
ވާށޭ މަށާ އެކީ-14
ދެލޯ ބޮޑު ކޮށްގެން ރައިހާ އަށް ބަލަން ހުރި ކައިލް ކުއްލި އަކަށް ހޭން ފެށި އެވެ. ކައިލްގެ ހަރަކާތުން ރައިހާ ހުރީ ނަގަންވީ މާނައެއް ނޭނގި ބަލަހައްޓައިގެންނެވެ. އޭރުވެސް ރައިހާ ހުރީ އަތުގައި އޮތް ދެ ފިނިފެންމާ ކައިލް އާ ދިމާއަށް ދިއްކޮށްގެންނެވެ.
“ކޮން އިރަކު ތިކަހަލަ ސަމާސާ ކުރަން ދަސްކުރީ.” ހުނުން ހިންދާލަން މަސައްކަތް ކުރާ ފަދައަކުން ކައިލް އެއްސެވެ.
” މިއީ ސަމާސާ އެއް ނޫނޭ” ސީދާ ކައިލް ގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރައިހާ ބުނި ގޮތުން މިފަހަރު ކައިލްގެ ހުނުން އެއްކޮށް ފިލައިގެން ގޮސް މޫނު މައްޗަށް ސީރިއަސް ކަން ވެރިވި އެވެ. ރައިހާގެ އަޑާއި އެ ދެލޮލުގައިވާ އަސަރުން ހާމަ ކޮށްދަނީ ރައިހާ ދެއްކި ވާހަކައިގެ ތެދުކަމެވެ.
“ކާކު އަހަންނާ މެރިީ ކުރަން ބޭނުން ވާނީ. އަހަރެން މީ ސިކުނޑި..” ކައިލްގެ ވާހަކަ މެދު ކަނޑާލީ ރައިހާ އެވެ.
“ކައިލް ތީ ސިކުނޑި ހަމަ ނުޖެހޭ މީހެއް ނޫނޭ. އަހަންނަށް ކައިލް ފެންނަނީ ހަަމަ އާދައިގެ މީހެކޭ ވެސް އެއްފަދައިން. އަހަރެންގެ ހުށައެޅުން ޤަބޫލު ކުރާކަށް ކައިލް އަކަށް މަޖުބޫރެއް ނުކުރާނަން. އެކަމަކު.. އެކަމަކު އެންމެ ކުޑަ މިނުން އަަހަރެންގެ އިޙްސާސް ތައް މަޖަލަކަށް ނަހަދާ. އަހަރެން.. އަހަރެން ކައިލް ދެކެ ވަރަށް ލޯބިވޭ.” ރައިހާގެ ހިތުގައިވީ އިޙްސާސް ތައް ބޭރު ކޮށްލި އިރު ރޮނގަކަށް ކޯތާފަތަށް ކަރުނަ ފައިބަމުން ދިޔައެވެ. އިތުރަށް އެތަނުގައި ހުންނާނެ ހިތްވަރު ނެތުމުން އަތުގައި އޮތް ދެ ފިނިފެންމާ ކައިރީ އޮތް ގަސްބުޑުގައި ބާއްވާލުމަށްފަހު ރައިހާ ހިނގައިގަތީ ރަށު ތެރެއަށެވެ. ރައިހާ ދިޔަ ދިމާއަށް ބަލަން ހުރި ކައިލް ގަސް ބުޑުގައި އޮތް ދެ ފިނިފެންމަލަށް ނަޒަރު ހިންގާލި އެެވެ. އޭނާގެ ސިކުނޑި ވިސްނަމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާމެދު އެވެ..
********
ރޭގަނޑުގެ ނިދިން މަހުރޫމް ވެފައިވާ ކައިލް އިރު އިރުކޮޅާ މޭޒުގައި އޮތް ދެފިނިފެންމަލަށް ބަލާލައެވެ. ރައިހާ ބުނި ކޮންމެ ޖުމްލަ އެއް ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. ރައިހާގެ ދެލޮލުން ފެނިގެން ދިޔައީ ލޯބިކަން ޔަޤީނެވެ. އެކަމަކު އޭނާ ފަދަ މީހަކަށް ރައިހާ އެކަށީގެން ވޭހެއްޔެވެ؟ އޭނާގެ ސަބަބުން ރައިހާގެ ދިރިއުޅުން އަޑިގުނޑަން ގަނޑަކަށް ނުވެއްޓޭނެހެއްޔެވެ؟ އޭނާ އަށް ރައިހާ އަށް ލޯބި ދެވިދާނެ ބާއެވެ؟ އާއެކެވެ. އޭނާ އަށް ރައިހާ ހާއްސައެވެ. އެ ފަރި ހިނިތުންވުން ފެނުމުން އޭނާގެ މުޅި ދުވަސް އުޖާލާ ވެގެން ދެއެވެ. ނަމަވެސް އޭނާ ބިރުގަންނަނީ އެވެ. ލޯތްބާއި ކައިވެންޏަކީ ކައިލް ޤަބޫލު ކުރާ ކަންކަމެއް ނޫނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ކޮންމެ މީހަކީވެސް އަމިއްލަ އެދުން ބޮޑު މީހެކެވެ. ދުވަސްކޮޅަކު އެކީގަ އުޅުނީމަ ފޫހިވާނެ އެވެ. އޭރުން ލޯތްބެތްވެސް ކައިވެންޏެއްވެސް ނުދެމެހެއްޓޭނެ އެވެ. އޭނާގެ ދިރިއުޅުމުގައި ފެނިފައިވަނީ އެފަދަ މަންޒަރު ތަކެކެވެ.
ކޮޓަރިއަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރޭގާ އެނދުގައި އޮތް ރައިހާ ވިސްނެމުން ދިޔައީ ކައިލް އޭނާ އާ މެދު ދެކޭނެ ގޮތަކާ މެދު އެވެ. ހިތުގައިވާ އިޙްސާސްތައް ބަންޑުން ކޮށްލެވުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އޭނާގެ ހަޔާތުން މުޅި އުމުރަށް ކައިލް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އެއަށްވުރެ މާބޮޑެވެ.
ޖެހިގެން އައި ދުވަހު ފާތުމް ދިން ހަބަރުން ރައިހާގެ މޫނު މިލާ މޯޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެ ދުވަސް ތެރޭ ފުރަން ހަމަ ޖެހިއްޖެ ވާހަކަ ފާތުމް ބުންޏެވެ. އަދި ރައިހާގެ ބަދަލުގައި އަންނަ ސައިކޮލޮޖިސްޓު މާދަން މަރުކަޒާ ގުޅޭން ކަމަށް އޭނާ ބުންޏެވެ.
ދުވަސް ވެގެން ދިޔައީ ރައިހާ އަށް ބުރަ ދުވަހަކަށެވެ. އޭނާ ފަރުވާދޭ ހުރިހާ ބަލިމީހުންގެ ރިޕޯޓްތައް ޝޯޓް އައުޓް ކޮށް ދެން އަންނަ ސައިކޮލޮޖިސްޓަކަށް ދޭން ތައްޔާރު ކުރަން ޖެހުނެވެ. ރައިހާގެ ނަޒަރު ހުއްޓުނީ ވޯކް ޓޭބަލް ގައި ހުރި ފައިލް ތަކުގެ ތެރެއިން ކައިލްގެ ފައިލް އަށެވެ. ކަނާ އަތުން ފައިލްގެ ބަނޑޭރި ގަނޑުގައި އަތް ހިންގާލި އިރު މެޔާ ދިމާލުން ދިލަ ތަދެއް އިޙްސާސް ކުރެވެމުން ދިޔައެވެ.
********
ޖެހިގެން އައިދުވަހު މަރުކަޒަށް އާ ސައިކޮލޮޖިސްޓެއް ގުޅިގެން ދިޔައެވެ. ނަމަކީ ޔޫހާ އެވެ. ޔޫހާގެ އެކުވެރިކަން ފެނުމުން ރައިހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ހުރިހާ ޕޭޝަންޓެއްގެ މަޢުލޫމާތު ކިޔައިދެމުން ދިޔަ އިރު ޝައުޤުވެރިކަމާއެކު އަޑު އަހަން ޔޫހާ އިނެވެ. ނަމަވެސް ކައިލްގެ ކޭސް އާ ހަމައަށް އާދެވުމުން ރައިހާ ހުއްޓުން އަރާގޮތްވިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ އިތުރު ފަރާތެއްގެ އަތްމައްޗަށް ކައިލް ދޫކޮށްލަން ބިރުގަންނަނީ އެވެ. މިޝަލީ ކުރި ފަދަ ކަމެއް އެހެން މީހަކު ކޮށްފާނެތީއެވެ. އޭނަ މަރުކަޒާ ގުޅުނު އިރު ކައިލްގެ ހާލަތު ހުރިގޮތް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ. ނަމަވެސް މިއަދު ރައިހާ އަށް ކައިލް އެހެން ފަރާތަކާ ހަވާލު ކުރުން ނޫންގޮތެއް ނެތެވެ. އޭނާގެ ހުށައެޅުމަށް ކައިލް އަދިވެސް ޖަވާބެއް ދީފައި ނުވާތީއެވެ.
އެރޭ މަރުކަޒުގައި ކުލަ ގަދަ ހަފްލާ އެއް ބޭއްވިގެން ދިޔައެެވެ. ރައިހާ ފުރަން އުޅޭތީ ވަދާޢުގެ ސަޔެއްގެ ގޮތުގަ އެވެ. ރައިހާ ލައްވާ ކޭކް ފެޅުންވެސް ކުރިއަށް ދިޔައެވެ. ” ވީ ވިލް މިސް ޔޫ” ޖަހާފައިވާ ކޭކް ޑެކަރޭޓް ކުރެވިފައިވަނީ ވަރަށް ވެސް ފުރިހަމަ އަށެވެ. މަރުކަޒުގެ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ރައިހާ އާއި ވަދާޢުގެ ސަލާން ކުރިއެވެ. ވޭތުވެ ދިޔަ ދުވަސް ތަކުގައި ރައިހާ އާއި އެހެން މުވައްޒަފުންނާ މެދު ނުހަނު ގާތް އެކުވެރިކަމެއް ވަނީ އުފެދިފައެވެ. އެހެން ކަމުން ރައިހާ ދާން އުޅޭ ޙަބަރު ވެގެން ދިޔައީ އެންމެންވެސް ހިތާމަ ކުރި ޙަބަރަކަށެވެ.
އެންމެންގެ ތެރޭ އަޑު ގަދަ ވުމުން ރައިހާ ނިކުމެލީ ބެލްކަންޏަށެވެ. މަރުކަޒުގެ ހުސްބިމަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ ތަނުގައި ވޭތު ކުރި އެކި ދުވަސް ތަކުގެ ހަނދާންތައް އާވަމުން ދިޔައެވެ.
ކުއްލި އަކަށް ރައިހާ އަތަށް ބަލައިލީ ފިނި އެއްޗެއް ޖެހުނު ހެން ހީވެގެންނެވެ. ހަމަ އެވަގުތެވެ. ވާރޭ އޮށްސައި ގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ބޮޑު ތިކި ވާރޭ ވެހެމުން ދިޔަ އިރު ހުސްބިމުގައިވާ ހޮޅިދަނޑީގެ އަލިން ވާރޭގެ ތިކިތަށް ފެނިގެންދަނީ ނުހަނު ހިތްގައިމު ކޮށެވެ. ރައިހާ އަށް ވެސް އެމަންޒަރުން ހިތްހަމަ ޖެހުމެއް ލިބި ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.
ތުންފަތުގައިވީ ހިނިތުންވުން ސިކުންތެއްގެ ތެރޭ ފިލައިގެން ދިޔައީ ރައިހާގެ ސިކުނޑިއަށް ވެރިވި ޚިޔާލަކުންނެވެ. ހިތް އަވަސްވެގެން ދިޔައިރު އޭނާގެ އަނގައިން ބޭރުވީ އެންމެ ނަމެކެވެ.
ގައި ހުރި ބާރެއްލާފައި ސިޑިން އަރައިގެން އައި ރައިހާ ދުވެފައި އައިސް ކައިލްގެ ކޮޓަރި އޭނާގެ ކީކާޑު ބޭނުން ކޮށްގެން ހުޅުވާލި އެެވެ. ކޮޓަރިއަށް ބޯދިއްކޮށްލި އިރު އެނދުގައި ކައިލް ނެތުމުން ރައިހާ ހާސްވާގޮތް ވިއެވެ. ފަނޑު ނިދާ ބޮކީގެ ތެރެއިން ކޮޓަރި ފެންނަނީ ނުހަނު އަނދިރިކޮށެވެ. ކައިލްގެ ނަމުން ގޮވާލުމުންވެސް އެއްވެސް އަޑެއް ނީވުނެވެ. އެކި ދިމާއަށް ލޯ ހިންގަމުން ދިޔަ ރައިހާއަށް ކައިލް ފެނުނީ އޭނާ ކައިލްގެ ކޮޓަރިއަށް ފުރަތަމަ ވަތް އިރުވެސް ކައިލް އިން ތަނުންނެވެ.
ކަންފަތުގައި ދެ އަތުން ހިފަހައްޓާލައިގެން އިން ކައިލްގެ ގައިގާ މަޑު ތުރުތުރުލުމެއް އުފެދިފައިވެ އެވެ. ކައިރީގައި ހުއްޓިލި ރައިހާވެސް އޭނާ އަށް ނުފެންނަ ފަދަ އެވެ. ރައިހާ އެންމެ ހާސްވީ އެގޮތަށް ގިނަ އިރު ވެއްޖެނަމަ ޕެނިކް އެޓޭކެއް އަތުވެދާނެ ތީއެވެ. ދެވަަނަ ސިކުންތުގައި ދުވެފާ ކަަހަލަ ގޮތަކަށް ރައިހާ ކޮޓަރިން ނިކުމެގެން ދިޔައީ އޭނާގެ ކެބިން އަށެވެ. އަވަސް ހަރަކާތާއެކު ވޯކް ޓޭބަލްގެ ވަތް ގަނޑު ހުޅުވާލުމަށްފަހު އޭގައި އޮތް އޭނާގެ ހެޑް ސެޓް ނެގިއެވެ. ކެބިން އަށް ވަތް ލެކަށް ވުރެ ބާރަށް ނިކުމެގެން ދިޔައީ ހެޑް ސެޓް ހިފައިގެންނެވެ.
ރައިހާ ކައިލްގެ ކުރިމައްޗަށް ވާގޮތުން އުޑަފައިން އިށީނދެލި އެވެ. އަދި ހެޑް ސެޓް ކައިލްގެ ކަންފަތުގައި އަޅުވާލަ ދިނެވެ. އަދި ފޯނުން ކަންފަތަށް ފަސޭހަ، ހިތްގައިމު ލަވައެއް ޖަހާ ދިނެވެ. ކައިލް ރައިހާ އަށް ބަލަން އިން އިރު އޭނާގެ ގައިގާ އުފެދިފައިވާ ތުރުތުރު އެޅުން މަޑުވަމުން އަންނަކަން ރައިހާ އަށް ފާހަގަ ކުރެވުނެވެ. ހިތްހަމަ ޖެހުމުގެ ނޭވާ އެއް ބޭރު ކޮށްލަމުން
ކައިލްގެ އެއްފަރާތުގައި ރައިހާ އިށީނދެ ފާރުގައި ބުރަކަށި ޖައްސާލި އެވެ. ވިދާ ގުގުރުމުގެ އަސަރެއް ނެތަސް ވާރެ ވެހެމުން ދިޔައީ ނުހަނު ބޯކޮށެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ކައިލް ވާރޭ ދެކެ ބިރުގަންނަކަން ހަނދާން ނެތުމުން ރައިހާގެ އަމިއްލަ ނަފްސަށް ކުދި ކިޔާލި އެވެ.
ކޮނޑުގައ ޖެހޭ ނުޖެހޭ ހާ ގާތުގައި އިން ކައިލް އަށް ރައިހާ ނަޒަރެއް ދިނެވެ. އެއްވެސް ހަރަކާތެއްނެތް ބުދެއް ފަދއިން ފާރުގައި ބޯ ޖައްސާލައިގެން އިން އިރު ނިތްކުރިން ހިތްލާފައިވާ ދާތިކިތައް ކަންފަތް ކައިރި އަށް ފައިބަމުން ދިޔަ އެވެ. ދާތިކި ތައް ފޮހެލަދިނުމަށް އަތް ހިތްލާލުމަށްފަހުވެސް ޚިޔާލު ބަދަލުވެގެން ރައިހާ އޭނާގެ އަތް ތިރި ކޮށްލި އެވެ. މިފަދަ ވަގުތެއްގައި ކައިލް އަށް އުނދަގުވާފަދަ ކަމެއް ކުރެވޭކަށް ރައިހާ ބޭނުމެއް ނުވެ އެވެ. އެހެން ކަމުން ރައިހާ ނިންމީ ވާރޭ ހުއްޓާލަން ދެން ކައިލްގެ ގާތުގައި މަޑު ކުރުމަށެވެ.
ނިދި ތާއްޔާ ޖެހެމުން ދިޔަ ރައިހާގެ ބޯ އިރު އިރުކޮޅާ ސޮށްސާލައިގެން ދެ އެވެ. އެންމެފަހުން ރައިހާގެ ބޯގޮސް މަތަވީ ކައިލްގެ ކޮނޑުގައެވެ. އެއްޗެއްގައި ޖެހުނު އިޙްސާސްވެގެން ރައިހާ ލޯ ހުޅުވާލި އެވެ. ދެފަރާތަށް ކަޅިހިންގާލުމަށްފަހު އޮވެވުނު ތަން ހަނދާން ވުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް މީހާ ސީދާ ވެލުމަށް ފަހު ކައިލް އަށް ބަލައިލި އެވެ. އޭރު ކުރިމަތީ ހުރި ފާރަށް ނަޒަރު ހުއްޓާލައިގެން ކައިލް އިނެވެ.
ރައިހާ ގަޑި ބަލައިލި އިރު ފަތިސްވާން އުޅެނީ އެވެ. އޭރު ވާރޭގެ އަޑެއްްވެސް ނީވެ އެވެ. ނަމަވެސް ކައިލްގެ އެ ހަމަހިމޭންކަން ރައިހާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކައިލް ވާރޭ ދެކެ ބިރު ގަންނަ ސަބަބު ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިގެން ދިޔައެވެ.
“އަހަރެން ކުޑަ އިރު އެއް އިރެއްގަ ވާރޭ ދެކެ ވަރަށް ބިރުގަތް. ބިރަށް ވުރެެވެސް ރުޅި ކަންނޭނގެ އާދެވުނީ. ވާރެ ވެހެން ފަށާއިރަށް ވާރެ އާ ދިމާއަށް އެއްޗެހި ވެސް ކިޔަން” ރައިހާ ކުޑަ އިރުގެ ވާހަކަ ހިތްސާ ކުރަމުން ދިޔަ އިރު އެދުވަސްތައް ސިފަވުމުން އަމިއްލަ މޮޔަކަން ހިތަށް އަރާ ހިނިތުންވެލެވުނެެވެ.
“އެދުވަހު އެއީ ވަރަށް ވިއްސާރަ ދުވަހެއް.. އޭރު ބައްޕަ ވީ އޮފީހަށް ގޮސް. މަންމަ އުޅުނީ ގޭތެރެ ސާފު ކުރަން. އިރުކޮޅެއްނުވެ ޕޮލިހުން ގުޅާފަ ބުނީ ބައްޕަ އެކްސިޑެންޓް ވެގެން އުޅޭވާހަކަ. ބައްޕަގެ ބޮލަށް ވަރަށް ބޮޑަށް ގެންލުންވެފަ އޮތީ. އެންމެ ފަހުން ޖެހުނީ ބޭރަށް ފުރައިގެން ދާން. މަންމަ އެދުވަހު ރުއި ވަރު އަދިވެސް ހަނދާން އެބަހުރި. އަހަންނާ ދޮންބެ އާ ކާފަ މެން ރަށަށް ލައިފަ މަންމަ ލަންކާ އަށް ފުރީ ބޮޑުބޭބެ އެއް ގޮވައިގެން. ބައްޕަ ރަނގަޅު ވީވެސް ވަރަށް ދުވަހުން” ކައިލް އަށް ބަލަހައްޓައިގެން އިނދެ ރައިހާ އޭނާގެ މާޒީން ބައެއް ހިއްސާ ކުރަމުން ދިޔައެވެ. ބޭނުމަކީ ކައިލްގެ ހިތުގައިވާ އެއްޗެއްވެސް ރައިހާ އަށް ހިއްސާ ކުރުމެވެ. ގިނަ ފަހަރަށް ފޯބިއާ އެއް އުފެދެނީ ހަޔާތުގައި ދިމާވާ ހިތާމަ ވެރި ހާދިސާއެއްގެ ސަބަބުންނެވެ. ރައިހާ ބޭނުންވީ ކައިލް އެ ހާދިސާ އަކާ ކުރިމަތިލާށެވެ. ކުޑަ ނަމަވެސް ތަސައްލީ އެއް ހިތަށް ލިބިގެން ދާނީ ހިތުގައިވާ އުދާސްތައް އެހެން ފަރާތަކާއި ހިއްސާކޮށްގެންކަން ރައިހާއަށް އިނގެ އެވެ.
“ކައިލް ވާރޭ ދެކެ ބިރުގަންނަނީ ކީއްވެ؟” އަހަން ނާހަން އިނދެފާމެ ރައިހާ ކައިލް އަށް ސުވާލު ކުރިއެވެ. ރައިހާގެ ހާދިސާ އާ އަޅާ ނުކިޔުނު ކަމުގައި ވިޔަސް ކައިލްގެ ކޮންމެ ހިތާމައެއްގައި ބައިވެރިވާން ރައިހާ ހުރީ ތައްޔާރަށެވެެ.
ކައިލްގެ ސިކުނޑީގައި ދަޢުރު ވަމުންދިޔަ ޚިޔާލުތައް ސިފަވަމުން ދިޔައީ ހަމައެކަނި އޭނާގެ ލޮލަށެވެ. އެ ހިތްދަތިކަން އިޙްސާސް ކުރެވެމުން ދިޔަ އިރު އެ ހިތުގައި ބަޔާން ކުރަންދަތި ވޭން އަޅަމުން ދިޔަ އެވެ.
“މިބުނީނު ހަަމަ މިހާރު ނިކުންނާށޭ!” އިވިގެން ދިޔައީ ފިރިހެނެއްގެ ހަޅޭކުގެ އަޑެވެ.
“ފަޔާޒް.. އަހަރެމެންގެ ދަރިފުޅަށްޓަކާވެސް. އާދޭސް ކޮށްފަ މިބުނީ. ހެޔޮނުވާނެ. އަހަރެން ނެތިއްޔާ އޭނަ އަށް އަޅާލާނީ ކާކު” ގިސްލެވިފައިވާ އަޑަކުން އަންހެން މީހާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އޭނާ އިނީ ފަޔާޒް ކުރިމަތީ ކުޑަ ކަކޫ ޖަހައިގެންނެވެ. ގޭގެ ދޮރުމަތީގައި ހިނގަމުން ދިޔަ މަންޒަރު ބަލަން ސިޓިންގް ރޫމްގެ ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލައިގެން އިން ކައިލްގެ ދެލޯ ވަނީ ސިހުމާއި ބިރުވެރިކަމުން ފުރިފަ އެވެ. އުމުރުން ދިހަ އަހަރުގެ ކައިލް އަށް ވެގެން އުޅޭގޮތް ސާފެއް ނުވެ އެވެ. އޭނާ އަށް އިނގޭހާވެސް އެއްޗަކީ ފަހަކަށް އައިސް މަންމަ އާއި ބައްޕަ އާ ދެމީހުން ޒުވާބު ކުރުންތައް ގިނަ ވެފައިވާ ކަމެވެ.
“ކަސީރާ އަށް ތިވަރު ވަންޏާ ކައިލް ގޮވައިގެން ދިޔައީމަ ވިއްޔެއްނު! ދެންވެސް މާގިނަ ބަހަނާ ނުދައްކާ ނިކުމެގެން ދާން އުޅޭ.” ފަޔާޒްގެ އަޑުގައި އެއްވެސް ރަހުމެއް ކުލުނުވެރިކަމެއް ނެތެވެ.
“ނޫން ނޫން..” ކަސީރާ އަށް ހީވީ ބިރެއް ފެނިގެން ތެދުވިހެންނެވެ. ” ކައިލް ބަހައްޓާ ފަޔާޒް ކައިރި. އަހަރެން… އަހަރެން ހިނގައިދާނަން” ކަސީރާގެ ދެލޯ ކަރުނުން ބަންޑުން ވަމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ސޯފާ ކައިރީ ހުއްޓިލައިގެން ހުރި އޭނާގެ ދަރިފުޅަށް ބަލައިލީ އެންމެ ފަހުގެ ވަދާޢީ ބަލައިލުމަކުންނެވެ. ތުރު ތުރު އަޅަމުން ދިޔަ ދެފައިން ބަރު ފިޔަވަޅުތަކެއް އަޅަމުން ދޮރުން ނިކުމެ ބޯ ވާރޭގަނޑުގެ ތެރެއަށް ކަސީރާ ގެއްލިއްޖެ އެވެ.
ބޮޑުމަގުން ރަށުގެ އުތުރަށް ހިނގަމުން އައި ކަސީރާ ހަށަން ބަނދެލައިގެން ހުރި އިރު ވަމުންދާ ފިންޏަށް ކެތް ކުރަން މަސައްކަތް ކުރަމުން ދާފަދަ އެވެ. އެތަކެއް ފޮނި އުންމީދު ތަކާ އެކު ފެށި ދިރިއުޅުން ވިއްސިވިހާލި ވެގެން ދިޔަ އިރު އެނބުރި އަންނަން ޖެހުނީ ހުސް އަތާއެވެ. އެ ދިރިއުޅުމުން ލިބުނު ފޮނި މޭވާވެސް ބޮލާލާ ޖަހާފަ އެވެ. އޭނާ އަށް ކައިލް ގެނެސްގެން ބަލާނޭ ފަދަ ތަނަވަސްކަމެއްލިބިގެނެއް ނުވެ އެވެ. ބޮޑުދައިތަ އެއް ފިޔަވާ އޭނާގެ އާއިލާ އެކަކުވެސް ނެތެވެ. އަމިއްލަ ރަށުގައި އޭނާ އަކީ ބީރައްޓެއްސެކެވެ. އަމިއްލަ ނިކަމެތި ހާލު އިޙްސާސް ވުމުން ހައްތަހާ ބޮޑަށް ހިތުގައި ޖެހި ރޮވޭގޮތް ވިއެވެ. ދެތުން ފަތް ދޭތެރެއިން ފޭދިގެންދާ މަޑު އާހުގެ އަޑު ބޯކޮށްވެހެމުން ދިޔަ ވާރޭގެ ތެރެއަށް އޮބެމުން ދިޔައެވެ. ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅާކާ އެކު ހިތުގައި އަޅަމުން ދިޔަވޭން އިތުރުވާހެން ހީވިއެވެ. ހިތުގައި އުފެދެމުން ދިޔަ ވޭން ދިލަ ރިހުމަކަށް ބަދަލުގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެރިހުން ވާއަތު ކޮނޑުން ތިރިއަށް ފެތުރުނުކަން އިޙްސާސް ވެގެން ދިޔައެވެ. ދެން ވީ ނުވީއެއްނޭނގުނެވެ. މެޔާ ދިމާއިން އަރައިގެން ދިލަ ތަދާއެކު ކަނޑާ ވައްޓާލި ރުކެއްހެން ބިންމަތީގައި ހެދިފައިވާ ފެންގަނޑުގެ ތެރެއަށް ކަސީރާ ވެއްޓުނެވެ.
“މަންމާ!” ކަސީރާ ވެއްޓުނު މަންޒަރު ފެނި ފަހަތުން ދުވަފައި އައި ކައިލް އަށް ހަޅޭއްލަވައިގަނެވުނެެވެ. ލޯބިވާ މަންމަ ގޭން ނިކުތްތަން ފެނި އޭނާ ވެސް ދުވެފައި ގޭން ނިކުތީ މަންމަ ހޯދަން ވެގެން ނެވެ. ބައްޕަ އޭނާ ހުއްޓުވާކަށް އެއްވެސް މަސައްކަތެއްވެސް ނުކުރި އެވެ.
” މަންމާ. ތިލޯ ހުޅުވަބަ. މަންމާ..” ކަސީރާގެ ކައިރީ އިށީންނަމުން ކައިލް ގޮވަމުން ދިޔަ އެވެ. އެންމެ ފަހަރަކުވެސް އެދެލޯ ހުޅުވުމަށް އެދި އާދޭސް ކުރަމުން ދިޔަ އިރު އޭނާގެ އަޑު ވަނީ ކުރެހިފަ އެވެ.
ޚިޔާލު ތަކު ތެރޭ ބަންދުވެފައިވީ ކައިލް އަށް ހޭވެރިކަންވީ ފިނި ފިނި އަތަކުން އޭނާގެ އަތްތިލާގައި ހިފާލުމުންނެވެ. ލޮލުގައިވީ ކަރުނައިގެ ތެރެއިން ކައިރީގައި އިން ރައިހާ އޭނާއަށް ފެނުނީ އަވާމެންދުރެއް ހެންނެވެ.
” އަހަރެން ކައިލް އަކަށް މަޖުބޫރެއް ނުކުރާނަން އެއްވެސް ވާހަކަ އެއް ކިޔާދޭކަށް. އެކަމަކު ކައިލް ބޭނުންވެއްޖެ ކޮންމެ އިރަކު އަހަރެން އަބަދުވެސް ހުންނާނަން ކައިލްގެ ވާހަކަތައް އަޑު އަހަން. ކައިލްގެ އާ ތެރަޕިސްޓް ކައިރި ބުނެފަ އޮންނާނީ ކައިލް ބޭނުންވެއްޖިއްޔާ އަހަންނާ ގުޅައިދިނުމަށް” ކައިލްގެ ލޮލަށް ބަލަހައްޓައިގެން އިނދެ ރައިހާ ވާހަކަ ދައްކަމުން ދިޔައެވެ. ކަނޑެއް ފަދަ ފުން އެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާން ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް އަމިއްލަ އިޙްސާސް ތަކުގެ މައްޗަށް ރައިހާ ގަދަވެގަތެވެ.
” ކައިލް އެހަށް ނިދާލާ.. އަހަރެން އެބަ އަަންނަން..” ރައިހާގެ ޖުމްލަ ފުރިހަމަ އެއް ނުކުރެވުނެވެ. ކޮޅަށް ތެދުވެވެ ހުއްޓާ ކައިލް ރައިހާގެ އަތުގައި ހިފާ އޭނާ އާ ދިމާއަށް ދަމާލިއެވެ. ރައިހާ ގޮސް މަަތަވީ ކައިލްގެ މޫނު ޖެހޭހާ ގާތު އެވެ. ކައިލްގެ ހޫނު ނޭވާ އެއްވެސް ހުރަހެއް ނެތި ރައިހާގެ މޫނުގައި ބީހެމުން ދިޔަ އިރު ދެލޯ ބޮޑު ކޮށްގެން ކައިލް އަށް ބެލުން ނޫން ކަމެއް ރައިހާ އަކަށް ނުކުރެވުނެވެ.
-ނުނިމެ-
10 Comments!
Comments are closed.
hellow readers. It’s time for the 14th part of vaashey mashaa ekyy! hope u all will like this part too..N feel free to comment ur views. And i have seen a lot of comments in the pending box without being published. I want to knw that i read all the comments and m extremely happy to knw that u all liked the story. Thank u all of those who commented. Stay safe all!!??❤❤
Ma Sha Allah, mi part vx varah varah reethi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ kon irakun next part up kollaani?? Varah kiyaa hithun mi hury ???????????????????btw, story mi dhaa goiyy hama varah interesting ????? next part avahah up kollahche. I’m waiting nd stay safe
Thank u soo much Izabell. Your comments have always been a motivation for me. Soo happy to knw that u like this part and the flow. In sha Allah next part tomorrow night ga submit kohla dheynan. Stay safe and tc??❤❤
….Wow.. Varah salhi mi part vx…… waiting for next part….and stay safe..
Thank u Sherher. So happy u liked this part.. Next part In sha Allah tomorrow night ga submit kohlaanan. Vaahaka ah thidhey tharuheebah v bodah shukuriyya. Stay safe and tc??❤❤
Omg this story is amazingg
I’m curiously waiting for the next part
Wowwwwww????
Neh bunaane ekahcheh ves❤️????????????
مشاء الله varah reethi ?????????????????????????????????????????????????????????????♥️??♥️❤️??????♥️??
Thank u Sher. Soo happy u liked the story. Vaahaka ah thidhey tharuheebah v bodah shukuriyya. Stay safe n tc??❤❤
❤️❤️❤️ waiting for next..
Waiting..