ޝަހަރު 7ވަނަބައި
ޔާނިއު ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ ފެނުމުން އާޝޯޚްވިއެވެ. ހީވީ ހޫރު ޕަރީއެއް ކުރިމަތިން ފެނުނު ހެންނެވެ. އޭނަ ފެނުމުން އެއަންހެން ކުއްޖާ ދިން ހިނިތުންވުމުން އޭނައަށް އިތުރަށް އެއަންހެން ކުއްޖާއާ ދިމާލަށް ދާނެ ދަމާބާރަކަށް ވެގެން ދިޔައެވެ. ޔާނިއު ރަގަޅަށްވެސް އެނުދަންނަ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ.
ސައިކަލް ޕާކު ކުރާޒޯނުގައި ބަހަށްޓާފައި ޔާނިއު އައިސް ނަވްލާ އިށީދެގެން ހުރި ތަނުން އެއްތަން ދޫކޮށްފައި އިށީނެވެ. އަދި ނަވްލާއާ ވާހަކަ ދައްކަން ފެށިއެވެ. ނަވްލާގެ އަޑުޖެހުމުން ޔާނިއުއަށް ހީވީއޭނާގައިގައި ކަރަންޓް ޖެހުނީހެންނެވެ. ހާދަ އޮމާން ރީތި އަޑެކެވެ. އޭނާއަށް ދުވަހަކުވެސް އަޑުނީވޭފަދަ އޮމާން ރީތި އަޑެކެވެ. ޔާނިއު ހީކުރި ވަރަށް ވުރެ ބޮޑަށް ނަވްލާއަކީ ރައްޓެހި ހިތްހެޔޮކުއްޖަކަށް ވިއެވެ. ނަވްލާގެ ވާހަކަތަކުން އެއީކިހާ ހިސާބެއްގެ ކޮންތާކުގެ ކުއްޖެއްކަމެއްވެސް ޔާނިއު އަކަށް ނޭނގުނެވެ. ނަވްލާ ބުނާގޮތުން އެހެން ރަށަކުން މިއަދު އައި ކުއްޖެކެވެ. މިއަދު އެރަށަށް އަދި ލޯންޗެއްވެސް ނާދެއެވެ. ދެން ނަވްލާ ދައްކާވާހަކަ ކޮޅެއްގައި ޖައްސާނީވެސް ކިހިނަކުން ހެއްޔެވެ. ޔާނިއު ހީކުރީ ނަވްލާ އޭނާއާ މަޖާކުރަނީ ކަމަށެވެ. އެހެންކަމުން އިތުރަށް ނަވްލާއަކީ ކާކުތޯބަލަން މިގަޑީގައި ސުވާލު ކުރާކަށް ޔާނިއުބޭނުމެއް ނުވިއެވެ. ވާހަކަ ދައްކަމުންގޮސް ޔާނިއު ނަވްލާ ކައިރިން ރަހުމަތްތެރިކަމަށް އެދުނެވެ. ފުރުސަތުގެ ބޭނުން ހިފާ ނަވްލާ އެކަމަށް ވަގުތުން އެއްބަސްވިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ނަވްލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެހެންމެ ޔާނިއުއަށްވެސް ވީ އެހެންނެވެ. އެހާ ރީތި ކުއްޖަކު އެހާ ފަސޭހައިން އާނއެކޭ ބުނާނެ ކަމަށް ޔާނިއުގެ ހިތަކަށްވެސް ނާރައެވެ. ނަމަވެސް އެހާފަސޭހައިން އާނބަސް ބުނީތީ ޔާނިއުގެ ހިތައް ހައިރާކަން ވެރިވިއެވެ. ދެމީހުންގެ ދެމެދުގައި އެތަށް ވާހަކައެއް ދެކި ނިމި ޔާނިއު ގެއަށް ދާން ވުމުން ހަވީރު ތުނޑިއަށް ދެވިދާނެތޯ ނަވްލާ ކައިރިން އަހާލިއެވެ. ޔާނިއުއާއެކު ގިނަވަގުތު ހޭދަކޮށްލަން ބޭނުންވެފައި ހުރި ނަވްލާއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ހުރީ ފޫގަޅައިގެންނެވެ. އެންމެ ފަހުން ޔާނިއު އަމިއްލައަށް އޭނާ ކައިރީ ބައްދަލް ކުރަން ބުނީއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް މައްސަރެއް ފާއިތުވެގެން ހިނގައްޖެއެވެ. ޔާނިއުއާ ނަވްލާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެއްޖެއެވެ. ޔާނިއުއަށް ނަވްލާއާ ނުލާ ނޫޅެވޭ ހިސާބަށް އާދެވިއްޖެއެވެ. ދެމީހުންގެ ގުޅުން ރަހުމަތްތެރިކަމަށްވުރެ މަތީ ހަރުފަތަކަށް ދިޔުމުން ނަވްލާ ގަސްތު ކުރީ އޭނާގެ ހަގީގަތް ޔާނިއުއަށް އަންގާށެވެ. ނަމަވެސް އެވާހަކަ ފަށާނީ ކިހިނަކުން ކަމެއް ކޮންގޮތަކަށް ކަމެއް ނަވްލާއަކަށް ނޭގުނެވެ. ވިސްނުމަކަށް ގެއްލި ހުސްވެފައި ނަވްލާ އޭނާގެ ގޭގެ ބޭރު އުނދޯލި މަޑުމަޑުން ހެއްލަ ހެއްލާ ހުއްޓެވެ. ވާބިސްއަށް އޭނާގެ ދަރިފުޅު ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރުކުރާހެން ހީވިއެވެ. އެމޫނުމަތިން ހިތްލާފައިވާ އޮތްދާ ފެނުމުން އެކަމަށް ހެކިދެއެވެ. ނަމަވެސް ނަވްލާއާ ސުވާލް ކޮށްގެން އެކަން ހޯދޭނެގޮތެއް ނުވިއެވެ. އެންމެ ފަހުން ވާބިސް ގަނޑުވަރަށް ވަންނަ ގަޑި ޖެހުމުން އެތެރެއަށް ވަނެވެ. ނަވްލާ އެގޮތުގައި ހުއްޓާ އޭނަގެ އެންމެ ގާތް ދެއެކުވެރިން އައެވެ. އެމީހުން އައުމުން ނަވްލާ އެމީހުނާއެކު ގެއާ ދުރަށް ދިޔައެވެ. އަދި ވެގެން އުޅޭގޮތް އެމީހުނަށް ކިޔައި ދިނެވެ. ނަވްލާއަށް ހިޔާލެއްދޭނެ ގޮތެއް އެ އެކުވެރިންނަކަށް ނުވިސްނުނެވެ. ނަވްލާގެ ހިތުގައި އުފެދޭ ސުވާލަކީ އޭނައަކީ އިންސިއެއްނޫންކަން އެނގުމުން ޔާނިއު ކަންތައްކުރާނީ ކިހިނެއްތޯއެވެ. ރަޙުމަތްތެރިންގެ ވާހަކައިން ޔާނިއު ލޯބިވަންޏާ އުޅޭނެއެވެ. ނަމަވެސް އިންސިއެއްނޫންކަން އެނގުމުން ފަހަރެއްގައި ޔާނިއު ބިރުގަންނާނެއެވެ. މުޅި އެދުވަހުވެސް ނަވްލާ އެރަށަކަށް ނުދެއެވެ. އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މުޅިންވެސް ހޭދަ ކުރީ ގޭގައެވެ. ނަމަވެސް އިރު އޮތްސުމުން ނަވްލާ އެރަށަށް ދިޔައެވެ. އިރު އޮއްސޭ ގަޑީއަކީ ނަވްލާއާ ބައްދަލް ކުރުމަށްޓަކައި ޔާނިއު ތުނޑިއަށް ދާ ގަޑިއެވެ. ނަވްލާއައިސް ކައިރީގައި މަޑުކޮށްލުމުން ޔާނިއު ވަރަށް އުފާވިއެވެ. ” މިއަދު އެއްފަހަރުވެސް ނުފެނޭ.. ގޭގަ މާ ބުރަ ދުވަހެއްތަ.. ހާދަ އިންތިޒާރެއް ކޮއްފީމޭ.. ކޮންކަމެއްގައިތަ މާ ބުރަކޮށް އުޅުނީ..” ނަވްލާ މިއަދު ހަތަރުދަމު ލޮލަށް ނުފެނުމުން އެކަމުގެ ޝަކުވާ ޔާނިއު ކުރިއެވެ. ” އަހަރެންގެ ރަށުގައި ހުރެފައި މިއައީ..” ނަވްލާގެ ޖަވާބު ވަރަށް ކުރެވެ. ނަވްލާ އެހެން ބުނުމާއެކު ޔާނިއު ހޭންފެށިއެވެ. ޔާނިއު ހޭތަން ބަލަހައްޓައިގެން ނަވްލާއަށް ހުރެވުނީއެވެ. ނަވްލާ އެހެން ބުނާއިރުވެސް ޔާނިއުއަކަށް ޤަބޫލު ނުކުރެވޭނެކަން ނަވްލާއަށް އެނގެއެވެ. ” ނަވްލާ ދައްކާ ވާހަކަ.. އަދިވެސް ނަވްލާ ނުބުނަމެއްނޫ ނަވްލާގެ ރަށާ ފެމިލީއާ ނަވްލާގެ އެއްވެސް ވާހަކައެއް ކިޔައި ނުދެމެއްނޫ..” ޔާނިއުގެ ހިތުގައި އުފެދިފައި ހުރި ސުވާލުތައް އަނެއްކާވެސް ކޮށްލިއެވެ. ” އަހަރެންނަކީ އަސްލު ކާކުކަން އެނގުމުން ޔާނިއު އަހަރެން ދޫކޮށްލާފައި ހިނގައި ދާނެތީ ވަރަށް ދެރަވޭ.. އެހެން ނަމަވެސް މިރޭ މިއައީ ޔާނިއުގެ ހިތުގައިވާ ސުވާލްތަކަށް ޖަވާބު ދޭން…” ނަވްލާ ދައްކަން އުޅެނީ ސީރިއަސް ވާހަކައެއްކަން ނަވްލާގެ އަޑާ ރާގުންވެސް ޔާނިއުއަށް އިހުސާސް ކުރެވުނެވެ. ” ނަވްލާ ތީ ކޮންމެ މީހަކަސް އަހަރެންނަށް ލޯބިވެވުނީ ނަވްލާ ދެކެ.. އަހަރެންނަށް ނަވްލާ ދޫކޮށެއް ނުލެވޭނެ..”
ނަވްލާ އޭނާއަކީ އިންސިއެއް ނޫންކަމަށް ބުނުމުން އަނެއްކާވެސް ޔާނިއުގާތަށް ހިނިއައެވެ. “އަނެއްކާވެސް ނަވްލާ ފެށީ..އަހަރެން ހީކުރީ ނަވްލާ ދައްކަން އުޅެނީ ވަރަށް ސީރިއެސް ވާހަކައެއްކަމަށް..” ހެމުންހެމުން ޔާނިއު ބުންޏެވެ. ނަމަވެސް އަނެއްކާވެސް ޔާނިއު ގާތު އޭނައަކީ އިންސި ކުއްޖެއް ނޫންކަން ގަބޫލު ކުރުމަށް ބުންޏެވެ. ” ތީ އިންސި ކުއްޖެއް ނޫންވިއްޔާ ސިފަވެސް ބަދަލު ކުރެވޭނެއެއްނޫ.. އަޅެ ސިފަ ބަދަލުކޮށްބާ..” ޔާނިއު އޭނާގާތުން އެއެދުނީ ބޮޑުކަމެއް ކުރުމަށެވެ. ނަމަވެސް ޔާނިއުއަށް އޭނާއަކީ އިންސާނެއް ނޫންކަން ކަށަވަރު ކޮށްދިނުމަށްޓަކައި ވަގުތުކޮޅަކަށް ޔާނިއުއަށް ބަލަހައްޓައިގެން ހުރެފައި ނަވްލާގެ އަސްލުސޫރައަށް ބަދަލުވިއެވެ. މުޅި ލޯ ތަރަތަރަ ޖެހާގެންދާހާފަދަ އަލިކަމެއް މުޅި ތަނުގައި ހިފައިލިއެވެ. އިރުކޮޅަކުން ފެނުނީ ދެ ފިޔަގަނޑު ލާފައި އިސްކޮޅުންދިގުކޮށް އަލި ކުލައަކަށް ނަމަވެސް ނޭވާ ކުޑަކޮށް ދިގުކޮށް ދިގު އިސްތަށިގަނޑެއްލާފައި ހުރި އެއްޗެކެވެ. ޔާނިއު ގަތީ އަމަށަކު ބިރެއްނޫނެވެ. މިހުރިހާ ދުވަހު އޭނާއަށް އުޅެވުމުން މިދަނީ ޖިންނިއަކާ އެކީހެއްޔެވެ. ޔާނިއު ގަތް ބިރުން އަނބުރާލާފައި ދުއްވާގަންނަން އުޅުނެވެ. ނަމަވެސް އޭގެކުރިން ނަވްލާ ވާހަކަ ދެއްކިއެވެ. އާދައިގެ އިންސާނަކު ވާހަކަ ދައްކާ އަޑަށްވުރެ ވަރަށް ތަފާތެވެ. ” ޔާނިއު މިވަގުތު ދިޔަޔަސް ޔާނިއު އަހަރެން ބޭނުން ވެއްޖެއްޔާ ގޮވައިލުމުން އަހަރެން ޔާނިއު ހުރިތާކަށް އަންނާނަން..” ޔާނިއު އިތުރަށް މަޑުކުރާކަށް ނޫޅުނެވެ. ޔާނިއުގެ ގޭ ތުނޑިއާ އެހޭ ދުރު ނޫންކަމުން ދުވެލާފައި އޭނާއައިސް ވަނީ ގެއަށެވެ. ގެއާ ތުނޑިއާ ދުރުނޫނަސް އެހާވަރަށް ބިރުގަތުމުން ޔާނިއުވަނީ މާނޭވާލެވި ދާހިއްލާ ފޯވެފައެވެ. ޔާނިއުއަށް ކިރިޔާ ގޭގެތެރެއަށް ވަދެވުނީއެވެ. އަނބުރާގަނެގެން ބިންމައްޗަށް ވެއްޓުނެވެ.
ބަދިގެ ތެރޭ ރޭގަނޑު ކާ ނިމިގެން ބަދިގެ ސާފުކުރަން ހުރި ޔާނިއުގެ މަންމަ ސަންފާއަށް އެއްޗެއްވެއްޓުނު އަޑުއިވިގެން ދުވެލާފައި ބޭރަށް ނިކުތެވެ. އޭރު ޔާނިއު ބިންމަތީގައި ހަބަރު ހުސްވެގެން ވެއްޓިފައި ވަނިކޮށްފެނުނެވެ. ހަދާނެ ގޮތެއް ނޭނގި ގޮސް ޔާނިއުއަށް ގޮވާގޮވާ ހޭ ނޭރިއެވެ. ސަންފާ ވަރަށް ބާރަށް ޔާނިއުގެ ބައްޕަ ޝުއައިބުއަށް ގޮވާލިއެވެ. ސަންފާ ގޮވާލިލެއް ބާރުކަމުން ބޮޑުކަމެއްވެއްޖެކަން ޝުއައިބުއަށް އެނގުނެވެ. ޝުއައިބުއައިސް ސަންފާ ކައިރީ ވަރަށް އަވަހަށް ފެންތައްޓެއް ގެނައުމަށް ބުންޏެވެ. ޔާނިއުގެ މޫނުގައި ފެން އުނގުޅައި ލުމުން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ޔާނިއު ހުމާ ފިހެނީއެވެ. ” ދަރިފުޅާ ހުން އައިސް ހަލާކުވާއިރުވެސް ނިކުމެ ބޭރުތެރޭ ތަ ތިއުޅެނީ..” ސަންފާ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ފަރުވާ ކުޑަކަމުން ޝަކުވާކުރަން ފެށިއެވެ. ހުންމައިތިރި ކުރުމަށްޓަކައި އެރޭ ޔާނިއުއަށް ބޭސްދީގެން ގައިގައި ފެންލާން ސަންފާ ހުއްޓެވެ. މިހުރިހާ މަންޒަރެއްވެސް ގާތުން ބަލައިގެން ނަވްލާ ހުއްޓެވެ. ޔާނިއުއަށް ވަމުން ދިޔަ ގޮތް ފެނުމުން ނަވްލާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ޔާނިއު އޭނަ ދެކެ އެހާ ލޯބިވާ ވާހަކަ ބުނެފަ އޭނައަކީ ކޮންމެ މީހަކަށް ވިޔަސް ދޫކޮށް ނުލާނަމޭ ބުނެފަ އޭނަ ދޫކޮށްލަނީ ހެއްޔެވެ. ޔާނިއު ބޭނުންވަންޏާ އެއަށްވުރެ ރީތި ސިފައެއްގައިވެސް އޭނަ ޔާނިއުގެ ކުރިމައްޗަށް އައީހެއްޔެވެ. އޭނަގެ އަސްލު ސިފަ ދެއްކީވެސް އޭނަ ޔާނިއު ދެކެވާ ތެދުވެރި ލޯތްބަށެވެ. އަދި ޔާނިއުއަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ޔާނިއު އޭނަ ދެކެ ބިރުން ތުރުތުރު އަޅަނީއެވެ. އެހެންކަމަށް ވާނަމަ ޔާނިއު އެނބުރި އޭނަ ކައިރިއަށް އައުމަށް ވުރެން ނައުން ގާތެވެ. ޔާނިއުއަށް ވަމުންދާ ގޮތް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލި ހުސްވެފައި ނަވްލާ ހުއްޓެވެ.
އެރެއަށްފަހު ދެހަފްތާ ވީއިރުވެސް ޔާނިއުއަށް ހަމައަކަށް ނުނިދެއެވެ. ހުންނެތަސް ޔާނިއުގެ ސިނކުޑިއާ އެކަށީގެން ނުވާވަރަށް ވިސްނެނީއެވެ. ނަވްލާއަކީ ޖިންނިއަކަށް ވިޔަސް އޭނާއަށް ނަވްލާދެކެ ލޯބި ވެވިއްޖެއެވެ. މިހުރިހާ ދުވަހުވެސް ނަވްލާ އޭނާ ކައިރީ ދޮގެއް ނަހަދައެވެ. އޭނާއަށް ނަވްލާ ދެއްކިވާހަކަތައް ޤަބޫލު ނުކުރެވުނީއެވެ. އޭނާއަށް ނަވްލާއާ ނުލާ ނޫޅެވޭ ވަރަށް ލޯބިވެވިއްޖެއެވެ. އެހެންކަމުން ޔާނިއު ނިންމީ ންވާލާއަކީ ޖިންނިއަކަށް ވިޔަސް އެކީގައި އުޅުމަށެވެ. އެދުވަހު އިރުއޮތްސުނުއިރު ޔާނިއު ހުރީ ތުނޑީގައެވެ. އެތައް ފަހަރަކު ނަވްލާއަށް ގޮވަން ހިތަށް އެރިއެވެ. ނަމަވެސް އޭނާ ނުގޮވިއަސް ނަވްލާ އޭނާއާ ގާތުގައި ހުރި ކަމުގެ އިޙުސާސް މިފާއިތުވީ ދުވަސްތަކުގައި އަދި މިހާރުވެސް ކުރެވެއެވެ. އެންމެ ފަހުން ކެތްނުވުމުން ޔާނިއު ނަވްލާއަށް ގޮވިއެވެ. ޔާނިއު ގޮވާލިތަނުން ޔާނިއުގެ ކުރިމައްޗަށް ނަވްލާ ފާޅުވިއެވެ. ހަމަ ކުރިންވެސް ހުންނަ ގޮތަށް އިންސިއެއްގެ ސިފާގައެވެ. ކުއްލިއަކަށް ނަވްލާ ފާޅުވަމުން ޔާނިއު ދިޔައީ ސިއްސާގެންނެވެ. ” ތީގެ މާނައަކީ އަހަރެން މީ އިންސާނެއް ނޫނަސް އަހަރެންގެ ލޯބި ޤަބޫލު ކުރަމޭތަ.. ނޫނީ އަހަރެންނާ އެއްކޮށް ދުރުވާން ބޭނުންވާ ވާހަކަ ބުނަންތަ.. އަހަރެންނަށް ޔާނިއުގެ ލޯތްބާ ނުލާ އުޅެން އުނދަގޫވާނެ.. އަހަރެން ޔާނިއުދެކެ ވަރަށް ލޯބިވޭ” ނަވްލާގެ ވާހަކަތަކުން ނަވްލާވެސް ޔާނިއުދެކެ އިންތިހާއަށް ލޯބިވާކަން އެނގެއެވެ.
ދެމީހުންގެ ގުޅުން އާފެށުމަކުން ފެށިގެން ދިޔައެވެ. ނަމަވެސް ދެމީހުންކުރެ މީހަކަށް އެމީހުންނާ ދެން ބައްދަލުވެގެން އަންނަނީ ކިހާ ބާރުގަދަ ވިލާގަނޑެއްކަމެއް ނޭނގެއެވެ. ނަވްލާއާ ގުޅުމަށްފަހު ޔާނިއު އޭނާގެ އެކުވެރިންނާ ވަރަށް ދުރުވެއްޖެއެވެ. އެކަމާހެދި އެކުވެރިން ވަރަށް ޝަކުވާވެސް ކޮށްހަދައެވެ. އެހެންނަމަވެސް އެކަމަކުން ޔާނިއުގެ ސަމާލުކަމެއް ނުލިބުނެވެ. ސަންފާއާ ޝުއައިބުއަށްވެސް ޔާނިއުއަށް ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވުނެވެ. ޔާނިއު ގޭގަ ހުއްޓަސް އަބަދު އުޅެނީ ކޮޓަރީގައެވެ. ކެއުމާވެސް އެހާ ދުރުވެއްޖެއެވެ. ރައްޓެހިންނާއެއްކޮށް ވަގުތު ހޭދަކުރުމަށް އަބަދު ބޭރަށްދާ ކުއްޖާ ގޭގާއި ބަނޑުއަޅައިގެން އޮންނަންފަށާފިއެވެ. ރޭގަނޑަށް އިރުއޮތްސޭއިރު ގެއިން ނިކުންނަން އާދަކޮށްފިއެވެ. އެހާ ސަކަރާތްޖަހާ މަޖާކޮށް އުޅުނު ކުއްޖާ މުޅިން ހަމަ ހިމޭންވެއްޖެއެވެ.
(ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



masha allah kudhu…..this part is amazing …..what will happen next…..cant wait for next ep
?? Thanx thiththaaaaaaaaaaaa