ސިއްރެއް 9
މިހާ ހިސާބުން ކޯލް ނިމުނު ވަގުތަށް މިހުރާނާއި އިޝާން އައިސް ވަތެވެ. އިޝާން ދިޔަގޮތަށް ފާހާނާއަށް މޫނުދޮންނަން ވަތުމުން މިހުރާން އައިސް ސޯފާގައި އިށީނުމުން ޔަނާލް ހުރިހާ ވާހަކައެއް ކިޔާދޭން ފެށުމުން އުޝާ ހުއްޓިލީ ޓީވީއާއި ޖެހިގެން ހުރި ބޮޑު ބޯޑާއި ދިމާލުގައި އެވެ. އެންމެ މަތީގައި އޭނާ ލިޔުނީ ‘ބޮސް؟’ އެވެ. އޭގެ ތިރީގައި ގޭންގު ލީޑަރު އޭނާގެ ނަން،އަހުމަދު ޝުހާން އަލީ އަދި އޭނާގެ އުމުރު29 ލިޔުމަށްފަހު އޭނާގެ ފޮޓޯ ހަރުކުރީ އޭނާއާއި ބެހޭގޮތުން ހޯދާފައިވާ މައުލޫމާތު ގަނޑާއިއެކުވެ. އޭނާއާއިއެކު ޖަލުގައި ތިބި ގޭންގުގެ ދެންތިބި ބައިވެރންގެ ނަމާއި ފޮޓޯ އަދި އިތުރު މައުލޫމާތު ލިޔެފައި ހުރި ގަނޑު ހަރުކުރިއެވެ. މުހަންމަދު ޒުހާން އަބޫބަކުރު 22، އާލިމް މުހަންމަދު 19، ޝާމިން މޫސާ18، ތާމިރް އާދަމް20، ޝާދިން ޘާބިތް21، އަހުމަދު ވާއިލް ސައީދު19 އެވެ. މިއެންމެނާއި ޖެހިގެން ސީސީޓިވީ ފޫޓެޖްއިން ޕްރިންޓްކޮށްފައިން ދެމީހުން ފެންނަންއިން ފޮޓޯއެއްވެސް ހަރުކުރިއެވެ. އެފޮޓޯގެ ތިރީގައި ‘؟’ ކުރަހާލިއެވެ. އަދި މަރާއި ބެހޭގޮތުން ލިޔެފައިއިން ދެތިން އާރޓިކަލްއެއްވެސް އޭގެ މުހިންމު ބައިތަށް ހައިލައިޓް ކޮށްލުމަށްފަހު އެވެސް ހަރުކޮށްލިއެވެ.
އެ ހުރިހާކަމެއް ކޮށްފައި އެނބުރެލިއިރު އިޝާން އިނީ މިހުރާނާއި ޔަނާލް ކައިރީ ސޯފާގައި އޯޑިއޯ އަޑުއަހާށެވެ. އޯޑިއޯ އަޑުއަހާ ނިމުމުން އިޝާން ބުނެލިއެވެ. “މަރާލި ވަގުތު މަގުމަތީގައި ތިބި މީހުނާއި ސުވާލުކުރަން ހިނގާބަ. ޕްލިހުންނަށް ގުޅި މީހާގެ ނަމާއި އެޑްރެސް އެބައިން ފައިލްގަ.” އިޝާން މިހެން ބުނުމުން އެންމެންވެސް މިކަމާއި މެދު ވިސްނާލެވުނެވެ. “އެހެންވީމާ ހިނގާ ފުލުހުން ލައްވާ ސުވާލުކުރުމުގެ ބަދަލުގައި އަހަރުންގެ ތެރެއިން އެކަކު އެމީހާއަށް ނޭނގޭނެ ގޮތަށް ސުވާލުކުރަން.” މިހުރާން އުޝާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު. ދެން މިހާރު ކުރަންވީ ކަންތަކުގެ ލިސްޓެއް ހަދަންވީ. އެމީހާއާއި ސުވާލުކުރުން އެއީ އެއް ކަންތައް.” މިހެން ބުނެލުމަށްފަހު އުޝާ ޓެބްނަގާ އޭގަ ނޯޓްކުރަން ފެށިއެވެ. “ދެވަނަ ކަމަކަށް ޖަލުން ގޭންގް ލީޑަރ ގުޅީ ކާކާތޯ ބަލަންވީ. ދެން ހޯދަންވީ އެގޭންގުގައި ހައްޔަރު ނުކޮށް ތިބި މީހުނާއި ގޭބަންދަށް ދޫކޮށްފައި ތިބި މީހުން. އެމީހުނަށް އެގޭ އެއްޗެއް ހޯދަންވީ. ނުވިތާކަށް މީ މަންމަމެން ހިންގި އޮޕަރޭޝަނުން ހައްޔަރު ކުރެވިފަ ތިބި ބައެއް. އެހެންވީމާ މިމީހުންނާއި ބެހޭ ފައިލްތައް ހުންނާނީ އޭޖެންސީގެ ސްޓޯރ ރޫމްގަ. އެފައިލްތައް ބަލަންވީ. ދެން ބުނެބަ ދެން ކުރެވޭނެ ކަމެއް.” ހުރިހާކަމެއް ނޯޓުކޮށް ނިންމާފަ އުޝާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ތިންމީހުންވެސް ތިބީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެތަނުން އެންމެ ފުރަތަމަ ވާހަކަ ދައްކަން ފެށީ ޔަނާލެވެ.
“އަދި އެއްކަންތައް. ފުލުހުން އެކޭސްގެ ރިޕޯޓުގައި ދޮގު މައުލޫމާތު ހިމެނި ސަބަބުވެސް ހޯދަންޖެހޭނެއްނު؟ އަދި އެންމެ މުހިންމު އެއް ކަންތައް ނުކޮށް މިތިބީ. އެއީ އަސްލު އެންމެ ފުރަތަމަ ކުރަންވީ ކަންތަކޭ. އެ ފޫޓޭޖްތަކުން އެބަ ފެނެއެއްނު އެ ދެމީހުން އެތަނުން ފިލަން ސައިކަލަކަށް އަރާގެން ޖެހިގެން އިން ގޯޅި އެޅިތަން. އެހިސާބުން ފެށިގެން އެމީހުން ދިޔަ ތަން ދެން ހުރި މަގުތަކުގެ ފޫޓޭޖްއިން ފެންނަން ހުރިތޯ ބަލާނީ. ފުލުހުން އެބައިން އޭގެ ރިޕޯޓެއް ލިޔެފަ. އެކަމަކު އެމީހުން ފޮނުވި ފޮރެންސިކް ރިޕޯޓުގަ ނެތް އެންމެ ތެދު ވާހަކައެއްވެސް. ދެން ވަކި ކީއްވެ އެމީހުން އެރިޕޯޓު ރަނގަޅަށް ލިޔަންވީ.” “ރަނގަޅު ވާހަކައެއް. އެންމެނަށް ހިނގާ ޓާސްކުތައް ބަހާލަން. ލިސްޓުގައި ލިޔޭ އެމީހަކު ކުރަންވީ ކަންތައްތައް.” މިހުރާން މިހެން ބުނުމުން އުޝާ ބޯ ޖަހާލިއެވެ. އެއަށްފަހު އެތައް އިރަކު ވާހަކަ ދައްކަންތިބުމަށް ފަހު ޓާސްކުތައް ބަހާލެވުނީ ބައި ގަނޑިއިރު ފަހުންނެވެ.
“މިއޮތީ ހުރިހާ ކަމެއް ބަހާލެވިފަ. ޕޮލިހުންނަށް ރިޕޯޓު ކުރި މީހާއާއި ވާހަކަދައްކާނީ ޔަނާލް. ގޭންގް ލީޑަރ ކުރި ކޯލާއި ‘އެމީހުން’ ފަހުން ދިޔަ މަގުތަކުގެ ސީސީޓީވީ ފޫޓެޖް ޓްރޭސް ކުރާނީ އަހަރެން. މަންމަމެން ލިޔުނު ރިޕޯޓް ބަލައި ގޭންގް ދެންތިބި މީހުން ހޯދައި އެމީހުނަށް ނޭނގޭ ގޮތަށް ސުވާލު ކުރާނީ މިހުރާނާއި އިޝާނާއި ދެމީހުން ވެގެން. ޕޮލިހުން ރިޕޯޓުގައި ދޮގު މައުލޫމާތު ލިޔުނީ ކީއްވެތޯ ބެލޭނީ ވާރިސްއާއި ވާހަކަ ދައްކާގެން. އެހެންވީމާ އެކަން ކުރެވޭނީ މިހުރާނާއި ޔަނާލަށް. އޯކޭ؟” އުޝާ ހުރިހާ އެއްޗެއް ޓެބުގައި ލިޔެ އެންމެންނަށް ފޮނުވާލުމަށްފަހު އެންމެންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. އެންމެން ބޯޖަހާލުމުން އުޝާ ތެދުވެ ހިނގައިގަތެވެ. “ދެން ދޭ އެމީހަކު އެމީހެއްގެ ކްލާހަށް.” އެންމެނަށް ހީލަމުން އުޝާ ދަބަސް ނަގައިގެން ހިނގައިގަތުމުން ޔަނާލާއި މިހުރާންވެސް ދަބަސް ނަގައިގެން އުޝާ ފަހަތުން ހިނގައިގަތެވެ. “ކްލާހަށޭ! ދެން ކިހިނެއް ދާން ކެރޭނީވެސް؟ މިހުރާން ކަންތަކޭ! އަދަބު އޮންނާނެ. ފޮރެންސިކް ގްރާފޮލޮޖީ ނެގުނު މޮޔަ ހިތަށް އަރާއެބަ. ދެން ހާދަ ފޫއްސެއް ވެޔޭ.” އިޝާން ކުދިކިޔަމުން ދަބަސް ނަގައިގެން ދަމުން މިހުރާން ބޮލުގައި ޖަހާލިއެވެ. އުޝާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާގެ ކްލާހަށް މިސްރާބު ޖެހިއެވެ.
ކްލާސް ކުރިމައްޗަށް އަރާފަ އުޝާ ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތީ ފާތިޙް ސާރއެވެ. ކްލާހުގައި އޭރު ތިބީ އެންމެ ދެކުދިންނެވެ. މުޅިއެކު ހަ އަންހެންކުދިން އެކުލާހުގައި އުޅޭނެއެވެ. އުޝާ އޭނާގެ ގޮނޑީގައި އިށީނުމުން އޭނާއާއި ޖެހިގެން ފޯނަށް ގެއްލި ހުސްވެފައި އިން އާލާ ބަލާލީ ސިހިފައެވެ. އުޝާ ފެނުމުން ހީލާފައި އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓާލިއެވެ. “ކޮން މަސައްކަތެއްތަ މާއަވަދިނެތި ތިކުރަނީ.” އުޝާ ސުވާލުކޮށްލީ ހައިރާން ވެހުރެއެވެ. ވާނީވެސް އެހެންތާއެވެ. އެހެންނޫނީ އެއީ އެއްވެސް މަސައްކަތެއް ކުރަން މައިތިރިވެގެން އިނދެވޭ މީހެއް ނޫނެވެ. “މިއުޅެނީ އާ ކޭސްއެއް ލިބިގެން. ވައްކަމެއް. އަދިވެސް އެއްކަމެއްވެސް ރަގަޅަށް ރޯނުފިލާގެން މިއުޅެނީ.” އާލާ ޖަވާބު ދިންއިރު ވެސް އިނީ ފޯނުން ނަޒަރު ދޫނުކޮށެވެ. އުޝާ އޭނާއަށް ދެން އިތުރަށް އުދަނގުކުރަން ނަހަދާ ޓެބް ނަގައިގެން ކޭސްގެ ރިޕޯޓުތައް ކިޔަން އިންދާ ކްލާހަށް ކުދިންތައް އައިސް ހަމަވުމުން ކްލާސް ފެށިއެވެ. ސާރ ކިޔާދެން ފެށުމުން ފިލާވަޅަށް ސަމާލުކަންދީގެން އިންދާ އުޝާ ބޮލަށް ރަނގަޅު ޙިޔާލެއް އައެވެ.
ކްލާސް ނިންމާފަ އުޝާ މަޑުކުރީ އެހެން ކުދިން ކްލާހުން ނުކުންނަންދެނެވެ. އެންމެން ދިޔުމުން އުޝާ ގޮސް ފާތިޙް ސާރ ކައިރީ މަޑުކޮށްލުމަށްފަހު ޓެބު ނަގާ ސީސީޓީވީ ފޫޓޭޖްތައް އަޅުވާލުމަށް ފަހު ސާރގެ ކުރިމަތީބާއްވާލިއެވެ. “ސަރ ކުރިން ހަފްތާ ކިޔާދިނީމެއްނު މިކަހަލަ ފޫޓޭޖްތައް އިތުރަށް ސާފުކޮށް އިތުރު ޑީޓެއިލްސް ހޯދަން. އެކަމު އެއީ އަދި ހަމައެކަނި ބޭސިކްސް. އިތުރަށް މި ފޫޓޭޖް އެނެލައިސް ކޮށްދެވިދާނެތޯ؟” އުޝާ އަހާލއެވެ. “އެންމެ ރަނގަޅު. ސާރގެ ޓެބަށް ތީތި ފޮނުވާލާ. ނިންމާފަ ސާރ ބުނާނަން.” ފާތިޙް ސާރ ލުއި ހިނިތުންވެލުމާއެކު ބުނެލުމުން އުޝާވެސް ހީލަމުން ކްލާހުން ނުކުމެގެން ދަމުން ސާރއަށް ފޫޓެޖްތައް ފޮނުވާލިއެވެ. އެއަށްފަހު ދޮންތަގެ އެޕާރޓްމެންޓަށް ދިޔައީ ދަބަސް އަމިއްލަ ކޮޓަރިއަށް ލާފަ ލެޕްޓޮޕާއި ފޯނާއި ޓެބު ހިފައިގެންނެވެ.
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ.
2 Comments!
Comments are closed.
Varah reethi Masha Allah ? konirakun next part
Stay home and be safe
thanks vhaaves avahakah next part neredheveytho balaanan
be safe