ރަންކިޔަން ހަމަޖެހިފައިވި ދުވަހުގައިވެސް ޖަންނަތު ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް ކުރިއަށް ގެންދާށެވެ. ހެކިވެރިން އައުމުން ގަނޑުކޮޅެއްގައި ރަނުގެ އަދަދު ޖަހާލުމަށްފަހު ދިން އިރު ޖަންނަތުގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. ކުއްލިއަކަށް ކައިވެނި ކުރެވެން މިއުޅެނީ ކާކުތޯ ބަލަން ބޭނުންވިއެވެ. ނަމަވެސް ދުޖާނާ ގާތުގައި އަހާލާނެ ހިތްވަރެއް ނުލިބުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ލޫތު އާއި ޖަންނަތުގެ ކައިވެނިކުރެވުނެވެ. ޖަންނަތުއަށް ވަލީ ދިނީ ގާޒީއެވެ. އެކަމާއި ޖަންނަތު ސުވާލުކުރުމުން ހުރިހާ ދުވަސްތަކުގައި ޖަންނަތުއަށް ސިއްރުކުރެވިފައިވާ ކަމެއް އެނގުނެވެ. އޭނާއަކީ ދުޖާނާގެ އުފަން ދަރިއެއް ނޫންކަމެވެ. ދުޖާނާ ބުނި ގޮތުން ޖަންނަތުގެ އާއިލާ އެއްވެސް މީހެއް ވޭތޯ އޭނާ ވަރަށް ބެލިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީއެވެ.

މާޒީގެ ގިނަ ދުވަސްތައް ހަނދާނުން ފޮހެވިފައިވި ޖަންނަތުއަށް އެޚަބަރު ލިބުމުން ފުން އަސަރުތަކެއް ކުރުވިއެވެ. ހަނދާންހުންނަން ފެށީއްސުރެ އޭނާ މަންމަ ކިޔައިގެން މިއުޅުނީ އަސްލު މަންމައަކަށް ނޫންކަން އެނގުމުން ދެރަވި ނަމަވެސް ފޮހެވިފައިވާ ހަނދާންތަކާއި އަޅައި ބަލާ އެކަން އެހާ ބޮޑުކަމަކަށް ނުވިއެވެ. އޭނާގެ އާއިލާއެއް ވާނަމަ މިހުރިހާ ދުވަސް ވެގެން ދިޔައިރު ދިމާވާނެ ނޫން ހެއްޔެވެ؟ ޖަންނަތު އެކަމާއި ވަރަށް ވިސްނުމަށްފަހު އެންމެފަހުން ނިންމީ މަންމައެއްގެ ލޯބިދިން ދުޖާނާ އެދޭ ގޮތަކަށް އުޅުމަށެވެ. ދުޖާނާ އޭނަ ދަރިއެއްގެ ގޮތުގައި ގަބޫލުކުރަންޏާ އެވީއެވެ. ނަމަވެސް ހިތުގެ އަޑިން ޖަންނަތުގެ އަސްލު އާއިލާ ހޯދުމުގެ ޝައުޤުވެރިކަން އިންތިހާއަށް އޮތެވެ. އެހެން މީހެއް އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅެން ޖެހުނީ ކީއްވެކަން އެނގެން ބޭނުންވިއެވެ. ހިތުގައި ސުވާލު ފުނިޖެހުނު ނަމަވެސް އެސުވާލުތައް ދުޖާނާ އާއި ކޮށްލާކަށެއް ނުކެރުނެވެ.

ޖަންނަތު ނިގާބް އެޅި ދުވަހު ދުޖާނާ ކޮޓަރިން ބޭރަށް ނުކުންނަ އިރުވެސް މޫނު ފޮރުވައިގެން ނުކުންނަން ބުނި ހަނދާންވިއެވެ. އޭރު ޖަންނަތު ހީކުރީ ފިރިހެން ޚާދިމުންވެސް ގޭގައި އުޅޭތީ އެހެން ބުނީކަމަށެވެ.
ދުޖާނާ އެގޮތަށް އެދުނީ އެހެންވެގެން ނޫންތާއެވެ؟ އާލިޝް އާއި އައްޔާޝްވެސް ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓާ ސަބަބު މިހާރު ޖަންނަތުއަށް ހާމަވެއްޖެއެވެ. އެމީހުން ޖަންނަތުގެ މަހްރަމުންނަކަށް ނުވާނެއެވެ.

ޖަންނަތު ހަނދާން ހުންނަން ފެށިީއްސުރެ ދުޖާނާގެ ޚާއްސަ ސަމާލުކަމެއް އޭނާއަށް ދޭކަމުގެ އިހްސާސްވެއެވެ. އެހެންކަމުން ޖަންނަތު ދެކުނީ ދުޖާނާގެ ފިރިހެންދަރިން ދުރުދުރުން އުޅޭކަމުގެ ސިއްރަކީ ހަސަދަވެރިކަންކަމުގައެވެ. އެމީހުނާއި ދޭތެރޭގައި ދެކެވުނީ މާގޯސްކޮށެވެ. އެމީހުންގެ ފަރާތުން ނަފްރަތުކަމަކާއި ދުވަހަކުވެސް ކުރިމަތިލާން ޖެހިފައެއް ނެތެވެ. ޖަންނަތުގެ ހިތުގައި އެމީހުނާއި ދޭތެރޭ ލޯތްބާއި އިޚްތިރާމް އުފެދުނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވީހާވެސް ރަނގަޅަށް އެމީހުނާއި ދޭތެރޭގައި ކަންތައްކުރަން އަޒުމު ކަނޑައެޅިއެވެ.

ޖަންނަތުއަށް އޭނާގެ ކައިވެނި ކުރެވުނީ ލޫތު އާއި ކަން އެނގުނީ “އަނބި ޤަބޫލުކޮށްފީމޭ” ބުނި އަޑަށް އިސްއުފުލާފައި ބަލާލުމުންނެވެ.
އެވަގުތު ކުރެވުނު އިހްސާސްތައް ބުނެދޭންވެސް ނޭނގުނެވެ. އެންމެ ހިތް އެދޭ މީހާ އާއި ކައިވެނި ކުރެވުމުން ޖަންނަތު ހުރީ އިންތިހާއަށް އުފާވެފައެވެ. ލޫތުއަށް ބަލަން ހުއްޓާ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އަންނަން ފެށިއިރުވެސް އޭނާއަށް ރޭކާ ނުލިއެވެ. އޭރު ލޫތު ޖަންނަތުއަށް ބަލާވެސްނުލައެވެ.

ހަމައެކަނި އާއިލާ މީހުނަށް ދައުވަތުދީފައި ކުޑަ ވަލީމާއެއް ބޭއްވުނީ އަންހެނުނަށާއި ފިރިހެނުންނަށް ވަކި ބަޔެއްގައެވެ. ޖަންނަތު އާއި އާލިޝްގެ އަންހެނުން ސާރާ ތިބީ ގޭ ބޮޑު ކޮޓަރިތެރޭގައެވެ. ދެމީހުންވެސް ތިބީ ވަރަށް ރީތި ވެލައިގެންނެވެ. ހުދުކުލައިގެ ވަރަށް އާދައިގެ ގޮތަކަށް ފަހާފައިވި ހެދުމެއް ނަމަވެސް އެހެދުމުގައި ދެމީހުންވެސް އެހާ ނަލައެވެ. ގޭތެރޭގައި ގިނައީ ސާރާގެ އާއިލާގެ މީހުންނެވެ. ފިރިހެނުންނަށް ހަމަޖެއްސީ އައްޔޫބުގެ ގެއެވެ. އެހެންކަމުން ހުރިހާ ފިރިހެނުން ދިޔައީ އެގެއަށެވެ.

މީހުން އެހާ ގިނައިން ބޮޑު ކޮޓަރީގައި ތިބިއިރުވެސް ޖަންނަތު އިނީ މުޅީން އެހެން ދުނިޔެއެއްގައެވެ. ޖަންނަތުގެ ޚިޔާލުގައިވަނީ ލޫތުއެވެ. ލޫތުގެ އެކި ޚިޔާލުގައިވިއިރު ޖަންނަތުގެ ކޯތާފަތަށްވަނީ މަޑު ފިޔާތޮށިކުލައެއްވެރިފައެވެ. އެތަނުގައި ތިބީ ހަމައެކަނި އަންހެނުންކަމުން ޖަންނަތު އިނީ މޫނު ނުފޮރުވައެވެ.
ދޭތެރެއަކުން ޖަންނަތުގެ މޫނަށް ހިނިތުންވުމެއް ވެރިވެލާތަން ފެނި ދުޖާނާ ހުރީ ނިކަން އުފާވެފައެވެ. އެއީ އޭނާ ޖަންނަތުގެ މޫނުމަތިން ފެންނަން ބޭނުންވި އުފާވެރިކަމަށްވީތީއެވެ.

ވަލީމާގެ ކަންތައް ނިމުނީ ރޭގަނޑު ވަރަށް ލަސްވިފަހުންނެވެ.

ޖަންނަތު އޭނާގެ ކޮޓަރީގެ ސޯފާގައި އިށީންދެލައިގެން އިނީ ކައިވެނީގެ ހެދުމުގައެވެ. ކުޑަ ހުދުކުލައިގެ ފޮތިކޮޅަކުން މޫނު ނިވާކޮށްލައިގެން އިނީ ލޫތު ކުރިމަތީގައި އަދި މޫނު ނަގައިގެން އުޅެން ނުކެރޭނެތީއެވެ. ނަމަވެސް މިރޭ ހުރިހާ ކަމެއް ބަދަލުވެގެންދާނެކަމުގައި ޖަންނަތުގެ ހިތްބުނަމުން ދިޔައެވެ. ކޮޓަރިތެރޭގެ އެކި ތަންތަނުގައި އުއްބަތި ރޯކޮށްލާފައި ވާއިރު އެނދުމަތިވަނީ ރަތްފިނިފެންމަލުގެ ފިޔަތަކުން ޒީނަތްތެރިކުރެވިފައެވެ.
ކޮޓަރިތެރެ ރީތިކޮށްފަައި އޮތްގޮތުންވެސް ޖަންނަތުގެ މޫނަށް ރަތްކުލަ ވެރިވިއެވެ.

ޖަންނަތުގެ އިންތިޒާރަށް ނިމުމެއް އައީ ކޮޓަރި ދޮރު ހުޅުވާފައި ވަން ލޫތު ފެނުމުންނެވެ. ލޫތު އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ޖަންނަތު އާއި ދިމާލަށް ހިނގައިގަތް އިރު ހިތްވަނީ ހަލަބޮލިވެފައެވެ.

ލޫތު ވަނުމާއެކު ޖަންނަތު ވަގުތުން އިސްޖަހާލިއެވެ. އަވަސް ހަރަކާތަކާއެކު ކަޅި މައްޗަށް ހިންގާލުމަށްފަހު ލޫތުއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އުއްބަތީގެ އޮރެންޖް އަލީގައި ލޫތުގެ ހިތްގައިމު މޫނު ފެންނަނީ ހުވަފެނީކޮށެވެ. ބަލާބަލާ ފޫހި ނުވާނޭކަން ގައިމެވެ. ނަމަވެސް ޖަންނަތުގެ ލަދުވެތިކަން އެކަމަށް ފުރުސަތެއް ނުދިނެވެ.

ޖަންނަތުގެ ކައިރީގައި އިށީންދެލާ ލޫތު އިސްދަށަށް ޖަހާލުމަށްފަހު ފުން ނޭވާއެއް ލިއެވެ. އޭނާވަނީ ޖަންނަތުއަށް އޭނާގެ މާޒީގައި ހިނގާފައިވާ ހުރިހާކަމެއް ކިޔައިދިނުމަށް ނިންމާފައެވެ. އަދިވެސް އެހިތުގައި މަލާއަށްޓަކައިވާ ލޯބި ސިއްރުކުރެވޭނޭ ގޮތެއްނެތެވެ. ދުޖާނާވަނީ ޖަންނަތުގެ ބަލި ހާލަތު ސާފުކޮށް ކިޔައިދީފައެެވެ. އެހެންނަމަވެސް އޭނާގެ ހިތި މާޒީ ޖަންނަތު އާއި ހިއްސާކޮށްފައި ބޭއްވުމަކީ މުހިއްމުކަމެއްގެ ގޮތުގައި ލޫތު ދެކުނެވެ.
“ ޖަންނަތު… އަހަރެން…….” ލޫތުއަށް ވާހަކަ ދައްކަން ނުފެށެނީސް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯން ނިއްވާލަންވެގެން އުޅުނު ލޫތުއަށް ޔައުޤޫބްގެ ނަން ފެނުމާއެކު އެފޯންކޯލް ވަރަށް މުހިންމުވާނޭކަމަށް އޭނާގެ ސިކުނޑި އަންގައިދިނެވެ. ޖަންނަތު ހައިރާންވެފައި ބަލާލިއިރު ލޫތު އެތަނުން ތެދުވެއްޖެއެވެ. ލޫތު ދައްކަން އުޅުނީ ކޮން ވާހަކައެއްކަން ނޭނގުނު ނަމަވެސް އެއަޑުން ކަމުގެ ސީރިއަސްކަން ޖަންނަތުއަށް އިހްސާސްވިއެވެ. އެހެންކަމުން އެވާހަކަ އަޑުއެހުމަށް ޖަންނަތު ހުރީ ކެތްމަދުވެފައެވެ.

“ގިވް މީ އަ މިނެޓް… އައި ވިލް ބީ ބެކް…” ލޫތު ފޯނު ކަންފަތުގައި ޖައްސާލަމުން ކޮޓަރިން ނުކުތެވެ.
“ލޫތު ސަރ…. މިގުޅީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން. މިގަޑި ފްރީތަ؟” ސަލާމް ގޮވާލުމަށްފަހު އެކޮޅުން ޔައުޤޫބް ވާހަކަ ދެއްކިއެވެ.
“މާދަމާ ގުޅާލަންތަ؟” ކައިވެނީގެ ފުރަތަމަ ރޭ ކަމުން ޖަންނަތުއާއި ދޭތެރޭގައި ވިސްނާލުމަށްފަހު ލޫތު އަހާލިއެވެ.
“ ސަރ.. އިޓްސް އިމްޕޯރޓެންޓް…. އިޓްސް އެބައުޓް ޔުއާރ ވައިފް މަލާ..” ޔައުޤޫބް މަލާގެ ނަން ބުނެލުމާއެކު ލޫތުގެ ހުރިހާ ސަމާލުކަމެއް ޔައުޤޫބްއަށް ލިބުނެވެ. ޔައުޤޫބް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ލޫތު އެރީ އެގޭގެ ޓެރެސްއަށެވެ.
ފަރުވާތެރިކަމާއެކު ޔައުޤޫބްގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ލޫތުގެ މޫނަށް ތަފާތު ކުލަވަރުތައް އަރަމުން ދިޔައެވެ.

175

2 Comments

 1. Izabell

  June 10, 2020 at 3:16 pm

  Alheyy haadha reehchey mi part, Ma Sha Allah ❤❤❤❤❤❤❤❤❤ varah curious kollaafa thi nimmaaly vx 💚💚💚💚💚💚💚 waiting for next part 😘😘😘😘😘😘😘 ly

 2. Nikko

  June 11, 2020 at 11:49 pm

  Kon iraku up vaneee
  Maasha Allah💚💚💚💚💚💚
  Waiting for next part💚💚💚💚💚💚💚💚💚💚

Comments are closed.