އަސްލާން 11
ކުއްލިއަކަށް ހިތަށްއެރި އެތިން އަހަރެންގެ ހިތް ތެޅިގަތެވެ. އަސްލާންއާއި ކުރާ ބައްދަލުވުންތަކެވެ. އަހަރެން ބޭރަށް ދިޔަ ރޭރޭ ނުފެނުނީ ކިހިނެތް ހެއްޔެވެ؟ ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށީ އެ ވަގުތުއެވެ.
*****************************
އެ އަންނަ މީހަކު އެ ކޮޓަރިތެރެއަށް ވަދެދާނެތީ ބިރުން އަހަރެން އަވަސް ހަރަކާތްތަކަކާއިއެކު މޭޒެއްގެ ދަށަށް ދެމިގަތީމެވެ. މަކުނުވާތަކެއްހެން ތަރުތީބެއްނެތި ދެމިފައި ހުރި ވަޔަރުތަކުގައި އިސްތަށިގަނޑު އަޅައިގަތުމުން ވީ އުނދަގުލަކަށްވެސް ފަރުވާލެއް ނުދެމެވެ. ކައިރި ވަމުންދިޔަ ފިޔަވަޅުތަށް ހުއްޓުނީ ދޮރު ކުރިމައްޗަށެވެ. ދޮރު ހުޅުވުމާއެކު އެޅުނު އަލި ރޮނގު ދިމާވީ ސީދާ އަހަރެންގެ ލޮލަށެވެ. އެ އަލިން ލޯ ރައްކާތެރިކުރުމަށްޓަކައި އަތް ހުރަސްކޮށްލެވުމަށްފަހު އަތް ނެގިއިރު ކުރިމަތީ ހުރި ދެފައިތިލަ ފެނިފައި ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެ މީހަކު ކުޑަކަކޫ ޖަހައިލާފައި ސީދާ އަހަންނާއި ދިމާއަށް ބަލައިލިއެވެ. އެއީ ރޫބީއެވެ. އޭނާ އައީ އަހަރެން މިތާ އިންކަން އެނގިގެންނެވެ. ވަތްތަން ފެނުނީކަންނޭންގެއެވެ.
“ކީއްތިކުރަނީ؟” ރޫބީ އަހައިލިއެވެ. “ބުނީމެންނު އަންނަންދެން މަޑުކުރާށޭ.” ބުނާ ގޮތް ނެހެދި ނަމަވެސް އޭނާގެ މޫނުމަތިން ރުޅިވެރިކަމެއް ނުފެނުނެވެ. އަހަންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. މޭޒުދަށުން ނުކުންނަން އިށާރާތްކުރުމުން ނުކުތް ގަޑީ އަހަރެންގެ އިސްތަށިގަނޑުގައި އެޅިފައިވީ ވަޔަރުތައް ދުރުކޮށްދިނުމަށް ރޫބީ އެހީވެދިންއިރު ހީވީ ހިތްހެޔޮ މަންމައެއްހެނެވެ. ހުރިހާ މަންމަމެން މިހާ ޗިލްނަމަ ދުނިޔެ ކިހާ އަމާންވާނެބާއެވެ.
“ސީސީޓީވީ ހުރޭތަ އަބަދުވެސް؟” ހިތްވަރުކޮށްފައި، ކޮށްލަން ބޭނުންވި ސުވާލު ރޫބީއާއި ކުރިމަތިކޮށްލީމެވެ. އާނއެކޭ ބުނެ ރޫބީ ދިނީ ކުރު ޖަވާބެކެވެ. އެއީ އަހަންނަށް އިނގެންޖެހޭހާ މުހިއްމުކަމެއްކަމަށް ނުދެކޭކަހަލައެވެ. ރޫބީ އެވަގުތު އަހަންނަށް ބަލައިލީ އޭނާ އާންމުކޮށް ބަލާހެންނެވެ. އަހަރެންގެ ހިތުގައިވި އެއްޗެއް މޫނުގައި ލިޔެވިފައި އޮވެގެން އެ ކިޔަން މޫނަށް ބަލަހައްޓައިގެން ހުންނަކަހަލަ ގޮތަކަށް ހުރެހުރެފައި އެނބުރުނީ ކޮމްޕިއުޓަރަކާއި ދިމާލަށެވެ. ރޫމް ތޭރައޭ ޖަހާފައި އިން ފޯލްޑާރ އަކަށް ވަތްއިރު ހުރީ ތާރީހު ތަކެއް ޖަހާފައި ހުރި ފޯލްޑާރތަކެކެވެ. އެތަނުން ކޮންމެވެސް ތާރީހެއްގެ ފޯލްޑާރއެއް ހުޅުވިއިރު އެއީ އަހަރެންގެ ކޮޓަރިތެރޭގެ ފުޓޭޖްއެކެވެ. ފެންނަ ފެނުމަށް އަހަރެން އިނީ އެކަނި ވާހަކަދައްކަންށެވެ. އެއީ އަސްލާންއާއި ވާހަކަދައްކަން އިން ވަގުތެއްކަން އަހަންނަށް ޔަގީންވިއެވެ. ނަމަވެސް އަސްލާންއެއް ފެންނާކަށް ނެތެވެ.
ދެން ދެއްކީ އެހެން ދުވަހެއްގެ ފުޓޭޖްއެކެވެ. އެ ދުވަހުގެ އޯޑިއޯވެސް ހުއްޓެވެ. އޭގެ ކުރިން އަޑު ރިކޯޑުކުރެވޭހެން ނަހަދަނީތާއެވެ. މިފަހަރުވެސް އަހަރެން އަސްލާންއާއި ވާހަކަދައްކަނިކޮށެވެ. ނަމަވެސް އަސްލާންއެއް ފެންނާކަށް ނެތެވެ. އޭނާގެ އަޑެއްވެސް ރިކޯޑެއް ނުވެއެވެ. ތިންވަނަ ފުޓޭޖް ހުޅުވަން އުޅެނިކޮށް މެދުކެނޑުނީ ސެކިއުރިޓީއެއް އައިސް ވަނުމުންނެވެ.
“ޑޮކްޓާރ… ކީއްތިކުރައްވަނީ؟” އެ މީހާ ވަރަށް ހާސްވެފައި އެއްފަހަރު ރޫބީއަށް، އަނެއްފަހަރު އަހަންނަށް، އަދި އަނެއްފަހަރު ކޮމްޕިއުޓަރ ސްކްރީނަށް ބަލައިލާފައި ގާތަށް އައެވެ. އެ މީހާ އަލުން ރޫބީއަށް ބަލައިލާފައި އަހަންނާއި ދިމާއަށް ލޮލުން އިށާރާތްކޮށްލީ ސުވާލެއްކޮށްލާ ކަހަލަ ގޮތަކަށެވެ. ޖަވާބުގައި ރޫބީ ބޯ ހަލުވާލައިފައި އަހަރެން ކައިރީ ދާން ހިނގާށޭ ބުންޏެވެ. ރޫބީ ތެދުވެ ހިނގައިގަތުމުން ފަހަތުން އަހަރެންވެސް ދިޔައިރު ސެކިއުރިޓީ ގާޑު އަހަންނާއި ދިމާއަށް ހަމްދަރުދީއަކާއި ކަންބޮޑުވުމެއް އެކުލެވޭ ޒާތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ވީނުވީއެއްގެ ފަހުމެއް އެ ވަގުތު އަހަންނަކަށް ނުވިއެވެ.
“ދެންމެ ދެއްކި އެއްޗިހި ހަނދާން ނައްތާލާ.” ކޮޓަރިއަށް ދިޔަ މަގުމަތީ ރޫބީ ބުނިހާވެސް އެއްޗަކީ އެއީއެވެ. ރޫބީ ދެކުނީ، އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމަށެވެ. އަހަރެން ކޮޓަރިއަށް ވައްދާފައި ނަރުސްކުއްޖަކާއި ދޮރު ތަޅުލާން ހަވާލުކޮށްފައި ދިޔަ ރޫބީ ވަރުބަލިކަމުގެ ނޭވާއެއް ދޫކޮށްލި އަޑު އެހީމެެވެ.
ކޮޓަރިއަށް ވަދެފައި އަހަރެން އެ ފެނުނު މަންޒަރާއިބެހޭ ގޮތުން ވިސްނައިލީމެވެ. ހަނދާން ނައްތާށޭ ބުންޏަސް އެއީ އެހާ ފަސޭހައިން ހަދާންނެތޭނެ ވަރު ކަމެއް ނޫންވިއްޔާއެވެ. ވިސްނި ވިސްނުމުން އަހަރެންނަށް ޔަގީންވީ އެހެން މީހުންނަށް އަސްލާން ނުފެންނަނީ އޭނާއަކީ އިންސާނުންނާއި ހިލާފު މަހުލޫގެއްކަމުގައި ވާތީކަމެވެ. ލޮލަށް ނުފެންނަންޏާ އަޑުވެސް ނީވި ހިނގައިދާނެތާއެވެ. އެހެންވީމަ އެ ސީސީޓީވީ ބަލާ މީހަކަށް ފެންނަނީ އަހަރެން އެކަނި އިނދެގެން ވާހަކަދައްކާ ތަނެވެ. މިކަމާ އަހަންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އެހެން އިންސާނުންނަށް އަސްލާންގެ ހަގީގަތް އެނގޭކަން އަހަރެން ބޭނުމެއްނުވިއެވެ. އޭރުން އަހަންނާއި އަސްލާން ބައްދަލުވުމުގެ ހުރަހަކަށް އެކަން ވާނެކަން އިނގޭތީއެވެ. އަސްލާންގެ ހަގީގަތް އެނގުމަށްވުރެ އަހަރެންގެ ބަލީގެ ސަބަބުން އެކަނި އިނދެގެން ވާހަކަދައްކަނީ ކަމަށް ހީވުން ހާސްތަން ރަނގަޅެވެ. މިކަމުން ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން މުހިއްމު އެއްކަންތައް އެވަގުތަށް އަހަރެންގެ ހަނދާނުން ފޮހެވިގެންދިޔައެވެ.
“އަސްލާން…” އެނދުގައި ހަމަޖެހިލާފައި އަސްލާންއަށް ގޮވައިލީމެވެ. ކުރިމަތިން އަސްލާން ފާޅުވުމުން އަހަރެން ހިނިތުންވެލީމެވެ. އަސްލާން އައިސް ކައިރީގައި އިށީނުމުން ކޮންމެވެސް ބޭކާރު ވާހަކައެއް ދައްކަން ފެށީ އަހަންނެވެ. ސީސީޓީވީ ހުންނަކަން އެނގުމުން ސީދާ އަސްލާންއާއި ދިމާއަށް ބަލާކަށް ނުކެރުނެވެ. އަހަރެން އޭނާއަށް ބެލުމުން، އެހެން މީހަކަށްވެސް އޭނާ ފެނިދާނެކަމުގެ ބިރުހީވެގެންނެވެ. އަހަރެން ދައްކާ ވާހަކައަށް ސަމާލުކަން ދޭކަން އަންގައިދިނުމަށް އަސްލާން އިއްވައިލާ އާނ ހޫނ އާއި ޖަހާލާ މަޑު ހިނިގަނޑުތައް ހުއްޓުނުތާ މާ ގިނައިރެއް ނުވެ އަހަންނަށް އަސްލާން އިން ދިމާލަށް ބަލައިލެވުނީ އޭނާ ނެތްހެން ހީވެގެންނެވެ. ހީވީ ރަނގަޅަށެވެ. އަނެއްކާވެސް އަސްލާން ގެއްލިއްޖެއެވެ. އެރޭ ނިދުނީ، އަސްލާންގެ މަންމައަށް ކަމެއްވީބާއޭ ހިތާ ވި މާޔޫސްކަންމަތީ އޮވެއެވެ.
އޭގެ ތިން ދުވަސް ފަހެވެ. ރޫބީގެ އޮފީހަށް ދާން މިފަހަރު އެންގީ މާ އަވަހަށެވެ. ލިބެން އުޅެނީ ހެޔޮ ހަބަރެއް ކަމަށް އުންމީދުކޮށް ހަަމަޖެހިލައިގެން ހުރެ އަހަރެން ދިޔައީމެވެ. އޮފީހަށް ވަތްއިރު ރޫބީ އިނީ އިންތިޒާރުގައެވެ. އޭނާއާއި ކުރިމައްޗަށް ވާގޮތަށް އިށީނުމުން ރޫބީ އާދައިގެ މަތިން އަހަރެންގެ މޫނު ތަހުގީގުކޮށްލިއެވެ.
“ރަނގަޅު ހަބަރަކާ ގޯސް ހަބަރެއް… ފުރަތަމަ ކޮން ވާހަކައެއް ބުނަންވީ؟” ރޫބީ ވަރަށް އުނދަގޫ ސުވާލެއް ކުރިމަތިކޮށްލިއެވެ. ދޭނެ ޖަވާބެއް ނޭންގުމުން އަހަރެން ހިމޭންނުން އިނީމެވެ. “ފުރަތަމަ ރަނގަޅު ހަބަރު.” އަމިއްލައަށް ކުރެވުނު ބޭކާރު ސުވާލާއިހެދި ގަތް ލަދުން ބޯ ކަހައިލާފައި، ތުންފަތް ތެންމައިލަމުން ރޫބީ ބުންޏެވެ.
“މިއަދުން ފެށިގެން ލުއާއަކީ ހައި ރިސްކް ޕޭޝަންޓެއް ނޫން. ޖެނެރަލް ވާރޑްއަށް ބަދަލުވެވިދާނެ.” ރޫބީ ފަޅައިލި ހަބަރު ވީ އަހަރެންގެ މުޅި ހަޔާތުގައި އޭނާ ދިން އެންމެ ހެޔޮ ހަބަރަށެވެ. އުފަލުން އަހަރެންގެ ބައްތިރީސް ދަތް ދިލުނުތަން ފެނިފައި ރޫބީގެ ތުންފަތުންވެސް ލުއި ހިނިތުންވުމެއް ފާޅުވިއެވެ.
“ދެން… ގޯސް ހަބަރަކީ؟” އުފާވެރި ހަބަރުން ލިބުނު އުފާވެރިކަން ފިލާނެހާ ގޯސް ހަބަރެއް ނީވޭނެއޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް ކަންތައްވީ ހީއާއި މުޅިން އިދިކޮޅަށެވެ. އެ ހަބަރު އިވުމުން، ދުވަހަކުވެސް ބަލި ރަނގަޅު ނުވިނަމައޭ، އޭރަށް މި ހަބަރު ނީވުނީސްއޭ ހިތަށްއަރާވަރުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





when is next part n why so short?… anyways gud job..?
Srry for the late upload. The thing is i wrote almost the whole stry last yr on microsoft word but everything got dlted. That made me rlly demotivated thats y i didnt upload anymore. Im rlly srry for everyone who read this stry. You can hate on me if u want i dont mind. But i hope u’ll still continue to read this stry if u like it.
Did wait a lot for this story. Glad im able to read it again. It’s okay Jinni. Even tho with all the problems im happy that u decided to upload the story again. Curiously waiting for the next part. This story is really interesting. Hope u will bring the story until the end this time❤?
❤❤❤❤❤❤
Awlhey jinni. Haadha dhuvahakahfahu ey mi story kiyaalan milibunee. Jinni dheke rulhieh naadheh dhonthi eh hama gaimu es. Dhuvasthakakaufahu mihaa reethi part eiy kiyaalan libuneema vvvv ufaavejje. Unmeedhukuran dhn regular koh mi story hama upload kohdhdheyne kamau. V surprise vejje ehaa dhuvas kollaafa upload kolleema Hehe.. BTW vvvvv reethi mi bai es. Waiting for the next part. Curiously. Love ya ????????❤️?❤️❤️???
thank u so much for the support. nxt prt veehaaves avahakah up kodheynan insha allah
Vvvv reethi mi part vx.. Whn is next part… Curiously waiting for next part ngey ?????