” އެއީ މަންމަމެން ދައްކާ ބޯދާ ވާހަކައެއް.. އެމީހުން އަހަރެމެން ތަންތަނުގައި ތިބޭ އެއްޗެހި ބިނދެހަދާތީ އަހަރެމެން ބިރުގަންނުވަންވެގެން ކިޔާ އެއްޗެއް އެއީ.. ކަލޭ ދުވަހަކުވެސް ދެކުނިންތަ މަލެއް ބިނދެގެން މީހަކު ޖިންނި މޮޔަވިއޭ…” ޔާނިއުބުންޏެވެ. ” މަނުދެކެން.. އެކަމަކު މަ ވަރަށް ގިނައިން އަޑު އަހާވާހަކައެއް..” ޔާނިއުގެއެކުވެރިޔާ ބުންޏެވެ.

އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން އިތުރަށްވެސް ނަވްލާގެ އެކުވެރިންގެ ހިތުގައި ހާސްކަން އުފައްދާފިއެވެ. ދެއެކުވެރިން އެތާ ތިބެން އިތުރަށް ބޭނުން ނުވާތީ ހިނގާށޭ ކިޔާ ނަވްލާއަށް އާދޭސް ކުރަމުން ދިޔައެވެ. އެންމެ ފަހުން އެކުވެރިންގެ ކަންތައް ބޮޑުކަމުން ނަވްލާ އިންތަނުން ތެދުވެއްޖެއެވެ. ” އަހަރެން އަސްލު ވަރަށް ބޭނުން އެމީހުން އެއުޅޭގޮތް އެކްސްޕީރިއަންސް ކޮށްލަން.. އެހެން ނޫނަސް އަހަރެންނަށް ހީވަނީ އަހަރެންގެ ޕްރިންސް ފެނިއްޖެހެން..” ނަވްލާ ބުނިއެއްޗަކުން އެދެކުދިންގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ” ނަވްލާ ތިކަން ދޫކޮށްލާ… ނަވްލާއަށް އެނގެއެއްނޫ ނަވްލާގެ ބައްޕަ ދުވަހަކުވެސް ތިކަމަށް އެއްބަސް ނުވާނެކަން.. އެހެންނޫނަސް އެއީ އަހަރެމެން ނަސްލުގެ ބައެއްވެސް ނޫނެއްނޫ… އަހަރެމެން ގުޅެން ޖެހޭނީ އަހަރެމެން ނަސްލުގެ މީހުނާ..” މަލީސާ ނަވްލާއަށް ވިސްނާ ދިނުމުގެ ގޮތުން ބުންޏެވެ. ” އެހެންނޫނަސް ނަވްލާއަށް އެނގެއެއްނޫ ނަވްލާ ފެނިއްޖެއްޔާ އެމީހުންބިރުން ހޭނެތޭނެކަން…” މަލީސާގެ ވާހަކައާ ގުޅުވައިގެން ތާހިރާ ބުންޏެވެ. ” އަޅެ ތާހީ ތިއުޅެނީ ހާދަ ފަހަތުގައޭ… އަހަރެމެންނަށް އަހަރެމެން ބޭނުންވާ ސިފައަކަށް ބަދަލުވެވޭނެ.. އަދި އަހަރެމެން ބޭނުން އެއްޗެއް އެމީހުންނަށް ދައްކާލެވޭނެ.. އަހަރެން ދެން ކޮންމެ ދުވަހަކުވެސް އެރަށަށް ދާނަން އެއްވެސް މީހެއްކައިރީ ނުބުނާތި.. ބުނާ ދުވަސް ޖެހުނީމަ އަހަރެން އަމިއްލައަށް ބުނާނަން..” ނަވްލާގެ ވާހަކަ ހުރި ގޮތުން އެކުވެރިން ވަރަށް ހިތާމަ ކުރިއެވެ. ނަވްލާއަކީ އޭނާ ބޭނުންވާ ކަމެއް ދޫކޮށްލާފަދަ ކުއްޖެއް ނޫނެވެ. އޭނާ ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ފައިވިއްދާފަ ތެދުވާނެއެވެ. އެކަމާކާ ޖެހުނު ހުރިހާ އޮޅިއެއް ގިރާކުރާނެއެވެ. އެހެންކަމުން ނަވްލާއަށް ދެންދޭނެ އިތުރު ނަސޭހަތެއް ނުހުންނާނެކަން އެކުވެރިންނަށް އެނގެއެވެ. ނަވްލާގެ ބަހަށް އެއްބަސްވެގެން ނަވްލާއާ އެކު މިރޭ ނުކުމެވުނު ކަމުގެ މޮޔަ ހީވާން ފަށައިފިއެވެ.

އެމީހުން އަނބުރާ ރަށަށް އާދެވުނުއިރު ހުރީ ނިދާގަޑި ޖެހިފައެވެ. އެހެންކަމުން ތިން ކުދިންވެސް އިތުރަށް މަޑުނުކޮށް އެކުދިންގެ ގެއަށް ދިޔައެވެ. ފަތިސްނަމާދަށް ތެދުވިގޮތަށް ނަވްލާ އުޅެމުންއައީ ބޭރުތެރޭގައެވެ. ފަތިސްނަމާދު ކޮށްލައިގެން ގޭގެ ބޭރުގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އެރަށަށް ގޮސް ކުރާނެ ކަންތަކާ މެދު ވިސްނާލުމަށްޓަކައި ނަވްލާ އިނެވެ. އެހެން ހުރެފަ އިރުކޮޅަކުން ގެއާ ދުރަށްދާން ފެށިއެވެ. މިއަދު އަތިރިމައްޗާ ހަމައަށް އާދެވުނު އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެތާހުރި އެންމެ ދިގުގަހުގެ ކުރިއަށް ނަވްލާ އެރިއެވެ. ވަށައިގެންވާ ސަރަހައްދަށް ނަވްލާ ބަލާލިއެވެ. މިއަދު އެއްވެސް މީހެއްގެ ހިލަމެއް އެސަރަހައްދުން ނުވެއެވެ. އިތުރު ވިސްމުކަށދާން ނަހަދާ ނަވްލާ އޭނާގެ ދެވަރަ ހުޅުވާ އުދުއްސާގަތެވެ. ނަވްލާގޮސް މަޑުކޮށްލީ ޔާނިއު އުޅޭ ރަށުގައެވެ. އޭނާދިންމާ އެއްޗެކޭ ހިތައް ނާރުވާ ޔާނިއު ބަލާގަތުމުން ނަވްލާއަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެރަށުގައި ކަންތަށް ހިނގާގޮތާއި މީހުން އުޅޭ ގޮތާއި މީހުންކުރާ މަސައްކަތްތަކާއި އެހެންގޮސް އެމީހުންގެ ވަރަށް ގިނަ ކަންތައްތައް ހުންނަ ގޮތް ނަވްލާ ބަލަމުން ދިޔައެވެ. ހެނދުނުއްސުރެ ރޭވަންދެން އެހުރިހާ ކަމެއްގައި އުޅުމަށްފަހު ނަވްލާ ބަލަމުން ދިޔައީ އޭނަގެ ޕްރިންސް ޔާނިއު ފެނޭތޯއެވެ. ރަށުތެރޭގައި އަތްފުނާ އަޅަމުން ދަނިކޮށް ނަވްލާއާ ދިމާވީ ނަވްލާމެން ނަސްލުގެ މީހަކާއެވެ. ނަމަވެސް ނަވްލާމެން ހުންނަ ގޮތަށްވުރެ ހާސްބައި ތަފާތެވެ. އޭނާގެ މުޅި ގައިވަނީ ބޯކެހެރިތަކުން ފުރާލާފައެވެ. ބޮޑަށް ވައްތަރީ ޖަނަވާރަކާއެވެ. ދެލޯވެސް ރަތްކުލާގައި ހުރި އިރު އަތުގެ އިނގިލިތައްވެސް އެހާ ދިގެވެ. އެ ނުދަންނަ ފަރާތާ ދިމާވެ ދެމީހުންވެސް ތަޢާރަފްވިއެވެ. އޭނަ ބުނިގޮތުގައި އޭނަ އުޅެމުން އަންނަނީ އެރަށުގައެވެ. އޭނަގެ ނަމަކީ އަޑާލީއެވެ. މުޅި އެރަށުގައިވެސް އުޅެމުންއަންނަނީ އެމީހުންގެ ދަރިކޮޅެވެ. އަދި ނަވްލާ އައިސް އުޅޭ ބޭނުމެއް އަހާލިއެވެ. ނަވްލާ އޭނާ އުޅޭ ކަންތަކުގެ ވާހަކަ ބުނުމުން އަޑާލީ ގާތަށް އައީ ހިންޏެވެ. ” ނަވްލާއަށް ހީވޭތަ ތިކަން ވާނެހެން.. ފަހަރެއްގަ އޭނާ ނަވްލާގެ މަޅީގަ ޖެއްސިދާނެ.. އެކަމަކު އެމީހުނަށް ތީ އިންސާނެއް ނޫންކަން އެނގޭ ހިސާބުން ނަވްލާ ކުރިމަތިލާން ޖެހޭނީ އަލިފާނާ.. ނަވްލާގައިގައި އެބަހުރިތަ އެމީހުނާ ކުރިމަތިލެވޭނެހާބާރު..” އަޑާލީއަކީ އަންހެނަކަށް ވިޔަސް އޭނާގެ އަޑު ހުރީ ބަރުކޮށެވެ. އަދި ނަވްލާ ކުރިމަތިލާން އުޅޭ ކަންތަކުގެ ނުރައްކާތެރިކަން ނަވްލާއަށް ވިސްނައިދިނެވެ. ނަމަވެސް މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ނަވްލާ ހުރީ އެކަން ދޫކޮށްލާގޮތަކަށް ނޫނެވެ. މުޅި ރަށުތެރޭގައި އަތްފުނާ އަޅަމުން ދަނިކޮށް އޭނާގެ ޕްރިންސް އޭނާގެ އެކުވެރިންނާއެކު ފެނުނެވެ. ގަޔަށް ހިފިފައި ހުރި ޓީޝާޓުން ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ މީހެއްކަން އެނގެއެވެ. ހީލާއިރު ކޮލަށް އެޅިގެން އަންނަ އަޑިކޮޅުން އެމޫނުމަތީގެ ރީތިކަން އިތުރުވެގެންދެއެވެ. ތުނި ތުބުޅިއެއް ހުރުމުން ފިރިހެންވަންތަކަން އިތުރަށް ދައްކުވައެވެ. އެރޭ ދުރުގައި ހުރެގެން ޕްރިންސްއަށް ބަލާ ހިތްހަމަޖެހުން ހޯދަމުން ދިޔައެވެ. އެރޭ ޕްރިންސްގެ ނަމާ ގެއާ ހުރިހާ އެއްޗެއްވެސް ހޯދިއެވެ. އެގެއަކީވެސް ނަވްލާއަށް އުޅެން ވަރަށް ހިތްހަމަޖެހުން ލިބޭފަދަ ގެއަކަށް ވިއެވެ. ގޭގެ ބިތްދޮތް ފަރާތްވަނީ މުޅިންވެސް ބޮޑެތިގަސްތަކުން ފުރިފައެވެ. އޭގެން ގަހެއްގެ އޮފިގަނޑުގައި އިށީދެލައިގެން ހުންނައިރު ޔާނިއުގެ ކޮޓަރި ރީއްޗަށް ފެންނަމުން ދެއެވެ. ނަވްލާއަށް އެނބުރި ރަށަށް އަދެވުނު އިރު ރަށަށް ވަނީ ފަޅުކަން ވެރިވެފައެވެ. އެމީހަކު ވަނީ އެމީހެއްގެ ގެއަށް ވަދެ ނިދާފައެވެ. ނަވްލާވެސް މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް އޭނާގެ ކޮޓަރިއަށް ވަދެ ޖައްސާލިއެވެ. ނަމަވެސް ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. ޔާނިއު ފެނުނުފަހުން އޭނަގެ ލޮލާ ނިދިވެސް ވަނީ އެތައް ހާސްމޭލެއް ދުރަށް ގޮސްފައެވެ.

އަނެއްދުވަހު ހެނދުނުވެސް އާދައިގެ މަތިން ނަވްލާ އުނދޯލީގައި އިށީދެގެން ހުއްޓެވެ. ” ދަރިފުޅާ އިއްޔެ އެއްވެސް އިރެއްގައި ދަރިފުޅު ނުފެނޭ.. ބައްޕަ މަންމަ ކުރެންވެސް ދަރިފުޅު ނުފެނިގެން އަހާލިން.. މަންމަވެސް ބުނި ހެނދުނު ނިކުތްގޮތަށް ނާންނަ ވާހަކަ.. ކޮންތާކުތަ ދަރިފުޅު އުޅުނީ..” ވާބިސް އޭނާގެ އަންހެން ދަރިފުޅު އުޅޭ ނޫޅޭ ގޮތް ބެލުމުގެ ގޮތުން އަހާލިއެވެ. ” ރައްޓެހިންނާއެކު އުޅުނީ..” ވަރަށް ކުރު ޖަވާބަކުން ނަވްލާ ފުއްދާލިއެވެ. ” ދަރިފުޅާ ބައްޕަ މިއުޅެނީ ޚާންދާނުގެ ކަންތަކުގައި ވަރަށް ބުރަކޮށް… ކޮންމެ ދުވަހަކު ދަރިފުޅުމެން އުޅޭ ގޮތް ބަލައެއް ނުލެވޭނެ.. ދަރިފުޅަށްވެސް އެނގެއެއްނޫން ޚާންދާނުގައި ބަލަންޖެހޭ ކަންތައްތައް ވަރަށް ގިނަކަން.. ދަރިފުޅުވެސް ބޮޑުވާވަރަކަށް ޚާންދާނުގައި އުޅުމަށް ވުރެ ބޭރުތެރެ އިޚްތިޔާރު ތިކުރީ.. ދަރިފުޅުގެ އުފަލަށްޓަކައި ބައްޕަ އެގޮތް އޯކޭ ވެގެން މިހުރީ.. ދަރިފުޅު އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަށް ބޭނުންވާތީ..” ވާބިސްގެ ވާހަކަތަކަށް ނަވްލާ ހިނިތުންވުމެއްދިނެވެ. ބައްޕަ ގަނޑުވަރުގެ ތެރެއަށް ވަނުމުން އާދައިގެ މަތިން ނަވްލާ ތެދުވެގެން އަތިރި މައްޗަށް ނިކުތެވެ. އާދައިގެ މަތިން ފެންނަ ހިސާބުގައި މީހަކު ހުރިތޯ ބަލާ ޗެކުކުރިއެވެ. އޭނައެގޮތަށް ދާ މަންޒަރު މީހަކަށް ފެނިއްޖެއްޔާ ވަގުތުން ބައްޕައާ ހަމައަށް ރިޕޯޓް ދާނެކަން ނަވްލާއަށް އެނގެއެވެ. އެހެންކަމުން ނަވްލާ އެކަންތައް ކުރަނީ ވަރަށް ވިސްނައިގެން އެހެން މީހުނަށް ނޭގޭ ފަދަ ގޮތަކަށެވެ. ރަގަޅަށް ރަށުތެރެއަށް ކަޅި ހިންގާލުމަށްފަހު އުދުއްސައިގެން އިންސިން އުޅޭ ރަށަށް ދިޔުމަށް ދަތުރުފެށިއެވެ. އެރަށް އޮންނަނީ ވަރަށް ދުރުގައި ކަމުން ނަވްލާ ކިތަންމެ ބާރަކަށް ދަތުރު ކުރި ކަމުގައި ވިޔަސް ދެގައިރު ނަގައެވެ.

ރަށުގެ ދޯނިތައް ލަފާ ސަރަހައްދުގައި ހުރި ޖޯލިފަތިއެއްގެ ކައިރީ ނަވްލާމަޑުކޮށްލައިގެން މުޅި ސަރަހައްދު ރަގަޅަށް ބަލާލިއެވެ. ދޯނިތައް ރާޅުތައް ޖަހާ ކޮންމެ ފަހަރަކު އެއާއެއްވަރަށް ދެފަރާތަށް އަރިވެފަ ނަށަމުންދެއެވެ. އެއިން ބައެއް ދޯނިތަކުގައި އޭގެ ބައެއް މަސައްކަތް ކުރުމަށްޓަކައި މީހުންތައް ތިއްބެވެ. އެމީހުންގެ މަސައްކަތުގައި އެމީހުންތިބީ މަޝްއޫލުވެ ގޮސް ހުސްވެފައެވެ. ދޯނީގައި އުޅޭ މީހުންތައް ފިޔަވާ އެސަރަހައްދު އޮތީ މުޅިން އަމާންކޮށެވެ. އޭރު ނަވްލާ ވަނީ ދޮން ރީތި އިންސާނެއްގެ ސިފައަށް ބަދަލުވެފައެވެ. ބޮލުގެ އިސްތަށިގަނޑުވެސް ދިގުކަމުން އެހާ ދިގެވެ. ކަޅުކަން ގަދަ އެއިސްތަށިގަނޑު ފެންނަ މީހަކުވެސް މޮޔަވެދާނެއެވެ. ރީތި އޮމާން ވަށް މޫނެއް ލިބިފައި ހުރިއިރު ތުނިތުނި ހަށިގަނޑެކެވެ. ހިނިތުންވާއިރު ފެންނަ ކުދިދަތްތަކުން ބަލާމީހަކު އާޝޫޙު ކުރުވާނެއެވެ. ލާފައި ހުރި ޖިންސާ ގުޅޭގޮތަށް އަޅައިފައި ހުރި ހެދުން ކަކުލާހަމައަށް ހުއްޓެވެ. އިތުރު ފުރިހަމަކަމެއް ގެނެސް ދޭން ހެދުމުގައި ތުނި ދޯޕައްޓާއެއް ހަރުކުރެވިފައިވެއެވެ. ނަވްލާ ފެނިއްޖެ މީހަކުވެސް ނަވްލާއަށް ބަލާ ފޫހި ނުވާނެތެވެ. އެތަނުން ޖޯއްޔެއްގައި އިށީދެގެން ހުންނަތާ ގަޑިއެއްހާއިރުފަހުން ބަނދަރުމައްޗަށް މީހުންއަންނަން ފަށާފިއެވެ. އެއިން ކޮންމެ މީހެއްގެ ލޮލުގައިވެސް ނަވްލާ އަޅާގަނެ ނެއްޓެން ނޭނގި ސިކުންތުތައް ދެމިގެންދެއެވެ. ނަމަވެސް ނަވްލާ އިންތިޒާރު ކުރަމުން އައީ ޔާނިއު ފެންނާނެ އިރަކަށެވެ. މިއީ އާންމުކޮށް ޔާނިއު މިސަރަހަށްދަށް އަންނަ ގަޑިއެވެ. އެއްޗެހިތައް ދުއްވަމުން އަންނަ މަގަށް ބަލަހައްޓައިގެން ނަވްލާ އިންނަތާ އެތައް އިރެއް ވީފަހުން އޭނާގެ އިންތިޒާރުގެ ނިމުން އަންނަން ފަށައިފިއެވެ. ޔާނިއު ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ ފެނުމުން އާޝޯޚްވިއެވެ. ހީވީ ހޫރު ޕަރީއެއް ކުރިމަތިން ފެނުނު ހެންނެވެ. އޭނަ ފެނުމުން އެއަންހެން ކުއްޖާ ދިން ހިނިތުންވުމުން އޭނައަށް އިތުރަށް އެއަންހެން ކުއްޖާއާ ދިމާލަށް ދާނެ ދަމާބާރަކަށް ވެގެން ދިޔައެވެ. ޔާނިއު ރަގަޅަށްވެސް އެނުދަންނަ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ.

(ނުނިމޭ)

50

4 Comments

 1. Fauzaan

  May 26, 2020 at 4:54 pm

  Vrh reethi

  • kudhoo

   May 27, 2020 at 11:35 am

   🙂Thanx fauzaan

 2. thiththaaaaaaaaaaaaaaa

  May 26, 2020 at 6:22 pm

  masha allah kudhu……varah furihama….cant wait for next ep ….:)

  • kudhoo

   May 27, 2020 at 11:36 am

   🙂 thanks thithaaaaaaaaaa

Comments are closed.