Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-13

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 28, 2020 6 Mins Read
13 Comments

ދުވަސް ތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވިކަމާއެކު އެވެ. އެއްބައެއްގެ ހިތްތަކަށް އުފާވެރިކަން ވައްދަމުން އަނެއް ބައެއްގެ ހިތްތަށް މާޔޫސް ކޮށްލަމުންނެވެ. މިޝަލީގެ މައްޗަށް ކުރެވިފައިވާ ދަޢުވާގެ އަޑު އެހުން ކުރިއަށް ގެންދިޔައީ ރަށު ކޯޓުގައެވެ. ޖޫނީ ވެސް އޭނާގެ ކުށަށް އިޢުތިރާފު ވުމާ އެކު ރައިހާގެ ހެކިބަހުގެ ސަބަބުން މިޝަލީ އަށް ސަލާމަތް ވާނެ މަގު ބަންދުވިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އޭނާގެ ދިފާޢުުގައި އޭނާގެ ބޮޑު ދައިތަ އެއްވެސް މަސައްކަތެއް ނުކޮށް ދިނެވެ.

މައްސަލަ ނިމިގެން ދިޔައީ މިޝަލީ އަދި ޖޫނީގެ މައްޗަށް މައްސަލަ ސާބިތުވެ ހުކުމް ކުރެވިގެންނެވެ. ފުލުހުން މިޝަލީގެ އަތުގައި ބިޑި އަޅުވައިގެން ކޯޓުން ނެރުނުގަޑީ ދޮރު ކައިރީ ހުއްޓިގެން ހުރި ރައިހާ ލޮލުގައި އަޅައިގަތެވެ. މިޝަލީ އަށް އިސްޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. ރައިހާ އޭނާ އަށް ދިން ނަސޭހަތް ޤަބޫލު ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. އެހެން މީހަކަށް ދެރައެއް ދޭން އުޅޭ މީހަކަށް އެއްވެސް މޮޅެއް ނުލިބޭނެކަން ވިސްނުނީ ވަޤުތު ފާއިތުވި ފަހުންނެވެ. އެޚިޔާލު ތަކާއެކު އިސްޖަހާލައިގެން ހުރި މިޝަލީގެ އަރު ބެދިގެން ދިޔައެވެ. ހިފެހެއްޓުމެއްނެތި ލޯ ފުރާލި ކަރުނަތަށް ބަންޑުން ވާން ފެށިއެވެ. އޭނާ އަށް ހަމަވިސްނުން ލިބިއްޖެއެވެ. އެކަމަކު ވަަޤުތު ފާއިތު ވެއްޖެއެވެ. ދެން އޮތްގޮތަކީ ކުރެވުނު ކުށަށް ތަޢުބާވުމެވެ.
********

ރައިހާ އާއި ކައިލްގެ ގުޅުންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އެހެންޏާ މޫނުމަތިން އަބަދުމެ މާޔޫސް ކަން ނުފިލާ ހުންނަ ކައިލްގެ މޫނުމަތިން ފެންނަނީ ދިރުމެވެ. ނަމަވެސް ރައިހާގެ ހިތުގައި ނުތަނަވަސް ކަން އުފެދެމުން ދިޔައީ އޭނާ އަށް ކައިލްގެ ގާތުގައި ހުރެވޭ ދުވަސްތައް ނިމުމަކަށް އަންނާތީއެވެ. ރަށުން ފުރައިގެން ދާ ދުވަސް ކައިރިވީ ވަރަކަށް އެ ހިތުގެ ހަމަޖެހުން ދަނީ ގެއްލެމުންނެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތަކަށް ފަހު ރައިހާ އިސްނަގައިގެން ފެށި ބަލިމީހުންގެ ރިކޯޑުތައް ރިވިއު ކުރުމުގެ މަސައްކަތް ނިމިގެންދިޔައެވެ. އޭގެ ސަބަބުން އެތަކެއް ބަލި މީހުންނަށް ދެވޭ ފަރުވާ ޔަޤީންވެގެން ދިޔައެވެ.

“އެމް.އާރް.އައި ސްކޭން އަކުން ސިކުނޑީގެ އެއްވެސް މައްސަލައެއް ފެންނާކަށް ނެތް. މޫޑް ޑިސްއޯޑަރސް ގެ އަލާމާތްތައް ފެންނަ ވަރު ކުރި އާ ބަލާ ވަރަށް ކުޑަ. ޕެނިކް އެޓޭކް އެއް ވޭތުވެ ދިޔަ މަހު އައިސްފައެއް ނުވޭ” ކައިލްގެ ރިވިއު ކުރެވިފައިވާ ރިޕޯޓު ރައިހާ ކިޔައިދެމުންް ދިޔައިރު މީޓިންގް ރޫމް ގަ މަރުކަޒުގެ އިސް ބޭފުޅުން ތިއްބެވިއެވެ.

“އަދި ކައިލްގެ ރިކޯޑްސް އިން ޖޫނީ މެން ބަދަލު ކުރީ ކޯއްޗެއްކަންވެސް ދެނެގަނެވިއްޖެ. ސްމާޓް ބޯޑުން ފެންނަމުން ދިޔަ ލިޔުމުގައި ފަތިގަނޑު ޖައްސާލަމުން ރައިހާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކުރިން ކައިލްގެ ރިޕޯޓުގައި ސްކިޓްސިފްރީނިއާ އަށް ޑައިގްނޯޒްޑް ވެފަކަމަށް ހާމަކޮށްފައިވޭ. އިނގިވަޑައިގަންނަވާނެ ފަދައިން ސްކިޓްސިފްރީނިއާ އަކީ ވަރަށް ސިވިއަރ ކޭސް އެއް. އޭގެ ސަބަބުން އަވާމެންދުރުތަކާއި ލޮލަށް ހަޤީޤަތާ ޚިލާފު ދަޅަތަށް ދައްކާލާ. ނަމަވެސް އަޅުގަނޑު ކުރި އެގްޒަމިމޭޝަން އިން ކައިލްގެ ފަރާތުން އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުފެނޭ. އޭގެ މާނައަކީ ކައިލްގެ ކިބައިގާ ސްކިޓްސިފްރީނިއާ އެއް ނުހުރެއޭ. އޭގެ ބަދަލުގަ ކައިލްގެ ގައިގާ ހުރީ ސްކިޓްސޮއިޑް ޕާސަނަލިޓީ. މި ބައްޔަކީ ސްކިޓްސިފްރީނިއާ އާ އަޅާ ބަލާއިރު ނުރައްކާތެރިކަން ކުޑަ ބައްޔެއް. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަންކަމަށް ދޭ ސަމާލުކަން ކުޑަ ވުން ، އެކަހެރިކަމަށް ލޯބިކުރުން އަދި އިޙްސާސް ތައް ފާޅުކުރަން އުނދަގޫވުން ފަދަ ކަންކަން ހިމެނޭ.” ފޫހި ކަމެއް ނެތި ރިޕޯޓުން ހާމަވި ކަންތައްތައް ރައިހާ ހިއްސާކުރަމުން ދިޔައެވެ.

ހުރިހާ ބަލިމީހުންގެ ކޭސް ތައް ބަޔާން ކޮށް ނިމުމުން އެންމެން މީޓިންގް ރޫމް އިން ނިކުތީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ރައިހާ ވެސް ފައިލްތަށް މޭގާ ޖައްސާލައިގެން ހުރެ ނިކުމެގެން ދާންފެށިއެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް ހުއްޓެން މަޖުބޫރުވީ ފަހަތުން މީހަކު އޭނާ އަށް ގޮވާލިއަޑު އިވުމުންނެވެ.

ފަހަތް ބަލާލިއިރު ހުއްްޓިގެން ހުރި ފާތުމް ފެނުނެވެ. މަޑު ފިޔަވަޅުތަކެއްގައި ރައިހާ އައިސް ފާތުމްގެ ކައިރީ ހުއްޓިލިއެވެ.

“ހަފްތާއެއް ފަހުން ދެން ރައިހާވެސް ނުފެންނާނެ ދޯ.” ހިނިތުން ވެލައިގެން ހުރެ ފާތުމް އެހެން ބުނިނަމަވެސް އަޑުގައި ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އެކުލެވިފައިވެ އެވެ. “ރައިހާ މަތިން ވަރަށް ހަނދާންވާނެ. ރައިހާ މިހާރު ތި ޓްރީޓް ކުރާ ކޭސް ތައް އެބަޖެހޭ ރައިހާގެ ބަދަލުގަ އަންނަ ސައިކޮލޮޖިސްޓާ ހިއްސާކުރަން. ދެތިން ދުވަހެއްގެ ތެރޭގައި އޭނަ މަރުކަޒާ ގުޅޭނެ.” ފާތުމް ގެ ވާހަކަ އަށް އެއްބަސް ވުމުގެ ގޮތުން ލުއި ހިނިތުން ވުމަކާއެކު ރައިހާ ބޯޖަހާލިއެވެ.

” ރައިހާގެ މަސައްކަތަށް ތަޢުރީފު ހައްޤު. ކަންކަމަށް ތި ބަހައްޓާ ފަރުވާތެރިކަމާ ތިދޭ އަހައްމިޔަތު އަހަރެން ފާހަގަ ކުރާނަން. ރައިހާ ހަވާލުވެ ހުރި ގިނަ ކޭސްތައް އިމްޕްރޫވް ވެފަ ހުރީ. ހާއްސަ ކޮށް ކައިލްގެ ކޭސް. ވަރަށް ހައިރާންވެސްވި.
އިންޝާﷲ ރައިހާ މިދާއިރާގައި އެންމެ ފުންނާބު އުސް އެކަކަށް އަވަސް މުސްތަޤުބަލެއްގައި ވާނެ” ފާތުމް ގެ އަޑުގައިވަނީ ހިތްހެޔޮކަމެވެ.

” އަޅުގަނޑަށް މި މަރުކަޒުގެ ފަރާތުން ދިން އެއްބާރުލުމަށް ވެސް ޝުކުރިއްޔާ. މިތަނުގައި މިހޭދަ ކުރި ދުވަސްތައް ދުވަހަކުވެސް ހިތުން ނުފިލާނެ.” ރައިހާވެސް ފާތުމް އަށް ޝުކުރު އަދާ ކުރިއެވެ. ފާތުމް ވެސްރައިހާ އަށް ހިނިތުން ވުމެއް ރައްދަކުރުމަށްފަހު ހިނގައިގަތެވެ. ނަމަވެސް ރައިހާ ފާތުމް ގެ އަތުގައި ހިފެހެއްޓިއެވެ. ފާތުމް ރައިހާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“އަޅުގަނޑު އެބެއް ސުވާލެއް.” ފާތުމްގެ އަތުން އަތް ދޫކޮށް ހަމަޖެހިލަމުން ރައިހާ ބުންޏެވެ. ފާތުމް ބޮލުގެ އިޝާރާތުންް ސުވާލު ކުރުމަށް އެދުނެވެ.

” ބަލި މީހަކު މަރުކަޒުން ދޫކޮށް ލެވޭނީ ކޮން ޝަރުތުތަކެއް ފުރިހަމަވީމަ؟” ރައިހާ އެތަކެއް ދުވަހު އަހަން ހިތުލައިގެންހުރި ސުވާލު އަމާޒު ކުރިއެވެ .

“ހިނގާ އިށީނދެގެން ވާހަކަ ދައްކަމާ.” ފާތުމް ހިނގައިގަތީ ހުސް ބިމުގައި ހުރި ބެންޗަކާ ދިމާއަށެވެ. ރައިހާ ވެސް ފާތުމްގެ ފަހަތުން ގޮސް ބެންޗުގައި ހަމަޖެހިލިއެވެ.

” ބަލިމީހުން މަރުކަޒުން ދޫކޮށް ލަނީ އެމީހެއްގެ އަމިއްލަ ނަފްސަށް ނުވަތަ އެމީހެއްގެ ފަރާތުން މުޖުތަމަޢަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނެތްކަން ޔަޤީންވީމަ. ބަލި އެއްކޮށް ރަނގަޅު ނުވިޔަސް އާންމު ދިރިއުޅުމެއް ކުރިއަށް ގެންދެވޭނެ ކަމުގައި ވަންޏާމު. މީގެ އިތުރަށް ހުންނާނެ ބެލެނިވެރިޔާ ނުވަތަ އާއިލާގެ އެދުމަށް ހާއްސަ ފަރުވާޔަށް ބޭރު ގައުމެއް ފަދަ ތާކަށް ފޮނުވުމަށްޓަކައި ބަލިމީހުން ދޫކޮށްލާފަ” ފާތުމް ވަރަށް ތަފްސީލާ އެކު ރައިހާގެ ސުވާލަށް ޖަވާބު ދިނެވެ.

“އެހެންވިއްޔާ ކައިލް ވަރަށް އަވަހަށް ޑިސްޗާޖް ކުރެވޭނެހެން ހީވަނީ. މިހާރުވެސް ކައިލްގެ ކޮންޑިޝަން ވަރަށް ބޮޑަށް ރަނގަޅު.” އުންމީދާ އެކު ރައިހާ ވާހަކަ ދެއްކި އިރު ލޮލުގައި ވަނީ ތަފާތު ވިދުމެކެވެ.

ރައިހާގެ ވާހަކައާއެކު ފާތުމް ފިނި ނޭވާއެއް ދޫކޮށްލިއެވެ. ” ރައިހާ ދެކުނިންތަ މުޅިން ބަލި ރަނގަޅު ވެފަ ހުރި މީހެއް މި މަރުކަޒުން؟” ފާތުމްގެ ސުވާލަށް ރައިހާ ވިސްނާލިއެވެ. އާއެކެވެ. ފާއިތުވެދިޔަ ދުވަސް ތަކުގައި އެފަދަ ގިނަ ބަޔަކާ ރައިހާ އަށް ދިމާވިއެވެ. ނަމަވެސް މާ ބޮޑަށް އެކަމަކާ ވިސްނާލެވިފައެއް އޭނާ އަކަށް ނުވެއެވެ.

“މި މަރުކަޒުގައި އެބަތިބި ފަރުވާ ދީ ރަނގަޅު ކުރެވިފައި ތިބި އެތައް ބަޔަކު. ނަމަވެސް އެމީހުންގެ އާއިލާއިން ބޭނުން ނުވެގެން ނުވަތަ އާއިލާގެ އެއްވެސް އެއްބާރުލުމެއް ނުލިބޭތީ ފޮނުވާނުލެވިފަ ތިބީ” ފާތުމްގެ ވާހަކައާ އެކު ރައިހާގެ މޫނަށް ވެރިވީ ހައިރާން ކަމެވެ.

“ތީގެ މާނަ އަކީ..” ރައިހާގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައީ ލަހުންނެވެ. އޮޅުންބޮޅުން ގަނޑެއް ފިލުވުމަށް މަސައްކަތް ކުރާފަދައެވެ.

“އާން. އޭގެ މާނަ އަކީ ކައިލް ރަނގަޅު ވިޔަސް މަރުކަޒުން ދޫކޮށެއް ނުލެވޭނެ. ކައިލް މި މަރުކަޒަށް ގެނެވުނު ދުވަހުން ފެށިގެން އެ އާއިލާގެ އެއްވެސް ހަބަރެއް ނުލިބެ”
********

ކެބިން އަށް ދިޔުމަށްޓަކައި ސިޑިން އަރަމުން ދިޔަ ރައިހާގެ ސިކުނޑި ވަނީ ހާސްވެފައެވެ. ފާތުމް ބުނިހެން މިވީހާ ދުވަހު ކައިލްގެ އާއިލާގެ މެންބަރެއް އޭނާއާ ބައްދަލު ކޮށްލަން އައިތަނެއްވެސް ރައިހާ އަކަށް ނުފެނެއެވެ. ކައިލްގެ މުޅި އުމުރު މަރުކަޒުގެ ހަތަރު ފާރު ތެރޭގައި ހޭދަ ކުރާ ޚިޔާލު ބޮލަށް ވެރި ވުމާއެކު އެހިތް ގެނބިގެން ދިޔައެވެ. ހޯލް ވޭއަށް ވަދެވުމާއެކު ކައިލް ގެ ކޮޓަރި ރައިހާގެ ލޮލުގައި އަޅައިގަތެވެ. ގަދަކަމުން ހިންދިރުވާލި އިރު ހަށިގަނޑުގެ އެއްބައި މަދު ކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ.

ބަރު ފިޔަވަޅުތަކެއް އަޅަމުން އައި ރައިހާ ހުއްޓުނީ ކޮޓަރީގެ ދޮރު ކައިރީއެވެ. ދޮރުގައި މަޑު މަޑުން އަތް އިނގާލި އިރު އެ ހިތުގެ އުދާސްތައް ނަފްސުގެ މައްޗަށް ގަދަ ވެގަންނަަށް މަސައްކަތް ކުރަމުން ދިޔައެވެ.

ހަމަ އެވަގުތެވެ. ކުއްލި އަކަށް ކައިލްގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރާ ދުރަށް ޖެހިލި އިރު ނަރުސްކުއްޖެއް ކޮޓަރިން ނިކުންނަނީއެވެ. ރައިހާ އަށް ހިނިތުން ވުމެއް ރައްދަކުރުމަށްފަހު ނަރުސްކުއްޖާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ހުޅުވިފައިވާ ދޮރުގެ ތެރެއިން އެތެރެ ރީއްޗަށް ރައިހާ އަށް ފެންނަން ހުއްޓެވެ. މޭޒު ދޮށުގައި އިށީނދެގެން އިން ކައިލް ގެ ކައިރީ ކާ އެއްޗެހި ބެހެއްޓިފައި ހުއްޓެވެ. ނޫޑްލްސް ސަމްސަލެއް ނަގަމުން އަނގައަށް ލާން އުޅެފައ މީހަކު ދޮރުމަތީ ހުރިހެން ހީވެގެން ކައިލް ދޮރާ ދިމާއަށް ބަލައިލިއެވެ. ކައިލް އަށް ނަޒަރު ހުއްޓާލައިގެން ހުރި ރައިހާ ފެނުމުން އޭނާ ހިނިތުން ވެލިއެވެ.

ކައިލްގެ ފުރިހަމަ ހިނިތުންވުން ފެނުމުން ރައިހާގެ ހިތަށް މިފަހަރު ލިބުނީ އިތުރު ވޭނެކެެވެ. އޭނާގެ ކުރިމަތިން ކައިލް ގެއްލޭކަށް މާގިނަ ވަގުތެއް ނެތްކަން އިޙްސާސް ވުމުން ލޮލުން ދިލަ ނަގަން ފެށިއެވެ. އެހިތް ލޯބިން ފުރި އަރަމުން ދިޔަ އިރު ކައިރިއަށް ގޮސް ކައިލްގެ ގައިގާ ބައްދާލާ ހިތް ފުރެންދެން ރޯލަން ބޭނުން ވިއެވެ. އެހެނަސް ރައިހާ ދެފިޔަވަޅު ފަހަތަށް އަޅާލިއެވެ. ހިތުގެ މައްޗަށް ބާރު ފޯރުވަމުން ދުވެފައި ގޮސް ކެބިން އަށް ވަނެވެ. ނަމަވެސް ރައިހާ އަށް ކެތް ކުރެވުނީ އެހިސާބަށެވެ. ދޮރުގައި ލެނގިލުމާއެކު ބަޑި ފަޅައިގެން ދިޔައެވެ. ވާއަތުން އަނގައިގާ އަތް އަޅާ ނިވާ ކޮށްލީ އޭނާ ގިސްލާ އަޑު އިތުރު މީހަކަށް އިވެން ނޭދޭތީއެވެ. ހަށިގަނޑުގައި އުފެދިފައިވާ މަޑު ތުރުތުރުލުމާއެކު ގިސްލާފައި ރައިހާ އަށް ރޮވެމުން ދިޔައެވެ. ހިތް ފުރެންދެން ރޯ ލުމުގައި އެގޮތަަށް އެތަށް ވަޤުތެއް ހޭދަ ވެގެން ދިޔައެވެ.
*********

އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އަލްވަދާޢު ކިޔައިފިޔެވެ. އުދަރެހަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން މަޑު ފިޔަވަޅުތަކެއްގައި ރައިހާގެ މިސްރާބު ހުރީ އޭނާ ދިރިއުޅޭ ހޮޓެލް އަށެވެ. ވިސްނުމެއްގައި ހުުރެގެން ހިނގަމުން ދިޔަ ރައިހާ ހުއްޓުން އެރީ ބިއްލޫރިން ހެދުފައިވާ ކުޑަ މާ ފިހާރައެއްގެ ކުރިމަތީއެވެ. ބޭއިޚްތިޔާރުގައި ރައިހާއަށް މިސްރާބު ޖެހުނީ އެ ފިހާރައިގެ ތެރެއަށެވެ.

އެކި ކުލަކުލައިގެ ރީތި މާތަކުން ދުވަމުން ދިޔަ ހިތްގައިމުވަސް މުޅި ފިހާރަ ތެރެއަށް ފެތުރިފައިވެ އެވެ. މާތަކުގައި އަތް ކާތަމުން ދިޔަ ރައިހާގެ ސަމާލުކަން ހުއްޓުނީ އެކި ކުލަ ކުލައިގެ ފިނިފެންމާ ބޮނޑިތައް ބެހެއްޓިފައި ހުރި ދިމާއަށެވެ.

ގެޔަށް ދެވުމާއެކު ގަތް ދެފިނިފެންމާ ވާސް އަކަށް ޖަހާލުމަށްފަހު މޯޅިވިޔަ ނުދިނުމަށް ފެން އަޅާލިއެވެ. ހުދު ފިނިފެންމަލަކާއި ނޫ ކުލައިގެ ފިނިފެންމަލަށް ބަލަން އިން ރައިހާގެ ވިސްނުން އެކި ދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. އެހުރިހާ ދަތުރެއް ވެސް އެންމެ ފަހުން ނިމެނީ އެއް މަންޒިލަކަށެވެ. ކައިލް އާ ދުުރަށް ގޮސް މާލޭގައި އާ ފެށުމަކުން ރައިހާ އަށް ފެށި ދާނެ ހެއްޔެވެ؟ ކައިލްގެ މުޅި އުމުރު އެކުވެރިއެއް ނުވަތަ އާއިލާ އެއް ނެތި ހަތަރު ފާރު ތެރޭ ބަންދުވެގެން ހޭދަ ކުރަން ޖެހޭނެކަން އެނގި ހުރެ ރައިހާގެ ދެލޮލަށް ނިދި އަންނާނެ ހެއްޔެވެ؟ ކުއްލި އަކަށް ރައިހާ އިށީނދެގެން އިން ގޮނޑިން ތެދުވިއެވެ. އަދި ފާހާނާ އަށް މިސްރާބު ޖެހިއެވެ.
********

ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރަ އަށް ރައިހާ ނަޒަރު ހިންގާލިއެވެ. މެރޫން ކުލައިގެ ޖަމްޕް ސޫޓެއް ލައިގެން ހުރި އިރު މޫނުގައ ކުރެވިފައވަނީ ހެދުމާ ގުޅޭ ފަދަ މަޑު މޭކަޕެކެވެ. ނޫޑް ކުލައިގެ ޝޯލް އިން ބޯ ނިވާކޮށްފައިވާ އިރު އަރައިގެން ހުރީ އެކުލައިގެ ބޫޓަކަށެވެ. ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ވާސް އަށް ޖެހި ދެ ފިނިފެންމާ ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
*******

ސާދަ ވިލޭރޭގެ ހަނދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. ބޮކީގެ އަލިކަމެއް ނުވިޔަސް ހަނދުވަރުގެ އަލިން ތަން ތަން ވަކި ކުރެވޭ ވަރުވެއެވެ. ހަނދުގެ ރިވެލި މޫދަށް އެޅިފައިވާ އިރު ހީވަނީ އަލިމަސްތަކަކުން ލޮނުގަނޑު ހުޅުދާން ކުރެވިފައިވާ ހެންނެވެ.

ރައިހާ އާ އެއްވަރަކަށް ހިނގަމުން ދިޔަ ކައިލް އަށް އިރުކޮޅަކާ ރައިހާ އަށް ބަލައިލެވެ އެވެ. އެހެން ދުވަސް ތަކަށް ވުރެވެސް މިރޭ ރައިހާ ރީތި ކަމަށް ދައްކައެވެ. ނަމަވެސް ރޭގަނޑުގެ ވަގުތެއްގައި އޭނާ ގޮވައިގެން ރައިހާ އަތިރިމައްޗަށް އައި ސަބަބެއް ވިސްނާ ވިސްނާ ވެސް ސިކުނޑިއަކަށް ނައެވެ. ރައިހާގެ ހަމަހިމޭން ކަމުން އެހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

” އަހަރެން މިއުޅެނީ ވަރަށް އަވަހަށް ފުރަން” ހިނގަމުން އައިސް ވަކި ހިސާބަކަށް ގޮސް ރައިހާ ކައިލްގެ މޫނަށް ބަލާލަމުން އިސްވެ ވާހަކަ ދެއްކިއެވެ. ކައިލް ގެ ފަރާތުން ޖަވާބެއް ލިބޭތޯ ރައިހާ މަޑުކޮށްލިއެވެ. ނަމަވެސް އިސް ޖަހައިގެން ހުރި ގޮތަށް ކައިލް ހުރީ އެވެ.

“އަހަރެން މަތިން ކައިލް ހަނދާން ވާނެތަ؟” މިފަހަރު ރައިހާ އަށް ވާހަކަ ދެއްކުނީ ގަދަ ކަމުންނެވެ. އަނގައިން ބުނަން އުޅޭ އިރަށް އަރު ބެދޭ ގޮތް ވަނީއެވެ. ކައިލް އާ މުޅި އުމުރަށް ވަކި ވެދާނެތީ އެހިތް ރޮމުން ގެންދިޔައެވެ.

މިފަހަރު ކައިލް ރައިހާ އަށް އިސްވެ ބަލައިލި އެވެ. އެ ދެލޮލުގައ ވީ ކީކޭ ކަން ދެނެގަންނާކަށް ރައިހާ އަކަށް ނޭނގުނެވެ. ދެމީހުން ވެސް އެކަކު އަނެކެއްގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ތިބީ އެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ރައިހާގެ ލޮލުގައިވީ ހިތްދަތިކަން ފެނުމުން ކައިލްގެ ހިތަށް އަސަރު ކުރިއެވެ.

“ކައިލް.. ކައިލް އަހަންނާ މެރީ ކޮށްފާނަންތަ؟” ދެ ފިނިފެންމާ ދިއްކޮށްލަމުން ރައިހާ ބުނި ޖުމްލައިން ކައިލްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

މިހިތުންނުފިލާނޭ…5

Next

ވަފާތެރިކެހިވެރިޔާ..(2)

Next
April 28, 2020

ވަފާތެރިކެހިވެރިޔާ..(2)

Previews
April 28, 2020

މިހިތުންނުފިލާނޭ…5

13 Comments!

  1. Liyaa says:
    April 28, 2020 at 11:45 am

    Wow 2 kudin gulhuvaaliyaa salhivaane n kaiel ge family yae rangalhu filaavalhae dacheyy

    1. Wonder says:
      April 29, 2020 at 11:27 am

      Thank u Liyaa for the comment. Let’s see dhw dhen vaany kihineh kan. Stay safe dear??❤❤

  2. Izabell says:
    April 28, 2020 at 1:02 pm

    Wow varah varah reethi mi part, Ma Sha Allah ❤❤❤❤❤ varah kiyaa hithun indhaaa aneika vx e nimuny.????????? Varah interesting hisaabakun thi nimmaly. Kon irakun next part up kollaani. Avahah up kollahche. Can’t wait to read next part.
    #staysafe

    1. Wonder says:
      April 28, 2020 at 2:07 pm

      Thank u soo much Izabell. soo happy u liked this part too. In sha Allah mirey next part submit kohlaanan. But I don’t knw exactly when it will be uploaded. But surely I’ll do my job. Abadhuves thidhey support ah thank u. Stay safe dear ??❤❤

  3. Wonder says:
    April 28, 2020 at 2:05 pm

    Hellow dear readers. It’s been soo long right? Im sorry for the delay it took. Hope u all r doing fine. And Ramadan Mubarak to u all. Hope u will like this part too..feel free to tell me ur views. Enjoy!??❤❤

  4. Izabell says:
    April 28, 2020 at 3:09 pm

    It’s okay. ??? You too saty safe.❤❤❤ Ramadan Kareem

    1. Wonder says:
      April 28, 2020 at 4:56 pm

      ?❤

  5. Sherher says:
    April 28, 2020 at 3:37 pm

    Varah reethi…this is one of my fvrt stry…

    1. Wonder says:
      April 28, 2020 at 4:57 pm

      Thank u soo much Sherher. Sooo happy to knw that this is one of ur fav. Thank u for the support. Stay safe dear??❤❤

  6. Anonymous says:
    April 28, 2020 at 8:43 pm

    …. stay safe

    1. Wonder says:
      April 28, 2020 at 9:39 pm

      You too stay safe.?❤

  7. Ninni says:
    May 7, 2020 at 6:45 am

    Part 14 and 15 kobaa?

  8. Emilie says:
    June 5, 2020 at 11:44 pm

    Alheyy v reethi vhk eh kiyaa hithun kiyaali Furathama vhk mee. Vhk thereyga ulhevunu hen heevi ❤️???

Comments are closed.

Next Episodeވާށޭ މަށާ އެކީ-14←


All Right Reserved!