
އަސްލާން 12
“ދެން… ގޯސް ހަބަރަކީ؟” އުފާވެރި ހަބަރުން ލިބުނު އުފާވެރިކަން ފިލާނެހާ ގޯސް ހަބަރެއް ނީވޭނެއޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް ކަންތައްވީ ހީއާއި މުޅިން އިދިކޮޅަށެވެ. އެ ހަބަރު އިވުމުން، ދުވަހަކުވެސް ބަލި ރަނގަޅު ނުވިނަމައޭ، އޭރަށް މި ހަބަރު ނީވުނީސްއޭ ހިތަށްއަރާވަރުވިއެވެ.
***************************
“ލުއާ ކުޑައިރު ދިރިއުޅު އޯފަނޭޖްގަ އުޅުން ހުރިހާ އެންމެން… ލުއާ ފިޔަވާ ހުރިހާ އެންމެން ވީ މަރުވެފަ… މަރުވީ…ލުއާ ހިންގި އަލިފާނުގެ ހާދިސާއެއްގަ….. އެއީ ލުއާއަށް އައި އެންމެ ފުރަތަމަ އެޕިސޯޑް…” އިރުކޮޅެއްގެ ސުކޫތަކަށްފަހު ރޫބީގެ ދުލުން ނުކުތް ބަސްތައް އަހަރެންގެ ސިކުނޑި ތޮރުފާލީ، އިޒުނައެއް ނެތި ވަތް ބިރުވެރިކަމަކާއިއެކުއެވެ. ގަބުއަރާފައި އިނދެވުނު އަހަރެންނަށް، އެ ބަސްތައް އިވުނީ ނުބައިކޮށްކަމެއް ނުވަތަ ނުވަތަ ނޫންކަމެއްވެސް ކަނޑަނޭޅުނެވެ.
“ރޫބީ!!!” ކުއްލިއަކަށް ފަހަތުން އިވުނު ބާރު ހަޅޭކާއިއެކު ބާރުބާރަށް ވަދެގެން އައި ޑޮކްޓަރަކު ބަންލާފައި މޭޒުމަތީ ޖެހިއަޑަށް އަހަރެން ދިޔައީ އެއްލިގެނެވެ. “މޮޔަބޮލަށް އެރީތަ؟!! މީ ޕޭޝަންޓެކޭ!!!” ޑޮކްޓަރު އެރިކް އަޑުގެ ނެތްތަނަށް ހަޅޭއްލެވީ ރޫބީއާއި ދިމާލަށެވެ.
“ކޮންމެސް ދުވަހަކުން އިނގެންޖެހޭނެނޫންތޯ.” ރޫބީ ރައްދުދިނީ އޭނާގެ އަަސަރެއް ނެތް އަޑުންނެވެ.
“އެއްކޮށް ރަނގަޅުވީމަވެސް ބުނެވޭނެއެއްނޫންތަ؟ ތިމާ ދާންޖެހޭތީއޭ ކިޔާފަ ދެން މި ޕޭޝަންޓާ ހަވާލުވާނެ ޑޮކްޓަރަކަށް އިތުރު ދަތިކަމެއް ޖައްސަންތަ ތި އުޅެނީ؟ އެންމެ ކުޑަމިނުން، އެތައް އަހަރެއް ވަންދެން ބެލި ޕޭޝަންޓަށް ރަހުމެއްވެސް ނުކުރަނީތަ؟” އެރިކްގެ ކަންބޮޑުވުމަކަށްވީ، އެ ހަގީގަތް އެނގުމަށްފަހު ނަފްސާނީ ގޮތުން އިތުރު ގެއްލުމެއް ލިބި، އަހަރެންގެ ބަލި ގޯސްވެދާނެކަމުގެ ބިރެވެ. އެއާއިއެކު ރޫބީ ދާންއުޅޭ ކަމުގެ ހަބަރުވެސް އަހަންނަށް އިވުނީ އަލަށެވެ.
“ބަލި ރަނގަޅުވަމުންދާ ވަރަކަށް ހަގީގަތް އިނގިގެން ހަޔާތާ ކުރިމަތިލާން ދަސްވާނީ. އެއީ ކުޑަކުއްޖެއް ނޫނޭ. ތިކަހަލަ ކޮށި ވިސްނުން ގެންގުޅޭނެކަން އިނގޭތީ އެހެން މީހަކަށް މިކަން ދޫނުކޮށް މި ބުނީވެސް. ޕޭޝަންޓް އަށްޑިހަ ހަތަރެއް މަތިން ހަނދާން ނެތުނީތަ؟” ރޫބީގެ ފަހު ޖުމުލައިން އެރިކްގެ އަނގަ ބަންދުވިއެވެ. ކުރިންވެސް އަހަރެންކަހަލަ ބަލިމީހަކާ މިފަދަ ކަމެއް ދިމާވެފައިވީ ކަމަށް ލަފާކުރެވުނެވެ. ދެ ޑޮކްޓަރުންގެ ހިޔާލުތަފާތުވުން އިތުރަށް އިވުމުގެ ފުރުސަތެއް ނުލިބި އަހަރެން ޖެހުނީ ނަރުހަކާއިއެކީ އެތަނުން ނުކުންނަންށެވެ.
އުޅެ ބޮޑުވި އަހަރެންގެ ކޮޓަރީގެ ބަދަލުގައި މިފަހަރު އަހަރެން ގެންދިޔައީ އަށް މީހުންނަށްޓަކައި ހަދާފައި ހުރި ވާރޑަކަށެވެ. ހުސްކޮށް ހުރި އެނދުގައި އަހަރެން ބައިންދާފައި ނަރުސްކުއްޖާ ދިޔައިރު އެތާ ދެން ތިބި ހަ މީހުން ތިބީ ކަޅިޖަހައިނުލައި އަހަންނަށް ބަލަންށެވެ. އެ މީހުންގެ ނަޒަރުތަކުން އުނދަގޫވެފައި އިނދެ އަހަރެން ބެލީ ކުރިމަތީ ހުރި ޓީވީއާއި ދިމާލަށެވެ. އަޅުވާފައި ހުރީ އިނގެރޭސި ފިލްމެކެވެ.
“މީ އެތާ އޭނަ ކަޅުބެގެ އެދުމުގެ މަތިން ހަރުކުރި ޓީވީއެކޭ. ކަޅުބެއަށް އިހުތިރާމުކުރައްޗޭ. އެންމެންވެސް ކުރާނެ.” ޖެހިގެން ހުރި އެނދުގައި އިން އަންހެންމީހާ ބުންޏެވެ. އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. އެއަށްވުރެ ބޮޑަށް ސިކުނޑި ފުރިފައިވީ ރޫބީ ބުނި ވާހަކައިންނެވެ. ކިތަންމެ ހިތާމަވެރިކަމެއް ކަމުގައިވިޔަސް އަހަންނަކަށް އެކަން ގަބޫލުކުރާކަށް ދައްޗެއް ނުވިއެވެ. މިއީވެސް ބަލި ރަނގަޅުވަމުން އައިކަމުގެ ހެއްކެކެވެ. ކުރީގައިނަމަ މިކަމާއިހެދި ހާސްވެގެން އެޕިސޯޑެއް އައުން ވަރަށް ގާތެވެ. ނަމަވެސް އެފަހަރު އަހަންނަށް އެކަން ހަޖަމުކުރެވުނީ ވަރަށްވެސް ފަސޭހައިންނެވެ. އެހާ ގިނަދުވަސްވަންދެން ނުފެނުމުން މަރިޔަމްމެންނަށްޓަކައި އޮތް ލޯބިވެސް ފަނޑުވީ ކަންނޭންގެއެވެ. އެރޭ ނިދުނުއިރު ކަރުނުތިއްކެއްވެސް ނުވެއްޓުނެވެ. ނަމަވެސް ހިތަށް ވެރިވެފައިވީ އެތައް ބައެއްގެ މަރުގެ ސަބަބަކަށް ވެވުނުކަމުގެ ކުށް އިހުސާސެވެ.
ޖެހިގެން އައި ދުވަހެވެ. ހޭލެވުނީ އިވިފަރިތަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ވަރަށް ހާލުން ލޯ ހުޅުވައިލާފައި ބަލައިލެވުނުއިރު ފެނުނީ ބާކީ ހުސްކޮށް ހުރި އެނދަށް އައިސްގެން އުޅުނު ހިލްމީއެވެ. އޭނާވެސް އަހަންނެކޭ އެއްފަދައިން ކްރިޓިކަލް ޕޭޝަންޓުގެ މަގާމުން ދަސްވެނިވީތާއެވެ. އަހަރެން ފެނުމާއިއެކު ހިލްމީ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ހިލްމީ ފެނިފައި ހިތަށް ހަމަޖެހުމެއް ލިބޭނެ ދުވަހެއް އަންނާނެއޭ އަހަރެންގެ ހިތަށް ދުވަހަކު ކޮޅުންވެސް ނާރައެވެ. އެހެން މީހުން ކައިރީ ތިބުމުން ފޫހިފިލާނެއޭ ހިތަށްއެރުމާއެކު އަހަންނަށް ދެ ބުމަ ގާތްކޮށްލެވުނެވެ.
“މިއޮއްހާ ދުވަހު ފޫހިނުވެ އުޅެވުނީ ކިހިނެތް؟” އަހަންނަށް ކިޔައިލެވުނެވެ.
“ފޫހިވަނީއޭ؟ ހާސްކަނޑާލާ. އަހަރެން ހުރިހާ ހިނދަކު މިތާނގަ އެކަަކަށްވެސް ފޫހިވާކަށް ނުޖެހޭނެ.” ހިލްމީ ކައިރިއަށް އައިސް ކޮނޑަށް އަތްވައްޓައިލިއެވެ. އަނބިމީހާ ދޫކޮށްދިޔަކަން އިނގުނީއޭ އަހަރެންގެ ހިތަށްއެރިއެވެ. އެހާ އަވަހަށް އަންހެނުން ކޮނޑަށް އަތްވައްޓަން ފެށީއެވެ. ހިލްމީގެ ބަހަށް އެތާ ތިބި އެންމެން ތަރުހީބުގެ އަޑު އިއްވައިލިއެވެ. އަހަރެންނަށްވެސް ބައިވެރިވުމުގެ ގޮތުން ހީނުލާ ނީންދެވުނެވެ.
އަށްގަޑި ބައިވީންސުރެ ގުގުރީގެ އަޑު ނުކެނޑޭ އެ ވާރޑުގައި އަހަރެން އޮތީ އާދަޔާހިލާފަށް ނުނިދިފައެވެ. ރޭގަނޑު ނިދަން އުނދަގޫވުމަކީ ދުވަހަކުވެސް އަހަންނަށް ދިމާވި މައްސަލައެއް ނޫނެވެ. ވާރޑަށް ބަދަލުވިތާވެސް ދެ ހަފްތާ ވެއްޖެއެވެ. އެރޭ ހަމަ ކޮންމެވެސް ސަބަބަކާއި ހުރެ އަހަންނަށް ގޮތް ނޭންގޭ އިހުސާސެއް އުނދަގޫކުރަމުންދިޔައެވެ. ކޮންމެވެސް މުހިއްމު ކަމެއް ހަނދާންނެތޭހެން ހީވަމުންދިޔައެވެ.
ކުއްލިއަކަށް އަސްލާންގެ ހަނދާންތައް ސިކުނޑީގައި އެނބުރިގަތުމުން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ނިދީގައި ފެނުނު ކުރު ހުވަފެނެއްހެން ހުރިހާ ކަމެއް ހަނދާންނެތުނީ މާ ބޮޑަށްވެސް އަވަހަށެވެ. ދުވެފައިގޮސް ޓެރަހަށް އަރައި ފަަހަަތުން ދޮރު ލައްޕައިލި އަހަރެން ހުރީ އަސްލާން ދުށުމަށް ކެތްމަދުވެފައެވެ. އިސްތަށިގަނޑު ވިހުރުވައިލި ވައިރޯޅީގެ ގަދަ ފިންޏަށް ސަމާލުކަމެއް ނުދެވި ޓެރަސް މެދުގައި ހުއްޓިފައި އަސްލާންގެ ނަމުން ގޮވައިލީމެވެ. ކުރިމަތިން ފާޅުވި އަސްލާން ހުރީ އަހަންނާއި ތަންކޮޅެއް ދުރުގައެވެ. ދެވަނަ ފަހަރަށް ޖެހުނު ވައިރޯޅިން އަސްލާންގެ ސޫރަ ފަނޑުވިހެން ހީވީ، ވަޔާއި ރޫޅޭ ދުންގަނޑެއްފަދައިންނެވެ.
“އަސްލާން…” އަހަރެން އަނެއްކާވެސް ގޮވައިލީ އަސްލާންގެ އަޑު އަހަން ބޭނުންވެގެނެވެ. ގާތަށް އައިސް އޭނާގެ މެޔާއި އަހަރެން ގާތްކޮށް، އެއްވެސް ކަމެއް ބަދަލެއް ނުވާނެއޭ ބުނުމަށް އަހަރެންގެ ހިތް އެދި އާދޭސްކުރަމުންދިޔައެވެ. އަސްލާންއަށް އަހަރެންގެ ހިތުގެ އަޑު އިވުނު ކަހަލައެވެ. ލަސް ފިޔަވަޅުތަކެއް މަތީ އައިސް ކުރިއަށްވުރެ ގާތުގައި ހުއްޓުނެވެ. ނަމަވެސް އަހަރެން އަޑުއަހަން ބޭނުންވި ބަހެއް އޭނާގެ ދުލަކުން ނީވުނެވެ.
“ލުއާ… އަހަންނަކަށް ދެން ހިއެއް ނުވޭ އާދެވޭނެހެނެއް.” މަޑު ތުރުތުރެއް އެކުލެވިގެންވީ އަޑަކުން އޭނާ ބުނުމުން އަހަރެންގެ ހިތް އެތައް ބަޔަކަށް ކުދިކުދިވި އިހުސާސްކުރެވުނެވެ.
“ކީއްވެ؟ މަންމަ މާ ބޮޑަށް ބަލިވީތަ؟” ސަބަބަކީ އެއީ ނޫންކަމަށް ހިތުގެ ކަނެއްގައި އޮތް ނަމަވެސް އަހަންނަށް އެހުނީ، ބަހަނާއަކަށް ބޭނުންވެގެންނެވެ.
“ނޫން. ލުއާއަކަށް މިހާރު އަހަރެން ބޭނުމެއް ނުވާނެ. އަހަރެން ނުލާވެސް އުފަލުގެ އުޅެވޭނެ.” އެހެން ބުނެލުމަށްފަހު ދެން ޖެހުނު ވައިރޯޅިއާއިއެކު އަސްލާން އަހަރެންގެ ލޯމައްޗަށް ގެއްލުނެވެ.
މާޔޫސްވެ ގޮތް ހުސްވުމުގެ ބަދަލުގައި އަހަރެންގެ ގަޔަށް އަރައިގަތީ ކަށިހިއްވަރެކެވެ. ބާރުބާރަށް ތިރިއަށް ފައިބާފައި ގޮސް ހުއްޓުނީ ކުރިން ވަދެވުނު މޮނިޓަރިން ރޫމް ކުރިމަތީގައެވެ. ތަޅުގައި ހިފިއިރު ތަޅުލާފައި ހުރުމުން އަތަށް ލެވުނުހާ ބާރެއް ލާފައި ދޮރުގައި ތަޅައިގަތީމެވެ. އެތެރެއިން އައި ގާޑުމީހާ ދޮރު ހުޅުވި ވަގުތު އިއްތިފާގަކުން ދިމާވީ ރޫބީ ފޮށްޓެއް ހިފައިގެން އެެހެންލާފައި ދިޔަ ވަގުތާއެވެ. އަހަރެން ފެނިފައި އޭނާ ވަގުތުން ގާތަށް އައެވެ.
“ލުއާ ކިހިނެތް…”
“ދައްކާ ސީސީޓީވީ. އަސްލާންއާ އެއްކޮށް ބޭރަށް ދިޔަ ރޭތަކުގެ ސީސީޓީވީ ދައްކާ.” އަސްލާން ގެއްލުނު ހިސާބުން ފެށިގެން، ޕަޒްލްއެއްގެ މަދުވާ ބައިފަދައިން އަހަރެންގެ ހަނދާނުން ބީވެފައިވާ އެ ކަންތައް މަތިން ހަނދާންވިއެވެ. ބޭރަށް ދިޔަތަން ފެނުނުއިރު އެކަކުވެސް އަހަރެން ނުހޯދީ ކީއްވެހެއްޔެވެ؟ ދިޔަ ތަނަކާއިމެދު ސުވާލު ނުއުފެއްދީ ކީއްވެހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ލިބެން އޮތީ އެރޭތަކުގެ ސީސީޓީވީ ފުޓޭޖް ބަަލައިގެނެވެ.
(ނުނިމޭ)