^3^ ކުއްލި އަކަށް ސިޑިން ފައިބަން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ކައިން އަރިއަޅާލައިގެން ވެއްޓުނެވެ. ރެޖިސްޓަރތަކާއި ގަނޑުތައް ބަރިބަރިއަށް ބިމަށް އޮހިގަތެވެ. ކުއްލިއަކަށް ބާރުހުރި ލަތްކެއްޖަހާ މީހަކު ކައިން ތެދުކޮއްދިނެވެ. “ޝިޓް ޝިޓް ޝިޓް..” ކައިން އެޔެއްމިޔެއްނުބަލާ ވެރިފައިވާ ހުރިހާ އެއްޗެއް އަލުން ނަގަންފެށިއެވެ. ހުރިހާ އެއްޗެއް ނަގާފައި ކައިން އެކުއްޖަކަށް ޝުކުރުއަދާކުރަން އެނބުރުނެވެ. ކައިން ދިޔައީ އެއްލިގެންނެވެ. އެތަނުގައި ހުއްޓިގެން ހުރީ ކައިން ހީކުރި މީހުންގެ ތެރެއިން އެކަކެއް ވެސްނޫނެވެ.

“ކަލޭތަ..؟” ރައިނާމެންގެ ގޭގައި ހުރި އެދޮން ފިރިހެން ކުއްޖާ ދެކިފައި ކައިންއަށް އެހުނެވެ. ^3^

އެކުއްޖާ ކައިންއާއި ދިމާލަށް ބަލާލުމަށްފަހު ބަހެއްވެސް ނުބުނެ ތިރިއަށް ހިނގައިގަންނަން އުޅުނެވެ. “އޭތް.” ކައިން އައި ރުޅިން ހަޅޭއްލަވައިގަތެވެ. އެކުއްޖާ ހުއްޓި ފަހަތް ބަލާލިގޮތުން ކައިންގެ ގައިން ހީބިހި ނެގިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެކުއްޖާގެ އެދެލިކޮޅެއްފަދަ ފުން ދެލޮލުން ވިދައިގަތީ ނަފްރަތެވެ. ދެލޯ ބޮޑު ކޮއްލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ކައިންއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. އެ ހުރެވުނީ ސިޑިމަތީގައި ކަންވެސް ހަނދާނެއްނެތެވެ. ކައިން ސިޑީގައި އަޅައިގަނެ ވެއްޓެން ދިޔައެވެ. އެކުއްޖާ ވައިރޯޅިއެއްހާ ހަލުވިކޮށް އައިސް ކައިންގެ އަތުގައި ހިފާއްޓާލިއެވެ. ހުރިހާ ރެޖިސްޓަރތަކާއި އެއްޗެއް ކައިންގެ ގައިގައި ލައިގަނެފައި މަތަވިއެވެ.

އެކުއްޖާގެ އަތުގައި އޮތް ޖޫސް ޕެކެޓް ކުއްލިއަކަށް ކައިންގެ ސްކާޓްއަށް އެޅުނެވެ. އެކުއްޖާ ކައިން ދޫކޮއްލިއެވެ. ހީވީ ދޫންޏެއް މިނިވަން ކޮއްލިހެންނެވެ.

ކައިން އެކުއްޖާއަށް ކަޅި އަޅާލިއެވެ. “ދެންވެސް ބަލައިގެން އުޅޭތި..” އެކުއްޖާ ޖޫސްޕެކެޓް ދަމާލަމުން ބުނެލިއެވެ. ކައިންގެ ދެބުމަ ގޮށްޖެހުނެވެ. “ބަލަ ކަލެޔާ ހެދިއޭ މިހެންވީ..” ކައިންއަށް ބުނެވުނެވެ. “މަށާ ހެދިއޭ..؟” އެކުއްޖާ އެއްސެވެ. ”ކާކު ބުނީ މަގޭ ގައިގައި ހިފާއްޓާށޭ..؟” ކައިން އެވަރުންވެސް ކުށްވެރިކުރީ އެކުއްޖާއެވެ. “ވާހް.. ހެޔޮކަމަކަށް ތެޔޮހަމެއް..” ދެލޯ ބޮޑުކޮއްލަމުން އެކުއްޖާ ބުނެލިއެވެ. “ފުރަތަމައިނުން ކަލޭ ނުޖެހޭނެ މަގޭ ގައިގައި ލައިގަންނާކަށް..” ކައިން ބުނެލިއެވެ. “މަށެއްނޫން ކަލޭ މަގޭ ގައިގައި ލައިގަނެގެން ދިޔައީ..” އެކުއްޖާވެސް ކައިންއަކަށް ދުލެއް ނުކުރިއެވެ.

“ހުނ.. ކަލެޔާއެކީ ޒުވާބު ކުރުމަށްވުރެ މާމުހިންމު ކަންތައްތައް ކުރަން އެބަހުރި..” ކައިން ބުނެލިއެވެ. ”ތިހެން ބުނެފައި މާކުރިން ދިޔަނަމަ.” އެކުއްޖާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ކަލޭ ކޮން ހުނުމެއް ހޭކަށްތަ.؟ ދެންވެސް މަޑުންހުރޭ..” ކައިންއަށް ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެހެން ނޫންނަމަ ކައިންއަކީ އެންމެންނަށްވެސް ނުލާހިކު ރަނގަޅު ކުއްޖެކެވެ.

ތުންއަނބުރާލާފައި ކައިން ދާން އުޅުމުން ޖެއްސުން ކޮއްލުމުގެ ނިޔަތުގައި އެކުއްޖާ ކައިންގެ ބޮލުގައި އައްސާފައިވާ ވޫލްކޮޅަށް ދަމައިގަތެވެ. ވޫލްކޮޅު ނެއްޓުނު ވަގުތު ޖެހުނު ގަދަ ވައިރޯޅިއަށް ކައިންގެ ރާޅުބާނި އިސްތަށިގަނޑު ވިހުރުވިގެން ދިޔައެވެ. އެވިހުރުވުނުގޮތަށް ހޭކުނީ އެކުއްޖާގެ މޫނުމަތީގައެވެ. އެކުއްޖާ ގުޑިވެސް ނުލާ ހުއްޓެވެ.

“އައްދޭ.. ކޮންކަމަކާ ކޯތާފަތް ވިރެނީ.؟” އެކުއްޖާގެ އެސުވާލުން ކައިން ގަތީ ލަދެވެ. “މަގޭ ގައިން ތަނެއް އެބަ ވިރޭތަ..؟ އައި ގެސް ވީ އާރ އީވެން.. ކަލޭ މަގޭ ގަޔަށް ޖޫސްވެރީމެއްނު.؟ އެހެންވީމައި މަގޭ އިސްތަށިގަނޑު ކަލޭގެ މޫނުމަތީ މިހާކާލީ..” ކައިން އެވެސް ބޭނުންކުރީ ބަދަލު ހިފުމަކަށެވެ.

“އެހެންތަ.؟ ހާދަ ބަދަލު ހިފާ ހިތުން އުޅޭ ކުއްޖާ ގަނޑެކޭ..” އެކުއްޖާ އެހެން ބުނެލުމުން ކައިން ފައިނެގި ގޮތަށް އެކުއްޖާގެ ކަކުލުގައި ޖެއްސެވެ. ”ދެންވެސް އަންހެން ކުދިން ރުޅިއަރުވަން އުޅޭތި..” ކައިން ދަމުން ބުނެލިއެވެ. “ވޫލްކޮޅު ބޭނުމެއްނޫންތަ..؟” އެކުއްޖާ އެއްބުމަ މައްޗަށް އަރުވާލަމުން އެއްސެވެ. ”އޯ އަދި އެވާހަކަ ބުނަން ހަނދާންނެތުނީތާ.. ވޫލްކޮޅު ނެގީތީ ޝުކުރިއްޔާ.. ކަލޭ ވޫލްކޮޅު ނެގީމައި މަށަށް ފައިދާ ލިބޭނެ..” ކައިން އެއްލޯމަރާލަމުން ހީނލާފައި ސިޑިން މައްޗަށް އެރިއެވެ. ކައިން އެރުމުން އެކުއްޖާއަށް ފާޑަކަށް ހީލެވުނެވެ.

ރެޖިސްޓަރތައް ބަހާ ނިންމާލަމުން ކައިން ފާޚާނާއަށް ވަނީ އެތަންކޮޅު ދޮވެލުމަށެވެ. ހީކުރިވަރަށްވުރެ ފަސޭހައިން އެކަންތައްތައް ވެއްޖެއެވެ. އެތަންކޮޅު ފޮހެ ހިތްހަމަޖެހޭ ވަރުވުމުން ކައިން ކްލާހަށްގޮސް ކްލާހަށް ވަނެވެ. އޭރު ކްލާސްތެރޭ އެކަކުވެސް ނެތެވެ. ނަމަވެސް ކައިންގެ ގޮނޑީގެގާތުގައި މީހަކު އިށީނދެލައިގެން އިނެވެ. މާބޮޑަށް އަޅާނުލާ ވަށައިގެން ހޯދަމުން ކައިންއަށްގޮސް އޭނާގެ ގޮނޑީގައި އިށީނދެވުނެވެ. “އެންމެން ކޮބާ..؟” ގާތުގައި އިނީ ރައިނާކަމަށް ހީކޮށް ކައިންއަށް އެހުނެވެ.

“ނެތޭ އެކަކުވެސް.” ކައިންއަށް ޖެހިގެން ހުރި ‘ރައިނާ’ގެ އަޑުއިވުނެވެ. “ވަޓް..؟” ކައިންއަށް އެނބުރި ބަލާލެވުނީ އެއީ ރައިނާގެ އަޑު ނޫންކަން އެނގޭތީއެވެ. ކައިންއަށް އެނބުރި ބަލާލެވުނުގޮތަށް ތުންފަތު ގައި ދަތް އަޅާލެވުނެވެ. އެތަނުގައި ހުރީ އެކުއްޖާއެވެ. “މިތާ ކަލޭ ތިކީއްކުރަނީ..؟ ދެންމެ ހިތްހަމަޖެހޭ ވަރަށް ޖެއްސުން ނުކުރެވިގެންތަ މަށާއި ޖެހިގެން ކަލޭ ތިހުންނަނީ..؟ ކައިން އެއްސެވެ. “ފުރަތަމަ މަށަށް ހީވާ ގޮތުގައި އަހަރެންވެސް ސްކޫލަށް އައީ ކަލޭވެސް ސްކޫލަށް އައި މަގްސަދުގައި.. ދެވަނައަށް މަ ފުރަތަމަ މިތަނުގައި ހުރީ.. އެހެންވީމައި ކަލޭ ތިހުންނަނީ މަށާއި ޖެހިގެން..” އެކުއްޖާ ނުލާހިކު ހަމަޖެހިގެންހުރެ ޖަވާބުދާރީވިއެވެ. “އޯވް..” ކައިންއަށް ވީގޮތް ނަގައިގަނެވުމުން ލަދުގަތެވެ.

“އެހެން ތަނަކަށް ބަދަލުވޭ.. ތިއީ މަގޭ ބެސްޓް ފްރެންޑު އިށީންނަތަން..” ކައިން އަޑުމަޑުކޮއްލަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. ”މަށެއް ބަދަލެއް ނުވާނަން.. ކަލެއަށް އުނދަގޫވަންޏާ އަމިއްލައަށް ބަދަލުވޭ… އޯކޭ..؟” އެކުއްޖާ ބުނެލިއެވެ. “ހުނ…!!” ކައިން މޭޒުމަތީ ބަންލާފައި ޖެހިގޮތަށް ދަބަސް ނެގިއެވެ. “ދޭ..” އެކުއްޖާ ބުނެލިއެވެ. ކައިން ދަނިކޮށް މޭޒެއްގައި ހަރުކޮއްފައި ހުރި ދޫއިސްކުރެއްގައި އަޅައިގަތެވެ. ސްކާޓަށް ވާންވެގެން ދިޔަކަމެއް ކައިންއަކަށް ނޭނގެއެވެ. ބާރުބާރަށް ހިނގާލާފައި ދާން އުޅެނިކޮށް ކައިންގެ ކަންފަތުގައި ޖެހުނީ ފޮތި ވީދައިގެންދާ ކަހަލަ އަޑެކެވެ. އެއަޑަށް އެކުއްޖާ ލާނެތް ފާޑަކަށް ހީނލިއެވެ. އެކުއްޖާއަށް ކައިންގެ ސްކާޓް ވީދައިގެން ދިޔުމުން ހެވުނުކަން އެނގި ކައިން ތުން އަނބުރާލަމުން ޖެކެޓް ބާލާފައި އުނަގަނޑު ވަށާލައިގެން އައްސާލިއެވެ.

ކައިން އެނބުރުގަޑީ އިސްކުރަށް ވަރަށް ވާންވިއެވެ. ކައިން އަރިއަޅާލަން އުޅޭހެން ހީވެގެން އެކުއްޖާ އެލާޓަށް އައީ ކަންނޭނގެއެވެ. ވަގުތުން ކޮޅަށް ތެދުވެއްޖެއެވެ. ކައިން ވެއްޓެން ދިޔުމުން އެކުއްޖާއަށް ހިފޭއްޓުނީ ކައިންގެ ޓައީގައެވެ. ނަމަވެސް ކައިން ވެއްޓުމުން ސަލާމަތްވިއެވެ. ރަނގަޅަށް ހަމަޖެހެވުނު އިރު ދެމީހުންނަށް ހުރެވުނީ މޫނާމޫނުގައި ޖެހޭހާ ގާތުގައެވެ. ކައިންގެ ދެލޯ ބޮޑުވިއެވެ. ނޭވާކުރުވިއެވެ. ބުމަ މައްޗަށް އަރުވާލެވުނެވެ. ދެކޯ ޖަންބެއްހެން ރަތް ވެލައިގެންދިޔައެވެ.

ހަރަކާތެއް ކޮއްލަން ނޭނގިފައި ހުއްޓާ ކުއްލިއަކަށް މީހަކު ކްލާހުގެ ދޮރު ހުޅުވާލި އަޑަށް ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. ބޯ އަރި ކޮއްލައިގެން އެމަންޒަރު ބަލަން ހުރީ ރައިނާ ނޫންދެވަނަ މީހެއް ނޫނެވެ.

“ރައިނާ..!” ދެމީހުންނަށްވެސް އެއްއަޑަކުން ގޮވާލެވުނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީވެސް އެއްފަހަރާއެވެ. “ކަލޭ ކީއްކުރަން މަގޭ ބެސްޓްފްރެންޑަށް ތިގޮވަނީ..؟” ކައިން ބާރަށް އެއްސެވެ.

“އޯވް… ޔޫ މެޓް..؟؟” ރައިނާއަށް ހަމައެކަނި އެހެން އަހާލެވުނުކަމެވެ. ހީވީ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ރައިނާގެ ހިނިގަނޑުން މުޅި ކްލާސްތެރެ ގުގުމައިގަތެވެ. “ރައި ކީއްވެ ތިހެނީ..؟” ކައިންއަށް އެހުނެވެ. “ހެވޭނެއްނު..؟ ކައިން މަގޭ ބޭބެއާއެކީ ކްލާސް ތެރޭ އެކަނި އަދި ތިފާޑަކަށް ހުރީމަ.. ދެން ނުހެވެންވީ ސަބަބެއް އަދި ނުފެނޭ..” ރައިނާ އެހެން ބުނުމުން ކައިންއަށް ބަލާލެވުނީ އެކުއްޖާއަށެވެ.

”އަދިވެސް މަގޭ ޓައީ އިން ދޫކޮއްލާކަށެއް ނުވޭތަ.؟” ކައިން އެއްސެވެ. ”މަ މިހުރީ ދޫކޮއްލައިގެން.. ކަލޭ ތިހުރީ މަގޭ އަތުގައި ހިފައިގެން..” އެކުއްޖާ ދިން ޖަވާބުން ކައިންއަށް އަމިއްލަ އަތަށް ބަލާ ލެވުނެވެ. ހީވި ހަރުފައެއް އަތަށް ވިހަލީހެންނެވެ. ކައިން އަވަހަށް އެކުއްޖާގެ އަތުން ދޫކޮއްލި މަންޒަރު ދެކިފައި ރައިނާގެ ހިނިގަނޑު ވީގަދައެވެ. ހެމުން ރައިނާގެ ލޯވެސްވަނީ ތެމިފައެވެ.

“އެއް މިނެޓް.. ރައިގެ ބޭބެއޭ..؟” ރައިނާ ބުނި ޖުމްލަ ކައިންއަށް ރަނގަޅަށް ވިސްނާލެވުނީ ދެނެވެ. “ހޫމް.. މީ ޝަވާން.. ކައިންއަށް އެނގޭނެހެންނެއް ހިޔެއްނުވޭ.. ޝަވާ އުފަންވީ މިރަށަށް.. ޝަވާއަށް އެންމެ ހަ އަހަރުގައި ޝަވާމެން މާލެ ދިޔައީ.. ފަހުން އަދި ތުއްތުބެއާއި ޝަރޫންބޭ އައި މިކޮޅަށް.. އެކަމް އަނެއްކާ އެކޮޅަށް ދިޔައީ… ޝަވާއަށް އަށާރަ އަހަރު ވެއްޖެ ޖުލައިމަހުގައި.. ކައިއަށް އަށާރަ އަހަރު ފުރޭނީ އޮގަސްޓުގައެއްނު..؟ މަށަށް އޮކްޓޯބަރުގައިދޯ.. ދެންވެސް މަ ލައްވާ އިތުރަށް ދެވަނަ މާނަ ނެގުވިޔަ ނުދީ ތިހެން ތޮޅޭ ސަބަބު ކިޔައިދީފާނަންތަ..؟” އެއްލޯމަރާލަމުން ރައިނާ އެއްސެވެ.

“މި ޖަރކް ބޯއި އަހަރެންނަށް އުނދަގޫކުރަނީ..” ކައިން ކުށްވެރި ކުރުވީ ޝަވާންއެވެ. “ޝަވާ ކީއްވެ ކައިންއާއި ތޮޅެނީ..؟” ރައިނާ އެހެން ބުނެލިއިރު ޅަދެކުދިން ސުލްހަ ކުރަން އުޅޭ މައެއްފަދައެވެ. ޝަވާން ހިނިއައިސް އެއްބަސްވިއެވެ. ކައިން ވީހައިރާނެވެ. އެބޮޑު ޒުވާބުގެ އެއްބައި ކައިން ނަގަން ޖެހޭނެތީއެވެ.

“އޯކޭ.. އޯކޭ.. ދެމީހުން އެކަކު އަނެކަކަށް މާފުކޮއްފައި ދެމީހުންވެސް އެކަކުއަނެކަކު ގެ ގައިގައި ބައްދާލާފައި ދެކޮލަށް ހަދިޔާއެއް ދިނީމައި ނޫނީ ކްލާހުން ބޭރަކަށެއް ނުދެވޭނެ..” ރައިނާގެ އެޖުމްލައިން ކައިންއާއި ޝަވާން އެކަކު އަނެކަކާއި ވަގުތުން ދުރަށް ޖެހުނެވެ. “އޭ ރައިނާ.. މާއަމުރުވެރި ވެލައިގެން އުޅެންޏާ އެއްކަލަ ފެހެންދޫ ސޮރުގެ ވާހަކަ ބުނާނަން މަންމަގާތު…!!” ޝަވާން އިންޒާރުދިނެވެ.

“މާލަސްވީ.. ޝަވާ ބުނުމުގެ ކުރިން މަންމައަށް މެސެޖެއް ފެނިގެން ފަޅާއަރައިފި..” ރައިނާ މަޑު ހުނުމަކާއެކީ ބުނެލިއެވެ. ދޮގެއްވާނޫނެވެ. އެފެހެންދޫ އާއިޝްއަކީ ރައިނާ މާވަރަކުން އުޅުނު ކުއްޖެކެވެ.

“އެހެން ވިއްޔާ މިދިޔަ އީދުގައި ޝަޒީލައްތަގެ ފޯނު މޫދަށް ވައްޓާ އޮޔާ ދޫކޮއްލީ ކާކުކަން ބުނާނަން..” ޝަވާން އަނެއް އިންޒާރުދިނެވެ. “އެވެސް އެނގިއްޖެ.. އެހެރަ މޫދުދޮށުގައި ހުރެއެއްނު ސަމާހާމެންގެ ގެ..؟ އެގެއަށް ރީއްކޮ ގޮވައިގެން މަންމަ ދިޔައީ.. އެދުވަހުގައި ސަމާހާމެންގެ މަންމަ ގޮނޑަށް ކުނި އުކާލަން ދިޔަގަޑީ ފެނިގެން ބަސްޓްވެއްޖެ..” ރައިނާ ބުނެލިއެވެ. “ދޫތަޅުލެވިއްޖެ.. އަންހެންކުއްޖާ… ތިކުއްޖާއަށް މަގޭ ކޮއްކޮއަކީ ކާކު..؟” ޝަވާން އެއްސެވެ. “ބެސްޓްފްރެންޑް..” ކައިން ޖަވާބުދިނެވެ. “ކަލެއަށް ރައިނާގެ ސިއްރެއް އެނގޭނަމަ ދެން ކިޔާބަލަދޯ.!” ޝަވާން އެދުނެވެ. ”ބަލަ މަމީ ކަލެއެއް ނޫނޭ ބްލެކްމެއިލް ކުރާކަށް..” ކައިން ޝަވާންއާއި ދިމާލަށް މޫނެއް ހަދާލިއެވެ. “ބޭނުމީ މަށަށް މާފުދީ ބައްދާލާ ދެކޮލަށް ހަދިޔާއެއްދޭންތަ ނޫނީ މިތަނުން ސަލާމަތްވާންތަ.” ޝަވާން އެއްސެވެ.

“ރައި.. މިޖަރކް ބޯއިހެން މަށެއް ރައިއަކަށް ބްލެކްމެއިލް ނުކުރާނަން.. އެކަމް ނެރެދީފާނަންތަ..؟” ކައިން ލަސްލަހުން އެދުނެވެ. ”ހޫމް..؟” ރައިނާ ކޮލުގައި އިނގިލިޖައްސާލިއެވެ. އަދި އިރުކޮޅަކު ވިސްނަން ހުއްޓެވެ. “ނުނެރެދޭނަން.. އެކަމް ލުއިކޮއްދީފާނަން…” ރައިނާގެ ތުންފަތުން ދައްކާލާފައިވާ ވިހަ ހިނިތުންވުމުން ކޮންމެވެސް ނުބައި ޚިޔާލެއް ބޮލަށް ސަވާރު ކޮއްލައިގެން އުޅެނީކަން ކައިންއަށް އެނގުނެވެ. “ކިޔާބަލަ…” އަނގަފަޅާލީ ޝަވާންއެވެ.

“ޝަވާ ޖެހޭނެ ކައިންގެ ނިތްކުރިއަށް…” ރައިނާ ޖުމްލަ ފުރިހަމަ ނުކޮއްލަނީސް ކައިން ވަގުތުން ގޮނޑިއެއް ނަގާ އަތަށް ހެޔޮވަރުކޮއްލިއެވެ. “މަރުގެ ރަހަބަލާލަން ބޭނުމިއްޔާ ކުރިއަށް އަޔަސް އެންމެ ރަނގަޅު..” ކައިން ބުނެލިއެވެ. “އާވް ކަމްއޯން..” ރައިނާ ދެތިން ފަހަރު އަތްޖަހާލިއެވެ.

ޝަވާން ލައިގެން ހުރި ކަޅު ޖެކެޓްގެ ޖީބަށް އަތް ކޮއްޕާލިއެވެ. އަދި ކުރިއަށް ފިޔަވަޅެއް އެޅިއެވެ. “ކަލޭ ހަނދާންކުރާތި. ކުރިއަށް އެންމެ ފިޔަވަޅެއް ދެން ނެގިޔަސް މާދަމާ ކަލޭ އޮންނާނީ ބިމުގެ ހަފޫޓުއަޑީ ގައި…” ކައިން ބުނެލިއެވެ. ހާސްވުމަކާއިނުލާ ޝަވާން ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން ދިޔައެވެ. “ބިފޯރ އައި ބްރޭކް ޔޯ ލެގްސް.!!” ކައިން ބުނެލިއެވެ. “އޭ އަންހެން ކުއްޖާ.. މަގޭ ގައިގައި އިނގިލި ކުރިހާ ހިސާބު ޖައްސާލަން ނުކެރިގެން އުޅެންޏާ ދެފައި ބިންދާލެވޭނީ ކިހިނެތް..؟” ޝަވާން އެއްސެވެ. “ކޮންމެވެސް ގޮތަކުން..” ކައިން އަވަހަށް ދުލަށް އައި ފުރަތަމަ ބަސް ބޭރު ކޮއްލިއެވެ.

“ނުގުޑޭތި… ހަރަކާތް ކޮއްފިއްޔާ ކަލޭގެ މައްސަލައެއް…” ޝަވާން ކައިންގެ ކުރިމަތީގައި ހުއްޓެމުން ބުނެލިއެވެ. ”އެހެން..” ކައިން ގޮނޑި މަޅާލަމުން ބުނެލިއެވެ. ޝަވާން ފައިން ޖެހިޖެހީނުން ގޮނޑި އެނބުރެމުން ސެނބުރެމުން ގޮސް ކްލާހުގެ ކަނަށް މަތަވިއެވެ. މިހާރު ޝަވާންއާއި ކައިންގެ މެދުގައި އަރާނެ ފާރެއް ހުރަސްކުރާނެ އޮޅިގަނޑެއްނެތެވެ.

ކައިން މޫނުމަތީގައި އަތްއަޅަމުން ދެކަކޫމައްޗަށް ތިރިވެ ރަނގަޅަށް ނިތްކުރި ފޮރުވާލިއެވެ. އެމަންޒަރު ބަލަން ރައިނާ ގާތްވެލިއެވެ. ޝަވާން ތިރިވެފައި ކައިންއާއި ދިމާލަށް ގުދުވެލިއެވެ.

“ބޯގޯސް.!!” ކްލާހުގެ ދޮރުމަތިން ރައިނާ އެއްފަރާތްވި ވަގުތު ބަލާފައި ކައިން ކްލާހުން ނުކުމެ ބޭރަށް ދުއްވައިގަތެވެ. އޭރު ޝަވާން ދޮރުމަތީގައި މަޑުކޮއްލައިގެން ހުއްޓުނެވެ. “އެވަރުކަމެއް ކުރާކަށެއް ނޫނޭ އުޅުނީކީ.. ވަރަށް ބޯހަރު އަންހެންކުއްޖާ ގަނޑެއްދޯ އެއީ..؟ ރައިވެސް މީނައަށް ވުރެ ރީތިއަންހެން ކުއްޖަކު ގެނެސް ކުރިމަތީ ބެހެއްޓިނަމަ ހިންގާލެވުނީސް…” ކައިން ސިޑިން ދުވެފައި ތިރިއަށް ފައިބާ މަންޒަރަށް ގެއްލިފައިހުރެ ޝަވާން ބުނެލިއެވެ.

“އޭ…. ޝަވާއަށް ކައިން ރީތިވީމަތާ ދެލޯ އެދިމާއިން ދުރުނުކުރެވިގެން ތިއުޅެނީ..” ރައިނާ ބުނެލިއެވެ. “އާނ ދެން.. ދޮގު ނުހަދަން ބުނާނަމަ އެކުއްޖާ އަސްލު ވަރަށް ރީތި.. ކޮންނަމެކޭތަ ބުނީ އެކުއްޖާއަށް ކިޔަނީ..؟” ޝަވާންއަށް އެހުނެވެ. “ކައިން.. މަގޭ ބެސްޓްފްރެންޑް..” އެއްލޯމަރާލަމުން ރައިނާ ކައިން އާއި އެއްވަރު ކުރަން ދުއްވައިގަތެވެ.

”އޭ ކައި… މަޑުކޮއްބަލަ..” ދުވަމުން ދުވަމުންގޮސް ޑްރައި ހޯލްޑަރ ރޫމާއި ހަމައަށް އަރާފައި ރައިނާ ގޮވާލިއެވެ. “އެޝަވާން ގަނޑު ފަހަތުން އެބައާދޭތަ..؟” ކައިން މައިނޭވާލަމުން އެއްސެވެ. “ނޫނޭ.. އޭނާ ގޮއްސި ލައިބްރަރީއަށް. މިއަދު ފުރަތަމަ ދުވަސް ކަމަށްވާތީ ފްރީކޮށްދެނީ. ކިހާރަނގަޅު..؟” ރައިނާ ބުނެލިއެވެ. “އެހެންތާ.. ދެން ރައި ނުލަފާކަމެއް ކޮއްބަލަ.. ހަދަންވީގޮތް އެނގޭނީ މަށަށް..!” ކައިން ތުން އަނބުރާލަމުން ރައިނާގެ ކޮނޑަށް އަތް ވައްޓާލައިގެން ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ގިނަ ކްލާސް ތައް ކުޅުމުގެ ފޯރީގައި ދުވެލަދުވެލާ އުޅެއެވެ.

“މަރުހަބާ..” ލައިބްރަރީއަށް ވަންނަ ދޮރު ހުޅުވާލަމުން ކައިން ނުވަންނަނީސް ފޮތެއް ކިޔަން ހުރި ޝަވާން ބުނެލިއެވެ. “އޭ ކައި އެބައަންނަން ފާޚާނާއަކަށް ޖެހިލާފައި..” ރައިނާ އެހެން ބުނެލާފައި ދުއްވައިގަތީ ކައިންގެ އަނގައިން ބަހެއްހާ ހިސާބުވެސް ނުނުކުންނަނީހެވެ.

ކައިން މަޑުމަޑުން ހަރުގަނޑުން ފޮތެއް ނަގައިގެން މެޓްމަތީގައި އިށީނދެލިއެވެ. ލައިބްރަރީކަމުން ހަމަހިމޭނެވެ. ލައިބްރަރީގައި ހުރީ ލައިބްރޭރިއަންގެ އިތުރުން ދެތިންކުއްޖެކެވެ. އެއެންމެންވެސް ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ.

ވަގުލޮލަކުން ކައިން ޝަވާންއަށް ބަލަމުން ދިޔައެވެ. “މާ ބަލާހިތުން ތިއުޅެނީ ކީއްވެހެއްޔޭ.؟ އެއީ މަގޭ ސުވާލަކީ.” ޝަވާން ކައިންއާއި ދިމާލަށް ބަލާވެސް ނުލާ އެއްސެވެ. “ހުނ.. އިޑިއޯޓިކް ޖަރކީ ޖަރކް ބޯއި..” ކައިން ޝަވާންއަށް މޫނު ހަދާލަމުން ޝަވާންގެ އަތުގައިވާ ފޮތުގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. “އާރް.އެލް.ސްޓައިންގެ ގޫސްބަމްޕްސް..؟ ކަލޭ ތިއީ ކުޑަކުއްޖެއްތަ ތިވާހަކަ ކިޔަން.؟” ޝަވާން އަނގަމަޑުން ލައިގެން ހުންނަން ފެށުމުން ކައިން ޖެއްސުމެއް ކޮއްލާހިތްވިއެވެ.

“ހުނ. ވަޓްއެވަރ..” ޝަވާން ރައްދުނުދިނުމުން ކިޔަންހުރި މޭރީކޭޓް އެންޑް އޭޝްލީގެ ފޮތަށް ކައިން ބަލާލިއެވެ. ކައިން އެންމެ ސިކުންތަކަށްވެސް ދެންމެ ޝަވާންއާއި ދިމާލަށް ބަލާލިނަމަ ޝަވާންގެ ތުންފަތު ގައިވާ ފަނޑު ހިނިތުންވުން ފެންނާނެއެވެ.

.. ނުނިމޭ ..

4

3 Comments

  1. 🌺Ril🌺

    June 10, 2020 at 10:43 am

    Aley neesh dear mi part ves varah sali
    Amazing Hama ingey. Masha allah love you

  2. Anuahs

    June 10, 2020 at 8:41 pm

    Neesh mi part ves varah salhi♥️. Hama 💯.comment nukuriyas baraabarah mi vaahaka kiyan.🙂 Curiously waiting for the next part.hope avahah next part up kohdheyne kamah🙂

  3. Anuahs

    June 11, 2020 at 1:39 pm

    Neesh mee varah salhi vaahaka eh♥️💯🥰. Next part avahah up kohdhechey.keep it up neesh😊🥰. Stay safe nd luv u♥️

Comments are closed.