ޝަހަރު 2
އެހެންއޮވެ ވިސްނެމުން ދިޔައީ އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ގޮވައިގެން ދުނިޔެ ބަލާލަން ދިޔަޔަސް އިންސިން އުޅޭ ތަނަކަށް އެދަރިފުޅު ގޮވައިގެން ދެވުމުން ވާނެ ގޮތަކާމެދުއެވެ. ކުޑައިރުއްސުރެ ސިޔާސަކަންވަނީ ގައިގައި ހަރުލާފައެވެ. ގޭތެރޭގައި އުޅޭ އިރުވެސް ކޮންމެވެސް މީހަކަށް ކޮންމެވެސް ޖެއްސުމެއް ކޮށްލުމަކީ ހާތިބުގެ އުފަލަކަށް ވެފައި ހުންނަ ކަންތައްތަކެވެ. ވަރުދާން އުންމީދު ކުރަނީ ތަމްރީނުތައް ދީ ނިމޭއިރު ހާތިބުގެ އެގޮތްގަނޑު ކެނޑޭނެކަމަށެވެ. މެންދުރު ނަމާދަށް ދާން ފެންވަރާލައިގެން ދެބަފައިން ގެއިންނިކުތްއިރު އާސިޔާގެ ދެމައިން ބަދިގޭގެ ކަންތައްތައްވެސް ނިމިގެން ރީތި ވެލުމަށްޓަކައި ކޮޓަރިއަށް ވަނެވެ. ދެބަފައިން މިސްކިތުން ނިކުމެގެން އައިރު ވަރުދާންއާ އެކީ އޭނާގެ އެކުވެރިން އެގެއަށް އައެވެ. ކެއުމަށްޓަކައި އާސިޔާގެ ދެމައިން ވަނީ ވަރަށް ފުރިހަމައަށް ބޭރު ފެންޑާގައި ސުފުރާމަތި ތައްޔާރުކޮށްފައެވެ. ދެތަށީގައި ކޮށާފައި ތެލުލާފައި ހުރި މަސްތައް ހުރިއިރު ބޮޑު އެއްފަރުމަސްވަނީ ފިހެފައެވެ. އެއާ އެއްކޮށްކާން ތަރުކާރީ ސެލެޑް ތައްޔާރުކޮށްފައި ހުއްޓެވެ. ބޯން ޖޭސްމިން ސަޔާއި ފެން ބަހައްޓާފައި ހުއްޓެވެ. ފަނުގެ ތޮށިން ވިއެފައިވާ ކުނާމަތީގައި ކާއެއްޗިހި އަތުރާފައި ވާއިރު އޭގެ މީރުވަހުން ކުޅު ދިޔާވާނެއެވެ. ހުރިހާ ފިރިހެން ވެރިން ކުނަލުގެ ވަށައިގެން ފައި ވަށްކޮށްގެން އިށީދެގެން ކެއުމާއިގެން އިންސާފު ކުރަން ފެށިއެވެ. ކައި ނިމިގެން ބޭރުގެ ބިންމަތީގައި އަތުރާފައިވާ ކުނާ ތަކުގައި އިށީދެގެން ހަތަރު ރަޙުމަތްތެރިން ވާހަކަ ދައްކަން ތިއްބެވެ.
” ވަރުދާން މިހާރު ހާތިބު ބޮޑުވެސްވެއްޖެއެއް ނޫން.. ކޮބާ ކަންކަމާއިގެން އުޅޭކަށް ނުވޭތަ.. އަހަރެންގެ ދެ ދަރިންވެސް ބޮޑުވެއްޖެ.. އަހަރެން މިވިސްނަނީ އަހަރެމެންގެން ގުޅޭ އައްމަތީ ހުރިހާކަމެއް ދަސްކޮށްދޭން ފަށަން..” އަބްސަލްގެ ވާހަކަ އަޑުއަހަން ހުރި ވަރުދާން އޭނާވެސް އެކަމަށް ތައްޔާރު ވަމުންދާވާހަކަ ބުންޏެވެ. “މަގޭ ހުންނަނީ ތިން އަންހެން ދަރިން.. ފިރިހެން ދަރިއެއް ނެތަސް ވަކި އެންމެ ތަންކޮޅަކަށްވެސް ދޫ ނުދޭނެ.. އެކުދިން ބޮޑުވަމުން އައިސް ވަކި ހިސާބަކުން އަމިއްލައަށް ބޭނުންވެގެން އުކުޅުތައް ދަސްކޮށްދިނީ.. އިންޝާﷲ ކަމަކާ ޖެހިއްޖެއްޔާ ކުރިމަތިލާން ކެރޭނެ..” ތައްމާމު އޭނަގެ އަންހެންދަރިން އެކަނި ތިއްބަސް ވަރަށް ފަޚުރުވެރިކަމާ އެކު ބުންޏެވެ. ” ހޫމް ކަލޭމެން ތިކަންތަކުގައި މަޝްޢޫލު ވިޔަސް އަދި އަހަރެން ތިކަމުގައި އުޅޭނެ ދުވަހެއްވެސް ނޭނގެ.. ދެންމެ ވިއްޔާ ދުނިޔެއަށް އުފަންވެސް ވީ..” ޖާޒިމް ވެސް އޭނާގެ ވާހަކަތައް ހިއްސާކޮށްލިއެވެ. މިގޮތުގައި އަސުރު ގަޑި ޖެހެންދެން ހަތަރު ރަޙުމަތްރިން އަނގަތަޅާލަން ތިއްބެވެ.
މަޢޮރިބު ނަމާދުން ފައިބައިގެން ރަށުތެރެ ބަލާލުމަށްޓަކައި ވަރުދާންގެ އާއިލާ ނިކުތެވެ. އެއީ އެރަށުގައި އާންމުކޮށް އެންމެންވެސް ބޭރުތެރޭގައި އުޅެމުން އަންނަ ގަޑިއެވެ. އެމީހުންގެ އާދަކާދަ ހުންނަ ގޮތުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރާނީ ދެނަމާދު ދޭތެރޭގަޑީގައެވެ. ދެން ޢާންމުކޮށް ރޭގަނޑު އެއްކޮށް އެއީ މަޖާ ކުރާ ވަގުއްތަކެވެ. އައިލާގެ ހަތަރު މެންބަރުން މުޅި ރަށުތެރޭގައި އުޅެފައި އަތިރި މައްޗަށް ނިކުތެވެ. އަތިރި މަތީގައި ތިބޭއިރު ކައިރީގައި އޮންނަ ގިނިހިޔާ ރަށާއި ވެލިފަސްރަށާއި ދޮންފަން ރަށް އޮންނަނީ ފެންނާށެވެ. އެ ތިންރަށަކީވެސް ވަރަށް މަދު ފަހަރަކު ނޫނީ ބަޔަކު ދާ ރަށެއް ނޫނެވެ. ހާތިބުއާ ސުމައްޔާ ދެކުދިން ލޮނުގަނޑާ ކުޅެން ތިއްބެވެ. އެމަންޒަރު ބެލުމަށް ދެމަފިރިން ގަލެއްގެ މަތީ އިށީދެގެން ތިއްބެވެ. ވަރުދާންގެ އާއިލާއަކީ ދޮންކޮށް ތިބޭ ބައެކެވެ. އެމީހުންގެ ތެރޭ ގިނަ މުސްލިމް ކުދިން އުޅެނީ ހިޖާބު އަޅާ ނިވާ ވެގެންނެވެ. އާސިޔާއާ ސުމައްޔާ ވެސް ތިބެނީ އެފަދައިން ނިވާވެގެންނެވެ. ހަމައެކަނި ފެންނަން ހުންނަނީ މޫނާ ދެއަތްތިލައެވެ. ދެލޯ ކުޑަކޮށް ކަންފަތާ ކައިރިއަށް ދެމިލާފައި ހުންނައިރު ނޭފަތުގެ ކުރިވެސް ހުންނަނީ ދިގުކޮށެވެ. އަނގަ ބޮޑުކޮށް ތިއްބަސް އެމީހުންނަކީ އެ ޝަހަރުގައިވެސް ރީތި އާއިލާއެއްގެ ބައެކެވެ. ދަރިން ތޮޅޭތަން ބަލަން ހިނިތުންވެލާފައި ދެމަފިރިން ތިއްބެވެ. ” އާސީ އަހަރެންގެ ހިތަށް ހަމަ އަރަނީ ހާތިބުއަށް ތަމްރީން ދީ ނިމޭ އިރު މި ސަކަ މިޒާޖުގެ ގޮތްގަނޑު ކެނޑޭނެބާއޭ؟…” އެކަންތަކާ މެދު ވިސްނޭވަރުން ވަރުދާން ބުންޏެވެ. ” އާނ! ރަގަޅު ގޮތަށްކަށް ވިސްނަންވާނީ.. އެގޮތްގަނޑު ހުއްޓަސް މައްސަލައެއް ނޫނެއްނޫ.. ބަޔަކަށް އުނދަގޫ ނުކުރަންޏާ.. އަނެއްކޮޅުން ކަންތައްތައް ދަސްވީމަ އޭނަވެސް ސީރިޔަސް ކަމާއެކު އެކަންތައް ކުރާނެ.. އެހެން އުޅުނަސް މިހާރުވެސް އޭނަގެ ގޮތެއް ހުރެއެއް ނޫ.. ވަރުދާން އެކަމާ އެހާ ހާސްނުވެ ކަންތައް ބޮޑުނުވެބާ.. މާބޮޑަށް ވިސްނާތީއޭ އެހެން ހިތަށް ތިއަރަނީ…” އާސިޔާ އޭނަގެ ފިރިހެން ދަރިފުޅާމެދު ދެކެމުން އަންނަ ގޮތް ބުންޏެވެ. އަދި ފިރިމީހާ ހިތްހަމަޖައްސާލުމަށްޓަކައިވެސް އެތައް ވާހަކަތަކެއް ދެއްކިއެވެ.
އިޝާ ނަމާދު ވަގުތު ޖެހުމުން ދެމައިން ގެއަށް ދިއުމަށް ބުނެފައި ވަރުދާންގެ ދެބަފައިން ދިޔައީ މިސްކިތަށެވެ. މިސްކިތުން ނިކުމެފައި ދެބަފައިން ވާހަކަ ދައްކަމުން ގޮސް އަތިރި މަތީގައި މަޑުކޮށްލިއެވެ. ” ދަރިފުޅާ މިއަންނަ ހުކުރު ދުވަހުގެ ރޭގަނޑު ދަރިފުޅަށް ދަސްކޮށްދޭން ބައްޕަ ބުނި ތަމްރީނުތައް ފަށަން މިއުޅެނީ.. އެހެންވީމަ ދަރިފުޅު މިހާރުއްސުރެ ތައްޔާރު ވާންވީ.. ތަމްރީން ފުރިހަމަ ކުރުމަށް ޓަކައި ދާނީ ކައިރީ މިތިބަ ރަށްތަކަށް.. ފުރަތަމަ ދާނީ ގިނިހިޔާ ރަށަށް..” ވަރުދާންގެ ވާހަކަތަކުން ހާތިބު ވަރަށް އުފާވިއެވެ. އަދި އޭނާ މިހާރުވެސް އެކަމަށް ތައްޔާރުކަމަށް ބުންޏެވެ. އެއަށްފަހު ބައްޕަ ކައިރިން ހުއްދަ ހޯދައިގެން އޭނަގެ ރައްޓެހިންނާއެކު ރަށުތެރެއަށް ދާން ކަމަށް ބުނެ ދިޔައެވެ. ރަށަކީ ބޮޑެތިގަސްތައް ގިނަ އާބާދީ ބޮޑު ރަށަކެވެ. ގިނަ މީހުންގެ ގޭގޭތައް ހުންނަނީ ގަސްތަކުގެ އޮފިގަނޑުގައި ހަދާފައެވެ. ވަރަށް މަދު ބައެއްގެ ގެތަށް ބިންމަތީ ހަދާފައިވެސް ހުރެއެވެ. ދުރުން ބަލާލާއިރު އެރަށް ފެންނަނީ ބޮޑެތި ގަސްތަކަކުން ބަރާވެފައިވާ ފެހިކަން ގަދަ ޖަންގައްޔެއް ހެންނެވެ. އެހާވެސް ބޮޑެތި ގަސްތައް ގިނައެވެ.
ހަތީބުއާ އޭނާގެ ރައްޓެހިން ތިބީ ނިކަ ގަހެއްގެ ކުރީގައި އިށީދެލައިގެން އަނގަތަޅާށެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮޅުން ކުޑަކޮށް ހުންނަ ހައްޔާން އަކީ އަބަދުވެސް އެހެންމީހުނަށް ލަނޑު ދޭހިތުން އުޅޭ ކުއްޖެކެވެ. ނުދަންނަ މީހަކު ފެނުނަސް އެފަދަ ކަމެއް ކޮށްފާނެއެވެ. ” އޭ.. ތިހެން އުޅެމުން ގޮސް އަމިއްލައަށް ބޮނޑިއެއް ނުބޯތި.. މިތާނގައި އުޅެނީ އަހަރެމެން އެކަންޏެއް ނޫން.. ތިހެން އުޅެންޏާ ކަލެއަށް އަދި ތަފާތު މީހުން އުޅޭ ހިސާބަކަށް ދެވިއްޖެއްޔާ ކަލެއަށް ތި ލަނޑު ލިބުން ގާތީ.. މަށަށް ފެންނަނީ ތިކަންތައް ދެން ދޫކޮށްލަން.. މިހާރު އަހަރެމެންވެސް މި ތިބީ ބޮޑުވެފަ.. އެހެންމީހުނަނަށް އުނދަގޫ ނުކުރަން މައިންބަފައިން ބުނާނީ އޭގެ ފަހަތުގައި ކޮންމެވެސް ކަމެއް އޮތުމުން…” އެކުވެރި ދިރްފިސް ހައްޔާންއަށް ނަސޭހަތް ދިނުމުގެ ގޮތުން ބުންޏެވެ. “ކަލޭމެން ދައްކާވާހަކަ.. މަޖާ ކުރާކަށް ވަކި އުމުރެއް އޮވޭތަ.. އަބަދު މައިންބަފައިން ބުނާހާ ގޮތަކަށް ކަންތައް ކުރަން ވެއްޖެއްޔާ ހަޔާތުގައި މަޖާ ދުވަހެއް ނުވެސް އަންނާނެ..” ބަސް ޤަބޫލުކުރަން ބޭނުން ނުވާތީ ހައްޔާމް ބުންޏެވެ. ” ތީނަ ކައިރީ ހެވަކަށްވެސް އެއްޗެކޭ ކިޔާނެ ކަމެއް ނެއް.. މިރޭ ކާކަށް ލަނޑުދޭން ހިތުލާގެން ތިއުޅެނީ..” ރައާބިލްއަށް ދިފްރީސް އެވާހަކަ ދެއްކިއިރުވެސް ހައްޔާމް އެއަޑު ނާހާނެކަން އެނގެއެވެ. އަދި ހައްޔާމްގެ ސިނކުޑިތެރޭ މިހާރުވެސް ހިނގާނީ މިރޭ ކުރިއަށް ނިންމާފައި ހުރި ކަންތައްތައްކަން އެނގެއެވެ.
” މަގޭ އެކުވެރިންނޭ.. މައަބަދުވެސް ބުނަމެއްނޫ މަގޭ ބައްޕަ ބުނި ވާހަކަ ދުނިޔެ ބަލާލަން ދާން.. މިއުޅެނީ އެކަމަށް ތައްޔާރުވާން ވެގެން.. އެހެންވީމަ މިއަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ދެން ކަލޭމެންނާއެކު މަޖާ ކޮށްލާކަށް ނާދެވޭނެ..” ހާތިބު އެހެން ބުނިހާތަނުން އެންމެން އެއްފަހަރާ އަހާލެވުނީ ހުކުރުދުވަހު ދަތުރު ފުރަނީތޯއެވެ. ” ނޫނޭ.. ބައްޕަ ބުނި ދަތުރު ދިޔުމުގެ ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ.. އެކަންތައްތައް ދަސްވުމުން ތިންމަސް ފަހުން ދަތުރު ދާން ފައްޓާނީ..” ހާތިބުގެ ވާހަކަތައް އަޑުއަހަން ހުރި ހައްޔާމް އަށް މިފަހަރުވެސް ނެގުނީ އޭތި ގޯސްކޮށެވެ. ” އެހެންވިއްޔާ ދަތުރަކު ދާން ޖެހުނަސް އެހާ ގިނަ ކަންތައްތައް ދަސްކުރަން ޖެހެނީތާ.. މަށަކަށް ތި ހުރިހާކަމެއް ކޮށްގެންނެއް ތަނަކަށް ނުދެވޭނެ.. މަގޭ ބައްޕަ މިހާރުވެސް ފާޑެއްގެ ފޮތްތަކެއް ދީފައި އޭގެއިން ކިޔަވަން އެބަބުނޭ.. މަ އަދި އޭގެ ފޮތެއްގައި އަތެއްވެސް ނުލަން..” ހައްޔާމްގެ ވިސްނުންހުރި ގޮތުން ޒަހުރާންގެ ގާތަށް ހިނިއަންނަގޮތްވެސް ވިއެވެ. ” އަހަރެން ހިތަށް އަރާ ކަލޭގެ ސިނކުޑި ބޮޑުވާނީ ކޮން ދުވަހަކުން ބާވައޭ.. އަހަރެމެން މީހުންގެ ތެރޭގައި އުޅެންޏާ ތަފާތު ކަންކަން ދަސްކުރަން ޖެހޭނެ.. އަހަރެމެންނަށް ލިބިފައިވާ ބާރުތައްވެސް އިތުރަށް ބޭނުން ކުރާނެ ގޮތްތަށްވެސް ބަލާ ދަސްކުރަން ޖެހޭނެ.. ކަލޭގެ ބައްޕަ ތިދިން ފޮތްތަކަކީ އެކަމާ ބެހޭ ގޮތުން ކިޔަވަން ދިން އެއްޗެއް ކަމަށްވެސް ވެދާނެ..” ޒަހުރާން ބާރުތަކޭ ބުނުމުން ކޮންމެހެންވެސް އެފޮތްތައް ބަލާހިތް ހައްޔާމް ވެއްޖެއެވެ. ” ތިހެންވިއްޔާމު އަދި ވަގުތެއްވީމަ އެފޮތްތައް ބަލާނަން.. ބާރުތައް ވެއްޖެއްޔާ ކޮންމެ ގޮތަކުންވެސް ދަސްކުރާނަން…” މިހާރުވެސް ހައްޔާމްއަށް ލިބިފައި ހުންނަ ބާރުތަކަށް އޭނާވަރަށް ފަޚުރުވެރިވެއެވެ. ފަސްވެރިން ވާހަކަ ދައްކަމުންގޮސް ނިންމީ ބުރާސްފަތި ދުވަހުގެ ރޭ ބާބެކިއުއެއް ބޭއްވުމަށެވެ. ހާތިބު ތަމްރީންތަކަށް ފުރުމުގެ ކުރިން އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ރޭގަނޑުގައި އެމީހުން ނިދަނީ ވަރަށް ކުޑައިރު ކޮޅަކަށެވެ. އެއީ ފަތިސްނަމާދު ވަގުތު ވާން ކައިރިވުމުން ކުޑަވަގުތުކޮޅަކަށެވެ. އެހެންކަމުން އެރޭގެ ބާކީ އަދިބޮޑުބައި އޮތުމުން ފަސްވެރިން ރަށުތެރޭގައި ބުރުޖަހާލުމަށް ނިކުތެވެ. ސުމައްޔާވެސް އޭނާގެ ދެތިން އެކުވެރިންނާއެކު ބޭރު ތެރޭގައި އުޅެމުންދިޔައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Wow …. Vrh reethi … Masha Allah ♥️
މާޝާﷲ ކުދޫ…..މި ބައިވެސް ވަރަށް ފުރިހަމަ…..cant wait for next part
??Thnx thiththa
Kudhoo ge vaahaka liyumuga sifa kurun thah varah furihama
thanx. vaahaka is life