ސިއްރެއް 10
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ.
ކައި ނިމިގެން އުޝާ ޔަނާލާއި މިހުރާންގެ ފަހަތުން ވަނީ އެމީހުންގެ އެޕާރޓްމެންޓަށެވެ. ކޭސްގައި އެމީހަކަށް ޖެހުނު މަސައްކަތްތައް ފުރިހަމަ ކުރަން ހަމަޖެހިލިއެވެ. ޔަނާލްގޮސް އިށީނީ ކާމޭޒުކައިރީގައެވެ. އޭނާގެ ޓެބު މޭޒުމަތީގައި ބާއްވުމަށްފަހު ރިޕޯޓުން ޕޮލިހަށް ރިޕޯޓުކުރި މީހާގެ ފޯނު ނަމްބަރާއި އުޅޭ އެޑްރެސް ފަދަ މައުލޫމާތު ހައިލައިޓް ކޮށްލިއެވެ. އެއަށްފަހު އޭނާގެ ސޯޝަލްމީޑިއާ އެކައުންޓުތަކުގެ އެހީގައި އޭނާއާއި ބެހޭ މައުލޫމާތު ހޯދާލިއެވެ. އެއީ 49 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަމަކީ މުހަންމަދު އާކިފެވެ. މީހަކާއި އިނދެ ތިން ދަރިންވެސް އޭނާގެ ހުރެއެވެ. 13 އަހަރުގެ ފިރިހެންކުއްޖަކާއި 15 އަހަރުގެ އަންހެންކުއްޖަކާއި 20 އަހަރުގެ އަންހެންކުއްޖެކެވެ. އޭނަގެ ޕޯސްޓްތަކާއި އޭނާގެ ފްރެންޑްސް ލިސްޓްފަދަ ތަކެތި ހާވަމުން ދަނިކޮށް އޭނާގެ ލޮލުގެ އަޅައިގަތީ އަހުމަދު ޝުހާން ކޮށްފައި އިން ކޮމެންޓެކެވެ. ‘ހާދަ ވެލާފަ؟ އަހަރެމެންނާއި ބެހެފަ މާ ފޮނި ވެގެން ތިއުޅެނީ.’ އޭނާއަށް ބަލާލެވުނީ ޓީވީ ކައިރީގައި އިން ބޯޑަށެވެ. އޭގައި ގޭންގު ލީޑަރ ލިޔެފައި އިނީ އަހުމަދު ޝުހާން 29 އާއި ޖެހިގެން ހަރުކޮށްފައި ފޮޓޯއާއި ކޮމެންޓް ކޮށްފައިން މީހާއާއި އެއްވެސް ތަފާތެއް ނެތެވެ. ޔަނާލް ދެން ބަލާލީ ކޮމެންޓް ފޮނުވާފައި އިން ތާރީޙެވެ. އެ ކޮމެންޓް ކޮށްފައި އިނީ މަރާލި ދުވަހުގެ ބަރާބަރު އެއްދުވަސް ކުރިންނެވެ. މިކަމުގެ ފަހަތުގައި ބޮޑު ކަންތައްގަނޑެއް ވާނެކަން ޔަނާލަށް ވިސްނުނެވެ. އެހުރިހާ ކަމެއް ހޯދަން ފަސޭހަ ނުވާނެކަން އެނގުމުން ޔަނާލްގެ ބޮލުގައި ރިއްސާލިއެވެ. އޭނާ ލެޕްޓޮޕް ނަގައިގެން ހިނގައިގަތީ ސްޓޯރ ރޫމަށެވެ.
ޔަނާލް ސްޓޯރ ރޫމަށް ވަތްއިރު މިހުރާނާއި އިޝާން އެތަނުގައި ފައިލްތައް ހޯދުމުގައި އަވަދިނެތި އުޅެއެވެ. ޔަނާލް އެތަނަށް ވަތުމުން ދެމީހުން ފުރަތަމަ ދިޔައީ ސްސައިގެންނެވެ. “ބުނެލާފަ ވަތްނަމަ ދޯ؟ މަ ބިރުން ކިރިޔާ މަރުނުވީ.” އިޝާން ތުން އަނބުރާލާފައި އެހެން ބުނި ގޮތުން ޔަނާލަށް ހެވުނެވެ. “ހޫނ. ދެން ހެވޭ ތިވަރު ނުވިޔަސް. މިއައީ އަހަންނަށްވެސް ކަމެއް ފާހަގަ ކުރެވިގެން. ޕޮލިހަށް ރިޕޯޓު ކުރި މީހާއާއި ގޭންގް ލީޑަރާއި ކޮންމެވެސް ގުޅުމެއް އެބޮތް. ބަލާބަ އޭނާ ކޮށްފަ އިން ކޮމެންޓް.” ޔަނާލް ލެޕްޓޮޕް އަނެއް ދެމީހުނަށް ފެންނާނެހެން ބަހައްޓާލިއެވެ. “ތިން ފައިލެއް އެބޮތް މިމީހުނާއި ބެހޭގޮތުން. ހިނގާބަ މިހިފާއިގެން އަހަރުން ބަޔަށް. މިތާ އިނދެގެން ކިޔާނެ ކަމެއް ނެތެއްނު.” މިހުރާން ފައިލުތައް ނަގައިގެން ތެދުވަމުން ބުނެލިއެވެ. “ތިމީހުން ދޭ. ކައިގެން ނޫނީ ދެން އެއްކަމެއްވެސް ނުވާނެ.” އިޝާން ބަނޑުގައި ފިރުމާލަމުން އެހެން ބުނެލުމަށްފަހު ހިނގައިގަތެވެ.
މިހުރާނާއި ޔަނާލް ގޮސް ސޯފާގައި ހަމަޖެހިލައިގެން ފައިލުތައް ބަލަންފެށިއެވެ. މިހުރާން ގޭންގް މެމްބަރުންނާއި ބެހޭ މައުލޫމާތު ހޯދަމުން ދިޔައިރު ޔަނާލް ހޯދަމުން ދިޔައީ އާކިފް އާއި ބެހޭ މައުލޫމަތެވެ. ޔަނާލަށް އާކިފާއި ބެހޭ މައުލޫމާތު ލިބުނީ އެންމެ ފަހު ފައިލުންނެވެ. މިހުރާނަށް އޭތި ދައްކާލުމަށްފަހު އެބައި ދެމީހުން ކިޔެވެ. އާކިފް އެމީހުނާއެކު ހައްޔަރު ކުރެވުނީ މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާއާއި ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުނެވެ. ޔަނާލް އެކަމާއި ބެހޭގޮތުން ލިޔެފައިވާ ދެތިން ޙަބަރު ކިޔާލިއެވެ. އޭގެން އެއް ޙަބަރަށް ޔަނާލަށް ފާހަގަ ކުރެވުނެވެ. އާކިފާއި އިންޓަވިއު ކޮށްފައި އިން އިރު އޭނާ ބުނެފައި އިނީ އޭނާއަކީ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންނުކުރާ މީހެއް ކަމަށާއި އެއީ ‘ޝުހާންގެ ހިތުގައި އޭނާއާއި މެދުގައި އޮތް ހަސަދައެއް ފިލުވާލަން’ ކުރި ކަމެއް ކަމަށެވެ. “މިދެމީހުންގެ ދެމެދުގައި މި މައްސަލަ ހޯދަން އެބަ ޖެހޭ. މިވެދާނެ ދޯ އާކިފް ބަދަލު ހިފަންވެގެން ޝުހާންމެން ބައްދާލަން ކުރި ކަމަކަށްވެސް. އެކަމަކު ޝުހާން ޖަލުގައި ހުރެ ކުރި ކޯލަކީ އާކިފަށް ކުރި ކޯލަކަށްވެސް ވެދާނެއެއްނު. އެހެންމީހުންގެ ލޮލުގައި އަދުން އަޅުވަން ޖެއްސި ސްޓަންޓަކަށްވެސް ވެދާނެ. އެކަމު ކިހިނެއް މި ވާނުވާ އޮޅުންފިލުވާނީވެސް؟” ޔަނާލް އަހާލިއެވެ. “ކޮބާ އުޝާ؟ އޭނާ އެކޯލް ޓރޭސް ކޮށްފިތޯ ބަލާބަލަ. އޭނާއަށް ފަހަރެއްގައި އެނގިދާނެ.” މިހުރާން ބުނެލުމުން ޔަނާލް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
…………………………………………
އުޝާ ކޮޓަރިއަށް ވަދެ ހަމަޖެހިލީ ލެޕޓޮޕާއި ޓެބް ހިފައިގެންނެވެ. ވިސްނާލަން އިނުމަށްފަހު އުޝާ ނިންމީ ފުރަތަމަ ގޭންގް ލީޑާރ ކުރި ކޯލް ޓްރޭސް ކުރާށެވެ. ބައިގަނޑިއިރުގެ މަސައްކަތަށް ފަހު އުޝާއަށް އެކޯލްގެ ލޮކޭޝަން ހޯދުނެވެ. އެކޯލް ކޮށްފައި އިނީ ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯޓުންނެވެ. އުޝާ ހީކުރި ގޮތަށް މިހާރު އެނަމްބަރު އިނީ ބިދޭސީ މީހަކަށް ރަޖިސްޓްރީ ކޮށްފައެވެ. އޭނާގެ ކުރިން އެނަމްބަރު ރަޖިސްޓްރީ ކޮށްފައި އިނީ ކާކަށްތޯ ހޯދިއިރު އެ ނަމްބަރު ރަޖިސްޓްރީ ކޮށްފައި އިނީ ޝުހާނަށެވެ. އުޝާއަށް ދެލޯ ކުޑަކޮށްލެވުނެވެ. ޕޮލިހުން އޭނާ ހައްޔަރު ކުރިއިރު އޭނާގެ ފޯނު އަތުލިއެވެ. އުޝާ ގުޅާލީ ޕޮލިހުގައި އުޅޭ އޭޖެންސީ މީހާއަށެވެ. އޭނާ ކައިރީގައި ހައްޔަރު ކުރި މީހުން ހައްޔަރު ކުރި އިރު އެމީހުންގެ އަތުން އަތުލެވުނު ސާމާނު ލިބޭނެ ގޮތް ހަމަޖެއްސިއެވެ. އަދި ހަމަޖެހިލާކަށް އުޝާ ބޭނުމެއް ނުވިއެވެ. ކޯލުގައި އެމީހާ ބުނިގޮތުގައި އޭނާ ހުރީ ‘އެކޮޅަށް ދިޔުމުގެ މަގުމަތީގައެވެ. ފްލައިޓް ނައްޓާލަނީއެވެ.’ އުޝާ އަވަސްއަވަހަށް ބަލާލެވުނީ އެވަގުތުގައި އޮތް ފްލައިޓްތަކަށެވެ. އެވަގުތާއި ދިމާވަނީ ސިންގަޕޯރަށް ދާން އޮތް ފްލައިޓެކެވެ. އެ ފްލައިޓްގައި ދިޔަ ހުރިހާ ޕެސެންޖަރުންގެ ނަންތަށް ހޯދާލިއެވެ. އެ ކޯލްކުރީ ބޮޑު ފިރިހެނެއްކަން ޔަގީން ވެއެވެ. އެފްލައިޓްގައި ފަސް ފިރިހެނުން ދަތުރު ކުރިއެވެ. އޭގެތެރެއިން ދެ މީހަކީ ދިވެހީންނެވެ. ނަމަވެސް އެއީ އެދެމީހުންކަން ބުނެވޭކަށް ނެތެވެ. އެހެން ގައުމެއްގެ މީހެއްގެ ނަމުގައި ވަގު ޕާސްޕޯޓް ހައްދައިގެން ދިއުމަކީވެސް އާކަމެއް ނޫނެވެ.
އުޝާ އަވަދިނެތި މަސައްކަތުގައި އިންދާ ޔަނާލް އައިސް ވަތެވެ. ޔަނާލް އައިސް އޭނާއަށް މިހާރު ހޯދުނު ހުރިހާ ކަމެއް ކިޔާދިނެވެ. އުޝާ އޭނާގެ މަސައްކަތް ދައްކާލިއެވެ. “މިއޮތީ އެފްލައިޓްއިން ދަތުރު ކުރި ހުރިހާ ފިރިހެނުން. މިތާނގައި އެބަހުރިތަ ތިބުނާ މީހަކު އެބަހުރިތަ؟” އުޝާ އެއެންމެންގެ ޕާސްޕޯޓުގެ ފޮޓޯ ދައްކާލިއެވެ. ނަމަވެސް ޔަނާލް ދެފަރާތަށް ބޯހޫރާލިއެވެ. “ނެތޭ. އެކަމަކުވެސް މީނައާއި ކޮންމެވެސް ގުޅުމެއް އޮވެދާނެދޯ މިކަންތައްގަނޑާ. ކިހިނެއްތަ މިކަން އޮޅުންފިލުވާނީވެސް؟” ޔަނާލް އަހާލިއެވެ. “ހިނގާބަ މިހުރާނާއި އިޝާންގެ މަސައްކަތް ބަލަން. އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ނޫނީ މިކަމެއް ނުވާނެ.” އުޝާ ކޮޓަރިން ނުކުމެ ސިޓިންރޫމަށް ނުކުތްއިރު އިޝާނާއި މިހުރާން ފައިލުތައް ހާވަން ސޯފާގައި ތިއްބެވެ.
“ކޮބާ؟ ތިމީހުނަށް މިހާރު ހޯދުނު ހުރިހާ ކަމެއް ކިޔާބަ.” ޔަނާލް މިހުރާނާއި ޖެހިގެން އިށީނދެލުމުން މިހުރާން ހުރިހާ ކަމެއް ކިޔާދޭންފެށިއެވެ. “މިމީހުންގެ ތެރޭގައި ފުދޭވަރަކަށް ގިނަ ކުޑަކުދިން އުޅޭ. ބަރާބަރު ސޯޅަ ކުދިން އެއީ އަށާރަ އަހަރު ނުފުރޭ ކުދިން. ހަ ކުދިން މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމައް، ދިހަ ކުދިން މަސްތުވާތަކެތި ބޭނުންކުރާކަމައް ހައްޔަރު ކުރީ ރެޑްހޭންޑްކޮށް. މިހުރިހާ ކުދިންވެސް ގޭބަންދަށް ދޫކުރި. މަސްތުވާތަކެއްޗަށް އެޑިކްޓްވެފަ ތިބި ދިހަ ކުދިން ރިހެބަށްވެސް ދިޔަކަމަށް އެބައިން. މިހާރު ޖަލުގައި ތިބި ހަތް މީހުންގެ އިތުރަށް އެބަތިބި އަށާރަ އަހަރުން މަތީގެ ނުވަ މީހުންގެ ތެރެއިން ހަތް މީހުން ރިހެބްގައި. ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު ގޭބަންދަށް ދޫކޮށްލީ. ދެން ޔަނާ ބުނި މީހާގެ މައްޗަށް ކުށް ސާބުތުނުވީމަ ދޫކޮށްލީ.” މިހުރާން ނިމުމުން އުޝާއާއި ޔަނާލަށް ފާހަގަ ކުރެވުނު ހުރިހާ ކަމެއް ކިޔާދިނެވެ.
“ދެން ހިނގާ ނިދަން. ނުލާހިކު ލަސްވެއްޖެއެއްނު. އަނެއްކާ މާދަން ހެނދުނު ޖަލުގައި ހައްޔަރު ކުރި މީހުންގެ ފޯނާއި އެއްޗިހި ލިބުނީމަ އެންމެން އެއްކޮށް މަސައްކަތްކުރާނީ.” އާފުރިލަމުން ޔަނާލް ބުނެލުމުން އެންމެންވެސް އެއްޗިހިތައް ހުރިތަނުގައި ބަހައްޓާފައި ނިދަން ދިޔައީ އަނެއް ދުވަހުގެ ހެނދުނު ތެދުވެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
ޖެހިގެން އައި ދުވަހު އުޝާއަށް ހޭލެވުނީ ޔަނާލް ގޮވުމުންނެވެ. އޭރު އަދިކިރިޔާ ހަތަރެއް ޖރހީއެވެ. ނަމަވެސް ޔަނާލް ހާސްވެފައި ހުރިވަރު ފެނުމުން އުޝާ އަވަސްއަވަހަށް ތެދުވިއެވެ. “ހިނގާބަ ސިޓިންގްރޫމަށް.” އުޝާގެ އަތަށް ދަމާލަމުން އެހެންބުނެލުމުން އުޝާ ފާހަނައަށޤ ވަދެ މޫނު ދޮވެ ހަދާލައިގެން ނުކުތީ ނިދަންލީ ސޯޓާއި ޓީޝާޓުގެ މަތިން އަތްދިގު ރޯބަކާއިއެކު ކުޑަ ބުރުގަލެއް އަޅާލައިގެންނެވެ. އުޝާ ނުކުތްއިރު މިހުރާންވެސް ޔަނާލާއެކު ނުކުމެ ތިއްބެވެ. “ކިހިނެއްވީ؟” އުޝާ ހައިރާންވެފައި ހުރެ އަހާލުމާއެކު ޔަނާލް ދައްކާލީ ކޮފީ ޓޭބްލްއެވެ. އުޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
ވާނީވެސް އެހެންތާއެވެ. ރޭގައި މޭޒުމަތީގައި ބާއްވާފައި ދިޔަ ފައިލްތަކެއް ނެތެވެ. އުޝާމެންގެ ޓެބާއި ލެޕްޓޮޕް އޮތްތަނުގައި އޮތެވެ. އެއިން އެއްޗެއް ހުޅުވޭނީ އެއެއްޗެއް ގެންގުޅޭ މީހަކަށެވެ. އުޝާ އެއެންމެންގެ ޓެބާއި ލެޕްޓޮޕްތަކުގެ ސެކިއުރިޓީ އެހާވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެހުރިހާ ފައިލްތަކުގެ އިތުރު ކޮޕީއެއް އެހެން އެއްވެސް ތާކު ނުހުންނާނެއެވެ. އެހެންވީމާ ގޭންގް މެމްބަރުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އުޝާމެނަކަށް ނޭނގޭނެއެވެ.
“ކޮބާ އިޝާން؟” އުޝާއަށް ލިބިފައިވާ ހާސްކަމާއެކެ އޭނާއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ. “އޭނާއަށް ގޮވާގޮވާ ވަރުބަލިވެގެން މިހުއްޓާލީ ނުތެދުވީމަ. ބަލައިފިން އޭނާގެ ކަބަޑުތެރެއާއި ހުރިހާ ތަނެއްވެސް. ނެތް. ޔަނާލް އެއައީ ސްޓޯރ ރޫމްވެސް ބަލާފައި. އެތާކުވެސް ނެތް.” މިހުރާން ހާސްކަމާއެކު މޫނުގައި އަތް ހާކާލިއެވެ. “މިތަނަކަށް ނުވަދެވޭނެ އޭޖެންސީގައި އުޅޭ މީހެއް ނޫން އެހެން އެއްވެސް މީހަކަށް. ދެންވެސް ދޭބަލަ އިޝާން ނަގަން. އޭނާ ފަހުން ބަލަން ފައިލްތައް ނަގާފާނެ.” އުޝާ މިހުރާން ކައިރީ ބުނުމުން އޭނާ ވަކި އެއްޗެއް ނުބުނެ ބޯޖަހާލާފައި އެމީހުން ނިދާ ކޮޓަރިއަށް ވަތެވެ.
ނުނިމޭ
2 Comments!
Comments are closed.
Varah reethi Masha Allah ? curious to know what will happen next
Good!