
ޝަހަރު 1ވަނަބައި
ރީތި ބަގީޗާއެކެވެ. ހުރިހާ ގަހެއްގައިވަނީ މާތައް އަޅާ ފުރިފައެވެ. ކޮންމެ ވައްތަރެއްގެ މާ ގަސްބޮނޑިތަކުގެ ދޭތެރޭ ހިނގާނެ ހަނި މަގެއް އޮވެއެވެ. ހާތިބުއަށް ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނީ އުސްފަރުބަދަތަކެއް ތީ ދިމާލަކަށެވެ. ވަކި ހިސާބަކަށް ދެމިފައިވާ ފެން ކޯރެއްވެސް އޮތެވެ. ފަރުބަދަ މަތިތައްވެސް ވަނީ ފެހި ބޮޑެތި ގަސްތަކުން ފުރިފައެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ވާދީއެކެވެ. އުޑުމަތިވެސް ހީވަނީ އެދުވަހަށް ހާތިބުއަށް މަރުހަބާ ކިޔާހެންނެވެ. އެކި މާ ތަކުން ދުވާ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. އެވަގުތުކޮޅުގެ ރީތި ކަމަށް ޢަރަގުވެފައި ވަނިކޮށް ކުއްލިއަކަށް ހާތިބުއަށް ހޭލެވުނީ ބައްޕަ ހާތިބުއަށް ގޮވާއަޑަށެވެ. އެ ފޮނި މީރު ހުވަފެނުން ތެދުވަން ޖެހުމުން ހާތިބުގެ މޫޑްވެސް މުޅިން ހަރާބުވެއްޖެއެވެ. ބައްޕަ އިރުކޮޅަކަށް ނަމަވެސް އޭނައަށް ނުގޮވާ ބޭއްވިނަމައެވެ. އެކަމާ ޝަކުވާވެސް ކުރެވުނެވެ. ” ދަރިފުޅާ ފަތިސް ނަމާދު ވަގުތުވެއްޖެ.. ދެން ބޮޑާ ހޭކުން ދޫކޮށްލާފަ ތެދުވަން އުޅޭ.. ތި ހުވަފެނަކީ ދަރިފުޅުގެ ކޮންމެ ދުވަހެއްގެވެސް އާދައެއް ނޫ… ދަރިފުޅަކަށް ނޭނގޭ ވިއްޔާ ބައްޕަ ގޮވުމުގެ ކުރިން ހުވަފެން ބަލާ ނިންމާލާކަށް..” ވަރުދާން އޭނަގެ ފިރިހެން ދަރިފުޅަށް ފަތިސް ނަމާދަށް ގޮވާލާފައި ދަރިފުޅާ މަޖާ ކޮށްލުމުގެ ގޮތުން ބުންޏެވެ. ދެބަފައިން މިސްކިތަށް ދިޔުމުގެ ކުރިން އަންހެނުން އާސިޔާއަށް ގޮވާލައިފައި އަންހެން ދަރިފުޅު ސުމައްޔާ އާ ދެމައިން ނަމާދުކުރުމަށް ބުނެފައި މިސްކިތަށް ދާން ނިކުތެވެ.
މިސްކިތުން ނިކުމެ ގާތް އަޙުންނާ ވާހަކަ ދައްކާލަން މިސްކިތުގެ ބޭރުގައި ވަރުދާން މަޑުކޮށްލިއެވެ. ހާތިބުވެސް އޭނަގެ އުމުރު ފުރާގެ ކުދިންނާއެކު އަނގަތަޅާލަން ކައިރީގައި ހުރި ފާރުބުރިއެއް މަތީ އިށީދެގެން ހުއްޓެވެ. ގެއަށް އާ މަގުމަތީ ހާތިބުގެ ސުވާލްތައް ވަރަށް ގިނަވިއެވެ. ” ބައްޕާ… ބައްޕަ ބުނުއްވީމެއްނޫ..އަޅުގަނޑަށް ވިހި އަހަރު ފުރުމުން އަޅުގަނޑު ގޮވައިގެން ދުނިޔެ ބަލައިލަން ދާ ވާހަކަ.. އަޅުގަނޑަށް އިއްޔެ ވިހި އަހަރު ފުރިއްޖެއެއް ނޫ..” ހާތިބު ވަރަށް ކުޑައިރު ވަރުދާން ބުނެފައިވާ ވާހަކައެއް ފެންމަތި ކޮށްގެން ދައްކަން ފެށިއެވެ. ވަރުދާން ހިތަށް އެރިއެވެ. ދަރިން ކިތަންމެ ކުޑަޔަސް އެކުދިން ކުރާ ހިތްވާ ޒާތުގެ ވާހަކައެއް ދެކެވިއްޖެއްޔާ ކިތަންމެ ބޮޑުވިޔަސް ހަނދާނުގައި ހުރޭތާއެވެ. ” އާނ ދަރިފުޅާ އަދި ނުދެވިފަކާއެއް ނެތެއްނޫ.. ދުނިޔެ ބަލާލަން ދާނަމޭ ބުނީމަ ދަރިފުޅަށް ހީވެދާނެ ކުޑަކަމެކޭ.. އެކަމު އެއީ ވަރަށް ބޮޑު ކަމެއް… މި ދުނިޔޭގައި އުޅެނީ އަހަރެމެން އެކަންޏެއް ނޫން.. ތަފާތު ނަސްލުތަކުގެ މީހުން އުޅޭނެ.. ދަރިފުޅު ގޮވައިގެން ބައްޕައަށް މިހުރިހާ ކަމެއްވެސް ދައްކާލަން ދެވިދާނެ.. އެކަމަކު ދަރިފުޅު ވާނެ ވަރަށް ވިސްނުން ތޫނު ކުއްޖަކަށް ވާން… ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ ދުރާލާ އެކަމަކަށް ވިސްނުމަށްފަހު…” ހާތިބު ގެންގުޅޭ ޅަގޮތްގަނޑު އަދިވެސް ނުކެޑޭތީ އެކަމާވެސް ވިސްނާލެވޭ ވަރު ބޮޑުކަމުން ވަރުދާން ބުންޏެވެ. ” ބައްޕަ ތި ބުނުއްވި ގޮތުން ދަތުރު ވަރަށް ނުރައްކާތެރިވެސް ވާނެހެން ހީވޭ… އަޅުގަނޑު ވިސްނަން ޖެހޭނީ އެކަހަލަ ކަމެއް ހުރުމުންތަ؟..” އެތަށް ސުވާލެއް ހިތުގައި އުފެދުމުން ހާތިބު އަހާލިއެވެ. ” އާނ! ދަރިފުޅާ.. ބައެއް ޝަހަރުތަކާ ޤައުމުތަކާ ރަށްތަކާ ބައެއް ހިސާބުތައް އުޅޭނެ އަހަރެމެންނަށް ދިޔުން އެހާ ރަގަޅު ނޫން ތަންތަން.. އެކަން އެހެން ހުއްޓަސް ބައްޕަ މިފަހަރު ދާއިރު ދަރިފުޅަށް އެހުރިހާ ތަނެއްވެސް އިންޝާﷲ ދައްކާނަން… އެކަމަކު ކޮންމެ ތަނަކަށް ދިޔަޔަސް ދަރިފުޅުވާނެ ވަރަށް ވިސްނުންތެރި ކަމާއެކީ އުޅެން..” ބައްޕަގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ހާތިބު އެހުރިހާ ކަމަކަށްވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. “އަދި އެއްވާހަކަ ދަތުރު މަތީގައި ތަފާތު ކަންކަމާ ކުރިމަތި ވާނެ.. އަދި ދަރިފުޅު އެހުރިހާ ކަމަކަށް ތައްޔާރެއްވެސް ނޫން… އެހެންމާ ކުރިއަށް އޮތް ތިންމަސް ދުވަހު ބައްޕަ ދަރިފުޅު އެކަންކަމަށް ތަމްރީން ކުރާނަން.. ދަރިފުޅުވާނެ ހުރިހާ ކަމެއްވެސް ބައްޕަ ދަސްކޮށްދޭ ގޮތަށް ދަސްކުރަން…” ދެބަފައިންގެ ވާހަކަ އެހިސާބަށް ދިޔައިރު ގެއަށް އާދެވިއްޖެއެވެ. ދެބަފައިން ގެއަށް ވަންނަމުން އިސްލާމީރީތި ސަލާމުން ސަލާމް ކުރިއެވެ. އެތެރެއިން އާސިޔާ ސަލާމް ބަލައިގަތުމުން ދެބަފައިން އެތެރެއަށް ވަނެވެ. އޭރު ފެންޑާގެ މޭޒުދޮށުގައި ލިލީމަލުގެ ފެން ބުއިމަށްޓަކައި ތައްޔާރު ކޮށްފައި ހުއްޓެވެ. އެއީ އަބަދުވެސް އެގޭގެ އާދައެވެ.
ވަރުދާންގެ އާއިލާއަކީ މުސްލިމް ޖިންނިންގެ ތެރޭ ދޮން ނަސްލުގެ ޝާހީ އާއިލާއެކެވެ. އެމީހުންގެ އާދަކާދަތައް ހުންނަނީ އާންމުކޮށް މުސްލިމުންތެރޭގައި ކަންއޮންނަ ގޮތަށެވެ. ނަމަވެސް އެމީހުންގެ ތެރޭގައި ތަފާތު ނަސްލުތަކުގެ މީހުން އުޅެއެވެ. ވަރުދާންގެ އާއިލާއަކީ އެހެންމީހުންގެ ބޭނުންތަކަށް އިޚްތިރާމްކޮށް އެހެންމީހުނަށް ޤަދަރުކުރާ ބައެކެވެ. އެހެންކަމުން އެޝަހަރުގެ އެންމެންގެ ޤަދަރު ވަރުދާންގެ އާއިލާއަށް ލިބިފައިވެއެވެ.
ފަތިހުގެ ހިތްގައިމު ވަގުތު އާއިލާއާ އެކު ހޭދަ ކޮށްލުމަށްފަހު ވަރުދާން ނިކުތީ އަތިރި މައްޗަށްދާށެވެ. މެންދުރު ކައްކަންވާއިރަށް ކާއެއްޗެހި ހަމަކުރުމުގެ ބޭނުމުގައެވެ. އަތިރިމަތީގައި ބައިގަޑިއެއްހާހިރު ހޭދަކޮށްގެން ފަސްމަސް ހޯދައިގެން ގެއަށްލާފައި ހާތިބު ގޮވައިގެން ނިކުތީ ބޭރުތެރެއަށެވެ. ވަރުދާންގެ އާއިލާއަކީ ކެއުން ބުއިމަށްޓަކައި ދަނޑު ހައްދާ ބައެކެވެ. އެހެން ޝަހަރުތަކުގެ ކެއުމާ ވަރުދާންމެންގެ ޝަހަރުގެ ކެއުމާ ވަރަށް ތަފާތެތެވެ. ވަރުދާންމެން އާންމުކޮށް ކެއުން ބުއިމުގައި ބޭނުން ކުރަނީ ތަރުކާރީއެވެ. ދެބަފައިން ދަނޑަށްގޮސް ގަސްތަކަށް ފެންދީ ދެންވެސް ކުރަން ހުރި ބައެއް މަސައްކަތްތައް ނިންމާފައި އެދުވަހަށް ބޭނުންވާނެ ވަރަށް ތަރުކާރީ ކަނޑައިގެން ގެއަށް އައިސް ވަނެވެ. އޭރު ހެނދުނުގެ ނާސްތާއަށް އާސިޔާ ހުރީ މީރުކޮށް މުގު ސޫޕް ކައްކާފައެވެ. މުޅި ބަދިގެވެސް ހުރީ އެވަހުން އެއްވަސްކޮށްލާފައެވެ. މުގު ސޫޕަކީ އެއާއިލާގެ ހެނދުނުގެ ޚާއްސަ ނާސްތާއެވެ. ” އާސީ މިއަދުވެސް މެންދުރުގެ ކެއުން ދެތިން ރައްޓެހިންނާ އެއްކޮށް ވާވަރަށް ހަދައްޗޭ… އަބްސަލްމެން މިއަދު މިގެއިން ކާން ދައުވަތު ދިނިން… ދަރިފުޅާ ސުމައްޔާ މަންމައަށް އެހީތެރި ވެދޭތި..” ދެމައިންވެސް އެކަމަށް ވަކި އެއްޗެއް ނުބުނެ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެގެއަކީ އަބަދުވެސް ކޮންމެވެސް އެއްއިރެއްގައި އަވަށްޓެރިން ނޫނީ ރައްޓެހިންނަށް ދައުވަތު ދީގެން ކާއުޅޭ ގެއެކެވެ. ހެނދުނުގެ ނާސްތާއަށް ފަހު ދެމަފިރިން ނިކުތީ ގޭގެ ބޭރު ގޯއްޗަށެވެ. އެތާގެ ބިންމަތީގައިވަނީ އިށީދެވޭގޮތަށް ކުނާ ވިއެ އަޅާފައެވެ. ދެމަފިރިން ވާހަކަ ދައްކާލަން އެތާ އިށީދެ ތިބެ ވަރުދާން މިހާރު ވިސްނަމުންދާ ކަންތަކުގެ ވާހަކަ އާސިޔާއާ ހިއްސާކުރަން ފެށިއެވެ. ” އާސީ މިއުޅެނީ ކައިރި މިއޮތް ގިނި ހިޔާ ރަށަށް ހާތިބު ގޮވައިގެން ދާން… އޭނައަށް އަށާރަ އަހަރު ފުރުނު އިރުން ފެށިގެން އޭނައަށް ލިބެން ޖެހޭ ބާރުތައް އަންނަނީ ލިބެމުން.. އާސީވެސް ހަނދާން ހުންނާނެކަން ނޭނގެ ހާތިބު ވަރަށް ކުޑައިރު އަހަރެން އޭނަ ކައިރީ ބުނެފަ އޮތީ އޭނައަށް ވިހި އަހަރު ފުރުމުން ދުނިޔެ ބަލައިލަން ދާވާހަކަ.. އެހެންވެ ދަތުރު ދިއުމުގެ ކުރިން އޭނައަށް ދަސްކޮށްދޭން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި.. އެކަންކަމަށް އޭނަ ތައްޔާރު ކުރުމަށްޓަކައި ކޮންމެ ރެއެއްގައިވެސް އިޝާނަމާދުން އައިސް ކާގެން ދާނީ އެކޮޅަށް…” ވަރުދާންގެ ވާހަކަތަކުން ހާތިބު ކުޑައިރުގެ ހަނދާންތަކެއް އާސިޔާއަށް ވެސް އައެވެ. ހާތިބުއަކީ ވަރަށް ކުޑައިރުވެސް ކަންކަން ހޯދާ ބެލުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. އެގޮތަށް އެއްގަހުން އަނެއްގަހަށް ހާތިބު ދާލެއް އަވަސް ކަމުން އެއްދުވަހު ވަރުދާން ހާތިބު ކައިރީ ދުނިޔެ ބަލައިލަން ދާނެ ވާހަކަ ބުންޏެވެ. ހާތިބު ތީ ވަޢުދެއްހެއްޔޭ އެހުމުން ވަރުދާން ވަނީ އޭނާ ކައިރީ އޭ ވަޢުދެއް ކަމަށް ބުނެފައެވެ.
” އާނ! އެކުދިންގެ ކުޑައިރުގެ ހަނދާންތައް އަހަރެން ކިހިނެއް ހަނދާން ނެތޭނީ.. ” އާސިޔާ ހިނިތުންވުމަކާއެކު ބުންޏެވެ. އެހެންވީމާ މިއަންނަ ހުކުރު ދުވަހުގެ ރޭފަށަން މިގަސްތު ކުރަނީ.. ތިންމަސް ދުވަހުގެ ތަމްރީނެއް ދޭން…” ވިސްނަމުން ކަހަލަ ގޮތަކަށް ވަރުދާން ބުންޏެވެ. ” އާނ! ކިތަންމެ މަދު ދުވަސްކޮޅަކުން ކަންތައްތައް ދަސްކޮއްލަން ޖެހުނަސް ހަތީބު ދަސްކުރާނެ.. މާޝާﷲ އެއީ ހިތްވަރުގަދަ ކަންކަމަށް ކެރިގެން ކުރިމަތިލާ ކުއްޖެއް.. އެހުންނަ ޅަ ކަމަކީވެސް ބޭރުތެރޭގެ ކަންތައްތައް ނޭނގޭތީ ހުންނަ ޅަކަމެއް” ވަރުދާންވެސް އާސިޔާގެ ބަހަށް ބާރު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުން ވާހަކަ ދައްކަން ތިބުމަށް ފަހު މެންދުރަށް އަވަހަށް ކައްކަން ޖެހޭތީ އާސިޔާ އެތެރެއަށް ވަނެވެ. އެގެ ހުންނަނީ ދެގަހުގެ ރީއްޗަށް ގުޅި ފެތުރިފައި އިން ގޮފިއެއްގެ މަތީގައެވެ. ފުދޭވަރަކަށް ބޮޑުކޮށް ހަދާފައިވާ އެގޭގައި ދެދަރިންނަށް ޚާއްސަ ދެކޮޓަރި ހުރެއެވެ. އޭގެ އިތުރުން ދެމަފިރިންނަށް ޚާއްސަ ކޮޓަރިއަކާ ބަދިގެއަކާ ހާމަ ފެންޑާއެއް ހުރެއެވެ. އާންމުކޮށް ގެއަށް ބޭރުން ބައެއް އައިސްގެން އުޅޭނަމަ ކާންވެސް ތިބެނީ ހާމަ ފެންޑާގައެވެ. މީގެ އިތުރުން ވަރުދާންގެ ދުވަސްވީ ކާބަފައިންގެ ތަކެތިގެންގުޅުމަށާ ކިޔަވާއުޅުމަށް ޚާއްސަކޮޓަރިއެއްވެއެވެ. އެކޮޓަރިއަކީ އެގޭ އެހެން މީހަކުވަންނަ ތަނަކަށް ނުވުމުން ވަރުދާންއަތް ފޮތްކިޔުންފަދަ ކަންތައްތަކުގައި ވަރަށް ފަސޭހަވެގެންދެއެވެ.
އާސިޔާ އެތެރެއަށް ވަނުމުން ބަލިފިލުވައި ލުމަށްޓަކައި ވަރުދާން ކުނާމަތީގައި އޮށޯވެލިއެވެ.
( ނުނިމޭ )
7 Comments!
Comments are closed.
Shahar mivaahakaige furathama bai miothee up vefai. Emmehaa kiyun therinnah kamudhaane kamah ummeedhu kuran.
masha allah kudhu….the begining is superb…….hope this story is going to be a unique one 🙂
??Thnx thiththa
Varah interesting vahaka eh. Masha Allah. Dhevana bayah varah inthizaaru kurevey. ??
?Thanx
Varah reethi vaahaka eh. Kudhoo varah molhu
thanx. Vaahaka is life