެނީ ހެއްޔެވެ؟

ވަގުތުތައް ހޭދަވަމުން ދިޔަ ވަރަކަށް ޕާޓީގެ ތެރޭގައި ހެލިފެލިވެ އުޅޭ މީހުންގެ ހަރަކާތްތައް އިތުރުވަމުން ދިޔައެވެ. ފޮޓޯ ނެގުމާއި، ކެއުމަށް އިނސާފު ކުރުމާއި އެކި ކަހަލަ ޝުއޫރު ފާޅު ކުރުންތައް ކުރަމުން ދިޔައެވެ. މެހްމާނުންކޮޅު މަދު ނަމަވެސް ޕާޓީގެ އުފާވެރިކަން އިންތިހާއެވެ. ކައިވެނީ އުފާވެރިކަން އިހްސާސް ވަމުން ދިޔަ ޝުބާއާއި އިޝާންގެ މޫނުން ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. ކައިވެނީގެ ޚިޔާލާއި މެދު އެންމެ ފުރަތަމަ ޖެހިލުންވިޔަސް މިހާރު އެ ނިންމުމާއި މެދު އެދެމީހުންވެސް އުފާކުރެއެވެ. ލޯބިވާ ލޯބިވެރިޔާއާއި އެކުގައި ދިރިއުޅުމުގެ ބާކީ އޮތްބައި ހޭދަކުރުމަށް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ލޯބިވާ ދެ ލޯބިވެރިން ގުޅުމަށް އެއްވެސް ހުރަހެއް ނެތް އިރު އެކަމަށް އަމިއްލައަށް ހުރަސް އަޅަންވީ ކީކުރަން ހެއްޔެވެ؟ މިދުނިޔޭގައި ލޯބިވާ މީހަކާއި ގުޅުމަށް ފުރުޞަތު ލިބޭނީ އިޝާންއާއި ޝުބާފަދަ ނަސީބު ގަދަ މަދު މީހަކަށެވެ. ދެމީހުން ދެމީހުންނަށް ޖެއްސުން ކޮށްލަމުން، އެކަކު އަނެކަކާއި ވާހަކަ ދައްކާލާ ލޯބިވެތިގޮތުން ފެނިގެންދަނީ ޒުވާން ލޯބީގެ ޖޯޝުން ފުރިގެންވާ މިސާލެކެވެ.

އަލަތު ދެމަފިރިންގެ ލޯބިން ފުރިގެންވާ ޒުވާން ހަރަކާތްތައް ފެންނަމުންދިޔަ އެމީހުންގެ މައިންބަފައިންނާއި ، ގާތްތިމާގެ އެކުވެރިންގެ ފަރާތުން ފެންނަމުންދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ. އެދެމީހުންގެ މޫނުގެ އުފާވެރިކަމުގެ ސަބަބުން ކައިވެނި ކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި އެ އެންމެންގެ ހިތްތަކަށްވެސް ޔަގީންވެފައި ވާފަދައެވެ. ޕާޓީގައި ތިބި ދުވަސްވީ އުމުރުގެ އެންމެންތައް އެއްތާކަށް ޖަމާވެލާފައި ވާއިރު އެމީހުންގެ ތެރޭގައިވެސް ޅަދުވަހުގެ ވާޙަކަތަކާއި އަލަތު ކައިވެނީގެ ވާހަކަ ދެކެވެމުންދިޔައެވެ. އެހެން ނަމަވެސް އެމީހުންގެ ތެރޭގައި ހުރި ބިލާލްގެ ސަމާލުކަން ސިއްރުވެރި ގޮތުގައި ނަމަވެސް ދީފައިވަނީ މާކިންއާއި މެހެކްގެ ހަރަކާތްތަކަށެވެ. ޝުބާއާއި އިޝާންގެ ކައިރީގައި ހީހީފައި ވާހަކަތަކެއް ދައްކަން އެދެމީހުން ތިބިއިރު، މެހެކްއާއި މާކިން އެކަކު އަނެކަކަށް ދެމުން ދިޔަ މައުނަވީ އިޝާރާތްތައް ބިލާލްއަކަށް ސިއްރެއް ނުވެއެވެ.

ޝުބާއާއި އިޝާންއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މެހެކްއާއި މާކިން މީހުންތަކާއި އެކަހެރިވެލާ، އެއްފަރާތަކަށް ޖެހިލީ މާކިންގެ އެދުމަކަށެވެ. ޓެރަސްގެ ރެއިލިންގ ކައިރީގައި މަޑުކޮށްލުމަށްފަހު، ތިރިން ފެންނަން އޮތް ހަލަބޮލި މަގުތަކަށް މާކިންގެ ނަޒަރު ހުއްޓާލިއިރު މެހެކް ހުއްޓިލީ ތިރި ނުފެންނާނޭ ގޮތަށް މާކިންއާއި ކުރިމަތިވާ ގޮތަށެވެ. އެކަކު އަނެކަކާއި ވާހަކަ ނުދެއްކި ނަމަވެސް، އަދި އެކަކު އަނެކަކާއި ހަތަރުކަޅި ހަމަ ނުކުރި ކަމުގައިވިޔަސް ދެމީހުންގެ ތުންފަތަށް އިރު އިރުކޮޅުން ވެރިވަމުންދާ ލުއި ހިނިތުންވުންތަކުން އެދެމެދުގައި ވާހަކަތަކެއް ބަދަލު ކުރެވެމުން ދާފަދައެވެ.

“ބުރުގާ ބަދަލުކޮށްލީ ކީއްވެ؟..” މާނަވީ ހިނިތުންވުމަކާއިއެކު މާކިން އެންމެ ފަހުން އެދެމެދުގައިވާ ހިމޭންކަން ފޫއަޅުވާލީ މެހެކްގެ ޒުވާން މޫނަށް އޭނާގެ ފުން ނަޒަރު ސީދާކޮށްލަމުންނެވެ. ސިއްރުވެރި ފިރިހެންވަންތަ އަޑަކުން ކުރި އޭނާގެ އެސުވާލާއިއެކު އެސްފިޔަތަށް ތިރިކޮށްލައިގެން ހުރި މެހެކްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ލަދުރަކި އެހެނަސް، ލޯބިވެތި ބެލުމަކުން މާކިންއާއި ނަޒަރު ހަމަކޮށްލިއިރު އޭނާގެ މަޑުމޮޅި ހިތުގެ ތެޅުން ދެގުނައަށް ބާރުވެލައިފިއެވެ.

“ކުއްޖަކަށް ކަމުނުދިޔައީމަ..” މެހެކްގެ ޖަވާބު ކުރުވެފައި ފުރިހަމައެވެ. މާކިންގެ ފުން ދެލޮލުން ނަޒަރު ވަކިކޮށްލުމެއްނެތި އޭނާ ޖަވާބު ދިނީ މާކިންގެ ހިތުގެ ހިނގުމަށް އަސަރުކޮށްލުވަމުންނެވެ. ދުލުން ނުބުނިކަމުގައިވިޔަސް އޭނާގެ އިހުސާސްތަކަށް މެހެކްގެ ހިތުން ޖާގަ ދީފައިވާކަން ދެމުން ގެންދާ އިޝާރާތްތަކުން ބުނެދެން އުޅޭ ފަދައެވެ.

“ގޯޑް..” ވެރިވަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން މާކިން ލޯ މަރާ ބާރުކޮށްލުމަށްފަހު މޭގައި ހިފަހައްޓާލިއެވެ. މެހެކްއަށްޓަކައި އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ ލޯބި އެހިތް ބަންޑުން ކޮށްލަން މަޖުބޫރުކުރަނީއެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތާއި ދިމާގައި އަތް އަޅައިގެން ހުރި އިރު އޭނާގެ ހިތުގައި ޝައުގުވެރިކަމާއި އެއްވަރަށް ނުތަނަވަސްކަންވެސް ވާކަން ހިނިތުންވެލައިގެން ހުރި ނަމަވެސް ނިތްކުރިމަތިން ފާޅުވާން ފެށި ދާ ތިކިތަކުގެ ސަބަބުން ހާމަވެއެވެ.

“މެހެކް.. އެބައޮތް.. އައި ހޭވް ސަމްތިންގ ފޯރ ޔޫ..” މާކިންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އޭނާގެ ޚިޔާލީ ދުނިޔެއަށް ގޮސް ހުސްވެފައިވާ މެހެކްއަށް ހަމަ ހޭވެރިކަންވީ އޭނާގެ ފިނިވެފައިވާ ދެއަތްތިލަ މާކިންގެ އަތުގެ ތެރެއަށް ލުމުންނެވެ. ހަމަ ވަގުތުން އަވަސްވެފައިވާ ހިތް އިތުރަށް ތެޅިގަތުމާއިއެކު ލޯ ބޮޑުކޮށްލަމުން ބޭއިޚްތިޔާރުގައި އޭނާއަށް ފަރާތް ފަރާތް ބަލާލެވުނީ އެއްވެސް މީހަކަށް އެމަންޒަރު ފެނުނުތޯ ބަލާލުމަށެވެ.

“މީހަކު ލޮލުގަ އަޅައިގަންނަވަރު ކަމެއް ނޫނޭ މިއެއް..” މެހެކްއާއި އެކުއެކީގައި ކަހަލަ ގޮތަކަށް ވަށައިގެން ބަލާލަމުން މާކިން އަނެއްކާވެސް ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ މެހެކްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ޕާޓީގައި އުޅޭ އެންމެންވެސް އެކި އެކި ކަންކަމުގައި އަވަދިނެތި އުޅޭތަން ފެނުމުން މާކިން ބުނެލި ވާހަކަ ވަރަށް ފަސޭހައިން މެހެކްއަށް ގަބޫލުކުރެވުނެވެ. އަދި ހަމަ ޖެހިލަމުން އަނެއްކާވެސް އޭނާގެ ސަމާލުކަން މާކިންއަށް ދޫކޮށްލުމަށްފަހު އޭމުނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ހުރިހާ ދަތްތައް ފެންނަ ގޮތަށް ހިނިތުންވެލި މާކިންގެ ދިގު ފޭރާ ދަތް މެހެކްގެ ލޮލުގައި އަޅައިގަތެވެ. ހާދަ ހިތްގައިމެވެ.

“ހުމްމް.. ކޯޗެއްތަ އޮތީ.. އަނެއްކާވެސް ކޮންމެސް ކާ އެއްޗެއްތަ..” ހަމަ ޖެހިލަން މަސައްކަތް ކުރަމުން މެހެކް މަޖާ ރާގަކަށް ބުނެލިއެވެ. އެއާއިއެކު ދެމީހުންނަށް އެކުގައި ކަހަލަ ގޮތަކަށް ހީނލެވުނެވެ. ތެދެކެވެ. އެދެމެދުގައި ގުޅުން ބަދަހިވަމުން ދިޔަ ވޭތުވެ ދިޔަ ދުވަސްތަކުގައި މާކިން އޭނާއަށް ހަދިޔާގެ ގޮތުގައި މުޅިންވެސް ދެނީ ފާޑު ފާޑުގެ ކާ އެއްޗިއްސެވެ. އެކި ވައްތަރުގެ މޭވާއާއި ނަޓްސްއެވެ. ތަނަކަށް ކާން ދިޔަޔަސް މާކިން އިނދެއްޖެނަމަ ހަށިގަނޑަށް ފައިދާކުރާ، ލެއަށް ރަނގަޅު އެއްޗެއް ނޫނީ މެހެކްއަށް ކާކަށް ނުލިބޭނެއެވެ. ކިތަންމެ ގިނަ އިރަކު މަޑު ކުރަން ޖެހުނަސް މެހެކްއަށް ދޭ އެއްޗެއް ކައި ނުނިންމަނިސް އޭނާ އެތަނަކުން ގުޑާވެސް ނުލާނެއެވެ. މާކިންގެ އެހިތްވަރު މެހެކްގެ ހަށިގަނޑުންވެސް އެނގެއެވެ. މިހާރަކަށް އައިސް އޭނާގެ ސިއްހަތު މިއިން ދުވަހަކު ނުވާހާ ރަނގަޅެވެ.

“މިފަހަރު ކާ އެއްޗެއް ނޫން.. އެއަށްވުރެ ސްޕެޝަލް އެއްޗެއް..” ބޯ އަރިކޮށްލުމަށްފަހު މެހެކްގެ މޫނާއި މޫނު ހަމަކޮށްލަމުން ނިކަން ލޯބިން މާކިން ބުނެލިއެވެ. އެއާއިއެކު ލިބުނު ޝައުގުވެރިކަމާއިއެކު އަނގަ “އޯ” އަކަށް ބަދަލުކޮށްލަމުން މެހެކް ބުމަ އަރުވާލީ ކޯޗެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. މާކިން ޖީބަށް އަތްލުމަށްފަހު މުށުގެ ތެރޭގައި ނެގި އޭނާގެ ހަދިޔާ މެހެކްގެ އަތަށް ލައިދިނެވެ. އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި މެހެކް ލަސްލަހުން އަތުގެ ތެރެއަށް ބަލާލީ ހައިރާންކަމާއިއެކުއެވެ. އޭނާގެ އަތުގައި އޮތީ ރިހި ކުލައިގެ އަނގޮޓިއެކެވެ. ހުދުކުލައިގެ މުތެއްގެ ސިފައިގައިވާ ބޮޑު އެހެއް ޖަހާފައިވާ އެ އަނގޮޓިއަށް ބަލަހައްޓައިގެން ހުރުމަށްފަހު މެހެކްއަށް އަނެއްކާވެސް މާކިންގެ މޫނަށް ބަލާލެވުނެވެ. އޭރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ސިއްރުވެރި ހިނިތުންވުމެކެވެ. މައުނަވީ ފުން ދެލޮލުގައިވަނީ އުއްމީދުން ފުރިގެންވާ ބަލާލުމެކެވެ.

ނުނިމޭ

 

 

 

 

104

7 Comments

 1. Laya

  June 25, 2020 at 7:34 am

  More updates about my stories on my Facebook page http://www.facebook.com/Laya-109143580845940

 2. Laya

  June 25, 2020 at 7:37 am

  Salam huriha kudhin, varah bodah sorry ingey lahun up kollevunyma. Ekamu mihaaru submit kollifahun 2 days vejje 🙂
  kudhin ge comments thakah reply nukolleveythy sorry ingey, v varakun reply ves kuraann insha Allah 🙂
  vaahaka kiyaalaafa comment kollahchey huriha kudhin
  thanks for the support ❤️❤️

 3. Inaaaa

  June 25, 2020 at 9:49 am

  Varah reethi mi part ves.. thi gothuga kuriah gendheveytho try kurey laya.. next part avahaa up kohdhehche..

 4. Shuba...

  June 25, 2020 at 10:30 am

  Vrh reethi. Masha Allah. Next part avas khdhehchey ingey….❤❤❤

 5. 🌺Aashko🌻🌼

  June 25, 2020 at 11:06 am

  Maasha Allah V reethi mi part ves. When is next sis
  Ly and the story ♥♥

 6. Lairav

  June 25, 2020 at 12:31 pm

  Ma sha allah vrh vrh furihama… sifa kirunthah hama habeysss

 7. Laya

  June 25, 2020 at 1:59 pm

  Thanks kudhin ❤️
  Next episode mirey submit kollaanan insha Allah 🙂

Comments are closed.