ދެދުވަސްފަހެވެ. އޮފީސް ނިމުނުގަޑީގައި އީރަމް އާއި އެކު އޮފީހުން ނިކުތް މީކާން ހުއްޓުނީ ކާރުކައިރީގައެވެ. އޭނާއަށްވުރެ ކުރިންނާއި ފަހުން ނިކުތް މުވައްޒަފުންތައް ހިނިތުންވެލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން ތިބިގޮތުން އީރަމް ލަދުގަތެވެ. އެންމެންނަށްވެސް އެދެމީހުންގެ ދޭތެރޭ ގުޅުމެއްވާކަން އެނގި އެކަމާއި ޖެއްސުންކުރާ ކޮންމެ ފަހަރަކު އީރަމް ލަދުން ވިރިގެންދެއެވެ.
“މިއަދު ހިނގާ އަހަރެމެންގެ ގެޔަށް ދާން… އިރުކޮޅަކުން ކުލާސް އިންނާނެއެއްނު…” މީކާން ބުނި އެއްޗަކަށް އީރަމް ބޯޖަހާލިއެވެ. ދެމީހުންވެސް ކާރަށް އަރާ ހަމަޖެހިލުމަށްފަހު މީކާން ކާރު އަނބުރަން މަސައްކަތްކުރިއެވެ. ކުރިމަތިން ދުއްވަމުންދިޔަ ދުއްވާ އެއްޗެހި މަޑުކޮށްލުމުން ކާރު އަނބުރާލާފައި މީކާން ދުއްވާލުމުން އީރަމް ސުވާލު އުފެދިފައި މީކާންއަށް ބަލައިލިއެވެ. އެހެންޏާ މީކާން ދަނީ މިމަގުން ނޫންކަން އީރަމްއަށްވެސް އިނގެއެވެ.
“ފިހާރައަށް ގޮއްސާ ދާންވެގެން..” މީކާން ޖަވާބުދިނެވެ. އެމަގުން ހުރަސްކުރަން ވީހާވެސް ބޮޑަށް ދުރުހެލިވާ މީކާންގެ ނަޒަރު ހުއްޓުނީ ކުރިމަތީ ހުރި އިމާރާތްތަކަށެވެ. އޭނާގެ މަންމަގެ މަސައްކަތުން ދެވަނަ ފަހަރަށް ނަގާ ކޮޅަށްޖެހި ފިހާރައެވެ. މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ އެ ނުރައްކާތެރި ހާދިސާގެ ކުލަ ފެންނަން ނެތެއްކަމަކު އެކުލަ ވަނީ މީކާންގެ ހިތުގައި ހަރުލާފައެވެ.
އީރަމް އާއި މީކާންގެ ނަޒަރު ހުއްޓިފައިހުރީ އެއްދިމާލަކަށެވެ. ދެމިހުންގެ ހިތުގައި ވަނީ އެއް ހާދިސާއެކެވެ. އަލިފާނުގެ ބޮޑު ހުޅުތެރެއިން ފަނާވެގެންދިޔަ އެތަށް ދިރިއުޅުންތަކެކެވެ. “ލަމްޔާ…” އީރަމްއަށާއި މީކާންއަށް އެކީ އެކައްޗަކަށް އެހެން ބުނެވުނުއިރު ކާރު އެއިމާރާތް ހުރަސްކޮށްފިއެވެ. ދެމީހުންވެސް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެކަކު އަނެކަކަށް ބަލާލިއެވެ.
“މީކާން…”އީރަމް ގޮވާލި އަޑަށް މީކާން ދެބުމަ ކައިރިކޮށްލާފައި އީރަމްއަށް ބަލައިލިއެވެ. އީރަމް އަނެއްކާވެސް ގޮވާލިއެވެ. ޖަވާބުގައި މީކާން ލައްބައޭ ބުނެފައި އަދިވެސް އެ އަޑުން މީކާންއަށް ގޮވާލާށޭ ބުނީ އަޑުއަހަން ކެތްމަދުވެފައި އިނދެއެވެ. އީރަމް ހޭންފަށާފައި އަނެއްކާވެސް މީކާންގެ ނަމުން ގޮވަންފެށިއެވެ. އޭނާ ފަރިތަކުރުންތަކުގެ ނަތީޖާއަކަށްވެގެންދިޔައީ މީކާންގެ ނަމާއި މަންމަގެ ނަން ފަސޭހަކަމާއި އެކު ކިޔުމެވެ. އޭގެ އިތުރަށް އޭނާ ވަރަށް ގިނަ ޖުމްލަތަށް މިހާރު ބުނެވެއެވެ. ނަމަވެސް ނާޒީއާއި ދެމީހުންގެ ރޭވުމެއްގެ ތެރެއިން އެވާހަކަ މީކާން ކައިރި ނުބުނީ މީކާން އަށް މިރޭ ސަޕްރައިޒެއް ދޭން ބޭނުންވާތީއެވެ.
” އަދި ވެސް ގޮވާބަ، ބައިވަރު ފަހަރު ގޮވާ..” މީކާން އެހެން ބުނެފައި ހިނިގަނޑެއްޖަހާލުމާއި އެކު އީރަމްއަށްވެސް ހެވުނެވެ. އޭނާ މީކާންއަށް ގޮވާލާ ކޮންމެފަހަރަކު މީކާންއަށް ވަމުންދިޔަ ގޮތްތަކުން އީރަމްއަށް ދިޔައީ ހެވެމުންނެވެ.
“އައި ލަވް ޔޫ….” އީރަމްގެ ދެކޮލުގައި ހިފާ ފިއްތާލާފައި މީކާން އެހެން ބުނުމުން އީރަމް އޭނާވެސް ލޯބިވާވަރު ހާމަކޮށްދިނެވެ. އީރަމްގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުމާއި އެ ތުންފަތްމަތީ ވާ ހިނިތުންވުން ތާ އަބަދު ލެއްވުމަށް ދުޢާ ކުރިއެވެ. އަދި އެހާ އުފަލުގައި އީރަމް ބެހެއްޓުމަށް އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަޒުމް ކަނޑައެޅިއެވެ.
މީކާންގެ ބޮޑު ގޭގެތެރެއަށް ފިޔަވަޅު އަޅާލި އީރަމް ހައިރާންވެފައި މުޅިތަނަށް ބަލާލިއެވެ. ބޭރުން ގެނެއްސާ ހުރި މަސައްކަތު މީހުން އެމީހެއްގެ ކަމެއްގައި އަވަދިނެތި އުޅެމުންދިޔައެވެ.
“މި ގެ ކިތަންމެ ބޮޑެއްކަމަކު ނޭވައި ހާސްވާވަރު އަހަރެންނަށް އިނގޭނީ….” މީކާން އެހެން ބުނީ ސޯފާގައި އީރަމް ބައިންދާފައެވެ. އޭނާގެ ޚިދުމަތަށް މީހަކު އަވަސްއަވަހަށް ގާތްވެލުމުން މީކާން ޖޫސްތަށްޓެއް ހެދުމަށް ބުނެފައި ސޯފާ މައްޗަށް ވެއްޓިގަތެވެ.
“ނޭވާ ހާސްކުރުވަނީ ތިމާ އުޅޭ ތަނެއްގެ ސަބަބުންނެއްނޫނޭ، ނޭވާ ހާސްވަނި ތިމާ އުޅޭ ހާލަތްތަކުން ސަލާމަތްނުވެވުނީމަ…” އީރަމް ބުނި އެއްޗެއް ނަގައިގަންނަން މީކާންއަށް ވަގުތުކޮޅެއްނެގިއެވެ. އޭނާ އީރަމްގެ ކޮލުގައި ހިފާ ދަމާލާފައި ވަށައިގެން ބަލާލިއެވެ. ބައެއް މީހުން ބޯ ދިއްކޮށްގެން އެމީހުންނަށް ބަލަހައްޓައިގެން ތިބިގޮތުން މީކާން ހިނިއައެވެ. ދުވަހަކުވެސް އަންހެންކުއްޖަކު ގެޔަށް ނުގެންނަ މީކާންގެ ފަރާތުން މިކަހަލަ ކަމެއް ފެންނަންޏާ ވެސް ވާނީ އެހެންނެއްނޫންހެއްޔެވެ؟ މިމީހުން އަނެއްކާ މަންމަ ކައިރި ކިޔާނެކަންވެސް ޔަޤީނެވެ.
މީކާން އީރަމްއަށްޓަކައި ގަނެދިން ބައެއް ސާމާނުތަށް ހާވަން އިން އީރަމް ސިހުނީ އޭނާއަށް މީހަކު ދިއްކޮށްލި ޖޫސްތަށި ފެނިފައެވެ. ވަރަށް ލަދުގަނެފައި އިނދެ އޭނާ ޖޫސްތަށީގައި ހިފާ ކޯވަރެއްބޯލިއެވެ. މީކާންވެސް އެފަދައިން ޖޫސްބޯން އިނދެ އީރަމްއާއި ވާހަކަދައްކަންފެށިއެވެ. އަދި ސާމާނުތަށް ގަނެދިނުމުން އެ ފޮރުވާފައި ބެހެއްޓުމުގެ ބަދަލުގައި ބޭނުންކުރަން އެދުނެވެ.
“މީކާން…!” ޖޫސްތަށި ތުނބުން ނައްޓުވާލި މީކާންގެ ދެލޯ ބޮޑުވީ ފަހަތުން އޭނާއަށް ގޮވާލި މުނާގެ އަޑުއިވިފައެވެ. އޭނާއަށް ނޭނގި މުނާ އައިސްދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އަނެއްކާ މިދިމާވިއިރުވެސް ދިމާވީ އީރަމް އާއި އެކުގައެވެ. އީރަމްގެ ނަޒަރު ހުއްޓުނީ މީކާންއަށެވެ. މީކާންގެ މޫނުމަތިން އެކަނިވެސް އޭނާ ބިރުގަނެފައިހުރިކަން ދިޔައީ ފެންނަމުންނެވެ. މީކާން ގެ އާއިލާ އާއި ބެހޭގޮތުން އެއްދުވަހަކު އެހުމުން އެނގުނުގޮތުގައި މީކާންގެ ހުންނަނީ އޭނާގެ މަންމައެކަންޏެވެ. އެއްވެސް ކޮއްކޮއެއް ބޭބެއެއް ނެތި އޭނާ އުޅެންޖެހުނެއްކަމަކު މަންމަ އާއި އޭނާ ގެ ވަރަށް ގާތް ގުޅުމެއްވާކަމާއި މަންމައަށްވުރެ ބޮޑަށް އޭނާ އަމިއްލަ ނަފްސަށްވެސް އިތުބާރު ނުކުރާކަމަށް ބުންޏެވެ. ހާއްސަކޮށް މީގެ ހަތްވަރަކަށް އަހަރުކުރިން އިންޑިޔާއަށް ދިޔަ ދަތުރެއްގައި ބައްޕަ ނިޔާވުމާއި ގުޅިގެން މަންމަ އެކަނިވެރިނުކުރުމަށްޓަކައި އޭނާއަށް ކުރެވެންހުރި ހުރިހާކަމެއް ކުރިއެވެ.
“އެކަމް މަންމަ ވަރަށް ހަރުކަށި ގަވާއިދުގެންގުޅޭނެ… ރައްޓެހިންނެއްވެސް ނުގެންގުޅެން، ދުވަހަކުވެސް ނުހުންނާނެ ކުއްޖަކު ގެޔަށް ގެނެއްސައެއް.. މަންމަ އާއި އީރަމް ދިމާވާދުވަހު މަންމަ އަށް ވާނެގޮތެއް ވިސްނެނީ ހަހަހަ..” އީރަމްގެ ކަންފަތުގައި ގުގުމައިގަތީ މީކާން މީގެ ކުރީދުވަހެއްގައި ބުނި ބަސްތަކެކެވެ. އީރަމް އެ އިންގޮތަށް އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. މީކާންގެ މަންމައަށްވެސް ލިބޭނީ ހައިރާންކަމެއްކަން އޭނާއަށް އިނގެއެވެ.
މީކާން ފަސްއެނބުރި މަންމައާއި ކުރިމަތިލިއިރު މަންމަވެސްހުރީ ހައިރާންވެފައެވެ. މީކާން ދުލުގައި ދަތް އަޅާލާފައި ސޯފާއިން ތެދުވުމުން އީރަމްވެސް ތެދުވިއެވެ. އަދި އެމީހުންނާއި ދިމާލަށް ހަރުފިޔަވަޅުތަކެއްގައި އަންނަ މުނާއާއި ކުރިމަތިލިއެވެ. އެވަގުތު އީރަމްއަށްވެސް އަދި މުނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. މުނާގެ ދެފައިގައި ތަޅުއެޅުވުނުއިރު، އީރަމްގެ މުޅި ހަށިގަނޑުގައި މަޑުތުރުތުރެއް އުފެދުނެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މީގެ އަހަރުތަކެއް ކުރީގެ ހާދިސާއެއް ދިޔައީ ހަނދާންވެގެންނެވެ.
“ޕްލީސް މަންމައަށް އެހެން ނަހަދާ.. ޕްލީސް….”
“ކަލޭ މިތަނުން ދެން ނުނިކުންނާތި. ދެވަނަ ފަހަރަށް އަހަރެންނަށް ހަމަލާދޭން އުޅެފިނަމަ އަހަރެންނަށްވުރެ ނުބައި މީހެއްނުހުންނާނެ.. ކަލޭ މަންމަވެސް މަރުވާނީ ކަލޭއާއި ހެދި.”
އީރަމްގެ އަތުގައިހިފާ ދަމާކޫއްތަމުން ކަހަލަގޮތަކަށް ލޯންޑްރީ ރޫމްގެ އެތެރެއަށް ކޮށްޕާލާފައި ދޮރު ބޭރުން ތަޅުލިއެވެ. ބިއްލޫރި އެދޮރުން ސާފުކޮށް ވަމުންދިޔަ ކަންތައް އީރަމްއަށް ފެނުނެވެ. ނަމަވެސް ކުރާނޭ ކަމެއް ނޭނގިފައި ހުރެ އޭނާއަށް ދިޔައީ އެތަނުން އޭނާ ނެރުމަށް އެދި އާދޭސްކުރަމުންނެވެ. މަންމަގެ ކުރިމަތި ހުރެ ބަހުންނާއި އަތުން ހަމަލާދެމުންދިޔަ މުނާ ގެ ހިތުގައި ރަހުމެއްނެތްކަން އީރަމްއަށް އެހިނދު އެނގުނެވެ. މަންމަ ކައިރީ އެތަކެއް ފަހަރު އޭނާ އިންޒާރު ދެމުންދިޔައީ އޭނާ ބޭނުންވެގެން އެ އުޅޭ އެއްޗެއް ދިނުމަށެވެ. ނަމަވެސް މަންމަ ހަމަހިލާ ގުޑައިނުލިއެވެ. އެ ނުބައި އަނިޔާވެރި މުނާގެ ބަހަށް ހެއްލުމެއްނެތި މަންމަ އެ އަނިޔާތަކާއި ކުރިމަތިލީ ސާބިތުކަމާއި އެކުގައެވެ.
“ކަލޭ ހަނދާންބަހައްޓާތި، އަހަރެންނަށް ކަލޭ މަރައިވެސްލެވޭނެ..”
އީރަމްއާއި މުނާގެ ކަންފަތުގައި ގުގުމައިގަތީ މުނާ އެގެއިން ނިކުންނަމުން އީރަމްގެ މަންމައަށް ދިން ފަހުގެ އިންޒާރެވެ. މުނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ކުރިމަތި ހުރީ ކާކުކަން އޭނާއަށް ރަނގަޅަށް އެނގިގެންނެވެ. ހަންގަނޑުގެ އޮމާންކަމުން ފަށައިގެން ގޮސް ލޫޅާފަތި ކުރު އިސްކޮޅަކީ ނަބާހާގެ ރީތިކަމެވެ. އެ ރީތިކަން އީރަމްއަށްވެސް ވަނީ ލިބިފައެވެ. ތަފާތަކީ ހަމައެކަނި ނަބާހާގެ ވަރުގަދަ ބުޅި އިސްތަށިގަނޑާއި ހަމުގެ ކުލަ ނެތްކަމެވެ. އެ ބޮޑު ދެލޮލާއި އެ ކަޅިރަވަޔާއި، އެ މޫނުގައިވި ކޮންމެ ސިފައެއްވެސް ވީ ނަބާހާގެ ނަންމަތީގައެވެ. އީރަމް ފެނިފައި މުނާގެ ސިކުނޑިގައި އެތަށް ސުވާލުތަކެއް އުފެދިގެންދިޔައީ އޭނާ މުނާގެ ގޭގައި ހުރުމުގެ ސަބަބު ނޭނގޭތީއެވެ. ވަހީދުގެ ކުޅިވަރަކީ މިއީހެއްޔެވެ؟ އީރަމްގެ ހިތުގައި އުފެދިގެންދިޔަ ބިޔަ ތޫފާންގަނޑު ހިންދާލަން އޭނާއަށްވީ އުނދަގޫކަމަކަށެވެ. ކުރިމަތީ އެހުރީ އޭނާގެ މަންމަގެ ޤާތިލުކަން އޭނާއަށް ރަނގަޅަށްވެސް އިނގެއެވެ. އޭނާގެ ދިރިއުޅުމަށް އައި ކަޅުވިލާގަނޑުގެ ފަހަތުގައިވަނީ މީކާންގެ މަންމައެވެ. އޭނާގެ ދިރިއުޅުމުން މަންމައާއި ބައްޕަގެ ހިޔަންޏާއި ގާތްއެކުވެރިޔާގެ ހިޔަނި ނެތިދިޔައީވެސް އޭނާގެ ކުރިމަތި ހުރި ނުބައި އަނިޔާވެރިޔާގެ ސަބަބުންނެވެ. އީރަމްއަށާއި މުނާއަށް ވީގޮތަކުން މީކާން ހުރީ ހައިރާންވެފައެވެ. އެދެމީހުން ގެ ނަޒަރުން އެކަނިވެސް އެކަކު އަނެކަކު އިނގޭކަން މީކާންއަށް ހާމަވިއެވެ. ނަމަވެސް އެއީ ރަނގަޅު ފެށުމަކުން ނޫންކަން ވެސް ދިޔައީ ހާމަވަމުންނެވެ.
އީރަމްގެ އަތުގައި ހުރި ޖޫސްތަށި ތަޅުންގަނޑުމައްޗަށް ވެއްޓި ތެޅުމާއި އެކު އީރަމްއަށް އިސްޖަހާލެވުނެވެ. އޭނާގެ ދެލޮލުގައި އުފެދިފައިވާ ކަރުނަތަށް ފައިބައިގެންދިޔައިރު އޭނާއަށް ދިޔައީ ފުންނޭވާތަކެއް ލެވެމުންނެވެ. މަންމަ އެ އެޅި ފިޔަވަޅު އަޅާކަށް އޭނާ ނޭދެއެވެ. މަންމަ ތެދުމަގުގައި ހިނގައިގެން ލިބުނު އެއްވެސް ފައިދާއެއް އީރަމްއަކަށް ނުފެނެއެވެ. ބަދަލުގައި ފެނުނީ ހިތްދަތިގޮތަކަށް ނިޔާވެދިޔަ ބައްޕައެވެ. ނުކުޅެދުންތެރިވި އަމިއްލަ ނަފްސެވެ. މުޅިންވެސް ގެއްލުމާއި ހަލާކެވެ. ކާމިޔާބީއަކީ ބާރުވެރިންގެ އަތުގައި އޮތް އެއްޗެއްކަން އީރަމްދެކެއެވެ. އެކަމާއިވެގެން އެ ދުވަހާއި، އެދުވަހާއި ވިދިގެން ހިނގި ކޮންމެ ހާދިސާއެއް އޭނާ އަމިއްލަ ހިތުތެރޭ ފޮރުވައިގެން ހުރީ އެކަން ބޭރުވެއްޖެނަމަ އޭނާއަށް މުނާއާއި ކުރިމަތިލާންޖެހޭނެކަމުގެ ބިރުއޮތުމުންނެވެ. އެ އަނިޔާވެރިކަން ލޮލުން ފެނި އަތުން ހިފައިފާ ހުރުމުން ދެވަނަފަހަރަށް އެކަން ތަކުރާރުވާކަށް އީރަމް ނޭދެއެވެ. ނަމަވެސް މިއަދު މިވީ ގޮތް ދެކިބަލާށެވެ! ދުޝްމަނު މިހުރީ އޭނާގެ ކުރިމަތީގައެވެ. އެމީހަކުވެގެން މިދިޔައީ ޖާނާއި މާލުން ޤުރުބާންވާން އެދޭ ހިތުގެ ވެރިޔާގެ އެންމެ ހާއްސަ މީހާއަށެވެ. އޭނާ އަށް ކުރެވޭ ނުކުރެވޭ ނޭނގޭ ހާލު ފަސްއެނބުރެވުނެވެ. އެއްވެސް ހާލެއްގައި އޭނާ މަންމަ ކުރިކަންތައް ތަކުރާރުކުރާކަށް ނޭދެއެވެ. އީރަމް ސިހުނީ އޭނާގެ އަތުގައި މީކާން ހިފެހެއްޓުމުންނެވެ.
“އީރަމް.. ކިހިނެއްވީ؟؟ މަންމާ… ކިހިނެއްތަވީ؟” ވާނުވާގައި ހުރި މީކާންގެ އަޑަށް އީރަމްގެ ހިއްސުތަށް ހޭލިފަދައެވެ. ކިތަންމެ ފަހަރަކު ގަބޫލުކުރަން ބޭނުންނުވިޔަސް މުނާ އަކީ މީކާންގެ މަންމަކަން އެ ވާހަކައިން އީރަމްއަށް ޔަޤިންވިއެވެ.
“އީރަމް.. ޖަވާބު ދީބަލަ.. ކިހިނެއްވީތަ؟؟” ބިރުގަނެފައި ހުރި މީކާންގެ އަޑު ތުރުތުރުލިއެވެ. އީރަމް ބުނާނީވަކި ކީކޭހެއްޔެވެ؟ މީކާން މުނާއަށް ކުރާ އިތުބާރު އޭނާއަށް އިނގެއެވެ. މީކާން އީރަމްގެ ދެކޮނޑުގައި ހިފައި ތަޅުވާލަމުން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއި އެކު އީރަމްގެ ނަޒަރު ހުއްޓުނީ އަދިވެސް ގުޑާލަން ނޭނގިފައި ހުރި މުނާއާއި ދިމާލަށެވެ. ޚުދު މުނާވެސް ހުރީ އީރަމްގެ ހަރަކާތްތަށް ހުރިގޮތުން ވާނުވާ ނޭނގިފައެވެ. މީކާންގެ އާދޭސްތަށް އީރަމްގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނާއަށް މީކާންގެ އަތް ފޮޅާލެވުނީ ކުއްލިއަކަށެވެ.
“އަހަރެން ބުނެފިއްޔާ… މީކާން.. އަހަރެންނަށް އިތުބާރު.. ކުރެވޭނެތަ؟؟” އުނދަގުލަކުން ނަމަވެސް އީރަމްއަށް އެހެން ބުނެވުނެވެ. އޭނާގެ އަޑު ސާފުކޮށް މީކާންއަށް އިވުމާއި އެކު އޭނާގެ ހައިރާންކަން ދިޔައީ އިތުރުވެގެންނެވެ. ނަމަވެސް އެހެންކަމަކަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި ހޯދަން ބޭނުންވީ އޭނާގެ ޒަމީރު ކުރަމުންދިޔަ ސުވާލުތަކުގެ ޖަވާބެވެ. މީކާން މުނާއަށާއި އީރަމްއަށް އަވަސް ނަޒަރެއް ދިނެވެ. އީރަމް ދައްކަން އެ އުޅެނީ ކޮންވާހަކައެއްހެއްޔެވެ؟ ޔަޤީނުންވެސް އެކަން ގުޅިފައިވަނީ މުނާއާއެވެ. އީރަމްގެ ހާލު ގޯސްވާތަން ފެނި މީކާން ދެއަތުން އީރަމްގެ މޫނުގައި ހިފަހައްޓާލީ ކަންބޮޑުވެފައިހުރެއެވެ.
“ފަންސަވީސް މީހުންނާއި އެމީހުންގެ…. އާއިލާ… ހަލާކުކޮށްލީ… އަހަރެންގެ މަންމައާއި، ލަމްޔާ މަންމައާއި، އެކަހަލަ ކިތަށް ކިތަށް ކުދިންގެ މަންމަ ނޫނީ ބައްޕަ… އެ އެންމެން މަރާލީ.. އެހެރަ މީހާ…..” ތުރުތުރުއަޅަމުންދިޔަ އީރަމްގެ އަޑުން ފުރިހަމަކޮށްލި ޖުމްލައިން މީކާންގެ އެތެރެހަށި ގުގުމައިގެންދިޔައެވެ. އީރަމްގެ ޝަހާދަތް އިނގިލި އޭނާގެ މަންމައާއި ދިމާލަށް ދިއްކުރެވިފައިހުރިއިރު އެދެލޮލުން ދިޔައީ ތާޒާ ކަރުނަތަށް ފައިބަމުންނެވެ. މުނާގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ. އޭނާގެ ހިތާއި އެއްވަރަށް ނޭވައިވެސް އަވަސްވެގެންދިޔައީ މީކާން ހަދާނެ އެއްޗެއް ނޭނގުނީމައެވެ. އީރަމް ބުނި އެއްޗަކަށް ހަރަކަތެއް ކޮށްލަން މީކާންއަށް އިރުކޮޅެއްނެގިއެވެ. އީރަމްގެ މޫނުގައި ހިފަހައްޓާލެވިފައިވާ ދެއަތް އޭނާއަށް ނެގުނީ ހަމަކުއްލިއަކަށެވެ. އޭނާގެ ބޮލުގައި ކޮށްޓާލީ އެރޭ ލަމްޔާ ދެއްކި ވާހަކަތަކެވެ. އެދުވަހު އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިން ގޮތް ކަންފަތުގައި ގުގުމައިގަތެވެ.
“އިނގިލި ދިއްކުރާނީ އަބަދުވެސް ކަންހިނގައިދިޔަ ތަނެއްގެ ވެރިމީހާއަށް.. އެއީ އެންމެންވެސް ކަންތައްކުރާގޮތް.. އަހަރެން މަންމަ އެހާ ގޯހެއްނުވާނެ ލަމްޔާ އެގޮތަށް މަންމަ ކުށްވެރިކުރިޔަސް.” މީކާން އެ ބަހުގައި މިއަދުވެސް ހިފީ މަންމަގެ މައްޗަށް އޮންނަ ގަދަފަދަ އިތުބާރަކާއި އޮތް ގުޅުމެއްގެ ސަބަބުންނެވެ. ކުރިމަތީ ހުރި އީރަމް ހުރީ މީކާންގެ ޖަވާބަކަށް އިންތިޒާރުކުރާށެވެ.މީކާން ދެބުމަ ގޮށްޖަހާލާފައި އީރަމް ފަހަތަށް ކޮށްޕާލިއެވެ. އެއާއި އެކު އީރަމްއަށް އެރުނީ އޭނާގެ އަތުން ކުރިން ވެއްޓުނު ޖޫސްތަށި ތަޅައިގެންދިޔަ ބިއްލޫރީތަކަށެވެ.
“އީރަމް.. ތިކަހަލަ ބޮޑެތި ތިކަހަލަ ދޮގު ތުހުމަތުތަށް ތިއަޅުވަނީ ކީއްވެ؟، އެއީ އަހަރެންގެ މަންމައޭ.. ސޭ ސޮރީ ޓުހާރ….” މީކާން ގެ ޖަވާބު އަޑުއިވިފައި އީރަމްގެ ފަޔަށް ވީ އަނިޔާގެ މަތިން އެކަށް ހަނދާންނެތުނެވެ. އީރަމް އާއި މީކާންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. މީކާންގެ ޖަވާބުން މުނާއަށް ހަމަޖެހުމެއްލިބިގެންދިޔައެވެ.
“ނޫން… މީކާން… އެކަހަލަ މީހަކު ކިހިނެއް މަންމައަކަށް ވާނީ.. މަންމައިންނަކީ މާތްބައެއް.. މަންމައަކަށްވެ ހުރެ ކިތަން ދަރީންގެ މައިންނަށާއި ބަފައިންނަށް އަނިޔާވެރިއެވީ؟ އެއީތަ މަންމަ މާތްވި ސަބަބަކީ؟ އަހަރެން ކިހިނެއް އެ ސޫރަ ހަނދާންނެތޭނީ.. އަހަރެން ކިތަށް ދުވަސްވަންދެން އެ ބިރުވެރި ސޫރަ ހުވަފެނުން ފެނިގެން ހޭލަންޖެހުނީ… އަދިވެސް އަހަރެންތަ ވީ ސޮރީ ބުނަން؟؟ ނޫނީ އެމީހާތަ؟؟ މީކާން.. މީކާންގެ މަންމަ އެ އެންމެންވެސް މަރާލީ… އަހަރެންގެ މަންމައާއި ދިމާލަށް ބުންޏޭ މަރާލާނަ…..” އީރަމް ސީދާ މީކާންގެ ދެލޮލަށް ބަލަހައްޓައިގެންހުރެ ދައްކަމުންދިޔަ ވާހަކަތަށް ހުއްޓުމަކަށް އައީ މީކާން ރުޅިވެރިކަމާއި އެކު އީރަމްގެ އަތުގައި ހިފެހެއްޓުމުންނެވެ. އީރަމްގެ ތުރުތުއަޅަމުންދިޔަ ހަށިގަނޑަށްވެސް ހުއްޓުމަކަށް އަންނަން މަޖުބޫރުވީ މީކާންގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތަކުންނެވެ. އޭނާ އެއްވެސް ހާލެއްގައި އީރަމްއަށް އިތުބާރުނުކުރާކަން ސާފުކޮށް އެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ.
“ހުއްޓާލާ…. ހުއްޓާލާ އީރަމް… މައާފަށް އެދުމުގެ ބަދަލުގައި އީރަމް އަދިވެސް.. އާހްހް…… އީރަމް ތިގޮތުގައި ހުންނަން ބޭނުންވަންޏާ ނިކުމޭ.. ދެން ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް އަރައިގެން ނުވާނެ.. ހަމަމިހާރު ނިކުމޭ!!” މީކާންގެ ދެލޮލުން ކަރުނަ ވިދާލިއެވެ. އޭނާ އީރަމްގެ އަތުގައި ހިފަހައްޓާފައި ގަދަކަމުން ކަހަލަ ގޮތަކަށް އެގެއިން ނެރެފައި ދޮރު ބޭރަށް ކޮށްޕާލިއެވެ. އޭރު އީރަމްގެ ފައިން ފައިބަމުންދިޔަ ލޭތަށް ކޯރުހަދާލާފައި އޭނާ އައި ޓައިލްސްތަކުގައި ހުއްޓެވެ. މީކާންއަށް އެ ހުރިހާ މަންޒަރެއް ސާފުކޮށް ފެންނަމުންދިޔައެއްކަމަކު އޭނާގެ ލޯބިވާ މަންމައާއި މެދު އެފަދަ އެއްޗެއް ބުނާ އަޑުއަހާކަށް އޭނާއަކަށް ނުހުރެވޭނެއެވެ. މީގެ އަހަރުތަކެއް ކުރިންވެސް އެ ބަސްތަކުންވަނީ މީކާންގެ މުޅި ދިރިއުޅުން ހަލާކަށް ވައްޓާލާފައެވެ. ވެއްޓިފައި އޮތް އީރަމް ނެތް ހިތްވަރުލައިގެން ތެދުވިއިރު އީރަމްގެ އެއްޗެހިތަށް ބޭރަށް އުކާލާފައި މީކާން ދޮރުލައްޕަނީއެވެ. އެމަންޒަރު ބަލަން އީރަމްއަށް ކުޅަދާނައެއްނުވިއެވެ. ފައިގައިވާ ބޮޑު ޒަހަމަށްވުރެ ބޮޑަށް އެވަގުތު ލިބުނު ޒަހަމު މާ ފޫންވެފައި ބޮޑެވެ. ދޫކޮށްލާފައި ކުރިއަށް ހިނގައިގަތް މާޒީ އޭނާ އާއި ކުރިމަތިލާނީ މިފަދަ ގޮތަކަށްކަމެއް އީރަމްއަށް އިނގޭހެއްޔެވެ؟
…………………..
“ޕިސްޕިސް.. މީ ކިހާވަރެއް ވެފާތަ؟ ބޮލުގައި އިން ޒަހަމު އަދި ރަނގަޅުނުވަނިސް އަނެއް ޒަހަމު ލާފައި މިއޮތީ… މީކާންއަށް އެނގިއްޖެއްޔާ ފޯރި ހުންނާނެ.. ދެން ބުނެބަލަ އީރަމް ކިހިނެއްވީތަ؟ ތިހެން ނީނދެ ބުނެބަލަ….؟” ގެއްލިފައި އިން އީރަމްގެ ގައިގާ ހިފާ ތަޅުވާލަމުން ނާޒީ ވާހަކަދެއްކިއެވެ. ފައިގައި މަލަންގަނޑެއް އޮޅާލާފައި އޭނާ ފައި ތިރިކޮށްލުމަށްފަހު އަނެއްކާވެސް އީރަމްއަށް ބަލާލިއެވެ. އީރަމްގެ މޫނުމަތިން އެކަނިވެސް ދިމާވީ ކުޑަކަމެއްނޫންކަން ނާޒީއަށް އިނގެއެވެ. އީރަމް އައި ތަނެއްވެސް އިނގެނީކީނޫނެވެ. އަދި އީރަމްގެ ކުލާހުގެ ގަޑިޖެހެން ވަގުތުވެސް އެބައޮތެވެ. އީރަމް ގެ ފައިގައި އެވާ ބޮޑު ޒަހަމާއި އެކު އޭނާ ހިނގައިފައި ކުލިނިކަށް އެއައިގޮތަކާއި މެދުވެސް އޭނާ ހުރީ ހައިރާންވެފައެވެ.
“އަހަރެން މިގުޅަނީ މީކާންއަށް..” އެންމެފަހުން ނާޒީ އެހެން ބުނެފައި ފޯނު ނެގިއެވެ. އީރަމް ވަގުތުން ނާޒީގެ އަތުގައި ހިފަހައްޓާފައި ހުއްޓުވިއެވެ. ނާޒީ ކައިރިވެސް ވަކި ބުނާނީ ކީކޭހެއްޔެވެ؟ ނާޒީ އެކަމާއި މެދު ދެކޭނެ ގޮތެއްވެސް އީރަމްއަށް އިނގެނީކީ ނޫނެވެ. ނާޒީ މީކާން އާއި އީރަމް ތެރެއިން އެކަކު އިޚްތިޔާރު ކުރަންވެއްޖެނަމަ ޔަޤީނުންވެސް ނަގާނީ އަމިއްލަ ލޭ ހިނގާ މީހާއެވެ. އެއީ އިންސާނީ ތަބީޔަތެވެ. އީރަމް ގެ ފަރާތުން މިފަހަރުވެސް ޖަވާބެއް ނައުމުން ނާޒީ މީކާންއަށް ގުޅާނީކަމަށް ބުންޏެވެ. އެންމެފަހުން ގޮތްދޫކޮށްފައި އީރަމް އެގޭތެރޭ ހިނގި ކުޑަ ހާދިސާކިޔާދީފައި އިސްޖަހާލީ ދެއަތް ދެއަތާއި މޮޑެމުންނެވެ. އެހެންޏާ ހުންނަ ކޮށިކަމެއް މިފަހަރު އީރަމް ވާހަކަދެއްކިއިރު ނެތްކަން ނާޒީއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެ ދެއްކި ވާހަކަތަކަކުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
“އިނގޭ.. ނާޒީނަގާނީ މީކާންގެ ސައިޑުކަން…. އޭގައި އެއްވެސް މައްސަލައެއްވެސް ނެތް.. އެކަމް އަހަރެން އެގޭތެރޭ ހުރެ ދެއްކި ވާހަކައަކީ ދޮގެއްނޫން.. އެއީ ހައްޤު ތެދު…” އީރަމް ބުނެލިއެވެ. ނާޒީ ނިންމާނެގޮތެއް ނޭންގޭތީ އީރަމް އިނީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. މީކާން ފިޔަވާ ދެން އޭނާގެ ހުރީ ނާޒީ އެކަންޏެވެ. ނާޒީވެސް އޭނާގެ އަތުން ދޫކޮށްލައިފިއްޔާ އީރަމް އެކަނިވެރިވާނެއެވެ.
“އީރަމް އެހާ ބޮޑު އިލްޒާމެއް މީހެއްގެ ބޮލުގައި އަޅުވާއިރު އީރަމް ކިހިނެއް ތިވާހަކަ ތެދުކުރާނީ؟ އަހަރެން ކިހިނެއް ތިވާހަކަ ގަބޫލުކުރާނީ؟” ނާޒީ ގެ އަޑަށް އީރަމް ނާޒީއަށް ބަލާލިއެވެ.
“އަހަރެން މީކާން މަންމަގެ އަނިޔާވެރިކަން ތަހައްމަލުކުރިން…އަހަރެންނަށް މީކާންމަންމަގެ އަނިޔާވެރިކަން ހުރީ ފެނިފައި… އެ ސޫރަ އަހަރެން ދުވަހަކުވެސް ހިތަކުން ފިލައިގެންނެއް ނުދާނެ..” އީރަމްގެ ވާހަކައިގައި އެއްވެސް ދޮގެއް އެކުލެވިފައިނުވާ ކަން އޭނާގެ މޫނުން އެކަނިވެސް ދިޔައީ ފެންނަމުންނެވެ. އޭނާ އެވާހަކަ ބުނީ ސާބިތުކަމާއި އެކުގައެވެ. ނާޒީ އީރަމްއަށް އިތުބާރުކުރެއެވެ. މުނާ އަކީ އެހާ ނުބައި މީހެއްކަން އޭނާއަށް ޔަޤީންކުރަން އަދި އުނދަގުލެއްކަމަކު އީރަމް ދޮގެއްނުހަދާނެކަން އޭނާއަށްވެސް އިނގެއެވެ.
“އީރަމް ތި ވާހަކަ….”
“އަހަރެން އަތުގައި ހެއްކެއް ނެތް އެކަމު އަހަރެން މިހަދަނީ ދޮގެއްނޫން… އަހަރެންނަށް އިނގޭ މިބުނެވެނީ ކިހާ ވަރެއްގެ ވާހަކައެއްކަން….. އެކަމު އެ އަލިފާނުގެ ހާދިސާ ހިނގީ އިތުރު މީހެއްނޫން، މީކާން މަންމަގެ ސަބަބުން.. އަހަރެންނަކަށް ނޭނގެ މިކަން ސާބިތުކުރެވޭނީ ކިހިނެއްކަމެއް…”
“އަހަރެން އީރަމްއަށް އިތުބާރުކުރަން.. ދެން މީކާން.. މީކާން މަންމަދެކެ ވަރަށް ލޯބިވާނެ.. މީކާން އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ލޯބިވާނެ.. އީރަމް ކިހިނެއް ހަދަން ތި ވިސްނަނީ؟” ބުނާނެ އެއްޗެއް ނޭނގިފައި އިން ނާޒީ އީރަމްއާއި ސުވާލުކުރިއެވެ. އެ ބޮލުތެރޭގައި ވަރުގަދަ ކަމެއް ހިނގާކަން ނާޒީއަށް އިނގެއެވެ. އީރަމް ދެކެ މީކާން ރުޅިއަންނާނެވަރު ނާޒީއަށް އިނގެއެވެ. އީރަމްއާއި ދިމާލަށް މީކާންގެ ކުރިމައްޗަށް ދެން ނާރާށޭ ބުނުމުން އީރަމް ކަންތައްކުރާނީ ކިހިނެއްބާއެވެ؟ އިރަމް ވިސްނަމުންދިޔައީ ކޮންމެވެސް ގޮތަކުންވިޔަސް މުނާގެ ހަޤީޤަތް މީކާންގެ ކުރިމައްޗަށް ގެނައުމަށެވެ. މަންމަ ހިނގި މަގުން ނުހިނގާން އޭނާ ކިތަންމެ އަޒުމެއް ކަނޑައެޅިޔަސް މިއަދު އެމަގުން ހިނގައިގެން ނޫނީ މީކާން އެ ނުބައި އަނިޔާވެރިޔާގެ ކިބައިން ސަލާމަތެއްނުވާނެއެވެ. އެ އަނިޔާވެރިކަން ދުނިޔޭގެ ކުރިމައްޗަކަށް ނުފެންނާނެއެވެ. އެތަށްބައެއްގެ މަރަށް އިންސާފެއް ނުލިބޭނެއެވެ. އަނބުރާ މީކާންގެ އިތުބާރެއް އޭނާއަކަށް ނުލިބޭނެއެވވެ.
“އަހަރެން މިދައްކަނީ ތެދު ވާހަކަތަކެއްކަން ނާޒީއަށްވެސް އަދި މީކާންއަށްވެސް ސާބިތުކޮށްދޭނަން.. މީކާން މަންމަ އެ ކުރި ކަންތައްތައް އެންމެންގެ ކުރިމައްޗަށް ނެރެ އޭނާއަށް ހައްޤު އަދަބުދޭނަން… މިހާރު އަސްލު އެނގިއްޖެ މަންމަ ކީއްވެގެންކަން އިންސާފުގެ މަގުން ފައިކައްސާލުމެއްނެތި ހިނގީ، އެއީ އަހަރެމެންނަށްޓަކައި، އަހަރެންވެސް މިއަދު އެމަގުން ހިނގާނީ މީކާންއަށްޓަކައި..” އީރަމް ކޮއްޅަށްތެދުވިއެވެ. ފަޔަށް ތަދުވިއެއްކަމަކު އޭނާ ހިނގުން ހުއްޓާލުމެއްނެތި ނިކުމެގެން ދިޔައެވެ. އެގޮތަށް ކަންކުރަން ބޭނުންވިޔަސް އޭނާއަކަށް ކުރާނޭކަމެއް ނޭނގުނެވެ. މުނާފަދަ ބާރުވެރިއަކު ބަލިކޮށްލާނީ ކިހިނެއްހެއްޔެވެ؟ މަންމަ ހާ އޭނާ ހިތްވަރުގަދަ ނުވެދާނެއެވެ. ނަމަވެސް އޭނާ އަކީ ނަބާހާގެ ދަރިއެކެވެ. އޭނާ ހިތްވަރު އެލުވައެއްނުލާނެއެވެ.
އެނދުމަތީ ސީލިންގ އަށް ނަޒަރު ހުއްޓާލައިގެން އޮތް މީކާން ގެ ލޮލުގައިވީ ކަރުނައެވެ. އޭނާ އީރަމް ދެއްކި ވާހަކަ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އީރަމް ދެއްކި ވާހަކަތަކުގެ ތެރެއިން އޭނާ އާއި ލަމްޔާއާއި ގުޅުމެއްވާކަންވެސް މީކާންއަށް އެނގިއްޖެއެވެ. މާނައަކީ އީރަމް ބުނިފަދައިން އީރަމްގެ މަންމަވެސް ނިމިދިޔައީ އެ އަލިފާނުގެ ހާދިސާގައެވެ. އީރަމްގެ ދިރިއުޅުމަށް އައި ބޮޑު ތޫފާންގަނޑަކީއެއީއެވެ. އީރަމް އެވާހަކައެއް ދައްކަން ދުރަށް ދުވާ، އަދި ފޮރުވަމުންދިޔަ ވާހަކައަކީ މީކާންގެ ދިރިއުޅުމާއިވެސް ގުޅިފައިއޮތް އެ ބޮޑު ކާރިސާއެވެ. މީ ކޮންފަދަ އޮޅުންގަނޑެއްހެއްޔެވެ؟ ދެވަނަ ފަހަރަށްވެސް ލޯބިވެވުނީ އެ ހާދިސާއާއި ގުޅުން ހުރި ކުއްޖެއްދެކެއެވެ.
“މީކާން…” މީކާން ސިހުނީ މުނާގެއަޑަށެވެ. މުނާ ގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމަވެރިކަމެވެ. އޭނައަށް އަދިވެސް ދާދިދެންމެއަކު ހިނގައިދިޔަ ކަމެއްގެ އަސްލެއް ނޭނގެއެވެ. އީރަމް އާއި މީކާންގެ ގުޅުމެއް ނޭނގެއެވެ. ނަމަވެސް އޭނާ ހަމަޖެހެވުނީ އީރަމް ދެއްކި އެއްވެސް ވާހަކައެއް މީކާން ގަބޫލުނުކުރާކަން އެނގިހުރެއެވެ. މީކާން އެނދުން ތެދުވެލުމުން މުނާ އެނދުމަތީ އިށީނެވެ.
“މީކާން ވެސް ހީކުރަނީ މަންމަ….”
“ނޫން މަންމާ… އަހަރެން ކިހިނެއް އެވާހަކަތަށް ގަބޫލުކުރާނީ؟ އަހަރެންނަށް އިނގެޔޭ މަންމައަށް ވެފައިހުރި ވަރު އެ ދުވަހު… އަހަރެން މަންމައަށް ފުރިހަމައަށް އިތުބާރުކުރަން..”
“ދެން އެއީ.. ކޮން ކުއްޖެއް؟؟”
“އީރަމް.. އަހަރެން ހުރީ މަންމަ އައީމަ ހުރިހާ ވާހަކައެއް ކިޔައިދޭން.. އީރަމް އަކީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް.. އެކަމް މިވީގޮތެއް އަހަރެންނަކަށް ނޭނގެ މަންމާ….”
“އެއީ މައްސަލައެއްނޫނޭ ދަރިފުޅާ… މީކާން ދޭ އީރަމް ކައިރިއަށް.. އީރަމް ގެ ފަޔަށް ވަރަށް ތަދުވާނެ ދަރިފުޅާ… މުޅި ޓައިލްސްތަށް މަތި އޮތީ ހުސްލޭ… އީރަމް އެހެން ބުނުމަކުން މަންމަގެ މައްސަލައެއް ނެތް.. އެއީ ކޮންމެ އިންސާނަކަށްވެސް ވާނެ ގޮތް.. އެ ހާދިސާއަކީ ހާދަ ގިނަބައެއްގެ ހިތުގައި އަދިވެސް އޮތް ކަމެކޭ.. އީރަމްގެ ދިރިއުޅުމަށްވެސް ބޮޑު ހިތާމަތަކެއް ލިބިފައިވީމައެއްނު އީރަމް އެހާ ދެރަވެފައި ހުންނާނީ…. މީކާން ތިހާ ދެރަވެފައި އަދި ތިހާ ބޮޑު ހިތާމައެއްގައި އިންނާކަށް މަންމައެއް ނޭދެން، މަންމަގެ ސަބަބުން…..”
“ނޫން މަންމާ.. އޭނާ މަންމައަށް ދޮގު ތުހުމަތު ދެފަހަރަށް އެޅުވި… އޭނާ ގޮތް ދޫކުރަން ބޭނުންވިނަމަ ދެވަނަ ފަހަރަށް އެކަން ތަކުރާރެއްނުކުރިސް… އަހަރެންނަށް މަންމަ އަދި މަންމައާއި ގުޅުންހުރި ކޮންމެކަމެއްވެސް މުހިންމު…”
މީކާން ގެ ޖުމްލައާއި އެކު މުނާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. އެއީ މުނާ ބޭނުންވި ގޮތްވެސްމެއެވެ. ލޮލުކުރިމަތީ ހަޤީޤަތް ފެނިފައިވެސް އެކަން މީކާން ދޮގުކުރާނޭކަން މުނާއަށް މިއަދު ޔަޤީންވެއްޖެއެވެ. މުނާ ތެދުވެގެން ދިޔުމުން އަނެއްކާވެސް މީކާން އެނދުމަތީ އޮށޯވެލިއެވެ. ކިތަންމެ ފަހަރަކު އީރަމް އަށް ގުޅާލާ ހާލުބަލާލަން ބޭނުންވިޔަސް އޭނާގެ ސިކުނޑި އެކަމަށް ހުރަސްއަޅައެވެ. ހަނދާނަށް އައީ މީކާން އޭނާ ކައިރި އެހެން ނުބުނުމަށް އެދުނީމަވެސް ދެވަނަ ފަހަރަށްވެސް އެ ކަން ތަކުރާރުކޮށް އޭނާގެ މަންމަގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އެޅުވިގޮތެވެ. އީރަމް ފަދަ ނުވިސްނޭ ކުއްޖަކާއިއެކު މީކާން އުޅޭނީ ކިހިނެއްހެއްޔެވެ؟ ޕޮލިހުން ބެލި ބެލުމުގައިވެސް އެ އަލިފާނުގެ ހާދިސާއަކީ ލީކުވި ގޭހެއްގައި ހުޅުހިފައިގެން ދިމާވި ކަމެކެވެ. އެހެންނޫނަސް މަންމަ އެހާ ބުރަމަސައްކަތުން ކޮޅަށް ނެގި ވިޔަފާރި އަނދާ އަޅިއަށް ހަދާނީ ކީއްކުރަންހެއްޔެވެ؟ މީކާންގެ ސިކުނޑި ސުމަކަށް ދާންފެށިއެވެ. އެހިނދު އޭނާއަށް އައީ ނާޒީގެ ފޯނެކެވެ. ނާޒީ ދައްކާނީ ކޮންވާހަކައެއްކަން އެނގިހުރެ ފޯނުނަގާފައި ނާޒީއަށް ފުރުސަތެއް ނުދީ އޭނާ ވާހަކަދައްކަންފެށިއެވެ.
“އީރަމްއާއި ބެހޭ ވާހަކައަކަށް ވެއްޖެއްޔާ އަހަރެން އަޑެއް ނާހާނަން..” މީކާން ބުނެލިއެވެ.
“މީކް… އަހަރެން ނުބުނާނަމޭ އީރަމް ދައްކާ ވާހަކަ ގަބޫލުކުރާށެކޭ.. އެކަމް އީރަމްއަށް އެހާ ތަދުކުރަން ހެޔޮވާނެތަ؟ އިނގޭތަ އީރަމްގެ ފައި އޮތީ ވަރަށް ބޮޑަށް ކަފައިގެން ގޮއްސަ.. އަދި އެއުޅެނީ ބޮލުގައި އިން ތަންގަނޑު ރަނގަޅުނުވެ…. އެކުއްޖާ ތިގެއިން ފަށައިގެން މިހިސާބަށް އެއައީ ހުސްފަޔާ ހިނގާފައި.. މިހިސާބަށް އެ އާދެވުނު ގޮތެއްވެސް ނޭނގެ…. އޭނާ އަންނަންވާއިރަށް ހޭނުނެތުނުކަމޭ އަހަރެން ހިތަށް އަރަނީ… މީކާން އަށްވެސް އިނގެޔެއްނު އީރަމްގެ ގޮތް.. އީރަމް ހަމަހުރެފައި އެކަހަލަ ވާހަކައެއް ނުދައްކާނެ..”
“ދެން ދޮންނާ ތިބުނަނީ އަހަރެން މަންމަ އެ ފަންސަވީސް މީހުން މަރާލިއޭތަ؟ ކީއްވެ މަރާލަންވީ ބުނެބަލަ؟ މަންމައަށް ކޮން ފައިދާއެއްކުރާނީ މަރާލައިގެން؟ މަންމަގެ އަމިއްލަ ވިޔަފާރިއޭ އެއީ ކީއްކުރަން އެ އަޅިއަށް ހަދާނީ؟ މީހުން ދައްކާފައި ނުދައްކާ ވާހަކަވެސް ހުންނާނެ.. އީރަމް އެކުރީ އަހަރެން އެންމެ ރުޅިއަންނަ ކަންތައް.. އަހަރެންގެ މަންމަ ކީއްކުރަން އެހެން ހަދަންވީ؟؟ ބުނެބަލަ..؟”
“ރަނގަޅޭ އެކަމް އީރަމް އެހެން ހުރެފަކާ އެއްވެސް އެއްޗެއް ނުކިޔާނެ ދޯ؟ އަހަރެންވެސް ތި ސުވާލުތަށް ހިތުތެރޭ އޮތޭ އެކަމު އީރަމް އަކީ އެކަހަލަ ބޮޑެތި ވާހަކަތަށް އެއްވެސް ސަބަބަކާ ނުލާ ދައްކާނެ ކަހަލަ ކުއްޖެއްނޫން..”
“ދެން ތިބުނަނީ ހަމަ އަހަރެންގެ މަންމަ އަމިއްލަ ވިޔަފާރި ހަލާކުކޮށްލާ ފަންސަވީސް މީހުން މަރާލިއެކޭނޫންތަ؟ ދެން ބުނާނީ އަހަރެންގެ ބައްޕަވެސް މަރާލީހަމަ މަންމައޭ؟؟ ނާޒީ ބުނަންތަ، އީރަމް އެހެން ބުނާ ސަބަބަކީ އީރަމް ގެ މަންމަ އެ ހާދިސާގައި ނިމިދިޔުން.. އިންސާނާގެ ތަބީއަތުގައި ހުންނަކެމެއް އެއީ… ކުށްވެރިކުރެވޭނީ އެއިރެއްގައި ވެރިއަކަށް ހުންނަ މީހަކު.. ރާއްޖޭގައި ކަމެއް ހިނގާއިރު ގޯސްވަނީ އެއިރެއްގައި ވެރިކަންކުރާ ސަރުކާރު.. ތިނޫން ވާހަކައެއް ދައްކަން ބޭނުންވީމަ ނޫނީ އަހަރެންނާއި ދެން ނުގުޅާތި…”
ފޯނު ކެނޑުނުއިރުން ނާޒީއަށް އެ އިންގޮތަށް އިނދެވުނެވެ. މީކާންއަށް އީރަމްގެ މޫނުމަތިން ފެނުނު ކުލަވަރު ފެނި އޭގެ މާނަ ދޭހަކުރެވުނުނަމައެވެ. އީރަމްގެ ވާހަކަތަކުގައި ކޮންމެވެސް ހަޤީޤަތެއް އެބަވެއެވެ. ނަމަވެސް މުނާ ފަދަ ދަހިވެތި މީހަކު އަމިއްލަ ވިޔަފާރި ހަލާކުކޮށްލަފާނެކަމަކަށް ނާޒީވެސް ގަބޫލެއްނުކުރެވުނެވެ. އެންމެ ކުރިންފަށައިގެންވެސް މުނާގެ ދަހިވެތިކަމާއި ބޮޑައިކަން އޭނާ ވަނީ ފެނިފައެވެ. މީކާންއަށް އޭނާ ބާރުފޯރާވަރުވެސް ވަނީ ފެނިފައެވެ. އެހެން ހުއްޓަކަސް މުނާ ގެ ކޮންމެވެސް ސިއްރެއް އެބައޮތެވެ. އެކަން މިވަނީ އެ އެންމެންނަށްވެސް ފޮރުވިފައެވެ.
………………….
ނުނިމޭ
20 Comments!
Comments are closed.
Salaam and a very good afternoon.
Take a very good care.
Things are unfolding and what do you think, what will eeram do? will she leave him? will she fight back?
I think she will fight back.. Anyway vhk v v Habeys
Thankyou A! ☺️❤️
She will fight back to give justice to 25 people varah reethi Masha Allah ? konirakun next part
Thankyou Yan❤️ Maybe tomorrow morning
I think she fight back dhn story is very nice❤️❤️ keep it up
Hope you upload next part very soon
Thankyou Eem. I will do it soon ? take care ❤️
Think she will fight back ….. Masha Allah varah salhi mi part ves… Luv u ..take care … Ryn ur the best story writer …. ❤️
Thankyou afu. Take caree and love you too ❤️
Munaayae rangalhu filaavalhae nagaadebala nikan insaaf libun 25 miihun naie
Yes liyaa
Thankyou for the comment ❤️
Varah reethi… Keep it up…? ? ? ? i am a big fan of you… ????take care and stay in home ?????
Thankyou yuma happy to see your comment and nice to meet you ❤️
Yumaa eykiyaanakameh neh…….. U r aika
Sorry….. For the late response….. I was bxy with studies.. I am in grade 10…..? ? as usually story maashaa Allah Varah reethi… Picture ves Varah reethi… Keep it up.. When next part… Can’t wait..
Sorry….. For the late response….. I was bxy with studies.. I am in grade 10…..? ? as usually story maashaa Allah Varah reethi… Picture ves Varah reethi… Keep it up.. When next part…. ?? ? ? ? can’t wait…
V V V salhi…. Ryn akee esfiya ga emme reethikoh vaahaka liya miss……. ❤️❤️❤️❤️❤️❤️❤️mi March mahuga ryn ge hurihaa vaahakaeh kin…. It was fantastic…. Love you ??????ryn ge ideas varah molhu……. Vvvv salhi. Ryn akee ARMY ehtha??????? Saranghae
Vvvv salhi
Annyeonghaseyo…… ❤️❤️❤️❤️V V V salhi…. Mi March mahuga ryn ge hurihaa vaahakaeh kin… It was fantastic…. Ryn akee esfiya ga emme reethikoh vaahaka liya miss… I love you so much and keep it up. ????……… Ryn akee ARMY ehtha.. Mibunee BTS feynehtha???????
Hi taetae. Thankyou for your cute comment and yes! I am an army and happy to see msgs from you guys 🙂 Take care. Kiyevun bandhuvegen gos foohivegen gos mihaaru miss tha kiyeny? Vaahaka liyaa miss ey bunyma.. hahaha! Love ya 🙂