
“އީރަމްއަށް އަޑުއިވުނުތަ؟ އީރަމް އެއްދުވަހު ބުނީމެއްނު އީރަމްގެ ދޮންމަންމަ ކޮށްދިން ހުރިހާ ކަމެއްގެ ބަދަލަށް އެންމެ ފަހަރަކުވެސް އަނގައިން މަންމާއޭ ކިޔާ ގޮވާލެވޭނެނަމައޭ… އީރަމްގެ މަންމައަކީ ތިއީއޭ ބުނާހިތްވެޔޭވެސް ބުނީމެއްނު..މިހާރު އެހުރީ އީރަމް ކައިރިއަށް އައީހޭ.. ދެން ތެދުވެފައި މަންމައާއި ވާހަކަދައްކަބަލަ…. ކިހާ ދެރަވެފައި އެދިޔައި..” ހަރަކާތްހުއްޓިފައި އޮތް އީރަމްގެ އަތުގައި ހިފަހައްޓާފައި މީކާން އެހެން ބުނީ އީރަމްއަށް އިއްވާށެވެ. އީރަމް ހޭނާރާތާ މިވީ ފަސްދުވަހެވެ. މިވީ ފަސްދުވަސްތެރޭ ދެ ފަހަރެއްގެ މައްޗަށް ހަރަކާތެއްކޮށްލިއެއްކަމަކު އަނެއްކާވެސް ހަބަރުހުސްވެގެންދަނީއެވެ. އީރަމް ހޭނާރާ މިގޮތަށް އޮންނަންވެއްޖެނަމަ އެއީ ނުރައްކާތެރި ކަމެއްކަމަށް އެކަމާއި ބެހޭ ޑޮކްޓަރު ވަނީ ބުނެފައެވެ.
އީރަމްއަށްކުރިންވެސް ވަނީ މި ފަދަ ގޮތެއްވެފައިކަމުން މިފަހަރު އީރަމް ހޭއަރާއިރު ވާނޭ ގޮތަކާއި މެދު އެންމެންވެސް ތިބީ ސުވާލުއުފެދިފައެވެ. މީގެ ކުރީގައި ހިނގި ހާދިސާގެ ރިޕޯޓުގެ މަތިން އެފަހަރުވެސް އީރަމް ހޭއަރަން ހަފްތާއެއް ނެގިކަމަށް ބުނެފައިވާތީއާއި ޑޮކްޓަރު ބެލި ބެލުމުގެ މަތިންނާއި އެންމެފަހުން ހަރަކާތްކޮށްލި ވަގުތުތަކާއި އެތަށް ޓެސްޓުތަކެއްގެ ނަތީޖާއަށް ބަލާ ވަނީ ނުރައްކާތެރި އިންޒާރެއް ދީފައެވެ. އެއީ އީރަމް އެގޮތުގައި ގިނަވަގުތު އޮންނަންޖެހިއްޖެނަމަ ކޯމާއަށް ދާންޖެހިދާނެކަމާއި މެދުގައެވެ. ފުންވިސްނުމަކަށް ގެއްލިފައި އިން މީކާން ސިހުނީ ޓަކިޖެހިއަޑު އިވިފައެވެ. ދޮރުހުޅުވާލާފައި ވަތް ހަމްދާ ފެނި މީކާން ދެލޯ ބޮޑުކޮށްލިއެވެ. ހަމްދާ ކައިރި އަންނަންވީތަން ބުނެދިނެއްކަމަކު އެހާ އަވަހަށް ހަމްދާ އަންނާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. ހަމްދާއަތުގައި ބޮޑު މާ ބޮނޑިއެއްވެސް އޮތެވެ. ހަމްދާ ފަރި ހިނިތުންވުމެއް ދީފައި އީރަމްގެ އެނދާއި ކައިރިވެލިއެވެ.
“ނިކަން ސިއްރުކުރަން އުޅުނީ.. އެކަމް އަހަރެން ކައިރި ބުންޏޭ މީކާން ސަރ ފެނުނީމަ ކޮކާ އުދުހޭ ވާހަކަ… އަހަރެން ހިއެއްނުކުރަން މީކާން ސަރ އާއި އީރަމްއާއި ދޭތެރޭ…. ހެހެހެ…. މިއީ ސިއްރެއް ނޫނޭ ސަރ.. އަހަރެމެން އެންމެންނަށްވެސް އިނގޭ ބޮޑު ސިއްރަކީ މިއީ…” ހަމްދާ ވާހަކަދައްކަމުން ގޮސް ހިނިގަނޑެއްޖަހާލީ މީކާންއަށް ލިބުނު ސިހުމެއްގެ ސަބަބުންނެވެ. އެދެމީހުންގެ ގުޅުން ހަމްދާއަށް ޝައްކުވެފައިވާކަމަށް ހީވިއެއްކަމަކު އެހެން އެންމެންނަށް އެވާހަކަ އިނގޭކަމާއި މެދު މީކާން ހައިރާންވިއެވެ. އަދި ލަދުވެސްގަތެވެ. ހަމްދާ ދިޔަގޮތަކަށްގޮސް ދޮރުހުޅުވާލުމާއި އެކު ދޮރު ބޭރުގައި މަޑުކޮށްލައިގެން ތިބި ބައެއް އޮފީސް މުވައްޒަފުންތަށް ފެނުމާއި އެކު މީކާންއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެ އެންމެންވެސް ދިޔައީ އީރަމްއަށްޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ. ހަމްދާ މާ ބޮނޑި ބާއްވާލުމަށްފަހު އަނެއްކާވެސް ދިޔުމުގެ ކުރިން އީރަމްއަށް ބަލައިލިއެވެ.
“އީރަމް ވާހަކަނުދައްކާ ހުރެ އަހަރެމެންގެ ހިތުގައި އޭނާއަށްޓަކައި ލޯބި ހޯދީ އޭނާގެ ރީތި ސިފަތަކުން.. އެންމެންވެސް އީރަމްއަށްޓަކައި ޕާޓީ ލަސްކުރީ.. ދެންވެސް ތެދުވޭ އީރަމް.. އަނެއްކާ މިހާރު ފައިނަލް ކުރާ ދުވަހަށްވުރެ ލަސްކުރަންޖެހިދާނެ.. އޭގެ ކުރިން ތެދުވޭ…” ހަމްދާ ގެ ވާހަކައިން މީކާންއަށް ހެވުނެވެ. އަނގައިން ބުނުމަކާއި ނުލާ އީރަމްއަށްޓަކައި އެމީހުން އެދިން ހެޔޮ އެދުންތަކާއި ކޮށްދިން ބޮޑު ޤުރުބާނީއަކީ މިވީ ތިންއަހަރުގައިވެސް އެމީހުންގެ ފަރާތުން ފެނިފައިނުވާ ކަންތައްތަކެވެ.
………………..
ނަޒީރާގެ އަތުގައި އޮށް ފޮށްޓަށް އޭނާ ނަޒަރު ހުއްޓާލިއެވެ. އެ ފޮށިތެރޭހުރި ސާމާނުތަކަކީ އީރަމްގެ އެއްޗެހިކަން ބަލާލާފައިވެސް އެނގުނެވެ. ކުރިމަތީ ހުރީ އޭނާގެ ކުރީގެ އަވައްޓެރިޔާއެވެ. މާލޭގައި އެތަށް އަހަރުތަކެއް ވަންދެން އުޅުނު ގެ ކުއްޔަށް ދީފައި އޭނާ ރަށަށް ދިޔައެއްކަމަކު އަވައްޓެރިންނާއި އޮތް ގުޅުން ދެގޮތެއްނުވެ އޮތެވެ.
“މިއީ އީރަމްގެހެން ހީވަނީ… އެމީހުން ބުނި އިރަމް ނަންމަތީ ވަރަށް ފަހުން އައިއްސާ އޮތް ސީޓތަކެއްވެސް ހުރި.. ދެން ބުނީ ކަބަޑެއްތެރޭ ހުރި އެއްޗެއްސޭ މިހުރީ..” ނަޒީރާ ފޮށިތެރެއަށް ނަޒަރެއްދިނެވެ. އީރަމް ކުރީގައި ގެންގުޅުނު ބައެއް ސާމާނުތަކާއި ސިޓީއުރަތަށް ފެނިފައި ސުވާލުއުފެދުނެވެ. އީރަމްއަށް ސިޓީއެއް އެލިބުނީ ކޮންތާކުންބާއެއް ހިތަށްއެރިއެއްކަމަކު އެއީ އީރަމްގެ އަމާނާތަކަށް ވާތީ ފޮށީގެ މަތި ލައްޕާލިއެވެ.
“އާނ. މިހިރީއެއްނު ފަހާ ސާމާނުތަށް.. އީރަމް ނިކަން އަތުފެހުން ފަހަން މޮޅުވާނެ… މިހާރު އެކަންވެސް ނުކުރޭ. މީގެ ތެރޭ އެބަހުރި ބައެއް އެއްޗެހި އޭނާ ފަހާފައި… އީރަމް އުފާވާނެ ފެނުނީމަ…” ނަޒީރާ އެހެންބުނެފައި ދުވަސްވީ އެކުވެރިޔާއަށް އަލްވަދާޢު ކިއެވެ. އޭނާ ނިންމީ އީރަމް އުޅޭތަނުގައި އެ ފޮށިގަނޑު ބަހައްޓާށެވެ. އިރާދަފުޅާ މިންވަރުފުޅުން އީރަމް ރަނގަޅުވެގެން އައިސް އެ ފޮށިގަނޑު ހުޅުވާ ނިކަން ހިނިއައިއްސާ ކޮންމެ އެއްޗަކަށް ބަލަން އިންނާނެކަން ނަޒީރާއަށް ޔަޤީނެވެ.
……………..
އިޝާ ނަމާދުކޮށްލައިގެން އައި މީކާންއާއި ނާޒީ ބައްދަލުވީ ދޮރުމަތިންނެވެ. ނާޒީ ތިރިއަށް ކާންދަނީކަމަށް ބުނެފައި މީކާންއާއި ވަކިވެގެންދިޔުމުން ވަރަށް ހަމަޖެހިލާފައި މީކާން އެތެރެއަށްވަނެވެ. އޭރު ނަރުހަކު އީރަމް ކައިރީ ހުރެ ފަރުވާތެރިކަމާއި އެކު ބަލަމުން އެއްޗެއް ލިޔަމުންދިޔައެވެ. މީކާން ދިޔަގޮތަށް ގޮސް ސްޕަންޖްލީ ގޮނޑިގައި އިށީނެވެ. އެނދަކަށް ބަދަލުކުރޭ އެ ގޮނޑީގެ ފުޅާ މިނާއި ދިގުމިން މީކާންގެ ހަށިގަނޑާއި ދާދި އެއްވަރެވެ. ކޮންމެއަކަސް އޭނާ ހޭދަކުރި ކޮންމެ ރެއެއް ހޭދަވީ އެ އެނދުގައެވެ. ނިދީގެ ދާނަކަށް ފުންމާލެވެނީވެސް އެ ކުޑަ އެނދުގައި އޮއްވައެވެ. ނަރުސްކުއްޖާ ދިއުމާއި އެކު މީކާން އީރަމްއާއި ކައިރިވެލިއެވެ. އީރަމް ކައިރި ނުބުނެވި އޮތް ވާހަކަ ބުނަން އޭނާ ހުރީ ކެތްމަދުވެފައެވެ. އީރަމް އޭނާއާއި މެދު ދެކޭ ގޮތަށް އޭނާވެސް ދެކެން ފަށައިފިކަން ބުނެދެން ހުރީ ބޭނުންވެފައެވެ. އޭނާއަށްވެސް އީރަމް ދެކެ ލޯބިވެވިއްޖެކަން އަންގަން ބޭނުންވިއެވެ.
އީރަމް އާއި ނުލާ، އީރަމްގެ ހިނިތުންވުމާއި އެ ހަރަކާތްތަކާއި ނުލާ އޭނާ ހޭދަކުރި ކޮންމެ ވަގުތެއްގައި ހިތުގައި އަޅަމުންދިޔަ ވޭން ދިޔައީ އެކަމަށް ހެކިދެމުންނެވެ. އޭނާއަށް ނުލިބިހުރި އެތަށް ސުވާލުތަކެއްގެ ޖަވާބު ދެމުންނެވެ. އީރަމްއާއި އެކު ހޭދަވާ ވަގުތެއްގައި އޭނާގެ އެކަނިވެރި ދިރިއުޅުން އެހާ އެކަނިވެރިއެއްނޫނެވެ. ހަލަބޮލިވެފައި އޮންނަ ސިކުނޑި އޮންނަނީ މަޑުމައިތިރިވެފައެވެ. ހިތުގެ ހިނގުން އަވަސްވިއެއްކަމަކު އެހިތުގައިވާ ހިތާމަތަށް އެހިތް ދޫކޮށް ވަނީ ގޮސްފައެވެ. އަހަރުތަކަކަށް ދެމިގެންދިޔަ ހިތާމަތަށް ފިލަން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ނަމަވެސް އެ ހާދިސާތަކާއި ގުޅިގެން އޭނާ ކުރިމަތިލާންޖެހުނު ކަންތައްތަކަކީ މީކާންގެ ހަނދާނުން ފޮހެވޭނެ ކަންތައްތަކެއް ނޫނެވެ. މިފަދަ އުފާވެރި ހިޔާލުތަކެއްގައި އިން މީކާން ސިއްސައިގެންދިޔައީ އެއްވެސް ހަރަކާތެއް ނެތް އީރަމްގެ އަތަށް ގެނައި ކުޑަކުޑަ އިޝާރާތަކުންނެވެ. މީކާންގެ އަތުތެރެއަށް ލެވިފައިވާ އީރަމްގެ އަތް ބާރުކޮށްލާފައި މީކާންގެ އަތުގައި ހިފިއެވެ. އެއާއި އެކު މީކާންގެ ނަޒަރު ހުއްޓުނީ އީރަމްގެ މޫނަށެވެ.
ދެލޯ މެރިފައިވިއެއްކަމަކު އޭނާގެ ހަރަކާތްތަށް ހުރިގޮތުން އޭނާ ދިޔައީ ހޭލެވޭތޯ މަސައްކަތްކުރަމުންނެވެ. ނަރުހަކަށް އިޝާރާތް ވުމުގެގޮތުން ބޯޑުގައި އިން ފިތަކަށް މީކާން ފިތާލިއެވެ. ނިދީގެ ފުން އަސަރު ފިލުވާލަން މަސައްކަތްކުރަމުން ދެލޯ ހުޅުވަން އުޅޭ އީރަމްގެ ދެތުންފަތް ތަޅުވަމުންދިޔައެވެ. އޭނާ އެއްޗެއް ބުނަން އުޅޭހެން ހީވެގެން މީކާން ގާތްވެލިއެވެ. އެވަގުތު ނަރުސްކުއްޖާވެސް އެތެރެއަށް ވަދެ އީރަމް ކުރަމުންދިޔަ ހަރަކާތްތަށްފެނި އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން ޑޮކްޓަރަށް އަވަސް ހަބަރެއް ދިނެވެ. އީރަމް އޭރުވެސް ހުރީ މީކާންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އީރަމް ކިޔަމުންދިޔަ އެއްޗެއް އަޑުއަހަން ގާތްވި މީކާންއަށް ސާފުވާގޮތްވީ އިރުގަނޑަކުންނެވެ. އީރަމްގެ އަނގައިން ލަސްލަހުން ވައިއަޑަކުން ނެރެމުންދިޔައީ މީކާންގެ ނަމެވެ. އެއަށް ރައްދެއްނުދެވެނިސް ޑޮކްޓަރާއި ނަރުހަކު ވަދެ އީރަމްއާއި ކައިރިވެލުމުން އޭނާ ދުރަށްޖެހެން މަޖުބޫރުވިއެވެ. އަތުގައި ހުރި ބާރެއްލައިގެން މީކާންގެ އަތުގައި ހިފަހައްޓައިގެން އޮތް އަތް ނައްޓުވާލާފައި މީކާން ދުރަށް ހިނގައިގަތީ ނާޒީއަށް ގުޅަމުންނެވެ. މީކާން އެތަނުން ނިކުތްއިރު މެޝިނުން ދިޔައީ އަޑުކިޔަމުންނެވެ. އެދަނޑިވަޅުގައި ބޭރަށް ދާން ބޭނުންނުވިޔަސް އޭނާ ނިކުތީ މަޖުބޫރުވެގެންނެވެ. ނާޒީވެސް މީކާންއާއި ބައްދަލުވީ ބޭރުންނެވެ. އެދެމީހުންވެސް ޑޮކްޓަރު ނިކުންނާނޭ އިރަކަށް އިންތިޒާރު ކުރަމުންދިޔައީ ކެތްތެރިކަމާއި އެކުގައެވެ.
“އައި ލަވް ހާރ…” ކެތްތެރިކަން ކޮޅުންލާފައިހުރި މީކާންގެ އަނގައިން އެ ބަސްތަށް ނިކުތް ބާރުމިނުގައި ނާޒީގެ ކަންފަތަށް ވަނެވެ. ނާޒީ ދެލޯ ބޮޑުކޮށްލާފައި އޭނާއަށްވުރެ ކުޑަތަންކޮޅެއް ދިގު މީކާންގެ މޫނަށް ބަލައިލިއެވެ.
“ކީކޭ؟؟”
“އަހަރެން ލޯބިވޭ އީރަމްދެކެ…އަހަރެންނަށް އިނގޭ މާފަހުންކަން ރިއަލައިޒް ވީ.. އެކަމްވެސް އަހަރެން ލޯބިވޭ އީރަމްދެކެ.. އީރަމް ގެއްލިދާނެއަތީ މި ގަންނަ ބިރާއި، ސައުވީސްގަޑީއިރު އަހަރެންގެ ބޮލުތެރޭ އީރަމް ދުވާ ދުވުމާއި، އަހަރެންގެ ހިތަށް ކުރާ އަސަރާއި، މިހުރިހާ އެއްޗަކީ އީރަމްއަށް އޮތް ލޯތްބަށްވަންޏާ އަހަރެން ގަބޫލުކޮށްފިން، އަހަރެން އީރަމްދެކެ ވަރަށް ލޯބިވޭ..” މީކާންގެ ހިތުގައިވާ އިހުސާސްތަށް ބަންޑުންވެގެން ދިޔަތަން ފެނި ނާޒީ އުފަލުން މީކާންގެ ގައިގާ އޮޅުލައިގަތެވެ. ދާދި އެއްވަރަކަށް އިސްކޮޅު ހުރި ނާޒީއާއި މީކާން ގެ ދިގު އިސްކޮޅުގެ ސިއްރަކީ އެމީހުންގެ އާއިލާއެވެ. އެގޭ އެންމެންގެވެސް އިސްކޮޅު ހުންނަނީ ދިގުކޮންނެވެ. އެއާއި ޚިލާފަށް ކުރުކޮށް ހުންނަ އީރަމް ޖެހެނީ ގިނަފަހަރަށް ނާޒީ ކޮއްޅަށްހުރިނަމަ އިސްއުފުލާ ބަލާށެވެ. މީކާންގެ ކޮނޑާއި ހަމައަށް އޭނާގެ ބޯ ކިރިޔާ ފޯރާކަމެވެ. ޑޮކްޓަރު ނިކުމެގެން އައީ ފުރިހަމަ ހިނިތުންވުމަކާއި އެކުގައެވެ.
އެމޫނުމަތިން ފެނުނު ހަމަޖެހުމުން ލިބެން އުޅޭ އުފާވެރި ޚަބަރަށް ދެމީހުންވެސް ތައްޔާރުވެލިއެވެ. ޑޮކްޓަރުގެ އެދުމަށް އެދެމީހުން އެތެރެއަށް ވަތްއިރު އައިވީ ފުޅި ހަމަޖައްސާލާފައި ނަރުސްކުއްޖާ ނިކުންނަނީއެވެ. އޭރު އެދެމީހުންނަށް ނަޒަރު ހުއްޓާލައިގެން އީރަމް ހިނިތުންވުމެއްދޭން މަސައްކަތްކުރިއެވެ. އީރަމްގެ މޫނު ފެނުމާއި އެކު ނާޒީއަށާއި މީކާންއަށް އެކީ އެކައްޗަކަށް ހަމްދުކޮށްލެވުނެވެ. މީކާން އެ ދިޔަ ގޮތަށް ގޮސް އީރަމްގެ އަތުގައި ހިފައި ބޮސްދިންއިރު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. ނާޒީ ކައިރި ހުރި ޑޮކްޓަރު ނާޒީއަށް ބަލައިލުމަށްފަހު ވާހަކަދައްކަންފެށީއެވެ.
“އީރަމްގެ ނަސީބު ކަންނޭނގެ އީރަމް މިރޭ ހޭއެރިކަން.. މާދަމާ އަހަރެމެން ރޭވި ކަންތައް މިޖެހުނީ ހުއްޓުމަކަށް އައީ… މިހާރު އީރަމްގެ ހާލު ވަރަށް ރަނގަޅު… ރަނގަޅޭ މިބުނީ ވަރަށް ރަނގަޅުވީމަ… އަމިއްލައަށް އަޑުއަހާ ދެން..” އީރަމްގެ އަތުގައި ހިފަހައްޓައިގެން ހުރި މީކާން އަށް ގޮވަން އީރަމް މަސައްކަތްކުރިއެވެ. ދާދި ދެންމެއަކު ޑޮކްޓަރު ކުރި ސުވާލަށް އޭނާ ޖަވާބު ދެވުނީ އަނގަބަހުންނެވެ. ނަމަވެސް އޭނާގެ އަޑުއައީ ވައިއަޑުގެ ގޮތުގައި ތޫލިކޮށްކަމުން އަދި އިތުރަށް ޕްރެކްޓިސްކުރާށޭ ކިޔާފައި ޑޮކްޓަރު މަޖާކޮށްލިއެވެ. އީރަމްއަށް ވާހަކަދެއްކިދާނެކަމުގެ ޔަޤީންކަން ޑޮކްޓަރު ދެންމެ ދިނުމުން އީރަމް ބޭނުންވީ މަސައްކަތްކުރާށެވެ.
“މ…މީ…. މީކާން…” އީރަމްގެ އަނގަ ހަރަކާތްކޮށްލިއެވެ. ކައިރި ހުރި މީކާންއާއި ނާޒީއާއި އެއްވަރަށް އީރަމްއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އީރަމްގެ އަޑު އައީ ކިތަންމެ މަޑުންވިޔަސް އެއަޑު ސާފުކޮށް މީކާންއަށާއި ނާޒީއަށް އިވުނުކަން އެދެމީހުންގެ މޫނަށް ވެރިވި ކުލައިން ދިޔައީ ހާމަވަމުންނެވެ. ދެވަނަ ފަހަރަށްވެސް އީރަމް މަސައްކަތްކުރިއެވެ. އީރަމްގެ އަނގައިން މީކާންގެ ނަން ދެވަނަ ފަހަރަށް އަޑުއިވިގެންދިޔުމާއި އެކު މީކާންއަށް ލިބެމުންދިޔަ އުފާވެރިކަން ބަޔާންކުރަންވެސް އުނދަގޫވިއެވެ. “ވާހަކަދެއްކޭނެ… އެކަމް އަދިވެސް ފުރިހަމައަށް އަޑު ގެންނަން އެބަހުރި ދަތިތަކެއް.. އީރަމްގެ އަޑު ކެނޑެން ނެގީ ހަތްދުވަސް. އެކަމް އީރަމްގެ އަޑު އަންނަން ފަސްދުވަސް.. މިއީ އަހަރެންވެސް އުއްމީދު ކުރިކަމެއްނޫން.. މީ ހަމަ ކުޅަދުންވަންތަކަން.. ރިޕޯޓުތަކުން އީރަމްގެ ހާލު ރަނގަޅުކަން އިނގުނެއްކަމަކު އީރަމް އަށް އަދި އުނދަގޫވާނެ ވާހަކަދައްކަން.. އެހެންވީމަ ސްޕީޗްތެރަޕީ ކުރިއަށް ގެންދަންވާނެ…” ޑޮކްޓަރުގެ ލަފާއަޑުއިވިފައި ނާޒީ އަވަސްއަވަހަށް ބޯޖަހާލިއެވެ. ކުރިމަތީ ފެންކަޅިވެފައިހުރި މީކާންފެނިފައި އޭނާ އިތުރަށް އުފާވިއެވެ. “އަހަރެން ހީކުރީ މީކާން ބިރުގަނޭކަމަށް ހޮސްޕިޓަލަށް އަންނަން.. އާނ އަދި ދުވަހަކުވެސް ނުދެކެންވިއްޔަ. އެކަމް މިވީ ފަސްދުވަސް މުޅިންވެސް މިތާ….” މީކާންގެ ބިރާއިމެދު މަލާމާތެއްކޮށްލަމުން ނާޒީ އެމީހުންނާއި ކައިރިވެލިއެވެ. މީކާން ދެލޯ އަޅާލިއިރު އޭނާގެ ސިކުނޑީގައި ހަނދާނުން ފޮހެވިފައިވާ އެ ހާދިސާކޮށްޓާލިއެވެ. ލަމްޔާގެ ބަސްތަކާއި ހޮސްޕިޓަލުތެރޭ ދިމާވި ކަންތައްތަކެވެ. ނަމަވެސް ނިމިފައިވާ ކަމަކާއި މެދު ވިސްނުމަށްވުރެ މިގަޑީގައި މި ހިނގާ ކަމާއި މެދު ވިސްނުން މާ ރަނގަޅުވާނެއެވެ. ކުރިމަތީ އޮތް އީރަމްގެ ދުލުން މީކާންގެ ނަން އެދަނީ އިވެމުންނެވެ.
އެ ވަގުތުކޮޅުގެ އުފާ ނަގާލާކަށް މީކާން ނޭދެއެވެ. އެދެމީހުންވެސް އަވަސްވެގަތީ ޑޮކްޓަރުލަފާގެ މަތިން އީރަމްއަށް ކާއެއްޗެއް ދޭށެވެ. އީރަމްގެ ނިއްކުރިމަތީ އަޅާޅެވިފައިވާ ބެންޑޭޖު ބަދަލުކުރެވި ބޯ ވަށައިގެން ބެންޑޭޖު އެޅުމުގެ ބަދަލުގައި މިފަހަރު ދެތިން މަލަންކޮޅުން ޒަހަމު ވަނީ ފޮރުވާލެވިފައެވެ. އީރަމް ހޭއެރިކަމުގެ އުފާވެރިހަބަރު ދޮންމަންމައަށް ލިބުމާއި އެކު އެރޭ ކުޑަ ވަގުތުކޮޅަކަށް އީރަމްއާއި ބައްދަލުކުރިއެވެ. ހެނދުނުން ބައްދަލުވާނޭކަމަށް ބުނެފައި ނަޒީރާ ދިއުމާއި އެކު އެރެއަށް ދެން މީކާންއާއި އީރަމް އެކަނިވިއެވެ. ނާޒީވެސް ދިޔުމުން ހަމަހިމޭން ކޮޓަރިތެރޭ އެދެމީހުންވެސް ތިބެވުނީ އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ޑޮކްޓަރު ބުނީ އީރަމްއަށް ވާހަކަދެއްކޭނޭ މިހާރު.. އަހަރެންނަކަށް ނޭނގެ އަސްލު މިވީގޮތެއް.. ޑޮކްޓަރުންވެސް ބުނަނީ މީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމޭ.. ދެން ވާހަކަދެއްކޭނޭ ކިޔާފައި ގަދަކަމުން ނެތް ބާރުލައިގެން ކުރާނީއެއްނޫން… އިނގޭ؟ މަޑުމަޑުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުން…”
މީކާން ދިން ނަސޭހަތުގައި ހިފާ އީރަމް ބޯޖަހާލީ ހީލާފައެވެ. މިވީ ފަސްދުވަސްތެރޭ ވީނުވިއެއް ނޭނގުނެއްކަމަކު އީރަމްގެ ކުރިމަތީ މީކާން އިންގޮތާއި މީކާންގެ ފަރާތުން ފެންނަމުންދިޔަ ލޯބި ހަރަކާތްތަކުން އޭނާގެ ހިތް ދިޔައީ ދީވާނާއެއްފަދައިން މީކާންއަށްޓަކައި ލޯބި ވަމުންނެވެ. އެ ލޯބީގައި އޭނާ ހައްޔަރުވުމީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅުކަން ކަމުގައި އީރަމް ދެކެއެވެ. .
…………………..
ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް އީރަމް ދޫކޮށްލެވުނީ އަދި އިތުރު އެއްދުވަހު އެމީހުންގެ ބެލުމުގެ ދަށުގައި ބާއްވާފައެވެ. ނަޒީރާ އީރަމްއަށް ގެނައި ސާމާނު ބޮނޑި ހިފައިގެން ކޮޓަރިން ނިކުތީ މީކާން އީރަމް ގޮވައިގެން ދާނޭކަމަށް ބުނުމުންނެވެ. އެނދުން ތެދުވަން ނޭނގިފައި އިން އީރަމް ބަލައިލި އޭނާގެ ކުރިމަތީ ހުރި މީކާންއަށެވެ. މީކާން ބޯޖަހާލާފައި އޭނާގެ އަތްދިއްކޮށްލުމުން އެއަތުގައި ހިފާ އީރަމް އެނދުން ތެދުވުމަށްފަހު ހިނގައިގަތެވެ. ކުޑަ ވަގުތުކޮޅަކަށް މީކާން ނަރުހަކާއި ވާހަކަދައްކަން މަޑުކޮށްލަންޖެހުމުން މަޑުމަޑުން އީރަމް ކުރިއަށް ހިނގައިގަތެވެ. ފަން އިސްތަށިގަނޑު ވަނީ އަތުން އެއްވަރުކޮށްފައި މައްޗަށް އައްސާލެވިފައެވެ. މޫނުމަތިން އަދިވެސް ބަލިކަން ނުކެނޑެއެވެ.
ދެލޯ ކައިރި ކޮންމެވެސް ވަރަކަށް ވަޅުޖަހާފައި ހުރިއިރު އީރަމް ތަޅުވަމުންދިޔަ ދެތުންފަތް ހުރީ ހިކިފައެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ މީކާންގެ ނަން އޭނާގެ އަޑަށް ބާރުލާފައި ކިޔޭތޯއެވެ. އެތަށް ފަރިތަކުރުންތަކެއް އޭނާ އެކަނި އޮވެ ކުރިއެވެ. އޭނާއަށް ވާހަކަދެއްކެން މާ ގިނަދުވަހެއް ނެތްކަމަށް ގަބޫލުކުރަން އަދިވެސް ހުރީ ދަތިވެފައެވެ. މީކާންއާއި އެކު އުޅުަމަށްޓަކައި އޭނާ މާޒީ ގައި އިތުރަށް އުޅޭކަށް ބޭނުމެއްނުވެއެވެ. އަބަދުވެސް ފަހަތުން ދުވާ މާޒީ ގެ އަތުން އޭނާ ދޫކޮށްލަން ބޭނުމެވެ. ހިޔާލުތަކެއްގައި ހުރެ އަމިއްލަ އަތަށް ބަލަހައްޓައިގެން ހިނގަމުންދިޔަ އީރަމް ސިހުނީ އޭނާގެ އަތަށް އަތްލައްވާފައި ފިއްތާލި މީކާން ފެނިފައެވެ. މީކާންގެ އަތުގެ ބާރުދަށަށް އީރަމްގެ އަތް ގެނައުމުން އީރަމް އިސްއުފުލާ ކައިރި ހުރި މީކާންއަށް ބަލައިލިއެވެ. މީކާން އޭރުވެސް ހުރީ އީރަމްއަށް ބަލަހައްޓައިގެން ރީތި ހިނިތުންވުމެއްގައެވެ. އޭނާގެ އެ ޢަމަލުން އީރަމްއަށް އެއްޗެއް ބުނެދެން އުޅޭފަދައެވެ. ނަމަވެސް އީރަމްއަކަށް އެ މާނައެއް ނަގައެއްނުގަނެވުނެވެ.
“އަހަރެން ބުނީމެއްނު، އަހަރެން މިއަތުގައި ހިފާކަށް މާ ގިނަދުވަހެއް ނުނަގާނަމޭ… އީރަމް އާއި އަހަރެން މިއަދު މި އެއްވަރުކުރީ.. އީރަމް އާއި އެކު ދިރިއުޅުމުގައި ކުރިއަށް ދާން… އީރަމްއާއި އެއްވަރަށް ހިނގަން..” މާނަވީ ލޯބި ބަސްތަކަކުން ޖުމްލަ އަތުރާލި މީކާން އޭނާގެ ހިތުގައިވާ އިހުސާސްތަށް އީރަމްއަށް އިއްވަން ތައްޔާރުވެލިއެވެ. މީކާންގެ ބަސްތަށް އަޑުއިވިފައި އީރަމް އަށް ހުރެވުނީ ހައިރާންވެފައި މީކާންއަށް ބަލަހައްޓައިގެންނެވެ.
“އައި ލަވް ޔޫ އީރަމް… އަހަރެންނަށް އީރަމްދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ…” މީކާންގެ ފިރިހެންވަންތަ އަޑުން އިއްވާލި ބަސްތަށް އަޑުއަހަން ކެތްމަދުވެފައި ހުރި އީރަމްގެ ހިތް އުފަލުން ނަށާލިއެވެ. މީކާން އަށް ވެވުނު ދިގުދެމިގެންދި ލޯބި ބަދަލުވި ކަމަށްޓަކައި އެކުޑަވަގުތުކޮޅުގައިވެސް އޭނާގެ އުފާވެރިކަމަށް ހިތާމަ އިސްކުރިއެވެ.
“މީކާން ލޯބިވި ކުއްޖާ ދުނިޔޭގައި ހުރިނަމަ ހާދަ ނަސީބުގަދަވާނޭ… ތިހާ ގިނަދުވަސްވީ ލޯތްބެއް އަދި ކިހާ އުފާވެރިވީސް އޭނާ ހުރިނަމަ… ދެރަވަނީ އެ ނަސީބު އޭނާއަށް ނުލިބި އަހަރެންނަށް ލިބުނީމަ….” ދެރަވެފައި ހުރި އީރަމް ދެއްކި އިޝާރާތުގެ މާނަ މީކާންއަށް ރީއްޗަށް ދޭހަވިއެވެ. އެކަމާ ޚުދު އޭނާވެސް ދެރަވެ އެތަށް ޝަކުވާއެއް ކުރެވުނެވެ. ނަމަވެސް މިހާރު އޭނާގެ ވަގުތާއި މުސްތަޤުބަލު ހުސްކުރަން ބޭނުންވަނީ އީރަމްއާއި އެކުގައެވެ. އީރަމްއަށްޓަކައެވެ. ކާރުގެ ދޮރުހުޅުވާފައި އީރަމް އެތެރޭ އިށީނދެ ހަމަޖެހުމުން މީކާންވެސް ކާރަށް އަރާ ހަމަޖެހުނެވެ. ދެއަތްދެއަތާއި ކުޅެން އިން އީރަމްގެ އެއްއަތުގައި ހިފަހައްޓާފައި މީކާން ކާރު ދުއްވާލިއެވެ.
“އަހަރެން ތިވާހަކަ ދޮގެއްނުކުރާނަން.. އޭނާ ވަރަށް ނަސީބުގަދަވީސް.. އެކަމް އޭނާއަކަށް ނޭނގޭތާ އެހާ ލޯބިވީމީހަކު ހުރިކަމެއް.. އެހެންވީމަ އެ ލޯބީގައި ހިފާ ދެމުމަށްވުރެ ރަނގަޅުވާނެ ހެޔޮދުޢާ ކުރުން… އެ ލޯބީގެ ސަބަބުން އޭނާގެ މަތިން ހަނދާންކުރުމުގެ ބަދަލުގައި ރަނގަޅުވާނެ އޭނާގެ ފާފަތައް ފުއްސުވުމަށް އެދި ދުޢާ ކުރުން.. އަހަރެމެން ދުނިޔެމަތީ ތިބި މީހުންނަށް ކުރެވޭނީ އެކަންތައް އެކަނި ދޯ؟ އަހަރެން އޭނާ މަތިން ހަނދާންކުރާނަން… އޭނާގެ ދިރިއުޅުން ހަލާކަށް ނުވެއްޓުނުނަމަ މިއަދު އޭނާ ދުނިޔޭގައި ހުރިސް…” މީކާން އެހެން ބުނެފައި އީރަމްއަށް ބަލައިލިއެވެ. ދިރިއުޅުމުގެ އައު ބާބެއް އީރަމްއާއި އެކު ފަށަން އޭނާ ބޭނުންވަނީ ކުރީގެ ބާބުތަކުން އަތް ދޫކޮށްލާފައެވެ. އީރަމްގެ ނިންމުމަކީވެސް އެއީއެވެ. ނަމަވެސް ކުރިއަށް އޮތްތާނގާއި އެދެމީހުންވެސް ދޫކޮށްލި މާޒީ އެދެމީހުންނާއި ކުރިމަތިލާނީ ކިހިނަކުންކަމެއް އިނގޭނީ ކާކަށްހެއްޔެވެ؟
…………….
ދުވަސްތަށް ފާއިތުވީ އެފަދަގޮތަކަށެވެ. އޮފީހަށް ދާން ކެތްމަދުވެފައި ހުރި އީރަމް ކައިރިން މީކާން އެދުނީ އެހަފްތާ ނިމުމަކަށް އައިސްފައިވާތީ އާދިއްތަ ދުވަހުން ފަށައިގެން އައުމަށެވެ. ނަޒީރާ އީރަމްގެ ގޭގައި މަޑުކުރުން ވެގެންދިޔައީ މީކާންގެ ބިރުފިލައިގެން ދިޔަ އެއްކަމަކަށެވެ. އޭނާ އީރަމް އެކަނި ކުރާކަށް އެއްވެސް ހާލެއްގައި ބޭނުމެއްނޫނެވެ. ލިބުނު ތިންދުވަހުގެ ޗުއްޓީގައި އީރަމް ބޭނުންވީ ނާޒީ އާއި އެކު ކުލާސްތަށް ކުރިއަށް ގެންދިޔުމަށެވެ. އަދި ކުރީގައި ތިންދުވަހަށް ނަގައިދޭ ކުލާސްތަކުގެ ބަދަލުގައި ހަފްތާގެ ފަސްދުވަހު އޭނާ ކުލާހުގައި ބައިވެރިވާން ބޭނުންވާކަމަށް އެދުނެވެ. އީރަމްގެ ފަރާތުން ފެންނަމުންދިޔަ ޖޯޝެއްގެ ސަބަބުން ނާޒީއަށްވެސް އައު ހިތްވަރެއްލިބިގެންދިޔައެވެ. އީރަމް ކޮޓަރީގައި ހުރި އިތުރު ފޮށްޓަކަށް ނަޒަރު ދިޔުމުން އެއާއި ބެހޭގޮތުން ނަޒީރާއާއި ސުވާލުކުރިއެވެ.
“އާނ.. އެއީ އީރަމްގެ އެއްޗެހިތަކެއް.. އީރަމްގެ ނަމުގައި ސިޓީތަކެއްވެސް އައިއްސާހުރި… މަންމަ ނުއެއްބަލަން.. ދަރިފުޅު ގެންގުޅުނު ފަހާ ސާމާނުތަކާއި ފެހި އެއްޗެހިވެސް އެބަހުރި..” ނަޒީރާ އެހެން ބުނުމާއި އެކު އީރަމް އެ ހުޅުވީ ނިކަން ހަލުވިކޮށެވެ. އޭނާ ހުރީ އެ ފޮށިތެރެ ބެލުމަށް ކެތްމަދުވެފައެވެ. ހާއްސަކޮށް އޭނާ އެއްޒަމާނެއްގައި ފޯރިނަގާ ކުރި މަސައްކަތުގެ ހަނދާންތަށް އާވެގެންދިޔައެވެ. އަތުފެހުމަކީ އޭނާ ވަރަށް ކުރާހިތުން ކުރި ‘ހޮބީ’އެކެވެ. މަންމަގެ ފަރާތުން ދަސްވި އެ މަސައްކަތް ހުއްޓުމަކަށް އައީ މަންމަވެސް ނިމިދިޔުމާއި އެކުގައެވެ. ކުރީގައި އެހުރި ފަރިތަކަން މިހާރު ހުރެދާނެހެންހިއެއްނުވެއެވެ. އީރަމް އެ ސިޓީތަކުގައި އަތްލާފައިވެސް އެ ބާއްވާފައި ނެގީ އޭނާ ގެންގުޅުނު ފަހާ ސެޓެވެ.
“އީރަމް ތި ބަހައްޓާފައި އެހަށް އާދެބަލަ މި ދަބަހުގެ ޒިބު ނޭޅުވިގެން މިއުޅެނީ…” ނަޒީރާ ގޮވިއަޑަށް އީރަމް އެދިމާލަށް ދުއްވައިގަތެވެ. ނަޒީރާ މިއަދު ފުރަން އުޅޭތީ އެކަމާ އީރަމް ދެރަވިޔަސް ހުއްޓުވާކަށް ނޭދެއެވެ. ސާނިހު ގޭގައި އެކަނި ހުންނާތީއާއި އިބްރާހިމްގެ ވަޒީފާ އާއި މެދު ވިސްނާ އޭނާ އެ ނިންމުން ނިންމީ އީރަމް ގެ ހާލު ރަނގަޅުތޯ އެތަކެއްފަހަރު މަތިން ޔަޤީންކޮށްފައެވެ.
“މަންމާ…” އަވަދިނެތި އެކިތަންތަނުން އެއްޗެހި ނަގާ ފޮރުވަމުންދިޔަ ނަޒިރާ ހުއްޓުމަކަށް އައީ އީރަމްގެ އަޑަށެވެ. އީރަމްގެ އަޑު އެހާ ބާރު ނުވިއެއްކަމަކު އޭނާއަށް ސާފުކޮށް އީރަމްގެ އަޑުއިވުނެވެ. ފެންކަޅިވެގެންދިޔަ ނަޒީރާ އީރަމްގެ ގައިގާ އޮޅުލައިގަތެވެ. އެ ކުޑަ ހަރަކާތުން އެކަނިވެސް އީރަމްގެ ހިތުގައި ނަޒީރާއަށް އޮތް ލޯތްބާއި ޖާގަ ހާމަވެގެންދިޔައެވެ. ސާދަ އަހަރުވަންދެން އީރަމް ބަލާބޮޑުކުރި އޭނާގެ މަންމަގެ ޖާގަ ނަގާކަށް ނަޒީރާ ބޭނުމެއްނުވެއެވެ. ނަމަވެސް އީރަމްގެ ދުލުން މިއަދު މަންމާއޭ ކިޔާ ގޮވާލި އަޑަށް އޭނާ ގެ ހިތްވިރިގެންދިޔައެވެ. އީރަމްއަށްޓަކައި އޭނާ އެތަށް އެތަށް ޤުރުބާނީތަކެއް ވިއެވެ. އަމިއްލަ ލޭގެ މިންވަރެއް ނެތި ވިޔަސް އީރަމް ގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅުވީ އެއްވެސް އުޒުރެއްނެތިއެވެ. އީރަމް އިތުރަށް ބުނަން ބޭނުންވިޔަސް ނަޒީރާ އެކަން ހުއްޓުވިއެވެ.
“މަންމައަށް އިނގޭ އީރަމްގެ ހިތުގައި އޮތް އެއްޗެއް… މަންމަ އިންތިޒާރު ކުރާނީ އީރަމް ރަނގަޅުވެގެން މަންމަ ކައިރި ތިހުރިހާ ވާހަކައެއް ދައްކާނޭ ދުވަހަކަށް…” ނަޒީރާ އެހެން ބުނުމާއި އެކު އީރަމް އަވަސްއަވަހަށް ބޯޖަހާލިއެވެ. ނަޒީރާ ދިޔުމާއި އެކު ގެ އެކަށް ފަޅުވިއެވެ. ނަމަވެސް ޖެހިގެން އޮތް ދުވަހު އޮފީހަށް ދާންޖެހޭތީވެ އީރަމް އެކަމަށް ބޮޑު ތައްޔާރީއެއް ވާންފެށިއެވެ. ލާންވީ އަންނައުނު އިސްތިރިކޮށް ހުރިހާ މަސައްކަތެއް ނިންމާލިއެވެ.
……………………..
އީރަމް އޮފީހަށް ވަނުމާއި އެކު އޭނާއަށް މަރުހަބާ ކީ އޭނާގެ ގާތް މިތުރުންނެވެ. އެންމެންވެސް އީރަމް އޮފީހަށް އައިކަމާއި މެދު އުފާވާ ވާހަކައާއި އީރަމް ނެތުމުން ފަޅުވިވަރު ބުނެދެމުންދިޔައެވެ. އީރަމްއަށް ބައެއްގެ ފަރާތުން އެހާ ހާއްސަކަމެއް ލިބިގެންދިޔުމުން ވަރަށް އުފާވިއެވެ. އެއްވެސް ހާލެއްގައި އޮފީހުން ވަކިވާކަށް އޭނާ ނޭދެއެވެ. އެކުވެރިކަމާއި ގާތްގުޅުމުގެ އިހުސާސް އޭނާއަށް ކުރީ މީކާންގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން އެކަންޏެވެ. އެކުޑަ ބައްދަލުވުމަށްފަހު އެމީހަކު އެމީހެއްގެ މަސައްކަތަށް ރުޖޫއަވިއެވެ. އީރަމްގެ ކެބިންތެރޭ މުޅިންވެސް އިވެމުންދިޔައީ ހަމްދާގެ ޝަކުވާތަކެވެ. އީރަމް ނެތުމުން އޭނާ ފޫހިވީވަރެވެ. އެއްލިކަޅިން އީރަމްގެ ލޮލުގައި އަޅައިގަތީ ބިއްލޫރި ދޮރުކައިރީ އޭނާއަށް ބަލަހައްޓައިގެން ހުރި މީކާންއެވެ. މީކާން އަތުގެ އިޝާރާތުން އީރަމް ވަރަށް ރީތިކަމަށް ބުނުމުން އީރަމް އިސްޖަހާލިއެވެ. ލަދުން އޭނާ ވިރޭވަރުވީ އޭނާއާއި ދިމާ އެތަށްއިރެއްވަންދެން މީކާން ބަލަންހުރިކަން އެނގިގެންނެވެ. ހިތްހަމަޖެހޭވަރުވުމުން މީކާން ގޮނޑީގައި އިށީނދެ މަންމައަށް ގުޅާލީ ޔޫސުފުގެ ހަބަރެއް ދަބަރެއް ނުވެގެންނެވެ. ފޯނަށް ގުޅުމުންވެސް ފޯނުނުނަގައެވެ.
“މަންމާ؟ ކޮބާތަ ޔޫސުފް… އަހަރެންނަށް އަޑުއިވުނުގޮތުގައި ޔޫސުފް ޗުއްޓީ ނެގީ މަންމަ ބުނެގެން.. އެކަމް އަހަރެން ކައިރީ އެކަހަލަ ވާހަކައެއް ޔޫސުފް ނުދައްކާ… ކިހިނެއްވީ؟”
“އާނ އެއީ މަންމަ ބުނެގެން… މަންމަ މަސައްކަތެއް ހަވާލުކުރީ.. ދަރިފުޅަށް އެއްވެސް އުނދަގުލެއް ވޭތަ ޔޫސުފު ނެތީމަ؟؟”
“ނޫން ދެން ކޮންމެވެސް ވަރަކަށް ދަތިއެބަވޭ.. އެކަމް ޔޫސުފު ޗުއްޓީ ހަމަވާނެ ވަރަށް އަވަހަށް.. އޭނާއަށް ގުޅީމާވެސް ބައްދަލުނުވާތީވެގެން.. ދެން މަންމަ ބުނެބަލަ މަންމަ އަންނަ ދުވަހެއް… މިހާރު ދެމަހަށްވުރެ ގިނަދުވަސްވަނީ..”
…………………..
“މަންމަ ދާނަން ވަރަށް އަވަހަށް..” ފޯނު ބޭއްވި މުނާގެ ނަޒަރު ހުއްޓިފައި ހުރީ ފޮޓޯތަކަކަށެވެ. އެއީ އިހުގައި އޭނާގެ ދަށުން މަސައްކަތްކުރި މީހުންގެ ފޮޓޮތަކެވެ. ކޮންމެ ފޮޓޯއެއްގެ ފަހަތުގައި އެ މީހެއްގެ ފުރިހަމަ މައުލޫމާތު ވަނީ ހިމެނިފައެވެ. ޔޫސުފު އޭނާއަށް އުފާވެރި ހަބަރެއް ދިންތާ އަދި މާ ގިނައިރެއްނުވެއެވެ. ވަހީދުގެ އަނގަ ބަންދުވެފައި ހުއްޓެއްކަމަކު ޔޫސުފުގެ ސިކުނޑިއަކީ ފޮރުވިފައިވާ ސިއްރު ހޯދަން މާހިރު އެއްޗެކެވެ. ވަހީދުގެ ބާރުދަށަށް އޭނާ ގެނެސް ކިތަންމެ ވާތަކެއްގައި ހައްޔަރުކުރިއެއްކަމަކު މުނާ ދަމާ ވަލުގައި ހުންނަ ތަތްގަދަކަން އަދި ވަހީދުއަށް ނޭނގެނީއެވެ. އިނގޭ ދުވަހަކީ ވަހީދުގެ ފުރާނަ ނެތިގެން ދާނޭ ދުވަހެވެ. އެ ހެއްކާއި އެކު ވަހީދުވެސް އަދި އޭނާއާއި ބައިވެރިވި އެންމެންވެސް ނެތިކޮށްލަން މުނާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އެތަށް މަސައްކަތަކުން ޔޫސުފުގެ އެހީގައި މަރުވެ ދިޔަ މީހުންގެ އާއިލާތަކުގެ މައުލޫމާތުތަކާއި ދިރިތިބި ދަރިންނާއި ދަރިންގެ ދަރިންގެ މައުލޫމަތު ވަނީ އެއްކުރެވިފައެވެ. ދެން ހޯދަންޖެހޭނީ ވަހީދު އެ ފޮނުވި އެއްޗެއް ފޮނުވި މީހެކެވެ. މިހާރު ލިބިފައިވާ ކުރިއެރުން ވަކި ކުޑައެއްނޫނެވެ.
މުނާގެ ނަޒަރު ހުއްޓުނީ ނަބާހާގެ ފޮޓޯއަށެވެ. އެކުވެރިކަމުގެ ގުޅުމާއި ގާތްކަން އޭނާއަށް އިހުސާސްކޮށްދިން ހަމައެކަނި މީހަކީ ނަބާހާއެވެ. ކުޑައިރުންފަށައިގެންވެސް މަންމައާއި ބައްޕަ ތިބެ، އެކަނިވެރިކަންމަތީ އުޅެމުންދިޔަ މުނާ އެ އަނދިރިގަނޑުން ނެރެ ސަލާމަތްކޮށްދިނީ ނަބާހާއެވެ. އެކީ ބޮޑުނުވިއެއްކަމަކު ޒުވާންކަމުގެ ދައުރު ދެމީހުންވެސް ހޭދަކުރީ އެކަކު އަނެކަކާއި އެކުގައެވެ. ކުދިން ލިބުމާއި ހަމައަކަށް ނުހަނު ގާތްކޮށް އުޅެފައި ދެމީހުންގެ ދޭތެރޭ އެޅުނު ހުރަހަކަށްވީ ނަބާހާގެ ‘މާތް’ކަމެވެ. ނަބާހާ އޭނާއާއި ކިތަންމެ ގާތްކޮށް އުޅުނެއްކަމަކު މުނާ ނަބާހާ ދެކެ ނަފުރަތު ކުރެވެންފެށުނީ އެއްއޮފީހެއްގައި މުނާގެ ދަށުން މަސައްކަތްކުރާއިރުވެސް ނަބާހާގެ ގަވާއިދުތަކާއި އުސޫލުތަށް އޭނާއަށް ކިޔައިދީ ބައެއްފަހަރު ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާތިއެވެ. އެންމެ ފަހުން ޕާޓްނާޝިޕްގެ ގޮތުގައި ގުޅުނު ބޭރު ބަޔަކާއި އެކު އޭނާވެސް ފައިސާ ވަންނަ މަގު އިތުރުކޮށްލިއެވެ. ނުހައްޤުންނާއި ނަހަމަގޮތުގައި ފައިސާ ކުންފުންޏަށް ވަންނާނެ ދޮރު ހުޅުވީ ހުދު މުނާއެވެ. އެހުރިހާ ލިޔެކިޔުންތައް ފޮރުވުމުގައި އެހީވެދިނީ ޔޫސުފްއެވެ. ނަމަވެސް ނަބާހާއަށް އެކަން ފަޅާއަރާކަށް މާ ގިނަދުވަހެއްނުނެގިއެވެ. މުނާ ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރަން ބުންޏެއްކަމަކު އޭނާ ދެންވެސް އެމީހުންނާއި ގުޅިގެން ކަޅު ވިޔަފާރި ފުޅާކުރިއެވެ.
“ނަބާހާއަށް އިނގޭތަ އަހަރެން އަނދިރިގަނޑުން ސަލާމަތްކޮށްދިން ހަމައެކަނި މީހަކީ ތީ، އެއްވެސް ލޭގެ ގުޅުމެއް ނެތި، އަހަރެންނަށް އެހީވެދިނީ ނަބާހާ… އެކަމް ނަބާހާއަށް އިނގޭނެ ރަނގަޅަށްވެސް، އަހަރެންނަކީ ކުޑައިރުވެސް ގުޅުމާއި، ގާތްކަމާއި މި ތަކެއްޗަށް ބަރޯސާވެހުންނަ މީހެއްނޫން، އެއީ އަހަރެންނަށް ބީރައްޓެހި ކަމެއް… އަހަރެންގެ ކަމަކަށް ހުރަސްއެޅީ އަހަރެންގެ އެންމެ ގާތް މިތުރު، އަހަރެން އެންމެ ލޯބިވި ގާތްއެކުވެރިޔާ އެކަމް މިއަދު ނަބާހާ ތިހުރީ ކޮންތާކު؟ އަހަރެން މިހުރީ ކޮންތާކު؟ އެޔޭ މިބުނާ އެއްޗަކީ ނަބާ… އަހަރެން އެދުވަހު ރީތިކޮށް ބުނިއިރު އެ ދިންނަމަ، ދެވަނަ ފަހަރަށް އަހަރެންގެ ލޮލުގައި އަނދުން އަޅުވާފައި އަހަރެން ފަޅާއަރުވާލަން މަސައްކަތްނުކުރިނަމަ ނަބާހާ މިއަދު ހުރީހީ ސަލާމަތުން….”
ފޮޓޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ބަލަހައްޓައިގެން ހުރި މުނާގެ ލޮލުގައި ކަރުނައިގެ ސާލެއް އެޅުނެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ކަޅު އަނދިރިގަނޑުގައި އޭނާވެސް ގެއްލި ހިނގައްޖެއެވެ. އޭނާއަށް އެހީވެދިން، ހިނގާނޭ މަގުކޮށައިދިން އެކުވެރިޔާ ގެއްލި ދިޔަކަމަށްޓަކައި ހިތުގެ ކަނަކުން ދެރަވެ ހިތާމަކުރިއެއްކަމަކު އެއީ ނަބާހާއަށް ލިބިގެންވާ ހައްޤު އަދަބު ކަމުގައި މުނާ ދެކެއެވެ.
އެދުވަހުގެ ހާދިސާ އަދިއަދަށްދާންދެންވެސް މުނާގެ ލޮލުކުރިމަތީ ކުޅެލަ ކުޅެލަ ހުރެއެވެ. އޭނާގެ ސަލާމަތަށްޓަކައި އަމިއްލަ މަސައްކަތުން ރާނާ ކޮޅަށްނެގި ވިޔަފާރިއާއި އިމާރާތްވެސް ޤުރުބާންކޮށްލަންޖެހުނުއިރު އެތަށްބައެއްގެ ފުރާނަވެސް ދުއްވާލެވުނީ އެންމެ މީހެއްގެ ސަބަބުންނެވެ. އެ ހުޅުގަނޑުގައި އޭނާގެ ހުރިހާ ފަށުފުއްތައްވެސް އަނދާ އަޅިއަށްވީކަމަށް އޭނާ ހީކުރިއެއްކަމަކު ވަހީދު އެބުނާ ހެއްކެއް އޭނާ އަތުގައި އޮންނަންޖެހުނު ސަބަބެއް މުނާއަކަށް ނުވިސްނުނެވެ. ނަބާހާ ފިޔަވާ އިތުރު މީހަކަށް އެވާހަކަތަށް ނޭނގޭއިރު ވަހީދުއަށް މިވާހަކަތަށް މި އެނގުނީ ކިހިނެއްހެއްޔެވެ؟ މުނާއަށްފަހު ނަބާހާގެ ދިރިއުޅުމަށް ހާއްސަ ދެވަނަ އެކުވެރިއަކީ ލަމްހާއެވެ. ލަމްހާ އާއި ނަބާހާވެސް މަސައްކަތްކުރަނީ މުނާގެ ދަށުންނެވެ. އެ ހާދިސާގައި ލަމްހާވެސް ނެތިގެންދިޔައިރު ލަމްހާގެ ފިރިމީހާ، ވަހީދު، އަށް މިހުރިހާ ކަމެއް އެނގެންވީ ސަބަބެއް ވިސްނާވިސްނާވެސް ނޭނގުނެވެ.
…………………………………
ނުނިމޭ
12 Comments!
Comments are closed.
Salaam and Good Morning!!! Next part tomorrow morning. 🙂 take care. Let me know what you think about it! Also this story has twenty episodes. Do you like the picture? And what do you think will happen next? See ya, take care ❤️
Gud morning!! Owwn !! Hama Masha Allah varah salhi ey bunaanee … Twenty ???? … Yes picture ves varah salhi … take care …. Luv u …#stayhome lysm
Yes 20 afu! Thankyou and take care ❤️
Wowwww.. Masha Allah mi part vs hama v furiham.. Waiting for next part.. Lysm❤❤❤
Thankyou ms chocolate. Love you too ❤️
Varah reethi Masha Allah photo varah reethi
Stay home be safe
Thankyou yan ❤️
Aslu meekan loabi vee girl akee hama Eeram.. meekan ah olhunee name… lamya akee eeram ge family or frnd eh… Lamaya ah kujjeh govaaleema meekan ah heevee Eeram ge name akee Lamya henn.. this is wat i think.. story v v reethi.. my very first commnet to this site since 2017
That’s so long niinu and I’m glad your first comment after that many years is on my story ☺️☺️ And let’s see what happens dhw niinu thankyou so much. ❤️
Varah reethi.. Keep it up… I love your stories… Picture ves Varah reethi… ? ? ? ? ? lot of love
Varah reethi ????.. This is my first comment to your story.. But I read your all stories… Its superb…. And can I call you sis…. If you don’t mind… ??????????your are the best author…. Sifakuruntha Varah reethi…
Thankyou darling. Armys commenting on my posts make me feel like home. Thankyou so much and Of course you can call me sis, I HOPE IM OLDER THAN YOU THO :P. 🙂 TC