އިންތިޒާރު 15
“ ސަރ.. އިޓްސް އިމްޕޯރޓެންޓް…. އިޓްސް އެބައުޓް ޔުއާރ ވައިފް މަލާ..” ޔައުޤޫބް މަލާގެ ނަން ބުނެލުމާއެކު ލޫތުގެ ހުރިހާ ސަމާލުކަމެއް ޔައުޤޫބްއަށް ލިބުނެވެ. ޔައުޤޫބް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ލޫތު އެރީ އެގޭގެ ޓެރެސްއަށެވެ.
ފަރުވާތެރިކަމާއެކު ޔައުޤޫބްގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ލޫތުގެ މޫނަށް ތަފާތު ކުލަވަރުތައް އަރަމުން ދިޔައެވެ.
ފޯނުން ޔައުޤޫބްއާއި ވާހަކަ ދައްކާ ނިމުނު އިރު އެތާ ހުރި ސޯފާއެއްގައި ލޫތުއަށް އިށީންދެވިއްޖެއެވެ. ފޯނު ޖީބަށް ލުމާއެކު ބޮލުގައި ދެއަތުން ހިފައި އިސްދަށަށް ޖަހާލާފައި ދެލޯ މަރާ ބާރުކޮށްލިއެވެ. ބޯ ދެފަރާތަށް ހޫރުވާލެވުނީ ޔައުޤޫބް ދެއްކި ވާހަކަތައް އަދިވެސް ސިކުނޑިތެރޭގައި އެނބުރެމުން ދިޔައީތީއެވެ.
ޔައުޤޫބް ބުނިގޮތުގައި އަހުސަމް ކިޔާ ޒުވާނަކު އެ އޮފީހަށް ދިޔައީ ލޫތު އާއި ބައްދަލުކުރާށެވެ. މަޢާފަށް އެދެން ބޭނުންވާކަމަށް ބުނެ މަލާ ގެއްލުނު ރޭގައި ދިމާވި ވާހަކަތައް ހިއްސާކުރިއެވެ. މަލާ ގެއްލުމުގައި އަހްސަމްގެ އަތެއްވާކަމަށް އަބަދުވެސް ލޫތުއަށް ޝައްކުވިއެވެ.
………..
އަހުސަމަކީ އެކަނި އުޅޭ ނިކަމެއްޗެކެވެ. އެހެން އުޅެނިކޮށް ސިޔާސީ ލީޑަރު ޒުއްނޫރު އާއި ދިމާވެ ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު ލޫތު އާއި ރަހްމަތްތެރިކަން ބޭއްވުމަށް އެދުނެވެ. ފައިސާއަށް ދަހިވެތިވެ އޭނާ އެކަމުގައި އުޅުނު އިރު ލޫތުއަށް ދެވެން މިއުޅެނީ ކިހާވަރެއްގެ ކެއްސެއްކަމެއް ނޭނގުނެވެ. މަލާ ގެއްލުވާލި ރޭގައި އަހުސަމް އެކްސިޑެންޓްވީވެސް އަމިއްލައަށް ގަސްތުގައެވެ . އޭރުވެސް ވާންމިއުޅެނީ ކީއްކަމެއް އަހުސަމަށް ރޭކާނުލިއެވެ. އެރޭ ގެއަށް ވަދެވުމަށްފަހު މާގިނަ އިރެއްނުވެ ޒުއްނޫރު ދުބާއީއަށް ދިޔުމަށް ޓިކެޓެއް ނަގާދިނެވެ. އަހުސަމް އެންމެ ދާހިތްވާ ގައުމުތަކުގެތެރޭގައި ދުބާއީ ހިމެނޭތީ ޓިކެޓްގައި ހިފީ އުފަލުންނެވެ. ލަސްކުރުމެއްނެތި ފުރުމަށް ތައްޔާރުވާން ފެށިއެވެ.
ހަޤީގަތް އަހުސަމަށް އެނގުނީ ދުބާއީގެ ގެސްޓްހައުސްގައި ކޮޓަރި ހިއްސާކުރި ޒުވާނެއްގެ ފަރާތުންނެވެ.
ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ސިޔާސީ ލީޑަރު ޒުއްނޫރު އަށް އޮތް ތާއީދު މަދުވެގެން ދިޔައީ މަލާގެ ޗެނެލްއިން ހުށަހަޅައިދިން ޕްރޮގްރާމެއްގައި އޭނާ ފަޟީހަތްކޮށް، ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ރައްޔިތުންނަށް ހާމަކުރުމުންނެވެ. އަދި ދީނަށް ފުށުއަރާ އެތައް އަމަލުތައް ކުރާ ސިޔާސީ ލީޑަރެއްކަން ފާޅުގައި އެ ޗެނެލްއިން ހާމަކުރިއެވެ.
ޒުއްނޫރުއަށް ލިބެމުން ދިޔަ ތަރުހީބުކުޑަވުމާއެކު އެކަމުގެ ހަގީގަތް އޭނާ ބެލިއެވެ. މަލާގެ ޗެނަލްގެ ސަބަބުންކަން އެނގުމާއެކު ޗެނަލް ދުއްވާލަން ޗެނަލްގެ އިސްވެރިޔާވެސް ދުއްވާލަންޖެހޭނެ ކަމަށް ޒުއްނޫރު ގަބޫލުކުރިއެވެ. މަލާ ކިޑްނެޕްކުރީ ޒުއްނޫރުގެ “ގޭންގް” ގައި މަސައްކަތްކުރާ ޒުވާނުންތަކެކެވެ. އެރޭ ދުބާއީއަށް މަލާ ގެނައީ ޒުންނޫރުގެ ޕްރައިވެޓް ޖެޓްގައެވެ. އެކަން ސިއްރުކުރުމަށް ޒުއްނޫރު އެތަކެއް ފައިސާއެއް ޚަރަދުކުރިއެވެ. ފުލުހުންނަށްވެސް ރުފިޔާދިނީ އެމީހުންގެ ދޫބަންދުކުރުމަށެވެ. މިޒަމާނުގައި ރުފިޔާ ހުރުމުން ކާމިޔާބު ނުވާނީ ކޮންކަމެއްހެއްޔެވެ؟
ދުބައީގެ އެޕާރޓްމެންޓެއްގައި ތިންމަސްދުވަހު މަލާ ގެންގުޅުމަށްފަހު އެމީހުންގެ ޕްލޭންއާއި އެއްގޮތަށް މަލާ މަގުމައްޗަށް އެއްލާލަން ކާރުގައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކާރުގައި ތިބި ތިން ޒުވާނުން މަރުވިއެވެ.
ނަމަވެސް މަލާގެ ޚަބަރެއް އޭނގެފަހުން ނުވާކަމަށް އަހުސަމާއި އެއް ކޮޓަރީގައި އުޅުނު ޒުވާނާ ކިޔައިދިނެވެ.
ކަންތައް ހިނގައިދިޔަ ގޮތް އެނގުމާއެކު އަހުސަމް ބިރުން ރޫރޫ އަޅައިގަތެވެ. ނުލަފާ ޒުއްނޫރުގެ ކިބައިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތެވެ. ޕަޕެޓަކަށް ވެގެން އޭނާގެ ޖަރީމާއެއްގައި އޮޅުމަކުންވެސް ބައިވެރިވެވިއްޖެއެވެ. ލޫތުއަކީ ހިތްހެޔޮ މީހެކެވެ. ލޫތުއަށް އެހާ ބޮޑުދެރައެއް ދެވުނީތީ ވަގުތުން މަޢާފަށް އެދެންބޭނުންވިއެވެ.
އަހުސަމަށް ހުރިހާ ކަމެއް އެނގުނު އިރު ދުބާއީގައި އުޅޭތާ ހަމަސްވަރު ވެއްޖެއެވެ. ޒުއްނޫރު އެތަނުން އޭނައަށް ވަޒީފާއެއް ހޯދަދީފައި އެޕާރޓްމެންޓެއްވެސް ގަނެދިނެވެ. ދުވަހަކުވެސް ރާއްޖެ ނައުމަށް އަމުރުކުރިއެވެ.
ކަންތައް ވީގޮތް އެނގުމަށްފަހު އަހްސަމް ޒުއްނޫރުއަށް ފިލިއެވެ. ރާއްޖެ ދިޔުމަށެވެ. ލޫތުގެ ކިބައިން މަޢާފަށް އެދި ކަންތައް ވީ ގޮތް ކިޔައިދިނުމަށް ބޭނުންވި ވަރުންނެވެ. ޒުއްނޫރު ހޯދައިދިން ވަޒީފާގައިވެސް އުޅެން ބޭނުންނުވުމުން އެވަޒީފާވެސް ދޫކޮށްލިއެވެ. އަހްސަމް ޒުއްނޫރުއަށް ފިލައިގެން ދުބާއިގައި އުޅޭތާ ތިންއަހަރު ވީ ފަހުން ލިބުނު ރަހްމަތްތެރިއެއްގެ އެހީގައި ރާއްޖެ ދެވޭނެގޮތެއްވިއެވެ.
ރާއްޖެ ދެވުނުއިރު އޭރުގެ ވެރިއަކަށް ހުރީ ޒުއްނޫރުކަން އެނގުމުން އަހުސަމް މާޔޫސްވިއެވެ. އަނެއްކާވެސް ޖެހުނީ ފިލަފިލައިގެން އުޅޭންށެވެ. ސިއްރުސިއްރުން “ކޮޓޭޖް” ގެ ބޭރުގައި މުގޯލި އަޅައަޅައިވެސް ލޫތު އާއި ދިމާނުވުމުން އޮފީހަށް ދިޔައިރު އެތަނުގައިވެސް ލޫތު ނޫޅޭކަން އެނގުނެވެ. އޮފީހުން އަނބުރައި އަންނަނިކޮށް ޒުއްނޫރުގެ މީހަކަށް އަހްސަމް ފެނިގެން ދެދުވަހެއް ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާކަމުގެ ތުހުމަތުގައި ޖަލަށް ލީއެވެ. އެއީ ޒުއްނޫރުގެ މީހެއް ލައްވައި އަހުސަމް “ފްރޭމް” ކޮށްގެން ކުރުވި ކަމެއްކަން އޭނާއަށް އެނގުނެވެ.
އެތައް އަހަރު ދުވަހަށްފަހު ވެރިކަން ބަދަލުވެ މާފުދިން ކުށްވެރިންގެ ތެރޭގައި އަހުސަމް ހިމެނި ދޫކޮށްލެވުނު އިރަށް އޭނާ ދިޔައީ ލޫތުގެ އޮފީހަށެވެ.
ޢެތަނުން ޔައުޤޫބް އާއި ދިމާވެ ހުރިހާ ވާހަކަތައް ހިއްސާކުރީ ލޫތު އެހެން ޤައުމެއްގައި އުޅޭ ވާހަކަ އޭނަ ބުނުމުންނެވެ. އަދި ޔައުޤޫބަކީ އަހުސަމް އެ އޮފީހުގައި މަސައްކަތްކުރި އިރުގައިވެސް ލޫތުގެ ގާތް މީހެއްގެ ގޮތުގައި ފެނިފައިވާ މީހަކަށް ވާތީއެވެ.
ހުރިހާ ކަމެއް އެނގުމަށްފަހުވެސް ޖަވާބު ނުލިބޭ ސުވާލުތަކެއް ލޫތުގެ ސިކުނޑީގައި އެނބުރިގަތެވެ. މަލާ ކަންތައްކުރި ގޮތުން ލޫތު ނިންމީ އެކީގައި ދިރިއުޅެން ބޭނުން ނުވެގެން ފިލައިގެން އުޅެނީކަމަށެވެ. ކައިވެނިކޮށްގެން ލޯބިން އުޅުނީ ދައްކާލި ދަޅައެއްކަމެވެ. މައިންބަފައިންގެ އެދުމަށް ކުރި ކައިވެންޏެއް ކަމުން އެހެންވުންވެސް ގާތެވެ.
ނަމަވެސް މިހާރު މިވަނީ ފަރުދާ ކެހިފައެވެ. ވީގޮތް ސާފުވެއްޖެއެވެ. ބަޔަކު މަލާ ކިޑްނެޕް ކުރީ ބަދަލު ހިފުުމުގެ ގޮތުންނެވެ. މަލާގެ ދުވަސް ދުއްވާލުމަށެވެ. މަލާއާ ދޭތެރޭ ކުށްހީއެއް ކުރެވުމުން ލޫތު އިންތިހާއަށް ދެރަވެއްޖެއެވެ. މިހުރިހާ ކަމެއް ހިނގިއިރު މަލާ ވާނީ ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިކަން ޔަޤީނެވެ. ނަމަވެސް މަލާއަށް ލޫތު ފެނުމުން ނޭނގޭކަމަށް “އެކްޓް” ކުރީ ކީއްވެބާއެވެ؟ އަނެއްކާވެސް ފިލީކަން ގައިމެވެ. މަލާ ވަޒީފާއިން ކެނޑުނީ ލޫތާއި އެތަނުން ދިމާވި ފަހުންނެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ލޫތު ގަޑި ބަލާލިއެވެ. އޭރު ގަޑިން ދޭއްޖަހައިފިއެވެ. ވިސްނުމުގައި ގަޑި ފާއިތުވެގެން ދިޔަ ގޮތްވެސް ލޫތަށް ނޭނގުނެވެ. ޖަންނަތު މަތިން ހަނދާންވުމާއެކު ލޫތު ތެޅިގަތެވެ. ޔަގީނުންވެސް ކައިވެނީގެ ފުރަތަމަ ރޭގައިވެސް އަނބިމީހާއަށް އިހުމާލު ވެވިއްޖެއެވެ.
އަވަސް ހިނގުމެއްގައި ކޮޓަރިއަށް ވަންއިރު އުއްބަތީގެ އޮރެންޖް އަލި ވަރަށް ފަނޑުވެއްޖެއެވެ. ސޯފާއަށް ނަޒަރު ހިންގާލިއިރު ޖަންނަތު އިހު އިންގޮތަށް އިށީންދެލައިގެން އިނެވެ. އިންގޮތަށް ހަރަކާތެއް ކޮށްނުލާ އިނުމުން ލޫތު ކުޑަކޮށް ކައިރިވެލާ ބަލައިލިއެވެ. އެހެން އިނދެ ޖަންނަތަށް އިނީ ނިދިފައިކަން އެނގުމުން ލޫތުއަށް އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ.
މަޑުމަޑުން ކައިރީގައި އިށީންދެލާފައި ޖަންނަތަށް ބަލާލިއެވެ. އެވަގުތު ޖަންނަތުގެ ލޯ ހުޅުވާލުމާއެކު އެހާ ކައިރިން ލޫތު ފެނުމުން ސިހިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Varah Varah Varah reethi ❣️❣️❣️ maa sha Allah ?? curiously waiting waiting waiting waiting for the next part ?
Maasha Allah V reethi mi part ves when is next
Haaadha kurey mi part
mi part vs vaaaruh reethi cant wait
kon irakun tha next part
u are the best love u