ހާތިބުއަކީ އަމިއްލައަށް ބޭނުންވެގެން ކަންކަން ދަސްކުރުމަށް ފޯރި ހުންނަ ކުއްޖެކެވެ. ހާތިބުވެސް ފުރާދުވަސް ލަސްވިޔަސްވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. އޭނަ އަބަދުވެސް ބައްޕަ ބުނާތީއަޑުއަހައެވެ. ބައްޕަ އަބަދުވެސް ބުނާނެ “ކެތްތެރިންނާއެކުއޭ ﷲ ވޮޑިގެންވަނީ..” ” އަހަރެން ކެތްތެރިކަމާއެކު ކުރިމަތިލުމުން ހުރިހާ ފައިދާއެއްވެސް ވާނީ އަހަރެންނަށް” ހާތިބު އޭނަގެ ހިތާހިތާ ވާހަކަދެއްކިއެވެ.

އެހަފްތާގައި ފުރަތަމަވެސް ހަތީބުއަށް ދިނީ އެކި ޝަހަރުތަކާ ޤައުމުތަކުގެ ބަސްތައް ދަސްކުރުމަށް ދެވިފައިވާ ފޮތެކެވެ. ހާތިބުއަށް އެމަސައްކަތް ތަންކޮޅެއް އުނދަގޫ ކަމަކަށް ވިއެވެ. ނަމަވެސް ހިތްވަރުގެ އެންމެ ތަންފުކެއްވެސް ދޫނުކޮށް އެދަސްކުރުމުގައި ދުވާލުގެ ހަތަރުދަން ހޭދަކުރެއެވެ. ދުވާލު އެދަސްކުރުމުގައި ހޭދަކޮށްފައި ރޭގަނޑު އޭނާގެ އެކުވެރިންނާއެކު ބޭރުތެރޭގައި މަޖާ ކުރުމުގައި އުޅެއެވެ. ހާތިބުއަށް އެފޮތް ދަސްކުރެވުނީ ދެހަފްތާވަރު މަސައްކަތް ކޮށްގެންނެވެ. އެހޭ ގިނަ ގައުމުތަކެއްގެ ބަސްތައްވީމަ ފުދޭވަރަކަށް އުނދަގޫވެގެން ދިޔައީއެވެ. ހާތިބު އެފޮތް ދަސްކޮށް ނިމުމުން ދެވަނައަށް ދިނީ ހަށިގަނޑުގެ ބޭރުގައި އުފެދޭ ޒަޚަމްތަކާ އެފަދަ އެކިކަހަލަ ޒަޚަމްތަކަށް ޚާއްސަ ކުރެވިފައިވާ ބޭސްތަސް އުނގެނޭ ފޮތްތަކެކެވެ. ހާތިބުއަށް އެފޮތްތައް ދަސްކުރުމަށް އެހާ އުދަގުލެއް ނޫނެވެ އެފޮތަތައް ހަފްތާއެއްތެރޭ ދަސްކޮށް ނިންމުމުން ދެންދިނީ ހަށިގަނޑުގައި ބާރު ޖެއްސުމަށާ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ތަފާތު ޒަޚަމްތަކާ ބޮޑެތި ބައްޔެއް ފަދަ ކަމެއް ވެއްޖެއްޔާ ބޭސް ކުރާނެ ގޮތްތައް ލިޔެވިފައި ހުރި ފޮތްތަކެވެ. އެ ފޮތްތައްވެސް ހަފްތާއެއް ތެރޭ ހާތިބު ދަސްކުރިއެވެ. އެންމެ ފަހު ފޮތްތަކަކަށް ދިނީ އެކި ޝަހަރުގައި ކަންކަން އޮންނާނެ ގޮތާއި އެތާގެ ރަސްކަމާ ވެރިކަމާ ބޮޑެތި މީހުންގެ އުޅުމާ އާދަކާދަތަކާ ބެހޭގޮތުން ތިބި ފޮތްތަކެކެވެ. އެފޮތްތައް ދަސްކުރުމަށްޓަކައި ހަތީބުއަށް ދެހަފްތާވަރު ނެގިއެވެ. ހުރިހާ ފޮތްތައް ދަސްކޮށް ނިމުނު ދެމަސްވަރު ފާއިތުވެ ހިނގައްޖެއެވެ.

ރޭގަނޑަށް އިރުއޮތްސެން ގާތްވެފައި ހުއްޓާ ހާތިބު އޭނާގެ އެކުވެރިންނާއެކު ބޭރަށް ދިއުމަށް ނިކުތެވެ. އެމީހުން ރަށުތެރޭގައި އުޅޭތާ އިރުކޮޅެއްނުވެ މަޢޮރިބަށް ބަންގި ގޮވުމުން މިސްކިތައް ދާން ނައްޓާލިއެވެ mi blog. ނަމަވެސް މިފަހަރުވެސް ހައްޔާން މަކަރުހަދާފައި އެބަ އަންނަމޭ ކިޔައި ހިނގައިގަތެވެ. އެއީ އޭނާގެ އާދައެވެ. ނަމާދަށް ވަރަށް ފަރުވާކުޑަ ކުރަނެއެވެ. ނަމާދުކޮށްލައިގެން އައިސް އެކުވެރިންނާ ވާހަކަ ދައްކަމުން އޭނަ މާދަމާރޭ ފުރާނެ ވާހަކަ ބުންޏެވެ. އެކުވެރިންވެސް އެމީހުނާއެއްކޮށް ވަކިނުވެ އެންމެ ކުޑައިރުއްސުރެ އުޅުނު އެކުވެރިޔާއާ ވަކިވާން ޖެހުމުން އެކަމާ ވަރަށް ހިތާމަ ކުރިއެވެ. ނަމަވެސް ހާތިބުއަށް ބާއްޖަވެރި ދަތުރަކަށްއެދި އެނބުރި އައިސް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭނޭ ވާހަކަ ބުންޏެވެ. އާދައިގެ މަތިން ފަހުދުވަހު ހެދުނު ސޫޕްތަށްޓެއް ބޮއެގެން ވަރުދާންގެ އާއިލާ ބޭރު ފެންޑާގައި ވާހަކަ ދައްކާލަން ތިއްބެވެ. ” މިރޭފުރަންވާއިރަށް ދަބަސް އެއްޗެހި ތައްޔާރުކުރައްޗޭ އާސީ..” ދިގު ދަތުރަކަށް ވާތީ އަންނައުނުތައް ބޭނުންވާނެތީ ވަރުދާން ބުންޏެވެ. އަދި ހާތިބު ކައިރީ އޭނާގެ ދަބަސްވެސް ތައްޔާރުކުރުމަށް ބުންޏެވެ. އެއަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސުމައްޔާއާ ވާހަކަ ދައްކަން ފެށިއެވެ. ” ދަރިފުޅާ ބައްޕަ ނެތަސް މަންމަގެ ބަސްއަހާގެން އުޅޭތި… ގެއާ ދުރަށް ނުދާތި.. ކަންކަން ތަޖުރިބާ ކޮށްލާހިތުންވެސް ދުރަށް ނުދާތި.. އިންޝާﷲ ބައްޕައަށް އެނބުރި އާދެވުނީމަ އެންމެން އެއްކޮށް ދަރިފުޅުމެންގެ ކާފަގެ ރަށަށް ދާނީ..” ބައްޕަ ދިން ޚަބަރަކުން ސުމައްޔާ ވަރަށް އުފާވިއެވެ. އޭނައަށް އޭނަގެ ކާފަ އެންމެފަހުން ފެނިފައިވަނީ އޭނަ ވަރަށް ކުޑައިރުއެވެ. އޭރުވެސް ކާފަ އެމީހުންދެކެ ވަރަށް ލޯބިވާކަން އެނގެއެވެ. ” އަސްލުވެސްތަ ބައްޕާ.. އަހަރެންވެސް ބޭނުން ތަންތަން ބަލައިލަން ދާން..އެކަމަކު ބައްޕަ ބުނާ ގޮތަށް ހަދާނަން.. ދުރަކަށް ނުދާނަން.. އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންނަށް ރަގަޅަކަށް ކަން ބައްޕަ ތިހެން ތިބުނުއްވަނީ.. އަބަދުވެސް ބައްޕައާ މަންމައަށް ކިޔަމަން ތެރި ވުމުގައި ދެމިހުންނާނަން..” ވަރުދާން އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފަރާތުން އިވުނުބަސްތަކުން ބުނެދޭން ނޭނގޭހާ ވަރަށް އުފާވިއެވެ. އެކުދިން އޭނަދެކެ އިންތިހާއަށް ލޯބިވާކަން އެބަސްކޮޅުންވެސް އެނގިގެން ދެއެވެ. ” ބައްޕަ ވަރަށް އުފާވެއްޖެ… ދަރިފުޅުމެންނަށް ތިގޮތުގައި އަބަދުވެސް ހެޔޮވިސްނުން ދެއްވުންއެދި ބައްޕަ ދުޢާ ކުރާނަން..” ދެބަފައިންގެ ވާހަކަ އަޑުއަހަން ހުރި އާސިޔާގެ ލޮލުންވެސް ކަރުނަ އައެވެ. ހިތާމައިގެ ކަރުނައެއް ނޫނެވެ. ލިބުނު ހިތްހަމަޖެހުމުގެ ކަރުނައެވެ.

ދެބަފައިން ފުރުވާލުމަށްޓަކައި އާސިޔާގެ ދެމައިންނާ ހާތިބުގެ އެކުވެރިންނާ ވަރުދާންގެ އެކުވެރިންވެސް އަތިރި މައްޗަށް އައެވެ. އެންމެނަށް އަލްވަދާއު ކިޔާފައި ދެބަފައިންގެ ވަރަފަތްގަނޑު ރޫޅާލިއެވެ. އެމަންޒަރު ބަލަންތިބި ހާތިބުގެ އެކުވެރިން އަޖައިބުވެ އަންތަރީސްވިއެވެ. އެމީހުންގެ އެކުވެރިޔާގެ ފަރާތުން އެމީހުނަށް ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ. އެމީހުނަށް ހާތިބުގެ ނުފެންނަ ފަރާތެއް ފުރަތަމަ ފަހަރަށް ފެނުނީއެވެ. ކޮންފަދަ ރީތި މަންޒަރެއް ހެއްޔެވެ. ހާތިބުގެ ފިޔަގަނޑު ނޫކުލައިގެ ދިހުން އަރައަރައި ހުރިރު ވަރުދާންގެ ފިޔަގަނޑުން އެކިކުލައިން ދިހުން އަރަމުންދަނީއެވެ. މުޅިތަންވަނީ އެމަންޒަރުބަލާ މީހެއްގެ ލޮލަށްވެސް ކުޅަދާނަ ނުވާވަރަށް އަލިވެގެން ގޮސްފައެވެ.  އެމީހުން އަޖައިބުވެ ބަލަހައްޓައިގެން ތީ މަންޒަރު ހާތިބުއަށްވެސް ފެނުނެވެ. އެންމެ ފަހުފަހަރަށް ހާތިބު އޭނާގެ އެކުވެރިންނާ މަންމައާ ދައްތަ ގައިގައި ބައްދާލިއެވެ. ދެބަފައިން އުދުއްސައިގަތެވެ. އެމަންޒަރު ދުރުންފެންނައިރު ހީވަނީ ދެއަލިގުޅަހެންނެވެ. އެހާވެސް އަލިކަން ގަދައެވެ.

މަލަފެހި ޝަހަރު

ދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކަށްވީ މަލަފެހި ޝަހަރެވެ. އެއީ ދުރު ފެންނައިރު ވަރަށް ކުޑަ ޝަހަރެކެވެ. ނަމަވެސް ކައިރިއަށް އަންނަވަރަކަށް އެ ޝަހަރުގެ ރީތިކަން އަންދާޒާކޮށްލެވެއެވެ. ކުރިން ޝަހަރު ފެނުނުއިރު ދިއްލިފައި ނުވާ އަލިކަމަކުން މިރޭއެ ޝަހަރުވަނީ ދިއްލިފައެވެ. ޝަހަރުގެ އަތިރި މައްޗަށް ފޭބިއިރު ފެންނަން އޮތީ ވަރަށް ދުރަށް ދެމިގެން ގޮސްފައިވާ ހުދު ދޮންވެލިގަނޑެކެވެ. ޝަހަރުގެ ހޭޅިފަށް ވަށައިލެވިފައިވާނީ ބޯކަށިކެޔޮގަސްތަކުންނެވެ. ހުރިހާ ކަށިކެޔޮގަސްތަކެއްހެން ވަނީ ކަށިކެޔޮއަޅާ ފުރިފައެވެ. އަދި ކަށިކެޔޮގަހުގައި އަޅާފައިވާ މާތަށް ވެސް އެހާގިނައެވެ. މުޅިހޭޅިފަށްވަނީ ކަށިކެޔޮމަލުން އެއްވަސްކޮށްލާފައައެވެ. ރަށުތެރެއަށް ދިއުމަށްޓަކައި ތިންމަގު ހަދާފައި ހުއްޓެވެ. އޭގެއިން އެންމެ ފުޅާކޮށް އޮތްމަގުން ޝަހަރުގެ ތެރެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އެކިހިސާބުތަކުގައި ވަރަށް ރީތިކޮށް ހަދާފައިވާ ގެތަށް ހުއްޓެވެ. އެއްބައި ގެތަށް ބިންމަތީގައި ހަދާފައިވާއިރު އަނެއްބައި ގެތަށް ހުންނަނީ ގަހުގެ އޮފިގަނޑުގައި ނުވަތަ ގަހުގެ ބުޑުގައި ހަދާފައެވެ. ކޮންމެ ގެއެއްގައިހެން އުނދޯލިއެއް ހުއްޓެވެ. ޝަހަރުގެ މެދަކާ ހަމައަށް ދެވުނުއިރު ބަޔަކާ ދިމާވެއްޖެއެވެ. އެއީ ބައްޕަ ދަންނަ އެކުވެރިންތަކެކެވެ. ބައްޕަ ބުނިގޮތުން އެއީ ބައްޕަ ވަރަށް ކުޑައިރު ދަންނަ އެކުވެރިންތަކެކެވެ. ” ވަރުދާން.. ހާދަ ޒަމާނެއްފަހުންނޭ ދިމާމިވީ..ވަރުދާން ކީއްކުރަން މިރަށަށް ތިއައައީ؟.. މީ ކޮން ކުއްޖެއްތަ..؟..” އެހާ ގިނަ ދުވަސްކޮށްފައި އެއްކޮށް އުޅުނު އެކުވެރިޔަކު ފެނުމުން އިދުރީސް އަހާލިއެވެ. ” މީ އަހަރެންގެ ފިރިހެން ދަރިފުޅު ހާތިބު..އަދި ހުރޭ އަންހެން ކުއްޖެއްވެސް.. މީ މިދަރިފުޅަށް ވިހި އަހަރު ފުރުމުން ދުނިޔެ ބަލައިލަން ދަތުރެއްކުރާނަމޭ ބުނެ ވަރަށް ކުޑައިރު ވައުދެއް ވެވިފައިވަނީ.. އެހެންވެ ވައުދު ފުއްދާލުމަށްޓަކައި ކުރާ ދަތުރެއް.. މީ ކޮންބައެއްތަ؟.. ދަންނަ ވައްތަރު އެބަޖަހާ..އެކަމަކު ހަނދާނަކަށް ނާދޭ..” ވަރުދާން އިދުރީސްގެ ސުވާލްތަކަށް ޖަވާބުދެމުން އަހާލިއެވެ. ” ހަނދާނެއްނެތް ދޯ.. ކުޑައިރު އެންމެ ދިމާކުރާ ދެމީހުން..” އިދުރީސް އެހެން ބުނުމާއެކު ވަރުދާންގެ ހަނދާނަށް އައެވެ. “އޯ ޒައިނަބުމެންދޯ.. އެންމެ ފަހުން ހަމަ ތިދެމީހުން ދޯ..” އިދުރީސްވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ދެންމިތިބި ބައްރާއާ އޭނާގެ އަންހެނުން އުމާމާ ކަމުގައި ބުންޏެވެ. ” އެހެންތަ ބައްރާއަށް އައިސްފައިވާ ބަދަލުން ހަމަ ނޭނގުނު ކާކުކަމެއް.. ކުޑައިރު ހީވަނީ ފީއިލޮއްޓެން ހެންވިއްޔާ..މިހާރު ތިހުރީ މީހާ ހުރިގޮތް..” ބައްރާއާ ދިމާކޮށްލުމުގެ ގޮތުން ވަރުދާން ބުންޏެވެ. ” އަހަރެންވެސް އޭރު ރަށުން ބޭރުވިގޮތަށް އިދުރީސްއާ ދިމާވިތާ އަދިވާނީ ދޭއްތައް މަސް.. އަހަރެން ބައްޕަ ހިޖުރަކޮށްލަން ބޭނުންވުމުން ބައްޕައާއެއްކޮށް ބައްޕަގެ ބޮޑުދައިތަމެން އުޅޭ ޝަހަރަށް ބަދަލުވީ…” ބައްރާ ވީގޮތް އޮޅުންފިލުވައިދިނެވެ. “އެހެންނޫނަސް ވަރުދާންއަކަށް އަހަރެމެން ފެނުނަސް ނޭނގޭނެ.. ވަރުދާން އަހަރެމެން އެއްލާލާފައި ހިނގައްޖެވިއްޔާ…” ވަރަށް ދެރަވާ ކަމަށް ހެދުމުން ޒައިނަބު ބުންޏެވެ. ” އެއީ އެއްލާލާފައެއް ނޫނެއްނޫ.. އެއީ އެވަގުތު ކަންތައް ކުރެވެން އޮތްގޮތެއްނޫ .. ތިއެއްނޫނޭ.. ތިމީހުން ކީއްކުރަންތަ މިތަނަށް އައިސްގެން ތިއުޅެނީ؟..” އެމީހުން އެތަނަށް އައިސްގެން އުޅޭ ކަމެއް ބަލައިލުމުގެ ގޮތުން ވަރުދާން އަހާލިއެވެ. ” މިއީ އަހަރެމެންގެ ދަރިފުޅު ސަލްމާއާ ބައްރާގެ ދަރިފުޅު އަފްލާކުގެ ކައިވެނީގެ ކަންތަކުގައި… އެހެންވެ އަހަރެމެން ދިމާވެގެން މިއުޅެނީ.. ކުޑައިރު އަހަރެމެން އޮތް ގުޅުން ނޭނގިނަމަވެސް އަހަރެމެންގެ ދަރިން ކުރިއަށް ގެންދިއުމަށް ނިންމައިފި…ތަޤުދީރު..” އެމީހުން އެރަށަށް އައިސްގެން އުޅޭ ސަބަބު އިދުރީސް ބުންޏެވެ. ” ދެން އަހަރެމެންގެ މިހާ އުފާވެރި ހަފްލާއަށް އަހަރެމެންގެ ކުޑައިރުގެ އެކުވެރިޔާއަށްވެސް ތިހުރީ ނޭނގިނަމަވެސް އާދެވިފައި.. ދެން ބައިވެރިވެލާފައި ދާންވާނީ..” ބައްރާ އެދުނެވެ. އެންމެން ވާހަކައިގައި ތިބެ އެރަށުގައި ކައިވެނި ފަދަ ހަފްލާތަށް ބޭއްވުމަށް ހަދާފައިވާ ބޮޑު ގަނޑުވަރަށް ދިޔައެވެ.

( ނުނިމޭ )

50

1 Comment

  1. thiththaaaaaaaaaaaaaaa

    June 11, 2020 at 4:42 pm

    mashaa allah kudhu…..its really beautiful

Comments are closed.